Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ… 5

ނޭނގޭ ކަމަށް ހަދާފައި ލޫކް އަލްޔާ އާއި ކައިރިވެލާ ދުރަށް ބަލާލަމުން “ޕްލީޒް. މެޗް ނިމެންދެން މަޑުކުރައްޗޭ”  ބުނެލަމުން އަތުގައި އޮތް ފެންފުޅި އަލްޔާ އަތަށް ދެމުން ދަނޑަށް އަރަން ދުއްވައިގަތެވެ. އަލްޔާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ލޫކް ގެ ގާރލް އަކީ ތަފްހާ އެވެ. ވީއިރު މަޑުކުރަން އަލްޔާ ކައިރީގައި ބުނީ ކީއްވެހެއްޔެވެ؟  ތަފްހާ އާއި ލޫކް ލޯބިން މާފޮޅުވާ މަންޒަރު ދައްކަން ހެއްޔެވެ؟ އިދިކޮޅު ކުޅުންތެރިންގެ ފައިގާ ބޯޅަ ޖައްސާލަން ވެސް ނުދީ ކުރިއަށް ދިޔަ ލޫކަށް ބަލަން އަލްޔާ ހުރިއިރު ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.

 

 

އަލްޔާ އަށް ބަލާލެވުނީ މާދުރުގައި ހުރި ތަފްހާ އަށެވެ. ތަފްހާ އޭރުވެސް ބޭބީ އަށް ގޮވާ އަޑުގަދަ ކުރަމުން ދިޔައެވެ. ލޫކް ތަފްހާ އާއި ރައްޓެހިވީ ހަމަ ލޯބިވާތީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އަލްޔާ ކައިރީގައި މަޑުކުރަން ބުނީ ކީއްވެހެއްޔެވެ؟ ލޫކްގެ ލޯބިވެރިޔާއަކީ ތަފްހާއެވެ. މަޑުކުރަން ތަފްހާ ކައިރީގައި ނުބުނީ ކީއްވެހެއްޔެވެ؟ އަނެއްކާ ލޫކް ގެ ހިތުގައި ވެސް…..” ހިތަށް އެރި އެއްޗަކުން އަލްޔާ ބިރުގަތެވެ. އެހެނެއް ނުވާނެއެވެ. ތަފްހާ އަކީ ލޫކް ގެ މުސްތަގްބަލެވެ. އަލްޔާ ވެސް އުޅޭ ގޮތުން ލޫކަށް އޭނާ އަކީ މާ އަވަހަށް ސެޓް ވާ މީހެކޭ ހިތަށް އަރަނީ ކަންނޭނގެއެވެ. އެހެންނޫނަސް ލޫކް ތަފްހާގެ ލޯބިވެރިޔާގެ ގޮތުގައި ހުއްޓާ އަލްޔާ ކައިރިވާކަށް ބޭނުމެއް ނޫނެވެ. ހިޔާލުތަކަށް ގެއްލިފައި ހުރި އަލްޔާ ސިހުނީ އާދަޔާހިލާފަށް ސަރަހައްދުގައި އަޑުގަދަ ވުމުންނެވެ. ލޫކް ލަނޑެއް ޖެހީއެވެ. ތަފްހާ ހީވަނީ ރޫޅިދާނެހެންނެވެ. ޝަރީފާ ތަފްހާ އަށް ލޯއަޅާލިތަން ފެނުމުން އަލްޔާ ކައިރިއަށް ހިނިއައެވެ. ޓީމްގެ ހުރިހާ މެންބަރުން ލޫކް ގައިގާ ބައްދައިގަނެގެން ދަނޑުމެދުގައި ހަޅޭއްލަވަމުން ދިޔައިރު އެންމެންގެ މެދުގައި ހުރި ލޫކް ގެ ލޯ އަމާޒުވެފައިވަނީ ދުރުގައި ހުރި އަލްޔާ އަށެވެ. އަލްޔާ ވެސް ހުރީ ހެވިފައި ލޫކަށް ބަލާށެވެ.  އަލްޔާ ހީލި ވަގުތު އެއީ ލޫކް ވެސް އަލްޔާ އަށް ހީލި ވަގުތެވެ. ޝަހާދު އިނގިއްޔާއި މެދު އިނގިލި ލޫކްގެ ތުންފަތުގައި ޖައްސާލުމަށްފަހު އަލްޔާ އަށް އިޝާރާތްކުރީ މީހުންނަށް ނޭނގޭނެހެންނެވެ. ނަމަވެސް އަލްޔާ އަށް އެނގުނެވެ. އަލްޔާ ލަދުން އިސްޖަހާލި ގޮތް ލޫކަށް ވަރަށް ކަމުދިޔައެވެ.

 

ޕޮލިސް ޓީމް މޮޅުވެ މެޗް ނިމިގެން ދިޔައިރު އަލްޔާ އަށް ވެސް އަތް ޖެހުނެވެ. ލޫކަށް ސާބަސް ދޭން ބޭނުންވިއެވެ. ނަމަވެސް ލޫކް ފަހަތުން ހިޔަނިހެން އުޅޭ ތަފްހާ ފެނުމުން އެންމެ ފިޔަވަޅެއް ވެސް ކުރިއަށް ނޭޅުނެވެ. މަޑު ހިނގުމެއްގައި އަލްޔާގެ މިސްރާބު ހުރީ ގެއާއި ދިމާލަށެވެ. އެއްވެފައިވާ މީހުންގަނޑުގެ ތެރެއިން ލޫކަށް އެމަންޒަރު ފެނުނެވެ. އިނާމާއި ތަށި ހަވާލުކުރާ ވަގުތު ޖެހުމުން ލޫކް އެކުވެރިން ކައިރީގައި ސްޓޭޝަނަށް ދާ ވާހަކަ ބުނީ އަލްޔާ ކައިރިއަށް ފަހަތުން ދިޔުމަށް އެ ހިތް އެދި ގޮވާ ވަރުންނެވެ. ފާހާނާ އަކަށް ކަމަށް ބުނެ ދޮގުހަދާ ބާރު ހިނގުމުގައި ލޫކް ގޮސް ހުއްޓުނީ މުޝްތަރީގޭ ބޯކެޔޮ ގަސްތަކާއި ވީދިމާގައެވެ. ފަރިތަމަކަމާއެކު ފާރުމަތިން ގޭތެރެއަށް ފުންމާލީ ޖެހިލުމެއް ނެތިއެވެ. އެވަގުތު އެއީ ކައިރި މިސްކިތުން މަޤްރިބް ނަމާދަށް ބަންގި ދިން ވަގުތެވެ. ބޮޑު ގޭތެރެއިން އަލްޔާ ގެ ކޮޓަރި ހޯދާކަށް ލޫކްއަށް އުނދަގު ކަމަކަށް ނުވިއެވެ.

ޝަރީފާ އާއި ސަޖޫލް ގެއަށް ނާންނާތީ ވީ ގޮތެއް ބަލާލަން މަގުމައްޗަށް ނިކުންނަން އުޅުނު އަލްޔާ ސިހުނީ ކުޑަދޮރުން ބޭރުގައި ހުރި ހިޔަންޏެއް ފެނުމުންނެވެ. ދެވަނަ ސިކުންތުގައި އަލްޔާ ކޮޓަރީ ތަންޑުނައްޓާލިއިރު ކުރިމަތީގައި ހުރި ލޫކް ފެނުމުން ދެލޯ ބޮޑުވިއެވެ. ކަންބޮޑުވެ ހާސްވީވަރުން ވީވަރުން ބޮލަށް ވެސް އެނބުރުން އެރިއެވެ. އާދަޔާހިލާފު ބާރުމިނެއްގައި ހިތް ތެޅެންފެށީ ބިރުގަތް ވަރުންނެވެ. މިކަހަލަ ވަގުތެއްގައި ލޫކް ފެނިދާނެ ކަމަށް ކުޑަކޮށް ވެސް އަލްޔާ ހީކޮށްފައެއް ނެތެވެ.

މައި ދޮރަށް ތަޅުދަނޑި ހެއުވަރު ކޮށްލި އަޑު އިވުމާއެކު އަލްޔާ އަށް ތެޅިގަނެވުނެވެ. އަވަސް އަވަހަށް ލޫކްގެ އަތުގައި ހިފާ ކޮޓަރިއަށް ވައްދާ ތަޅުލިއެވެ. “ޝްޝްޝް… އެއައީ ބޮއްތިމެން ކަންނޭނގެ”  އަލްޔާ މަޑުކޮށްގެން ހުރީ ލޫކް ކިރިޔާ މޫނު އަނބުރާލިޔަސް ޖެހޭހާ ކައިރީގައެވެ. އަލްޔާ އަށް ނޭނގުނީ އެފަދަ ވަގުތެއްގައި ލޫކްގެ ހިތަށް ވަމުންދާ ގޮތެވެެ. އެ މައުސޫމު މޫނަށް ބަލަން ލޫކަށް ހުރެވުނީ އާޝޯހް ވެފައެވެ. ކޮންފަދަ ނިޔަނެތި ކަމެއް ހެއްޔެވެ؟  “މީ ތަފާތު އަންހެންކުއްޖެކެވެ. މި އަންހެންކުއްޖާ އަހަރެންގެ ހިތަށް އެހެދީ ކޮންފަދަ ޖާދުލެއް ހެއްޔެވެ؟ ލިބޭނެ ނަމައެވެ. އަނެއްކާ މީހެއްގެ ހައްގެއް ބާއެވެ. ނޫނެކެވެ. ކޮންމެސް ދުވަހަކުން އަހަރެންގެ ހަޔާތަށް މި އަންހެންކުއްޖާ ގެންނާނަމެވެ”  ލޫކްގެ ހިތަށް އަރަމުން ދިޔައެވެ.  “ލައި” ލޫކްގެ އަޑުން އަލްޔާ ސިހުނެވެ. ލޫކަށް ބަލާލިއރު އެމޫނު ފެނުނީ ދާދި ކައިރިންނެވެ. ލޫކްގެ ތުންފަތްމަތީގައިވި ހިނިތުންވުން އަލްޔާ މޮޔަކޮށްލައިފިއެވެ. ރަކިވެފައި އަވަސް އަވަހަށް އަލްޔާ ދުރަށް ޖެހިލިއެވެ.  “ކީއްކުރަން ތިއައީ.”  ލޫކަށް ފުރަގަސް ދިން އިރު ކުރިމަތީގައި ހުރި ޑްރެސިންގްޓޭބަލްގެ ލޯގަނޑުން ފެންނަން ހުރި ލޫކް ހުރީ އަލްޔާ އަށް ބަލަހައްޓައިގެންނެވެ.  “ނޭނގެ”   ދެކޮނޑު އަރުވާލަމުން ލޫކް ޖަވާބުދިނެވެ. އަލްޔާ އިސް އުފުލާ ލޫކަށް ބަލާލިއެވެ. “ހަމަ އަސްލުވެސް ނޭނގެ ލައި ފަހަތުން އައި ސަބަބެއް. ނޭނގޭ ބާރަކުން ގެނައީ”  އަލްޔާ ލޫކަށް ބަލާލުމާއެކު ހީލަމުން ލޫކް ބުންޏެވެ.  “އެކަމަކު ތަފޫ ހީކުރާނީ ކީކޭ”  އަލްޔާ ބުނި އެއްޗަކުން ލޫކްގެ މޫޑު ހަރާބުވިއެވެ. މިވަގުތު ތަފްހާގެ ނަން އެބުނީ ކީއްކުރަންހެއްޔެވެ؟

“ޕްލީޒް މިތާ ނެތް މީހުންގެ ނަން ކިޔައިގެން މިއުފާވެރި ވަގުތުކޮޅު ހަރާބުކޮށްލަން ނޫޅެބަލަ”  އަލްޔާގެ ފުރަގަހުން ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓިލަމުން އަލްޔާގެ ކަންފަތާއި ކައިރިވެލާފައި ލޫކް ބުންޏެވެ. އަލްޔާ އިސްޖަހާލިއެވެ. “މީކީ ރަނގަޅު ގޮތަެއް ނޫން. މީ ލޫކް މިތާ ހުންނަންވީ ވަގުތެއް ނޫން”  ދެއަތްތިލައިގެ އިނގިލިތަކާއި ކުޅެން ހުރި އަލްޔާ ހީވަނީ އިނގިލިތައް އުފުރާލަފާނެ ހެންނެވެ.  “މިބުނީނު ގަސްދުގަ ނޫނޭ އައީ…. ސޮރީ. ދަނީ”  ލޫކް ތަޅުގައި ހިފީ އެނބުރި ދިއުމަށެވެ. ކުއްލިއަކަށް އަލްޔާ އައިސް ލޫކް ގެ ކުރިބެއްދިއެވެ.  “ނޫން. މިގަޑީގައި ނުނިކުމޭ. މިގޭ މީހަކަށް ފެނިގެން ހުރިހާ ކަމެއް ގޯސްވިއްޔާ ދެން ކިހނެއް ހަދާނީ”   އަލްޔާގެ މައުސޫމް މޫނު ފެނި ލޫކް ކައިރިއަށް ހިނިއައެވެ.  “މިރޭ ދަންވަރު ބާރަ ޖަހަންދެން މަޑުކުރަންވީނުން”  ބުނަން ނުބުނަން ހުރެފައިވެސް އަލްޔާ ދުލުން ނުބުނަން އުޅުނު ބަސް ބޭރުކޮށްލިއެވެ. ނުބައި މާނައެއްގެ ގޮތުގައި ލޫކް ނުދެކުނިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.

ލޫކް އަލްޔާ އަށް ބަލާލީ ބުނި އެއްޗެއް ގަބޫލު ނުކުރެވިގެންނެވެ. “އެހެން މިބުނީ އެހާއިރު އެންމެން ނިދާ ގޭތެރެ ހިމޭންވާނީ. ބޮއްތި ނިދިޔަސް ސަޖޫ އުޅޭނީ ހޭލާ. ކޮފީބޯން ވަރަށް ނިކުންނާނެ”  އަވަސް އަވަހަށް އަލްޔާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކޮށްލިއެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންވަގުތު ކޮޅެކެވެ. ލޫކް ކޮޅަށް ހުރީ އަލްޔާ އަށް ބަލަހައްޓައިގެންނެވެ. އަލްޔާ ހުރީ އިސްޖަހާލައިގެން ތަންކޮޅެއް ދުރުގައެވެ. “ނަމާދު ކުރާނަންތަ” ދައްކަންވީ ވާހަކައެއް އަލްޔާ އަށް ނޭނގުނެވެ. “އަހަރެން އެކަނިތަ ނަމާދު ކުރަންވީ. ލައި ނުކުރާނަން”  ލޫކް ބުނެލިއެވެ. “ދޭ ފެންވަރާލާން. މިއޮތީ ތުވާލި. ތި ޓީޝާޓް ބަދަލުކުރަންވީނުން” އަލްޔގެ ރޯޔަލް ބްލޫ ކުލައިގެ ތުވާލި ލޫކަށް ދިއްކޮށްލަމުން ފާހާނާ ދައްކާލިއެވެ. އަދި އަލަމާރިން އަލްޔާ ނިދަންލާން ގެންގުޅޭ ބޮޑު ޓީޝާޓުތަކުން ކަޅު ކުލައިގެ ޓީޝާޓެއް ދިނެވެ.  “ދެން ތިރިން ކޯޗެއް ލާންވީ”  ލޫކް ގެ ލާނެއް ކަން އިންތިހާއެވެ. އަލްޔާ އަށް ބަލަހައްޓައިގެން ހުރީ ލަދުގަންނަވާނޭ ފަދަ ނަޒަރަކުންނެވެ.  “އިޓްސް އޯކޭ. ބޭގް ގެންގުޅެނީ ކަމެއްގަ. މީގަ އިންނާނެ ކުޅެން އައިރު ލައިގެން ހުރި އެއްޗެހި. އެންޑް ތެންކްސް”  ލޫކް ގެ ބެގްޕެކް ދައްކާލަމުން ބުންޏެވެ.

ފާހާނާ އަށް ވަނުމަށްފަހު ލޫކް ހުރިހާ ދިމާލަކަށް ބަލާލިއެވެ. އަންހެންކުއްޖަކާއި އެންމެ ގުޅޭނެ ގޮތަށް ހުރި ފާހާނާއެކެވެ. އަތުގައި އޮތް ތުވާލީގައި ތުންފަތް ޖައްސާލެވުނެވެ. މާގަނޑު ދަށުގައި އަލްޔާ ފެންވަރަން ހުންނާނެ ގޮތް ހިތަށް އެރުމުން ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. ލޫކް ފާހާނާ އަށް ވަނުމުން އަލްޔާ ދުވެފައި ގޮސް ހުއްޓުނީ ޑްރެސިންގް ޓޭބަލް ކުރިމަތީގައެވެ. އަމިއްލަ ސޫރައަށް ބަލާލުމަށްފަހު ހިތާއިވީ ފަޅީގައި މޭގައި އަތް ޖައްސާލިއެވެ. އޭނާގެ ހިތްއެދޭ ލޯބިވެރިޔާ މިވަގުތު އެހުރީ އޭނާގެ ދާދި ކައިރީގައެވެ. އެހިތުގައި ވަނީ ކީކޭކަން މިރޭ ބުނާނެ ނަމައެވެ. އަލްޔާއަށް ހީލެވުނެވެ. ހަމަ އެހިނދުގައި ޝަރީފާ ނޫނީ ސަޖޫލްއަށް ކޮޓަރީގައި ފިރިހެނަކު ހުރިކަން އެނގުމުން ވާނެގޮތް ހިތަށް އެރުމާއެކު އަލްޔާ ހާސްވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. ކަމެއް މެދުވެރިވެއްޖެނަމަ އެދެމީހުންނަށް ދޭނެ ޖަވާބަކާއި މެދު ވިސްނަން ފެށުނެވެ. މީހަކަށް ނުފެނި ލޫކަށް މިތަނުން ނިކުމެވިިދާނެ ހެއްޔެވެ؟ ނިޔަފަތި ހަފަމުން އަލްޔާ އަށް އެނދުގައި އިށީނދެވުނެވެ. ފާހާނާ ދޮރުހުޅުވާލާފައި ނިކުތް ލޫކަށް އަލްޔާ ބަލާލީ ބިރެއް ފެނުމުން ބަލާލާ ކަހަލަ ގޮތަކަށެވެ.  “ހާދާ ބިރުގަނެފަ”  ބޮލުގެ އިސްތަށިގަނޑުން ފެން ފޮޅާލަމުން ލޫކް އަލްޔާ އަށް ބަލާލަމުން ބުންޏެވެ.

ނޫކުލައިގެ ތުވާލި އުނުގައި އައްސާލައިގެން ހުރި ލޫކްގެ ބޮލުގެ އިސްތަށިގަނޑު ކޮޅުން ފެންތިކި ކަނދުރާ އަށާއި މޫނުމަތިން ފައިބަމުންދާ މަންޒަރު ނިކަން ހިތްގައިމެވެ. އަލްޔާ އަލަމާރި އާއި ނިވާވެލީ ލޫކަށް ހެދުން ލުމަށް ފުރުސަތު ދެމުންނެވެ. ލޫކް ދިއްކޮށްލި ތުވާލި ހަރުގައި އަޅުވާލަމުން އަނެއްކާ ވެސް އަލްޔާ ދެކޮޅަށް ހިނގަންފެށިއެވެ. އޭރު ގަޑިން އިޝާނަމާދު ވަގުތު ވާން ހުރީ ކުޑަ ވަގުތުކޮޅެކެވެ.  “ނަމާދު ކުރަންވީ ކޮންދިމާލަކަށް”  ލޫކް ގެ އަޑު ކަންފަތުގައި ޖެހުމާއެކު އަލްޔާ އަވަސް އަވަހަށް ލޫކަށް މުސައްލަ ފަތުރާލަ ދިނެވެ. ލޫކް އަވަސް ހަރަކާތަކާއެކު ނަމާދު ކުރަންފެށީ ވަގުތު ފާއިތުވެދާނެތީއެވެ.

އަލްޔާ އެނދުގައި އިށީނެވެ. އެވަގުތު ފޯނު ރިންގްވާން ފެށިއެވެ. ބަލާލިއިރު ގުޅަނީ ސަޖޫލް އެވެ. “މަންޖޭ ދީބާ މަށަށް އެއްޗެއް. މިވަގުތު ފިހާރަތައް ބަންދުވާނެއްނު. ކުއްލިއަކަށް އޭގެ ބޭނުން ޖެހިއްޖެ. މިދަނީ އެނގޭ ތިރޫމަށް”  އަލްޔާ މާބޮޑަށް ހާސްވިއެވެ. ސަޖޫލް މިކޮޓަރިއަށް އަންނަން އެންމެ މިނެޓެއް ވެސް ނުނަގާނެއެވެ. ދެކޮޓަރި އެހާ ވެސް ކައިރިއެވެ. އަނެއްކާ ކަބަޑުން ސަޖޫލް ބޭނުންވެގެން އުޅޭ އެތި ނަގާނީ ކިހިނެއް ހެއްޔެވެ. ކުރިމަތީގައި އެހުރީ ލޫކްއެވެ. އެއްވަރުގެ ކަންތަކެވެ. ސަލާން ދިން ލޫކަށް ހާސްވެފައި ދެކޮޅަށް ހިނގަ ހިނގާ ހުރި އަލްޔާ ފެނުމުން ހިނިއައެވެ. ހަމަ އެހާ ވަރަށް ދެރަ ވެސް ވިއެވެ. އެކުއްޖާ އަށް މިހާލު ޖެހުނީ ހަމަ އޭނަގެ ސަބަބުންނޭ ހިތަށް އެރުމާއެކު އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ.

“ސޮރީ”  މުސައްލަ މަތިން ތެދުވެ އަލްޔާ ކުރިމަތީގައި ހުއްޓުމަށްފަހު ލޫކް ބުންޏެވެ.  “އެނ. ކީކޭ. އެއްޗެއް ބުނިންތަ”  އަލްޔާ އަވަސް އަވަހަށް ބުންޏެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު އެއީ ސަޖޫލް އަލްޔާގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާ އަނބުރާލި ވަގުތެވެ. އަލްޔާ ސިހިގެން ދިޔަ ވަރަށް ލޫކް ވެސް ސިހުނެވެ.  “ލައި… ސާބަހޭ އަހަރެން މިއަންނަނީއޭ ބުނީމަ ވެސް ތަޅުލީތަ”  ބޭރުން ސަޖޫލްގެ އަޑު އިވިގެން ދިޔައެވެ. އަލްޔާ އަށް ބަލާލެވުނީ ލޫކަށެވެ. ދެން ހަދަންވީ ކިހިނެއް ހެއްޔޭ އަހާލާ ކަހަލަ ގޮތަކަށެވެ. އަލްޔާގެ ހާސްކަން ފެނުމާއެކު ލޫކް އަވަސް އަވަހަށް ގޮސް އަލަމާރި އާއި ފާރާއި ދެމެދުގައި ހުރި ހުސްތަންކޮޅުގައި މަޑުކޮށްލިއެވެ. ޑްރެސިންގްޓޭބަލް ކުރިމަތީގައި ހުއްޓުމަށްފަހު ދެއަތުން ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. މޫނު މަތީގައި ދެއަތުން އުނގުޅާލީ ހާސްކަން ފިލުވާލުމަށްޓަކައެވެ. އަދި ކޮޓަރީ ލައިޓް ފަނޑުކޮށްލުމަށް ފަހު މަޑުމަޑުން ދޮރު ހުޅުވާލިއެވެ.

“ސާބަސް ލައި އަށް. އެވަގުތު ކޮޅުގަ ވެސް ދޮރު ތަޅުލީތަ”  ސަޖޫލް ޝަކުވާ ކޮށްލިއެވެ. ސަޖޫލް އަކީ އަބަދުވެސް އެއްވެސް ކަމަކަށް އިންތާިޒާރުކުރަން ބޭނުންވާ ކުއްޖެއް ނޫނެވެ.  “ފާހާނާ އަށް ވަދެލީ”  އަލްޔާ ދެއަތް ދެއަތާއި މޮޑެމުން ބުންޏެވެ. ޑްރެސިންގްޓޭބަލްގެ ކަބަޑާއި ހަމައަށް އަލްޔާ ޖެހުނު އިރު ލޫކް ހުރީ ހާމައަށް ފެންނާށެވެ. އެދިމާލަށް ބަލާލުމުން އަލްޔާ އަށް ފެނުނީ ދެލޯމަރާލައިގެން ހުރި ލޫކް އެވެ. ކަބަޑު ހުޅުވާލުމަށްފަހު ޕެކެޓް އެއްކޮށް ނަގާ ސަޖޫލް އަތަށް ދިނެވެ. “ލައި މިރޭ ޗޭންޖް ވެސް ނުކުރަންތަ އަދި. ބުނީމެއްނު ނަމާދު ޗުއްޓީއޭ. ދެން މިތާ މުސައްލަ ފަތުރާފަ މީ ކޮންކަމެއް”  އަލްޔާ އަވަސް އަވަހަށް މުސައްލަ އާއި ދިމާލަށް ބަލާލިއެވެ.  “އާނ ދޯ. މުސައްލަ ފެތުރިފަ ދޯ މިއޮތީ”  އަލްޔާ މުސައްލަ ނަގާ އެނދުގައި ބޭއްވިއެވެ. “ލައި! ޔޫ އޯކޭ”  އަލްޔާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.  “ޗޭންޖްކޮށްގެން ހިނގާ ކާންދާން. މަ ނިކުންނަނީ މި”  އަލްޔާ އަވަހަށް ބޯޖަހާލިއެވެ. ދޮރު ލެއްޕިއިރު ސަޖޫލަށް ރަނގަޅަށް ނުވެސް ނިކުމެވެއެވެ.

ލޫކް ކައިރީގައި ދެން ހެވޭ ނިކުންނާށޭ ބުނާކަށް ވެސް އަލްޔާ އަށް ނުކެރުނެވެ.  “އިށީންނަންވީނުން”  އެނދު ދައްކާލަމުން ލޫކަށް އިވޭ ވަރަށް އަލްޔާ ބުންޏެވެ. އެހިނދު ލޫކް މަޑުމަޑުން އައިސް އަލްޔާ ދެއްކި ތަނުގައި އިށީނެވެ. “ދެން މިހެން ނުހަދައްޗެ. މީ ވަރަށް ބޮޑު ކަމެއް. މީހަކަށް އެނގިއްޖިއްޔާ ކިޔާނީ ކީކޭ ކަމެއް ވެސް ނޭނގޭ”  އަލްޔާ ވާހަކަދައްކަމުން ދިޔައިރު ލޫކަށް ނުބަލަން މަސައްކަތްކުރާކަން ފާހަގަކުރިއެވެ.  “ވަރަށް ވަރަށް ބޮޑަށް ސޮރީ. ގަސްދަކު ނޫން. ދެން ވެސް މިކަހަލަ ކަމެއް ނުވާނޭ ބުނާކަށް ނުކެރޭނެ. އަމިއްލަ ނަފްސަށް އިތުބާރު ނެތް ދުވަސްކޮޅެެއް”  އަލްޔާ އަށް ބަލާލަމުން ލޫކް ބުނެލިއެވެ. “ސަޖޫލް ބުންޏެއްނު ހެދުން ބަދަލުކޮށްގެން ކާން އަންނަން. ދާންވީނުން ދެން. މަ މަޑުކުރާނަން”  ލޫކް ބުނެލިއެވެ. އަލަމާރި ކައިރިއަށް ޖެހިލި އަލްޔާ ހެދުމެއް ހިފައިގެން ގޮސް ފާހާނާ އަށް ވަނެވެ. އިރުކޮޅަކުން ނިކުމެ ބަދަލުކުރި ހެދުން ދާ ވަށިގަނޑަށް ލިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ބޮލުގެ އިސްތަށިގަނޑު މައްޗަށް ނަގާ ހުޅިއެއް ޖަހާލިއެވެ. އަދި ވޫލް ގަނޑެއް އޮޅާލިއެވެ. އަލްޔާ މި ހުރިހާ ކަމެއް ކުރިއިރު ވެސް ލޫކް އެނދުގައި އިނީ އަލްޔާ އަށް ބަލާށެވެ. ލޫކް އަށް މިވީ ކުޑަ ވަގުތު ކޮޅުގައި އިހުސާސް ކުރެވުނީ އަނބިމީހާ އާއި އެކު އެއްކޮޓަރިއެއްގައި އުޅެވޭ ކަހަލަ އިހުސާސެކެވެ. ސިއްރު ސިއްރުން އަލްޔާ ލޯގަނޑުން ލޫކަށް ބަލާލިއެވެ. ލޫކގެ ނަޒަރު ލޯގަޑުން އަލްޔާ އަށް އަމާޒުވެފައިވާތަން ފެނުމުން ރަކިވިއެވެ. ދެއަތުން ފުނަލުގައި ހިފައހައްޓައިލައިގެން ހުރި އަލްޔާ ލޫކަށް ފެނުމުން ހިނިިއައެވެ. ހަމަ ރަނގަޅަށް ވެސް ލޫކްގެ ހިތް މޮޔަވެއްޖެއެވެ. “ކާނަންތަ. އެއްޗެއް ގެންނަންވީތަ” އިރުގަނޑެއްގެ ހިމޭންކަމަށް ފަހު އަލްޔާ ލޫކް ކައިރިން އަހާލިއެވެ. ބަދަލުގައި ލޫކް ދިނީ ލޯބިން ފުރިގެންވީ ހިނިތުންވުމެކެވެ.  “ނޫން. އެކޮޅަށް ގޮށްސަ ކޮފީ އެއް ބޯނީ. އެކަމަކު ވަރަށް ފެންބޮވާ. ފިނިފެންފޮދެއް ލިބޭނެތަ” ލޫކް ބުނެލިއެވެ. އަލްޔާ ހީލަމުން ބޯޖަހާލާފައި ކޮޓަރިން ނިކުތީ ދޮރު ލައްޕާލާފައެވެ.

ދަރިންގެ ހިތްވަރާއެކު ރޭގަނޑު ކެއުން ހުއްޓާލައިގެން ހުރި ޝަރީފާ ސަޖޫލް އާއި އަލްޔާ ކާންއިން ވަގުތު އަލްޔާގެ ކޮޓަރިއަށް ވަނީ ކުރީ ރޭގައި އަލްޔާ ޝަރީފާ އަތުން ހޯދި ބާމް ފުޅި ބަލައެވެ. މީހަކު ދޮރު ހުޅުވާލި އަޑަށް ކޮޓަރި މެދުގައި ހުއްޓިގެން ހުރި ލޫކް ހީވީ އުދުއްސައިގަތްހެންނެވެ. ނިއްވާލާފައި ހުރި ކޮޓަރިން ތެރެއިން ޝަރީފާ އަށް މީހެއްގެ އަޑު އިވުމުން ގަތީ އަމަށަކު ބިރެއް ނޫނެވެ. އަޑުގަދަކޮށްލުމަށްފަހު އެބޮޑު މީހާ ދުއްވައިގަތީ ފައިދަށުގައި ހުރި ފެން ފައިވާން އަތަށް ނަގަމުންނެވެ.  “މަންމާ! ބިރެއް ފެނުނީތަ”  ސަޖޫލް ޝަރީފާގެ އަތުގައި ހިފަމުން އަހާލިއެވެ. އޭރު ޝަރީފާ ހުރީ މާނޭވާ ލެވޭ ވަރުން ބަހެއް ނުކީފައެވެ. ޝައްކެއްމަތީގައި ހުރި އަލްޔާ ކޮޓަރިއާއި ދިމާލަށް ބޯދިއްކޮށްލިއިރު ހުޅުވާލާފައި ހުރުމުން ތެޅިގަތެވެ. ޔަގީނެވެ. ބޮއްތިއަށް ލޫކް ފެނުނީއެވެ.

“ގޯޑް. ދެން ކިހިނެއް ހަދާނީ”  އަލްޔާ ދެއަތް ދޮވެލުމަށްފަހު ރޮބެޓެއްހެން ކޮޓަރިއަށް ދެމިގަތެވެ. ސަޖޫލް ޝަރީފާ އާއި ސުވާލުކުރަން ހުރިއިރު އަލްޔާ ދިޔަކަމެއް ނޭނގޭއެވެ. ކޮޓަރިއަށް ވަން އަލްޔާ އެންމެ ފުރަތަމަ ވެސް ލައިގަތީ ލޫކް ގައިގައެވެ. އަވަސް އަވަހަށް ލޫކް ޓީޝާޓުގައި ހިފާ ދަމަމުން ގޮސް ކުޑަދޮރުން ބޭރަށް ނިކުންނަން ބުންޏެވެ. އަދި ބުނަންދެން ބަހެއް ނުކިޔާ އެތާ މަޑުކުރުމަށް ބުންޏެވެ. އެއްވެސް ބަހެއް ނުކިޔާ ލޫކް ހުރީ ފޯނުން އަލިކޮށްގެން އަލްޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. އަލްޔާ ދުވެފައި ގޮސް ކޮޓަރީ ލައިޓް ޖައްސާލި ވަގުތު އެއީ ޝަރީފާ އާއި ސަޖޫލް އައި ވަގުތެވެ.  “ލައި އެއްވެސް އެއްޗެއް މަދުތަ. ފޯން އެބައޮތް ދޯ. ކޮބާ ލެޕްޓޮޕް. ޔަގީން އެހާ އަވަހަށް ކުޑަދޮރުން ވަގު ރައްކާވީކަން. ބޮއްތި އަށް އާދެވުނުކަން ނަސީބު” ހަމަޖެހުމުގެ ނޭވައެއް އަލްޔާ ލީ ދެނެވެ.  “ހުރިހާ އެއްޗެއް ވެސް ހަމަ. ހަނދާންނެތި ކުޑަދޮރު ލޮކް ނުކޮށް ބެހެއްޓުނީ”  ސަޖޫލް އާއި ޝަރީފާ އަލްޔާ ހިތްހަމަޖައްސާދިނުމަށްފަހު ނިދަން ދިޔައީ ހުރިހާ ދޮރެއްގެ ލޮކްތައް ޗެކްކޮށްފައެވެ.

ކުޑަދޮރުން ބޭރުގައި ބޮދައިގެން އޮތް ލޫކް ތެދުވީ އަލްޔާގެ އަޑު އިވުމުންނެވެ. ކުޑަކޮށް ހީލުމަށްފަހު އަލްޔާގެ އެހީތެރިކަމާއެކު ލޫކް އަލުން ކޮޓަރިއަށް ވަނެވެ. ލޫކްގެ ޓީޝާޓާއި ދިމަލާށް އަލްޔާ އިނގިލި ދިއްކޮށްލުމާއެކު އެދިމާލަށް ބަލާލިއެވެ. ވެލިތައް ފޮޅާލަން ތައްޔާރުވަމުން ލޫކް އަލްޔާ އަށް ބަލާލިއެވެ.  “އޯކޭވާނެ”  އަލްޔާގެ ޖަވާބު ލިބުމުން ލޫކް ޓީޝާޓް ބާލާ ކުޑަކޮށް ފޮޅާލިއެވެ. އަލްޔާ ހުރީ އެހެންދިމާލަކަށް ބަލާށެވެ. ލޫކް އެނދުގައި އިށީނުމުން އަލްޔާ ވެސް ކަނެއްގައި އިށީނެވެ. އެކަކު ވެސް ބަހެއް ނުބުނެ ހިނދުކޮޅެއް ވުމަށްފަހު ލޫކް ބުނި އެއްޗަކުން އަލްޔާ އަށް ސިހުން ގެނުވިއެވެ. “ކީ..ކީކޭ” އަލްޔާ އަށް އަޅައިގަނެފައި އަހާލެވުނެވެ.  “މްމްމްމް..އަލްޔާގެ ބޯއީފްރެންޑެއް ހުރޭހޭ އަސްލު އަހާލީ”  ލޫކް ބުނަން އުޅުނު ޖުމްލަ ފުރިހަމަކޮށްލިއެވެ. “ނޫން”  އިސްޖަހާލަމުން އަލްޔާ ބުންޏެވެ. އަލްޔާ ތެދަށް ޖަވާބު ދިނުމުން ލޫކް ހިތްހަމަޖެހުނެވެ. ނޭނގުނީ އަލްޔާ އަކީ އަދި އެއްވެސް ފަރާތެއްގެ މިލްކަކަށް ނުވާކަން ލޫކަށް އެނގުނު ހިސާބުން ފެށިގެން އެހިތަށް ބަޔާންކުރަން ދަތި އުފަލެއްލިބުނީ ކީއްވެކަމެވެ.

އެކަކު އަނެކަކުގެ ހަޔާތާއި ގުޅޭ ވާހަކަތައް ދެއްކުމުގައި ވަގުތުތައް ގުނަމުން ދިޔައިރު ވެސް ނޭނގުނެވެ.  “އަޅެ ބާރަގަޑި ބައިވީ. އެންމެން ނިދާފާނެ މިހާރު”  އަލްޔާ ކޮޓަރިން ނިކުތުމުން ހެވިފައި ހުރި ލޫކް ވެސް އަލްޔާ ފަހަތުން ނިކުތެވެ. ސިއްރުން ޝަރީފާގެ ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ވަގެއްހެން އަލްޔާ ގޮސް ހުއްޓުނީ ޝަރީފާގެ ބޯދަށުގައެވެ. ގުދުވެ އެނދުގެ ހެޑްބޯޑުމަތީގައި އޮތް ތަޅުދަނޑިނަގާ އިނގިލި ތަކުގެ ކުރި ޖައްސަމުން އައިސް ގޭ މައިދޮރު ހުޅުވާލިއެވެ. އަލްޔާ އާއިއެކު ހޭދަކޮށްލަން ލިބު އުފާވެރި ވަގުތުކޮޅު ނިމުމަކަށް އައުމުން ދެރަވެފައި ހުރި ލޫކަށް އަލްޔާ ބަލާލިއެވެ. އަދި ހިނިތުންވުމެއް ދިނެވެ. އަލްޔާގެ އަތްދަށުން ލޫކް ދޮރުން ބޭރުވުމަށްފަހު އަލްޔާ އަށް ކައިރިން ބަލާލިއެވެ.  “ކުރެވެން މިއުޅޭ ކަންތަކަށް މާފްކޮށްދެއްޗެ”  ލޫކްގެ ތުންފަތް އަލްޔާގެ މަޑު ކޯތާފަތުގައިި ލުއިލުއިކޮށް ޖައްސާލުމަށްފަހު ލޫކް ދިޔައީ އަލްޔާ ބުނާނެ އެއްޗަކަށް ވެސް ބަލާނުލައެވެ.

އަލްޔާ އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މަޑުމަޑުން ކޮޓަރިއަށް ވަދެ އެނދުގައި އިށިން އިރު ވެސް އަލްޔާގެ ހިތް ނެގިނެގިފައި ޖޭހޭއެވެ. ކޯތާފަތުގައިި އަތް ހާކާލެވުނީ ވެސް ހިޔާލީ ދުނިޔެއެއްގައި އިނދެއެވެ. ލޫކް ބުނަން ބޭނުންވަނީ ކީކޭ ހެއްޔެވެ؟ ދެރޭގައި ލޫކްގެ ފަރާތުން އަލްޔާ އަށް މިލިބުނު ދެހަދިޔާގެ މާނަ ނަގަންވީ ކޮންގޮތަކަށް ހެއްޔެވެ؟ އަނެއްކާ އަލްޔާގެ ހިތުގައި ލޫކް އާއި މެދު ވާ އިހުސާސްތައް ލޫކްގެ ހިތުގައި އަލްޔާ އަށްޓަކައި ވެސް ވަނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ދެމެދުގައި ތަފްހާ ތާށިވެފައި ހުރީ ކީއްވެގެންހެއްޔެވެ؟ ނޫނީ ތަފްހާ އާއި ލޫކް އާއެ ދޭތެރެ ނޭވާ ނުލެވިގެން ތެޅިފޮޅެނީ އަލްޔާ ހެއްޔެވެ؟ މަޑުމަޑުން ބާލީހުގައި ބޯއަޅާލި އަލްޔާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.

 

ފޫހިކަމާއެކު ގެއަށް ވަދެގެން އައި ޝައިމްގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. ވައިބްރޭޓްވާން ފެށި ފޯނު ޖީބުން ނެގުމަށްފަހު އަތުގެ ކޮޅަށް ހޫރާލިއެވެ. ބާރު އަޑުފަށްގަނޑަކާއެކު ފޯނުގެ އެތިކޮޅުތައް ދިމަދިމާލަށް ބުރައިގެން ދިޔައެވެ. ސިޓިންގްރޫމް ސޯފާއަށް ވެއްޓިގަތްގޮތަށް ކުޝަންތައް ވެސް ހޫރާލިއެވެ. އިސްތަށިގަނޑަށް ދެއަތް މަހާލީ ހަމަޖެހުމަކަށް އެދޭ ހާލުގައެވެ.  “ކޮއްކޯ”  މަތިން ތިރިއަށް ބޯދިއްކޮށްގެން ހުރި ޝެނާ އަށް ސޯފާގައި ބޮލުގައި އަތް އަޅައިގެން އިން ޝައިމް ފެނުމުން ހުރި ގޮތަށް ނަމާދު ދޮޅިއާއެކު އަށްމަހުގެ ބަނޑުގައި ހިފަހައްޓާލައިގެން ހުރެ ސިޑިން ފޭބިއެވެ. ޝައިމް ކުރިމަތީގައި ޝެނާ ގޮސް ހުއްޓުމާއެކު ޝެނާގެ މެދުހަށީގައި ޝައިމް ބައްދައިގަތީ ބަނޑާ ވެސް އެކުގައެވެ.  “ބޮލުގައި ރިއްސަނީތަ. ދޮންތަ މޮޑެލަދެންތަ”  ލޯތްބާއެކު ޝައިމްގެ ބޮލުގައި ފިރުމަމުން ޝެނާ ބުންޏެވެ.  “ނޫން ދޮންތާ. މިހާރު އޯކޭ. ދޮންތަ ފެނުނަސް ރަނގަޅުވޭ”  ހަގީގަތުގައި ޝައިމް ދެރަވީއެވެ. އޭނާގެ ސަބަބުން ޝެނާ އެހާލުގައި އަވަސް އަވަހަށް ބަނޑާއެކު ތިރިއަށް ފޭބުމުން ކަންބޮޑުވީއެވެ. ޝައިމްގެ ލޮލުން ފޭބި ކަރުނަތަކުން ހެދުންމަތިން ޝެނާގެ ބަނޑަށް ދިލަ ހޫނެއް އިހުސާސް ވުމާއެކު ވީގޮތް ކޮންމެސް ވަރަކަށް އެނގިގެން ދިޔައެވެ. ހިތްބިރުގަތީ އޭނާގެ ކޮއްކޮ އަށް ދެރަގޮތެއް ވެދާނެތީއެވެ. އަދި އޭނާގެ ކޮއްކޮ މިގޮތަށް ރޯންޖެހުނީ ކާކުގެ ސަބަބުންކަން ޝެނާ އަށް އަންދާޒާ ކޮށްލެވުނެވެ. ޝެނާ އަށް ރުޅި އާދެވުނެވެ. މިކަމުން ޝައިމް ސަލާމަތް ނުވާނީ ހެއްޔެވެ؟ މުޅި އުމުރުގައި އަހަރެންގެ ކޮއްކޮ އަށް އޮތީ މިގޮތް ހެއްޔެވެ؟ ޝެނާގެ ހިތުގައި ޝައިމް އާއެިމެދު ހަމްދަރުދީ އުފެދުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. Ushaali

    hey guyx… kihineh huriha kudhin? miothy 5 vana episode. kamudhaane kamah heekuran. huriha kudhin ves kiyaalafa comment kollache. 🙂 🙂

  2. maalhu

    salhi

  3. Aish

    Wow…vvvvv salhi..?

  4. Ely

    Who is shyme.. Story vvvv habbu
    ??❤❤????

  5. axoo

    hi ushaali. umm fine. hope u r fine. mi part vx vvv rythi.. thikura hihvarah saabas dhn. thigothugai hunnaathi,.. u r one of my favourite.. lov u.. ummwahh..

  6. Mai

    Vv nice

  7. cindrella

    Vvvvvvvvvvvvvv nice when next part

  8. Navya

    Ushaaaa?… mibaives vvvvv vvv salhi… v kiyaalaa hithun indha a nimuny?.. next part ah v inthixaaru kuran ingey. ..avahah up kohdhehchey ?????

  9. Mishu

    Royal blue kulaige thuvaali hudha Kula ah badhalu v Kihineh????

  10. Inee

    Vv reeythi

  11. Saandy

    ވަރަށް ރީތި މިބައިވެސް… 6ވަނަ ބަޔަށް އެބަ އިންތިޒާރު ކުރެވޭ… 6ވަނަ ބައިވެސް އަވަހަށް އަޕްކޮށްލައްޗޭ

  12. shuz

    Hey ushaalii…happy to see your new story.btw foto change kohlleveykah nehtha?no offense ingey.but ehaa reecheh nun so just shared my opinion.
    Oh god.so in love with luke ?hama loabi gandeh.hihihihi.v nice vaahaka

  13. cindrella

    Kon irakunta next part up vaani v wait kurevey eba next part ah ushaali plx…….avahah up kohdyba

Comments are closed.