Skip to content
އެސްފިޔަ

އިންތިޒާރެއްގެ ނިމުން (1)

މަޑު ނޫކުލައިގެ ސާފު އުޑުމައްޗަށް އިސާހިތަކު ބިޔަ ބޯ ވިއްސާރަ ވިލާތަކެއް ޖަމާވާން ފަށައިފިއެވެ. ވައިމަޑު، ހަމަހިމޭން ޖައްވު ނުސާފުވެ ވައިބާރުވާން ފަށައިފިއެވެ. ޖެހެމުންދާ ރޯޅިތައް ފިނިވާން ފަށައިފިއެވެ. ތެތްފިންޏެކެވެ. ނަގާފައިވާ ކަޅުވިލާގަނޑުގެ ތެރެއިން އަންނަ ރޯޅިއެކެވެ. އިސާހިތަކު ވާރޭވެހެން ފަށައިފިއެވެ. ވެހެމުން އައި ހިމަފޮދު ވާރޭ ބޯކޮށްލި އިރު މަގުމަތީގައި ސަކީނާ ނޫން އިތުރު މީހެއް ނޫޅެއެވެ. ވެހޭ ވާރޭއަކަށް ބެލުމެއްނެތި، ހިމޭން ހިނގުމެއްގައި މަގުގެ މެދުން ހިގާފައި ދާއިރު މިދުނިޔޭގެ ހެއިވެރިކަމެއް ސަކީނާގެ  ނެތީހެން ހީވެއެވެ. އޭނާގެ ލޯމަތިން ވަރުބަލިކަމާއި މާޔޫސްކަން ފެނުނަސް އޭނާގެ ރީތި ހިނިތުންވުން ފަޑުނުވެއެވެ. އޭނާގެ ހިތުގައި ދައުރުވަމުންދާ ސުވާލުތަކާއި ޝަކުވާތަކާއި، ވާހަކަތައް ބަޔާންކޮށްދެވޭނީ ކާކަށް ހެއްޔެވެ؟

”މީގެ އެތައް ސަތޭކަ ރެއެކޭ އެއްފަދައިން އަހަރެން މިއިނީ ކަލޭގެ އިންތިޒާރުގަ އެވެ. ހަމަ ހީވަނީއެވެ. ދެންމެ ދެންމެ އައިސް އަހަރެންގެ ނަމުން ގޮވައިލާނެއެވެ. ސަކީނާއޭ އަހަރެން އެބުރި މިއައީއޭ އަހަރެން ކަލެއަށް ވައުދު ނުވަންހޭ… އިވެނީ އަހަންނަށް ގޮވާލާ އަޑެވެ. އަހަރެން ދިރިހުރުމުގެ މައިގަނޑު ސަބަބަކީ ކަލޭ އައުމުގެ އުއްމީދެވެ. ކަލޭ ނާންނާނެކަން އެނގޭ ނަމަ، އެކަން ޔަޤީންވާ ނަމަ އަހަރެންގެ ދިރިއުޅުމުގައިވަނީ ކޮން އުފަލެއް ހެއްޔެވެ.”

”ލޯބިވެރިޔާއެވެ. އެއްވެސް މިސްރާބެއްނެތި ދުނިޔޭގެ އޮއިވަރުގައި ޖެހި ބެހެމުންދިޔަ އަހަރެންގެ ހަށިގަނޑު މިންޖުކުރީ ކަލެއެވެ. އުފާވެރި ހަޔާތެއެއް ހޯދުމުގެ އަޒުމް އަހަރެންގެ ހިތުގައި އަށަގެންނެވީ ކަލެއެވެ. އަހަރެން ކަލެއަށް އަހަރެންގެ ހަށިގަޑާއި ފުރާނަ ހިބަކޮށްދިނީ އަބުރާ ގެންދާ ގޮތަކަށް ނޫނެވެ. އަންނާށެވެ. އަހަރެންގެ ހިއްސުތައް ކަލޭގެ އިންތިޒާރުގައި ނިމިދަނީއެވެ. ކަލޭގެ ފިރިމުންތަކުން މެނުވީ މިހިތައް ފިނިކަމެއް ނުލިބޭނެއެވެ.”

”އަހަރެންނަކީ އެކަނިވެރިއެކޭ ހީނުކުރާށެވެ. ކަލޭ އަހަންނަށް ދޫކޮށްދިޔަ އުފާވެރި ހަދާންތައް އަހަރެންގެ ހިތުގައި ދައުރުވާ ހިދަކު އަހަރެން އެކަނިވެރިއެއް ނުވާނެއެވެ. މި ލޭގައިވާ ހޫނުކަމަކީ ކަލޭގެ ހަށިގަނޑުގެ ހޫނުން ލިބިފައިވާ ލޯބީގެ ހޫނެވެ. މޫނުގެ ހަން، މުސްކުޅިވުމުގެ ކުރަކިކަމަށް ބަދަލުވަނީ އެވެ. ކަލޭގެ އަތުން އެތައް ރެއަކު ފިރުމި އިސްތަށިގަނޑު ނުރަވަނީއެވެ. އެކަމަކު ބިރުގަންނަންވީ ކޮން ކަމަކާ ހެއްޔެވެ. އަހަރެންގެ ސިފައާ މެދު ކަލޭ ކަން ބޮޑެއް ނުވާނެއެވެ.”

” މީހުން ބުނެއެވެ. ”ބަލަ ސަކީނާއެވެ. މިހާރު ވަހީދު ގެއްލުނުތާ ވިހިއަހަރު ވަނީނޫންހެއްޔެވެ. އޭނާ ދެނެއް ނާންނާނެކަން މޮޔައަކަށް މުނުވީ އެގޭނެއެވެ. ބަލަ މިނިވަންވާށެވެ. މުސްކުޅިވެ އެދުމަތިވުމުގެ ކުރިން އާހަޔާތެއް ފަށާށެވެ”. މީހުން ކިޔާ އެއްޗިއްސަކަށް ފަރުވާލެއް ނެތެވެ. އަހަރެންގެ ހިތުގައި ކަލެއަށް ދެވިފައިވާ މަގާމް އެގޭނަމަ އެހެނެއް ނުކިޔާނެވެ. ކަލޭ އަންނާނެކަމުގެ އުންމީދަކީ އަހަރެންގެ ފުރާނައިގެ ކާނާ ކަމުގައި މިއަދު ވެއްޖެއެވެ.”

” ދުރު ގައުމެއްގައި ބަޔެއްގެ އަޅުވެތިކަމުގެ ދަށުގައި ހުރީ ކަންނޭގެއެވެ. ތިޔައީ ކަނޑުވެ މަރުވާވަރަށްވުރެ ހިތްވަރުގަދަ މީހެކެވެ. ބޮޑު މަހެއް ކާލާވަރަށްވެރެ އޯގަތެރި ހިތެއްގެ ވެރިއެކެވެ. ކޮންމެ ހާލެއްގައިނަމަވެސް އަހަންނާއި ހަމަޔަށް ކަލޭ އަންނާނެއެވެ. މި އުގުގައި ބޯއަޅައިގެން އޮވެ ނިދާނެއެވެ… ”

މިފަދަ މިފަދަ ހިޔާލުތަކަކަށް ގެއްލިފައިހުރި ސަކީނާއަށް ގެއާއި ހަމަޔަށް ދެވުނުއިރު ވެހެމުންދިޔަ ވާރޭ ހުއްޓާލައިފިއެވެ. ތުނި ވިއްސާރަވިލާ ތަކުގެ ތެރެއިން އިރުގެ ދޯދިތައް ދުނިޔެމަތި އަލިކޮށްލައިފިއެވެ. މިއަދަކީ އޭނާގެ ލޯބިވެރިޔާ ގެއްލުނުތާ ވިހި އަހަރު ފުރޭ ދުވަހެވެ. ކޮންމެ އަހަރަކުވެސް މިދުވަހު ވަޙީދު އަންނާނެކަމުގެ އުންމީދުގައި ރަށުގެ ފާލަންމަތީގައި ވަގުތު ހޭދަކުރުމަކީ ދިރިއުޅުމުގައި ވާޖިބެއް ކަމަށް ދުކިގެން އޭނާ ކުރާ ކަމެކެވެ. އިންތިޒާރަކީ އެކަހަލަ އެއްޗެކެވެ. މީހާގެ ވަގުތުތައް އެކަމަކަށްގޮސް ހުސްކޮށްލެވޭ އެއްޗެކެވެ. ހިތުގެ ތެޅުން އަވަސްކޮށްލާ އެއްޗެކެވެ. ވަގުތުތައް ދިގުކޮށްލާ އެއްޗެކެވެ.

އެއްމަސް ފަހެވެ. އާދައިގެ މަތިން ފަތިސް ނަމާދު ކޮށްލައިގެން ގޭދޮރުމަތި ކުނިކަހަން ސަކީނާ ނުކުމެލިއެވެ. ފަތިހުގެ އަރާމު ރޯޅިތައް މޫނުމަތީގައި ބީހިލުމުން ލޮލުގައިވާ ނިދީގެ އަސަރު ފިލައިފިއެވެ. ގުދުރަތުގެ ފުރިހަމަ ކަމާއެވެ. ކާއިނާތުގައި ހިގާހުރިހާ ކަމަކީ ވަގުތު ކަޑައެޅިގެން ހިގާކަންކަމެވެ. ފިނި ރޯޅި ދިލަ ހޫނަކަށް ބަދަލުވާން ނަގަނީ މަދު ސިކުންތުކޮޅެކެވެ. ދުވާލު ރޭގަނޑަށް ބަދަލުވާ ބީދައިން އުފާވެރިކަން ހިތާމައަށް ބަދަލުވެއެވެ. ދިރިއުޅުމަގައި ކަންތައްތައް މެދުވެރިވަނީ އިންސާނާ އެކަމަކަށް ތައްޔާރުތޯ އަހާފައެއް ނޫނެވެ.

އެއީ ޒާހިރާއެވެ. ދުރުން ވަރަށް ބާރަށް ދުވަމުން ކަހަލަ ގޮތަކަށް އަންނަ މީހަކު ފެނިގެން ސަކީނާ ޔަގީން ކޮށްލިއެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. މަގުމަތީގައި ކުނިކަހަން ތިބި އަންހެން ވެރިން ކައިރީގައި އޭނާ އެބުނާ ވާހަކައެއް ބުނުމުން އެވެރިން މަގު ހުރި ސީދަލަށް އަތިރި މައްޗާއި ދިމާލަށްދާން އަވަސްވެގަނެއެވެ. ކޮންމެއަކަސް ވަރަށް ބޮޑު ކަމެއް ވެއްޖެއެވެ.

”ސަކީނާ… ސަކީނާ…” ވަރުބަލި އަޑަކުން މާނޭވާލަމުން ސަކީނާއާއި އަރައި ހަމަކޮށްފައި ޒާހިރާ ގޮވައިލިއެވެ.

”އޯއި ކިހިނެއްވީތަ އަނެއްކާ. ކަލޭ ދުވަމުން އައިގޮތުން އަހަރެން މިހުރީ ވަރަށް ބިރުގެންފައި. މީހަކު މަރުވީތަ އަޅެފަހެ”

”ވަޙީދު… ވަޙީދު…” ޒާހިރާއަށް މިހަމަޔަށް ބުނެވުނުތަނާ އަތުގައި އޮތް އިލޮށިފަތި އެއްލާލުމަށްފަހު ސަކީނާ އަތިރިމައްޗާއި ދިމާލަށްދާން ދުއްވައިގަތެވެ. އުފާވެރިކަމުގެ ކަރުނަތައް އޭނާގެ ލޮލުން އޮހޮރެމުން ދިޔައެވެ. އަރަމުން އައި އިރުގެ ދޯދިތަކުގެ އަލި މޫނުމައަޗަށް އެޅިފައިވާއިރު އެރީތި ހިނިތުންވުން އޭނާގެ ރީތިކަމުގެ ފުންކަން ހާމަކޮށްދެއެވެ. ވިހި އަހަރަށްފަހު ޢެނާގެ ހަޔާތުގެ އިރު އެރީއެވެ. އާހަޔާތަކަށެވެ. ކަޅާއިހުދުގެ ހުވަފެންތަކުގައި ކުލަ ޖެހެނީއެވެ. އުންމީދުތަކަކުން ފުރިފައިވާ އިންތިޒާރުގެ ދިގު ދަތުރު ނިމެނީއެވެ. އާދޭހެވެ. ދިރިއުޅުމުގެ ކޮންމެކަމަކީ ވަގުތު ކަޑައެޅިގެން ހިގާ ކަންކަމެވެ. އެކަމެއްގެ ވަގުތު ޖެހުމުން އެކަމެއް ވާނެއެވެ. މިއީ ސަކީނާގެ ހިތްވަރުގަދަ ކަމުގެ ސިއްރެވެ. އޭނާގެ ކެތްތެރިކަމާއި މިންވަރަށް އީމާންވުމެވެ.

(ނުނިމޭ…)

Comments (6)

  1. shaai

    maasha allah. v iburaitheri story eh me. next part avahah upload kohdhehche.

  2. wadde

    v. reethi. thafaathu.

  3. Faathee

    Baraabarah up kohla dhenyaa story kiyeynee

  4. Maree

    vaahaka varah reethi. Please post chapter two soon

  5. reesh

    Wow varah reethi ?

  6. mayaaa

    Vrh reethi

Comments are closed.