ކާމިޔާބު އަންހެނާ 2
ހީވާނީ އޭނާގެ ޝޮޕިން މޫސުމަށް ބަހާރު މޫސުމް އައީހެންނެވެ. ވީމާ ހީނާ، އިންޑިޔާއަށް ދިޔުމަކި ތާނިޔާ އަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެއެވެ.
“އެކަމަކު އަހަރެން އިންޑިޔާއިން މިއައީ އިހައް ދުވަހުނު، ހީވާގޮތުން އަހަރެންގެ ސިކުނޑި ބުނަނީ އެހެން ކަމެއްކުރަން. އަހަރެން ބޭނުންވަނީ ލަންކާއަށްދާން” ހީނާ ވިސްނުމަކަށް ގެއްލިފައި އިނދެ ބުނެލިއެވެ.
އުލްފަތު އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. ލަންކާ އާއި މެދު ހީނާގެ ހިތުގައިވާ ލޯބި އުލްފަތުއަށް އެނގޭތީއެވެ. ރާމިޒް އާއި ކައިވެނި ކުރުމަށްފަހު އެންމެ ފުރަތަމަ ދަތުރު ވެސް އޭނާ ދިޔައީ ލަންކާ އަށެވެ. ރާމިޒް ލަންކާއާ އެހާގަޔާ ނުވުމުގެ ސަބަބުން އޭގެ ފަހުން އެމީހުންނަށް ލަންކާ އަށް ދިޔުމަށް ދަތުުރު ނުރޭވުނެވެ. އެއާއެކު އޭނާ ލަންކާގައި ގަނެފައިވާ ގެވެސް ވިއްކާލީއެވެ. މިހާރު އޭގެ ފަހުންވެސް ފަނަރަ އަހަރުވީއެވެ. އެގެޔަކީ އޭނާގެ އެތަކެއް ހަނދާނަތަކެއް އެކުލެވިފައިވާ ގެއެކެވެ.
“އަޅުގަނޑަށް ހީވަނީ ކަލާއަށް މިމޫސުމް ރަނގަޅު ނޫނީހެން މެލޭޝިޔާ، ލަންޑަން އަދި ކެނެޑާގައި ވެސް ކަލާގެ ދަންނަ އެކުވެރިން ތިބޭނޫންތޯ އެއިން ތަނެއް މަޖާވެސްްވާނެނޫންތޯ؟” ލަންކާއަށް ހީނާ ފޮނުވަން ބޭނުން ނުވާތީ އުލްފަތު ބުނެލިއެވެ.
“އަހަރެން ތިކަމާ ވިސްނާނަން އެކަމަކު އަހަރެން ދާން ބޭނުމީ ބޮޑަށް ލަންކާއަށް”
ހީނާ އޭނާ އިން ގޮޑީން ތެދުވަމުން ބުނެލިއެވެ. އޭނާ އެންމެ ފަހުގެ ނިޔާ އިއްވި ކަހަލައެވެ.
ހީނާއަކީ އިސްކޮޅުން ދިގު އަންހެނެކެވެ. ހީނާއަކީ ރީތި ސިފަޔާ ހެދިހުރި ހަށިގަނޑު ރީތި އަންހެނެކެވެ. އޭނާގެ ހަށިގަނޑުން އޭނާގެ އުމުރު ފެންނާކަށް ނެތެވެ. އަދިވެސް އޭނާގެ މޫނުމަތީގައި ޒުވާންކަމުގެ އަސަރު ފެންނާން ހުރެއެވެ.އޭނާގެ އިސްތަށިގަނޑުގައިވެސް ކުރިން ހުރި ދިހުމާއި ވިދުން ހުރެއެވެ. ފަންރީތި ދިގު އިސްތަށިގަނޑު ފަހަތަށް އައްސާލާފަ އޮންނައިރު އަދިވެސް ހީވަނީ 35 އަހަރުގެެ ޒުވާން އަންހެން ކުއްޖެއްހެނެވެ. އޭނާ ދެކޭގޮތުގައި އޭނާރީތި ވުމުގެ ސިއްރަކީ އޭނާ ރުޅި ނައުމެވެ. އަދި އަބަދުވެސް ހިތްހަމަޖައްސައިގެން ހުރުމެވެ. މާގަދަޔަށް ރުޅިއައުމަކީވެސް މީހާ އަވަހަށް މުސްކުޅި ވާކަމެކެވެ. އަބަދުވެސް އޭނާ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި އޭނާ ލޯގަނޑުގެ ކުރިމަތީ ހުރެގެން ޑާންސް ކުރެއެވެ. ޔޯގާ ހަދައެވެ. ކަސްރަތު ކުރެއެވެ. މާގިނައިން އޭނާ މޭކަޕް ކުރާކަށް ނުޖެހެއެވެ އޭނާދެކޭގޮތުގައި މޭކަޕް ކުރުމަކީ ހަލާކެކެވެ. މޫނުގެ އަސްލު ގެއްލި މޫނު ހަލާކު ވާކަމެކެވެ. ގުދުރަތީ ރީތިކަން އެއަށްވުރެ މާމުހިންމެވެ.
އުލްފަތު ހީނާ ކާރިޔަށް ވަޒީފާއަށް އައިއިރު ހީނާއަށް ވާނީ 20 އަކަށް އަހަރެވެ. އުލްފަތު އެކޭ އެއްގޮތަށް އޭނާގެ ވަޒީފާގައި އޭނާ ކާރީ ގިނަދުވަހު އުޅުނު މުވައްޒަފެއް މިހާރު އޭނާގެ ނެތެވެ.
“އަހަރެން ލަންކާއަށް ދާން ނިންމާނީ، މީ ކަންނޭގެ އެންމެ ރަނގަޅު ދުވަސް ވަރުވެސް ދޯ”
ހީނާ އޭނާގެ ކަޝްމީރީ ސުއިޓަރު އޮޅާލަމުން އުލްފަތާ އެކު ބޭރަށް ނިކުންނަމުން ބުނެލިއެވެ.
“އަޅުގަނޑު ގެ ފަރާތުން ބޭނުންވެލައްވަނީ ކޮންކަމެއްތޯ؟”
“އަހަރެން ނެތިދާ ދުވަސްކޮޅު އުލްފަތު މިފޮތުގެ ނިމިފަ މިވާބައި ޓައިޕް ކޮށްފައި ބާއްވަންވީ”
“ޔަޤީންތާ ތިކަން ނިންމާނަން”
“އަހަރެން މިފަހަރު ލަންކާއަށް ގޮސް ޝޮޕިން ކޮށްލާނީ ބަދިގެއަށް ބޭނުންވާސާމާނު ކޮޅެއް. ހީވާގޮތުން މިގޭބަދިގެ މުޅިން އާކޮށްލަން ވިތާ މާގިނަ ދުވަސް ވެސް ވެއްޖެ ދޯ ކަމަނާފާނު. ނުބުންޏަސް ބަދިގެއަށް ވަންނައިރަށް މޫނަށް ތިއަންނަ ކުލަވަރުން މަށަށް އެކަން އެނގެޔޭ:
“އަސްލުގައި އެތަކެތި އެހާ ހުތުރެއް ނޫން މިޒަމާނުގައި ރަނގަޅީ ތަންކޮޅެއް އެންޓިކް އެއްޗެތި ނޫންތޯ”
އުލްފަތު ބަދިގޭ ކާމޭޒް މަތީ ހުރި ކުރައެއް ނަގާ ދައްކާލަމުން ބުނެލިއެވެ.
“އުލްފަތު، ބަލާބަލަ ބަދިގޭގައި އެހެރަ މޫނު ބަލާ ލޯގަނޑު ހީވަނީ ޒަމާންތަކެއް ވެފައި ކަޅުވެފައި ހުރިހެން، އެލޯގަނޑުން މޫނު ބެލީމާ ހީވަނީ އަހަރެންގެ މޫނުގަވެސް މާ ރޫ ގިނަހެން”
ހެމުން ހެމުން ހީނާ ބުނެލިއެވެ
” އަސްލު ރޫގިނައީ އަޅުގަޑުގެ މޫނުގައޭ” އުލްފަތު އޭނާގެ އަމިއްލަ މޫނުގައި ފިރުމާލަމުން ބުނެލިއެވެ”
އުލްފަތުގާތު ކައްކަން ވާއެއްޗެހި ބުނެފައި އޭނާ ބޭރަށް ނިކުމެ ކާރަށް އަރައިގެން ދިޔައީއެވެ. އަމިއްލަ މަންޒިލެއްނެތި ދަތުރު ކުރާ މުސާފިރެކޭ އޭނާއެކޭ މިއަދު އެއްގޮތެވެ. އޭނާ ކާރުގެ ލޯގަނޑުން އޭނާގެ އަމިއްލަ މޫނަށް ބަލާލިއެވެ. އޭނާގެ ކަރުވެސް ހާދަ ފަޅެވެ. ކަންފަތުގައި ހުރި ޖަވާހިރުގެ ސުޓަޑް ފިޔަވާ އިތުރު އެއްޗެއް އޭނާ ބޭނުން ކޮށްފައެއް ނުވެއެވެ. އެވެސް ރާމިޒް އޭނާއަށް ދިން ހަދިޔާއެވެ. ރާމިޒް ދުނިޔޭގައި ހުރިއިރު އޭނާ ހުރިހާ ގަހަނާއެއް ބޭނުން ކުރިއެވެ. ކަންފަތުގައި އެލޭ ރަންއެއްޗެތި ހަރުކުރިއެވެ. ކޮންމެ ހެދުމަކާ ގުޅޭ ތަނޑިބައެއް އަޅާލިއެވެ އަދި ތަފާތު ޑިޒައިން ތަކުގެ ހާރު ކަރުގައި އަޅާލައެވެ އެންމެ ބޮޑު ބޭނުމަކީ ރާމިޒް އުފާކޮށްދިނުމެވެ. ރާމިޒް އޭނާގެ ރީތިކަމަށް ތަޢުރީފް ކުރެއެވެ. އެކަމަކު ރާމިޒް އާއި އެކު އޭނާގެ ރީތިވުން ވެސް ވަޅުޖެހުނު ކަހަލަ އެވެ. މިހާރު ބޮޑުވަރަކަށް އޭނާ ބޭނުން ކުރަނީ އަތުކުރީ ގަޑިއެކެވެ އެގަޑި އަޅާލީމާ އޭނަަށް ހީވަނީ ރާމިޒް އޭނަކައިރިގައި ހުންނަހެންނެވެ އެއީ ރާމިޒް އެންމެ ފަހުން އޭނާއަށް ދިން ހަދިޔާވެސް މެއެވެ. ރާމިޒްގެ އެހިހްސާސް ދެކެ އޭނާ ލޯބިވެއެވެ.
ހީނާ އޮފީހަށް ގޮސްސަ ގެޔަށް އައީ ދެގަޑިއެއް ހާއިރު ކޮއްފައެވެ. އެވަގުތު އުލްފަތު އިނީ ޑައިނިން ޓޭބަލް ކާރީ ސޭންޑް ވިޗް ހަދައިގެން އޭނާއަށް އިންތިޒާރު ކުރުމުގަ ފޯނާ ކުޅެލަކުޅެލަ އެވެ.
“އަސްތާ މާލަސްވީދޯ؟”
“ލައްބަ އަވަހަށް ދުރުވޭ މިހާރު ހިހޫވެސް ވެއްޖެ. މިހާރު މިހޫނު ކޮށްލަނީ”
“އޯކޭ މިއަންނަނީ ހެދުން ބަދަލު ކޮށްގެން، ބަލަ ފޮތްވެސް ލިޔެ ނިންމާލީތަ”
ކޮމްޕިޔުޓަރ މޭޒްމަތި މާރީތިކޮށް ތަރުތީބު ކޮށްލާފައި ހުއްޓާ ފެނިގެން ހީނާ އަހާލިއެވެ.
“އޯލްމޯސްޓު، އެންމެ ފަހުގެ ބައި މިލިޔަނީ މިހާރު، ކުރިޔަށް އޮތް ބައިގަޑި އިރު ތެރޭ ނިންމާނަން”
ހިނިތުން ވެލާފަ ހީނާއަށް ސޭންޑްވިޗް ތަށި ދިއްކަޮށްލަމުން އުލްފަތު ބުނެލިއެވެ.
“ލިޔާމޭޒް ގެ ވާހަކަ އަޅުގަނޑު އަހާލިން ސަމަދު ކާރިން. ގެންނަންވީޔޯ އޭނަ ބުނީ”
“އެހެންތަ އެކަމަކު ފަހުން އަހަރެން ބަލާލިއިރު އެހާ ކަމުދާގޮތެއް ނެތް އެމޭޒަކު އެހެންވެ އަޅާނުލީ އެހެންނޫނަސް ލަންކާއިން ގެންނާނީ އަހަރެން އެކޮޅަށް ގޮސް ބަލާނީ ރަނގަޅު އެއްޗެއް. މިދަތުރު އަހަރެން ދާނީ އަހަރެންގެ ލެޕްޓޮޕްވެސް ހިފައިގެން ހޮޓަލުގެ ހިމޭން މާހައުލުގައި އަހަރެންނަށް މިފޮތް ލިޔަން މާ ފުރުސަތުވެސް އޮންނާނެ”
“މިފޮތުގެ ފުރަތަމަ ދެބައިވެސް ވަރަށް ފައްކާ ހީވާގޮތުން ނިމުންވެސް ސަޅިވާނެ. އެއްކޮށް ނުނިމެނީސް މިފޮތް ހުއްޓާ ނުލައްވާތި”
“އަސްތާ މާމާ ތިޔަ ކުރީ ރަނގަޅު ރިކުއެއްސްޓެއް”
ގޮނޑިން ތެދުވަމުން ހީނާ ބުނެލިއެވެ.
“އަހަރެންގެ ދެން އަންނަ އުފަންދުވަހުގެ ކުރިން މިފޮތް އަހަރެން ނިންމާނަން އިރާދަކުރެއްވީޔާ. ކޮބާ މަގޭ ލަންކާ ޓިކެޓް ހަމަޖައްސަބަލަ. ކުރިޔަށް އޮތް ތިންހަފްތާ ފަހުން އަހަރެންގެ އުފަންދުވަސް. އެދުވަހުގެ ކުރިން އަހަރެން ބޭނުން ލަންކާ ދަތުރު ނިންމާފައި އަންނަންވެސް. އަހަރެންނަށް ރޫމެއް ބުކް ކުރާނީ ހިލްޓަން ހޮޓަލް އިން އެއީ އެންމެ ފަހުންވެސް އަހަރެން ރާމިޒް އާއެކު ގޮސް ހުރިތަން. ”
އުލްފަތު އެއްބަސްވުމުގެ ގޮތުން ބޯލަހުވާލާފައި ތަށިތައް ނަގަން ފެށިއެވެ.
“އެހެންވެއްޖެއްޔާ ކިހާދުވަހަކަށްތޯ ބުކް ކުރަންވީ؟”
” ހޫން ދެހަފްތާއަށް ބުކްކޮށްލާ ދުވަސް އިތުރު ކުރަންޏާ އެކޮޅުން ވެސް ވެދާނެނު. އެހެންނޫނަސް ފަސް ވަރަކަށް ދުވަސް ފަހުން އަހަރެންގެ ޙިޔާލު ބަދަލު ވެއްޖެއްޔާ އަތުވެދާނަން .އަންނަ މަގުމަތީ އިންޑިޔާއަށް މަޑުކޮށްލާފައި ތާނިޔާއާއި ބައްދަލު ކޮށްފަ އުފަންދުވަހަށް ހަދިޔާވެސް ގަނެވިދާނެ.”
“އަޅުގަނޑުވެސް ލަންކާއަށް ދިޔުމުގެ ޝައުގު އުފެދިއްޖެ. މިދަތުރު އަޅުގަނޑުވެސް ބައިވެރިވަންތޯ؟”
“އަސްލު އަހަރެންވެސް ވަރަށް ހިތްހަމަ ޖެހޭ އުލްފަތު އާއި އެކުގައި ދަތުރު ކުރެވުނީމަ އެކަމަކު މިދަތުރު އަހަރެން ބޭނުމީ އެކަނި ދަތުރު ކޮށްލަން. އެއްވެސް މީހަކު ނެތި އެކަނި ދަތުރެއް އެކުސްޕީރިޔަންސް ކޮށްލަން. އަހަރެން ބޭނުންވަނީ އެކަނި އިނދެ އަހަރެންގެ މާޒީގެ ސޮފްހާތައް ހުޅުވާލަން. ކަލޭ ގޮއްސީޔާ އަހަރެންގެ ހުރިހާ ކަމެއް އާދަ ތަކެއް ބަދަލު ކުރަން ޖެހިދާނެ”
“އަޅުގަނޑު ކަލާ ނެތިއްޔާ ވަރަށް އެކަނި ވާނެ، ހީވާނެ ފަރުބަދައަކަށް އަަރަނީހެން މިދިރިއުޅުމަކީ”
އުލްފަތުގެ މިވާހަކަޔަށް ހީނާ ބާރަށް ހީގަތެވެ.
“ތީހަމަ ރަނގަޅު ވާހަކައެއް ކަލޭ އަހަރެންގެ ހުރިހާ އާދަތަކެއް ބަދަލު ކޮށް ކަންނެތް މީހަކަށް ހަދައިފި. އެކަމަކު އޯކޭ ހިލްޓަން މީހުން ކަލޭހެން އަހަރެންގެ ޙިޔާލު ބަހައްޓާނެ. ތިގޮތަށް މާމަ ގަނޑަކަށް ވެގެން ފަހަތުން ނޫޅުނަސް އެމީހުން އަހަރެން ބުނީމާ ބުނާ ކަންތައް ކުރާނެ ތަފާތަކީ އަހަރެން ނުބުންޏަސް ކަލެއަށް އަހަރެންގެ ހިތުގައި ހުންނަ އެއްޗެތި އެނގޭކަން”
“އަޅުގަނޑު ހިތްހަމަޖައްސަން ތިހެން ބުނެފައި އަޅުގަނޑު ބަހައްޓާފަތިޔަ ދުރުވަނީކަން އަޅުގަނޑަށް އެނގޭ”
ދެމީހުން އެކުގައި ސިޓިިންރޫމަށް އައިސް ހީނާ ވަށައިގެން ހޯދާލިއެެވެ.
“އަސްތާ މިހާ ރީތި އޯކިޑް މާހޯދީ ކޮންތާކުންތަ.؟ މީ އޯކިޑްމަލުގެ މޫސުމެއް ވެސް ނޫނެއްނު”
“ތާނިޔާ ކަލާއަށްޓަކައި ހަފްތާއަކަށް ވާވަރަށް މާފޮނުވަދިން އެހެންވެ ބަދަލު ކުރެވުނީ. ”
އުލްފަތު ކަރުނަ ފޮހެލަމުން ގޮސް އެތާ ހުރި ގޮނޑިއެއްގައި އިށީނެވެ.
ހީނާ އޭނާގެ ދަބަސް ޓުރޮލީ ކޮށްޕަމުން ގޮސް އެތެރެއަށް ވަނެވެ. ހީނާ އެތެރެއަށް ވަނުމަށް ފަހު ވެސް އުލްފަތު ގިނަ އިރުތަކެއް ވަންދެން އެއަރޕޯޓްގައި ހުއްޓެވެ. އެންމެ ފަހުގެ ވަދާޢީ ސަލާމަށް އަތް ހޫރާލުމައް ފަހު ހީނާ ޓުރޮލީ ކޮށްޕަމުން އެތެރެ އަށް ވަނެވެ ޢަޖާބެއްކަހަލަ ޢިޙްސާސެއް އޭނާއަށް ވިއެވެ ފުރަތަމަ ފަހަރު އެކަނި ދަތުރު ކުރާތީ ކަންނޭގެއެވެ..
ހީނާ ޗެކިން ކައުންޓަރަށް ދިޔުމާ އެކު ވަރަށް ގިނަ ލޯތައް ހީނާ އަށް އަމާޒު ވި އެވެ. އޭނާ ޓިކެޓް ނަގާފައި ވަނީ ބިޒްނަސް ކުލާހުން ކަމަށް ވުމާ އެކު އޭނާ ދިޔައީ ސީދާ ބިޒްނަސް ކުލާސް ކައުންޓަރު ކައިރިއަށެވެ. ކޮންމެ މީހަކު ވެސް ދެވަނަ ފަހަރަށް ބަލާލާފައި އެއީ ހީނާކަން އެނގުމާއެކު ވަރަށް ގާތްކަމާ އެކު ސަލާމް ގޮވާލައި ހިނިތުން ވެލަ އެވެ ކޮންމެ މީހަކުވެސް ހީވަނީ ޒަމާނުއްސުރެ ފަރިތަ މީހުން ހެންނެވެ…
ލަދުރަކި ބައެއް މީހުން ދުރުގައި ހީލައިގެން ތިއްބެވެ. ތަންކޮޅެއް ޖެހިލުން ކުޑަ މީހުން ކައިރިއަށް އައިސް ވާހަކަ ދައްކަން ފަށައެވެ. އޭނާ ހަމައެކަނި އާނ ހޫނ އެއް އަޅުވާލަމުން ކުރިޔަށް ދިޔައެވެ. އިމިގްރޭޝަން ކައުންޓަރާ ހިސާބުން ހީނާގެ ކައިރި އަށް އައި މީހުން ހިނދުކޮޅަކަށް ހީނާ އާ ދުރަށް ދިޔަ އެވެ. ހީނާ، އިމިގްރޭޝަން އަންހެން ކުއްޖާ އަށް ބަލާލާފައި ހީލިއެވެ. އަދި ޕާސްޕޯޓް އެ ކުއްޖާ އަށް ދިއްކޮށްލި އެވެ. އަންހެން ކުއްޖާ ހީނާ އަށް ރަނގަޅު ހިސާބަކުން ސީޓް ހަމަޖެއްސި އެވެ.
ހީނާ ޗެކިން ނިމުމަށް ފަހު އެތެރެ އަށް ވަދެ ގޮނޑީގައި ހަމަޖެހިލިއެވެ އޭނާގެ ހިތުގެ ވިންދު ވަރަށް ބާރަށް ތެޅެމުން ދިޔަ އެވެ. އެވަގުތު ކުޑަކުދިންކޮޅެއް އައިސް ހީނާގެ ކައިރިއަށް މަޑުކޮށްލި އެވެ.
” އޮޓޮގްރާފް ޕްލީޒް.”
ހީނާ ހިނިތުންވެފައި އެ ކުދިން ގެނައި ގަނޑުގައި ސޮއިކޮށްލި އެވެ. އެވަގުތު އިތުރު މީހުން ހީނާ ކައިރި އަށް އަންނަން ފެށި އެވެ. ހީނާ ތެދުވެގެން އެހެން ދިމާލަކަށް ދާން ފެށި އެވެ. އެންމެ ފަހުން ގޮސް އޭނާ އަށް ފެނުނީ ފާޚާނާއަކީ އެންމެ ރައްކާތެރި ތަން ކަމަށެވެ.
“އަހަރެންނަކީ ޕަބްލިކް ޕްރޮޕަޓީއެއް. މިއީ އުޅެންޖެ ހޭ ހާލު. އަޅެ އަހަރެމެން ކަހަލަ މީހުންނަށް ހައި ސިކިޔުރިޓީ ލިބޭނެ ނަމަ ދޯ؟”
ހިތާހިތާ ހީނާ އަމިއްލަ އަށް ވާހަކަ ދެއްކި އެވެ.
ހީނާ އިސްތަށިގަނޑު އެހެން ގޮތަކަށް ހަދާލި އެވެ. އަދި އަވި އައިނު އަޅާލި އެވެ. މިހާރު ހީނާ ކުޑަކޮށް ތަފާތު ވެއްޖެ އެވެ. އަދި މަޑުމަޑުން ދެކޮޅު ހޯދުމަށް ފަހު ނިކުމެ އޭނާ ކުރިން ހުރި ދިމަ ނޫން ދިމާލެއްގައި އިށީނެވެ. ހިނދުކޮޅެއްގެ ތެރޭ ފުލައިޓަށް އަރަން ގޮވާލި އެވެ. ހީނާ އަވަސް އަވަހަށް ދިޔަ އެވެ..
ސަތޭކައެއްހާ ލޯތައް ހީނާ އަށް އަމާޒުވީކަން އޭނާ އަށް އެނގުނެވެ. އެހާ ވަރަށް ފިނިކޮށްފައި ހުރި ތަނުގައި ވެސް އޭނާ ދާހިތްލާ ފޯވެއްޖެ އެވެ.
ފުލައިޓަށް އެރުމާ އެކު އޭނާ ހަމަޖެހުމުގެ ނޭވާއެއް ލި އެވެ. އަދި އަވަހަށް ލޯ މަރައިގެން ނިދީ ކަމަށް ހެދިގެން އިނެވެ. ދެން ގައިމު އޭނާ ލޯ ހުޅުވާނީ ވެސް ފުލައިޓް ލަންކާ އަށް ޖެއްސީމަ އެވެ.
ލަންކާ އެއާޕޯޓްގެ ކަސްޓަމްގެ ކަންތައް ނިންމާފައި އޭނާ އަށް ހިލްޓަން ހޮޓަލަށް އާދެވުނު އިރު ހެނދުނު އެގާރަ ޖަހަނީ އެވެ.
މިއީ ދުވާލުގެ އެންމެ ތާޒާ ވަގުތެވެ. ހެނދުނު ހެނދުނާ ލަންކާ އަށް އާދެވުނީތީ އޭނާ ވަރަށް އުފާވި އެވެ. ފަތިހު ކުރި ދަތުރު ގެ ވަރުބަލިކަން އެއް ފަހަރުން ފިލައި ދިޔަ ކަހަލަ އެވެ. ހިލްޓަންގެ ކޮޓަރި އެހާ ވެސް ރީތިވެފައި އުޅޭހިތްވާ ކަހަލަ ގޮތެއް ހުއްޓެވެ. ކޮންމެ ފަރުނީޗަރަކުން އަގު ބޮޑު ކަމާއި ހައިބަތު ފެންނަން ހުއްޓެވެ
ހިނާއަށްޓަކައި އުލްފަތު ބުކް ކޮށްފައި ހުރީ އެހާމެ ތަނަވަސް ރީތި ކޮޓަރިއެކެވެ. ބެޑްރޫމާއި ގުޅިފައިވާ ބޮޑު ސިޓިންރޫމެކެވެ ފުރީ ވައިފައި ހުރިކަން އެނގުނެވެ..
ކޮމްޕިޔުޓަރު ބަހައްޓަންވެސް ވަކިން މޭޒަކާއި އޮފީހެއް ގޮތަށް ތަނެއް ހަދާފައި ހުއްޓެވެ. ހީނާ ވަގުތުން ލެޕްޓޮޕް ހުޅުވައިލައިގެން އުލްފަތަށް މެއިލްކޮށްލިއެވެ. އަދި ސަލާމަތުން ހިލްޓަން އަށް އާދެވުނު ވާހަކަ އާއި ތަނާ މެދު ހިތްހަމަޖެހޭކަން ވަރަށް ކުރު ގޮތަކަށް މެއިލްގައި އޭނާ ލިޔެލި އެވެ.
ކުޑަކޮށް ވެހެމުން ދިޔަ ވާރޭ ބެލްކަނީގައި އިނދެލައިގެން އޭނާ ވެނީލާ ސައި ހަދައިލައިގެން ބޯލި އެވެ. ތިން ހަފްތާ އަށް ވާވަ ރަށް އުލްފަތު ވެނީލާ ސައިފަތް ވެސް ހީނާގެ ދަބަހަށް އަޅާފައި ހުއްޓެވެ. މިކަމުގެ ސަބަބަކީ އޭނާ ބޭރަށް ދާން ޖެހިދާނެތީ އުލްފަތު ކުރިކަމެއް ކަން އޭނާ އަށް އެނގުނެވެ އޭނާ ހީލިއެވެ އުލްފަތުގެ އެއާދައިގެ ސަބަބުން އިތުރަށް އުލްފަތު ދެކެ އޭނާ ލޯބިވިއެވެ. .
އެއްވެސް ކަމެއް ބޭނުމީޔާ ވަގުތުން އޭނާ އުލްފަތު ގެންނާނީ އެވެ ސަބަބަކީ އުލްފަތަށް ވުރެ ބޮޑަށް އޭނާ ދަންނާނީ ވަކި ކާކު ހެއްޔެވެ؟
އޭނާ ދާންވާތަން ޑުރައިވަރު ކާރީ ބުނެލަމުން ފަހަތު ސީޓްގައި ހަމަޖެހިލިއެވެ. އޭނާ ލޯމަަރާލާފައި އޭނާގެ މާޒީގެ ފުންކަޑަށް ޢަރަޤު ވެގެންދިޔައެވެ. އޭނާ ހަޤީޤަތުގައި ލަންކާއަށް އެ އައީވެސް އޭނާ ލަންކާގަ ދޫކޮށްލި އެގެ ދެކިލުމަށެވެ. އެހަނދާންތައް ތާޒާކޮށްލުމަށެވެ. އެކަން އެންމެ ފުރަތަމަ ދުވަހު ފުރިހަމަ ވީތީ އޭނާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ރާމިޒް އާއި އެކު އޭނާ ލަންކާގައި އުޅުނު އިރު ކަންތައް ތައްވަރަށްތަފާތެވެ. އޭނާ އުލްފަތުއާއި އެކު އައިސް އެގެ ވިއްކާލިއިރު ވެސް ކަންތައްތައް ތަފާތެވެ. އެކަމަކު ބުނަން ނޭނގޭ ކަންތައް ތަކެއް ހިނގަމުން ދިޔައެވެ. އޭނާ އެގެ ދޫކޮށްލީ، ދޫކޮށްލާ ހިތަކުން ނޫނެވެ. އެކަމަކު އެގެ ހުރެގެންވެސް ލިބޭހިތި ހަނދާންތަކެއް ފިޔަވައި އޮތީ ކޮންފައިދާއެއް ހެއްޔެވެ؟. ލަންކާގެ މަސައްކަތް ނިންމާލާފައި ކުދިންނާ އޭނާ ރާއްޖެ އަށް އައުމަށްފަހު ލަންކާއަށް ދާނެ އެއްވެސް މަޤުސަދެއް، ބޭނުމެއް އޭނާގެ ނެތެވެ. އޭނާގެ ޙަޔާތުގެ އެފަލްސަފާ އެއިރު އޮތީ ގޮތަކަށް ނިމިފައެވެ. ޒަމާނެއްގައި އޭނާ މަސައްކަތާ ހެދި ނޭވާ ނުލެވިގެން އުޅުނަސް މިއަދު އޭނާއަށް ވަރަށް ވަގުތު އޮވެއެެވެ. ބޭނުން ކަމެއް ކުރަން ވަގުތު ލިބިފައި އެބައޮތެވެ. ފަނަރަ އަހަރު ފަހުން ވެސް މިތަނަށް އައުމުން ތާޒާވެގެން މިދިޔައީ ވަޅުޖެހިފަވާ އޭނާގެ ހަނދާންތަކެވެ.
ލޯމަރައިގެން އިންގޮތަށްއިނދެ ހީނާ ވިސްނަމުން ދިޔައެވެ. އޭނާ އިން ކާރު ޓަނަލްއެއްގެ ދަށުން ބާރަށް ދުއްވަމުން ގޮސް ޓުރެފިކް ޒޯންގައި މަޑުކުރަން ޖެހުނެވެ. އެވަގުތު ޑުރައިވަރު ހީނާއަށް ބަލާލިއެވެ. “މެޑަމް މަޑުކޮށްލިޔަސް އެންމެ ރަނގަޅުތޯ” ޑުރައިވަރ އަހާލިއެވެ. އެންމެ ރަނގަޅޭ ބުނާހެން ހީނާ ބޯޖަހާލިއެވެ. އޭނާ ކޮންމެހެން އަވަސް އަރުވާލާފަ ދާނެ ވަކި ތަނެއް ނެތެވެ. ޓުރެފިކް މަދުވުމުން ކުރިޔަށް ދިޔަޔަސް ވާނީ އެއްގޮތެވެ. އެހެން ނޫނަސް އޭނާ އިނީ ވަރަށް ވަރުބަލި ވެފައެވެ. ވީމާ ކޮންމެހެން އަވަސް އަރުވާލައިގެން ކާރުގައި ތަޅުވަމުން ދާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


V reethi ibrayytheri
addu online ga nuhunna vaahaka genes dhinun edhen!!!
Vahaka kudako thafathu dho addu online vure..but nice…english ethi kiyala hivi mithi kima… thank you rozy