Skip to content
އެސްފިޔަ

މިހިތަށް ލޯބިދޭށޭ… 3

އެހާ ދުވަސް ފަހުން ރިޝްމީގެ ނަން އިވުމުން ހިތަށް ފާޑެއްގެ ގޮތެއްވިއެވެ. ނާޝިދު އެކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ. އޭނައަށް އެސުވާލަށް ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ.

“އޭއި..ކޮބާ މަ ކުރި ސުވާލުގެ ޖަވާބު.. އެއަށް ޖަވާބެއް ދޭން ހާދަ ގިނައިރެކޭ ތިވަނީ..” އަޒާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ނާޝިދު އަހާލިއެވެ. އަޒާން އެއްވެސް އެއްޗެއް ނުބުނެ ހުރީ އެސުވާލަށް ޖަވާބު ދޭ ހިތްނުވީމައެވެ.

“ކޮން ވާހަކައެއްތަ ތިފެށީ..ނާދުއަށްވެސް އެނގޭނުން އެއީ އަހަރެން ދައްކަން ބޭނުންވާ ވާހަކައެއް ނޫންކަން.. އެކަމު އެސުވާލުގެ ޖަވާބު ދީފާނަން..ހިނގާ ބޭރަށް ކާން ދާން..އޭރުން އެވާހަކަ ކިޔައިދޭނަން..” އަޒާން އެހެން ބުނުމުން އެކަމާ އެއްބަސްވުމުގެ ގޮތުން ނާޝިދު ބޯ ޖަހާލިއެވެ. އަޒާން ކޮންމެވެސް ކަމެއް ސިއްރުކުރާކަން ނާޝިދުއަށް ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އަމިއްލައަށް އެވާހަކަ ނުދައްކަން ނިންމައިގެން އޭނާ ހުރީ ކޮންމެވެސް ދުވަހަކުން އަޒާން ކިޔައިދޭނެކަމުގެ ޔަގީންކަން އޮތީމައެވެ.

މުޅި ކޮޓަރިތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އޭސީގެ ގަދަ ފިނި ކޮޓަރިތެރޭގައި ހިފާލެވިފައިވެއެވެ. އެއްފަރާތެއްގައި ޑަބަލް ސައިޒުގެ އެނދެއް ބެހެއްޓިފައިވާއިރު އެނދު ކައިރީގައި ޑްރެސިންގ ޓޭބަލެއް ހުއްޓެވެ. އެނދުގައި ރިޝްމީ އޮށޯވެލައިގެން އޮތީ ވާހަކަފޮތެއް ކިޔާށެވެ. އެއީ އަބަދުވެސް ރިޝްމީގެ އާދައެކެވެ. މެންދުރުގެ ވަގުތުގައި ވާހަކައެއް ކިޔާލުމަކީ ކުޑައިރުއްސުރެންވެސް ކޮށް އުޅޭ ކަމެކެވެ. ވާހަކަ ކިޔާ ނުނިމި އުޅެނިކޮށް ކޮޓަރިއަށް ވަދެގެން އައީ ޔުމްނާއެވެ.

“ވާހަކަ ރާނީ..މިއަދުވެސް އެއްކަލަ ވާހަކަ ފޮތް ހިފައިގެން ދޯ..ކޮބާ މަންމަ..؟” ޔުމްނާ އައިސް އެނދުގެ މަގަތުގައި އިށީނަންމުން ބުނެލިއެވެ. ރިޝްމީ ޔުމްނާއަށް ބަލައިލަމުން ހީލިއެވެ.

“ދެން ފޫހިވެގެން ހަމަ ޖައްސާލީ ވާހަކަ ކިޔަން..މާމަ މިއަދު އުނަގަނޑުގައި ރިއްސާތީ ޖައްސާލި ގޮތަށް ނިދިފަ އޮތީ..ބްރޭކަށް ދޯ ތިއައީ..”

ވާހަކަފޮތް ލައްޕާލަމުން ރިޝްމީ ބުންޏެވެ.

“ރިޝްވެސް ވާޒިފާއަކަށް ދާންވީނުން..އޭރުން ތިހެން ފޫހިވެފަ އޮންނާކަށް ނުޖެހޭނެ..ވަޒީފާއަކަށް ދަމުން ކިޔަވަން ފަށާނީ..12 ނިންމި ގޮތަށް އެއްވެސް ކަމެއް ނުކޮށް ތިހުންނަނީ..” ޔުމްނާ އެހެން އަހާލީ ރިޝްމީ ދޭނެ ޖަވާބެއް ބަލައިލުމަށެވެ. އޭނައަށް ރިޝްމީގެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. ރިޝްމީއަށް ދިމާވި ކަންތައްގަނޑުގެ ސަބަބުން ބޭރަށް ނިކުންނަ ހިތްނުވާކަންވެސް ޔުމްނާއަށް އެނގެއެވެ.

“އަހަރެން ވަޒީފާއަށް ނިކުތީމަ ކާކު މާމަ ބަލާނީ..މިހާރުވެސް މާމަ އުޅެނީ ބަލިކޮށް.. އަހަރެން ނުވޭ މީހުންތެރޭ އުޅޭ ހިތެއް.. ގޭގަ މިހެން ހުންނަ މާ ހިތަށް ފަސޭހަ..” އިސްޖަހައިގެން އިނދެ ރިޝްމީ ވާހަކަދެއްކިއެވެ. ރިޝްމީ ދެއްކި ވާހަކައާ ދޭތެރޭ ޔުމްނާ ވިސްނާލިއެވެ. ރިޝްމީ އެބުނީ ތެދެކެވެ. ރިޝްމީ ވާޒިފާއަށް ދާން ފެށުމުން ގޭގައި ޝަރީފާ ބަލާނެ މީހަކު ނުހުންނާނެއެވެ. ނަމަވެސް ރިޝްމީ ވަޒީފާއަކަށް ނުދާން އެމަސައްކަތް ކުރަނީ ކޮންމެވެސް އެހެން ކަމެއް ވެގެންކަން ޔުމްނާއަށް ވިސްނުނެވެ. ހުދު ޝަރީފާ އަމިއްލައަށްވެސް ރިޝްމީ ގާތުގައި ވަޒީފާއަކަށް ދާން ކިޔާތާ ދުވަސްކޮޅެއްވެއްޖެއެވެ.

“ރިޝް..ތިންކް.. ތިގޮތަށް އުމުރު ބޭކާރު ނުކޮށްބަލަ.. ވަޒީފާއަކަށް ނިކުތުމުން އޭގެ ފައިދާ ހަމަ ކުރާނި ރިޝްއަށް.. ދިމާވި އެންމެ ކަމެއްގެ ސަބަބުން ހުރިހާ ކަމަކުން އަމިއްލައަށް މަހްރޫމްވެގެން ތިއުޅެނީ.. ނިކަން ގަދަވެލައިގެން އުޅެބަލަ.. ދުނިޔޭގަ އުޅޭއިރު އެކި ކަހަލަ ކަންތަކާ ދިމާވާނެ..އެކަމުން ފިލަން ދުވެ މަސައްކަތް ކުރުމަކީ އޭގެ ހައްލެއް ނޫނެ ރިޝް..ޔޫ އާ ގޮއިން ޓު ބީ ޓްވެންޓީ ސޫން.. ގަދަ އަޅާ މަސައްކަތްކޮށްފި ނަމަ ކާމިޔާބު ލިބޭނެ.. ރިޝް ކިތަންމެ ބޭނުން ނުވިސް ކޮންމެވެސް ދުވަހަކުން ރިޝްވެސް ޖެހޭނެ މީހަކާ އިނދެ ދިރިއުޅުމެއް ފަށަން..އޭރުން ލައިފް މާ ހާޑް ވާނެ.. ސޯ މިހާރު ކަންތަކާ ކުރިމަތި ލައިގެން އުޅުނީމަ ދޯ ފަހުންވެސް ހިތްވަރު ލިބޭނި..” ޔުމްނާ ބެލީ އެކިގޮތްގޮތުން ވާހަކަ ދައްކައިގެން ނަމަވެސް ރިޝްމީގެ ހިޔާލު ބަދަލު ކުރެވޭތޯއެވެ. ޔުމްނާ ގަބޫލުކުރާ ގޮތުގައި ރިޝްމީއަކީ ހިތްވަރެއް ލައިފިނަމަ ކަންކަމާ ކުރިމަތިލާން ކެރޭނެ ކުއްޖެކެވެ. އެހެން އެއްވެސް މީހަކު އެހީ ނުވިޔަސް އޭނާ ހުރީ ކޮންމެ ކަމެއްގައިވެސް ރިޝްމީއަށް އެހީވާން ތައްޔާރަށެވެ.

“ދޮނާއަށް ހީވޭތަ އަހަންނާ އިންނާނެ މީހަކު ވާނެހެން.. އެނގޭނުން އަހަރެން މީ ކޮންކަހަލަ މީހެއްކަން..އަހަރެންމީ އެއްވެސް ފިރިހެނަކު މެރީ ކުރަން ބޭނުންވާ ކަހަލަ މާތް އަންހެނެއް ނޫން” އިން ގޮތަށް އިނދެ ރިޝްމީ ބުނެލިއެވެ. އެއަޑުގައި ރިހުމެއްވެއެވެ.

“ރިޝްމީއާ އިންނާނެ ފިރިހެނުން ވާނެ.. ހުރިހާ ފިރިހެނުން އެއްގޮތަށް ނުވާނެ..އެކަން ޖެހޭނެ ރިޝް ގަބޫލުކުރަން.. ލޯގަނޑު ކުރި މައްޗަށް ހުއްޓިލާފަ އަމިއްލަ ސޫރަ ދެކިބަލަ..ތީ ނުލާހިކު ލޯބި ކުއްޖެއް.. ގެވެހި ކުއްޖެއް.. ދެން ތިބުނަނީ ރިޝް އަކީ މާތް އަންހެނެއް ނޫނޭ..މާތް އަންހެނަކަށް ވާން މަސައްކަތް ކޮށްލަބަލަ.. ރިޝް ދެކެ ލޯބިވާ ރަނގަޅު ފިރިހެނެއް ނަމަ ރިޝް ބަލައިގަންނާނެ..” ޔުމްނާ ވާހަކަ ދެއްކީ ހިތްހެޔޮކަމާއެކިގައެވެ.

“ދޮނާ ކަހަލަ ފަހަރިއެއް ލިބުނީތާ ހާދަ އުފާވޭ..އަހަންނަށް އެނގޭ ދޮނާ ތިހެން ތިބުނަނީ އަހަންނަށް ރަނގަޅަކަށްކަން.. ބަޓް އައި ނީޓް ޓައިމް ދޮނާ..” ޔުމްނާގެ އަތުގައި ހިފާ ބާރުކޮށްލަމުން ރިޝްމީ ބުނެލިއެވެ.

“ހޫމް..އޯކޭ..އެކަމް ދޮނާ މިދެއްކި ވާހަކައާ މެދު ރަނގަޅަށް ވިސްނާތި އިނގޭ.. މިހެން އިނދެވޭކަށް ނެތޭ..ދޭއް ޖަހަންވާއިރަށް އެބަ ޖެހޭ ދާން.. ހިނގާ ކާން ދެން” އެނދުން ތެދުވަމުން ޔުމްނާ ބުނެލިއެވެ. ދެމީހުން އެކުގައި ގޮސް ކޮޓަރިން ނިކުތެވެ.

“އޯ ގޯޑް..އަޒާން.. ކައޭ ތީ ހިތެއް އޮތް މީހެއްތަ..” އަޒާންގެ މާޒީ ކިޔައިދީ ނިމުމުން ނާޝިދު ވަރަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ. ދެމީހުން ކެއުމަކަށް އިންސާފުކޮށްގެން ތިބީ ސޯލްޓް ރެސްޓޯރެންޓްގައެވެ. މެންދުރުގެ ވަގުތުކަމުން އެތާނގައި ފުދޭ ވަރަކަށް މީހުން ތިއްބެވެ.

ނާޝިދަށް އަޒާންގެ މާޒީ އިއްވާލީ ނާޝިދުގެ ފަރާތުން އެހީ ބޭނުންވާތީއެވެ. ނާޝިދު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިވަރުގެ ބޮޑު އޮޅުވާލުމެއް އަޒާން އޮޅުވާލާނެއޭ ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ.

“އަޒާން ކީއްވެ ދޮގު ހެދީ..؟ ކުރިން އަޒާން ބުނީ ރިޝްމީ އެހެން ފިރިހެނެއް ކައިރިއަށް ދިޔައީމައޭ ރުޅިވީ.. ކީއްވެ ކުރިން ތެދަށް ނުބުނީ.. އޭ ކީއްވެ..؟ ނާޝިދު ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން އޭނަ ވާހަކަ ދެއްކި ރާގުންވެސް އެނގެއެވެ.

“އަޒާން.. މަ ހަމަ ހައިރާންވެއްޖެ ކަލޭ އެވަރުގެ ކަމެއް ކުރީތީވެސް.. ނޭނގޭތަ ތިކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން.. އައި ކާންޓް ބްލީވް ދިޒް.. ތިވަރުގެ ލަނޑެއް ދޭން ހެޔޮ ވެސް ނުވާނުން..ތީ ފިރިހެނެއްތަ..މި ހުރިހާ ދުވަހު މަ ހީކޮށްގެން މިހުންނަނީ ރިޝްމީ ކަމަށް ގޯހީ..” ދެން ވެސް ވާހަކަ ދެއްކީ ނާޝިދެވެ.

“އަހަންނަށް އިނގޭ އަހަރެން ދެކެ ރުޅި އަންނާނެކަން..ރުޅި އައުން ހައްގު.. އޭރު މިވާހަކަ އެއްވެސް މީހެއް ގާތު ނުބުނީ އަހަރެންގެ ހުރި ވިޔާނުދާކަން އެނގެން ބޭނުންނުވާތީ..އަސްލު ރިޝްމީއަކީ ވަރަށް ރަނގަޅު ކުއްޖެއް..ގޯސް ހެދުނީ މަށަށް.. މަ އެއްވެސް އިރެއްގަ ރިޝްމީ ދެކެ ލޯތްބެއް ނުވޭ.. އެކަމު އޭނައާ ދޭތެރޭ ކަންތައް ކުރެވުނު ގޮތާ މެދު މިހާރު ވަރަށް ދެރަވޭ..”  ރިޝްމީ ގާތުން މާފަށް އެދެން އަޒާން ބޭނުންވެއެވެ. ނަމަވެސް އަޒާންއަށް ރިޝްމީ މާފު ކުރާނެބާއެވެ.

“މަ ދެން ވަކި ކީކޭ ބުނާނީ..އެމަންޖެ ހިޔެއްނުވޭ އަޒާންއަށް މާފު ކުރާނެ ހެންނެއް.. އެކަމު ޓްރައި ކޮށްލާ.. ދެން އެކަމާ ބެހޭ ގޮތުން ފަހުން ވާހަކަ ދައްކާނީ.. ލަސްނުވަނީސް އޮފީހަށް ވަންނަ ޖެހޭނެ..” ތައްޓަށް ކޯކު އަޅަމުން ނާޝިދު ބުނެލިއެވެ. (ނުނިމޭ)

Comments (8)

  1. Ishu

    guys I’m really sorry for the late update. I am very very busy with my studies. hope you guys will understand. I will try to upload next part on thursday. next part will be little bit longer than this. In Sha Allah 🙂
    Thanks for your support and love.. Love you all <3

  2. Sabeeha

    v salhi…?

  3. Kaily

    Nice..

  4. nafu

    dont neglet ur studies ingey……best of luk with ur studies and u can take ur time ishu i will always be waiting for ur update 🙂 varuh salhi vaahaka 🙂 🙂

  5. fai

    Fakkaa ingey

  6. Aishaaaa

    Reethi v?

  7. bitch

    Kobaatha thiya bunaa Thursday eh naeh nu ?

  8. t

    v reethi

Comments are closed.