ފެހި ކުލައިގެ ފުޅާ މުސައްލައެއްގެ މަތީގައި އަންހެންކުއްޖަކު ދުޢާކުރުމަށްޓަކައި ދެއަތް މައްޗަށް އުފުލައިގެން އިނެވެ. އަޅާފައިވާ ހުދުކުލައިގެ ދޮޅި ފަންކާއިން ޖެހެމުންދިޔަ ވައިން ވިހުރުވަމުންދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ތިރިއަށް ފައިބަމުން ދިޔައެެވެ. ތުންފަތުގައި މަޑުމަޑު ތުރުތުރެއް ހުރިއިރު މަޑު މަޑު ގިސްލުމެއްގެ އަޑުވެސް އިވެމުންދިޔައެވެ. ކުއްލިއަކަށް އެއަންހެން ކުއްޖާ ސިއްސައިގެން ދިޔައީ އަޅައިގެން އިން ދޮޅިއަށް ބާރުވުމުންނެވެ. އަންހެން ކުއްޖާ ދެލޯމަރާލީ ކާކުގެ ކަމެއްކަން އެނގޭތީއެވެ.
” އަހަރެން އައިޝާއަށް ގޮވާތާ ކިހާ އިރެއް.. ކަންފަތް ބީރުވީތަ” ދޮޅި އަތަށް އޮޅާލައިގެން ހުރި އައިޝާގެ ދޮންމަންމަ ސޮފިއްޔާ ހަރުއަޑުން ބުންޏެވެ. އަދި ހަމައެއާއެކު އައިޝާ އަޅައިގެން އިން ދޮޅި ދަމައިގަތެވެ. ނަމަވެސް އައިޝާ ގުޑިވެސްނުލާ އިންތާއިނީ މާތްﷲ އަށް ވަކީލުކޮށްލައިގެނެވެ. އެކަލާނގެ އިރާދަފުޅުން މެނުވީ އެއްވެސް މީހަކަށް އައިޝާއަށް ގެއްލުމެއް ނުދެވޭނެކަން އެނގޭތީއެވެ.
” އަދިވެސް ބަލަން އިންނަނީތަ.. އަހަރެންގެ ރައްޓެހިން އަންނަންވާއިރަށް މިގޭ ކައްކަން ކަލޭ ބައްޕައެއް ނާންނާނޭ.. ” އަނެއްކާވެސް ސޮފިއްޔާގެ ހަރު އަޑު މުޅިތާނަގައި ގުގުމާލިއެވެ.
“ދައްތާ އަހަރެންގެ ދޮޅި އަހަންނަށް ދީ.. ދައްތަގެ ރަހުމަތްތެރިން އަންނަންވާއިރަށް އަހަރެން ބަހައްޓާނީ ކައްކާަފަ.. ދައްތާ ޝަކުވާ ކުރާނެ ފުރުސަތެއް ނުދޭނަން” އައިޝާގެ އަޑުގައި ވަނީ މައުސޫމުކަމެވެ. މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއިރު މޫނުމަތިން ރުޅީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ސޮފިއްޔާ ދޮޅި އައިޝާގެ މޫނަށް ޖަހާފައި ދިޔައީ ގަޑިއަށް ކަންތައް ނުވެއްޖެނަމަ އަދަބުދޭނަން ކަމަށް ބުނެފައެވެ. ސޮފިއްޔާ ދިއުމުން އައިޝާ ދޮޅި ރީއްޗަށް ފަތް ޖަހާލިއެވެ. އަދި މުސައްލަ ތެރެއަށް ލުމަށްފަހު މުސައްލަ އޮޅާލައި އެއޮންނަ ތާނގައި ބޭއްވިއެވެ. އަދި މޫނުގަ އަޅާ ފޮތިކޮޅު ބަނދެލުމަށްފަހު ރީތިކޮށްލިއެވެ. އެއަށްފަހު އަވަސްވެގަތީ ދޮންމަންމަ ބުނި ކަންތައްކުރުމަށެވެ.
ސޮފިއްޔާ ބުނާ ކަންތައް އައިޝާ ކޮށްދެނީ ސޮފިއްޔާ ދޭ އިންޒާރުތަކަށް ބިރުންނެއް ނޫނެވެ. ނަމަވެސް މިއަދު އައިޝާގެ މަންމަގެ މަގާމުގައި ސޮފިއްޔާ ހުރީތީއެވެ. ލޯބިވާ ބައްޕައަށްޓަކައެވެ. އަދި ކޮއްކޮ އީޝަލްއަށްޓަކައެވެ. އީޝަލްއަކީ ދޮންމަންމަ އާއި ބައްޕައަށް ލިބިފައިވާ ހަމައެކަނި ދަރިއެވެ. އަދި އައިޝާގެ ހަމައެކަނި ކޮއްކޮއެވެ. އީޝަލްއަކީ ސޮފިއްޔާގެ ދަރިއަކަށްވިޔަސް ސޮފިއްޔާގެ އެއްވެސް ސިފައެއް އީޝަލްއަށް ލިބިފައެއް ނުވެއެވެ. ބަދަލުގައި އީޝަލް އަބަދުވެސް ބޭނުންވަނީ އައިޝާ އުޅޭގޮތަށް އުޅޭށެވެ. އައިޝާ އާއި އީޝަލް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ. އީޝަލްއަކީ އައިޝާގެ ފުރާނަފަދަ ކުއްޖެކެވެ. އީޝަލްއަކީ މިދުނިޔޭގައި ބައްޕަ ހާރޫނަށް ފަހު އައިޝާދެކެ އެންމެ ލޯބިވާ ފަރާތެވެ.
އައިޝާ އެންމެ ދެރަވަނީ މަންމަގެ ލޯތްބަށް އެންމެ ބޭނުންވިދުވަހު އެލޯބި ނުލިބުނީތީއެވެ. އައިޝާއަށް އެންމެ ދެއަހަރުގައި އެމަންމަ މިދުނިޔެއާއި ވަކިވީ ޑެންގީހުމަށް ފަރުވާކުރަމުން ދަނިކޮށެވެ. އޭގެ ދެއަހަރުފަހުން ހާރޫން ސޮފިއްޔާ އާއި އިނީ އައިޝާއަށް މަންމައެއްގެ ލޯބި ހޯދައިދޭން ބޭނުންވާތީއެވެ. ހާރޫން ހީކުރިގޮތާ އެއްގޮތަށް ސޮފިއްޔާ އައިޝާއަށް ކަންތައްކޮށްދެނީ މަޔަކު ދަރިއަކަށް ކޮށްދޭހާ ރަނގަޅަށެވެ. ސޮފިއްޔާއަށް އީޝާލް ލިބުނީ އައިޝާގެ އުމުރުން އަށް އަހަރުގައެވެ. އީޝަލް ލިބުމާއެކު ހާރޫނު ބޯޓުދަތުރު ކުރަން ދިޔައީ ސޮފިއްޔާއަށް ފުރިހަމަ އިތުބާރު އޮތީމައެވެ. ނަމަވެސް ހާރޫނު ދިޔަތާ މާގިނަ ދުވަސްތަކެއް ނުވެ ކަންތައްތައް ބަދަލުވާންފެށިއެވެ. ސޮފިއްޔާ އައިޝާއަށް ދޭލޯބި ކުޑަވާން ފެށިއެވެ. އީޝަލްއާއި އައިޝާއާއި ދެމެދު ތަފާތުކުރުން ބޮޑުވިއެވެ. މަޑުމަޑުން ސޮފިއްޔާގެ އަސްލު ސިފަ އައިޝާ ކުރިމަތީގައި ފާޅުވަމުން ދިޔައެވެ.
އޭގެ ފަހުން އައިޝާ ހޭދަ ކުރަމުންދިޔައީ ހިތްދަތި ދުވަސްތަކެކެވެ. އެހާ ކުޑައިރުގައި ބަދިގެއަށް ވަދެ ކައްކަން ޖެހުނެވެ. ސުކޫލަށް ދިއުމުގެ ކުރިން ދާންޖެހެނީ ސޮފިއްޔާ ބުނާ ހުރިހާ ކަމެއް ކޮށްފައެވެ. އެންމެ ކަމެއް ނުކޮށްދިޔަސް އައިޝާ ސުކޫލުގައި އިންދާ ގެނެސް އެކަމެއް ކުރުވާނެއެވެ. އެހެން ނޫނީ ސުކޫލުން އައިމަ އެކަމަކަށް އަދަބުދޭނެއެވެ. ސޮފިއްޔާ އައިޝާއަށް ކުރަމުންދާ އަނިޔާ އެންމެ ކައިރިން ފެންނަމުން ދިޔައީ އީޝަލްއަށެވެ. އީޝަލްގެ ހިތްވަނީ އައިޝާއަށްޓަކައި ހަމްދަރުދީއިން ފުރިފައެެވެ. ހަމައެހެންމެ އީޝަލް އޭނާގެ އަމިއްލަ މަންމަދެކެ ފޫހިވާން ފެށިއެވެ. އަދި އައިޝާއާއި ބޮޑަށް ގާތްވެ ކަންކަމުގައި އައިޝާއަށް އެހީވާންފެށިއެވެ. އީޝަލް އެންމެ ހައިރާންވަނީ ސޮފިއްޔާ ކަންތައްކުރާ ގޮތާމެދު އައިޝާ ކެތްތެރިވާތަން ފެނިފައެވެ. އައިޝާގެ ޖާގައިގައި އީޝަލް ހުރިނަމަ ކެތްނުވާނޭ އީޝަލްގެ ހިތަށްއެރިއެވެ. އެއްދުވަހު އީޝަލް އައިޝާއާއި ސުވާލުކޮށްލިއެެވެ.
” ދޮން ކީއްވެ މަންމަ އެވަރަށް އެއްޗެހި ގޮވާ ގޮތް ހަދާއިރުވެސް އެއްޗެއް ނުބުނެ ހުންނަނީ” އީޝަލްގެ ސުވާލުން އައިޝާ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އިތުރު ބަހެއް ނުބުނެ އައިޝާ ފޮތްގޮނޑި މަތީގައި އޮތް ޤުރުއާނުގެ ތަރުޖަމާ ނަގާ ހުޅުވާލިއެވެ.
” އީޝޫއަށް އެނގޭތަ ޤުރުއާނުގަ ނުވަދިހަ ފަހަރު ކެތްތެރިކަން އައިސްފައި ވާކަން” އީޝަލްގެ ދަތްދޮޅީގައި ހިފާލަމުން އައިޝާ އެހެން ބުނެލީ ވަރަށްވެސް ލޯބިންނެވެ. އަދި އީޝަލްއަށް އެކަމާ ގުޅޭ އެކި އެކި އާޔަތްތަކާ އޭގެ މާނަ ދައްކަމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ.
………………………
އައިޝާ ބަދިގޭގައި އަވަދިނެތި އުޅުނުއިރު އިރުއިރުކޮޅާ ގަޑިއަށް ބަލާލިއެވެ. ދޮންމަަންމަދެކެ ބިރަކުން ނޫނެވެ. ނަމަވެސް އީޝަލް އަދިވެސް ކޮލެޖުން ނާންނާތީއެވެ. އެންމެ ފަހުން އައިޝާގެ އިންތިޒާރު ނިމުމަކަށް އައީ ދޮރުން ވަދެގެން އައި އީޝަލް ފެނުމުންނެވެ. އީޝަލް ފެނުމާއެކު އައިޝާ ކުރަންހުރި މަސައްކަތް ހުއްޓާލުމަށްފަހު ފުރިޖުން ޖޫސް ޖަގު ނަގައި ތައްޓެއް އެޅުމަށްފަހު ބަދިގެއަށް އައިސްވަން އީޝަލްއަށް ދިއްކޮށްލިއެވެ.
” ދޮން އަހަރެން އަމިއްލައަށްވެސް ޖޫސް ނަގައިގެން ބޮއެފާނަމޭ.. އަހަންނަކީވެސް މިހާރު ސޯޅަ އަހަރުގެ ބޮޑުއަންހެނެއް..” ޖޫސްތަށިގައި ހިފަމުން އީޝަލް ބުންޏެވެ. އީޝަލް ބުނި އެއްޗަކުން އައިޝާއަށް ހެވުނެވެ.
” މިހާރު ތިބުނި ޖުމްލައިންވެސް އެނގިއްޖެ ކިހާބޮޑު އަންހެނެއްކަން.. އެހެންވެގެންތާ ސޯޅަ އަހަރުގަ އަންހެނަކަށްވަނީ.. އަހަރެން މިވީހާ ދުވަހު ހީކުރީ އަށާރަ އަހަަރުވީމަ ކަމަށް އަންހެނަކަށްވަނީ..” ހެމުން ހެމުން އައިޝާ ބުނިގޮތުން އީޝަލްއަށްވެސް ހެވުނެވެ.
” އެނގޭތަ މިއައީ ބްރޭކިން ނިއުސް ހިފައިގެން.. ” ޖޫސްތަށިން ކޯވަރެއް ބޯލަމުން އީޝަލް ބުންޏެވެ. އައިޝާ ރޮށި ފިހަން ހުރެ ކިހިނެއްވިތޯ ސުވާލުކުރިއެވެ.
” ޖެހިގެން ހުރި ގެއަށް ބަހާރު މޫސުން އައިސްގެނެއްނު އެއުޅެނީ.. އެގޭ މިސް ޕަރފެކްޓްވެސް ކޮލެޖްގަ ފޮނިކަނޑާވަރުން ހީވަނީ އެހެންފަދަ ކަމެއްހެން” އަނގަ ހަދާލަމުން އީޝަލް ބުންޏެވެ.
” އީޝޫ.. ދޮން ކިހާވަރަކަށް ބުނަންތަ އެއްވެސް މީހަކަށް އެމީހާ ނަމުން ނޫނީ ނުގޮވާށޭ.. މީހުންގެ ނުރުހުމުގަ އެމީހުންނާ ދިމާއަށް ފާޑުފާޑުގެ ނަމުން ގޮވުމަކީ މާތްﷲ ނަހީ ކުރައްވާފައިވާކަމެއް… ” ރޮށި ދަމަމުން އައިޝާ ވާހަކދެއްކިއެވެ.
” އޯކޭ ސޮރީ.. ހައިފާގެ ބޭބެ މާމޮޅަށް ކިޔައިވައިގެން އެނބުރި އައިއްޔޯ…” އީޝަލްގެ ޖުމްލައިން އައިޝާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އަދި އީޝަލްއާއި ދިމާއަށް ބަލާލިއިރު މޫނަށް ވެރިވެފައިވަނީ ހައިރާންކަމެވެ.
” ނޭނގޭތަ.. ދޮން މެންނާ އެއްކޮށް ކުރީގަ ކިޔެވިއެއްނު އެގޭ ހުޝާމް ކިޔާ ކުއްޖެއް..” އީޝަލް މިހެން ބުނުމާއެކު އައިޝާއަށް ނޭވާ އެތެރެހަށިގައި ތާށިވިހެންނެވެ. ތަވާ މަތީގައިއޮތް ރޮށި އެނދިއިރުވެސް ހުއްޓުން އަރާފައި ހުރެވުނީއެވެ. އީޝަލް އަވަސްއަވަހަށް އުދުން ނިއްވާލާއި ތަންކޮޅެއް ބާރަށް އައިޝާއަށް ގޮވާލިއެވެ. އައިޝާ އަށް ހޭވެރިކަމެއްވީ ދެނެވެ. އީޝަލް ކިހިނެއްވީތޯ ސުވާލުކުރުމުން އެބައަންނަމޭ ބުނުމަށްފަހު އައިޝާ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް ހުއްޓެން ޖެހުނީ ކުރިމައްޗަށް އެރި މީހެއްގެ ސަބަބުންނެވެ.
_ނުނިމޭ-
3429 Comments
Comments are closed.
Ehbai nufeney…vaaanuva neyge
Haadha kurey.. But v reethi
dhen anna faharaku in sha allah dhigu kohlaanan 🙂
vaahakaige ehbai fehnanee.
E’bunaahen ehbai fennanee. Reethi vaane hen Heeley. .. waiting for the next part
v bodah sorry e kuda mssalaeh dhimaa v.. mihaaru innaany rangalhah.. heekuran emmenahves kamudhaane kamah.. 🙂
yep..half fennanii
Ma sha allah. Rythi vaahakaeh. Ekamaku thankolheh kuriy
jazakallah khair Kia.. 😉 dhen anna faharakun miahvure dhigukohleveytho balaanan 🙂
Masha allah v rythi vaahaka v interesting but thankolheh kury ekamves v rythi waitin 4 next part
haaaan
jazakallah khair 🙂
Masha Allah. . V v reethi feshun ves. . Unmmeeedh kuran story ehkkn nimmaane kamah.. waiting for the next part.. ?
haaaaan dhw
in sha allah ninmeythw balaanan.. and jazakallah khair for the lovely comment 🙂 :*
haaaaaan ebunii thedhei
Vaahaka v reethi.. heekuran avahah update vaane kamah.. vaahaka ninmaafa noonee vaahaka liyun nuhutahchey.. Ehen noonee varah foohi vaane.. vaahaka genesdhey dhuvas thah angaalahchey….waiting waiting..
in sha allah 🙂 vaahaka genesdhevytho balaanan hama frequent koh.. ekam vaki dhuvaheh ehen bunaakah nenge..
v rythi
jazakallah khair 🙂
V rythi
jazakallah khair pink 🙂
Vaahaka v reethi… love Aisha’s character
yeah me 2 :p hehe.. jazakallah khair falak 🙂
Varah reethi
vaahaka v reethi… 🙂
Ma sha Allah
V reethi
salhi
MashaAllah, varah reethi feshumeh. ??