
ލޯބިން މިހިތް ވަނީ ފިދާއޭ – 3

ދަންވަރުގެ ހަމަހިމޭންކަން މުޅި ލަންޑަނަށް ވެރިވެފައިވާއިރު، ރެހާންގެ ކޮޓަރީގައި ހުރީ ފަނޑު އަލިކަމެކެވެ. ބެލްކަނީގެ ބިއްލޫރި ދޮރު ކުޑަކޮށް ހުޅުވާލާފައި ހުރުމުން ވަންނަމުން ދިޔަ ފިނި ވައިރޯޅިތަކުން ކޮޓަރީގެ ފަރުދާތައް މަޑުމަޑުން ހޫރެމުން ދިޔައެވެ. ރެހާން އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިނދެ، ފޯނު ކަންފަތުގައި ޖައްސާލައިގެން އިންއިރު އޭނާގެ އެ ފުން ނޫ ދެލޮލުން ފެންނަނީ ފުން ވިސްނުމެއްގެ އަސަރެވެ.
“ރެން…” ފޯނުގެ އަނެއްކޮޅުން އިވުނީ ޒާރާގެ ނިދިބަރު، އެކަމަކު ނުހަނު ލޯބިވެތި އަޑެވެ. “ހާދަ މަޑުން ތިހުރީ؟ އަހަރެމެންގެ ކައިވެނީގެ ތާރީޚު ފައިނަލްވީމަވެސް ހެޕީ ނުވަނީތަ؟ ނޫނީ ކަމަކާ ކަންބޮޑުވެފަތަ؟”
ޒާރާގެ އެ ހިތްގައިމު އަޑު ކަންފަތުގައި ޖެހުމާއެކު، ރެހާން އަވަސްއަވަހަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކޮށްލިއެވެ. އަދި ތުންފަތްމައްޗަށް ލޯބިވެތި ހިނިތުންވުމެއް ވެރިކުރިއެވެ.
“ނޫނޭ ޒާ… އައި އެމް ދަ ހެޕިއެސްޓް މޭން އަލައިވް،” ރެހާން އޯގާތެރިކަމާއެކު ބުނެލިއެވެ. “ޒާ އަހަރެންގެ ހަޔާތަށް އަންނަން އުޅޭތީ އުފާނުވާނެ އެއްވެސް ސިކުންތެއް ނާންނާނެ. ދުވަހަކުވެސް ތިހެން ހީނުކުރާތި.”
“ދެން ކީއްވެ ތިހާ ބަރު އަޑަކުން ވާހަކަ ތި ދައްކަނީ؟” ޒާރާ އެ ވާހަކަ ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. އެ ޑޮކްޓަރުގެ ވިސްނުންތޫނު ސިކުނޑިއަށް ރެހާންގެ ހިތުގައި ކޮންމެވެސް އުނދަގުލެއް އުޅޭކަން ވަގުތުން ނަގައިގަނެވުނެވެ. “ޔޫ ކޭން ޓެލް މީ އެވްރީތިންގ، ރެން. ޔޫ ނޯ ދެޓް.”
ރެހާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ޒާރާގެ ކިބައިން އެއްވެސް ކަމެއް ސިއްރުކުރުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ.
“ޒާ… މިއަދު ޔާން ދެއްކި ވާހަކައެއްގެ ސަބަބުން،” ރެހާން އިސްދަށަށް ޖަހާލަމުން ފެށިއެވެ. އޭނާގެ އަޑުގައި ހިތާމައިގެ ތުރުތުރު އެޅުމެއް ވިއެވެ. “އޭނަ މަޖަލަކަށް ހަދާފަ ބުނީ… ދޮންބެދައްތަ އަޔަސް ދޮންބެއާއި ދޮންބެދައްތަގެ ފުލް އެޓެންޝަން އޭނައަށް ބޭނުންވާނެޔޭ. އަދި ބުނި ބައްޕައާއި ދޮންބެ އޭނަ ދޫކޮށްލާފަ ގޮސްގެން ނުވާނެޔޭ… އޭނަ ދުނިޔެއިން މޮޔަވެދާނެޔޭ.”
ރެހާން ކުޑަކޮށް ހިމޭންވެލިއެވެ. އެ ބަސްތައް އަލުން ކިޔާލުމުންވެސް އޭނާގެ މޭގައި ރިއްސައިގަތް ކަހަލައެވެ.
“އޭނަ އެހެން ބުނީ ވަރަށް ހީފަ މަޖާވެލާފަ. އެކަމަކު ޒާ… އެ ބަސްތައް އިވިފަ އަހަރެންގެ ހިތަށް ވީ އުނދަގޫ ބުނެދޭންވެސް ނޭނގެ. އަހަންނަށް އެނގޭ ޔާން ބޭރުފުށުން ކިތަންމެ ބޮޑާވެފަ ގޮތްދޫނުކުރިޔަސް، އޭނަގެ ހިތުގަ އޮންނަ ބިރުވެރިކަން. މަންމަ ނިޔާވި ފަހުން އޭނައަށް އަހަރެމެން ނޫން ބަޔަކު ނެތް. އޭނަ ބިރުގަންނަނީ އަހަރެމެން އޭނަ ބާކީކޮށްލަފާނެތީ. އެ ހިތުގަ އަޅާ ވޭން އިހުސާސްވެފަ އަހަރެންގެ ހިތް ކުދިކުދިވި.”
ޒާރާގެ ހިތް ރެހާންގެ ވާހަކަތަކުން މަޑުކަފަކޮޅަކަށް ވިއެވެ. ރެހާންގެ ކޮއްކޮއަށްޓަކައި ހިތުގައި އޮތް އެ ފުން ލޯތްބާއި، އޯގާތެރިކަން ފެނިފައި ޒާރާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
“ރެން…” ޒާރާ ނުހަނު އޯގާތެރި އަޑަކުން ގޮވާލިއެވެ. “ޔާންއަކީ އަހަރެންގެވެސް ކޮއްކޮއެއް ފަދަ ކުއްޖެއް. އަހަރެން އެ ގެއަށް އަންނަނީ ޔާންގެ ފަރާތުން ރެން ޖަހައިގަންނާކަށް ނޫން. އަހަރެން އަންނާނީ ޔާންއަށް ދޮންބެދައްތައެއްގެ ފުރިހަމަ ލޯތްބާއި އަޅާލުން ދޭން. އަހަރެމެން ދުވަހަކުވެސް ޔާން ބާކީއެއް ނުކުރާނަން. ޔޫ ޑޯންޓް ހޭވް ޓު ވޮރީ، ލަވް. އައި ޕްރޮމިސް ޔޫ.”
ޒާރާގެ އެ ހިތްހެޔޮ، އަޅާލުމުން ފުރިގެންވާ ބަސްތަކުން ރެހާންގެ ހިތަށް ފުން ފިނިކަމެއް ގެނެސްދިނެވެ. އޭނާގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ދިޔަ ކަހަލައެވެ. މިފަދަ ހިތްހެޔޮ ބައިވެރިއަކު ދެއްވި ކަމަށްޓަކައި އޭނާ ހިތާހިތުން ޝުކުރުކުރިއެވެ. އަދި މާހައުލުގައިވި ހިތާމަވެރިކަން ކަނޑުވާލައި، ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން ރެހާން ބޭނުންވިއެވެ.
ރެހާންގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް، އިޝްޤީ ހިނިތުންވުމެކެވެ. އޭނާގެ އަޑު މަޑުމައިތިރިވެ، ޖަޒުބާތުން ފުރިގެން ދިޔައެވެ.
“ދެން އެ ވާހަކަ ބާއްވާ… ޒާ ދެންމެ އަހަރެން ހެޕީ ނުވަނީހޭ އެހީމެއްނު؟” ރެހާންގެ އަޑުގައި ވަނީ ހިތްދަމައިގަންނަ ފަދަ ފުން އަސަރެކެވެ. “އަސްލު އަހަރެން ހިތާމަކުރަނީ މި ކައިވެންޏަށް އަދި މަހެއްހާ ދުވަސް އޮތީމަ. އަހަރެން ބޭނުމީ މިހާރުން މިހާރަށް ޒާ އަހަރެންގެ އަތުތެރެއަށް ގެންނަން. ކޮންމެ ރެއަކު މިގޮތަށް ފޯނުން ވާހަކަ ދެއްކުމުގެ ބަދަލުގައި، އަހަރެންގެ މޭގައި ޒާގެ ބޯއަޅާލައިގެން، ތި ރީތި ބުޅި އިސްތަށިގަނޑުގައި ފިރުމަމުން ނިދަން ބޭނުންވާތީ… ޒާގެ ތި ކަޅު ދެލޮލުގެ ތެރެއަށް ގެނބިގެން މުޅި އުމުރު ހޭދަކުރަން އަހަރެންގެ ހިތް ކެތްމަދުވެފައިވާ ވަރު ޒާއަކަށް ނޭނގޭނެ.”
ރެހާންގެ އެ ފުން އިޝްޤީ ބަސްތަކުން ޒާރާގެ މޫނު ވަގުތުން ލަދުން ރަތްވެގެން ދިޔައެވެ. އަނެއްކޮޅުން އިވުނީ ޒާރާގެ ލަދުރަކި ހުނުމުގެ މަޑު އަޑެވެ.
“ރެން… ތިހާ ވަރަށް ފްލާރޓް ނުކޮށްބަލަ،” ޒާރާ ލޯބިން ފުރިގެންވާ އަޑަކުން ބުންޏެވެ. “އަހަރެންގެ ހިތް ހުއްޓިދާނެ.”
“ހުއްޓުނަކަ ނުދޭނަން،” ރެހާން ލޯބިން ފުރިގެންވާ ގޮތަކަށް ބުންޏެވެ. “އަހަރެންގެ ކޮންމެ ވިންދަކުން ޒާގެ ހިތަށް ދިރުން ދޭނަން.”
ދެ ލޯބިވެރިންގެ ދެމެދުގައި މިފަދަ ފޮނި، އިޝްޤީ ވާހަކަތަކެއް ދެކެވެމުން ދިޔައިރު، ލަންޑަނުގެ ފިނި ރޭގަނޑު ވަނީ އެމީހުންގެ ލޯބީގެ ހޫނުކަމުން ދިއްލިފައެވެ.
*****
ހެނދުނުގެ ރަންދޯދިތައް ބޮޑެތި ބިއްލޫރި ދޮރުތައް ފޫއަޅުވާލާފައި، ޒަމާނީ ބަދިގެއާއި ކާގޭގެ އޮމާން މާބަލް ތަޅުންގަނޑުމައްޗަށް އެޅިފައި އޮތެވެ. މާހައުލުގައި ވަނީ ތާޒާ ކޮފީގެ މީރުވަހާއި، ކާ މޭޒުމަތީގައި އަތުރާލެވިފައިވާ ނާސްތާގެ މީރުވަހެވެ.
މޭޒުގެ އެއްކޮޅުގައި، އަޅިކުލައިގެ ފުރިހަމަ ސޫޓެއްގައި އޮފީހަށް ދާން ތައްޔާރުވެގެން އިނީ ރެހާންއެވެ. ގަޑިއާއި ކަފްލިންކްސް އަޅައި، އިސްތަށިގަނޑު ތަރުތީބުން އެއްފަރާތަކަށް އޮމާންކޮށްލާފައި ހުރިއިރު އޭނާ ފެންނަނީ ވަރަށް ހަރުދަނާކޮށެވެ. އޭނާގެ ކުރިމަތީގައި އިން މާލިކް އިނީ އައިޕެޑުން ދުވަހުގެ ނޫސްތައް ކިޔާށެވެ.
މި ހަމަހިމޭންކަން މުގުރާލީ، ބަދިގެއަށް ވަދެގެން އައި ފިޔަވަޅުތަކެއްގެ އަޑަށެވެ.
ދޮރުމަތީގައި ހުރީ ރެޔާންއެވެ. އޭނާގެ ކަޅުކަންގަދަ ބޯ އިސްތަށިގަނޑު ވަނީ ނިދީގެ ސަބަބުން ނަލަ ގޮތަކަށް ހޭވި، ނިތްކުރިމައްޗަށް ވެއްޓިފައެވެ. ނިދިބަރުވެފައިވާ އެ އަޖައިބެއްފަދަ ނޫ ދެލޯ ކުޑަކޮށް ހަނިކޮށްލައިގެން ހުރިއިރު، އެ މޫނުމަތިން ފެންނަނީ ހިތްދަމައިގަންނަ ފަދަ ފިރިހެންވަންތަ ޖާދުލެކެވެ. ލައިގެން ހުރީ އޭނާގެ ހަށިގަނޑަށްވުރެ ތަންކޮޅެއް ދޫ، އަޅިކުލައިގެ އޮވަރސައިޒް ޓީޝާޓަކާއި ކަޅު ކަފަ ސޯޓެކެވެ. އެއްއަތް ސޯޓުގެ ޖީބަށް ޖަހާލައިގެން، ވަރަށް ފަރުވާކުޑަ، ސްޓައިލިޝް ހިނގުމެއްގައި އޭނާ ދިޔައެވެ.
ކާ މޭޒުމަތީގައި ހުރި ފުރިހަމަ ކާނާތަކަށް ބަލައިވެސް ނުލައި، ރެޔާން ދިޔަ ގޮތަށް ގޮސް ބޮޑު ސްޓެއިންލެސް ސްޓީލް ފްރިޖްގެ ދޮރު ދަމައި ހުޅުވާލިއެވެ. ފްރިޖުގެ ފިނި އަލިކަމުގެ ތެރެއަށް ބޯދިއްކޮށްލައިގެން، ކަޅި ހިންގާލަ ހިންގާލަ އިރުކޮޅަކު ހުއްޓެވެ. ދެން ފޫހި ގޮތަކަށް ދޮރު ލައްޕާލާފައި، މަތީ ކަބަޑެއް ހުޅުވައި، އެއަށް ބަލައިލުމަށްފަހު ބާރަކަށް ޖަހައި ބަންދުކޮށްލިއެވެ.
މާލިކް އައިޕެޑް ތިރިކޮށްލަމުން، ދެބުމަ އަރުވާލައިގެން ރެޔާންގެ މި ލާނެތް އުޅުމަށް ބަލަން އިނދެ ހީލިއެވެ.
“ދަރިފުޅާ ޔާން… މޭޒުމަތީގަ އެހެރީ ކާން ތައްޔާރުކޮށްފައެއްނު؟ ކޯއްޗެއް ހޯދަން ތި އުޅެނީ؟” މާލިކް އަހާލިއެވެ.
“ކޯލްޑް ވޯޓާ…” ރެޔާން ބަރު، ނިދި އަޑަކުން ބުނެލިއެވެ. އަދި އަނެއްކާވެސް ފްރިޖް ހުޅުވާލައި، އޭގެ ތެރެއިން އޮރެންޖް ޖޫސް ފުޅިއެއް ނަގައި، ތަށްޓަކަށް އެޅުމުގެ ބަދަލުގައި ސީދާ ފުޅިން ކޯވަރެއް ބޯލިއެވެ. އެ ހަރަކާތުގައިވެސް ވަނީ އޭނާއަށް ޚާއްޞަ ފޮނި، ފަރުވާކުޑަ ގޮތެކެވެ.
ރެހާން އޭނާގެ ކޮފީތަށި ތިރިކޮށްލަމުން، ލާނެތް ނަޒަރަކުން ރެޔާންގެ ފައިން ފެށިގެން ބޮލަށް ބަލައިލިއެވެ.
“ހެޕީ މޯނިންގ، މިސްޓަރ މޮޑެލް،” ރެހާން އެއްމިޔަކަނިން ހީނލިއެވެ. “އެކަމަކު މަގޭ އަލަމާރިން މި ޓީޝާޓާއި ސޯޓު ގެއްލިގެން މިއުޅެނީ ކީއްވެގެންބާއޭ ހިތަށްއަރާ؟ ތި ލައިގެން ތިހުރީ އަހަރެން ނިދަން ލާ އެއްޗެއްސެއްނު؟ އަމިއްލަ ވޯޑްރޯބް ފުރެންދެން ހުރި ޑިޒައިނަރ އެއްޗެހި ހުސްވީތަ މިސްޓަރ ބުގާޓީ؟”
ރެޔާން ޖޫސް ފުޅި މޭޒުމަތީގައި ބަހައްޓަމުން، ނިތްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްއަތުން ފަހަތަށް ވިހުރުވާލިއެވެ. އަދި ރެހާންގެ ކުރިމަތީގައި ހުރި ގޮނޑި ދަމާލައި، އޭގެ މައްޗަށް ދެފައި ވަށްކޮށްލައިގެން އިށީނދެލިއެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވީ ކަތިލާ ފަދަ ލާނެތް، ހިނިތުންވުމެކެވެ.
“ދޮންބޭ… ދޮންބެގެ އެއްޗެހި މާ ކޫލްއޭ،” ރެޔާން އެއް ބުމަ އަރުވާލަމުން ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. “އަދި ބުނަން؟ ދޮންބެ މެރީ ކުރިޔަސް، ދޮންބެ ކޮޓަރިއަށް ވަދެ ދޮންބެގެ އެންމެ ފޭވަރިޓް ޓީޝާޓުތައް އަހަރެން ލާނަން. ދޮންބެދައްތަ ކައިރީވެސް ބުނާތި އަހަރެންގެ މި ޙައްޤު ފޭރިގަންނަން ނޫޅޭށޭ!”
މާލިކާއި ރެހާންއަށް އެއްފަހަރާ ބާރަށް ހީނގަނެވުނެވެ. ނަމަވެސް ޖެހިގެން އައި ސިކުންތުގައި ރެޔާންގެ ލާނެތް ނަޒަރު ކުއްލިއަކަށް ހުއްޓުނީ މާލިކްގެ ކުރިމަތީގައި ހުރި ތަށިތަކަށެވެ. އަދި އެއްފަރާތުގައި ބަހައްޓާފައި ހުރި ބޭސް ފުޅިތަކަށެވެ. އެ ސިކުންތުގައި އޭނާގެ މޫނުމަތީގައިވި ނިދިބަރުކަމާއި ސަމާސާ މިޒާޖު އެއްކޮށް ފިލައި، އިންތިހާ ސީރިއަސްކަމެއް ވެރިވިއެވެ.
“ޑޭޑް…” ރެޔާން ބައްޕައާ ދިމާއަށް ގުދުވެލަމުން، އެ ތޫނު ނޫ ދެލޯ ހަނިކޮށްލިއެވެ. “ބޭސް ކައިފިންތަ؟”
“ދަރިފުޅާ، ބައްޕަ މި…” މާލިކް ވާހަކަ ދައްކަން އުޅުނެވެ.
“ނޫން، އެއްވެސް ބަހަނާއެއް ނުދައްކާ،” ރެޔާން ވަގުތުން ވާހަކަ މެދުކަނޑާލިއެވެ. އޭނާ ތެދުވެގެން ގޮސް ބޭސްތައްޓާއި ފެންތަށި ނަގައި، ސީދާ ބައްޕަގެ ކުރިމަތީގައި ބެހެއްޓިއެވެ. “ހުރިހާ ބޭހެއް ގަޑިއަށް ކާންވާނެ. ޕްރެޝަރު ބޭހާއި، ހިތުގެ ބޭސް… މިއިން އެންމެ ގުޅައެއްވެސް މިސްވެގެން ނުވާނެ. ދޮންބޭ، ކީއްވެ ޑޭޑް ބޭސް ކޭތޯ ނުބަލާ ތި އިނީ؟”
ރެހާން ހީނލަމުން އަތް އުފުލާލިއެވެ. “ޔާން، ބައްޕަ ދެންމެއޭ ސައިބޮއެ ނިމުނީ. އަހަރެން މިއުޅެނީ ބޭސް ދޭންވެގެންނޭ.”
ރެޔާން އެ ވާހަކައަށް ބެލުމެއް ނެތި، އަތުން ބޭސްގުޅަތައް ނަގައި ބައްޕަގެ އަތްތިލައަށް ލައިދިނެވެ. އަދި ފެންތަށި ދިއްކޮށްލަމުން، ބައްޕަ އެ ބޭސްތައް އެއްކޮށް ދިރުވާލަންދެން އެސްފިޔަޖަހައިނުލައި ބަލަހައްޓައިގެން ހުއްޓެވެ. މާލިކް ހިނިތުންވެލަމުން ހުރިހާ ބޭހެއް ކައި ނިންމާލުމުން، ރެޔާން ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ގުޑް ޑޭޑް،” ރެޔާންގެ ތުންފަތްމައްޗަށް އަނެއްކާވެސް އެ ލާނެތް ހިނިތުންވުން ވެރިވިއެވެ. ބޭރުތެރޭގައި އެންމެން ފައިދަށު އަޅައިގެން އުޅޭ ބޮޑާ ޒުވާނާ، ބައްޕައާއި ދޮންބެގެ ކުރިމަތީގައި ވެގެންދަނީ އިންތިހާއަށް އަޅާލާ، ލޯބިވާ ދަރިއަކަށެވެ.
މާލިކް ހިނިތުންވެލަމުން ރެޔާންގެ ބޮލުގައި ފިރުމާލިއެވެ. “ދެން އަވަހަށް ތައްޔާރުވެގެން އާދޭ ސައިބޯން. ރެހާން އޮފީހަށް ދާންވާއިރަށް ޔާންވެސް ޖެހޭނެ ޔުނިވަރސިޓީއަށް ދާން.”
“އަހަރެން ލަހެއް ނުވާނެ،” ރެޔާން އަވަސްއަވަހަށް ޓޯސްޓް ފޮއްޗެއް އަނގައަށް ލައި ހަފަމުން، ސިޑިއާ ދިމާއަށް ދުއްވައިގަތެވެ. ދެވަނަ ފަންގިފިލާއަށް އަރައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތާޒާވެލައިގެން އޭނާ ނިކުތީ ކަޅު ޖިންސަކާއި އަޅިކުލައިގެ އަތްދިގު ޓީޝާޓެއްގައެވެ. ކާރުގެ ތަޅުދަނޑި އިނގިލިކުރީގައި އެނބުރުވަމުން، ބައްޕައަށާއި ދޮންބެއަށް ދަނީއޭ ބުނެލުމަށްފަހު އޭނާ ނައްޓާލީ ޔުނިވަރސިޓީއާ ދިމާއަށެވެ.
****
ކަޅުކުލައިގެ ލެމްބޯގީނީ ޔުނިވަރސިޓީގެ ޕާކިންގ ޒޯނަށް މަޑުކޮށްލުމާއެކު، އާދައިގެ މަތިން ރެޔާންގެ އިންތިޒާރުގައި ތިބި އަޒްލާންއާއި ޑޭނިއަލް އައިސް ކާރާ އަރާހަމަކުރިއެވެ. ކާރުން ފައިބައި، ކެމްޕަހުގެ ބޮޑެތި ގަސްތަކުން ހިޔާވެފައިވާ ހިތްގައިމު މަގުން އެކުގައި ހިނގައިގަތް ވަގުތު، ތިން އެކުވެރިންގެ މެދުގައި ދެކެވެމުން ދިޔައީ މިރޭގެ ޕްލޭންތަކާއި ސަމާސާ ވާހަކަތަކެވެ.
ނަމަވެސް، އެ ތިން އެކުވެރިންގެ ހުނުމުގެ އަޑު ކުއްލިއަކަށް މެދުކެނޑުނީ ކައިރީގައި ހުރި ބޮޑު ގަހުގެ ނިވަލުން އިވުނު އަންހެން ކުއްޖެއްގެ މަޑު ގިސްލުމުގެ އަޑަށެވެ. އެ އަޑުގައިވީ ބިރުވެރިކަމާއި ވޭނެވެ. އަޒްލާންއާއި ޑޭނިއަލް އެ އަޑަށް މާބޮޑު ސަމާލުކަމެއް ނުދީ ވާހަކައިގައި ތިބި ނަމަވެސް، ރެޔާންގެ ތޫނު ދެލޯ ވަގުތުން އެ ދިމާއަށް ހުއްޓުނެވެ.
ގަހުގެ ފުރަގަހުގައި، ފާރާ ދިމާއަށް މާޔާ ފިއްތާލައިގެން ހުރީ ލޫކަސްއެވެ. އޭނާ ހުރީ މާޔާގެ ދެއަތުގައި ނުހަނު ބާރަށް ހިފަހައްޓައިގެންނެވެ. މާޔާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައިރު، އޭނާ ދިޔައީ ލޫކަސްގެ މޭގައި އަތްއަޅައި ދުރަށް ޖައްސަން މަސައްކަތް ކުރަމުންނެވެ.
“ދޫކުރޭ… ޕްލީޒް، ލޫކަސް! އަހަރެން ބޭނުމެއް ނޫން!” މާޔާ ރޮމުން، އާދޭހާއެކު ބުންޏެވެ. ނަމަވެސް ލޫކަސްގެ މޫނުމަތިން ފެންނަނީ ނުލަފާ ހިނިތުންވުމެކެވެ. އޭނާ މާޔާގެ ކަރާ ދިމާއަށް ގަދަކަމުން ގާތްވާން މަސައްކަތް ކުރަމުން ދިޔައީ، އެ ކުއްޖާގެ ރުހުމެއް ނެތްކަން އެނގިހުރެއެވެ.
“މާ ފޮނިނުވެ ހުރެބަލަ! ތީ އަހަރެންގެ ގާލްފްރެންޑް… އަހަރެން ބޭނުން ގޮތެއް ހަދާނީ!” ލޫކަސް ހަޅޭއްލަވައިގަންނަމުން މާޔާގެ އަތަށް ބާރުކޮށްލިއެވެ.
އެ މަންޒަރު ފެނުމާއެކު، ރެޔާންގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ލޭ ކެކިގަތް ކަހަލައެވެ. އެހެން މީހުން ދެކޭ ގޮތުގައި ރެޔާންއަކީ އަމިއްލަ އެދުމުން ފުރިގެންވާ، އަންހެންކުދިންގެ ހިތްތަކާ ކުޅޭ މީހެކެވެ. އެކަމަކު އޭނާގެ އަނދިރި މިޒާޖުގެ އަޑީގައި ފޮރުވިފައިވާ އަޚްލާޤީ އިންތަކެއް ވެއެވެ. އަންހެނަކަށް މަޖުބޫރުކޮށް، ގަދަކަމުން ކަމެއް ކުރުވުމަކީ އޭނާގެ ނަފްސު އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ.
އަތުގައި އޮތް ވޭޕް ޖީބަށް ލުމަށްފަހު، ރެޔާން ދިޔަ ބާރުމިނުގައި ގޮސް ލޫކަސްގެ ކޮނޑުގައި ހިފައި ފަހަތަށް ވާގޮތަށް ދަމައިގަތެވެ. ކުއްލިއަކަށް ލިބުނު ލޮޅުމާއެކު ލޫކަސް ފަހަތަށް ވިއްސައިގެން ގޮސް ވިނަގަނޑުމައްޗަށް ވެއްޓުނެވެ. ބިރުން ރޫރޫއަޅަމުން ދިޔަ މާޔާ އަވަސްއަވަހަށް ފާރުގައި ބުރަކަށި ޖައްސާލައި، އަމިއްލަ ހަށިގަނޑުގައި ދެއަތުން ބައްދާލަމުން ފުންކޮށް ނޭވާލާން ފެށިއެވެ.
“ވަޓް ދަ ހެލް، ރެޔާން!” ލޫކަސް ރުޅިއައިސް ރަތްވެގެން ތެދުވަމުން ހަޅޭއްލަވައިގަތެވެ. “މިއީ އަހަރެމެން ދެމީހުންގެ ކަމެއް! ކަލޭ މީގެ ތެރެއަށް ވަންނަން ޖެހޭ ސަބަބެއް ނެތް!”
ރެޔާން ފިޔަވަޅެއް ކުރިއަށް އަޅައި، ލޫކަސްއާ ދިމާއަށް ބަލައިލީ އޭނާގެ އަނދިރި، ނުރައްކާތެރި ދެލޮލުންނެވެ. އޭނާގެ ހަށިގަނޑުން ފެންނަނީ ސާބިތުކަމާއި އަމިއްލަ ނަފްސަށް އޮތް ފުރިހަމަ އިތުބާރެވެ.
“އިފް ޝީ ސޭސް ނޯ، އިޓްސް އަ ނޯ!” ރެޔާންގެ އަޑު މަޑު ނަމަވެސް، އެ އަޑުގައި ހުރި ހަރުކަށިކަމުން މުޅި މާހައުލު ގަނޑުވި ކަހަލައެވެ. “އަންހެނަކު ނޫނެކޭ ބުނެފިއްޔާ، އޭގެ މާނައަކީ ނޫނެކޭ! ކަލޭ އޭނަގެ ބޯއިފްރެންޑަށް ވިޔަސް، އަދި ކޮންމެ މީހަކަށް ވިޔަސް، އޭނާގެ ރުހުމެއް ނެތި އަތްލުމުގެ އެއްވެސް ޙައްޤެއް ކަލެއަކަށް ނޯންނާނެ.”
“ކަލޭ ތީ ކާކު އަހަންނަށް ނަސޭހަތް ދޭން؟ ކަލެއަކީވެސް މާ ރަނގަޅު މީހެއް ނޫނެއްނު!” ލޫކަސް އަނެއްކާވެސް ޖަދަލުކުރަން އުޅުނެވެ.
ރެޔާން އެއް ފިޔަވަޅު އަޅައި، ލޫކަސްގެ މޫނާ މޫނު ޖެހޭހާ ކައިރިއަށް ޖެހިލިއެވެ. “އަހަރެން ކޮންމެ ފަދަ މީހަކަށް ވިޔަސް، އަންހެނެއްގެ ޢިއްޒަތަށް އަރައިގަނެ، ގަދަކަމުން ކަންކަން ކުރުވާ ފިނޑިއަކަށް އަހަރެން ނުވަން. އަދި އެންމެ ފަހަރަކުވެސް މާޔާގެ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް… ކަލޭގެ ފުޓުބޯޅަ ކެރިއަރު މިތަނުން ނިމުނީ. އައި ޕްރޮމިސް ޔޫ.”
ރެޔާންގެ އެ ބަސްތަކުގައި ހުރި ސީރިއަސްކަމާއި އޭނާގެ ބައްޕަގެ ނުފޫޒު ދަންނަ ލޫކަސްގެ މޫނު ވަގުތުން ހުދުވެގެން ދިޔައެވެ. އޭނާ ދަތްވިކާލުމަށްފަހު، އެއްވެސް އެއްޗެއް ނުބުނެ އެތަނުން އަވަސް އަވަހަށް ދުރަށް ހިނގައިގަތެވެ.
ލޫކަސް ދިއުމާއެކު، ރެޔާންގެ މޫނުމަތީގައި ހުރި ރުޅިވެރިކަން މަޑުމައިތިރިކަމަށް ބަދަލުވިއެވެ. އޭނާ ފަސްއެނބުރި ބަލައިލީ އަދިވެސް ތުރުތުރުއަޅަމުން ދިޔަ މާޔާއަށެވެ. މާޔާގެ ލޮލުގައި ހުރީ ބިރުވެރިކަމާއެކު އުފެދުނު ހައިރާންކަމެކެވެ. މުޅި ޔުނިވަރސިޓީގައި ގޯސް ކުއްޖެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ރެޔާން މާލިކް، އޭނާގެ ދިފާޢުގައި މިހާ ވަރުގަދައަށް ތެދުވެދާނެ ކަމަކަށް އެއްވެސް މީހަކު ހިޔެއް ނުކުރާނެއެވެ.
ރެޔާން މަޑުމަޑުން ޖީބުން އޭނާގެ ސާފު ރުމާ ނަގައި، މާޔާއާ ދިމާއަށް ދިއްކޮށްލިއެވެ. އޭނާ މާޔާގެ ގައިގައި ބީހުމެއް ނެތި، ދުރުމިން ބަހައްޓައިގެން ހުރީ ފުރިހަމަ އިޙްތިރާމާއެކުގައެވެ.
“ދެން ބިރުގަންނާނެ ކަމެއް ނެތް،” ރެޔާންގެ އަޑު ވަރަށް މަޑުމައިތިރިވެފައި އޯގާތެރިއެވެ. “އޭނައަކަށް ދެން މާޔާއާ ކައިރިއެއް ނުވެވޭނެ. ދޭ ކަރުނަތައް ފުހެލާފައި، ރައްޓެހިން ކައިރިއަށް.”
މާޔާ މަޑުމަޑުން އެ ރުމަލުގައި ހިފިއެވެ. “ޝު… ޝުކުރިއްޔާ، ރެޔާން…” އެ އަޑުގައިވީ އިޚްލާޞްތެރި ޝުކުރެވެ.
ރެޔާން އެއްވެސް އެއްޗެއް ނުބުނެ، ހަމައެކަނި ބޯޖަހާލުމަށްފަހު އެނބުރި އޭނާގެ ރަޙްމަތްތެރިން ތިބި ދިމާއަށް ހިނގައިގަތެވެ. ދުރުގައި އެ މަންޒަރު ބަލަން ތިބި އަޒްލާންއާއި ޑޭނިއަލް ތިބީ އަނގަހުޅުވިފައި، ބުނާނެ އެއްޗެއް ނޭނގިފައެވެ.
ރެޔާން އެނބުރި އައިސް އަޒްލާންއާއި ޑޭނިއަލްގެ ކުރިމައްޗަށް ހުއްޓުނުއިރު، އެ ދެމީހުން އަދިވެސް ތިބީ ޤަބޫލުކުރަން ދަތިވެފައި އޭނާއަށް ބަލަހައްޓައިގެންނެވެ. މާހައުލުގައި ވަނީ ކުޑަ ހިމޭންކަމެކެވެ.
“ބްރޯ…” ޑޭނިއަލް ދެލޯ ބޮޑުކޮށްލަމުން ވާހަކަ ދައްކަން އުޅުނެވެ. “ވަޓް ވޯޒް ދެޓް؟ ތީ ހަމަ އަހަރެމެން ދަންނަ ރެޔާންތަ؟ ކޮން އިރަކު ސުޕަހީރޯއަކަށް ބަދަލުވީ؟”
ރެޔާން މޫނުމައްޗަށް ފޫހި ގޮތެއް ވެރިކުރުވަމުން، ފަރުވާކުޑަ ގޮތަކަށް ހީނލިއެވެ.
“ހުއްޓާލަބަލަ،” ރެޔާން އެއްމިޔަކަނުން ހީނލަމުން ބުންޏެވެ. “އެއީ އެއްވެސް ކަމެއް ނޫނޭ. އަހަރެން ހަމައެކަނި ބޭނުންވީ އެ ފޮނި ލޫކަސްގެ ބޮޑާކަން ކުޑަކޮށްލަން. މާ މޮޅު ފުޓުބޯޅަ ތަރިއަކަށް ވެގެން އަހަރެންގެ ކުރިމަތީގަ އަޑުގަދަކުރަން ފެށީމަ ބޮލަށް އުނދަގޫވީ. އެވަރު ވާކަށް ނުވާނެއެއްނު.”
“ހަމަ އެކަނި އެހެންވެގެންތަ؟” އަޒްލާން އެއްމިޔަކަނިން ހީނލަމުން ދިމާކޮށްލިއެވެ. “އެ ކުއްޖާ ރޯތަން ފެނިފަ ހިތަށް ކެތްނުވީ ދޯ؟ ރުމާވެސް ދިއްކޮށްލީވިއްޔާ!”
“އޭތް، ކަލޭމެން މޮޔަވީތަ؟” ރެޔާން ކޮނޑު އަރުވާލަމުން ވާހަކަ ބަދަލުކޮށްލަން އަވަސްވެގަތެވެ. “އެއީ ހަމަ އެއްލާލަން ގެންގުޅުނު ރުމަލެއް. ދެން ތި ބޯރިންގ ވާހަކަ ހުއްޓާލާފައި ބުނެބަލަ، މިރޭ ކޮންތާކަށްތަ ދަނީ؟ ލެކްޗަރތައްވެސް ކެންސަލްވީމަ، މިރޭ ހަމަ އަސްލުވެސް މަޖާކޮށްލަން ވާނެއެއްނު.”
ރެޔާން އޭނާގެ ހިތުގައި އޮތް އަސްލު އިޙްސާސްތައް ފޮރުވާލުމަށްފަހު، އަނެއްކާވެސް އެ އާދައިގެ ފަރުވާކުޑަ، މަޖަލަށް ލޯބިކުރާ ގޮތް ދައްކަން ފެށިއެވެ. ނަމަވެސް އޭނާގެ މޭތެރޭގައި އެވަގުތުވެސް އޮތީ މުޅިން ތަފާތު، އެހެން މީހުންނަށް ދައްކަން ބޭނުންނުވާ މަޑުމައިތިރި އަސަރެކެވެ.
“ހޫމް، ދެން ހިނގާ ކޮފީއެއް ބޯން ދާން،” ޑޭނިއަލް ހީނލަމުން ކުރިއަށް ހިނގައިގަތެވެ. “މިރޭގެ ޕްލޭން ފަހުން ހަމަޖައްސާނީ.”
ތިން އެކުވެރިން އެކުގައި ކެމްޕަހުގެ ކެފެޓީރިއާއާ ދިމާއަށް މިސްރާބު ޖެހިއެވެ. އަވީގެ ތެރޭގައި އެމީހުންގެ ހިޔަނިތައް ދިގުވަމުން ދިޔައިރު، ރެޔާންގެ ތުންފަތްމަތީގައި އަދިވެސް ވަނީ އެ ޚާއްޞަ، ފޮނި ހިނިތުންވުމެވެ.
*****
ލަންޑަނުގެ ހަލަބޮލި އަޑުފަށްގަނޑާ އެކަހެރިވެފައިވާ، އާދައިގެ ނަމަވެސް ނަލަ އަދި ހިތްފަސޭހަ އިމާރާތެއްގެ ތިންވަނަ ފަންގިފިލާގެ ކުޑަ އެޕާޓްމެންޓުގެ ދޮރު މަޑުމަޑުން ހުޅުވިގެން ދިޔައެވެ. އެތެރެއަށް ފުރަތަމަ އެޅުނީ ހިމަތޮޅި، ނާޒުކު ފިޔަވަޅެކެވެ. އެ ކުއްޖާ އޭނާގެ ދެއަތުން ހިފަހައްޓައިގެން ހުރި ބޮޑެތި ކާޑުބޯޑު ފޮށިތައް އެތެރެއަށް ވައްދައި، ފައިގެ ފުންނާބުން ދޮރު ކޮށްޕާލައި ބާރަށް ލައްޕާލިއެވެ.
ފުން ނޭވާއެއް އެތެރެއަށް ދަމާލުމަށްފަހު، އެއްވެސް ވަރުބަލިކަމަކަށް ޖާގަ ނުދީ އޭނާ އަވަސްވެގަތީ އެ ހުސްކޮށް އޮތް ކުޑަ ލިވިންގ ރޫމް ތަރުތީބުކޮށް، ދިރިއުޅޭނެ ހިތްގައިމު ހިޔާވައްސަކަށް ބަދަލުކުރުމަށެވެ. ފޮށިތައް ކަނޑައި، އޭގެ ތެރޭގައި ހުރި ބޯ ޔުނިވަރސިޓީ ފޮތްތަކާއި، ނޯޓުފޮތްތަކާއި، ތަފާތު ޒީނަތްތެރި ކުދިކުދި ސާމާނުތައް ނަގައި، ކުޑަ ފޮތް ހަރުގަނޑުގައި ވަރަށް ފަރުވާތެރިކަމާއެކު ތަރުތީބުކުރަން ފެށިއެވެ.
މަސައްކަތުގެ ހޫނުކަމުގެ ތެރޭގައި، މޫނުމައްޗަށް ފައިބަމުން ދިޔަ އެ ރީތި، މުށި ކުލައިގެ ފަން، ފަށުވި އިސްތަށިގަނޑު އުނދަގޫވާން ފެށިއެވެ. އޭނާ ދެއަތުން އެ އޮމާން އިސްތަށިތައް އެއްކޮށްލުމަށްފަހު، ބޮލުގެ މައްޗަށް އޮޅާލައި، ސާދާ ހުޅިއެއް ޖަހާލިއެވެ. އެއާއެކު އޭނާގެ ދޮން، އޮމާން ކަނދުރާއާއި، ކިރުކޮޅެއް ފަދަ ސާފު މޫނުގެ ވަރު ވަރު އެކީގައި ހާމަވެގެން ދިޔައެވެ. ބުރަ މަސައްކަތުގެ ސަބަބުން ނިތްކުރިމައްޗާއި ކުޑަކުޑަ ނޭފަތްކުރީގައި ދަލުގެ ކުދިކުދި މުތީތަކެއް ފަދައިން ދާތިކިތައް ވިދަމުން ދިޔައިރު، އެ ދޮން ކޯތާފަތް ވަނީ ޤުދުރަތީ ގޮތުން މަޑު ފިޔާތޮށި ކުލައަކަށް ބަދަލުވެފައެވެ.
އެންމެ އަޖައިބުކުރުވަނިވި ސިފައަކީ އޭނާގެ އެ ޖާދުވީ، ބޮޑު ދެލޮލެވެ. ފެހިކަމާއި ރަން މުށިކުލަ އެކުލެވިގެންވާ، އަލިގަދަ ހޭޒަލް ކުލައިގެ ދެ ކަޅިރަވައެވެ. އެ ބޮޑު ދެލޮލުގެ ވަށައިގެން ވަނީ ޤުދުރަތީ ގޮތުން މައްޗަށް ބަޅުވެފައިވާ، ދިގު، ބޯ އެސްފިޔަތަކެކެވެ. އެ ކަޅިރަވައިގައި ވަނީ ހަމައެކަނި ރީތިކަމެއް ނޫނެވެ ފުން ޖާދޫއެކެވެ. ބަލާލި ކޮންމެ މީހަކު އާޝޯޚުކޮށްލާ، ކޮންމެ ފިރިހެނެއްގެ ވިސްނުމާއި ހިތް މުޅިން މޮޔަކޮށްލާ ފަދަ ތޫނު އަދި އެހާމެ މައުސޫމު ބެލުމެކެވެ. އެ މޫނުމަތިން ފެންނަނީ ހިތްއަލި، ސާދާ، އެކަމަކު ހިތްތައް ކަތިލާ ފަދަ ނަލަކަމެކެވެ.
އެންމެ ފަހު ފޮތް ހަރުގަނޑުގައި ބަހައްޓައި، މުޅި ތަން ސާފުކޮށް ނިންމާލުމަށްފަހު އޭނާ ތެދުވެ، އުނަގަނޑުގައި ދެއަތް ވިއްދާލަމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ހަމަ އެވަގުތު، ބޭރުން ތަޅުދަނޑި ޖަހައި އަނބުރާލި އަޑާއެކު އެޕާޓްމެންޓުގެ ދޮރު ކުއްލިއަކަށް ހުޅުވިގެން ދިޔައެވެ.
އެ ކުއްޖާ މަޑުމަޑުން އެނބުރި ބަލައިލިއެވެ. ދޮރުން އެތެރެއަށް ކޮނޑުގައި ބޮޑު ދަބަހެއް އަޅުވައިގެން، އަތުގައި ކޮތަޅުތަކެއް ހިފައިގެން ވަދެގެން އައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ލަޔާލްއެވެ. ލަޔާލް ދޮރުން ވަން ގޮތަށް މުޅި ތަނަށް ނަޒަރު ހިންގާލުމަށްފަހު، ދެލޯ ބޮޑުކޮށްލަމުން ގޮވާލިއެވެ.
“މައީ!”
އެއީ އުމުރުން ބާވީސް އަހަރުގެ މާއިރާ މިކާއިލް އެވެ. އޭނާގެ އެ ރީތި، ދެލޮލުން ލަޔާލްއަށް ބަލައިލިއެވެ.
ލަޔާލް އަތުގައި ހުރި އެއްޗެހި ސޯފާ މައްޗަށް ދޫކޮށްލަމުން އަޖައިބުވެފައި އަހާލިއެވެ. “ނިންމާލީތަ ތީ؟”
މާއިރާގެ ތުންފަތްމައްޗަށް ވެރިވީ ކޮންމެ ހިތެއް ވިރުވާލާ ފަދަ ޖާދުވީ، ނަލަ ހިނިތުންވުމެކެވެ. އޭނާ ވާހަކަ ދައްކަން ފެށީ ކަންފަތަށް އަރާމު ގެނެސްދޭ، ރީތި މިއުޒިކެއް ފަދަ ޖާދުވީ އަޑަކުންނެވެ.
“ހޫމް… ހަމަ ދެންމެ މި ނިންމާލީ،” މާއިރާ މޫނުމަތިން ދާތިކިތައް ފޮހެލިއެވެ. “ލަޔާ އަންނަންވާއިރަށް ތަންކޮޅެއް ހަމައަކަށް އަޅުވާލަން ވެގެން މި އުޅުނީ. ކިހިނެއްތަ މިހާރު؟ ކަމުދޭތަ؟”
ލަޔާލް މާއިރާގެ ގާތަށް އައިސް އޭނާގެ ދެ ކޮނޑުގައި ހިފާލަމުން ބޯހޫރާލިއެވެ. “މައީ، ޔޫ އާރ އަންބިލީވަބަލް! އަހަރެން ބޭރަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ތަން ބަދަލުކޮށްލައިފި. އެކަމަކު އަމިއްލަ މީހާއަށް ބަލާބަލަ، ވަރުބަލިވެގެން ތިހިރީ ދާހިއްލާ ފޯވެފަ.”
މާއިރާ މަޑުމަޑުން ހީނލިއެވެ. އެ ހުނުމުގެ އަޑުން މުޅި ކުޑަ އެޕާޓްމެންޓް ތެރެ އަލިވެގެން ދިޔަ ފަދައެވެ.
މާއިރާ ބަދިގެއަށް ވަދެ ދެމީހުންނަށް ދުންއަރަމުންދިޔަ ހޫނު ކޮފީ ދެތަށި ތައްޔާރުކޮށްލައިގެން އައިސް ސޯފާގައި އިށީނދެލިއެވެ. ކުޑަ ބިއްލޫރި މޭޒުމަތީގައި ތަށި ބަހައްޓަމުން، އޭނާ ދެފައި ވަށްކޮށްލައި، އަރާމުކޮށް ސޯފާގެ ކަނެއްގައި ލެނގިލިއެވެ. ލަޔާލްވެސް ކޮފީ ތަށީގައި ދެއަތުން ހިފާލަމުން، މާއިރާގެ މޫނަށް ބަލައިލީ ލާނެތް ހިނިތުންވުމަކާއެކުގައެވެ.
“މައީ، އަހަރެން ތިރިއަށް ދިޔަ ވަގުތު މި ބިލްޑިންގގެ އޯނަރު މިސްޓަރ ޖޯޖްއާ ދިމާވި،” ލަޔާލް ކޮފީން ކޯވަރެއް ބޯލަމުން ފެށިއެވެ. “އޭނަ ހުރީ ހަމަ އާޝޯޚުވެފަ.”
“ކީއްވެ؟” މާއިރާ އޭނާގެ ދެލޯ ބޮޑުކޮށްލަމުން އަހާލިއެވެ. “އަހަރެމެން ކަމެއް ގޯސްކޮށް ކުރީތަ؟”
“ނޫނޭ މޮޔަޔާ!” ލަޔާލް ހީނގަތެވެ. “އޭނަ އަހަރެން ކައިރީ އެހީ، އެޕާޓްމެންޓަށް އަލަށް އެ ވަނީ ކާކުހޭ. ދެން ބުނީ، ހާދަ ރީތި ކުއްޖެކޭ! އެހާ ރީތި ދެލޮލެއް އަދި ދުވަހަކުވެސް ނުދެކެމޯ. ހީވަނީ ހަމަ ފިލްމީ ތަރިއެއްހެންނޯ!”
މާއިރާގެ ދޮން ކޯތާފަތް ވަގުތުން ލަދުން ފިޔާތޮށި ކުލައަކަށް ބަދަލުވިއެވެ. އޭނާ ކޮފީ ތަށިން ކޯވަރެއް ބޯލަމުން އިސްޖަހާލިއެވެ. މީހުން އެގޮތަށް އޭނާގެ ރީތިކަމަށް ތަޢުރީފުކުރުމަކީ އަބަދުވެސް އޭނާ ލަދުގަންނަވާ ކަމެކެވެ.
“ދެން ލަޔާ ކީކޭ ބުނީ؟” މާއިރާ މަޑުމައިތިރި އަޑަކުން އަހާލިއެވެ.
“އަހަރެން ބުނިން، ސެޓް ކޮށްދެންވީހޭ!” ލަޔާލް ބާރަށް ހީނގަތެވެ. “އޭނަ ބުނީ ތިމަންނަ މާ މުސްކުޅީޔޯ، އެކަމަކު އޭނަގެ ފިރިހެން ދަރިފުޅަށް ތިވަރުގެ ކުއްޖަކު ލިބިއްޖެއްޔާ ވަރަށް ނަސީބު ގަދަވާނެޔޯ.”
“ލަޔާލް!” މާއިރާ ބާލީހެއް ނަގައި ލަޔާލްގެ ގައިގައި ލުއިކޮށް ޖަހާލިއެވެ. އެ މޫނުމަތީގައި ވަނީ ލޯބިވެތި ނުރުހުމެކެވެ. “ތިކަހަލަ ސަމާސާ ނުކޮށްބަލަ. އަހަރެން މިތަނަށް މިއައީ ކިޔަވަން. އެއްވެސް ފިރިހެނެއްގެ ވާހަކަ ދައްކާކަށް ނޫން. އަހަރެމެންގެ ސްކޮލަރޝިޕް ދަމަހައްޓަން ޖެހޭނެ.”
“އައި ނޯ، އައި ނޯ،” ލަޔާލް ހިނިގަނޑު މައިތިރިކޮށްލަމުން މާއިރާގެ އަތުގައި ހިފާލިއެވެ. “އަހަރެން ހަމަ މަޖަލަކަށް ބުނެލީ. އެކަމަކު މައީ، މާދަމާއަކީ ރޯޔަލް ކިންގްސްޓަން ޔުނިވަރސިޓީގަ އަހަރެމެންގެ ފުރަތަމަ ދުވަސް. އެއީ ލަންޑަނުގެ އެންމެ މުއްސަނދި، އެންމެ ބޮޑާ ކުދިން އުޅޭ ތަން. މައީ ފެނިފަ އެތަނުގެ ފިރިހެނުން މޮޔަވާނެ. ޚާއްޞަކޮށް އެތާ އުޅޭ މަޝްހޫރު ބޮޑާ ގްރޫޕުތަކުގެ ލޮލުގައި އަޅައިގެންފިއްޔާ ވަރަށް އުނދަގޫވާނެ.”
މާއިރާ ކުޑަދޮރުން ބޭރަށް، ލަންޑަނުގެ އުޑުމައްޗަށް ބަލައިލިއެވެ. އޭނާގެ ހޭޒަލް ދެލޮލުން ފެންނަނީ ސާބިތުކަމެވެ.
“އަހަރެން އެއްވެސް މީހަކާ ބެހޭކަށް ނޫޅެން،” މާއިރާ މަޑުމައިތިރިކަމާއެކު ބުންޏެވެ. “އަހަރެންގެ އަމާޒަކީ ކިޔެވުން. ބޮޑާ މީހުންނާއި ފޮނި މީހުން އެމީހުންގެ ދުނިޔޭގައި އުޅުނަދީ. އަހަރެމެން އުޅޭނީ އަހަރެމެންގެ ދުނިޔޭގައި.”
މާއިރާއާއި ލަޔާލްއަކީ އާދައިގެ ދެ ދަރިވަރުންނެއް ނޫނެވެ. ކުޑައިރުއްސުރެ ވިސްނުންތޫނު، ތޫނުފިލި ދެ ކުދިންނަށް ވުމުގެ ސަބަބުން، ސްކޫލް ދައުރުގައި އެތައް ގްރޭޑެއް ސްކިޕްކޮށް، ވަރަށް ޅަފަތުގައި ސާނަވީ ތަޢުލީމު ވަނީ ނިންމާލާފައެވެ. އެހެން ކުދިން ކުޅިވަރާއި މަޖަލުގައި އުޅުނުއިރު، އެމީހުންގެ ހިތް އޮތީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ މަތިވެރި އަޒުމުގައެވެ.
އެ ދެ އެކުވެރިން ރޯޔަލް ކިންގްސްޓަން ޔުނިވަރސިޓީއާ މި ގުޅުނީ އެމީހުންގެ ސްޕެޝަލައިޒޭޝަންގެ އެންމެ ފަހު މަރުހަލާ ފުރިހަމަކުރުމަށެވެ. މާއިރާގެ ޝައުޤުވެރިކަން ހުރީ އަންހެނުންގެ ޞިއްޙަތާއި ސާޖަރީގެ ދާއިރާއިން ކަމަށްވާތީ، އޭނާ ސްޕެޝަލައިޒް ވަނީ ގައިނަކޮލޮޖީ އެންޑް ސާރޖަރީންނެވެ. ލަޔާލްގެ ހިތް ދަމައިގަތީ އިންސާނާގެ އެންމެ މުހިންމު ގުނަވަނަށެވެ އޭނާ ކުރިއަށް ދަނީ ކާޑިއޮލޮޖީ އަދި ސާރޖަރީގެ ރޮނގުންނެވެ. މިހާ ޅަ އުމުރެއްގައި މިފަދަ ބޮޑު ކާމިޔާބީއެއް ހޯދަމުން ދިޔަ ނަމަވެސް، އެ ދެކުދިންގެ ކިބައިން ފެންނަނީ މަޑުމައިތިރިކަމާއި، ސާދާ އަދި ހިތްތިރި މިޒާޖެކެވެ.
ހުސްވެފައިވާ ކޮފީ ތަށި ބިއްލޫރި މޭޒުމަތީ ބަހައްޓަމުން، މާއިރާ ސޯފާއިން ތެދުވެލިއެވެ. އޭނާގެ ހިމަތޮޅި ހަށިގަނޑު ދަމާލަމުން، މުޅި ކޮޓަރިއަށް އަނެއްކާވެސް ނަޒަރު ހިންގާލިއެވެ. ހުރިހާ ފޮތްތަކަކާއި ސާމާނެއް ވަނީ ތަރުތީބުކުރެވިފައެވެ.
“ލަޔާ… ހުރިހާ އެއްޗެއް ހަމަވެއްޖެ ދޯ؟ ޑޫ ވީ ނީޑް ޓު ގޯ ފޯރ ޝޮޕިންގ؟” މާއިރާ މަޑުމައިތިރި އަޑުން އަހާލިއެވެ.
ލަޔާލްވެސް ސޯފާއިން ތެދުވެ، ބަދިގެއާ ދިމާއަށް ބޯދިއްކޮށްލިއެވެ. “ފްރިޖްގަ އަދި މާ ގިނަ އެއްޗެއް ނެތް މައީ. މާދަމާއިން ފެށިގެން ހޮސްޕިޓަލް ރައުންޑްސްތަކާއި ޔުނިވަރސިޓީގެ ކްލާސްތައް ފެށުނީމަ، ބޭރަށް ނިކުންނާނެ ވަގުތެއް ނުވާނެ. އެހެންވީމަ ގްރޯސަރީސްއާއި، ބައެއް ސްޓޭޝަނަރީ ހޯދަން ނިކުމެލުން ރަނގަޅުވާނީ.”
“އޯކޭ، ދެން ހިނގާ އަވަހަށް ތައްޔާރުވާން. ލަންޑަންގެ ފިނިގަދަވާން ފެށުމުގެ ކުރިން ގޮސް އާދެވޭތޯ ބަލަމާ،” މާއިރާ ހިނިތުންވެލަމުން އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
( ނުނިމޭ )
Comments (4)
Comments are closed.
😂😂😂😂😂😂
What’s so funny huh??
i love it
Thank you 🥰