
ލޯބިން މިހިތް ވަނީ ފިދާއޭ – 2

ހަވީރުގެ ފިނި ވަޔާއެކު ލަންޑަނުގެ އުޑުމަތި ބައްދާލާފައިވަނީ ގަދަ އަޅިވިލާތަކުންނެވެ. އެ ސަހަރުގެ އެންމެ މުއްސަނދި މަހުޖަނުން ދިރިއުޅޭ “ދަ ބިޝޮޕްސް އެވެނިއު” ގެ ހަމަހިމޭން، ފުޅާ މަގުތަކުގެ ތެރެއިން ދުއްވާފައި އައި ކަޅުކުލައިގެ ލަމްބޯގީނީ މަޑުކޮށްލީ، އުސްކޮށް ރާނާފައިވާ ކަޅު ދަގަނޑު ސެންސަރު ގޭޓެއްގެ ކުރިމައްޗަށެވެ. ކާރު ކައިރިވުމާއެކު، އޮޓޮމެޓިކް މޮޓޯގެ މަޑު އަޑާއެކު ބޮޑު ގޭޓު ދެފަރާތަށް ކެހިގެން ދިޔައެވެ.
އެތެރެއަށް ވަދެގެން ދިޔަ ދިގު، އޮމާން ތާރު މަގުގެ ދެފަރާތުގައި އިންދާފައިވަނީ ޖަޕަނީޒް ސްޓައިލަށް ކޮށައި ބައްޓަންކޮށްފައިވާ ގަސްތަކާއި، ބިންމަތީގައި ޖަހާފައިވާ ލުއި ރީނދޫ ޒަމާނީ ލެޑް ލައިޓްތަކެވެ. މަގުގެ ނިމުމުގައި ހައިބަތާއެކު ކޮޅަށް ހުރީ ފެންނަ ކޮންމެ ލޮލަކަށް އާޝޯޚުކަން ގެނުވާ ފަދަ ޒަމާނީ، މޮޑަން އާކިޓެކްޗަރގެ ބިޔަ މެންޝަނެކެވެ. މުޅި އިމާރާތް ބައްދާލެވިފައިވަނީ ބިންމަތިން ފެށިގެން އެންމެ މައްޗަށް ދަމާލެވިފައިވާ ބޮޑެތި ބިއްލޫރި ފާރުތަކުންނެވެ. އަޅިކުލައިގެ އޮމާން ކޮންކްރީޓާއި، ކަޅު ދަގަނޑުގެ މަސައްކަތްތަކުން އެ ގެއަށް ގެނެސްދީފައިވަނީ ވަރުގަދަ އަދި ޝާހީ ޒަމާނީ ސިފައެކެވެ. ގޭގެ އަރިމަތީގައި ފެންނަން އޮތީ ބިއްލޫރިގަނޑެއް ފަދަ ސާފު ފެންގަނޑެއް އެކުލެވޭ އިންފިނިޓީ ސްވިމިންގ ޕޫލެކެވެ. ފެނުގެ އަޑީގައި ދިއްލާފައިވާ ނޫކުލައިގެ ލައިޓްތަކުން މުޅި މާހައުލަށް ގެނެސްދެނީ ހިތްގައިމު، ފިނި އަސަރެކެވެ.
ރެޔާން ކާރު ޕޯޓިކޯ ދަށަށް މަޑުކޮށްލުމަށްފަހު، އިންޖީނު ނިއްވާލިއެވެ. ދޮރު ހުޅުވާލާފައި އޭނާ ފޭބިއިރު، އެ ރީތި ނޫ ދެލޮލުގައި ވަނީ އާދައިގެ މަތިން ފަރުވާކުޑަ، ފޮނި ގޮތެކެވެ. ކާރުގެ ތަޅުދަނޑި، ދުވެފައި އައި ޑްރައިވަރުގެ އަތަށް އެއްލާލުމަށްފަހު، އެއްވެސް އެއްޗެއް ނުބުނެ އޭނާ ގޮސް ފިޔަވަޅު އެޅީ ބިއްލޫރި ބޮޑު މައި ދޮރުގެ ސެންސަރުގެ ތެރެއަށެވެ. ވަގުތުން ދޮރު ދެފަރާތަށް ކެހިގެން ދިޔައެވެ.
ގޭގެ އެތެރެއަށް ވަދެވުމާއެކު ފެންނަނީ ހިތްފުރޭ ފަދަ ޒަމާނީ މުއްސަނދިކަމެކެވެ. އުސް ސީލިންގުގައި ހަރުކޮށްފައިވަނީ ޖިއޮމެޓްރިކް ބައްޓަމަކަށް އެކުލަވާލެވިފައިވާ ޒަމާނީ ކްރިސްޓަލް ލައިޓްތަކެކެވެ. ތަޅުމުގައި އަޅާފައިވާ ހުދުކުލައިގެ އިޓަލީ މާބަލްއިން މުޅި ތަނުގެ ހިޔަނި އެޅި، ލޯގަނޑެއް ފަދައިން ވިދައެވެ. ފާރުތައް ޒީނަތްތެރިކޮށްފައިވަނީ އަގުބޮޑު ޒަމާނީ ކުރެހުންތަކުންނެވެ. އެއްފަރާތުގައި ހުރި ބޮޑު ބިއްލޫރި ކުޑަދޮރުން ބޭރުގެ ފެހިކަންގަދަ ބަގީޗާ ފެންނަން އޮތެވެ.
އެ ތަނަވަސް ލިވިންގ ރޫމްގެ މެދުގައި ހުރި، އަޅިކުލައިގެ އަގުބޮޑު އިޓަލީ ލެދަރ ސޯފާގައި އިށީނދެގެން އިނީ ރެޔާންގެ ބައްޕަ، މާލިކް ޢަލީއެވެ. އަތުގައި އޮތް ޓެބްލެޓުން ސްޓޮކް މާކެޓުގެ ހަރަކާތްތައް ބަލަން އިންއިރު، އެ މޫނުމަތިން ފެންނަނީ ވިޔަފާރީގެ ދުނިޔެ ފަތަޙަކޮށްފައިވާ ވަރުގަދަ ޝަޚުޞިއްޔަތެކެވެ. ނަމަވެސް، ލޮލުގެ ވަށައިގެންވާ ކުދި ރޫތަކުންނާއި ހަށިގަނޑުގެ ވަރުބަލިކަމުން، އުމުރުން ދުވަސްވެ ބަލި އިހުސާސްވަމުން އަންނަކަން ހާމަވެއެވެ.
ރެޔާންގެ ބޫޓުގެ އަޑަށް މާލިކް އިސްއުފުލައި ބަލައިލިއެވެ. ދޮރުން އެތެރެއަށް ވަދެގެން އައި އޭނާގެ ހަގު ދަރިފުޅު ފެނުމާއެކު، މާލިކްގެ ހަރުކަށި މޫނުމަތި ވަގުތުން މަޑުމައިތިރިވެ، ލޯބިވެތި ހިނިތުންވުމެއް ވެރިވިއެވެ.
ބޭރުތެރޭގައި އެހެން އެންމެން ފައިދަށު އަޅައި ޗިސްކުރަމުން އުޅޭ ރެޔާންގެ ބޮޑާކަން، ބައްޕަ ފެނުމާއެކު ވަޔަށް ބުރައިގެން ދިޔަ ކަހަލައެވެ. އޭނާ އަޅައިގެން ހުރި ކަޅު ކޯޓު ބާލައި ސޯފާގެ ކަނަކަށް އެއްލާލުމަށްފަހު، ހިނިތުންވެލަމުން ގޮސް އިށީނީ ބައްޕަގެ ގާތުގައެވެ.
“ޑޭޑް…” ރެޔާން ގޮވާލިއެވެ. އެ އަޑުގައި ވަނީ ހަޤީޤީ ލޯތްބާއި އޯގާތެރިކަމެވެ. “ހައު އާރ ޔޫ ފީލިންގ ޓުޑޭ؟”
“އަހަރެން ރަނގަޅޭ، ދަރިފުޅާ،” މާލިކް ޓެބްލެޓް ބިއްލޫރި މޭޒުމަތީ ބާއްވަމުން ރެޔާންގެ މޫނަށް ބަލައިލިއެވެ. “ކިހިނެއް ޔުނިވަރސިޓީ ކަންތައް؟”
ރެޔާން އެ ސުވާލަށް ސަމާލުކަމެއް ނުދީ، ކަޅި އަޅުވާލީ މޭޒުމަތީގައި ބަހައްޓާފައި ހުރި އެކި ވައްތަރުގެ ބޭސް ގުޅަތަކަށެވެ.
“ޑޭޑް މެންދުރު ކައިފިންތަ؟” ރެޔާން އަހާލިއެވެ. “ބޭސް ގަޑިއަށް ކެއިންތަ؟ ޑޮކްޓަރު ބުނެފައެއްނު އޮތީ ހިތުގެ ބޭސް އެއްވެސް ދުވަހަކު މިސްނުކުރަން.”
މާލިކް ހިނިތުންވެލަމުން ރެޔާންގެ އަތުގައި ފިރުމާލިއެވެ. “ހޫމް، ހުރިހާ ބޭހެއްވެސް ގަޑިއަށް ކައިފިން. ރެހާންވެސް އޮފީހުން ދެ ފަހަރަކު ގުޅައިގެން އެކަން ބެލި. ދެން ބުނެބަލަ، މިއަދު އަވަހަށް ގެއަށް ތިއައީ ކީއްވެ؟ އާންމުކޮށް މިގަޑީގަ ޔާން އުޅޭނީ ކްލަބެއްގަ ނޫނީ ރައްޓެހިންނާއެކު ކޮންމެވެސް މަޖަލެއްގައެއްނު.”
ރެޔާން ސޯފާގެ ފަހަތަށް ލެނގިލަމުން، އެ ރީތި ނޫ ދެލޯ ބައްޕައާ ސީދާކޮށްލިއެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވީ ކުޑަކުއްޖަކު އެއްޗަކަށް އެދޭއިރު ދައްކާ ކަހަލަ ލާނެތް ހިނިތުންވުމެކެވެ.
“ޑޭޑް… އައި ނީޑް އަ ފޭވަރ،” ރެޔާން ފެށިއެވެ.
“އަނެއްކާ ކޮން ކަމެއް؟” މާލިކް ލުއި ހިނިގަނޑަކާއެކު އެއްސެވެ.
“އަހަރެން ބޭނުން އާ ކާރެއް،” ރެޔާން ފަސޭހަކަމާއެކު ބުނެލިއެވެ. “އެންމެ ފަހުން ނިކުތް ބުގާޓީ ޗިރޯން. ލަންޑަނަށް އެތެރެކުރަނީ އެންމެ ތިން ކާރު. އަހަރެން މިހާރު ގެންގުޅޭ ލަމްބޯ މަތިން މުޅިން ފޫހިވެއްޖެ.”
މާލިކް ބޯހޫރާލިއެވެ. އެއީ ދެތިން މިލިއަން ޕައުންޑުގެ އަގުބޮޑު ކާރެއް ނަމަވެސް، މާލިކަށް އެއީ މާ ބޮޑު ކަމެއް ނޫނެވެ. ކުޑައިރުއްސުރެ ރެޔާން އެދުނު ކޮންމެ އެއްޗެއް ފައިބުޑަށް ގެނެސްދިނުމަކީ އެ ބައްޕަގެ އާދައެވެ.
“އެކަމަކު ޔާން، ދަރިފުޅު އަދި އެ ކާރު ނެގިތާ އަހަރެއްވެސް ނުވޭ،” މާލިކް މަޑުމައިތިރިކަމާއެކު ބުންޏެވެ. “އަދި ޔުނިވަރސިޓީން ޗާންސެލަރވެސް ގުޅި. ދަރިފުޅު ކްލާސްތަކަށް ނުދާ ވާހަކަ ބުނި.”
“ޑޭޑް ޕްލީޒް، ހެރިސަން ކިޔާ އެއްޗިއްސަށް އަޑުނާހަބަލަ،” ރެޔާން ބައްޕަގެ އަތުގައި ބާރަށް ހިފާލަމުން ބުންޏެވެ. “އައި ޖަސްޓް ވޯންޓް ދެޓް ކާރ. އެ ކާރު އަހަންނަށް ލިބެންވާނެ. އަޒްލާންމެންގެ ކުރިމަތީގައި މޮޅުވާންވެސް އަހަރެން އެ ކާރު ބޭނުން.”
މާލިކް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ރެޔާންގެ ބޮލުގައި ފިރުމާލިއެވެ. މި ދަރިފުޅުގެ އެދުމަކަށް ނޫނެކޭ ބުނާނެ ހިތްވަރެއް އެ ބައްޕަގެ ކިބަޔަކު ނެތެވެ.
“އޯކޭ މާދަމާ ރެހާން ގާތު ބުނެގެން އެކަން ހަމަޖައްސައިދޭނަން” މާލިކް އެއްބަސްވިއެވެ. “އެކަމަކު ޔާން ޔުނިވަރސިޓީ ނިންމަން ވާނެ. ރެހާންއާ އެކީ ބިޒްނަސްއާ ހަވާލުވާން ޖެހޭނެ.”
“ތޭންކްސް ޑޭޑް! ޔޫ އާރ ދަ ބެސްޓް،” ރެޔާން ހިނިތުންވެލަމުން ބައްޕަގެ ގައިގައި ބައްދާލިއެވެ.
ބޭނުންވި ކަންތައް ހަމަޖެހުމުން، ރެޔާން ސޯފާއިން ތެދުވެގެން، ބިއްލޫރި ފެންޑާއިން އަރަން ހުރި
ފްލޯޓިންގ ޒަމާނީ ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ބިއްލޫރި އަތްގަނޑު ލާފައިވާ އެ ސިޑީގެ ކޮންމެ ހަރުފަތެއްގެ ދަށުގައި ދިއްލާފައިވާ ލުއި ހުދު އަލިން މުޅި ސަރަޙައްދު އޮތީ އުޖާލާވެފައެވެ.
ދެވަނަ ފަންގިފިލާގައި ހުންނަ އޭނާގެ ބޮޑު ކޮޓަރިއަށް ވަދެ، ތަޅުދަނޑި ޑްރެސިންގ ޓޭބަލް މައްޗަށް އެއްލާލިއެވެ. ކިންގް ސައިޒް އެނދުމައްޗަށް ވެއްޓިގަނެ، ދެއަތް ބޯދަށަށް ލައްވާލަމުން ރެޔާން ސީލިންގަށް ބަލަހައްޓައިގެން އޮތެވެ. އޭނާގެ ތުންފަތްމަތީގައި އަދިވެސް ވަނީ އާ ކާރު ލިބޭނެކަމުގެ ފޮނި ހިނިތުންވުމެވެ. ޑެނިއަލްއާއި އަޒްލާންގެ ކުރިމަތީގައި އެ ކާރު ދުއްވާލާއިރު އެމީހުންގެ މޫނުމަތިން ފެންނާނެ ހައިރާންކަން ތަޞައްވުރު ކޮށްލެވުމުން އޭނާގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ފަޚުރުވެރިކަމެކެވެ.
ފޯނު ނަގައި ސްކްރީން ދިއްލާލިއިރު، ސެރީނާގެ އެތައް މެސެޖަކާއި މިސްޑް ކޯލެއް އޮތެވެ. ނަމަވެސް އެއިން އެއްވެސް މެސެޖެއް ހުޅުވާލުމުގެ ޝައުޤުވެރިކަމެއް އޭނާގެ ނެތެވެ. ފޯނު އެއްފަރާތަކަށް އެއްލާލުމަށްފަހު އޭނާ ދެލޯ މަރާލީ މިރޭގެ ޕާޓީއަށް ތައްޔާރުވުމަށްޓަކައި ކުޑަކޮށް އަރާމުކޮށްލުމުގެ ބޭނުމުގައެވެ.
އެ ހަމަހިމޭން ވަގުތުކޮޅުގެ ތެރޭގައި، ރެޔާންގެ ޚިޔާލަށް ވެރިވަމުން ދިޔައީ ހަމައެކަނި އޭނާގެ އުފަލާއި އަރާމެވެ.
*****
ރޭގަނޑުގެ ފިނި ވަޔާއެކު ލަންޑަނުގެ މަގުތައް ހަމަހިމޭންވަމުން ދިޔަ ނަމަވެސް، މަޝްހޫރު މޭފެއަރ ސަރަޙައްދުގައި ހުންނަ އެންމެ އަގުބޮޑު އަދި ނުފޫޒުގަދަ ނައިޓްކްލަބް އައުރާ ގެ އެތެރެ އޮތީ މުޅިން ތަފާތު ދުނިޔެއެއްގައެވެ. ބާރު މިއުޒިކުގެ ބާސް އަޑުން މުޅި ތަން ގުގުމަމުން ދިޔައިރު، ނިއޯން އަލިތަކާއި ކުލަކުލައިގެ ލޭޒަރ ލައިޓްތައް އެކި ދިމަދިމާއަށް އެނބުރެމުން ދިޔައެވެ. ދުންފިނީގެ ތެރޭގައި އެތައް ސަތޭކަ ޒުވާނުންނެއް ވަނީ ދުނިޔެ މަތިން ހަނދާންނެތިފައެވެ.
އެ ކްލަބުގެ ދެވަނަ ފަންގިފިލާގައި ވަކިން ޚާއްޞަކޮށްފައިވާ ވީއައިޕީ ލައުންޖުގައި އިނީ ރެޔާންއާއި އޭނާގެ ގްރޫޕެވެ. އަރާމު ވެލްވެޓް ސޯފާތަކާއި، ބިއްލޫރި މޭޒުމަތީގައި ތަފާތު ބުއިންތައް އަތުރާލެވިފައި ވާއިރު، އެ ސަރަޙައްދު އޮތީ ބޭރުގެ އާންމު ލޮލަށް ފޮރުވިފައެވެ.
ރެޔާން އިނީ ސޯފާގެ މެދުގައި ފައިމައްޗަށް ފައި އަރުވާލައިގެން، ވަރަށް ހަމަޖެހިލައިގެންނެވެ. އޭނާ ލައިގެން ހުރި ކަޅު ގަމީހުގެ މަތީ ދެ ގޮށް ނައްޓާލާފައިވާއިރު، އެ ރީތި ނޫ ދެލޮލުގައި ވަނީ ފަރުވާކުޑަ، ބޮޑާ ވިދުމެކެވެ. އޭނާގެ އަތުގައި އޮތް އަގުބޮޑު އިލެކްޓްރޯނިކް ވޭޕް އަނގައަށް ލައްވާލުމަށްފަހު ފުންކޮށް ދަމާލިއެވެ. އަދި މަޑުމަޑުން ތުންފަތް ކުޑަކޮށް ހުޅުވާލަމުން، ތުނި ދުންތައް ވައިގެ ތެރެއަށް ދޫކޮށްލިއެވެ. އެ ދުންތަކުގެ ތެރެއިން އޭނާގެ ފިރިހެންވަންތަ މޫނު ފެންނަނީ ވަރަށް ސިއްރުވެރި، އެހާމެ ބޮޑާ ގޮތަކަށެވެ.
އޭނާގެ ކައިރީގައި، ގައިގޯޅިވެގެން ތަތްވެގެން އިނީ ސެރީނާއެވެ. ސެރީނާ ލައިގެން ހުރި ކުރު، ވިދާ ހެދުމާއެކު އޭނާގެ ހަށިގަނޑު ވަނީ މުޅިންހެން ރެޔާންގެ ގައިގައި ޖައްސާލާފައެވެ. ސެރީނާގެ އެއްއަތް ރެޔާންގެ ކޮނޑުމަތިން އަޅުވާލައިގެން ހުރިއިރު، އަނެއް އަތުން ދިޔައީ ރެޔާންގެ މޭމަތީގައާއި ކަނދުރާގައި ފިރުމަމުންނެވެ.
“ޔާން… ޔޫ އާރ ސޯ ކޯލްޑް ޓުނައިޓް،” ސެރީނާ ލާނެތް ރާގަކަށް ބުނެލަމުން ރެޔާންގެ ކަންފަތްދޮށަށް ގުދުވެލިއެވެ. އަދި ރެޔާންގެ ކޯތާފަތުގައި މަޑުމަޑުން ބޮސްދިނެވެ.
ރެޔާން އެއްވެސް ދެކޮޅުހެދުމެއް ނެތި، އަނެއްކާވެސް ވޭޕުން އެތިފޮދެއް ދަމާލަމުން ސެރީނާގެ އުނަގަނޑުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ. ދެމީހުންގެ ދެމެދުގައި އޮތް ގައިގޯޅިކަން އިންތިހާއަށް ދިޔަ ނަމަވެސް، ރެޔާންގެ އެ ނޫ ދެލޮލުން ފެންނަނީ އެއްވެސް ޖަޒުބާތެއް، ލޯތްބެއް ނެތް ހުސްކަމެކެވެ. އޭނާއަށް މިއީ ހަމައެކަނި ވަގުތީ މަޖަލެކެވެ. ފޫހިފިލުވުމެކެވެ.
އެމީހުންގެ ވަށައިގެންވެސް އޮތީ ހަމަ އެފަދަ މަންޒަރުތަކެކެވެ. އަޒްލާން އިނީ ނަތާޝާއާ އިންތިހާއަށް ކައިރިވެ، ސިއްރު ވާހަކަތަކެއް ދައްކައި ހޭންށެވެ. ޑެނިއަލް އިނީ ކްލަބުން ދިމާވި އެހެން އަންހެން ކުއްޖެއްގެ އުނގުމަތީގައި އަތް ބާއްވާލައިގެންނެވެ.
“ލުކް އެޓް ހިމް، އަހަރެމެންގެ ރެޔާން މާލިކް މާދަމާ އައު ބުގާޓީއެއްގަ ނިކުންނަން އުޅޭ ޚަބަރު ލިބިއްޖެ!” ޑެނިއަލް ބާރަށް ބުނެލިޔެވެ.
“ސީރިއަސްކޮށްތަ ޔާން؟” ސެރީނާ އުފަލުން ފޮޅިގެން ދިޔައެވެ. އަދި ރެޔާންގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. “ފަސްޓް ރައިޑް އަހަންނަށް ދޭންވާނެ!”
ރެޔާން ތުންފަތްމައްޗަށް ފޮނި ހިނިތުންވުމެއް ވެރިކޮށްލަމުން، ސެރީނާގެ މޫނަށް ވޭޕްގެ ދުންތައް ފުމެލިއެވެ. “އައި އޯލްވޭސް ގެޓް ވަޓް އައި ވޯންޓް، ސެރީ. އަހަރެން ބޭނުންވެއްޖެ އެއްޗެއް އަހަންނަށް ނުލިބިއެއް ނުދާނެ.”
“ދެޓްސް ދަ ސްޕިރިޓް!” އަޒްލާންވެސް އެއްބަސްވިއެވެ.
ވީއައިޕީ ލައުންޖުގެ އަނދިރި ފަނޑު އަލިތަކާއި، ކްލަބުގެ ބާރު މިއުޒިކުގެ ތެރޭގައި ސެރީނާ އެއްވެސް ޖެހިލުމެއްނެތި ތެދުވެ، ރެޔާންގެ އުނގުމައްޗަށް އަރައި އިށީނދެލިއެވެ. އޭނާގެ ދެއަތް ރެޔާންގެ ކަނދުރާގައި އަޅުވާލަމުން، އެ މޫނާ އިންތިހާއަށް ކައިރިވެލިއެވެ.
މި މަންޒަރު ފެނުމުން އަޒްލާންއާއި ޑެނިއަލް އެކަކު އަނެކަކަށް ބަލައިލުމަށްފަހު ލާނެތް ގޮތަކަށް ހީނގަތެވެ.
“ލުކްސް ލައިކް އިޓްސް ޓައިމް އަސްޓު ލީވް،” ޑެނިއަލް ތަށި ބަހައްޓަމުން ބުންޏެވެ.
“ހޭވް ފަން ޔާން. ވީ އާރ ހެޑިންގ ޑައުން،” އަޒްލާން ނަތާޝާގެ އަތުގައި ހިފައިގެން ތެދުވަމުން ބުނެލިއެވެ.
އެމީހުން އެ ދެމީހުންނަށް ވަގުތު ދީފައި ދުރަށް ދިޔުމާއެކު، ސެރީނާ ވަގުތުން ރެޔާންގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. އިންތިހާ ދަހިވެތިކަމާއި އެދުމުން ފުރިގެންވާ ގޮތަކަށެވެ. އޭނާގެ އަތުގެ އިނގިލިތައް ރެޔާންގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލައި، މޫނާއި ކަނދުރާގައި ބޮސްދެމުން، ރެޔާންގެ ގައިގައި ބާރަށް ބައްދާލިއެވެ. ރެޔާންވެސް ސެރީނާގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓައި ގަޔާ ކައިރިކޮށްލަމުން، އެ ބީހުންތަކާއި ގައިގޯޅިކަމުގައި ބައިވެރިވިއެވެ.
ނަމަވެސް، އެ ހުރިހާ ގާތްކަމެއްގެ ތެރޭގައިވެސް ރެޔާންގެ އެ ރީތި ނޫ ދެލޮލުގައި ވަނީ ފިނި، ފަރުވާކުޑަ އަސަރެކެވެ. އޭނާއަށް މިއީ ހަމައެކަނި ވަގުތީ އުފަލެކެވެ. ފޫހިފިލުވުމެކެވެ. ހަށިގަނޑުގެ އެދުން ފުއްދުމެކެވެ. ސެރީނާ އޭނާގެ ފަރާތުން ހަޤީޤީ ލޯބި ބޭނުންވާކަމާއި، މި ގުޅުން ސީރިއަސް ކުރަން ބޭނުންވާކަން ރެޔާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު އޭނާގެ ހިތުގައި ސެރީނާއަށްޓަކައި އެއްވެސް ޖަޒުބާތެއް ނެތެވެ.
އިރުކޮޅަކަށްފަހު، ސެރީނާ މާނޭވާލަމުން ރެޔާންގެ ތުންފަތާ ދުރުވެލިއެވެ. އޭނާގެ ދެލޯ ވަނީ އިހުސާސްތަކުން ފުރިފައެވެ. ރެޔާންގެ މޭމަތީގައި މަޑުމަޑުން ފިރުމަމުން، އޭނާ ރެޔާންގެ ނޫ ދެލޮލަށް ބަލައިލިއެވެ.
“ޔާން… ލެޓްސް ގޯ އިންޓު އަ ރިލޭޝަންޝިޕް،” ސެރީނާގެ އަޑުގައި ވަނީ އާދޭހާއި އުންމީދެވެ. “އަހަރެމެން މިހާ ގާތްކޮށް، ކޮންމެ ރެއަކު މިހެން އުޅޭތާ ކިތައް ދުވަސް؟ އަހަރެން ހަމައެކަނި ބޭނުމީ މިގޮތަށް ކްލަބްތަކުން ބައްދަލުވާކަށް ނޫން. އައި ވޯންޓް ޓު ބީ ޔުއަރ ގާރލްފްރެންޑް. އަހަރެން ބޭނުން މުޅި ދުނިޔެއަށް އަހަރެމެންނަކީ ކަޕަލްއެއްކަން ދައްކަން.”
ރެޔާންގެ ތުންފަތްމައްޗަށް ވެރިވީ ކިބުރުވެރި، މަލާމާތުގެ ހިނިތުންވުމެކެވެ. އޭނާ ސެރީނާގެ ކޯތާފަތުގައި މަޑުމަޑުން ހިފަހައްޓާލިއެވެ.
“ސެރީ، އަހަރެމެން ކުރިންވެސް މި ވާހަކަ ދައްކައިފީމެއްނު؟” ރެޔާން ފިނި ރާގަކަށް ބުނެލިއެވެ. “ރިލޭޝަންޝިޕް؟ ލޯބި؟ ދެޓްސް ނޮޓް ފޯ މީ.”
“އެކަމަކު ކީއްވެ ޔާން؟” ސެރީނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. “އަހަރެންގެ ކޮން އުނިކަމެއް ހުރެގެން؟ އަހަރެން ޔާން ބޭނުންވާ ހުރިހާ އުފަލެއް ދެން. ޔާން ދެކެ ލޯބިވޭ. ޔޫ ނޯ އައި ލަވް ޔޫ!”
“އައި ނޯ ޔޫ ޑޫ، ސެރީ. އެކަމަކު އަހަރެން ސެރީ ދެކެ ލޯތްބެއް ނުވޭ،” ރެޔާން އެއްވެސް ޖެހިލުމެއްނެތި، ހަރުކަށިކަމާއެކު ބުނެލިއެވެ. “އަހަންނަށް މިއީ މަޖާ. އަހަރެން ބޭނުމެއް ނޫން އެއްވެސް އަންހެނެއްގެ ޒިންމާ ނަގައި، އެއް ގުޅުމެއްގެ ތެރޭގައި ތާށިވާކަށް. އަހަރެންގެ މިނިވަންކަމަކީ އަހަންނަށް އެންމެ މުހިންމު އެއްޗެއް.”
ސެރީނާގެ ހިތް ކުދިކުދިވެގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ރެޔާން އޭނާ ބޭނުންކުރަނީ ހަމައެކަނި އަމިއްލަ އެދުމަށްކަން އެނގޭއިރުވެސް، ރެޔާންގެ އެ ޖާދުވީ ރީތިކަމާއި ނުފޫޒުން މިންޖުވާނެ ހިތްވަރެއް އޭނާގެ ނެތެވެ.
“ޔޫ އާރ ސޯ ހާރޓްލެސް، ޔާން…” ސެރީނާ ތުރުތުރުއަޅާ އަޑަކުން ބުންޏެވެ.
“އައި ނެވަރ ސެޑް އައި ހޭވް އަ ހާރޓް،” ރެޔާން ކިބުރުވެރިކަމާއެކު ސެރީނާގެ ދަތްދޯޅިގައި ހިފާ އުފުލާލިއެވެ. “ސެރީއަށް އަހަންނާއެކު އުޅެވެންޏާ އުޅޭނީ އަހަރެންގެ އުސޫލުން. ވަގުތީ އުފަލާއި މަޖާ. ނޯ އިމޯޝަންސް، ނޯ ސްޓްރިންގްސް އެޓޭޗްޑް. ދުރަށް ދާން ބޭނުމިއްޔާ މިހާރުވެސް ދެވިދާނެ.”
ސެރީނާ އިސްދަށަށް ޖަހާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަމިއްލަ ނަފްސުގެ އަގު ވެއްޓުނު ނަމަވެސް، ރެޔާން ދޫކޮށްލާކަށް އޭނާއަކަށް ނުކެރުނެވެ. އޭނާ އަނެއްކާވެސް ރެޔާންގެ މޭގައި ބޯއަޅާލަމުން، އެ ގައިގޯޅިކަމުގެ ތެރެއަށް އަމިއްލައަށް ގެނބިގަތެވެ.
ސެރީނާގެ ބޯ އޭނާގެ މޭމަތީގައި އޮތް ނަމަވެސް، ރެޔާންގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާ އެއްއަތުން ސެރީނާގެ ބުރަކަށީގައި ފިރުމާލަމުން، އަނެއް އަތުން މޭޒުމަތީގައި އޮތް ވޭޕް ނަގައި އަނގައަށް ލައްވާލިއެވެ. އަދި ފުންކޮށް ދަމާލުމަށްފަހު، ސެރީނާގެ އިސްތަށިގަނޑުގެ މަތިން ވައިގެ ތެރެއަށް ދުންތައް ބުރުވާލިއެވެ. އެ ދުންތަކުގެ ތެރެއިން އޭނާގެ ނޫ ދެލޯ ވިދަމުން ދިޔައީ ފިނި، އަނދިރި ވިދުމަކުންނެވެ.
ސެރީނާ އިސްއުފުލައި ރެޔާންގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތީގައިވާ ބޮޑާކަމާއި، ވޭޕްގެ ދުންތަކާއެކު ފެންނަ ފިރިހެންވަންތަކަމަކީ ސެރީނާގެ ހުރިހާ ވިސްނުމެއް ނަގާލާ ސިފަތަކެކެވެ. ރެޔާން ކިތަންމެ ހިތްހަރުކޮށް ވާހަކަ ދެއްކި ނަމަވެސް، އެ ޖާދޫގައި ނުޖެހި ހުންނާކަށް ސެރީނާއަކަށް ކުޅަދާނައެއް ނުވިއެވެ.
ސެރީނާ މަޑުމަޑުން އަތް އުފުލާލައި، ރެޔާންގެ ކަންފަތްދޮށަށް ގުދުވެލަމުން، ހޫނު ނޭވާއެއް އޭނާގެ ކަނދުރާއަށް ދޫކޮށްލިއެވެ.
“ޔާން… ލެޓްސް ގޯ ،” ސެރީނާ ސިއްރުސިއްރުން، އެދުމުން ފުރިގެންވާ އަޑަކުން ބުނެލިއެވެ. އެ ކްލަބުގެ މަތީ ފަންގިފިލާގައި ޚާއްޞަ މެހެމާނުންނަށް ހުންނަ ޕްރައިވެޓް ކޮޓަރިތަކަށް އިޝާރާތް ކުރަމުންނެވެ.
ރެޔާންގެ ތުންފަތްމައްޗަށް ވެރިވީ ފޮނި، ކިބުރުވެރި ހިނިތުންވުމެކެވެ. ސެރީނާ ކިތަންމެ ވަރަކަށް ލޯބި ހޯދަން އުޅުނަސް، އެންމެ ފަހުން އޭނާގެ ދަލުގައި ބެދި، އޭނާ ބޭނުންވާ މަގަށް ކަންކަން ދާތީ ރެޔާންގެ ހިތަށް ލިބުނީ ބޮޑާ އުފަލެކެވެ.
“ލެޓްސް ގޯ،” ރެޔާން ފަރުވާކުޑަ ގޮތަކަށް ބުނެލަމުން، ސެރީނާ އުނގުމަތިން ތިރިކޮށް ސޯފާއިން ތެދުވިއެވެ. އަދި ސެރީނާގެ އަތުގައި ހިފައިގެން، ހިނގައިގަތެވެ.
*****
ރޭގަނޑުގެ ވަގުތުތައް ފާއިތުވެ، ލަންޑަނުގެ މަގުތައް ހަމަހިމޭންވަމުން އައިއިރު މާލިކް ގްލޯބަލް އެންޓަޕްރައިސަސްގެ އުސް އިމާރާތުގެ ގިނަ ފަންގިފިލާތަކުގެ އަލިތައް ވަނީ ކެނޑިފައެވެ. ނަމަވެސް އެގްޒެކެޓިވް ޑިރެކްޓަރު ޒައިން ހައިދަރުގެ ކެބިން އޮތީ އަދިވެސް އޮތީ ފަޑު އަލި ކަމެއްގެ ތެރޭގައެވެ. މޭޒުމަތީގައި ހުރި ލެޕްޓޮޕްގެ އަލިންނާއި ސްޓަޑީ ލޭމްޕްގެ ހޫނު އަލިން މުޅި މާހައުލު ފެންނަނީ މަޑުމައިތިރިކޮށެވެ.
ޒައިން އިނީ ކަނދުރާ ކުޑަކޮށް ގުދުކޮށްލައިގެން، ބައިނަލްއަޤްވާމީ އައު މަޝްރޫޢެއްގެ ފައިނޭންޝަލް ޑޮކިއުމަންޓްތަކަކަށް ގެއްލިފައެވެ. އޭނާގެ އެ އަޖައިބެއްފަދަ ވިދާ އަޅި ދެލޮލުގައި ވަނީ ފުން ސަމާލުކަމެކެވެ. ގަމީހުގެ އަތްކުރި އުޅަނބޮށްޓާ ހަމައަށް އޮޅާލާފައިވާއިރު، ނިތްކުރިމައްޗަށް ވެއްޓިފައިވާ ކަޅު އިސްތަށިކޮޅުން އޭނާގެ ފިރިހެންވަންތަކަން އިތުރަށް ފުރިހަމަކޮށްދެއެވެ. ވަގުތު ދިޔަ ގޮތްވެސް އޭނާއަކަށް ނޭނގެއެވެ.
ކެބިންގެ ބޮޑު ދޮރު މަޑުމަޑުން ހުޅުވި، އެތެރެއަށް ވަދެގެން އައި ފިޔަވަޅުތަކުގެ ހިލަމެއްވެސް މަސައްކަތުގައި ޖެހިފައ އިން ޒައިންއަކަށް ނުވިއެވެ. އެ ފިޔަވަޅުތައް އައިސް މޭޒުގެ އަރިމައްޗަށް ހުއްޓުނެވެ.
“ޒޭން…”
ކަންފަތްދޮށުން އިވިގެން ދިޔައީ ފިނިފެންމަލެއްގެ ފިޔަތަކެއް ފަދަ އޮމާން، ޖާދުވީ އަޑެކެވެ. އެ އަޑުގައި ވަނީ ހިތްފުރިގެންދާ ފަދަ ލޯބިވެތި ގޮތެކެވެ.
ޒައިން ކުއްލިއަކަށް ސިއްސައިގެން ގޮސް އިސްއުފުލައި ބަލައިލިއެވެ. ކުރިމަތީގައި ހުރި ސޫރަ ފެނުމާއެކު، އޭނާގެ މޫނުމަތީގައިވި ހުރިހާ ވަރުބަލިކަމެއް ސިކުންތެއްގެ ތެރޭގައި ފޮހެވި، އެ ރީތި އަޅި ދެލޮލުން އުފާވެރިކަމުގެ ވިދުވަރެއް ފާޅުވިއެވެ. ތުންފަތްމައްޗަށް ވެރިވީ އޯގާތެރި، ހިތްގައިމު ހިނިތުންވުމެކެވެ.
“ލުޖް…” ޒައިންގެ އަޑުން ބޭރުވީ ލޯބިން ފުރިގެންވާ ގޮތެކެވެ.
ކުރިމަތީގައި ހުރީ ޒައިންގެ ހިތުގެ ވިންދު، އޭނާގެ ލޯބިވާ އަނބިމީހާ ލުޖެއިން ރިޔާދެވެ. ބައިނަލްއަޤްވާމީ އެއާލައިނެއްގެ ކެބިންކްރޫއެއްގެ ގޮތުގައި މަސައްކަތްކުރާ ލުޖެއިންއަކީ ބަލާލި ކޮންމެ މީހަކު ހައިރާންވާނެ ފަދަ ޗާލޫ، ފުރިހަމަ ރީތިކަމެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. ދިގު، ބައްޓަން ރީތި އިސްކޮޅަކާއި، އޮމާން ދޮން ހަންގަނޑެކެވެ. އެއާލައިންގެ ޝާހީ ޔުނިފޯމުގައި ހުރިއިރު، ފަހަތަށް އައްސާލެވިފައިވާ ކަޅު އިސްތަށިގަނޑުން އޭނާގެ ތޫނު، ރީތި މޫނުގެ ވަނަވަރު ވަރަށް ފުރިހަމައަށް ފާޅުވެއެވެ. އަތުގައި ކުޑަ ލަގެޖް ދަމާލާފައި ހުރިއިރު، މޫނުމަތިން ދަތުރުގެ ކުޑަ ވަރުބަލިކަމެއް ފެނުނު ނަމަވެސް، އެ ބޮޑު ކަޅު ދެލޮލުގައި ވަނީ ނަލަ ވިދުމެކެވެ.
ލުޖެއިން ދެބުމަ ކުޑަކޮށް ގޮށްޖަހާލަމުން، ތުން އަނބުރާލިއެވެ. “ލޯބީ… ކިހާވަރަކަށް ގުޅައިފިން ޕިކް ކޮށްލަދޭށޭ ބުނަންވެގެން؟”
ޒައިން އަވަސްއަވަހަށް މޭޒުމަތީ އޮތް ފޯނު ނަގައި ބަލައިލިއެވެ. ފޯނު އޮތީ ސައިލެންޓަށް ލެވިފައެވެ. ލުޖެއިންގެ އެތައް މިސްޑް ކޯލެއް އޮތްތަން ފެނިފައި އޭނާ ލަދުވެތި ގޮތަކަށް ބޮލުގައި އަތް ހާކާލިއެވެ.
“ކެބްގަ އަންނަން މި ޖެހުނީ،” ލުޖެއިން މަޑުމަޑުން ހިނގައިގަނެ ޒައިންގެ ގޮނޑީގެ ފަހަތަށް ހުއްޓުނެވެ. އަދި އޭނާގެ ނާޒުކު ދެއަތުން ޒައިންގެ ކޮނޑުގައި ހިފާލަމުން ކުރިއަށް ގުދުވެލިއެވެ. “އައިރު ހިތަށް އެރީ އޮފީސް ކައިރި ބަލާލާނަމޭ ޒޭން އަދިވެސް އުޅެނީތޯ. އެންޑް ލުކް އެޓް ޔޫ! އަދިވެސް މިތާ ތި އިނީ.”
ޒައިން ގޮނޑި އަނބުރާލުމަށްފަހު، ލުޖެއިންގެ އަތުގައި ހިފައި އޭނާގެ ގާތަށް ދަމާލިއެވެ. އަދި ލުޖެއިންގެ ހިމަކޮޅި އުނަގަނޑުގައި ދެއަތުން ވަށާލަމުން، އެ މޫނަށް ބަލައިލިއެވެ. އެ އަޅި ދެލޮލުގައި ވަނީ ކުށްވެރި އިހުސާސަކާއެކު އުފެދުނު ބޮޑު ލޯތްބެކެވެ.
“އައި އެމް ސޯ ސޮރީ، މައި ލަވް،” ޒައިން އޯގާތެރިކަމާއެކު ބުނެލިއެވެ. “މި ޕްރޮޖެކްޓްގެ ކަންކަމުގައި އުޅެނިކޮށް ގަޑި ދިޔަ ގޮތްވެސް ނޭނގުނީ. ފޯނު ސައިލެންޓްގަ އޮތީމަ ނުވެސް އެނގުނު. ވަރަށް ބޮޑަށް ދެރަވެއްޖެ.”
ލުޖެއިންގެ ހިތް ވަގުތުން މަޑުކަފަކޮޅަކަށް ވިއެވެ. ޒައިންގެ އެ ތެދުވެރި އަޑާއި، މޫނުމަތިން ފެންނަ ލޯބިވެތިކަމުގެ ކުރިމަތީގައި ޝަކުވާކުރާނެ ހިތްވަރެއް އޭނާގެ ނުހުރެއެވެ. ލުޖެއިން މަޑުމަޑުން އިށީނީ ޒައިންގެ އުނގުމަތީގައެވެ. އަދި ޒައިންގެ ކޯތާފަތުގައި އޭނާގެ އޮމާން އަތްތިލަ ޖައްސާލަމުން، އިނގިލިތަކުން ފިރުމާލިއެވެ.
“އައި ނޯ ޔޫ އާރ ވޯކިންގ ހާރޑް،” ލުޖެއިން މަޑުމައިތިރި، ނާޒުކު އަޑަކުން ބުންޏެވެ. “އެކަމަކު އަމިއްލަ ނަފްސަށްވެސް ބަލަންވާނެއެއްނު؟ ޒޭން ނުކައި ދޯ ތި އިނީ؟”
“އަހަރެންގެ ބަނޑުހައިކަން ފިލައިފި ލުޖް ފެނުނީމަ،” ޒައިން ލާނެތް ހިނިތުންވުމަކާއެކު ބުނެލިއެވެ. އަދި ލުޖެއިންގެ ނިތްކުރީގައި ލޯބިން ބޮސްދިނެވެ. “ވަރަށް މިސްވި. މިފަހަރުގެ ފްލައިޓް މާ ދިގުހެން ހީވި.”
“އަހަރެންވެސް ވަރަށް މިސްވި،” ލުޖެއިން ޒައިންގެ ކަނދުރާގައި ބޯއަޅާލިއެވެ. އޭނާގެ ގައިން ދުވި މީރު ސެންޓުގެ ވަހުން ޒައިންގެ ހިތަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ގެނެސްދިނެވެ.
މިއީ ރެޔާންގެ ދުނިޔެއާ މުޅިން ތަފާތު ދުނިޔެއެކެވެ. މި ގުޅުމުގައި ވަނީ ކެހިވެރިކަމެއް، ވަގުތީ އެދުމެއް ނޫނެވެ. ދެމީހުންގެ މެދުގައި ވަނީ ޤަދަރާއި، އިޙުތިރާމާއި، ހަޤީޤީ ލޯތްބެވެ. ޒައިންއަކީ ރެހާން ފަދައިން އަންހެނުންގެ އިއްޒަތަށް ހުރުމަތްތެރިކޮށް ހިތާ، ތެދުވެރި ވަފާތެރިއެކެވެ.
“ދެން ހިނގާ ގެއަށް ދާން،” ޒައިން އޭނާގެ ލެޕްޓޮޕް ލައްޕާލަމުން ލުޖެއިންގެ މޫނަށް ބަލައިލިއެވެ. “މިރޭ އަހަރެން ލުޖްއަށް މީރު އެއްޗެއް ކައްކައިދޭނަން.”
“ސީރިއަސްކޮށް؟” ލުޖެއިން އުފަލުން ހީނގަތެވެ. އެ ހުނުމުގެ އަޑުން މުޅި ކެބިން ތެރެ އަލިވެގެން ދިޔަ ފަދައެވެ.
“ޔެސް، މައި ޕްރިންސެސް،” ޒައިން ލުޖެއިން ގޮވައިގެން ތެދުވެ، އޭނާގެ ލަގެޖުގައި ހިފިއެވެ.
އޮފީހުގެ އެންމެ މަތީ ފަންގިފިލާއިން ތިރިއަށް ފައިބަމުން ދިޔަ ޕްރައިވެޓް ލިފްޓުގެ ބިއްލޫރި ދޮރުން ފެންނަމުން ދިޔައީ ރޭގަނޑުގެ އަލިތަކުން ފަޅުފިލާފައިވާ ލަންޑަނުގެ ހިތްގައިމު މަންޒަރެވެ. ނަމަވެސް ޒައިންގެ ނަޒަރު އެ މަންޒަރަކަށް ނުހުއްޓެއެވެ. އޭނާގެ ފުން، ވިދާ އަޅި ދެލޯ ހުއްޓިފައިވަނީ ކައިރީގައި ހުރި އޭނާގެ ހަޔާތުގެ ހަމައެކަނި ބައިވެރިޔާއަށެވެ.
ޒައިން އެއްއަތުން ލުޖެއިންގެ ކުޑަ ލަގެޖްގައި ހިފަހައްޓައިގެން ހުރިއިރު، އަނެއް އަތުން ލުޖެއިންގެ އުނަގަނޑުގައި ހިފާލައި، އޭނާއާ ނުހަނު ގާތަށް ދަމައިގަތެވެ. އަދި ތުންފަތްމައްޗަށް ލާނެތް، އެހާމެ ލޯބިވެތި ހިނިތުންވުމެއް ވެރިކޮށްލަމުން، އެ ކަންފަތްދޮށަށް ގުދުވެލިއެވެ.
“ސޯ… މައި ވައިފް މިއަދު ކޯޗެއްތަ ކާން ބޭނުންވަނީ؟” ޒައިންގެ އަޑުގައި ވަނީ ފިރިހެންވަންތަ މަޑުމައިތިރިކަމެކެވެ. “ސޯ ދެޓް ޔުއަރ މާސްޓަރ ޗެފް ހަސްބެންޑް ކޭން ކުކް!”
ލުޖެއިންގެ ތުންފަތްމައްޗަށް ވަގުތުން ވެރިވީ ލަދުރަކި، އެކަމަކު މަޖާ ހިނިތުންވުމެކެވެ. އޭނާ އެނބުރި ޒައިންގެ މޭމަތީގައި ދެއަތް އަޅުވާލަމުން، އިސްއުފުލައި އެ ރީތި މޫނަށް ބަލައިލިއެވެ. ކައިވެންޏަށް އަދި މިވީ އެންމެ ތިން މަސްދުވަހެވެ. ނަމަވެސް އެ ކުރު މުއްދަތުގެ ތެރޭގައިވެސް އެކަކު އަނެކަކަށް ދެވިފައިވާ ލޯތްބާއި، އުފެދިފައިވާ ގާތްކަން ބަޔާންކުރަން ދައްޗެވެ. އެއީ ހަމަ އަލަތު ކައިވެނީގެ އެންމެ ފޮނި، އެންމެ އުފާވެރި ދުވަސްވަރެވެ.
“މާސްޓަރ ޗެފް އޭ؟” ލުޖެއިން ދެބުމަ އަރުވާލަމުން ހީނގަތެވެ. އެ ހުނުމުގެ އަޑުން ލިފްޓުގެ ހަމަހިމޭންކަން މުޅިން ފިލުވާލިއެވެ. “ހަނދާން އެބަހުރިތަ މިދިޔަ ހަފްތާގަ ޕާސްތާ ކައްކަން އުޅެގެން ސޯސްގަނޑު އަނދައިގެން ގޮސް މުޅި ބަދިގެއިން ދުން އެރިވަރު؟ ދެން ޖެހުނީ ޕިއްޒާ އޯޑަރުކުރަން!”
“ހޭއި! ދެޓް ވޯޒް އެން އެކްސިޑެންޓް،” ޒައިން ދޮގު ޝަކުވާއެއްގެ ރާގުގައި ތުން ދަމާލިއެވެ. އަދި ކުޑަކޮށް ގުދުވެ، ލުޖެއިންގެ ނޭފަތުގައި ލުއިކޮށް ހިފާލިއެވެ. “އެދުވަހު އަހަރެން ސަމާލުކަން ގެއްލުނީ ލުޖް ބަދިގެއަށް ވަދެގެން އައިލެއް ރީތިކަމުން. އެހެންވީމަ އެއީ ހަމަ ލުޖްގެ ކުށް!”
“އޯހް، ރިއަލީ؟ މިހާރު އެއީވެސް އަހަރެންގެ ކުށަކަށް ވީތަ؟” ލުޖެއިން ލޯ އަޅާލި ނަމަވެސް، އެ މޫނުމަތިން ފެންނަނީ ނިމުމެއް ނެތް އުފާވެރިކަމެވެ.
ލިފްޓު ގްރައުންޑް ފްލޯރއަށް ހުއްޓި ދޮރު ހުޅުވުމާއެކު، ޒައިން ލުޖެއިންގެ އަތުގައި ބާރަށް ހިފާލައިގެން ބޭރަށް ނިކުތެވެ. އޮފީހުގެ ސެކިއުރިޓީންނާއި މުވައްޒަފުން އިޙުތިރާމާއެކު އިސްޖަހާލަމުން ދިޔައިރު، ޒައިން ހިނިތުންވުމަކާއެކު ބޯޖަހަމުން ދިޔައެވެ. ބޭރުގައި މަޑުކޮށްފައި އޮތް ޒައިންގެ އަޅިކުލައިގެ ޕޯޝް ކާރާ އަރާހަމަވެ، އޭނާ ލުޖެއިންއަށް ކާރުގެ ދޮރު ހުޅުވާލަދިނެވެ. އަދި ފަހަތު ސީޓަށް ލަގެޖް ލުމަށްފަހު، އަވަހަށް ގޮސް ޑްރައިވަރު ސީޓަށް އެރިއެވެ.
ކާރު ސްޓާޓްކޮށް، ލަންޑަނުގެ ފިނި މަގުތަކުގެ ތެރެއަށް ނެރުނު ވަގުތު، ޒައިން އެއްއަތުން ހުންގާނުގައި ހިފަހައްޓައިގެން އިނދެ، އަނެއް އަތް ގެންގޮސް ލުޖެއިންގެ އަތްތިލަމަތީގައި ބާއްވާލިއެވެ. އަދި މަޑުމަޑުން އިނގިލިތައް މަހާލިއެވެ.
“ދެން ބުނެބަލަ… އަސްލުވެސް ކޯޗެއް ކާން ބޭނުމީ؟ މިރޭ އަހަރެން އަންދައެއް ނުލާނަން، ޕްރޮމިސް،” ޒައިން އެ ވިދާ އަޅި ދެލޮލުން ލުޖެއިންއަށް ބަލައިލަމުން ބުންޏެވެ.
“އަހަރެން ބޭނުމީ ހަމަ ސިމްޕަލް ގްރިލްޑް ޗިކަން އަދި މޭޝްޑް ޕޮޓޭޓޯ،” ލުޖެއިން ޒައިންގެ އަތަށް ފިތާލިއެވެ. “އެކަމަކު ޒޭން އެކަންޏެއް ނޫން ކައްކާނީ. ދެމީހުން އެކީގަ. ޑީލް؟”
“ޑީލް، މައި ވައިފީ،” ޒައިން އުފަލުން ބުނެލިއެވެ.
މުޅި ކާރުގެ ތެރޭގައި ވަނީ މި އަލަތު ދެމަފިރިންގެ ސަމާސާއާއި، ހުނުމާއި، ހަޤީޤީ ލޯބީގެ މީރުވަހެވެ.
****
ދުވަސްތައް އޭގެ ހަލުވި ދުވެލީގައި ފާއިތުވަމުން ގޮސް، ލަންޑަނުގެ ފިނި ފަޒާއަށް ވެރިވެފައިވަނީ މަޑުމައިތިރި ހުކުރު ދުވަހެއްގެ ފިނި އަލިކަމެވެ. މަޝްހޫރު ލަންޑަން ސެންޓްރަލް މިސްކިތުގެ ރަން ގުއްބު އަވީގެ ތެރޭގައި ވިދަމުން ދިޔައިރު، ހުކުރު ނަމާދުގެ މާތް އަޅުކަން ނިންމާލުމަށްފަހު މާލިކްއާއި ރެހާން ގެއަށް އައީ ހިތްހަމަޖެހުމުގެ ނޭވާއެއް ލަމުންނެވެ.
ދެބަފައިންގެ ހަށިގަނޑުގައި ވަނީ އުޖާލާ ހުދުކުލައިގެ ފުރިހަމަ ކުރުތާއެވެ. ކަޅު ކޯޓު އަތްމައްޗަށް ވައްޓާލައިގެން ހުރި ރެހާންގެ އެ ރީތި ނޫ ދެލޮލުން ފެންނަނީ އަޅުވެރި، މަޑުމައިތިރި ޖާދުލެކެވެ. މާލިކްގެ ހަރުދަނާ މޫނުމަތިންވެސް ފެންނަނީ ރޫޙާނީ ހަމަޖެހުމެވެ.
ގޭގެ ބޮޑު، ޒަމާނީ ޑައިނިންގ ހޯލުގައި ހުރި ދިހަ މީހުންގެ ޖާގައިގެ އަގުބޮޑު އިޓަލީ ބިއްލޫރި ކާ މޭޒުދޮށުގައި ދެމީހުން އިށީނދެލިއެވެ. ތަޅުމުގައި އަޅާފައިވާ ކްރީމް ކުލައިގެ އޮމާން މާބަލްއިން މުޅި ތަން ލޯގަނޑެއްހެން ދިއްލިފައިވާއިރު، މަތީގައިވާ ކްރިސްޓަލް ޗާންދަލިޔާގެ ލުއި ރަން އަލި ވަނީ މޭޒުމައްޗަށް އެޅިފައެވެ. މޭޒުމަތީގައި ތާޒާ ސަލަޑާއި، ދުންއަރަމުންދިޔަ މީރު ރިހަތަކާއި ބާސްމަތީ ބަތް އަތުރާލެވިފައިވާއިރު، ޖައްވުގައި ވަނީ އަނގަޔަށް ކުޅުދިޔާވާ ފަދަ މީރުވަސް ހިފާލާފައެވެ. ޚާދިމުން ތަށިތަކާއި ސަމްސާތަކާއި އުނދުޅިތަކުން ތަރުތީބުކުރަމުން ދިޔައެވެ.
މާލިކް ކާ މޭޒުގެ ވަށައިގެން ހޯދާލުމަށްފަހު، އެއްފަރާތުގައި ހުސްކޮށް ހުރި ގޮނޑިއަށް ނަޒަރު ހުއްޓާލިއެވެ.
“ދަރިފުޅު ނުގޮވަންތަ ޔާންއަކަށް؟” މާލިކް އަހާލިއެވެ. އެ އަޑުގައި ވަނީ ލޯބިވެތި ކަންބޮޑުވުމެކެވެ.
“މިސްކިތަށް ދާން ނިކުތްއިރު އަހަރެން ޔާންގެ ކޮޓަރިއަށް ވަދެ ގޮވާފަ ދިޔައީވެސް،” ރެހާން ފުން ނޭވާއެއް ދޫކޮށްލަމުން ޖަވާބު ދިނެވެ. އޭނާގެ އަޑުގައި ކޮއްކޮއަށްޓަކައި އޮތް ކުލުނު ފާޅުވެއެވެ. “ރޭގަ ވަރަށް ލަހުން އައީ. ހުކުރު ނަމާދަށް ދާން ބުނީމަވެސް ބުނީ ބޮލުގަ ރިއްސާތީ ނުދެވޭނެޔޭ. އަދިވެސް ނުހޭލަނީ ކަންނޭނގެ.”
މާލިކް ކުޑަކޮށް ބޯހޫރާލުމަށްފަހު، ކައިރީގައި ހުރި ޚާދިމަކަށް އިޝާރާތް ކުރިއެވެ. “މަރިއާ… ގޮސް ޔާން ކައިރީ ބުނޭ ވަގުތުން ތިރިއަށް އަންނާށޭ ބައްޕަ އެބަ ގޮވައޭ.”
ޚާދިމު އަވަސް ފިޔަވަޅުތަކެއްގައި މައްޗަށް ދިޔަތާ މާގިނައިރެއް ނުވެ، ސިޑިން ފައިބައިގެން އައި ރެޔާންގެ ފިޔަވަޅުތަކުގެ އަޑު އިވުނެވެ. އަޅިކުލައިގެ އަރްމާނީ ޓްރެކްސޫޓެއްގައި ހުރިއިރު، އޭނާގެ ކަޅުކަންގަދަ، ބޯ އިސްތަށިގަނޑު ވަނީ ކުޑަކޮށް ހޭވިފައެވެ. ނިދިބަރުވެފައިވާ އެ އަޖައިބެއްފަދަ ނޫ ދެލޯ ވަނީ ރަތްވެފައެވެ. މޫނުމަތިން ފެންނަނީ ނިދި ނުފިލާ ހުރި ކަމުގެ ފޫހިކަމެވެ. އެހެންނަމަވެސް، އެ ހާވާލެވިފައިވާ ގޮތުންވެސް އޭނާގެ ފިރިހެންވަންތަ ރީތިކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ.
ރެޔާން އައިސް ރެހާންގެ ކުރިމަތީގައި ހުރި ގޮނޑި ފަހަތަށް ދަމާލުމަށްފަހު، ވެއްޓިގަންނަ ފަދައިން އިށީނދެ ދެލޯ އުނގުޅާލިއެވެ.
“ޔާން، މިއީ ހުކުރު ދުވަސް އިނގޭ،” މާލިކް ނަސޭހަތްތެރި، މަޑުމައިތިރި ރާގެއްގައި ފެށިއެވެ. “ނަމާދަކީ ދިރިއުޅުމުގެ އެންމެ މުހިންމު ތަނބު. ކިތަންމެ ބުރަކޮށް އުޅުނަސް، ކިތަންމެ ވަރުބަލިވިޔަސް ނަމާދު ކުރަން ވާނެ. ޚާއްޞަކޮށް ހުކުރު ނަމާދު ދޫކޮށްލުމަކީ ބައްޕަ އެއްގޮތަކަށްވެސް ޤަބޫލުކުރާނެ ކަމެއް ނޫން. ދަރިފުޅު މިހާރު ތިއީ ކުޑަކުއްޖެއް ނޫނެއްނު؟ އާޚިރަތަށްޓަކައިވެސް ކަންކަން ކުރަން ދަސްކުރަން ވެއްޖެ.”
ރެޔާން އިސްދަށަށް ޖަހާލިއެވެ. ބޭރުތެރޭގައި ކިތަންމެ ބޮޑާވެފައި ގޮތްދޫނުކުރިޔަސް، ބައްޕަގެ މިފަދަ ވާހަކަތަކުގެ ކުރިމަތީގައި އޭނާގެ ދޫ ބަންދުވެއެވެ. އޭނާ ބޯޖަހާލީ ދެން އެކަން ތަކުރާރު ނުކުރާނެ ކަމުގެ އިޝާރާތެއްގެ ގޮތުންނެވެ.
“ދޮންބެވެސް ދެރަވޭ ޔާން މިސްކިތަށް ނައީމަ،” ރެހާން ލޯބިން ފުރިގެންވާ ހިނިތުންވުމަކާއެކު ރެޔާންގެ ތައްޓަށް ކާއެއްޗެހި އަޅައިދެމުން ބުންޏެވެ. “ދެން ފަހަރަކުން ދޮންބެއާއެކު ދާންވާނެ އިނގޭ.”
ރެޔާން ރެހާންއަށް ބަލައިލީ ޝުކުރުވެރި ބެލުމަކުންނެވެ. ރެޔާން ބޭރުގައި ކިތަންމެ ގޯސްކޮށް އުޅުނަސް، އޭނާގެ ހިތުގައި ދޮންބެއަށްޓަކައި އޮންނަނީ އިންތިހާ ލޯތްބާއި ޤަދަރެވެ. ދޮންބެއަކީ މަންމަ ނިޔާވިފަހުން އޭނާއަށް ހުރިހާ އަޅާލުމެއް ދިން އެންމެ ގާތް އެކުވެރިޔާއެވެ.
ރެޔާން ފެންތަށިން ކޯވަރެއް ބޯލުމަށްފަހު، މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްލަމުން ބައްޕައަށް ބަލައިލިއެވެ.
“ޑޭޑް… ކޮބާ އަހަރެން ބުނި ކާރުގެ ކަންތައް؟” ރެޔާން އުންމީދުން ފުރިގެންވާ އަޑަކުން އަހާލިއެވެ. “ބުގާޓީ ޗިރޯން ލިބޭނެތަ؟ މިއަދު ފައިނަލް ވާނެޔޭ ބުނީމެއްނު.”
ރެހާން ހީނލަމުން ބޯހޫރާލިއެވެ. “ކާރެއްގެ ވާހަކަ ބުނާއިރަށް ތި ނިދިބަރުކަން ކޮބާ؟ އެކަމަކު ޔާން… ޑިގްރީ ނިމެން އަދި ކިތައް އަހަރު އެބައޮތް؟ ޔުނިވަރސިޓީގެ ކަންކަން ކިހިނެއް ދަނީ؟”
“އަދި އެއް އަހަރު ދޮންބޭ،” ރެޔާން އަވަސްއަވަހަށް ބުންޏެވެ. “އަހަރެން ޕްރޮމިސް ވަން އަހަރު ތެރޭ ޑިގްރީ ނިންމާފަ ދޮންބެއާ އެކީ އޮފީހަށް ނިކުންނާނަން. ޕްލީޒް ދޮންބޭ، ޑޭޑް ކައިރީ ބުނެބަލަ އެ ކާރު އަހަންނަށް ގަނެދޭން!”
މާލިކްއާއި ރެހާން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހީނގަތެވެ. ރެޔާންގެ މި ޅަ، ކުޑަކުއްޖެއް ފަދަ ގޮތްދޫނުކުރުމަށް ނޫނެކޭ ބުނާކަށް އެމީހުންނަކަށް ދުވަހަކުވެސް ނުކެރެއެވެ.
“ދަރިފުޅު ތިހާ ބޭނުންވަންޏާ އެ ކާރު ލިބޭނެ،” މާލިކް ހިނިތުންވެލަމުން ޖީބުން ކުޑަ ލިޔުމެއް ނަގައި މޭޒުމަތީ ބޭއްވިއެވެ. “ރެހާން މިއަދު ހެނދުނު ޑީލަރޝިޕަށް ގުޅައިގެން އެޑްވާންސްވެސް ދައްކައިފި. އަންނަ ހަފްތާގަ ޑެލިވަރީ ލިބޭނެ.”
“ޔެސް! ތޭންކް ޔޫ ޑޭޑް! ތޭންކްސް ދޮންބޭ!” ރެޔާން އުފަލުން ގޮސް ގޮނޑިން ތެދުވެ ބައްޕަގެ ކޮނޑުގައި ބައްދާލިއެވެ. އަދި ރެހާންގެ ކޮނޑުގައި ޖަހާލަމުން، އެ ރީތި ނޫ ދެލޯ އުފަލުން ވިދައިގަތެވެ.
“އެކަމަކު ޔާން… އަހަރެންގެ ޝަރުތު ހަނދާން ބަހައްޓާތި. ނަމާދު ގަޑިއަށް ކުރަންވާނެ، އަދި ކިޔެވުން ނިންމަންވާނެ،” މާލިކް ލޯބިން ފުރިގެންވާ ގޮތަކަށް ބުންޏެވެ.
“ޔެސް ޑޭޑް، އަހަރެން ހަނދާން ހުންނާނެ،” ރެޔާން އަނެއްކާވެސް އިށީނެވެ.
މާލިކް ފުން ނޭވާއެއް ލުމަށްފަހު، ދެ ދަރިންގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތިން ފެންނަނީ ފަޚުރުވެރިކަމާއި އިންތިހާ އުފާވެރިކަމެވެ.
“ދެން އޮތީ އަހަރެމެންގެ އާއިލާގެ އެންމެ ބޮޑު އުފާވެރި ޚަބަރު،” މާލިކް ރެހާންއަށް ބަލައިލަމުން ބުންޏެވެ. “ރެހާންއާއި ޒާރާގެ ކައިވެނީގެ ތާރީޚު މިހާރު ވަނީ ފައިނަލް ކުރެވިފަ. އަންނަ މަހުގެ ފަނަރަވަނަ ދުވަހު ކައިވެނި އޮންނާނެ. ޒައިދުގެ އާއިލާއިންވެސް ވަނީ ހުރިހާ ކަމަކަށް އެއްބަސްވެފަ.”
ރެހާންގެ މޫނުމަތި ވަގުތުން ލަދުރަކި އުފާވެރިކަމަކުން ދިއްލިގެން ދިޔައެވެ.
ރެހާންގެ ތުންފަތްމައްޗަށް ވެރިވި ފުރިހަމަ ހިނިތުންވުމާއެކު، އޭނާގެ އެ ފުން ނޫ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ލޯތްބާއި ހިތްހަމަޖެހުމެވެ. ދުވަސްތަކެއް ވަންދެން ކުރި އިންތިޒާރުގެ ފޮނި ނިމުން އައިސް ބައްދަލުކުރާތީ އޭނާގެ ހިތް ވަނީ އުފަލުން ފުރިފައެވެ.
“ޝުކުރިއްޔާ ބައްޕާ،” ރެހާން އިސްޖަހާލަމުން، މަޑުމައިތިރި އަޑަކުން ބުންޏެވެ. “ޒާރާއަކީ އަހަރެންގެ ދިރިއުޅުމުގެ ހުރިހާ އުއްމީދެއް. ބައްޕަމެންގެ މި ރުހުމަކީ އަހަންނަށް ލިބުނު އެންމެ ބޮޑު ނަސީބު.”
ރެޔާންގެ ނަޒަރު ދޮންބެގެ މޫނަށް ހުއްޓުނެވެ. ދޮންބެގެ މޫނުމަތިން މިހާރު އެ ފެންނަ އުފާވެރިކަމަކީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ފެނިފައިވާ ކުލަވަރެއް ނޫނެވެ. ރެޔާންގެ އަމިއްލަ ދިރިއުޅުމުގައި އަންހެނުންނާއި ލޯތްބަކީ އެއްވެސް އަގެއް ހުރި އެއްޗަކަށް ނުވި ނަމަވެސް، އޭނާގެ ލޯބިވާ ދޮންބެ މިފަދަ ބޮޑު އުފަލެއްގެ ތެރޭގައި ހުރުމުން ރެޔާންގެ ހިތަށްވެސް ހަޤީޤީ ހިތްހަމަޖެހުމެއް ލިބުނެވެ.
“ކޮންގްރެޓްސް ދޮންބޭ!” ރެޔާން މިފަހަރު ބުނެލީ ހިތުގެ އަޑިންނެވެ. އޭނާ ކުރިއަށް ޖެހިލައި ރެހާންގެ އަތުގައި ހިފާލަމުން، ފުޅާ ހިނިތުންވުމެއް ދިނެވެ. “އައި އެމް ރިއަލީ ހެޕީ ފޯ ޔޫ. ދޮންބެ އުފަލުގަ ހުންނަންޏާ އަހަރެންވެސް ވަރަށް އުފާވޭ.”
“ޝުކުރިއްޔާ ޔާން،” ރެހާން ރެޔާންގެ އަތްމަތީގައި އޭނާގެ އަނެއް އަތް ބާއްވާލަމުން ބުންޏެވެ. “ދޮންބެގެ ކައިވެނީގެ ހުރިހާ ކަމެއްގަ ޔާން ވާނެ އެންމެ އިސްކޮށް އުޅެން.
މާލިކް އިނީ އޭނާގެ ދެ ދަރިންގެ މެދުގައި އޮތް މި ފުރިހަމަ ލޯތްބާއި އެކުވެރިކަން ފެނިފައި ފެންކަޅިވާ ވަރުވެފައެވެ. އަނބިމީހާ ވަކިވެދިޔަ ފަހުން، މި ދެ ކުދިން ބަލައި ބޮޑުކުރުމުގައި އޭނާ އުފުލި ބުރައިގެ އަގު މިއަދު ލިބިއްޖެ ކަމުގެ އިހުސާސް އެ ހިތަށް ކުރެވުނެވެ.
“ދަރިފުޅުމެން ދެމީހުން އަބަދުވެސް ތިގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ތިބޭތަން ދުށުމަކީ ބައްޕަގެ ހަމައެކަނި އެދުމަކީ،” މާލިކް ލޯތްބާއެކު ބުންޏެވެ. “މި ކައިވެންޏަކީ މުޅި ލަންޑަންވެސް ދައްކާވަރުގެ ޝާހީ، ކުލަގަދަ ހަފްލާއަކަށް ވާންވާނެ. ވިޔަފާރީގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންނަށް ދަޢުވަތު ދެވޭނެ.”
ކެއުން ކުރިއަށް ދިޔައީ ކައިވެނީގެ ތައްޔާރީތަކާއި، ހަފްލާ ބާއްވާނެ ހިތްގައިމު ތަންތަނުގެ ވާހަކައިންނެވެ. ރެޔާންވެސް އެ ވާހަކަތަކުގައި ބައިވެރިވެ، ދޮންބެއަށްޓަކައި އެންމެ ފުރިހަމަ ގޮތްތައް ހަމަޖެއްސުމަށް ޚިޔާލު ފާޅުކުރަމުން ދިޔައެވެ. ބޭރުތެރޭގައި ކިތަންމެ ބޮޑާވެ، މަގުއޮޅިފައިވާ ޒުވާނެއް ނަމަވެސް، އޭނާގެ އާއިލާއަށްޓަކައި، ޚާއްޞަކޮށް ދޮންބެއަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯތްބަކީ އެއްވެސް ކިލަނބުކަމެއް ނެތް ސާފު ލޯތްބެކެވެ.
ކައިނިމިގެން މާލިކް އޭނާގެ ކޮޓަރިއަށް ދިޔުމުން، ރެޔާންވެސް އަވަސްވެގަތީ ތާޒާވެލުމަށެވެ. ކޮޓަރިއަށް ވަދެ ހޫނުފެނުން ފެންވަރާލައިގެން ނިކުތްއިރު އޭނާގެ މޫނުމަތީގައިވި ނިދިބަރުކަމާއި ވަރުބަލިކަން މުޅިން ފިލައި ހިނގައްޖެއެވެ. ކަޅުކުލައިގެ އަރާމު ޓީޝާޓަކާއި ސޯޓެއް ލައިގެން، ތެތް އިސްތަށިގަނޑު ތުވާލިން ހިއްކަމުން އޭނާ ކޮޓަރިން ނިކުތެވެ. އޭރު އޭނާގެ ލާނެތް ތުންފަތްމަތީގައި ވަނީ ޚާއްޞަ ހިނިތުންވުމެކެވެ. ބޭނުމަކީ ކައިވެނީގެ ވާހަކަ ދެކެވުނު ފަހުން ދޮންބެގެ މޫނުމައްޗަށް އަރާފައިވާ ލަދުރަކި ކުލަވަރަށް ޖެއްސުންކޮށް، ދިމާކޮށްލުމެވެ.
ރެޔާން މަޑުމަޑުން ގޮސް ރެހާންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލުމެއްވެސް ނެތި، ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތެވެ.
ރެހާން އިނީ އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން، އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެވެ. އޭނާގެ ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ވިއެވެ. ރެޔާން ކުއްލިއަކަށް ވަދެގަތުމުން ރެހާން ސިއްސައިގެން ގޮސް ފޯނު އަވަސްއަވަހަށް ފޮރުވާލިޔެވެ.
“ހޫމް ހޫމް! ކާކަށް ބަލަން ތި އިނީ މިސްޓަރ ރޮމެންޓިކް؟” ރެޔާން ދުވެފައި ކަހަލަ ގޮތަކަށް އައިސް އެނދުމައްޗަށް ފުންމައިގަތެވެ. އަދި ބާލީހެއް ނަގައި ރެހާންގެ ގައިގައި ޖަހާލިއެވެ. “ދޮންބެދައްތަގެ ފޮޓޯއަކަށް ގެއްލިފަ ދޯ؟ މަށަށްވެސް ދައްކަބަލަ!”
“ޔާން! ދޮރުގަ ޓަކިޖަހާކަށް ނޭނގޭތަ؟” ރެހާން ފޯނު ފޮރުވަން އުޅެމުން ހީނގަތެވެ. އެ ރީތި ނޫ ދެލޮލުގައި ވަނީ އުފާވެރި ވިދުވަރެކެވެ.
“ދޮންބެ ކޮޓަރިއަށް ވަންނަން މަ ކީއްކުރަން ޓަކިޖަހަނީ؟” ރެޔާން ލާނެތް ގޮތަކަށް ހީނގަންނަމުން، އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިށީނެވެ. “ދެން ދައްކަބަލަ ތި ފޯނު! މިހާރުއްސުރެ ތިވަރު ވަންޏާ، މެރީ ކުރީމަ ދޮންބެ އަހަރެން މަތިން ހަނދާންވެސް ނެތޭނެ ކަންނޭނގެ. ބިޒްނަސް މީޓިންގ ތަކުގަވެސް އިންނާނީ ހަމަ މިގޮތަށް ފޮޓޯއަށް ބަލަން ހިނިއައިސްފަ ދޯ؟”
“ފާޑު ފާޑުގެ އެއްޗެހި ނުކިޔާ ޔާން،” ރެހާން ރެޔާންގެ ބޮލުގައި ޖަހާލިއެވެ. “ޔާން ތިހެން ހުއްޓަކަސް އަހަރެން ޔާން މަތިން ހަނދާނެއް ނުނެތޭނެ. އެކަމަކު އަސްލުވެސް، ޒާރާ ފެނުނީމަ ޔާންއަށް އެނގޭނެ އަހަރެން މިހާ އުފާވާ ސަބަބު. ޝީ އިޒް ރިއަލީ ސްޕެޝަލް.”
“އޯހޯ! ސްޕެޝަލް އޭ؟” ރެޔާން ދެބުމަ އަރުވާލަމުން އަޑު ބަދަލުކޮށްލިއެވެ. “އަދި ކިރިޔާ މި އެނގުނީ އަހަރެމެންގެ ހަރުކަށި އެމް.ޑީ އަކީ މިހާ ވަރަށް ލޯބީގަ ދީވާނާވާ މީހެއްކަން! ދެން ބުނެބަލަ، ޕްރޮޕޯޒް ކުރީ ކިހިނެއް؟ ކަކޫމައްޗަށް ތިރިވެފަތަ؟ ރޯން ފެށިންތަ؟”
ރެހާން ބާލީހަކުން ރެޔާންގެ މޫނުމަތީގައި ޖެހިއެވެ. “ޔާން! ހުއްޓާލަބަލަ!”
ދެބެއިން އެކަކު އަނެކަކަށް ބާލީސް އުކަމުން، އެނދުމަތީގައި ތަޅާފޮޅައިގަތެވެ. ކުޑަކުދިންތަކެއް ފަދައިން ހީހީފައި އެމީހުން އުޅުނުއިރު، ރެޔާންގެ ބޮޑާކަމުގެ އެއްވެސް އަސަރެއް އެތަނަކު ނެތެވެ. މި ގޭތެރޭގައި، ދޮންބެގެ ކުރިމަތީގައި އޭނާއަކީ ހަމަ އެ ލޯބިވާ، ލާނެތް ކޮއްކޮއެވެ.
ދެމީހުން ވަރުބަލިވެގެން އެނދުމަތީގައި އުއްޑުން އޮށޯވެލިއެވެ. ކޮޓަރީގެ އުސް ސީލިންގަށް ބަލަހައްޓައިގެން ތިބިއިރު، ދެމީހުންގެ ނޭވާގެ އަޑު އިވެމުން ދިޔައެވެ.
“ދޮންބޭ…” ރެޔާންގެ އަޑު ކުއްލިއަކަށް މަޑުމައިތިރިވިއެވެ. އޭނާ ބޯ އަނބުރާލައި ރެހާންގެ މޫނަށް ބަލައިލިއެވެ. “އައި އެމް ރިއަލީ ހެޕީ ފޯ ޔޫ. ދޮންބެއަކީ މަންމަ ނިޔާވި ފަހުން އަހަންނަށް ހުރިހާ އެއްޗެއް. ދޮންބެ ތިހާ އުފަލުގަ ހުއްޓާ ފެނުނީމަ އަހަރެން ވަރަށް އުފާވޭ.”
ރެހާން އެނބުރި ރެޔާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެ ނޫ ދެލޮލުން ފެންނަނީ ނިމުމެއް ނެތް ކުލުނެވެ. “އަހަންނަށް އެނގެޔޭ ޔާން. ޔާން ބޭރުގަ ކިތަންމެ ގޮތްދޫނުކޮށް އުޅުނަސް، އަހަންނަށް އެނގޭ ޔާންގެ ހިތް އޮންނަ ގޮތް. އެހެންވެޔޭ އަހަރެން ޔާން ދެކެ އެހާ ލޯބިވަނީ. އެކަމަކު ދެން ތި ބޭކާރު ކަންކަން ހުއްޓާލާފައި، ދިރިއުޅުމެއް ފަށަން ވިސްނަން ވެއްޖެއެއްނު؟ އަހަރެން ކައިވެނި ކުރީމަ ދެން ޖެހޭނީ ޔާންވެސް ރަނގަޅު ކުއްޖަކު ހޯދަން.”
“އޭއި، ނޫން ނޫން!” ރެޔާން ވަގުތުން ތެދުވެ އިށީނދެ ދެއަތް ހޫރާލިއެވެ. “އަހަރެން ތި ކޮށީގަ ބަންދުވާކަށް ނެތިން. އަހަރެން އަދި މި އުޅެނީ ލައިފް އެންޖޯއި ކުރަން. ދޮންބެ ތި ލޯބީގެ ކަންތައްތައް ކުރިއަށް ގެންދޭ. އަހަރެން ހުންނާނީ އާ ބުގާޓީ ދުއްވަން!”
ރެހާން ހީނގަންނަމުން ބޯހޫރާލިއެވެ. “ތިހެން ހުއްޓަކަސް ދުވަހަކުން ޔާންގެ ހިތްވެސް ކޮންމެވެސް މީހަކު އަތުލާނެ. އެދުވަހަކުން މި ދޮންބެ މަތިން ހަނދާންވާނެ.”
“ނެވަރ!” ރެޔާން ފަޚުރުވެރިކަމާއެކު ބުންޏެވެ. “އެއްވެސް އަންހެނަކަށް ރެޔާން މާލިކްގެ ހިތެއް އަތެއް ނުލެވޭނެ.”
އެ ކޮޓަރި ތެރޭގައި އެ ދެބެއިންގެ ސަމާސާއާއި ހުނުމުގެ އަޑު ގުގުމަމުން ދިޔައެވެ.
ރެޔާން އަނެއްކާވެސް ބާލީހެއް އަތުތެރެއަށް ލައްވާލައިގެން، ރެހާންއާ ދިމާއަށް އެނބުރިލިއެވެ. ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ދައްކަން އުޅުނު ނަމަވެސް، އެ ބަސްތަކުގައި ވަނީ ހިތުގެ އެންމެ ފުންމިނުގައި ފޮރުވިފައިވާ ޚާއްޞަ އިހުސާސެކެވެ.
“އެކަމަކު ދޮންބޭ… ދޮންބެދައްތަ މި ގެއަށް އަޔަސް ދޮންބެ ވާނެ އަހަންނަށް ފުލް އެޓެންޝަން ދޭން،” ރެޔާން ހީނލަމުން ކުޑަކުއްޖަކު ފަދައިން ބުންޏެވެ. “އަދި ހަމައެކަނި ދޮންބެއެއް ނޫން، ހަމަ ދޮންބެދައްތަގެ ވެސް އެޓެންޝަން ބޭނުންވާނެ އަހަރެން. އަހަރެން މި ގޭގަ ބާކީކޮށްލައިގެން ނުވާނެ.”
ރެޔާން ކުޑަކޮށް ހިމޭންވެލިއެވެ. އޭނާގެ އެ ރީތި ނޫ ދެލޮލަށް ސިކުންތުކޮޅަކަށް ފުން ހުސްކަމެއް ވެރިވިއެވެ. މަޖާ ރާގެއްގައި އެ ވާހަކަތައް ދައްކަން މަސައްކަތް ކުރި ނަމަވެސް، އެ އަޑުގައި ވަނީ ބަޔާންކުރަން ދަތި ޖަޒުބާތީ ތުރުތުރެކެވެ.
“ޑޭޑްއާއި ދޮންބެ އަބަދުވެސް ޖެހޭނެ އަހަންނަށް އެޓެންޝަން ދޭން. ދުވަހަކުވެސް އަހަރެން ދޫކޮށްލާފައި ގޮސްގެންވެސް ނުވާނެ… އަހަރެން މޮޔަވެދާނެ ދުނިޔެއިން،” ރެޔާން އެއްމިޔަކަނުން ހީނލަމުން ބާލީސް އެނދުމައްޗަށް އެއްލާލިއެވެ. ހީވީ މަޖަލަކަށް ބުނެލި ވާހަކައަކަށް ހަދަން އުޅުނު ހެންނެވެ.
ނަމަވެސް، އެ ބަސްތައް އިވިފައި ރެހާންގެ ހިތަށް ކުއްލިއަކަށް ފުން އަސަރެއް ކޮށްގެން ދިޔައެވެ. މޭތެރޭގައި ހޫނު ރިހުމެއް އުފެދި، އޭނާގެ އެ މަޑުމައިތިރި ނޫ ދެލޯ ފެންކަޅިވާ ގޮތްވިއެވެ. ބޭރުފުށުން ކިތަންމެ ބޮޑާވެ، ފޮނިވެ، އަނިޔާވެރި ސިފައެއް ދައްކައިގެން އުޅުނަސް، ރެޔާންގެ ހިތުގެ އެތެރޭގައި ވަނީ ކުޑައިރު މަންމަ ގެއްލުމުން އުފެދުނު ބިރުވެރިކަމާއި، އާއިލާ ގެއްލިދާނެކަމުގެ ފުން ބިރެއްކަން ރެހާންއަށް ސިކުންތެއްގެ ތެރޭގައި އިހުސާސްވިއެވެ. ދުނިޔެއިން މޮޔަވެދާނެޔޭ ބުނެލި ވަގުތު، އެ އަޑުގައިވި ރިހުން ރެހާންގެ ހިތް ކުދިކުދިކޮށްލިއެވެ.
ރެހާން ހަމަހިމޭންކަމާއެކު ރެޔާންގެ ގާތަށް ޖެހިލިއެވެ. އަދި އެއްވެސް ފަސްޖެހުމެއް ނެތި، އޯގާތެރިކަމާއެކު ރެޔާންގެ ކޮނޑުގައި ބާރަށް ހިފަހައްޓައި ގަޔާ ކައިރިކޮށްލިއެވެ.
“ޔާން…” ރެހާންގެ އަޑު ވަނީ އަސަރުން ބަރުވެފައެވެ. “ދުވަހަކުވެސް… ދުވަހަކުވެސް ދޮންބެ ޔާން ދޫކޮށެއް ނުލާނަން. ދޮންބެގެ ފުރާނަ ހުރިހާ ހިނދަކު ޔާން ބާކީއެއް ނުވާނެ. ޒާރާ މި ގެއަށް އައުމަކީ ޔާންއަށް އިތުރު ލޯތްބެއް ލިބުން. ޔާންގެ ހައްޤުތަކުން އެންމެ ތަންފުކެއްވެސް އުންޏެއް ނުވާނެ. ދޮންބެ މިއީ ހަމަ ކުރިންވެސް ހުރި ދޮންބެ.”
ރެޔާން ރެހާންގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތިން ފެނުނު ތެދުވެރިކަމާއި ކުލުނުން ރެޔާންގެ ތުންފަތްމައްޗަށް އަނެއްކާވެސް އޭނާގެ އާދައިގެ ލާނެތް ހިނިތުންވުން ވެރިވިއެވެ. އަދި ރެހާންގެ މޭގައި މަޑުމަޑުން ޖަހާލަމުން، އެ ފުން ޖަޒުބާތީ ވަގުތުކޮޅުން ސަލާމަތްވާން މަސައްކަތް ކުރިއެވެ.
“އޯކޭ އޯކޭ، އިމޯޝަނަލް ނުވޭ މިސްޓަރ އެމް.ޑީ!” ރެޔާން ހީނގަތެވެ. “އެއީ އަހަރެން ހަމަ ބުނެލި އެއްޗެއްކޭ! ކޮބާ ޑީލް މަތިން ހަނދާން އެބަހުއްޓެއްނު؟ ބުގާޓީ ގެއަށް އަންނަންވާނެ މި ހަފްތާގަ!”
ރެހާންވެސް ހިނިތުންވެލަމުން ބޯހޫރާލިއެވެ. ނަމަވެސް، ރެހާންގެ ހިތުތެރޭގައި އެ ބަސްތައް ގުގުމަމުން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
Very emotional 🥹💗 this Reyaan dw 🩴 but anyway he’s the hottest red flag 🚩I’ve ever seen 🫢🤫
You’re so talented Maasha Allaah bless your mind 💗🫂
Thankyou so much 🥰🥰