Skip to content
އެސްފިޔަ

ލޯބިން ބުނާތީ – 71

Listen to this story Audio · 22:38 Powered by Esfiya Voice
0:00 22:38

އިޝާން އާއި ކައިރާ އިރުއިރުކޮޅާ ކޮންމެވެސް މީހަކަށް ގުޅަމުން ދިޔައެވެ. ކައިލް ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިރުއިރުކޮޅާ ދެބުމަ ގޮށްޖެހިގެން އައުމާއެކު ނިތްކުރީގައި ދެއިނގިލި ކުރިން ހިފަހައްޓާލައެވެ. ކައިލްއަށް ހިމޭނުން ހުރެވޭ ގޮތެއް ނުވިއެވެ. އެ ހިތަށް ހަމަޖެހުމެއް ލިބޭނީ ކިހިނެއްހެއްޔެވެ؟ ލިއާގެ ހާލާއި މެދު ކައިލްގެ ހިތް ރޮމުން ދިޔައެވެ. ހަމައެއާއެކު އަނެއްކާވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައީ ލިއާ ރައްކާތެރި ކުރުމުގައި މިފަހަރުވެސް އޭނާ ނާކާމިޔާބު ވުމުންނެވެ.

ކައިލް ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ އަތޮޅު ހޮސްޕިޓަލުގެ އެމްބިއުލެންސް އައިސް އެތަނުގައި މަޑުކޮށްލި މަންޒަރު ފެނުނެވެ. ކައިލްގެ ފިޔަވަޅުތައް ހުއްޓިގެން އައެވެ. ލޯ ހަނިކޮށްލި ގޮތުން އޭނާ ކަމަކާ ވިސްނާލިކަން ހާމަވެއެވެ.

އިރުކޮޅަކު މަޑުކޮށްލާފައި ކައިލް ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. ވާހަކަ ދައްކަން ހުރި އިރު އޭނާގެ ނަޒަރު އަމާޒުވެފައިވަނީ އެތަނުގައިވާ އެމްބިއުލާންސަށެވެ. ކައިރާއާއި އިޝާނަށް ކައިލްއަށް ބަލާލެވުނީ ކައިލް ރަސްމީކޮށް ވާހަކަ ދައްކަމުން ދާތީއެވެ. ކައިލް ގުޅައިގެން ހުރީ ކޮން ފަރާތަކާ ކަމެއް ނޭނގެއެވެ. ހުރިހާ ހަރަދެއް ކައިލް ހަމަޖައްސާނަމޭ ބުނި ވަގުތު ކައިރާ އާއި އިޝާނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.

ކައިލް ފޯނު ބޭއްވިފަހުން ވީ ފަސްވަރަކަށް މިނެޓެވެ. އަމީރު އަހުމަދު މެޑިކަލް ސެންޓަރ (އޭ.އޭ.އެމް.ސީ) ގެ ނިޝާން ޖަހާފައިވާ އެމްބިއުލެންސް އެތަނަށް ގާތްކޮށްލައިފިއެވެ. ހަމައެއާއިއެކު އެރަށުގެ ފުލުސް އިދާރައިގެ ބަޔަކު އެތަނަށް އައެވެ. އެމްބިއުލެންސްއިން ނިކުމެގެން އައީ ގަމީހާއި ފަޓުލޫނެއްގައި ބެގީކޮށްލައިގެން ހުރި ޒުވާނެކެވެ. ރަސްމީ ކުލަވަރު އޭނާގެ ކިބައިން ފެނެއެވެ. ފުލުހުން ގޮސް އޭނާއާއި ވާހަކަ ދެއްކި މަންޒަރު އެ ޒުވާނުންނަށް ފެނުނެވެ. އަދި އެ ޒުވާނާ ގޮސް އަތޮޅު ހޮސްޕިޓަލުގެ އެމްބިއުލެންސްގައި އައި މީހުންނާ ވާހަކަ ދެއްކުމާއެކު އިރުކޮޅެއްތެރޭ އަތޮޅު ހޮސްޕިޓަލުގެ އެމްބިއުލެންސް އެތަނުން ދިޔައެވެ.

“ޔޫ ކޯލް ދެމް…!” ކައިލްއަށް ބަލާލާފައި ކައިރާ ބުނެލީ ޔަގީންކަމާއެކުއެވެ.

“ޔެސް…އަހަރެން ބޭނުމީ އަހަންނަށް އިތުބާރު ކުރެވޭ ތަނަކު ލިއާއަށް އެންމެ ފުރިހަމަ ފަރުވާ ލިބެން…” ކައިލް ރައްދު ދިނީ ހިމޭންކަމާއެކުއެވެ. ކައިރާއާއި އިޝާންވެސް ހިތްހަމަޖެހުނެވެ. އޭ.އޭ.އެމް.ސީ އަކީ ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބިފައިވާ ހޮސްޕިޓަލެކެވެ. ކައިލް އެހާ ފަސޭހައިން އެކަން ހަމަޖެއްސި ގޮތަކާއި މެދު އެ ޒުވާނުންގެ ހިތުގައި ސުވާލެއް ނުއުފެދެއެވެ. ފައިސާއަށް ނުވާނެ ކަމެއް އޮވޭހެއްޔެވެ؟ އަމުދުން ކައިލް ފަދަ ޒުވާނަކަށް ފައިސާއަކީ ފެން ފަދަ އެއްޗެކެވެ.

ފަޅުގެ ތެރެއަށް ވަދެގެން އައި ލޯންޗް ދައްކާލުމާއެކު ކައިލްއަށް ނޭވާ ހިފަހައްޓާލެވުނެވެ. ދެން ތިބި ދެ ޒުވާނުންގެ ނަޒަރުވެސް ކައިލް އަށް ހުއްޓުނެވެ. އޭރު ކައިލްގެ ނިތްކުރިން ދާތިކިތައް ވިދަމުން ދިޔައެވެ. އިޝާންގެ މޫނުމަތިން ހާސްކަން ފެނުނެވެ.

“ކެލް ޔޫ އޯކޭ…؟” އިޝާން ކައިލްގެ ގާތަށް ޖެހުނެވެ. ކައިރާ ހުރީ ހާސްކަމާއެކު އެ ޒުވާނުންނަށް ބަލާށެވެ. އޭނާގެ ނަޒަރު ލޯންޗަށްވެސް ހުއްޓެމުން ދިޔައެވެ.

“ލެޓްސް ގޯ…ވީ ކެން ވެއިޓް އެޓް ދަ ހޮސްޕިޓަލް…” ކައިލް ވާހަކަ ދެއްކީ އަވަސް އަރުވާލުމާއެކުއެވެ. އެ ފިރިހެންވަންތަ މޫނުމަތީގައިވަނީ ބަޔާންކުރަން ނޭނގޭ އަސަރެކެވެ. ހައިރާންކަން ވެރިވެގެން އައި ކައިރާއާއި އިޝާންގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ. އެހެންނަމަވެސް ކައިލްގެ ހާލަތަށް ބަލާފައި އެ ޒުވާނުން އެއްބަސްވިއެވެ. ނިތްކުރިން ހިއްލާލާފައިވާ ދާތިކިތައް ފޮހެލުމާއެކު ކައިލް މޫނުގައި އަތް ހިންގާލިއެވެ. އޭރު ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. އަވަސް ހިނގުމެއްގައި ގޮސް ސައިކަލަށް އަރާ ދުއްވާލިއިރު ލޯންޗް ވާޓަރާއި ގާތް ކުރީއެވެ. ކައިލްގެ ފަހަތުން އިޝާން އާއި ކައިރާ އައެވެ.

ހޮސްޕިޓަލުގެ ވީއައިޕީ ސަރަހައްދުގެ ޕްރައިވެޓް އޭރިއާގައި ތިން ޒުވާނުން ތިއްބެވެ. އެންމެ މި ޒަމާނުގެ އަރާމު ސޯފާތައް ހުރިއިރު ކޮފީ މެޝިނަކާއި ޓީވީގެ އިތުރުން ބިއްލޫރި ކޮފީ މޭޒެއް ހުއްޓެވެ. މުޅި ތަނުގައި ލާފައި ވަނީ ކްރީމް ކުލައެވެ. އެކި ދިމަދިމާލުގައި ގަސް މުށިތައް ބަހައްޓާލާފައި ވެއެވެ. ކައިލް އިނީ ވަކިން އިނދެވޭ ސޯފާގައެވެ. ކައިރާ ފޯނުން މީހަކަށް ގުޅައިގެން ހުރި އިރު އިޝާން ހުރީ އެތަނުގައި ހުރި ފްރިޖުން ފެންފުޅިއެއް ނަގައިގެން ބޯށެވެ.

އިރުކޮޅެއް ކުރިން ކައިރާއަށް ޝައުރާ ގުޅާފައި ޝަރީފާއަށް ލިއާ ގެންނަ ހަބަރު ލިބިފައިވާކަން އެންގިއެވެ. އަދި އެމީހުން ހޮސްޕިޓަލަށް އަންނަނީ ކަމަށްވެސް ބުންޏެވެ. މިވަގުތު ކައިރާ އެ އިނީ އަލްޔާ ގުޅުމުން އޭނާއާއި ވާހަކަ ދައްކާށެވެ. ނާވީގެ ފަރާތުން ހަބަރު ލިބިގެން އިތުރަށް ކަންކަން ސާފުކުރަން ކައިރާއަށް ގުޅީއެވެ. ދެރަވެ ރޮމުން ދިޔަ އަލްޔާ ހަމަޔަކަށް އަޅުވަން ކައިރާ އެތައް އިރަކު ވާހަކަ ދައްކަން ޖެހުނެވެ.

“އިޓްސް ހިއަރ…” ބިއްލޫރި ބިތް ކައިރި ބޭރު ބަލަން ހުރި އިޝާނަށް ހޮސްޕިޓަލު ގޯތިތެރެއަށް ވަދެގެން އައި އެމްބިއުލެންސް ފެނުނެވެ. އިޝާން އެހެން ބުނުމާއެކު ކައިލްގެ ނޭވާ ހިފަހައްޓާލިކަން ފާހަގަވިއެވެ. ކައިރާވެސް އަލްޔާ ގާތު އެބަ ގުޅަމޭ ބުނެފައި ފޯނު ކަނޑާލިއެވެ. ކައިރާ ތެދުވެގެން އައިސް ކައިލް ގާތަށް ހުއްޓުނު އިރު އިޝާންވެސް އައިސް ހުއްޓުނީއެވެ. ކައިލް އިނީ އިސްޖެހިފައެވެ. ބަނދަރުގައި ހުރެފައި ހޮސްޕިޓަލަށް އައިފަހުން ކައިލްގެ ދުލުން ބަހެއް ކީ އަޑު ނީވެއެވެ.

“ކެލް…ނުދާނަންތަ…؟” ކައިރާ މަޑުމަޑުން ކައިލްގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ކައިލް ބަހެއް ނުބުންޏެވެ.

“މޭން…ވަޓްސް ރޯންގް…؟ ބުނީމަ އެނގޭނީ…” އިޝާން އެންމެ ފަހުން ސުވާލު ކުރިއެވެ. ކައިރާވެސް އިނީ ކައިލް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ކައިލް އިނީ އިސްޖެހި ގޮތަށެވެ. އެ ސިކުނޑީގައި އެނބުރެމުން ދާ ހިޔާލުތަކުގެ ހިލަމެއް ކައިރާއާއި އިޝާނަކަށް ނުވެއެވެ. މުޅި ތަނުގައި ހިފާލާފައިވާ އޭސީގެ އަރާމު ފިނީގެ ތެރޭގައިވެސް ކައިލްގެ ނިތްކުރިން ދާހިއްލާލާފައި ވެއެވެ.

“އައި ކާންޓް…” އިޝާން ކައިލްގެ ކޮނޑުގައި އަތް ބާއްވާލުމާއެކު ކައިލްގެ އަޑު އިވުނެވެ. ކައިރާ އަވަސްއަވަހަށް ކައިލް ގާތަށް ތިރިވެ އިސްޖަހައިގެން އިން ކައިލްގެ މޫނު ފެނޭތޯ ނަޒަރު ހިންގާލިއެވެ. އެ މޫނުމަތީގައިވި އަސަރުތައް ތަރުޖަމާ ކުރަން ކައިރާ ނުކުޅެދުނެވެ. އެންމެފަހުން ކައިލް މަޑުމަޑުން އިސްއުފުލާލިއެވެ. އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އިޝާންގެ މޫނުމަތިން ކަންބޮޑުވުމާއި ހަމްދަރުދީ ފެނުނެވެ.

“އައި ކާންޓް އިޝާން…! ލިއާ އެ ހާލުގަ އޮންނަތަން ދެކޭކަށް އަހަންނަށް ކެތެއް ނުވާނެ…!” ކައިލް މޫނުގައި އަތް އެޅިއެވެ. ސީރިއަސްކަމާއި ހިތްވަރުގަދަކަމަށް ނަންވެފައިވާ ކައިލް އިޒީކިއެލްގެ ފަރާތުން ފެންނަމުންދަނީ ބަލިކަށިކަމެވެ. ކިތައްމެ ހިތްވަރުގަދަ ޝަހުސިއްޔަތަކަސް ކައިލްގެ ހިތަކީ ލޯބިވާ މީހުންނަށްޓަކާ މަޑު ކަފަކޮޅެއް ފަދަ ގުނަވަނެއްކަން ކައިލްގެ ފުށުން ސާބިތުވެގެން ހިނގައްޖެއެވެ. މީހުންގެ ކުރިމަތީ ކައިލް ދައްކާ ސީރިއަސްކަމާއި ހަރުކަށިކަން ވީ ހިސާބެއް ނޭނގެއެވެ. މިހާރު އެގޮތުގައި އިން ކައިލްގެ ފުށުން ފެންނަނީ ގޮތް ހުސްވެފައި ވާ ކަމެވެ. ނިކަމެތި ކަމެވެ.

ކައިރާ ހަމައިސްކޮޅަށް ތެދުވުމާއެކު މޫނުގައި އަތް އަޅައިގެން އިން ކައިލްގެ ގައިގަ ބައްދާލުމާއެކު ބުރަކަށްޓާއި އިސްތަށިގަނޑުގައި ފިރުމާލިއެވެ. ކައިލް މި ހާލަތުގައި ފެންނަ ކޮންމެ ފަހަރަކު ކައިރާގެ ހިތަށް އަސަރުކުރެއެވެ. މިފަދަ ކޮންމެ އަސަރެއް ކައިލްގެ ފުށުން ފާޅުވަނީ ލިއާއާއި ގުޅުން ހުންނަ ކަންކަމުގައި އެކަންޏެވެ.

ލިއާ ހޮސްޕިޓަލަށް ގެނައިފަހުން ހަތަރުވަނަ ދުވަހެވެ. ފާއިތުވެ މިދިޔަ ތިން ދުވަސްތެރޭ ކައިލް އައި.ސީ.ޔޫ ގެ ދޮރުމަތިން ދުރަށް ނުދެއެވެ. ހެނދުނެއް، މެންދުރެއް، ހަވީރެއް، ރޭގަނޑެއް ކަމަކު ކައިލްގެ ފަރުވާލެއް ނެތެވެ. އޭނާއަށް ހިތްވަރު ނުލިބެނީ ލިއާގެ ސޫރަ ދެކިލުމަށެވެ. އެހާ ނިކަމެތި ހާލެއްގައި ކައިލްގެ ހިތާއި ފުރާނައިން ލޯބިވާ އަންހެންކުއްޖާ ވާތަން ދުށުމަށް އެހިތަކަށް ކެތެއް ނުވާނެއެވެ. އެހެނަސް ކައިލްގެ ގިނަ ވަގުތު ހޭދަކުރަމުން ދަނީ އައި.ސީ.ޔޫ ގެ ކުރިމަތީ ހުންނަ ގޮނޑިބަރީގައެވެ. ޑޮކްޓަރުންގެ ފުށުން ލިއާއަށް ލިބިފައިވާ އަނިޔާތައް އަޑުއިވުނު ދުވަހު ކައިލްގެ ލޭ ކެކިގެން ދިޔައެވެ. ރިހާންގެ ކިބައިން ބަދަލު ހިފަން ބޭނުންވެ މުޅި ޒަމީރު ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. އެހެނަސް ކައިލް އިހަށް ހިމޭނުން ހުރީ އެހެން ހުރިހާ ކަމަކަށްވުރެ ލިއާ މުހިއްމުވީމައެވެ.

ހޮސްޕިޓަލުގައި ހޭދަކުރާ ޑިއުޓީ ގަޑިތަކުގައިވެސް ކައިލް އެންމެ ގިނައިން ފެންނަނީ އައި.ސީ.ޔޫ ކައިރިންނެވެ. ބައެއް އެކުވެރި ޑޮކްޓަރުން މިހާރު ކައިލްއާއި އެކި ސުވާލުވެސް ކޮށްފިއެވެ. ކައިލްގެ ޖަވާބަކަށްވަނީ ލިއާއަކީ ކައިލްއާއި ވަރަށް ގާތް ފަރާތެއްކަމެވެ. ހާލަތުގެ ގޮތުން އެއަށްވުރެ އިތުރު ތަފްސީލު ދެވޭކަށް އޭނާއަކަށް ނެތެވެ.

އަކީލްއާއި ހަމަޔަށް ހަބަރު ދިޔައީ ކިހިނެއް ކަމެއް ނޭނގެއެވެ. ކައިލް އައި.ސީ.ޔޫ ކުރިމަތީ ހުރި ގޮނޑިބަރީގައި އިންދާ އަކީލް ފެނުނީ ކުރިމަތީ ހުއްޓައެވެ. އެ މޫނުމަތީގައިވަނީ ނުރުހުމާއި ހިތްހަމަނުޖެހުމެވެ. އާމިރުގެ ފަރާތުން އަކީލަށް އެނގުނީ ލިއާ އެ ހޮސްޕިޓަލަށް ގެނައުމުގައި ކައިލްގެ އަތެއް ވާކަމެވެ. ކައިލް އެކަމުގެ ތެރެޔަށް ވަނީ ކީއްވެގެންތޯ އަކީލް ސުވާލުކުރުމުން ކައިލް ޖަވާބު ދިނެވެ. އޭނާ ތަފްސީލަކަށް ނުދިޔަޔަސް ސަބަބަކީ ކޮބައިކަން ބައްޕައަށް ސާފުވާނޭ ކައިލް ބުނީ އިހުތިރާމާއެކުއެވެ. ހިތްހަމަ ނުޖެހިފައި ހުރެވެސް ކައިލް އެކަން ހިންދާލީއެވެ. މިހާރު އޭނާއަކީވެސް ފުރާ ފުރިހަމަވެފައިވާ ޒުވާނެކެވެ. އަމިއްލަ ނިންމުންތައް ނިންމުމުގެ އިހުތިޔާރު އޭނާއަށް ލިބެން ޖެހޭނެއެވެ. އަކީލް އެދުވަހު އެތަނުން ދުރަށް ދިޔައީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރެގެންނެވެ. ގޭތެރެއިންވެސް ކައިލް އާއި އެހާ ގިނައިން ދިމާނުވާތީ ބޭނުންވާ ގޮތަށް އޭނާގެ ނުރުހުން ފާޅުކުރެވޭކަށް ނެތެވެ.

ލިއާގެ ހާލު ރަނގަޅުވެ އައި.ސީ.ޔޫ އިން ނެރުނު ދުވަހު ކައިލްގެ ހަރަދުގައި ހޮސްޕިޓަލުން ޕްރައިވެޓް ރޫމެއް ހަމަޖެއްސިއެވެ. ޖާގަ ތަނަވަސް އެ ކޮޓަރީގައި ލާފައި ވަނީ ވޯލްނަޓް ކުލައެވެ. ލިއާ އެޑްމިޓް ކޮށްފައިވާ އެނދާއި ކުރިމަތިވާހެން ޓީވީއެއް ހުއްޓެވެ. ބޭރަށް ވާގޮތަށް އިންނަ ބިތުގައި ބޮޑު ބިއްލޫރި ކުޑަދޮރެއް ހުރިއިރު މަޑު ރީނދޫ ކުލައިގެ ދޮރުފޮތިގަނޑެއް ދަމާލާފައި ވެއެވެ. މުޅި ތަނުން ފެންނަނީ ސާފުތާހިރު ކަމެވެ. އެއްދިމާލެއްގައި ހުރި އަރާމު ސޯފާ ގޮނޑީގައި ޝަމްނާއާއި ޝައުރާގެ އިތުރުން ޝަރީފާ އިނެވެ.

ފުން ނިންޖަކުން ހޭލެވުނު މީހެއް ފަދައިން ލިއާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. ފުސްކޮށް ފެންނަމުންދިޔަ މަންޒަރު ސާފުވީއިރު އޭނާއަށް ފެނުނީ ކައިރާއެވެ. ކައިރާގެ ފަހަތުގައި ހުރި އިޝާންވެސް ފަނޑު ގޮތަކަށް ފެނިލިއެވެ. ވަރުބަލިކަމާއެކުވެސް ލިއާގެ ނަޒަރު މުޅި ކޮޓަރިތެރެއަށް ހިންގާލީ އެންމެ ސޫރައެއް ދެކިލާ ހިތުންނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ސޯފާގައި އިން ބޮޑުދައިތަ އާއި ޝަމްނާ އާއި ޝައުރާއެވެ. ރޭގެ ވަގުތެއްގައި ލިއާ ހޭ އެރިއިރުވެސް އާއިލާ މީހުން ފެނިފައި ލިބުނީ ސިހުމެކެވެ. އޭނާއަށް މި އޮވެވުނީ އަމިއްލަ ރަށުގައި ކަމެއް ނޭނގުނެވެ. އޭނާގެ ހަނދާނުގައި އެންމެފަހުން ހުރީ ރިހާން އޭނާ ހޫރާލި ވަގުތު އެނދުގެ ކަނުގައި ބޯ ޖެހުނު ހަނދާނެވެ. ލިއާ ބޭނުންވި ވަރަށް ރޭގައި ޝަރީފާއާއި ސުވާލު ނުކުރެވުނެވެ. ގަޔަށް ޖަހާފައިވާ ތަދު ކަނޑުވާ އިންޖެކްޝަންތަކުގެ ސަބަބުން ލޮލަށް ބަރުވާގޮތްވެ އޭނާއަށް ނިދުނީއެވެ.

“ފައިނަލީ…ލިއާ ކިހިނެއްތަ…؟” ކައިރާ ހިނިތުންވުމާއެކު ލިއާގެ އަތުގައި ފިރުމާލިއެވެ. އިޝާން ލިއާއަށް ގޮވާލުމާއެކު ލިއާ ލުއިކޮށް ހިނިތުންވެލާފައި ރަނގަޅޭ ބުނެލިއެވެ. ވެ ނިމުނު ކަންތަކުގެ ވާހަކަ ދައްކަން އެކަކުވެސް ބޭނުން ނުވާ ކަހަލައެވެ. މިއީ މުޅިން އާ ދުވަހެކެވެ. އާ ފެށުމެކެވެ. ޝަމްނާއާއި ޝައުރާ ތެދުވުމުމާއެކު އެމީހުންގެ ފަހަތުން ޝަރީފާވެސް އައެވެ.

“ލިއާ…ދައްތަ އެބަ އަންނަން ގެޔަށް ގޮސްލާފަ…” ޝަރީފާ ވާހަކަ ދެއްކިއެވެ. ލިއާ ބޯ ޖަހާލުމާއެކު ޝަމްނާއާއި ޝައުރާވެސް ޝަރީފާއާއި އެކު ހިނގައިގަތެވެ. އެ މީހުން ނިކުތް ވަގުތު ޑޮކްޓަރަކާއި ދެ ނަރުހަކު އެތެރެއަށް ވަދެގެން އައެވެ. އިޝާންއާއި ކައިރާ ދުރަށް ޖެހުނީ އެމީހުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ޑޮކްޓަރު ލިއާއާއި އެކިއެކި ސުވާލު ކުރިއެވެ. ލިއާ މަޑުމަޑުން ޖަވާބު ދެމުން ދިޔައެވެ. ލިއާ ޗެކްކޮށްފައި ޑޮކްޓަރު އެންގީ ލިއާގެ ހާލު ވަރަށް ބޮޑުތަން ރަނގަޅުވެފައި ވާކަމަށެވެ.

ޑޮކްޓަރުން ނިކުމެގެން ދިއުމާއެކު ކައިރާ އާއި އިޝާން އަނެއްކާވެސް ލިއާ ގާތަށް އައެވެ. އިޝާން ލިއާގެ އެނދު ކައިރި ހުރި ގޮނޑިއެއްގައި އިށީނުމާއެކު ކައިރާ އިށީނީ އެނދުގައެވެ. ލިއާގެ ހިތާއި ސިކުނޑީގައި ސުވާލެއް އެނބުރެމުން ދިޔައެވެ. އެހެނަސް އޭނާ ހުރީ އަހަން ނުކެރިފައެވެ. ކައިރާ ކުރަމުން ދިޔަ އެކި ސުވާލުތަކަށް ޖަވާބު ދެމުން ގޮސް އެންމެފަހުން ލިއާ ސުވާލުކުރިއެވެ.

“ކައިލް…ކައިލް ކޮބާ…؟” ލިއާ އަހާލީ މަޑުމަޑުންނެވެ.

ކައިރާ އާއި އިޝާން އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ. ލިއާއަށް އެކަން ފާހަގަވިއެވެ. ކައިރާ ލިއާގެ މޫނަށް ބަލާލުމާއެކު ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ހީ އިޒް ހިއަރ…” ކައިރާ ބުނެލިއެވެ. ލިއާގެ މޫނުން ސިހުން ފާޅުވިއެވެ. އޭނާއަށް އަވަސްއަވަހަށް އެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ.

“ކޮބާ…؟” މުޅި ކޮޓަރިއަށް ނަޒަރު ހިންގާލާފައި ކައިރާއަށް ބަލާލި ލިއާގެ މޫނުގައިވަނީ ސުވާލު މާކެވެ.

“ލިއާ މިތަނަށް ގެނައީއްސުރެ ކައިލްގެ ހުރިހާ ވަގުތެއް ހޭދަކުރަނީ މިތަނުގައި…ހީ ހެޒްންޓް ރިއަލީ ލެފްޓް ދަ ހޮސްޕިޓަލް…” ކައިރާ ބުނެލިއެވެ. އޭނާގެ އެ ޖަވާބާއެކު ލިއާގެ ދެ ބުމަ ގާތްވެލުމާއެކު ހައިރާންކަން ފާޅުވިއެވެ.

“ތި ކިޔާ އެއްޗެއް ނުވިސްނޭ…ކައިލް މިތަނަށް އައިސްފަ ދިޔައީތަ…؟ ކޮބާ ކައިލް…؟ ކީއްވެ މިތާ ނެތީ…؟” ލިއާ އެހިއެވެ. އެ އަޑުގައިވި ކެތްތެރިކަން ކުޑަކަމަކަށް އޭނާގެ ސަމާލުކަމެއް ނެތެވެ.

ކައިރާ މަޑުމަޑުން ހިންދިރުވާލަމުން ލިއާގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. “ބިކޯޒް ހީ ކާންޓް…” ލިއާގެ މޫނަށް ވެރިވާ ކުލަވަރުތަކަށް ބަލަން އިނދެ ކައިރާ ބުނެލިއެވެ. ލިއާގެ މޫނުން ފެނުނީ ކައިރާ ބުނި އެއްޗެއް ނަގައިނުގަނެވިފައި އިންކަމެވެ.

“ހީ ސެޑް ހީ ކުޑުންޓް ސީ ޔޫ ލައިކް ދެޓް ލިއާ…ހީ ސެޑް ހީ ކުޑުންޓް ޓޭކް އިޓް…ކައިލް ވަރަށް ބޮޑަށް ސަކަރާތްވެފައި ހުރީ…ލިއާ އޮތީ ވަރަށް ކްރިކްޓިކަލް ކޮންޑިޝަނެއްގަ…އެކަމަކު ލިއާގެ ޓްރީޓްމެންޓް ކަންތައް ހަމަޖެއްސީ ކައިލް…ލިއާ މި ހޮސްޕިޓަލަށް ގެނައީ ކައިލް އެކަމަށް އެދިގެން…ހީ ޕެއިޑް ފޯރ އެވްރީތިންގް…” މިފަހަރު ވާހަކަ ދެއްކީ އިޝާނެވެ. އޭނާ ކުރު ގޮތަކަށް ކައިލްގެ ހާލަތު ލިއާއަށް ތަފްސީލު ކޮށްދިނެވެ. ދެން ވެރިވެގެން ދިޔައީ ފުން ހިމޭންކަމެކެވެ. ބަސް ހުއްޓި ބުނާނެ އެއްޗެއް ނޭނގިފައި އޮތް ލިއާގެ ދެލޯ ފެންކަޅިވިއެވެ. ކައިރާ މަޑުމަޑުން އޭނާ ހިފަހައްޓައިގެން އިން ލިއާގެ އަތުގެ ނުފުށުގައި ފިރުމާލިއެވެ.

“ހީ ވޯޒް ހިއަރ އޯލް ދިސް ޓައިމް…؟” އެއް ދިމާލަކަށް ބަލަން އިން ލިއާގެ ދުލުން ބޭއިހްތިޔާރުގައި ބުނެވުނެވެ.

“ކޮންމެ ދުވަހަކުވެސް…!” ކައިރާ ބޯ ޖަހާލިއެވެ. “ލިއާ އައި.ސީ.ޔޫ ގަ އޮތް އިރު ކައިލްގެ ގިނަ ވަގުތު ހޭދަކުރީ އެތާ ކުރިމަތީ…ޑިއުޓީ ގަޑީގަވެސް ކައިލް އިރުއިރުކޮޅާ އައިސް ހުންނަނީ އެތާ ދޮރުމަތީގަ…އަހަންނަށް އެއްފަހަރަކު އެތެރެއަށް ވަދެވުނު…ބައެއް ފަހަރު އައެމް ގްލެޑް ކައިލް ލިއާ ފެންނަ ހިސާބަށް ނުވަންނާތީ…އައި ވޯޒް ޓެރިފައިޑް އެދުވަހު އައި.ސީ.ޔޫ އަށް ވަދެފަ…އަދި ކައިލްއަށް ކިހާވަރެއް ވާނެ…؟ ލިއާގެ ދައްތަ ބުނެބުނެވެސް ކައިލް ދުރަކަށް ނުދާނެ…އިއްޔެ ކައިލް މި ރޫމް ހަމަޖެއްސީ…ރޭގެ ގިނަ ވަގުތުވެސް ކައިލް ހޭދަ ކުރީ މި ރޫމް ކުރިމަތީ…އަދި ލިއާ ދެކެން އަންނާނެހާ ހިތްވަރު ހުރިހެންނެއް ހިއެއް ނުވޭ…” ކައިރާ ލިއާގެ އަތުގައި ހިފާލައިގެން އިނދެ ވާހަކަ ދެއްކިއެވެ. ލިއާއަށް އޮވެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ލޮލުގައިވީ ކަރުނަތަކާއެކު ލިއާއަށް މަޑުމަޑުން މޫނު އަނބުރާލެވުނެވެ. އޭނާގެ ނަޒަރު ހުއްޓުނީ ބިއްލޫރި ކުޑަދޮރަށެވެ. އެ ދޮރުން އެޅިގެން އައި ފަނޑުފަނޑު އަވިން ލޮލުގައި ވީ ކަރުނަތަކާއެކު ލިއާގެ މުށިކުލައިގެ ކަޅި ހުޅުދާންވެލިކަހަލައެވެ. ލިއާ އޮތީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަސް އަހަރު ފާއިތުވެގެން ގޮސްފައި ވާއިރުވެސް، ކައިލް މި ދޮރުގެ އަނެއް ފަރާތުގައި ލިއާ އެ ހާލުގައި ވާތަން ދެކިލާނެ ހިތްވަރެއް ނެތިފައި އިންނާނެކަމުގެ ހިޔާލުން ލިއާގެ ހިތުގައި ރިއްސާލައިފިއެވެ.

ހަވީރުގެ ވަގުތު ފަހަނައަޅައި ދަނީއެވެ. ފާހަނައިގައި ހުރި ބޮޑު ލޯގަނޑު ކުރިމަތީ ކައިލް ހުއްޓެވެ. ފުން ނަޒަރަކުން އަމިއްލަ ސޫރައަށް ބަލަން ހުރެފައި ތުނިކޮށް ފަޅާފައިވާ ތުނބުޅި ބާލަން ފެށިއެވެ. އޭނާ ތައްޔާރުވަމުން އެދަނީ ލިއާގެ ކުރިމައްޗަށް އެރުމަށެވެ. ފަސް އަހަރު ފަހުން ލިއާއަށް ކައިލް ފެންނައިރު ކައިލް ބޭނުންވަނީ ލިއާއަށް އެންމެފަހުންވެސް ފެނިފައިވާ ކައިލްގެ ގޮތުގައި ހުންނާށެވެ. ދެންމެ ފެންވަރާލައިގެން، އުނުގައި ތުވާލި އޮޅާލައިގެން ހުރި އިރު އެ ކަސްރަތީ ހަށިގަނޑުގައި މުތީތަކެއް ފަދައިން ފެންތިކިތައް ވިދަމުން ދިޔައެވެ. އޭނާގެ މަސައްކަތް ނިންމާލާފައި އެއްޗެހި ތަރުތީބުކޮށް ނިންމާލަމުން ކައިލް ލޯގަނޑުން ފެންނަމުންދާ ސޫރައަށް ނަޒަރު ހިންގާލިއެވެ. ދުވަސްތައް ފާއިތުވެ އިހުނަށްވުރެ އެ ހަތަރެސްކަން މޫނުގެ ފިރިހެންވަންތަކަން އިތުރުވެފައިވާއިރުވެސް ކައިލްއަށް އިރުކޮޅަކަށް އެ ސޫރައިން ކުރީގެ ކައިލް ފެނުނު ކަހަލައެވެ. ތުނބުޅި އާއި ނުލާވެސް އެ ފިރިހެންވަންތަކަން ކުޑަކޮށްވެސް ފަނޑުވެފައެއް ނުވެއެވެ.

ކަޅުކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނަކާއެކު ބެގީ ޖަހައިގެން ހުރި ކައިލްގެ ފުށުން ފެންނަނީ ޝަހުސިއްޔަތު ވަރުގަދަކަމެވެ. ރިހި އަތުކުރީ ގަޑި ނަގާ އަޅަން ހުރިއިރު ފެންނަލެއް ނުހަނު ފިރިހެންވަންތައެވެ. ހިސާބަކަށް ދިގުވެފައިވާ އިސްތަށިގަނޑު އެ ހަތަރެސްކަން މޫނާއި ގުޅޭނެހެން ސްޓައިލް ކޮށްލެވިފައިވާއިރު ނުހަނު ފުރިހަމައެވެ. މުޅި ކޮޓަރިތެރެ އެއްވަސްވެފައިވަނީ އަގުބޮޑު ފިރިހެންވަންތަ ސެންޓެއްގެ ވަހުންނެވެ. އެ ބައިމަތި ފުޅާ ހަށިގަނޑަށް ގަމީސް ހިފާލާފައި ވާއިރު ދިގު އިސްކޮޅުގެ ސަބަބުން އިތުރަށް ފުރިހަމަ ކުރުވައެވެ.

ކައިލްގެ އޮފު އަރާ ކަޅުކުލައިގެ ކާރު އޭ.އޭ.އެމް.ސީ ގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އިރުކޮޅަކު އެތަނުގައި ކާރު ހުއްޓައިގެން ކައިލް އިނީ އަމިއްލަ ނަފްސަށް ހިތްވަރު ހޯދާ ފަދައިންނެވެ. އޭރު އިރުގެ ފަނޑު ފަނޑު އަވި އެޅި މާހައުލު ފެންނަމުންދަނީ ފަނޑު ރީނދޫ ކުލައެއްގައެވެ. މީހުން މަދުވެލިހެން ހީވި ވަގުތު ހޮސްޕިޓަލުގެ ގޯތިތެރެއަށް ކާރު ވައްދާލުމާއެކު އާއިލާ މީހުންނަށް ހާއްސަކޮށްފައިވާ ޕްރައިވެޓް ޕާކިން ޒޯނުގައި ކައިލް ކާރު ޕާކްކޮށްލިއެވެ.

ކާރުން ފޭބުމާއެކު ޖެހިލި ލުއި ވައިރޯޅިން ކައިލްގެ އިސްތަށިގަނޑާ ސަމާސާކޮށްލިއެވެ. ކާރުގެ ދޮރު ލައްޕާލާފައި ގަމީހުގެ އަތުކުރި ރަނގަޅުކޮށްލަމުން ކައިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ލިއާއާއި ބައްދަލުވުމުގެ ހިޔާލުން އެކަނިވެސް ހިތުގެ ހިނގުން އަވަސްކުރުވައިފިއެވެ. ފަސްއަހަރު ފަހުން ލޯބިވާ އަންހެން ކުއްޖާގެ ސޫރަ ދެކިލަން އެ ހިތް ކެތްމަދުވެފައި ވެއެވެ. ކައިލް މިސްރާބު ޖެހީ ޕްރައިވެޓް ވޯޑަށް ދިއުމަށެވެ. އެހެނަސް ހޮސްޕިޓަލުގެ އެތެރެއަށް ވަންނަން ހުރި ދޮރާއި ހަމަޔަށް ދެވުނު އިރަށް ކުއްލިއަކަށް ކައިލްގެ ފިޔަވަޅުތައް ތަތްލައިފިއެވެ. މުޅި މީހާ ހުއްޓުން އަރައިގެން ދިޔައެވެ.

ހުދުކުލައިގެ އަތްދިގު ހެދުމެއްގައި، ކަޅުކުލައިގެ ފައިލްއެއް މޭގައި ޖައްސާލައިގެން އެހުރީ ދެވަނަ މީހެއް ނޫނެވެ. ލިއާއެވެ. ކައިލްގެ ލިއާއެވެ. އެ ސޫރަ ހަމަލޮލަށް ފެނުމާއެކު ކައިލް އިރުކޮޅަކަށް ނޭވާލާން ހަނދާން ނެތުނެވެ.

ވަންނަ މީހުންނަށް ޖާގަ ދިނުމުގެ ގޮތުން ކުޑަކޮށް އެއްފަރާތަކަށް ޖެހިލައިގެން ލިއާ ހުރި އިރު އިރުއިރުކޮޅާ ހޮސްޕިޓަލުގެ ތެރެއަށް ނަޒަރެއް ދެއެވެ. ހީވާ ގޮތުން އެހުރީ މީހެއްގެ އިންތިޒާރުގައެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތަކުން ލިއާގެ ދޫކޮށްލެވިފައިވާ ރާޅު ބާނި އިސްތަށިގަނޑު ދެފަރާތަށް ނަށަމުން ދިޔައެވެ. ހިސާބަކަށް ވަޅުވަދެފައިވާ އެހެނަސް އޮމާން ކޯތާފަތުގައި ދޭތެރެއަކުން އިސްތަށިކޮޅުތައް ބޮސްދެމުން ދިޔައެވެ. އެހެން ހުރެފައި ލިއާއަށް ދިމާ ކުރިމައްޗަށް ނަޒަރު ހިންގާލެވުނީ މީހެއްގެ ބެލުން އަމާޒުވެފައިވާ ކަމުގެ އިހުސާސްކުރެވިގެންނެވެ.

އެތައް ދުވަހަކަށް ފަހު ދެ ޒުވާނުންގެ ހަތަރުކަޅި ހަމަވެގެން ހިނގައްޖެއެވެ. އެ ހިނދު ދުނިޔޭގެ ހިނގުމަށް ހުއްޓުމެއް އައިކަހަލައެވެ. ކައިލް އަދިވެސް ހުއްޓުން އަރާފައި ހުރިއިރު ލިއާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައީ އެ ދެލޯ އޭނާއަށް ކެހި ދެނީ ނޫންކަން ޔަގީންކުރުމުގެ ގޮތުން ކަހަލައެވެ. އެ ސޫރަ ނުފެނި ފަސް އަހަރު ވޭތުވީއެވެ. އެހެނަސް މިހާރު ލިއާ އެހުރީ އޭނާގެ ކުރިމަތީގައެވެ. ކުއްލި ސިހުމެއް ލިބިފައިވާ ފަދައިން އެ ނަޒަރު ހުއްޓިފައިވަނީ ކައިލްގެ މޫނަށެވެ.

ލިއާގެ މޭގައި ޖައްސާލެވިފައިވާ ފައިލްއަށް ދެއަތުން ބާރުކޮށްލެވުނެވެ. ކައިލްގެ ސޫރަ ފާހަގަވެގެން އައި ހިނދު ހުއްޓުން އަރާފައިހުރި ލިއާގެ ދެލޯ ފުރިގެން އައީ ކަރުނައިންނެވެ. ފަސްއަހަރު ފަހުން ކައިލްގެ ސޫރަ ފެނުނުއިރު ލިއާ ހީކުރިވަރަށް ވުރެ ބޮޑަށް ހިތަށް ކުރި އަސަރު މާ ބޮޑެވެ. ކުރިމަތީ އެހުރީ އޭނާދެކެ ހަގީގީ ލޯބިވީ ހަމައެކަނި ފަރާތެވެ.

ކައިލް މަޑުމަޑުން ކުރިޔަށް ފިޔަވަޅެއް އެޅިއެވެ. ދެން އަނެއް ފިޔަވަޅެވެ. ލިއާ ހުރީ އެ މަންޒަރު ބަލާށެވެ. ތުރުތުރު އަޅަމުން ދިޔަ ދެ ތުންފަތް މަޑުމަޑުން ދުރުވެލިއެވެ. އެހެނަސް ބަހެއް ނުނިކުތެވެ. އެއީ ހަމަ މީގެ ފަސް އަހަރު ކުރިން ލިއާ ދުށް ކައިލްއެވެ. އެ ހަނދާނުން ފަނޑުވެފައި ނުވާ ކައިލްއެވެ. އެ ފިރިހެންވަންތަކަމަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. އިހުނަށްވުރެ ފިރިހެންވަންތަވެފައި އެ ހަތަރެސްކަން މޫނުމަތިން ހަރުދަނާކަން ފެނެއެވެ. އެހެނަސް އެ ނޫކުލައިގެ ދެލޮލުން ފެންނަނީ ތަފާތު އަސަރެކެވެ. ލިއާއަށް ތަރުޖަމާކުރަން ނޭނގޭ ފަދަ ކުލަވަރެއް އެ ދެލޮލުގައި ވިއެވެ.

ކައިލް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަންނަމުން ދިޔައެވެ. ލިއާއަށް ކައިލްގެ ގާތަށް މި ދެވެނީކަން ނޭނގި ހުރެ މަޑުމަޑުން ކުރިޔަށް ފިޔަވަޅު އެޅެމެން ދިޔައެވެ. އެ ޒުވާނުންނަށްޓަކާ ވަގުތު މަޑުޖެހިފައި ވާކަހަލައެވެ. އެއްވެސް މީހެއްގެ ދުލުން ބަހެއް ނުނިކުތެވެ. ބުނާނެ އެއްޗެއް ވިސްނުމަކަށް ނާދެއެވެ. ބުނަން ބޭނުންވެ ނުބުނެވި ހުރި ވާހަކަތައް މާ ގިނައީއެވެ.

ދެ ފޫޓެއްހާ ގާތަށް ދެވުމާއެކު ލިއާގެ ފިޔަވަޅުތައް މަޑުޖެހިގެން އައެވެ. ކައިލްގެ ސޫރައަށް ފުރިހަމައަށް ނަޒަރު ހިންގާލެވުނު ހިނދު ލިއާ ކުއްލިއަކަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ. އޭނާއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. ސިކުންތެއް ތެރޭގައި މުޅި ސިކުނޑީގައި ދައުރުވެލީ އެކިކަހަލަ ނޭއްގާނީ ހިޔާލުތަކެވެ. އެ ހިތް ބިރުގަތީ މީ އޭނާގެ ލޯ މައްޗަށް ފެންނާނެ ދަޅައަކަށް ވެދާނެތީއެވެ. އޭނާ އާއި މެދު ކައިލްގެ ހިޔާލު ބަދަލުވެފައި ވެދާނެތީއެވެ. އަދި ވެދިޔަ ހުރިހާ ކަމަކަށްފަހު ކައިލްގެ ކުރިމަތީ ހުރުމުގެ ހައްގެއް އޭނާއަށް ނެތޭ ހީވާތީއެވެ.

އެހެނަސް ކައިލް ފަހަތަކަށް ނުޖެހުނެވެ. ނުވެސް ޖެހޭނެއެވެ. ކުރިޔަށް ކައިލް ފިޔަވަޅެއް ނެގީ އެ ދެމެދުގައިވި ކުޑަ ކުޑަ ދުރުމިން ނައްތާލަމުންނެވެ. ލިއާއަށް ފަހަތަށް ޖެހެވެން ވީއިރަށް ކައިލް ހުރެފައި ކުއްލިއަކަށް އެ ދެއަތުގެ ތެރެއަށް ލިއާ ގެނެސްފިއެވެ. ލިއާގެ ތުނިތުނި ހަށިގަނޑުގައި އެ ބާރުގަދަ ދެއަތުން ވަށާލުމާއެކު ގެނެސް މޭގައި ޖައްސާލައިފިއެވެ.

ފަސްއަހަރަށްފަހު އެންމެފަހުން ކައިލްގެ އެ ދެއަތުގެ ތެރޭގައި ލޯބިވާ އަންހެން ކުއްޖާ ވިއެވެ. ކައިލްގެ ހަށިގަނޑުން އިހުސާސްވި ހިމާޔަތުގެ ހޫނުކަމާއި، ރައްކާތެރިކަމުން ހިތަށް އިހުސާސްވި ފިނިކަމާއެކު ލިއާގެ ދެއަތް ހިއްލާލުމާއެކު ކައިލްގެ ބުރަކަށީގައި ހިފަހައްޓާލެވުނެވެ. ކައިލްގެ މޭގައި މޫނު ފޮރުވާލެވުނު ހިނދު މި ހުރިހާއިރު އޭނާ އޮބި އަޅައި ހިފަހައްޓަމުންދާ ކަރުނަތައް މިނިވަންކޮށްލިއެވެ. ލިއާގެ މަޑު ރުއިމުގެ އަޑު ޖެހުމާއެކު ކައިލްއަށް ލޯ މަރާލެވިއްޖެއެވެ. މަޑުމަޑުން އިސް ތިރިކޮށްލުމާއެކު ލިއާގެ އިސްތަށިގަނޑުގައި މޫނު ޖައްސާލިއެވެ. ވަށައިގެން މީހުން ތިބި ކަމެއް ނުވަތަ ނެތްކަމެއް ކައިލްއަށް ނޭނގެއެވެ. އެކަމަށް އޭނާގެ ފަރުވާލެއްވެސް ނެތެވެ. އޭނާއަށް އެނގޭ ހަމައެކަނި ކަމަކީ މިވަގުތު ލިއާ އެހުރީ އޭނާގެ ދެއަތުގެ ތެރޭގައި ކަމެވެ. އެހެން ކަމަކަށް ކުޑަވެސް ފަރުވާލެއް ނެތެވެ.

“ލިއާ…” ސިއްރެއް ބުނެލާ ފަދައިން ކައިލްގެ ދުލުން ނިކުތެވެ. ކުރުކުރު ލަފުޒެއް ކަމަކު އެ އަޑުގައިވަނީ ފަސްއަހަރު ވަންދެން ކައިލް ކެތްކުރި ކުރުމާއި، ކައިލް އުފުލިހާ ކެކުޅުމެވެ.

“ކައިލް…” މަޑުމަޑުން އިސްއުފުލާލި ލިއާ ކައިލްގެ ލޮލަށް ނަޒަރު ހުއްޓާލިއެވެ. އެ އަޑުގައި ތުރުތުރު އެޅުން އެކުލެވިފައި ވެއެވެ. “ޔޫ އަރ ހިއަރ…؟” ކަޅި ޖަހާލުމެއް ނެތި ލިއާ އެހިއެވެ.

“އައެމް ހިއަރ…” ކައިލް ބުނެލުމާއެކު އަނެއްކާވެސް ލިއާގެ އިސްތަށިގަނޑާއި ދިމާލުގައި އަތް އަޅުވާލުމާއެކު ގެނެސް މޭގައި ޖައްސާލިއެވެ. އެ އަތުގެ ތެރޭ ލިއާ ހިފަހައްޓާލައިގެން ހުރީ ދޫކޮށްލަން ބޭނުން ނުވެފައެވެ.

ނުނިމޭ

Comments (15)

  1. hihhhhhhhh

    Please need the next episode

    1. Lavender
      hihhhhhhhh

      Tuesday In Shaa Allaah ☺️💗

  2. Bdjs

    When next?

    1. Lavender
      Bdjs

      Tuesday In Shaa Allaah 💗

  3. laishyy_.

    Yayyyyyyyyyy.. finalllyyyyyyyy.. I’m soo happyyyy… Vrh nice mi part vxx..

    1. Lavender
      laishyy_.

      I’m just as happy and emotional as you are 🥹 You have no idea how much I’ve been waiting to write this moment toooo 🥹💗

  4. Thuthui

    OH MY GOOOODDD!! Finally leah and kyle met after 5 long years 😭😭 i can’t wait for the next ep this is just too good! Mi vaahaka aharenge mulhi nidhi filuvaalaafi! Kee fahun abadhu visneny dhen vaany kihineh hey! Huvafenun ves fennany! Lavender you are so talented masha allah! Im so in love with this story!😍😍

    1. Lavender
      Thuthui

      You’ve really become part of the Loabin Bunaathee world 😂💗 I’m so happy you’re this invested and your sweet words about my writing mean more than you know…Thank you for loving Leah and Kyle’s journey so much ☺️💗 Sending you lots of loveee 🖤🥀

  5. Rau

    Wow. Mihaaru thin faharah ki ihje..

  6. Someone🤍

    Every Tuesday ga tha mi story ge parts nikunnani..???

  7. Pumkin

    Vry nice and so emotional🥹🩷
    Very curious to know what happen nxt🤔
    I knew that akeel will come and lecture kail we need to do something to him so our lia and kyle can be together or else he will play an amazing drama to prevent them from being togther i guessd🥲

  8. eviee

    finally my loabi loabi lia and kyle reunited so so happy for them 💗💗💗💗

  9. ithoo

    Finally.. hama vaguthu madu jehigen dhiyahen neyvaa vws hufahahtaalaigen indhevuny kiyamun dhiya iru.. Masha Allah ..ur so talented girl.. anehka aneh bayah inthizaaru kuran fahtan mijehunee..hehe .. varah loabi mi part.. keep going gurl.. ur the best ..no 1 hama ❤️🥰😇

  10. Futtaki

    😭😭😭😭💔💔💙💙💙💙💙😭😭😭😭

  11. Lavender

    If you wanna see the characters follow me on Instagram

    https://www.instagram.com/lavendertales14?knvt=MWlma3kydzFzeDlsdA%3D%3D&utm_source=qr

Comments are closed.