
ހިތަކުން ނުފިލާނޭ – 2

ބަނޑުބޮޑުވުމުން ފަޔާޒުގެ ފަރާތުން ލޯތްބާއި އަޅާލުން ލިބޭނެކަމަށް ހީކޮށް އަހަންނަށް ކުރެވުނީ މުޅިން ކުށްހީއެކެވެ. އޭނާ އަހަރެން ދެކެ އަންނަންފެށީ ހައްތަހާ ރުޅިއެވެ. ވާން ފެށީ ހައްތަހާ ފޫއްސެވެ. ރެޔާ ދުވާލު ގޭތެރޭގެ މަސައްކަތުގައި އަހަރެން ތެޅިބާލާއިރު، އޭނާ އިންނަނީ ގޮސް ކޮންމެވެސް ގެއަކު ކޮފީއެއްގައި، ރައްޓެހިންނާ އެކީ ސަޅިބައިސާ ކަނޑާށެވެ. ނޫނީ ގެ ބޮލަށް ވެއްޓޭހައި ބާރަށް ސެޓުން ލަވަ ޖަހާށެވެ. އަހަރެންގެ ކަމަކާ އަޅައިލުމެއް، އަހަންނަށް އަތްގާތްކޮށްލައި ދިނުމެއް ނޯވެއެވެ. އޭނާގެ އަންހެން ކޮއްކޮމެން ވެސް އެފަދައެވެ. ބޮޑެތިވެ މީހުންނާ އިންނަ އުމުރަށް އަޅާފައި ތިބިއިރު ވެސް އެއްވެސް ކަހަލަ އުޅުމެއް ނެތެވެ. މެންދުރުވާންދެން ނިދާފައި، ހަވީރު ފިންޏަށް ތިއްތިވެލައިގެން ރައްޓެހިންނާ އެކީ ބޭރަށް ގޮސް މަޖާ ނެގުނީމައި އެމީހުންގެ ދުވަސް އެ ފުރިހަމަވީއެވެ. އަހަންނާ ދޭތެރޭގައި ވެސް އެމީހުން ކަންތައް ކުރަނީ ގޭގައި ގެންގުޅޭ ނޯކަރަކަށްވުރެ ވެސް ދަށްކޮށެވެ. މިވެނި ކަމެއް ކުރާށޭ އެވެނި ކަމެއް ކުރާށޭ ބުނެ އަމުރުކޮށްލާއިރު، އަހަރެން މި އިނީ ވިހަން ތައްޔާރުވެފައިކަން ވެސް އެމީހުން ހަނދާން ނައްތާލާފައިވާ ކަހަލައެވެ.
އަހަރެންގެ ބަނޑަށް ދުވަސް ފުރެން ކައިރިވުމުން ގޭތެރޭގެ ކަންކަން ކުރުމަށް ދަތިވާން ފެށިއެވެ. އެވަރުން ވެސް ފަޔާޒު ރުޅިއައީ އަހަރެން ދެކެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އަނބިމީހާއަށް ގޭތެރޭގެ ކަމެއްގައި އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އަނބިދަށުވުމެވެ. އެއީ ފިރިހެނުން ކުރަން ހުތުރު ކަމެކެވެ. ނުވިތާކަށް އޭނާގެ ކޮއްކޮމެން އަހަންނަށް ގަނާކޮށް، ހިތު ހުރިހާ ގޮތެއް ހަދަމުންދިޔައިރު ވެސް އޭނާ ހުރީ ހަމަ ނުފެންނަ ކަމަށް ހަދާލައިގެންނެވެ. އަހަރެންގެ ދިފާއުގައި ޗުއްޕުވެސް ބުނެނުލައެވެ. ތިމާގެ ދަރިއަކު މި ދުނިޔެއަށް އުފަންވާން ތައްޔާރުވެފައިވާ ކަމެއް، އެކަމަށްޓަކައި ޚަރަދުތަކެއް ހިނގާނެކަން ވެސް އޭނާގެ ހިތަށް ނޭރި ކަހަލައެވެ. ރެޔާ ދުވާލު އެއް ގޭ ޖޯލިން އަނެއް ގޭ ޖޯލިން މޮޅެތި ވާހަކަ ދައްކަމުން އޭނާ ދުވާއިރު، ދުވަހެއް ދުވަހަކަށް އަހަރެމެންގެ ދިރިއުޅުމުގެ ހާލަތު ދިޔައީ ދަށަށެވެ.
ބޮޑުވަމުން އައި ބަނޑާއި ދުޅަވަމުން ދިޔަ ދެ ފައިގެ ސަބަބުން އަހަންނަށް ފަހާފޮށި ދޮށުގައި އިނުމަށް ދަތިވާން ފެށިއެވެ. އެ ހިސާބުން އެ މަސައްކަތުގައި ވެސް ނިމުމުގެ ސިއްކަ ޖެހުނީއެވެ. އާމްދަނީ ލިބެމުން އައި މަގު ވެސް ބަންދުވީއެވެ. އެކަމާ ކަންބޮޑުވެގެން ފަޔާޒު ކައިރީ އެ ވާހަކަ ދެއްކުމުން، އޭނާއަށް އަހަރެން އެއްޗެކޭ ކިޔާހެން ވެސް ހީނުވިއެވެ. އެހެން އަތުން ފައިން މަސައްކަތެއް ނުކޮށް ހުރެހުރެފައި، އަހަރެން ވިހާ ދުވަސް ކައިރިވުމުން، ފަޔާޒު އަނެއްކާ ވެސް ބޮލުގައި އަޅައިލީ އަނެއް ދަރަންޏެވެ. އޭރު ވެސް އޭނާގެ ބައްޕައަށް ބޭސްކުރަން އާއިލާ މީހެއްގެ އަތުން ނެގި ދަރަނި ޚަލާސްކުރަން ވެސް ނުފަށާ އެ އޮތް ގޮތަށް އޮތީއެވެ.
ފުރަތަމަ ދަރިފުޅު ލިބިގެން އަހަރެން ވިހައި ގަދަ ނުވަނީސް، ގޭތެރޭގައި ކަމެއް ކުރާނެ މީހަކު ނެތިގެން މަރުގެ ކެތަށް ވެސް އަހަރެން ގޭތެރޭގެ މަސައްކަތްތައް ކުރަން ފަށައިފީމެވެ. ލޮލު ފިޔައެއް ޖަހާލައިގެން ނޯވެވޭ ކިރު ބޯ ޅަ ދަރިއަކު ގޮވައިގެންނެވެ. އެ ތުއްތު ދަރިފުޅު އަހަންނަށް ފެންނަ ފަށުގައި، ފަށްޖެހި އެނދެއްގައި ނިންދަވާފައި ބާއްވައިގެން ގޭތެރޭގެ ހުރިހާ ކަމެއް ކޮށް ނިންމާއިރު، ފަޔާޒުގެ ކޮއްކޮމެން އަދި ތަންމަތިން ހިއްލައިނުލައެވެ. އެ ހުރިހާ ކަމަކުން ހިންދެމިލެވޭއިރު ހަށިގަނޑުގައި އަޅާ ވޭނުން ވެސް އަހަންނަށް ރޮވުނު ވަރު މަދެއް ނޫނެވެ. އަނެއްކާ ވިހެއުމަށްފަހު އަހަރެންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކުން ހިތްހަމަނުޖެހިގެން ފަޔާޒު އަހަންނާ ދިމާލަށް ފާޑުފާޑުގެ ބަސް ބުނެ ހަދާތީ ވެސް އަހަރެން ހުރީ ނުލާހިކު ހިތުގައި ޖެހިފައެވެ. އޭނާގެ ފަރާތުން ކުޑަ ނަމަވެސް އޯގާތެރިކަމަކަށް އަހަރެން ބޭނުންވީ ދުވަހު، އޭނާ އަހަންނަށް ކުރީ މަލާމާތެވެ. ގަނާއެވެ.
ބައްޕައަކަށް ވުމަށް ފަހު ފަޔާޒުގެ ފަރާތުން ކުޑަ ނަމަވެސް ހެޔޮ ބަދަލެއް ފެންނާނޭ ކަމަށް އަހަންނަށް އުންމީދު ކުރެވުނީ ހަމަ އަހަރެންގެ މޮޔަކަމުންނެވެ. ކުޑަ ދަރިފުޅު އުރާލުން ވެސް އޭނާއަށް ވީ ބޮޑު ކަމަކަށެވެ. އެ ދަރިފުޅުގެ ރުއިމުން އެ ހިތަށް އަސަރެއް ކުރުމުގެ ބަދަލުގައި އޭނާގެ ބޮލަށް ވީ އުނދަގުލެވެ. ދަންވަރު އެކުއްޖާ ހޭލައިގެން ރޯ ވަރުން އަހަންނަށް މަސަލަސް ނުކުރެވިގެން އުޅޭއިރު ވެސް، ރުޅިވެރި ނަޒަރެއް ދީފައި އޭނާ ފުރޮޅިލަނީ އަނެއް ފަރާތަށެވެ. ފާޚާނާއަކަށް ދާން ޖެހިގެން ވެސް އެ ކުޑަ ހިނދުކޮޅަށް އެ ކުއްޖާ ބަލައިލަދޭނެ މީހަކު ނެތިގެން އެތައް ފަހަރަކު އެ ފަކީރު، މަތި ހިޔާނުކޮށް ހުރި ގިފިލިތެރޭ އިންދާފައި ހުރި ގަސްތަކުގެ ހިޔާ ލިބޭ ހިސާބުގައި، ކުނަލެއްގެ މަތީގައި ބާއްވައިގެން ވެސް އަހަންނަށް އުޅެން ޖެހުނެވެ. އެއްޗެހި ދޮންނަނީ ވެސް ހަމަ އެ ފަދަ ހާލެއްގައެވެ. އޭރަކު ދޮންނަ މެޝިނުގަނޑެއް ނުހުރެއެވެ. އެންމެން ހިތްވަރުން ދައު ކުރާހައި އަންނައުނެއް އަހަރެން ދޮންނަނީ ގިފިލި ތަޅުންގަނޑު މަތީގައި ގުދާރު ބިންދައިގެން އޮވެއެވެ. ކުޑަކުޑަ ދަރިފުޅު އެ ކުނާގަނޑު މަތީގައި އެކަނިމާއެކަނި ބާއްވައިގެންނެވެ.
އަހަރެންގެ ކޮއްކޮ ނަސްވާ ވެސް މީހަކާ އިނދެގެން އޭނާގެ ފިރިމީހާގެ ރަށަށް ބަދަލުވުމުން ދެން އަހަންނަށް ކުޑަވެސް އަޅާލުމެއް ދޭނެ އިތުރު މީހަކު ނެތެވެ. އަހަރެންގެ މަންމަ ވެސް އެހާ ބައްޔެވެ. އަނެއްކާ އޭރު އަހަރެންގެ ފަހަރި ވެސް އުޅެނީ ވިހައިގެންނެވެ. އެހެންވެ މަންމަ ގާތުގައި އެހީތެރިކަމަކަށް އެދޭކަށް ވެސް އަހަންނަކަށް އަދި އަމުދުން ނުކެރުނެވެ. ފަޔާޒުގެ ކޮއްކޮމެން ވެސް އެ ކުއްޖާ އުރާލައި އުޅެނީ މަދު ފަހަރަކުއެވެ. އެ ވެސް ފަޔާޒަށް ކަންދެއްކުމަށެވެ. އޭނާ ނުހުންނަ ތަންތާގައި އަހަރެންގެ ދަރިއާ ދިމާލަށް ނުކިޔާކަށް އެއްޗެއް ނެތެވެ. އަހަރެންގެ ދަރިފުޅަކީ ހަމުގެ ކުލަ ވަރަށް އަނދިރި ކުއްޖެކެވެ. ވިހޭ އިރު އޮތީ ވެސް އެހާ ނިކަމެތިކޮށެވެ. އެހެންވެ އެ ކުއްޖާ ކަޅޭ، ހުތުރޭ، ބައްޔޭ ކިޔައިގެން އެ މީހުން މަލާމާތްކޮށް ބަސްބުނެ ހަދާތީ ދިފާއުގައި އަހަރެން އެއްޗެކޭ ބުނި ދުވަހު ކަންތައް ވީގޮތް އަދިވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެ ދުވަހު ވެސް ވީ އަހަރެން އެމީހުންނަށް އެއްޗެހި ކިޔައި ޒުވާބު ކުރީ ކަމަށެވެ. ބަފައިބެ ވެސް އެރީ އެ މީހުންނާ އެއްކޮޅަށެވެ. އެ މީހާ އަހަރެން ދެކެ އެ އަރަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެ މީހާ ފަޔާޒު ދެވަން ބޭނުންވި އަންހެންކުއްޖާއަށް އަހަރެން ނުވީމާ ކަންނޭނގެއެވެ. އިސްވެ އަނގައިން ނުބުނާ ތާނގައި، އަނގައިން ބުނާ ފަހަރަކު ވެސް ޖެއްސުމަށް ނޫނީ އެއްޗެކޭ ނުބުނެއެވެ. ކުޑަ ދަރިފުޅު ގައިގައި ވެސް އެ މީހާ އިނގިލިކުރި ޖައްސައިނުލައެވެ. ވަކި މީހެއްގެ ބަނޑުން އުފަން ނުވީތީ ކާފަ ދަރިއެއް ކަމަށް ދެކެން ވެސް ބޭނުން ނުވަނީ ކަހަލައެވެ.
ބަފައިބެ އަހަންނާ ދޭތެރޭގައި އިހާނެތިކޮށް ކަންތައް ކުރި ކޮންމެ ފަހަރަކު ވެސް އަހަރެން ފަޔާޒުގެ މަންމަ މަތިން ވަރަށް ހަނދާންވިއެވެ. އަހަންނާ ފަޔާޒު ކައިވެނިކުރުމުގެ މާ ކުރިން އެމީހާ ވަނީ މި ދުނިޔެ ދޫކޮށްފައެވެ. އެހެނަސް ދިރި ދުނިޔޭގައި ހުރި ދުވަހު އެ މީހާ އަހަންނަށް ވަރަށް ހެވެވެ. އެހާ އޯގާތެރިއެވެ. އަވަށްޓެރިއަކަށްވާތީ ބައެއް ފަހަރު އެ ގެއަށް ގޮސް އުޅުމުގައި އެ މީހާއަށް އަތްގާތްކޮށްލައިދީ އުޅޭތީ އަހަންނާ ވަރަށް ވާހަކަދައްކައި ކަންކަން ހިއްސާކޮށް ހެދިއެވެ. އޭރު ވެސް އެ މީހާ ހަމަ ވަރަށް ބައްޔެވެ. އެހާ ބަލިކޮށް އުޅުނުއިރު ވެސް، އަންހެން ދަރިން ތިބެމެ، އެކުދިންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭތީ އެ މީހާ ކަރުނައަޅައި ނުރޯ ދުވަހެއް މަދެވެ.
(ނުނިމޭ)