
މަންޒިލް – 52

އެނދުގައި ދެކޮޅަށް ފުރޮޅިލާ މިންހާ އޮތީ ނުނިދިފައެވެ. ކައިވެންނަށް ފަހު، އެރިކް ނުލާ އޮންނަން ޖެހޭ ފުރަތަމަ ރޭ ކަމުން ހިތުގައި ނުތަނަވަސްކަމެއް އުފެދިފައިވިއެވެ. ރަށުން ބޭރުގައި ކުޅޭ މެޗެއް ކުޅެން އެރިކްވީ ހަލްސިޓީއަށް ގޮހެވެ. އެރިކް އަލުން ޓީމައި ގުޅެން ލަންޑަނަށް އައީ ހަފްތާއެއް ކުރިންނެވެ. ދެމީހުން އެއްކޮށް ލަންޑަންގައި ރަނގަޅަށް ހަމަނުޖެހިވެގެން އުޅެނިކޮށް އެރިކް ދާން ޖެހުމުން މިންހާގެ ހިތްވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެއޮށް ބޮޑު ގޭގައި އޭނާ އެކަނި ހުންނަން ވުމުން ކުޑަކޮށް ބިރުވެސް ގަތެވެ. އެރިކްއަށް ގުޅަން ކިތަންމެ ހިތް ބޭނުންވި ކަމުގައި ވިއަސް، އެރިކްގެ ނިދި ޚަރާބު ކުރަން މިންހާ ނޭދެއެވެ. އެންމެ ފަހުން ނުނިދުނުކަމަށް މިންހާ ތެދުވެ ސިޓިން ރޫމަށް ނުކުތެވެ.
ފިނި މޫސުމަށް ވުމާއެކު ގޭތެރޭގައި ވަނީ ތެއް ފިނި ކަމެއް ހިފާފައެވެ. ގައިގައި ބޮޑު ރަޖާގަނޑެއް އޮޅައިގެން މިންހާ ގޮސް ބަދިގެއަށް ވަނެވެ. ހޭލައި ހުރުމުން ބަނޑުހައި ކަން އިހުސާސް ކުރެވެމުން ދިޔައެވެ. ކުޑަ ވަރެއްގެ ސޭންޑްވިޗެއް ތައްޔާރު ކުރުމުގެ ނިޔަތުގައި އައިސަލަމާރި ހުޅުވާލިއެވެ. މޫނު މަތީގައިވި އުދާސްކަން ފިލައި، މިންހާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ދިއުމުގެ ކުރިން އެރިކް ވަނީ ޓޫނާ ސޭންޑްވިޗްއެއް ހަދައިދީފައެވެ. މިންހާ އުފަލުން ހުރެ އައިސަލަމާރިން ސޭންޑްވިޗް ލާފައި އިން ތަށި ނެގިއެވެ. ތަށީގެ މަތިގަނޑުގައި ނޯޓެއް ތަތްކޮށްފައި އިނެވެ. ‘ވަރަށް ލޯބިވޭ’ މިންހާއަށް މޭގައި އަތް އަޅާލެވުނީ ތާނަ އަކުރުން ހުރި އެރިކްގެ ލިޔުން ފެނިފައެވެ. އޭނާއަށްޓަކައި އެރިކް އެ ވަނީ ތާނަ އަކުރުން ލިޔަން ދަސްކޮށްފައެވެ. ދެތިން މިނެޓު އެގަނޑު ކޮޅަށް ބަލަހައްޓައިގެން މިންހާއަށް އިނދެވުނެވެ. ލޯތްބާއެކު ގަނޑު ކޮޅު ނައްޓާލުމަށްފަހު، އައިސަލަމާރި ދޮރުފަތުގައި ތަތްކޮށްލިއެވެ.
މިންހާ އެކޭ އެއްފަދައިން އެރިކްއަށް ވެސް މިންހާއާ ދުރުގައި ހުރުމުގެ ހުސްކަން އިހުސާސް ވަމުން ދިޔައެވެ. އޭނާގެ މޫނު މަތިން ވެސް އެކަން ހާމަ ވަމުން ދިޔައެވެ. ކައިވެނިކޮށްގެން އުޅޭ ބައެއް ކުޅުންތެރިންގެ ހަމްދަރުދީ އެރިކްއަށް ލިބުނެވެ. އާއިލާއާ ދުރަށް ދިއުމުން އެކުވެރޭ އިހުސާސް ހިއްސާކުރިއެވެ.
މެޗުގައި އެރިކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ޑިފަންޑަރަކަށްވެ ހުރެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭނާއަށް ހައްގުވަނީ ކީއްވެގެންކަން މި މެޗުގައި ވެސް ސާބިތު ކޮށްދިނެވެ. ނުރައްކާތެރި ހަމަލާތަކެއް ދިފާޢުކޮށް، އޭނާ ވަނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.
ލަންޑަންގައި ހޭދަވި ފުރަތަމަ ތިން މަސް ދުވަހު، މިންހާ ގޮވައިގެން ޔޫރަޕުގެ ތަފާތު މަންޒިލްތަކަށް އެރިކް ދަތުރުކުރިއެވެ. ގްރީސް، ކޮރޯއޭޝިއާ، ސާބިއާ ފަދަ ޤައުމު ތަކަށެވެ. ދެތިން ދުވަހުގެ ކުރު ދަތުރުތަކުގައި އުފާވެރި އަދި މަޖާ ވަގުތުތައް ދެމަފިރިން އެކީގައި ހޭދަކުރިއެވެ. މިންހާގެ މޫނު މަތީގައި އަބަދުވެސް އުފާވެރިކަން ބެހެއްޓޭތޯ ގަދަ އަޅައި އެރިކް މަސައްކަތް ކުރަމުން ދިޔައެވެ. ރަށުން ބޭރަށް ކުޅެން ގޮސްފައި، އެނބުރި އައިސް ގެއްލުނު ވަގުތުގެ ބަދަލު އެރިކް ވަރަށް ފުރިހަމައަށް އަދާކޮށްދެއެވެ.
ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި އާސެނަލް ޖެހުނީ ސްޕެއިންގެ އެއް ބާރު ކަމަށްވާ ބާސެލޯނާއާ ދެކޮޅަށް ކުޅޭށެވެ. ލަންޑަންގައި ކުޅުނު މެޗުން އެކެއް ސުމަކުން ކުރި ހޯދާފައި ވަނީ ބާސެލޯނާއެވެ. ކޭމްޕް ނޫ ދަނޑުގައި ކުޅެވޭ މެޗައް އާސެނަލް ވަރުގަދައަށް ތައްޔާރުވުން ތައް ކުރިއަށް ގެންދިޔައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވެފައި ވުމާއެކު، މި މެޗުން މޮޅުވާން އާސެނަލްއަށް ވަނީ މަޖުބޫރުވެފައެވެ.
އަހަރުވާން ގާތްވެފައި ހުރި މިލީއަށް ކަންކަން ކުރިއަށް ވުރެ ބޮޑަށް ވަނީ އިނގެން ފަށާފައެވެ. ކެމެރާތަކަށް ފޮރުވައިގެން މިލީ ގެންގުޅުމަށް ފަހު، އަލަަށް މިލީ ގޮވައިގެން ދަނޑަށް ދާން މިއާ ތައްޔާރުވަމުން ދިޔައެވެ. އެރޭގެ މެޗަކީ އިޝަލްއަށް ކިހާ މުހިންމު މެޗެއްކަން މިއާއަށް އެނގެއެވެ.
ވަރުގަދަ ވާދަވެރި މެޗަކަށްފަހު ފަހު ވަގުތު އާސެނަލްގެ ފޯވާރޑު ކާމިޔާބުކޮށް ދިން ލަނޑާއެކު މުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކުރިއެވެ. ބާސެލޯނާގެ ދަނޑުގައި، އާސެނަލް ސަޕޯޓަރުންގެ އަޑު ގުގުމައިގެން ދިޔައެވެ. ރެފްރީ ކަށިގަނޑު ފުމުމާއެކު ހުރިހާ ކުޅުންތެރިން ވެގެން ގޮސް ލަނޑު ޖެހި ކުޅުންތެރިޔާ ގަޔަށް އަރައިގަތެވެ. ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އާސެނަލިން ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރީއެވެ.
ޕްރެކްޓިސް ނިންމާފައި އެރިކް ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި މިންހާ އިނެވެ. މިއާ އާއި އިޝަލް ‘ޑޭޓް ނައިޓް’އަކަށް ދާތީވެ، މިލީ ވެެސް އިނީ މިންހާ ގާތުގައެވެ. އެރިކް ލަސްވާހެން ހީވާތިވެ، އިރުއިރު ކޮޅާ ގަޑިއަށް މިންހާ ބަލައިލައެވެ. އެންމެ ފަހުން އެރިކް ނައިކަމަށް، އޭނާއަށް ގުޅަން ފޯނު ނެގިތަނުން އެރިކް ކާރު މަޑުކުރި އަޑުއިވުނެވެ. އެރިކްއަށް އެތެރެއަށް ވަދެވުމުގެ ކުރިން މިއާ ނަގައި މިންހާ އުރާލިއެވެ. “ވިޝް މީ ލަކް، މިލްސް”
އެރިކް ގެއަށް ވަން އިރު، މިލީ އުރައިގެން ފުރިހަމަ ހިނިތުންވުމެއްގައި މިންހާ އިނެވެ. އެރިކް ވެސް، ހީނލާފައި ގޮސް މިންހާ އަދި މިލީގެ ނިތުގައި ބޮސް ދިނެވެ. “މައި ފޭވަރިޓް ގާރލްސް” މިލީ އުރާލަމުން މިންހާ އަށް ބަލާލާފައި އެރިކް ބުންޏެވެ. ވަކި ޖަވާބެއް ނުދީ މިންހާ އެރިކްއަަށް ބަލަން އިނެވެ. މާގިނައިރު މިންހާ އެހެން އިންނަން ފެށުމުން، އެރިކް ސުވާލު ކުރިއެވެ.
އެރިކް އަތުން މިލީ އަތުލާފައި، މިލީ ލައްވާފައި ހުރި ޓީޝާޓު ކޮޅު ދައްކާލިއެވެ. ފުރަތަމަ ބަލައިގެން އެރިކްއަށް ފަހުމް ނުވުމުން، ކޮނޑު އަރުވާލިއެވެ. މިންހާ މޫނަށް ގޮތެއް ހަދައި ލުމުން އަނެއްކާވެސް ބަލައިލިއެވެ. އެރިކް މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ.
މިލީގެ ހެދުމުގައި އިނގެރޭސި ބަހުން ޖަހައިފައި ވަނީ “ބޭބީ ކަޒިން އޮން ދަ ވޭ”އެވެ. އެރިކްއަށް ލިބުނު އުފަލުގައި ގޮސް މިންހާ އުފުލާލިއެވެ. އޭނާގެ ހިތް ފުރިގެން ބަންޑުން ވާން އުޅޭހެން ހީވިއެވެ. އުފާވެރި ކަމާއި އެއްވަރަށް ޖެހިލުން ވެސް ވިއެވެ. އާއިލާއެއް ފެށުމަކީ ކިހާ ބޮޑު ޒިންމާއެއް ކަން އޭނާއަށް އެނގެއެވެ. އެވަރުގެ ބޮޑު ޒިންމާއެއް އުފުލުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރިތޯ އަމިއްލަ ހިތާއި ސުވާލު ކުރެވުނެވެ.
ފުރަތަމަ ތިންމަސް ދުވަސްވީ، މިންހާއަށް ވަރަށް އުނދަގޫ ދުވަސްތަކަކަށެވެ. ހެނދުނު އެއްގޮތަކަށް ވެސް ކާ އެއްޗެއް އަރުތެރެއިން ދާ ގޮތެއް ނުވެއެވެ. ކިތަންމެ ކުޑަކަމަކާއި ވެސް ރޮވި ނޫނީ ރުޅި ގަދަވެއެވެ. ބައެއް ރޭރޭ ދަންވަރު ނުނިދިގެން އެރިކް ވެސް ނިދިޔަ ނުދީ ބައިންދައެވެ. ނޫނީ ކޮންމެސް ވަކި ޚާއްސަ ތަނަކުން ކާއެެއްޗެއް ގެނެސްދިނުމަށް އެދެއެވެ. އެއިން އެއްވެސް އެދުމަކަށް ދެކޮޅު ހެދުމެއްް ނެތި ހުރިހާ ކަމެއް ލޯތްބާއެކު އެރިކް ކޮށްދެމުން ދިޔައެވެ. ޕްރެކްޓިހުން އައިސް ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް މިންހާ ގޮވައިގެން ދުއްވާލަން ނޫނީ އައިސްކްރީމް ބޯން ދެއެވެ.
މިންހާގެ އުނދަގޫތައް ކުޑަކޮށް ލުއިވުމާއެކު އާއިލާއަށް ކެއުމަކަށް ދަޢުވަތު ދިނެވެ. އާއިލާ އެންމެންނަށް ކެއުމެއް ތައްޔާރު ކުރުން ވެގެން ދިޔައީ މިންހާ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށެވެ. މިންހާއާ ކުދިކުދި މަސައްކަތް ޖައްސާފައި ބޮޑެތި މަސައްކަތްތައް ކުރީ އެރިކްއެވެ. ހައެއް ޖަހަން ވާއިރަށް ކާއެއްޗިހި ތައްޔާރުކޮށް ނިންމާއި ދެ މަފިރިން ވެސް ތައްޔާރު ވިއެވެ.
ގޭތެރެއިން ފެންނަމުން ދިޔައީ އުފާވެރި މާހައުލެކެވެ. ކައިގެން އެންމެން ސިޓިން ރޫމް ތިބި ވަގުތު މިންހާ އާއި އެރިކް އެދެމީހުންގެ އުފާވެރި ޚަބަރު އެންމެންނާ ހިއްސާ ކުރިއެވެ.
“ހަމަ އަސްލަށް ވެސްތަ؟” އެންމެ ފުރަތަމަ ވެސް ގޮނޑިން ތެދުވެފައި މިންހާ ގާތަށް ދިޔައީ ޒާޔާއެވެ. އެކުވެރިޔާއަށްޓަކައި އޭނާ ހުރީ ނުހަނު އުފަލުންކަން އެ މޫނު މަތިން އެނގެއެވެ. ޒާޔާއަށް ޔަގީންކޮށް ދިނުމުގެ ގޮތުން މިންހާ ބޯޖަހާލިއެވެ. ދެންވެސް ނިކަން ހެވިފައި ހުރެ ޒާޔާ ބަލާލީ އަހާން އަށެވެ. “އައި އޭމް ޕްރެގްނަންޓް ޓޫ! މިރޭ އެންމެން ގާތު ބުނަން ވެގެން މިއައީ ވެސް” މުޅި އާއިލާއަށް ވެސް އުފާވެރިކަން އިތުރުވިއެވެ. އަހާން އާއި ޒާޔާއަށް ވެސް ތަހުނިޔާއާ މުބާރަކްބާދީ އޮހުނެވެ.
ޒާޔާ އާއި މިންހާ ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ އެކީގައެވެ. ހަތަރުވަނަ މަހަށް އެޅިފަހުން، މިންހާއަށް ދިމާވަމުން ދިޔަ އުނދަގޫތައް ވަނީ ކުޑަ ވެފައެވެ. ޒާޔާ އާއި މިންހާ އެކީވެގެން ބޭބީ ޝޮޕިން ކުރަމުން ދިޔައެވެ.
މިފަހަރުގެ ފުޓުބޯޅަ ސީޒަން ވެސް، އާސެނަލުން ނިންމާލީ ވަރަށް ފުރިހަމަ އަށެވެ. ޕްރިމއާރ ލީގުގެ އިތުރަށް ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްގެންނެވެ. ދެމުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ އެރިކްއަށެވެ.
ލިބުނު ކާމިޔާބިތައް ފާހަގަ ކުރުމަށް އާސެނަލުން ޑިނާރ ނައިޓެއް އޮތެވެ. ކުޅުންތެރިންނާއި އެމީހުންގެ އާއިލާ ހަފުލާގައި ބައިވެރިވިއެވެ.
އެއްކޮށް ދިގުކޮށް ހުރި ގަދަ ނޫކުލައިގެ ވިދުން ހުރި ހެދުމުގައި މިންހާ ފެންނަލެއް ވަރަށް ފުރިހަމައެވެ. ގަޔަށް ދޫކޮށް ހުރުމާއެކު، ހަމަހުގެ ބަނޑު ވަނީ ފޮރުވިފައެވެ. އެރިކް ވެސް، ހުރީ ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނު ލާފައި އެތެރެއިން ހުދު ގަމީހެއް ލައިގެންނެވެ. ދެމީހުން އެކުގައި ތިބޭ އިރު ވަރަށް ގުޅެއެވެ.
ރެޑް ކާޕެޓުން ނޫސްވެރިންގެ ސުވާލުތައް އެރިކްއާ އަމާޒުވިއެވެ. އެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔަ ވަގުތު ވެސް، އެރިކް މިންހާ އަތުން ދޫކޮށް ނުލައެވެ. މިންހާ ވެސް ފުރިހަމަ ހިނިތުންވުމާއެކު، ފޫހިކަމެއް ނެތި އެރިކްގެ ޖަވާބުތައް އަޑު އަހަމުން ދިޔައެވެ. ދެތިން ނޫސްވެރިއަކު މިންހާއާ ވެސް ސުވާލު ކުރިއެވެ.
ހަފުލާ ނިމުނު އިރު ހުރީ ބާރަ ޖަހައިފައެވެ. މިންހާ ބޭނުންވީ ކުޑަކޮށް ދުއްވާލާފައި ގެއަށް ދާށެވެ. އެރިކް ވެސް ދެކޮޅު ހެދުމެއް ނެތި މިންހާ ގޮވައިގެން ދުއްވާލަން ދިޔައެވެ. ދަންވަރަށް ވުމުން މަގު ތަކުގައި މީހުން ފެދޭވަރަކަށް މަދުވެފައި އަނދިރިއެވެ. ހިތްގައިމު ވައިރޯޅި ޖެހެމުން ދާތީ ކާރުގެ ލުއްވަގަނޑު ވަނީ ތިރިކުރެވިފައެވެ. އެރިކް ކާރު ދުއްވަމުން ދިޔައީ އާދައިގެ ދުވެއްޔެގައެވެ.
ކުއްލިއަކަށް އަޑެއް ކިޔާފައި ކާރު ހުއްޓިގެން ދިޔައެވެ. ކުއްލިއަކަށް ވުމާއެކު ދެމީހުން ވެސް ސިއްސައިގެން ދިޔައެވެ. ނަސީބަކުން މަގުމަތީގައި އިތުރު އުޅަނދެއް އަދި މީހެއްވެސް ނެތުމާއެކު ނުރައްކަލެއް ނުވެއެވެ. މިންހާ ގާތު ކާރުތެރޭގައި މަޑު ކުރަން ބުނެފައި، އެރިކް ނުކުމެ ވީ ކިހިނެއްތޯ ބެލިއެވެ.
ކުދި ކުދި މޮހަރު ތަކެއްގައި އެރިކްއަށް ފައި އެޅުނެވެ. ފޯނުގެ ފްލޭޝް ތާރުގަނޑު މައްޗަށް ދިއްލާލިއިރު ސަތޭކައެއްހާ މޮހުރު މަގު މަތީގައި ހުއްޓެވެ. އެރިކްގެ ހިތަށް ނުބައި ގޮތެއް ވިއެވެ. އެއީ އޮޅުމަކުން އެތަނަށް އެޅިފައި ހުރި އެއްޗެއް ނޫނަކަން ވިސްނުނެވެ. ވަށައިގެން މުޅި ސަރަހައްދަށް ނަޒަރެއް ދިނުމަށްފަހު ހިންދިރުވާލިއެވެ. އޭނާ މާބޮޑަށް ހާސްވެއްޖެ ނަމަ އޭގެ އަސަރު މިންހާއަށް ވެސް ކުރާނެއެވެ. މޫނު މައްޗަށް ހަމަޖެހޭ ގޮތް ދައްކަމުން އެރިކް މިންހާ ގާތަށް ދާން ހިނގައިގަތެވެ. މިންހާ އެކަނި ބައިންދާފައި ނުކުމެވުނީތީވެ އަމިއްލަ ނަފުސުދެކެ ރުޅި އާދެވުނެވެ.
“މާބޮޑު ކަމެއް ނުވޭ..އެއްޗަކަށް އެރިފަ ފުރޮޅު ފަޅައިގެން ދިޔައީ…ހިނގާ ކާރު ބާއްވާފަ ބޮޑު މަގަށް ނުކުންނަން..މި ހިސާބުން ފޯނަށް ރޭންޖެއް ވެސް ނުލިބޭ…އޫބާރ އަކަށް ނޫނީ އެލެކްއަށް ގުޅައިގެން ގެއަށް ދާނީ…ދެން ފަހުން ކާރު ހަދާނީ” އެރިކް ބެލީ މިންހާ ގޮވައިގެން އަވަހަށް މީހުން ފެންނަ ހިސާބަކަށް ދެވޭތޯއެވެ. އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ނަސީބަކުން މާގިނަ ސުވާލު ކުރަން ނުހަދާ މިންހާ، އެރިކްއާ އެކު ދިޔައެވެ.
މާދުރަށް ނުހިނގި އުޅެނިކޮށް ކާރެއް އައިސް މަޑު ކުރިއެވެ. އޭރުވެސް އެރިކް މަސައްކަތް ކުރަމުން ދިޔައީ އިޝަލްއަށް ގުޅޭތޯއެވެ. ކާރު ދުއްވަން ހުރީ ޒުވާން ފުރައިގެ ފިރިހެނެކެވެ. އޭނާގެ އެކްސެންޓުން އެއީ ލަންޑަނަށް ނިސްބަތްވާ ޒުވާނެއްކަން އެނގެއެވެ. އެރިކް އެހީއަށް އެދުމުގެ ކުރިން، އެ ޒުވާނާ އަމިއްލައަށް އެހީވާން ހުށަހެޅިއެވެ. މިންހާގެ މޫނު މަތިން ފެނުނު ވަރުބަލި ކަމާއި، އެތަނުން ދާން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުން އެރިކް އިޖާބަ ދިނެވެ. ކާރަށް ފުރަތަމަ އެރީ މިންހާއެވެ. އެރިކްއަށް ކާރަށް ނޭރިގެން އުޅެނިކޮށް މީހަކު އައިސް އޭނަ ގައިގައި ހިފައި ދަމައިގަތެވެ. އެރިކްއަށް ރަނގަޅަށް ވާނުވާ ނުވިސްނި އުޅެނިކޮށް، މިންހާއާ އެކު ބާރު ސްޕީޑުގައި ކާރު ދުއްވާލިއެވެ. މިންހާ އެރިކްއަށް ގޮވި އަޑު އިވުނެވެ. ކާރާއި ދިމާއަށް ދާން އެރިކް ކުރި މަސައްކަތް ބޭކާރުވީ ތޫނި އެއްޗެއް އޭނާ ކަަރަށް ހެރުމުންނެވެ. ކަރަށް އެރި ތަދާއެކު އެރިކްގެ ބޮލަށް އެނބުރުން އަރައި ލޯމެރިގެން ދިޔައެވެ.
ނުނިމޭ
Comments (2)
Comments are closed.
When next??
Alheyyy kihineii thi hedhyy 😭😭😭
E dhe kudhin dhuru nukurahcgeyyy ,….. plzzz
Vrh dhigu inthizaarakah fahu mi stry kiyaalan mi libunee!
Eric and Minhaa vrh cute dhwww ❤️😍
Oh no! Save herr
Whn nxt????
Lots of luvv 💗💗