Skip to content
އެސްފިޔަ

ބައިވެރިޔާ – 2

Listen to this story Audio · 10:51 Powered by Esfiya Voice
0:00 10:51

މިރާން ސްކޫލު ތެރެއިން ކަންތައް ކުރިގޮތުން އަހަރެންގެ ހިތުގައި ޖެހުނީ މާބޮޑަށެވެ. އުންމީދުވެސް ނުކޮށް ހުރި ކަމެއް އެހާ ފަސޭހައިން ވުމުން ލިބިފައިހުރި އުފަލަށްވުރެ އެކަން ހަޤީޤަތަކަށް ނުވުމުން ލިބުނު ހިތާމަ މާ ބޮޑެވެ. އާއެކެވެ. އަހަރެން ކަހަލަ ކަޓު މީހަކާ މިރާންމެން ކަހަލަ މީހަކު ލޯބީގެ ގޮތުން ގުޅޭނެހެއްޔެވެ؟ އެވާނީ އެންމެން ވެގެން އަހަރެންނަށް ލަނޑުދީ ލަދު ގަންނަވާލަން ރޭވި ރޭވުމަކަށެވެ. އެންމެންގެ ތެރެއިންވެސް މިރާން އެކަހަލަ ސަމާސާއެއްގައި ބައިވެރިވެދާނެކަމަށް އަހަންނަކަށް ހީކުރެވިފައިވެސް ނުވެއެވެ. ހުރިހާ ކަމަކާމެދު ވިސްނަމުން އެހެން ދުވަސްތަކެކޭ އެއްފަދައިން އަހަރެން އާންމުކޮށް ގޮސް އިންނަ ފުއްޓަރު ފަރާތު އުނދޯލީގައި އިށީދެލާ ހަށިގަނޑު ދަމާލާ ހަމަޖެހިލީމެވެ. އޭރު އިރުއޮއްސެން ކައިރިވެފައި ވުމުން އިރުގެ އެންމެ ފަހުގެ ދޯދިތައް މުޅި އުޑު މައްޗަށް އޮރެންޖު ކުލަ ފާއްދާލާފައި ވިއެވެ. އެ ހިތްގައިމު މަންޒަރަށް ގެއްލިފައި އިންދާ ބަންގި ގޮވި އަޑުވެސް އިވުނެވެ. މާ ބޮޑު ފަރުވާލެއް ނެތި އިނީ އެކަމަށް އަހަރެން އާދަވެފައި ވާތީއެވެ. އިސާހިތަކު އިރުއޮއްސި އަނދިރިކަން ވެރިވާން ފެށިއެވެ. ލޯމަރާލަމުން ފުން ނޭވާއެއް ދޫކޮށްލެވުނީ ވެފައި ހުރި ވަރުބަލިކަމުގެ އިތުރުން ނަފްސާނީ ގޮތުންވެސް ބަލިކަށިވެފައި ވާތީއެވެ.

އެހެން އިންދާ އަހަރެންގެ ނަމުން މީހަކު ގޮވި އަޑު އިވުނެވެ. ފަހަތަށް އެނބުރި ބަލާލިއިރު މީހަކު ފެންނާކަށްނެތެވެ. ދެވަނަ ފަހަރު އަޑު އައީ އަހަރެންގެ ކަންފަތް ބުޑުންނެވެ. އެއަޑާއެކު ފިނިފިނި ގަނޑުފެން ކޮޅެއްހާ ފިނި ވައި ރޯޅިއަކުން އަހަރެންގެ އިސްތަށިގަނޑު ވިހުރާލިއެވެ. އެވަގުތު ގައިގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. މުޅި ގައިން ހީބިހި ނަގުވާލިއެވެ. ދެލޯ ބޮޑުކޮއްލަމުން ވާތް ފަރާތަށް އެނބުރި ބަލާލިއިރު އަހަރެންނާ ޖެހޭ ނުޖެހޭ ހިސާބުގައި އެހުރީ މިރާންއެވެ. މިރާން ފެނުމުން ހިތް އުފާވިއެއް ކަމަކު މިއަދު އަހަރެންނާމެދު ކަންތައް ކުރި ގޮތް ހަނދާންވުމުން އަހަރެން ނިންމީ މިރާންއާ ވާހަކަ ނުދެއްކުމަށެވެ. އިތުރަށް އަހަރެން ލަދު ގަންނަވާ ބޭޒާރު ކުރުމުގެ ފުރުސަތު ދޭން ބޭނުން ނުވީއެވެ.

”ހެއި ޕަރީ…. ކިހިނެއް ވެފަ ތީނީ؟ އަހަރެން ދެކެ ރުޅި އައިސްފަތަ؟“ މިރާންގެ އަޑުންވެސް އަހަރެންގެ ހިތް ވިރިގެން ފައިބަން އުޅޭ ކަހަލައެވެ. އެހާ ފިރިހެންވަންތަ ސާދާ އަޑަކުން އެހާ ލޯބިން މުހާތަބު ކުރުމުން ރުޅި ހަދާލާފައި ހުންނަން ކެތްވާނީ ކާކަށްހެއްޔެވެ؟ މިރާން އަހަރެންގެ އަތުގައި ހިފައި ގާތަށް ދަމާލުމުން އިންތަނުން ތެދުވެގެން ގޮސް މިރާން ގާތުގައި މަޑުކޮއްލީމެވެ. ”ކީއްވެ މިއަދު ސްކޫލްގައި ފެންނަ ކަމަށްވެސް ނުހެދީ؟ ބަލާވެސް ނުލާ….ހީވީ މިރާން އަހަންނަށް ލަނޑެއްދޭންވެގެން އަހަރެންނާ ރައްޓެހިވީހެން“ މިރާން އަހަރެންގެ މޫނަށް ލޯބިން ފުރިގެންވީ ބެލުމަކުން ބަލަން ހުރުމުން އަހަންނަށް ޝަކުވާ ކޮއްނުލާ ނުހުރެވުނެވެ.

”އަޅޭ! މަގޭ ޕަރީ އެހެންވެތަ ތުންކޮޅު ދިގުވެފަ މިހުރީ…..އަހަރެން ސްކޫލްތެރޭގައި ތަންކޮޅެއް ދުރުން އުޅޭނީ….އަހަރެން ބޭނުމެއް ނޫން ލަޔާއަށް މީހުން ޖެއްސުންކޮށް އަނިޔާކުރާކަށް…..އަހަންނާ ގުޅިގެން އުޅޭކަން އެނގެންޏާ މީހުންނަށް ހަޖަމެއް ނުވާނެ އެކަން….އެހެންވީމާ ލެޓްސް ކީޕް އިޓް އޭސް އަ ސީކްރެޓް އަދި…..އެހެންނޫނަސް ކޮންމެ ދުވަހަކު މިގަޑީގައި އަހަރެން އަންނާނަން ލަޔާ ގާތަށް“ ނުހަނު ލޯބިން އަހަރެންގެ ކޯތާފަތުގައި ފިރުމާލަމުން މިރާން އަހަންނަށް ވިސްނަދިނެވެ. މިރާންގެ ވާހަކަތައް އަހަރެން ޤަބޫލު ކުރީ ހިތުގެ އަޑިންނެވެ.

ވެލިގަނޑުމަތީގައި އިށީދެލައިގެން އެކުގައި ތިބެ ދެމީހުންވެސް ލޯބީގެ އެތަކެއް ވައުދަކާ އަހުދެއް ވީމެވެ. މިހުރިހާ ދުވަހު މީހެއްގެ އަޅާލުމާ ލޯތްބަށް ކަރުހިއްކާފައި ހުއްޓާ އަހަރެންގެ ކަރުހިއްކުން ފިލުވާލަދިނީ  އަހަރެން އެންމެ ގަޔާވާ ފަރާތެވެ.

ކޮންމެ ރެއަކުވެސް އަހަރެންނާ މިރާންގެ ބައްދަލުވުންތައް ކުރިއަށްދަނީ މީހަކަށް ހިލަމެއްވެސް ނުވާހާ ސިއްރުންނެވެ. ދުވަސްތައް ފާއިތުވަމުން ދާވަރަކަށް ލޯބީގެ އޮށް އިންދައި އޭގެން ކުރި ފަޅައި ހެދި ބޮޑުވަމުން ދިޔައީ ބުނަންވެސް ނޭގޭހާ ބާރުމިނުގައެވެ. ކޮންމެ ދުވަހެއް ބޯމަތިން ދަނީ މިރާންއަށްޓަކާ އަހަރެންގެ ހިތުގައި ލޯބި ދިރުވާ އާލާ ކުރަމުންނެވެ. ހަމަ އެފަދައިން މިރާންގެ އަޅާލުމާ ލޯބި އަހަންނަށް ލިބެއެވެ. އޭލެވެލް ނިމި ނަތީޖާ ލިބިގެންދިޔައީ ހީނުކުރާހާ ހިތިކޮށެވެ. ކިޔެވުމުގައި މުޅި ސްކޫލުން ވިދަމުން އައި ލަޔާ އޭލެވެލްގެ ނާތީޖާއިން ގިނަ މާއްދާތަކުން ފާސްވެސް ނުވާ ކަމުގައި މުޅި ރަށަށް އަޑު ފެތުރިގެން ދިޔައެވެ.

މައިންބަފައިން ކޮށްދިން ބުރަ މަސައްކަތުގެ އަގު ވަޒަން ކޮށެއް ނުދެވުނެވެ. މަންމައާއި ބައްޕަގެ ހިތް ރޮއްވާލާ ކުދިކުދި ކޮއްލެވުނީއެވެ. އެކަމަކު އަހަރެން ތަހަންމަލު ކުރި ވޭން އެއްވެސް މީހަކަށް ވިސްނޭނެ ހެއްޔެވެ؟ ލަޔާ މީހުންގެ ބުލީގެ ޝިކާރައަކަށް ވެގެން ދިޔަ ގޮތް އެއްވެސް މީހަކު މިއަދު ހަނދާން ހުންނާނެ ހެއްޔެވެ؟ ދިރިއުޅުން ހަލާކުވެ ކިޔެވުމުން ފެއިލް ވުމުން އެންމެނަށްވެސް އެކަން ފެންނާނެއެވެ. މަންމަގެ ނުރުހުމުގެ ބަސްތަށްވީ ކެތް ނުކުރެވޭހާ ދިލަ ތޫނު ހަންޖަރު ތަކަކަށެވެ. ބައްޕަގެ ހިތްހަމަ ނުޖެހުމުން އަހަރެންގެ ހިތް ރޮއްވާލިއެވެ. ކޮއްކޮ ލީވާން ވެސް ބުނެލީ ނަމޫނާ ދައްތައަކަށް ނުވެވުނެއްނޫންހެއްޔެވެ. އެންމެންގެ ނަފްރަތުން އަހަރެންގެ ހިތަށް ކެތްނުވާހާ އަސަރު ކުރިއެވެ. އެއްވެސް މީހަކު އަހަރެންގެ ކޮޅަށް ނެތަސް މިރާން ހުންނާނެކަން އަހަންނަށް އެނގެއެވެ. އެއީ އަހަރެންގެ ހިތްވަރާއި ކާމިޔާބީއެވެ.

އޭލެވެލް އިން ރަނގަޅު ނަތީޖާއެއް ނުލިބުނަސް މިހާރު އަހަރެން މިދަނީ އޮންލައިންކޮށް އެކައުންޓިންގެ ކޯހެއް ހަދަމުންނެވެ. އޭލެވެލް ނިންމައި ކޯސްހަދަންފެށިތާވެސް 2 އަހަރެވެ. 3 އަހަރުގެ ކޯހަކަށް ވުމުން އަދި ބާކީ އެއް އަހަރު އެބައޮތެވެ. ކުރިއާ ޙިލާފަށް މަންމައާއި ބައްޕަ އަހަރެންގެ ފަރާތުން އެއްވެސް އުންމީދެއް ނުކުރެއެވެ. ކޯހުން ކިތަންމެ ރަނގަޅު ނަތީޖާއެއް ހޯދި ކަމުގައި ވީނަމަވެސް އޭލެވެލް އިން ރަނގަޅު ނަތީޖާއެއް ނުލިބި ޑޮކްޓަރުކަން ކިޔެވުމަށް އެމީހުން އަހަންނަށްޓަކައި ދެކެމުން އައި ހުވަފެންތައް ވިއްސިވިހާލިވުމުން ދެން އިތުރަށް އަހަންނާ ދޭތެރޭ ބޭއްވޭނީ ކޮން ޔަޤީން ކަމެއް ހެއްޔެވެ؟ ވޭތުވި 2 އަހަރު ތެރޭގައި ކުރިއަށްވުރެ ބަސްމަދުވެ މީހުންގެ ތެރެއަށް ނުކުމެ އުޅުން އަހަރެން މަދު ކުރީމެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. މީހުންގެ މަލާމާތާއި ފާޑު ކިޔުން ރައްދުވާތީއެވެ. އެހެންމީހުން ބުނާގޮތުގައި އަހަންނަކީ ވަރަށް ވިޔާނުދާ މީހެކެވެ. މައިންބަފައިން ކޮއްދިން ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރީއެވެ.

މީހުންގެ ވާހަކަތަކުން ހިތްވަރު އެލުނަސް އަހަރެންގެ ގާތުގައި އަބަދުވެސް މިރާން ހުރެއެވެ. ކުރިން ހަމައެކަނި ބައްދަލު ކުރަނީ އަތިރިމަތިންނެވެ. މިހާރު ރޭގަނޑު އެންމެން ނިދާ ދަންވުމުން މިރާން އަހަރެން ގާތަށް އަހަރެންގެ ކޮޓަރިއަށްވެސް އައިސް އޮވެއެވެ. ވޭތުވި ދުވަސްތަކުގައި ދެލޯބިވެރިން ދެމެދުގައި ފަހަނައަޅައިދާން ނުޖެހޭ އެތައް އިމެއް ވަނީ ފަހަނާޅައި ދެވިފައެވެ. އެކަންކަން އަހަންނަށް މާބޮޑު ކަމަކަށް ނުވެއެވެ. ކޮންމެ ޙާލެއްގައިވެސް މިރާން އަހަރެން ދޫކޮށްފައި ނުދާނޭކަން އަހަންނަށް ކަށަވަރު ކޮށްދިނެވެ. މިރާން ދިޔައީ ރަށު ކައުސިލުގައި ވަޒީފާ އަދާކުރަމުންނެވެ. އެހެންކަމުން ހުރިހާ ކަމެއްވެސް ފުރިހަމައަށް ދާނެ ކަން އަހަރެން ޔަޤީން ކުރީމެވެ.

މިރާން އަހަރެން ގާތަށް އައިސް އޮތް ރެއެކެވެ. އެނދުގެ ފަޑީގައި ލެގިލައިގެން އަހަރެން އިން އިރު މިރާންއޮތީ އަހަރެންގެ އުނގުގައި ބޯ އަޅާލައިގެނެވެ. ”މިރާން ކީއްވެތަ އަހަރެންދެކެ އެހާ ލޯބިވަނީ؟ އެންމެން އަހަރެން ދެކެ ލައިކް ނުވާއިރުވެސް މިރާން ހުރޭ އަބަދުވެސް….ކީއްވެ؟“ އެއީ އަބަދުވެސް އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކަށްވުމުން އަހަރެން މިރާން ގާތު އަހާލާ ހިތްވީއެވެ.

”ތީ އަހަރެންގެ ޕަރީ…..ޔޫވިލް އޯލްވޭޒް ބީ މައި ޕަރީ….. އަހަރުމެންނަކީ ލޯބިވާއިރު ހަޤީޤީ ލޯބިވާ ބައެއް…..އަހަރުމެންނާއެކު ރީތިކޮށް ލޯބިން އުޅެންޏާ ވަރަށް އުފަލުގައި އަބަދުވެސް ގެންގުޅޭނަން…..އެންމެ ފުރަތަމަ ދުވަހުވެސް އަތިރިމަތިން ލަޔާ ފެނުނު ދުވަހު ތި ރީތިކަމަށް އަހަރެން ފިދާވީ“ ހިނިތުން ވެލަމުން މިރާން އަހަރެންގެ ކޮލުގައި ފިރުމާލިއެވެ.

”އަހަރުމެންނޭ ތިބުނީ؟ އެންޑް މިރާންއަށް އަހަރެން ފެނުނީ ސްކޫލްއިންނެއްނު އަތިރިމަތިން އެއްނޫން“ އަހަރެން ހީކުރީ މިރާން ހަނދާން ނެތުނީ ކަމަށެވެ.

”ހެހެހެހެ….. އަހަރުމެންނޭ މިބުނީ އަހަރެންގެ އާއިލާ މީހުން….އެންމެންވެސް ވަރަށް ލޯޔަލް ވާނޭ….ދެން އަހަރުމެންގެ ލޯބީގެ ފެށުންވީ އަތިރިމަތިން އެއްނު ދޯ…..އެވާހަކައޭ މިބުނީ“ މިރާން ތަފްސީލްކޮށްދިނެވެ.

”ލަޔާ؟ ކާކާ މިހާ ދަންގަޑިއެއްގައި ތި ވާހަކަ ދައްކަނީ؟“ ކޮޓަރީގެ ދޮރުގައި މަންމަ ޓަކިދޭންފެށީ އެވަގުތުއެވެ. ކުއްލިއަކަށް މިރާން ފުންމައިގެން ތެދުވުމުން އަހަރެން ދިޔައީ މަންމަ ހުއްޓާނުލާ ދޮރުގައި ތަޅަން ފެށުމުން ދޮރު ހުޅުވާށެވެ.

”މާދަމާ ޓެސްޓެއް އޮތީމަ ފިލާވަޅު ދަސްކުރަނީ މަންމާ“ އަހަރެން އަވަހާ ދޮގެއް ހަދާލީމެވެ.

”ލަސް ނުކޮށް އަވަހާ ނިދާތި….މިހާރު އެޔޮއް 2 ޖަހަނީ….މަންމަ ފެންފުޅިއެއް ބަލާ ނުކުމެފަ ލަޔާ ވާހަކަ ދައްކާއަޑު އިވޭހެން ހީވެގެން މިއައީ ބަލާލަން“ އަވަހާ ނިދަން ބުނެފައި މަންމަ އެނބުރި ދިޔުމުން އަހަރެން އަވަހާ ދޮރު ލައްޕާ ތަޅުލީއެވެ. މިރާން ކޮބާތޯ ބެލިއިރު މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ފާހަނައާއި އަލަމާރިތެރެވެސް ބެލިއިރު ފެންނާކަށް  ނެތެވެ. ކުޑަދޮރުން ފުންމާލައިގެން ދިޔައީ ކަމުގައި އަހަންނަށް ހީކުރެވުނެވެ. ނަމަވެސް ކުޑަދޮރު ހުރީ އެތެރެއިން ތަންޑުއަޅާފައެވެ. މިރާން ބޭރަށް ދިޔައީ ކިހިނެއްބާއޭ އަހަރެން ވިސްނާ ވިސްނާވެސް ބޮލަކަށް ނައެވެ. އަހަރެންގެ ހިތް ނުބައި ގޮތަކަށް ތެޅިލީ ހިތަށް ވެރިވި ހިޔާލަކުންނެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެއީ ހަމަ މިރާން އެވެ.

އެ ރޭ ދެން އަހަންނަށް ނިދޭ ގޮތެއް ނުވިއެވެ. ހިތަށް ވެރިވި ބިރުވެރިކަމަކުންނެވެ. ފޯނުން ޤުރުއާން ޖަހަން ހިތަށްއެރީ ކީއްވެކަމެއް ނޭގެއެވެ. މީގެން ދުވަހަކު ޤުރުއާން އަކުރެއް ކިޔެވި ހަނދާނެއް އަހަރެންގެ ނެތެވެ. ނަމާދު ކުރަނީ މަންމަ ކިޔާ އާދޭސް ކޮއްގެން އެވެސް މަދު ފަހަރަކުއެވެ. ދީނީ ކަންކަމާ އަހަންނަށް ދުރުވެވިފައިވަނީ ވަރަށް ބޮޑަށެވެ. އަހަރެންގެ ފަރުވާކުޑަ ކަމާއި ކަންނެތްކަމުންނެވެ. މިރޭ ޤުރުއާނުގެ މަތިން ހަނދާންވީ ހިތަށް ބިރުވެރިކަން ވަނީމައެވެ.

ރަޖާގަނޑު އަޅައިގެން ބާލީހުގައި ބައްދާލައިގެން  ދެލޯމަރައިގެން އޮތީ ބިރުން ތުރުތުރު އަޅާ ހާލުގައެވެ. މިރޭ މިދިމާވި ހާދިސާއަކީ އަހަރެންގެ ހިތަށް ބިރުވެރިކަން ވަތް އާދަޔާ ޙިލާފު ހާދިސާއެކެވެ. އެތައް އިރަކު ފުރޮޅި ފުރޮޅި އޮވެފައި އަހަންނަށް ނިދުނީ ފަތިސް ނަމާދަށް ބަންގި ގޮވަނިކޮށެވެ. ނަމާދުކުރަން ހިތަށް އެރިއަސް ހިތް ބިރުގަނެފައި ހުރުމުން އެނދުން ފައިބަންވެސް ހިތްވަރެއް ނުލިބުނެވެ.

ހެނދުނު 10 ޖަހާބޮޑުވިފަހުން މަންމަ އައިސް ގޮވީ އަހަރެން  ސައިބޯން ނުތެދުވުމުންނެވެ.

”ޔާރައްބީ މިފަކީރު މިއޮތީ ހުމާ ފިހިފހި“ ދެބަ ދޭތެރެއިން ދެން އިވުނީ މަންމަ ހާސްވެގެން ތެޅިގަތްއަޑެވެ. އިރުކޮޅެއްފަހުން އަހަރެންގެ ވަށާ ބަޔަކު ހަރަކާތްތެރިވާކަމުގެ އިހްސާސްއެއް ވިއެވެ. މަންމައާއި ކޮއްކޮގެ އަޑެވެ. ހުން މަޑުވޭތޯ އަހަރެން ގައިގަ ފެންފޮތިލައި ހަދަނީއެވެ. މަންމަ އަހަންނަށް ގޮވާ ނަގާ ކުރުބާ ފެންފޮދު ޖައްސާ ހެދިއެވެ. މެންދުރުވީއިރުވެސް ހުން މަޑު ނުވުމުން އަހަރެން ރަށު ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. އެހާއިރު ބައްޕަވެސް ރަށަށް އަތުވެއްޖެއެވެ. ކައިރީގައި މަންމައާއި ކޮއްކޮ ތިއްބެވެ. ލޯހުޅުވުނު ވަގުތު ހޮސްޕިޓަލް ވޯޑުގެ ފާރުކައިރީ މިރާން ހުއްޓިލައިގެން ހުއްޓާ ފެނުނެވެ. ގައިގެ ނެތް ހިތްވަރު ލާފައި މިރާންއާ ދިމާއަށް އަހަންރެން އަތް އުފުލާލީމެވެ.

”ދޮންތި އެތާ ކޯޗެއް ހުރީ؟ އެއްޗެއް ބޭނުންވީތަ؟“ އަހަންނާ މުހާތަބުކޮށް ކޮއްކޮ ވާހަކަދެއްކީ އަހަރެން އެއްޗެއް ބޭނުންވެގެން އުޅޭ ކަމަށެވެ. ދެވަނަ ފަހަރު އެދިމާއަށް ބަލާލިއިރު މިރާން ފެންނާކަށް ނެތެވެ. އަހަރެންގެ ގާތަށް ނައިސް މިރާން ދިޔައީ ހެއްޔެވެ؟

Comments (2)

  1. Twilight

    I read this in Tiktok by someone else. Storyline V similar

    1. Vaahaka_by_Az
      Twilight

      Ohh!! I didn’t know that there is something similar to this story line. I hope the whole concept is not same. Anyways usually horror stories are usually the same right? Its either a jinn or some blackmagic always. Thank you for commenting. Hope you will like the whole story💗

Comments are closed.