
ހުވަފެނެއްބާ؟ – ޕާޓް 2 – ޓްރޭލާރ

ހުވަފެނެއްބާ؟ – ޕާޓް 2
ހުވަފެނެއްބާ؟ މިއީ މީގެ ދިހަ އަހަރު ކުރިން އަޅުގަނޑު މި ސައިޓަށް ލިޔެފައިވާ 10 އެޕިސޯޑުގެ ހިޔާލީ ވާހަކައެކެވެ. އެ ވާހަކައިގައި އަޅުގަނޑު ގެނެސްދީފައި ވާނީ އިންސާނަކާއި ޖިންނިއެއްގެ ލޯބީގެ ގުޅުމުގެ ވާހަކައެވެ. އިންޝާ ﷲ ވަރަށް އަވަހަށް އެވާހަކައިގެ ޕާޓް 2 އެސްފިޔަ ސައިޓުގައި އަޕްލޯޑު ކުރަން ފަށާނަމެވެ. ހުރިހާ ކިޔުންތެރިންވެސް ހުވަފެއްބާ ޕާޓް 2 ކިޔާލާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ. ޝައުގުވެރި ކަމާއެކުގައި އަޅުގަނޑުގެ ވާހަކަތައް ކިޔާލާ ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…
– ތިރީގައި މިގެނެސްދެނީ ކުރިން އަޕްލޯޑުކުރި ހުވަފެނެއްބާ ވާހަކައިގެ ދިހަ އެޕިސޯޑުގެ ކުރު ތަފްސީލެކެވެ.
ނަވާރަ އަހަރުގެ ހަނާ ދިރިއުޅެމުން ދިޔައީ އޭނާގެ މަންމަ އާބިދާއާއި އެކުގައި ވަރަށް އާދައިގެ ނަމަވެސް އުފާވެރި ދިރިއުޅުމެކެވެ. ހަނާގެ އުމުރުން 2 އަހަރުގައި އޭނާގެ ބައްޕަ ޒަރީރު ނިޔާވެފައި ވާތީ ހަނާ ބަލައި ބޮޑުކުރީ އާބިދާގެ އެކަނި ބުރަ މަސައްކަތުންނެވެ. ގޭގެއަށް ގޮސް އެކި އެކި މަސައްކަތް ކޮށްދީ އަދި ފަންގި ވިދެގެން އޭނާ ހޯދި ފައިސާއިން ހަނާއަށް ކިޔަވާދީ، ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރިއެވެ. ހަނާ ބޮޑުވެ ފުރާވަރަށް އެޅުމުން އެހެން މައިންނެކޭވެސް އެއްފަދައިން އާބިދާވެސް ހަނާއަށްޓަކައި ފޮނި ހުވަފެންތައް ދެކެންފެށިއެވެ. އާބިދާގެ އެންމެބިޑު އުންމީދަކަށްވީ ހަނާ ހެޔޮލަފާ ރަނގަޅު މީހަކާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅުމެވެ.
ހަނާގެ އެންމެ ގާތް އެކިވެރިޔާ ކަމުގައިވާ ރީމާ ކިޔަވަން މާލެ ބަދަލުވުމާއި ގުޅިގެން ހަނާ ރަށުގައިހުރެ ފޫހިވާންފެށިއެވެ. އެހިސާބުން ހަނާ ކުދިންނަށް ޓިއުޝަން ދީގެން ލާރި ހޯދަން ފެށިއެވެ. ނިޔާވެފައިވާ ހަނާގެ ބައްޕަ ޒަރީރުގެ ދެބެންގެ ދެދަރި މީހެއް ކަމުގައިވާ ހަސަނާއި އޭނާގެ އަނބިމީހާ ސޯބިރާއަކީ އަބަދުވެސް އާބިދާއާއި ހަނާއަށް ވަރަށް އެހީތެރިވާ ދެމަފިރިންނެވެ. އެދެމަފިރިންގެ ތިން ފިރިހެން ދަރިންގެ ތެރެއިން އެންމެ ހަގަށް ހުންނަ އިރުޝާދަކީ 19 އަހަރުގެ ޒިންމާދާރު ޒުވާނެކެވެ. އިސްކޮޅުން ދިގު ބުރުސޫރަ ރީތި ފިރިހެނެކެވެ. އިރުޝާދު އަބަދުވެސް ހިތުގެއަޑިން ހަނާދެކެ ލޯބިވެއެވެ. ނަމަވެސް އެނާ އެކަން ހާމަ ކޮށްފިނަމަ އެކަމަށް ހަނާގެ ފަރާތުން ލިބޭނެ ޖަވާބެއް ނޭނގޭތީ އިރުޝާދު ވަރަށް ޖެހިލުންވެއެވެ.
ދުވަސްތައް މަޑުމަޑުން ފާއިތު ވަމުންގޮސް ކުއްލިއަކަށް ހަނާގެ ދިރިއުޅުމަށް އަންނަންފެށީ ހުދު ހަނާއަށްވެސް ބުނެދޭން ނޭނގޭފަދަ ބަދަލު ތަކެކެވެ. މީގެކުރިން ދުވަހަކުވެސް ހަނާ ދެކެފައި ނުވާފަދަ ރީތި ފިރިހެނެއް އޭނާއަށް ހުވަފެނުގައި ފެންނަން ފެށިއެވެ. ހުވަފެނުގައި ފެންނަ އެރީތި ޒުވާނާގެ ނަމަކީ ޒިލާލްއެވެ. ޒިލާލްއަކީ އިސްކޮޅުންދިގު ރޫފަ ހެޔޮ ޒުވާނެކެވެ. ހަންގަނޑުގެ ކުލަ ކަޅުވެފައި ވަރަށްވެސް ފުރިހަމަ ސިފައެއް ލިބިގެންވާ މީހެކެވެ.. ޒިލާލްގެ ރީތި ސިފަޔާއި އޭނާގެ ލޯބި ބަސްތަކާއި ހަރަކާތްތަކުން ހަނާ މަޑުމަޑުން ޒިލާލްގެ ލޯބީގައި ޖެހެމުން ދިޔައެވެ. ނަމަވެސް ހަނާއަށް ޒިލާލް ފެންނަމުން ދިޔައީ ހަމައެކަނި އޭނާގެ ހުވަފެނުގައެވެ. އެ ހުވަފެންތައް ތަކުރާރު ވަމުންގޮސް އެދެމީހުންގެ ވަރުގަދަ ލޯބީގެ ގުޅުމެއްފެށި ވަކި ނުވެވޭ ހިސާބަށް ދިޔައެވެ. ނަމަވެސް އެހުރިހާ ކަމެއް ވަމުން ދިޔައީ ހަމައެކަނި ހަނާ ނިދާފައިވާ ވަގުތު ތަކުގައި އޭނާއަށް ފެންނަ ހުވަފެނުގައެވެ.
ހަނާއަކީ އަބަދުވެސް އިރުއޮއްސޭ ވަގުތުގައި ފެންވަރަން އާދަވެފައިވާ ކުއްޖެއްކަމުން ކޮންމެ ދުވަހަކުވެސް ހަމަ އެގަޑީގައި ހަނާ ފެންވަރަން ވަދެއެވެ. ނަމަވެސް އެކަމަކީ އާބިދާ އަބަދުވެސް ވަރަށް ނުރުހޭ ކަމެކެވެ. ހަނާ އެގަޑީގައި ފެންވަރަން ހުންނަ އިރުވެސް ކައިރީގައި މީހަކު އުޅޭކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށިއެވެ. ނަމަވެސް ދުވަހަކުވެސް އެމީހަކު ހަމަ ލޮލަކަށް ނުފެނެއެވެ.
އެކި ދުވަސްމަތިން އެކަން އެގޮތަށް ތަކުރާރު ވަމުންގޮސް ދެން ހަނާއަށް ދިމާވީ ވަރަށްވެސް އާދަޔާ ހިލާފު އަދި އެހާމެ ބިރުވެރި ކަމެކެވެ. އެއްރެއަކު ހަނާ ފެންވަރަން ހުއްޓައި ކުއްލިއަކަށް އޭނާގެ ބަނޑަށްއެރި ވަރުގަދަ ތަދަކާއިއެކު ބަލަ ބަލާ ހުއްޓާ ބަނޑު ފުއްޕަން ފެށިއެވެ. އެވަގުތު ބަނޑުތެރޭގައި އެއްޗެއް އުޅޭކަމުގެ އިހުސާސްވެސް ކުރެވުނެވެ. ވަމުންދާ ކަންތަކާމެދު ހައިރާންވެ އިންތިހާއަށް ބިރުގަނެފައި ހުއްޓައި ހަނާ ފާހާނާގެ ތެރެއަށް ވެއްޓުނެވެ. އަދި ކުޑަކުޑަ އެހާމެ ލޯބި ފިރިހެން ކުއްޖެއް ހަނާ ވިހެއެވެ. އޭރު މުޅި ފާހާނާތެރެ ވަނީ ލެއިން ތަތްތެޅިފައެވެ. އޭރު ހަނާވިހޭ ތުއްތުކުއްޖާ ހެވިފައި ހަނާއަށް ބަލަން އޮތެވެ. އެކުއްޖާގެ ހަންގަނޑުގެ ކުލަ ކަޅުވެފައި އޭނާގެ ސިފަ ވަރަށް ރީއްޗެވެ. އެ ތުއްތުކުއްޖާގެ ސިފަ ވައްތަރީ ހަނާއަށް ހުވަފެނުގައި ފެންނަ ޒިލާލްއާއެވެ. އޭރު ހަނާއަށް ވެފައިވާ ތަދުގެ ބޮޑުކަމުން އޭނާ ހޭނެތި ފާހާނާގެ ތަޅުންގަނޑު މައްޗަށް ދެމުނެވެ. އޭގެ ކުޑަވަގުތު ކޮޅެއްފަހުން ހަނާއަށް ހޭވެރިކަންވެ ދެލޯ ހުޅުވާލިއިރު ފާހާނާ ތެރެއިން ކުރިން ފެނުނު ލޭތަކެއް އަދި އޭނާ ވިހޭ ތުއްތު ކުއްޖާއެއްވެސް ނެތެވެ. ހަނާ ހައިރާންވެ ދެލޯ ބޮޑުވިއެވެ. އެއީ ހަނާއަށް ހީވިގޮތެއް ބާއެވެ؟. އެހުރިހާ ކަމަކީ ހަނާއަށް ކުރެވުނު ހިޔާލެއްބާއެވެ؟. އެފަދަ ސުވާލު ތަކެއްގެ ތެރޭގައިހުރެ ހަނާ ފާރުގައި ހިފަހައްޓަމުން ވަރަށް ހާލުން ކޮޅަށް ތެދުވިއެވެ. އެވަގުތު ހަނާއަށް އިހުސާސް ކުރެވެމުން ދިޔައީ ހަމަ ދެންމެ ދެންމެ ދަރިއަކު ވިހައިގެން ތެދުވި މީހެއް ފަދައިންނެވެ. އޭރު ހަނާގެ ހަށިގަނޑުގެ އެތަން މިތަނުގައި އިންތިހާއަށް ވޭން އަޅަމުން ދިޔައެވެ.
އެދުވަހުގެ ފަހުން ހަނާއަށް ހުވަފެނުގައި ފެންނަން ފެށީ ޒިލާލް އެ ކުޑަކުއްޖާ ގޮވައިގެން ހަނާ ކައިރިއަށް އަންނަ ތަނެވެ. އެދެމީހުން އެކުއްޖާއަށް ދިން ނަމަކީ ލޫޝިޔާންު އެވެ. ކޮންމެ ރެއަކު ހުވަފެނުގައި އެކުޑަކުއްޖާ ހުންނަނީ އިތުރަށް ބޮޑުވެފައެވެ. ޒިލާލް ބުނިގޮތުގައި އެއީ ޒިލާލްއާއި ހަނާގެ ދަރިއެކެވެ. ނަމަވެސް ލޫޝިޔާނަށް ބޮޑަށް ލިބިގެން ވަނީ ޖިންނީންގެ ބާރުތަކެވެ. ޒިލާލް ބުނި ގޮތުގައި ޒިލާލްއާއި ލޫޝިޔާން އަކަށްވެސް ހަނާއަށް ހަމަލޮލަށް ފެނުމުގެ ބާރު ލިބިގެނެއް ނުވެއެވެ. އަދި އެ ދެމީހުންނަކީވެސް ޖިންނީންގެ އެންމެ ބާރުގަދަ އެއް ނަސްލު ކަމުގައިވާ އިފްރީތުންގެ ތެރެއިންވާ ބަޔެއެކެވެ.
ހަނާގެ ހުވަފެނީ ދުނިޔޭގައި ޒިލާލްއާއި ލޫޝިޔާން އާއިއެކު އޭނާ އުޅެމުން ދިޔައީ ވަރަށް ލޯބި ދިރިއުޅުމެކެވެ. ނަމަވެސް ނިދިން ހޭލެވުމާއިއެކު އެ ހުރިހާކަމެއް ބިލާހަކަށް ވެދެއެވެ.
އެއްދުވަހަކު ހަނާގެ ހަށިގަނޑުގެ ތެރެއަށް ޒިލާލްވަދެ ޖިންނި މޮޔަވެގެން މީހަކު ތެޅޭ ފަދައިން ހަނާ ބިންމައްޗަށް ވެއްޓި ތެޅެންފެށިއެވެ. އެކަންވީ އިރުޝާދުއާއި އޭނާގެ ބައްޕަ ހަސަންވެސް އެގޭގައި ތިބި ވަގުތެއްގައެވެ. އެމީހުން ވަގުތުންގޮސް އެރަށުގައި އުޅޭ ފަންޑިތަ ވެރިއެއް ކަމަށްވާ އާދަމްފުޅު ގެނައެވެ. އާދަމްފުޅު އައިސް ފެންކިޔަވައި ހަނާގެ މޫނަށް ޖެހުމުން ހަނާ މައިތިރިވެ ހަމައަކަށް އެޅުނެވެ.
އޭގެ އަނެއްރޭ އާދަމްފުޅު ދަމުނަމާދުން ފައިބައިގެން ގެއަށްދިޔަ މަގުމަތީގައި އޭނާއަށް ނުހަނު ބިރުވެރި ކަންތައް ގަނޑަކާއި ކުރިމަތިވިއެވެ. މުޅި ހިސާބުގަނޑުން ފަރުހަކި ވަސް ދުވަންފެށިއެވެ. އެވަގުތު ކުއްލިއަކަށް އާދަމްފުޅުގެ ކުރިމަތިން ފާޅުވީ މާސިންގާ ބިޔަ އެއްޗެކެވެ. ބިރުވެރި ސިފައެއްގައި ހުރި އޭތި އޭނާއާއި ދިމާކޮށްލިއެވެ. އާދަމްފުޅު ބިރުން ދުވެފައިގޮސް ގެއަށް ވަތްއިރު މީހާހުރީ ބިރުން ހަލާކުވާވަރު ވެފައެވެ. އަނެއްދުވަހު ހެނދުނު އާދަމްފުޅު ހޭނުލައިގެން އެގޭ މީހުންގޮސް ބެލިއިރު އާދަމްފުޅު އޮތީ އެނދުމަތީގައި މަރުވެފައެވެ. އޭރު އޭނާގެމޫނު އެއްކޮށް ހުދުވެ މުޅިމީހާއޮތީ ދުޅަވެސް ވެފައެވެ. ލޭ ހުސްވެފައިވާ ފަދައިން މޫނު ހުދުވެފައި އޮތްއިރު ދެލޯކައިރި ވަނީ ކަޅުވެފައެވެ. އާދަމްފުޅުގެ މަރުވެފައިވާ ހަށިގަނޑުން ފެނުނު އާދަޔާ ޚިލާފު ކަންތައްތަކުގެ ވާހަކަ ރަށުގެ އެންމެންވެސް ދައްކާހެދިއެވެ. އެގޮތުން ހަސަނާއި އިރުޝާދު އަށްވެސް އެއީ ކުއްލިމަރެއް ނޫންކަން ޔަގީންވިއެވެ. އެމީހުންނަށް ގަބޫލު ކުރެވުނީ އެއީ ޒިލާލްގެކަމެެއް ކަމުގައެވެ. އެހެންކަމުން އިތުރަށް ރުޤުޔާ ކުރުމަށް، އެރަށް ކައިރީގައި އޮންނަ ލަންދޫގައި އުޅޭ ފަންޑިތަ ވެރިކަމަށް ވަރަށް މަޝްހޫރު ސޯލިހު ކިޔާ މީހެއް ގެނައެވެ.
ދިމާވަމުންދިޔަ ހުރިހާ ކަމަކާއި ކެރިގެން ކުރިމަތި ލުމަށް އަޒުމު ކަނޑައަޅައިގެން އިރުޝާދު ހަނާއާއި ކައިވެނި ކުރިއެވެ. އެމީހުންނަށް ކިތަންމެ ބޮޑު ކަމަކާއި ކުރިމަތި ވީނަމަވެސް އިރުޝާދު ހަނާދެކެ ވާ ލޯތްބަށް ބަދަލެއް ނާންނާނެކަން ދުނިޔެއަށް ސާބިތު ކޮށްދިނެވެ.
ސޯލިހު އެރަށަށް އައިސް ހަނާއަށް ރުޤްޔާ ކުރަންފެށުމުން ޒިލާލްއަކީ އާދައިގެ ޖިންނިއެއް ނޫންކަން ހާމަވިއެވެ. ޒިލާލްއަކީ އެންމެ ބާރުގަދަ އިފްރީތުންގެ ތެރެއިންވާ ޖިންނިއެއްކަމާއި އޭތި ހުރީ އެހާފަސޭހައިން ހަނާ ދޫކޮށްލާ ގޮތަކަށް ނޫންކަން އެނގުނެވެ. ޒިލާލް ތަކުރާރުކޮށް އޭނާ ހަނާ ދޫނުކުރާނެ ކަމުގައި ބުންޏެވެ. އެގޮތުން އެއްދުވަހަކު ރުޤްޔާ ކުރުމުގެ ތެރޭގައި އާދަމްފުޅު މަރާލީ ޒިލާލްކަމަށް ސޯލިހު ތުހުމަތު ކުރިއެވެ. ނަމަވެސް ޒިލާލް ބުނިގޮތުގައި އާދަމްފުޅު މަރާލީ އޭނާއެއް ނޫނެވެ. އެކަންކުރީ ޒިލާލްއާއި ހަނާގެ ދަރިފުޅު ލޫޝިޔާންއެވެ.
އެއްދުވަހަކު ހަނާގެ ހަށިރައްކަލަށް ޓަކައި އަދި ޒިލާލް ހަނާއާއި ދުރު ކުރުމަށް ހަނާގެ އުނަގަނޑުގައި އެއްސުމަށް ސޯލިހު ތަވީދެއް ދިނެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވީނުވީއެއް ނޭނގި ހަނާގެގައިން އެތަވީދު ގެއްލުނެވެ. އެކަމުގެ ސަބަބުން އަނެއްކާވެސް ޒިލާލްއަށް ހަނާއާއި ކައިރި ވުމަށް އިތުރު މަގެއް ފަހިވީއެވެ.
މިފަހަރު ޒިލާލް ކުރީ އެއްވެސް މީހެއްގެ ހިތަށްވެސް ނުގެނެވޭނެ ފަދަ ކަމެކެވެ. ޒިލާލް އިރުޝާދުގެ ހަށިގަނޑުގެ ތެރެއަށް ވަދެ އިރުޝާދުގެ ސިފައިގައި ހުރެ ހަނާއާއި އެކުގައި އުޅެން ފެށިއެވެ. ހަނާ އަކަށްވެސް އެއީ ޒިލާލް ކަމެއް ނޭނގެއެވެ. ނަމަވެސް މާގިނަ ދުވަހެއްނުވެ ސޯލިހުއަށް އެކަން ފަޅާއެރިއެވެ. ސޯލިހު އޭނާގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް އެ ކަންތައްގަނޑު ކޮންމެވެސް ކޮޅެއްގައި ޖެއްސުމަށް މަސައްކަތް ފެށިއެވެ. އެގޮތުން ރުޤްޔާކުރި ދުވަހަކު ހަނާގެ ހަށިގަނޑުގެ ތެރެއަށް ލޫޝިޔާން ވަދެ އޮވެގެން ވާހަކަ ދައްކަމުން ދިޔަ ވަގުތެއްގަައި ސޯލިހު ލޫޝިޔާން މަރާލަން ހިފިއެވެ. ސޯލިހު ކޮންމެވެސް ކިޔެވެލި ތަކެއް ކިޔަވައި ހަނާގެ ކަރުގައި އޭނާގެ ޝަހާދަތް އިނގިލިން ކަރު ބުރިކޮށްކާ ފަދައިން ހާކާލުމަށްފަހު ލޫޝިޔާން މަރުވީ ކަމުގައި ބުންޏެވެ. އެވަގުތު ތެޅި ފޮޅެމުންދިޔަ ހަނާގެ ހަށިގަނޑު މައިތިރިވެ ހަމަހިމޭން ވިއެވެ. ހަމައެގޮތަށް އިރުޝާދުގެ ހަށިގަނޑުގެ ތެރޭގައި ޒިލާލް އޮވެގެން ބާރު އަރުވަމުން ދަނިކޮށް ހަމަ އެފަދައިން އިރުޝާދުގެ ކަރުގައި އެހެން ހެދުމަށްފަހު ޒިލާލްވެސް މަރުވީ ކަމުގައި ބުންޏެވެ.
ޒިލާލްއާއި ލޫޝިޔާން މަރުވުމުން އެހުރިހާ ކަމަކުން ހަނާއާއި އިރުޝާދު ސަލާމަތްވިއެވެ.
އޭގެ އަނެއްދުވަހު ނިދާފައި ހޭލިއިރު ހަނާ އެ ހިނގާދިޔަ އެއްވެސް ކަމެއް މާބޮޑަކަށް ހަނދާނެއް ނެތެވެ. ހަނާއަށް ހީވީ އެހުރިހާ ކަމަކީ އޭނާއަށް ފެނުނު ހުވަފެނެއް ކަމަށެވެ. އެއީ ހަގީގަތެއް ނެތް ބިލާހެއްފަދަ ހުވަފެނެއް ކަމުގައި ހަނާ ނިންމިއެވެ. އަދި އިރުޝާދުއާއި އެކުގައި އުފާވެރި ހަޔާތެއް އުޅެން ފެށިއެވެ.
………………..
ނަމަވެސް ޒިލާލްއާއި ހަނާގެ ލޯބީގެ ގުޅުމަކީ ހުވަފެނެއް ބާއެވެ؟. އެދެމީހުންނަށް ލިބުނު ދަރިފުޅު ލޫޝިޔާން އަކީވެސް ހަގީގަތެއް ނެތް ހުވަފެނެއް ބާއެވެ؟. ހަނާ އޭނާގެ ފުރާނަ ފަދައިން ލޯބިވީ ޒިލާލްއާއީ އޭނާގެ ދެލޮލުގެ ނޫރުފަދަ ލޫޝިޔާން މަރުވެގެން ދިޔަ ހާދިސާވެސް އެއީ ހަމަ ހަނާއަށް ފެނުނު ހުވަފެނެއް ބާއެވެ؟.
– މިވާހަކައިގެ ޕާޓް 2 އަށް އިންތިޒާރު ކޮށްލައްވާ!
Comments (6)
Comments are closed.
Wowww
🤍🫰🏻
Wowww
🤍🫰🏻
I know I will love it
I want the story to be very scary at the same time with love scenes
Can’t wait and good luck<3
Sure will make this as a romantic, and horror story. Hope you will enjoy reading 🤍