Skip to content
އެސްފިޔަ

ލޯބިވޭ އަނަންތަކަށް… – 16

Listen to this story Audio · 7:31 Powered by Esfiya Voice
0:00 7:31

ތިބާއާއެކު އަނަންތަކަށް… -2

މީކާއިލްއަށް ކޮޓަރިއަށް ވަދެވުނު އިރު ފެނުނު މަންޒަރުން، މުޅި މީހާ އެއްކޮށްހެން ފުނޑުފުނޑުވެގެން ދިޔަ ކަހަލައެވެ. ކޮޓަރީއަށް ވެރިވެފައި ވަނީ ފަޅު ކަމެވެ. އެއްވެސް މީހެއްގެ ހިލަމެއް ވާކަށް ނެތެވެ. “ޔުން؟ ޔުން! ޔުން!!” ފަހަރަކަށްވުރެ ފަހަރެއް އަޑު ބާރު ކުރަމުން މީކާއިލް ގޮވަމުން ދިޔައެވެ. ނަމަވެސް އެއްވެސް އިޖާބައެއް ނުލިބުނެވެ. ފާހާނާ ތެރެ ބެލި އިރުވެސް އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

ފުންކޮށް އަވަސް އަވަހަށް ނޭވާލަމުން މީކާއިލް ކޮޓަރިތައް ބަލަމުން ދިޔައެވެ. ޔުންގެ ނަމަށް ގޮވަމުން މުޅި ބޮޑު ހަވޭލީވެސް ބަލައިފިއެވެ. ޒާރުގައި ހުރެދާނެކަމަށް އެތަންވެސް ބަލައިފިއެވެ. ޔުންގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ދަންވަރުގެ ވަގުތު ކަމުން އިތުރު ފަރާތަކަށް އެކަން ހާމަކުރެވޭކަށް ވެސް ނެތެވެ. މީކާއިލްގެ ހިތް ބުނަމުން ދިޔައީ ޔުން އެނބުރި އަންނާނެ ކަމަށެވެ. އެ ވިސްނުމުގައި ހުރެ އެނބުރި ކޮޓަރިއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އަވަސް އަވަހަށް ގަމީހުގެ ގޮށްތައް ނައްޓަމުން ފާހާނާއަށް ވަނެވެ. ފެންވަރާލުމަށްފަހު އެނދުގައި އޮށޯތެވެ. އޭނާ ވިސްނަމުން ދިޔައީ ދެން ކުރާނެ ކަމަކަށެވެ. ވިޔަފާރި ކުންފުނި ހިނގުންވެސް ދަތިވަނީއެވެ. ޔުންވެސް މިހާރު ބީވަމުން ދާކަމުގެ އިހުސާސެއް ކުރެވެން ފެށިއެވެ. އެފަދަ ނުބައި ޚިޔާލުތަކުން ސަލާމަތްވެވޭތޯ އެނދުގައި އެނބުރި އެނބުރި އޮތެވެ.

އިރު އަރައިގެން އައީ އެހެނިހެން ދުވަހެއްވެސް ފެށޭ ފަދައިންނެވެ. މީކާއިލް ފޯނު ސޯނާވާން ފެށި އަޑަށް އޭނާއަށް ހޭވެރިކަން ވިއެވެ. ފޯނުގެ އަޑު ކަނޑާލުމަށް ނެގި ވަގުތު އިސްކިރީނުން ފެނުނު މަންޒަރުން މީކާއިލްގެ ހިތް ހުއްޓުނު ފަދައެވެ. ‘މީކާއިލް. އަހަރުން ވަރިކުރޭ!’ މެސެޖަކުން ޔުން ބަޔާން ކޮށްފައިވާތަން ފެނުނެވެ. އެ މެސެޖަށް އިޖާބަ ދިނުމަށް ފޯނުގައިވާ އަކުރު ބަރީގައި އިނގިލި ކުރި ޖައްސާލިއެވެ. ފުރަތަމަ ވެސް އޭނާ ދިނީ ވަރިއާ ބެހޭ ޖަވާބެއް ނޫނެވެ. “ކޮންތާކަށް ގޮސްގެން ތިޔަ އުޅެނީ؟” އަވަސް އަވަހަށް އިނގިލިތަކުން ލިޔެލިއެވެ. އެހާ އަވަހަށް އެ ސުވާލަށް އިޖާބަ ނުދޭނެކަން ދަނެހުރެ، މީކާއިލް ހެނދުނުގެ ތައްޔާރީތައް ވުމަށް އަވަސްވެގަތެވެ.

ކުންފުންޏަށް ދިޔައިރުވެސް ޔުންގެ ޚިޔާލުތަކުގައި އޮޅިފައިވެއެވެ. މީކާއިލް އަވަސް ފިޔަވަޅު ތަކުގައި އޮފީހަށް ވަދެގެން ދިޔައެވެ. އިއްޔެ ވެސް ފުނިޖެހިގެން ނުކުރެވިފައި ހުރި އެތައް މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ޔުންގެ ޚިޔާލުތައް އެއްފަރާތަކަށް ޖެއްސޭތޯ ބެލި ނަމަވެސް މީކާއިލް އިރުކޮޅުކޮޅާ މެސެޖެއް އާދެތޯ ފޯނު އިސްކިރީން ބަލަމުން ދެއެވެ.

މެންދުރުގެ ކެއުމާއިގެން އިން މީކާއިލް ސިހިގެން ދިޔައީ ކުއްލިއަކަށް އައި ފޯނެއްގެ ސަބަބުންނެވެ. ޖަމީލުބޭ ޖަހާފައިވުމުން ކުޑަކޮށް ހިތް ބިރުގަތް ނަމަވެސް ފޯނު ނެގިއެވެ. “ސަލާން!” މީކާއިލް ފުރަތަމަ ބުންޏެވެ.

“ސަލާން! މީކާއިލް؟ ޔުންއާ ދެމީހުންގެ ދެމެދު ކަމެއް ހިނގީތަ؟ މައްސަލައެއް ހިނގީތަ؟” އެ ދެ ސުވާލު މީކާއިލްގެ ކަންފަތަށް ޖެހުނު ހިނދު މުޅި މީހާއަށް އަސަރު ކުރުވިއެވެ. ތުރުތުރު ލައިގަތެވެ. ނަމަވެސް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ވަރިވުމަށް ކޮށްފައިވާ މެސެޖު ހެއްޔެވެ؟ ޖަވާބެއް ދެވޭތޯ ވިސްނަމުން ދިޔައެވެ. އެންމެ ބަހެއްވެސް ދުލަކަށް ނައެވެ. އޭނާއަށް ވަނީ އެވަރަށް އަސަރު ކޮށްފައެވެ. ޔުން ކޮބައިތޯ ސުވާލު ކުރިއެވެ. ނަމަވެސް އިތުރަށް އެއްޗެކޭ ނުބުނު ޖަމީލް ފޯނު ކަނޑާލިއެވެ.

ވަޒީފާ އަދާކޮށް، ދުވަހުގެ މަސައްކަތް ކުޑައަޑި ކޮށްލުމަށްފަހު މީކާއިލް ޖަމީލުބެ ގެއަށް މިސްރާބު ޖެހިއެވެ. ބާރު ދުވެލީގައި ކާރު ދުއްވަމުން ދިޔައެވެ. ދޮރުގައި ޓަކި ޖެހުމާއެކުހެން ދޮރު ހުޅުވީ ޔުންއެވެ. ދެ މީހުންނަށްވެސް ވަގުތު ހުއްޓުނު ފަދައެވެ. ހަތަރު ކަޅި ހަމަވިހެން އެކަކު އަނެކަކަށް ފުންކޮށް ބަލަން ފެށިއެވެ. ޔުންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ގިސް ޖެހެއެވެ. ވަގުތު އިތުރަށް ފާއިތު ނުވަނީސް މީކާއިލް ޔުންގެ ގައިގައި ބައްދައިގަތެވެ. ލޯބިވާކަން މިހާރު މީކާއިލްއަށް އިހުސާސްވެއެވެ.

“އަހަރެން މިއީ ތިބާއަށް ބޮޑު ނިކަމެތިކަމެއް ގެނުވި މީހެއް… އަހަންނަށް ހީވަނީ އަހަރެމެން ދެ މީހުންވެސް އެންމެ ރަނގަޅުވާނީ ވަރި ވިއްޔާހެން!” ޔުން ކަރުނަތައް މީކާއިލްގެ ގަމީހުގައި ފުހެލަމުން ބުންޏެވެ.

“ނޫން! ޔުން… އަހަރެން ޔުން ދެކެ ވަރަށް ލޯބިވަން… ތި ބަސް ނުބުނޭ…” މީކާއިލްގެ އަޑުވެސް ދިޔައީ ގިސް ޖެހެމުންނެވެ. “ޔުން… އަހަރެން ދޫކޮށްފައި ނުދޭ! މިއީ އަދުގެ ހާލަތު. އަދި މިކަމުން އަރައިގަނެވޭނެ ދުވަހެއް އަންނާނެ. އަހަންނަށް މިހާރު ޔުން ދެކެ ހަގީގީ ލޯބިވެވިއްޖެ! އަބަދުމެ އަބަދަށް ތިބާއާއެކު ވާން ބޭނުން… ތިޔަ މޫނު އަބަދަށް ދެކެން ބޭނުން… ނިދާ ހޭލާއިރު ގާތުގައި ވުމަށް ބޭނުން… އަހަރެން ކަލާ ދެކެ އަނަންތަކަށް ލޯބިވަން!” މީކާއިލް އަޑު ކެނޑެމުން ނަމަވެސް އިހުސާސްތައް ބޭރުކޮށްލިއެވެ. ޔުން އަޑު އަހަމުން ދިޔައެވެ. އޭނާވެސް އެ ވާހަކަ ގަބޫލު ކުރެއެވެ. އޭނާއަށްވެސް މީކާއިލް ދެކެ ވެފައިވަނީ ހަގީގީ ލޯތްބެވެ. މީކާއިލް ވަގުތުގެ ބޭނުން ހިފާ ޔުންގެ ތުންފަތް ވެރިކޮށްލިއެވެ. ބޮސްދެމުން ދެ މީހުން އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ.

އޭރު ޖަމީލް ސިޑިބަރިން ފައިބަމުން އާދެއެވެ. “ތިއީ ތި ދެމީހުން އުޅެންވީ ގޮތަކީ… ލޯބިން، އެކަކު އަނެކަކަށް ލޯބި ދީގެން!” ޖަމީލު ބުންޏެވެ. “އަދިވެސް ދަރިފުޅު ބޭނުންވަނީ ވަރި ކުރަންތަ؟” ޖަމީލު ޔުން ގާތު އެހިއެވެ. މީކާއިލް ޔުންގެ މޫނަށް ފުން ނަޒަރަކުން ބަލަމުން ގެންދިޔައެވެ. ޔުންއަށް ލޮލުގެ އިޝާރާތުން އާނއެކޭ ބުނުމަށް މަޖުބޫރު ކުރާފަދަ ގޮތަކަށް ލޯ ހިންގާލިއެވެ. ޔުން އެ ވަގުތު މީކާއިލްގެ ސަބަބުން އޭނާގެ ހަޔާތަށް ގެނުވި ފޮނިކަމާއި ހިތި ކަމަށް ފުންކޮށް ވިސްނާލިއެވެ. ކޮންމެ ކަމެއްގައިވެސް އެކަކު އަނެކަކަށް އެހީވެ ބަރޯސާ ވުމަށް އޭނާ ބޭނުންވެއެވެ.

“ނޫން!” ޔުން ވަރަށް ބާރަށް ބުނެލިއެވެ. އަދި މީކާއިލްގެ ގައިގައި ބައްދާލިއެވެ. މޭމަތީގައި ބޯ އަޅާލައިގެން ހުއްޓެވެ. ޖަމީލު ދެ ކުދިންނަށް ޓަކައި އުފާވިއެވެ. އަސާގަނޑު ބޭނުންކޮށްގެން ސޯފާގައި އިށީނެވެ. މީކާއިލްއާއި ޔުން ކާފައާއެކު ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ސޯފާގައި އިށީނެވެ. ދުނިޔަވީ އެކި ވާހަކަތައް އެތަނުގައި ތިބެ ދެކެވުނެވެ.

މީކާއިލްއާ ޔުންގެ ކައިވެނި އެނގުނު ފަހުން ކޮލެޖުގައި ތަންކޮޅެއް ސަކަރާތް މަދުވެގެން ދިޔައެވެ. ސުޒާނާ އޭނާގެ އެކުވެރިން ޔުންއަށް ޖެއްސުން ކުރެއެވެ. އޭރުގައި ކުރިހާ ޖެއްސުމެއް ނުކުރެއެވެ. ހަމައަކަށް އެޅުނުހެން އީނާއާއި ދެމީހުންވެސް ކޮލެޖުގެ ހަޔާތަށް ވަނުމަށް އަވަސްވެގަތެވެ. ކިޔެވުމައިގެން ކުރިއަށް ދިޔައެވެ. މީކާއިލްގެ ބަދަލުގައި އެހެން ދާރިސްއެއް ކިޔަވައިދިނުމަށް ގެނެވުނެވެ. އަހަރުގެ ނިމޭކޮޅު ކަމުގައި ވާތީވެ، ދެ މީހުންވެސް އިމުތިޙާނުތަކަށް ތައްޔާރުވުމުގައި އުޅުނެވެ.

މީކާއިލް ކޮންމެ ރެއަކު، ޔުންއާއެކު ވަގުތު ހޭދަކުރެއެވެ. މިކަމުގެ ސަބަބުން ދެމަފިރިންގެ ގުޅުން އިތުރަށް ވަރުގަދަ ކުރުވިއެވެ. ތަފާތު ދެ މާހައުލަކުން އައި ދެ މީހުން ގުޅިގެން އުޅެވޭ ތީވެ އެހާވެސް ހިތްގައިމެވެ. ހަޔާތުގެ އޮއިވަރު ގެންގޮސް ދޭނެ ދިމާއެއް ނޭންގޭނެއެވެ. ކިތަންމެ ހީނުކުރާހާ ގޮތަކަށްވެސް ކަން ހިނގާފާނެއެވެ. އެ ހުރިހާ ރާޅުތަކުގައިވެސް ޔުންއަށް ސަލާމަތުގެ އައްސޭރިއަކަށް ވުމީ މީކާއިލް އަމިއްލައަށް ގަބޫލުކުރާ ގޮތެވެ. ޔުން އާއި މީކާއިލްގެ ގުޅުން އިތުރު ހަރުފަތަކަށް އަރައިގެން ދިޔައެވެ. ދެމީހުން އެކުގައި ލޯބިން އުޅުމަށް ވަޢުދުވިއެވެ. ވަގުތު ދިނުމަށް އެއްބަސްވިއެވެ. ފުރަތަމަ ހެދި އެއްބަސްވުން އުވާލިއެވެ. މިހާރު ދެ މީހުންގެ ގުޅުން ހިންގަމުންދަނީ އެއްބަސްވުމެއްގެ ދަށަކުން ނޫނެވެ. ނަމަވެސް ލޯބީގެ ފުން ވާފަށުގެ ސަބަބުންނެވެ. ކުރިއަށް އައިސްދާނެ އެތަކެއް ގޮންޖެހުމަކާއި ކުރިމަތިލުމަށް ދެ މީހުން މިހާރު ތައްޔާރެވެ. އެބަހީ ކޮންމެ ކަމެއްވެސް ފަސޭހަވާނީ އެކަތިގަނޑަކަށް ވެގެންނެވެ.

“ހެޔޮކަން ވުމީ އަބަދަށް، ލޯބިވޭ އަނަންތަކަށް…
ތިބާޔާ އެކީ ވުމަށް، ލޯބިވޭ އަނަންތަކަށް…”

[ނިމުނީ]