
އާއެކޭ ލޯބިވޭ… – 67

އާއެކޭ ލޯބިވޭ… ފަސްދޮޅަސް ހަވަނަބައި (އެއީ ފެނުނު ހުވަފެނެއް)
” ތީ، އަޝްބާ ބިންތު ނިހާނު ދޯއެވެ. އަޝްބާ އަށް އަހަރެން ނޭނގިދާނެއެވެ. ފަސްފަހަތުގައި ހުއްޓަސް ނުފެނިދާނެއެވެ. އަޝް އާއި ދާދި ގާތުގައި އަބަދުވެސް ވަމެވެ. ތި ލިޔުނީ ޚިޔާލީ ވާހަކައެއް ނޫންކަން އިނގޭ ހެއްޔެވެ؟ ތި ލިޔެވުނީ ހަޤީޤަތެއް ކަމުގެ އިޙްސާސް ކުރެވޭ ހެއްޔެވެ؟ ” ޢަޝްބާ ފުންކޮން ނޭވާއެއް ބޭރުކޮށްލިއެވެ.
” އަހަންނަކީ ކާކުކަން އެގެން ޖެހިއްޖެއެވެ. އެ ޒިންމާ ނިމިއްޖެއެވެ. ދާން ޖެހިއްޖެއެވެ. އަހަންނަށް ލިބުނު ވަގުތު ހަމަވެއްޖެއެވެ. ތި ހީކުރެވުނީ ރަނގަޅަށެވެ. އަހަރެންމީ އިންސި އެއްނޫނެވެ. ޖިންނިއެކެވެ. ތި ލިޔުނު ވާހަކައަކީ އަހަރެންގެ މަންމަ މިލީހަމް އާއި ބައްޕަ މާއިޒު ޖިންނީގެ ވާހަކައެވެ. ދޮންބައްޕަ މަންމަގެ ފިރިމީހާ ޚުބާބާއި އެކުވެރި ސާއިލާއި ބާސީލު ކިއެއްތަ އެ ލީނިޔާގެ ވާހަކައެވެ. ” މާބޮޑަށް އަޝްބާ ބިރުގަންނަ ގޮތްވިއެވެ. ހަޤީޤަތެއް ކަން އިޙްސާސްކުރެވުނީއެވެ.
“އަހަންނަކީ އެރޭ ސަލާމަތް ވެވުނު ހަމައެކަނި ފަރާތެވެ. މިލީހަމްގެ ބަނޑުގައިވި އެ އިފުރީތެވެ. މިއަދު މި ތަން ދޫކޮށް އަހަރެން މިދަނީ ބައްޕަގެ ހާންދާނަށެވެ. ތަނުގެ ވެރިކަން އަހަންނަށް މާމަ ހިބަކޮށް ދީފިއެވެ. މިވާހަކަތައް ޤަބޫލު ނުކުރެވެންޔާއި މޮޔައިންގެ މަރުކަޒު ބަލާބަލާށެވެ. އެތައިގައި ލީނިޔާއި އަދިވެސް ދިިރިއެބަހުއްޓެވެ. އުމުރުން ސާޅީސް އަށް އަހަރު ވަރު ވެދާނެއެވެ. ހުރެވޭކަށް ނެތެވެ. ދާން ޖެހުނީއެވެ. މިތަން ދޫކޮށް މިދަނީ ދާހިތަކުން ނޫނެވެ. މަންމައަށް އިންސާފު ހޯދުމުގެ ދަތުރުގައި އަހަންނަށް މިއަދު ކާމިޔާބު ލިބިއްޖެއެވެ. ލިޔުންތެރިކަމުގައި ކާމިޔާބު އެދެމެވެ. ފޮތުގެ ޗާޕެއް ޚުބާބަށް ވެސް ހަދިޔާ ކުރައްޗެވެ. އޭނާ އަދިވެސް ފޮތްކިޔަން ލޯބި ކުރެއެވެ. ލޮބޯ އެހާ ފަނޑެއް ނުވެއެވެ. ޢިލްމު އުގެނެން އުޅެއެވެ.” ކޮޅުކޮޅު އަޝްބާ ބަލައިލިއެވެ. ދުމެއްގެ ވަސް ނައި ފަތުގައި ޖެހުމުން އެ ޖިންނި ދިޔައީކަން ޔަޤީންކުރެވުނެވެ. އެކަމަކު އޭނާ އިންތިހާ ބިރުގަނެއްޖެއެވެ. ކަން ކުރަންވީ ކިހިނެއް ހެއްޔެވެ؟ އެސިޓީ ނަޒާނަށް ދޭންވީ ބާއެވެ؟ ފޮތް ނެރުން ލަސް ކޮށްލަންވީ ބާއެވެ؟
******************************************************************************************************
ގަނޑުގެ އަނެއްފަޅީގައި ވެސް ދެތިން ހަތަރު ޖުމްލަ އޮތެވެ. އަޝްބާ ކިޔާލިއެވެ.” ލީނިޔާ ރަނގަޅު ކުރަން ބޭނުން ހެއްޔެވެ؟ އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ތި ފޮތެވެ. އަޝްބާއެވެ. ތިފޮތް ހިފައިގެން ފޮނުވާނީ އަޝްބާގެ ކޮއްކޮ އިޝްބާއެވެ. ހަރު އަޑުން ކައިރީ ބައިންދައިގެން މުޅި ވާހަކަ ކިޔައި ނިންމާލާށެވެ. އިސާހިތަކު ލީނިޔާ މުޅިން ރަނގަޅުވާނެއެވެ. އެތަނުން ދޫކޮށްލާނެއެވެ. ލީނިޔާ މިންޖު ވެގެންދާނީ ޒުވާންކަންމަތީއެވެ. ”
ހަށީގައި ވި ނޭވާ އަޝްގެ ތާށި ނުވީ ހަމަ ކިރިޔާއެވެ. ދޮރުން އެ ވަދުނީ ޒާންއެވެ. އޭނާ އެއްފަހަރު ގަނޑަށް އަނެއްފަހަރު ނަޒާންއަށް ބަލައިލައެވެ. ކަމެއް ގޯސްވެއްޖެހެން ނަޒާނަށް ހީވިއެވެ. މީގެ ކުރިން އެއީ އަޝްބާ އުޅުން ގޮތެއް ނޫނެވެ. ބޮލުން ފެށިގެން ފަޔަށް ޒާން ނަޒަރު ހިންގައިލިއެވެ. ކަނާއަތު ފައިގައި ތުރުތުރެއް ހުއްޓެވެ. ލޮލުގެ ކަޅި އިނީ ގަބު އަރާފައެވެ. ދެއަތް ދިޔައީ ގުޑަމުންނެވެ.
ނަޒާން މަޑުމަޑުން އައިސް އަޝްބާގެ ކައިރީގައި ހުއްޓި ލިއެވެ. މޭޒުގައި ދެ އަތް ބާއްވާލިއެވެ. ވަރަށް ލޯބިން އަޝްބާގެ ދެލޮލަށް ބަލާލިއެވެ. އަދި ގުޑުވަމުން ދިޔަ އެ އަތުގައި މަޑުމަޑުން ހިފާލިއެވެ.
” ނަޒާން: އަޝް… ކިހިނެއްވީ؟ ކޮންކަމަކާ އެހާ ބިރުގެންފަ ލޯބީ..” ނަޒާންގެ އަޑުގައިވަނީ އިންތިހާ ހާސް ވުމެވެ.
އަޝްބާ އަށް ކުއްލިއަކަށް ނޭވާ ހިފަހައްޓާލެވުނެވެ. ނޭވާ ހަށީގައި ތާށިވި ފަދައެވެ. އޭނާގެ ދޫ ބަންދު ވެއްޖެއެވެ. ވާހަކަ ދައްކަން އަނގަ ހުޅުވުނަސް އަރުތެރެ އަކުން އަޑެއް ނުނުކުތެވެ. އަޝް ފަސްޖެހިފައި އިނދެ އެ ތުރުތުރުއަޅާ އަތުން އެތާ އޮތް ގަނޑު ނެގިއެވެ.
” ނަޒާން: ދޫނީ… އެއްޗެއް ބުނެބަލަ. ކިހިނެއް ވީ؟” އާސޯހުގައި ހުރެ ނަޒާން ބުނެލިއެވެ. މިވާ ގޮތެއް އޭނާއަށް ރޭކާއެއް ނުލައެވެ.
ނަޒާން އަނެއްކާވެސް ހައިރާންކަމާއެކު އަޝްބާ އަށް ބަލައިލިއެވެ. އެ ގަނޑުކޮޅުގައި ހިފިއެވެ. އޭގައި ލިޔެފައި ވި ޖުމްލަ ތަކަށް ފުންކޮށް ބަލާލިއެވެ. ސިޓީގައިވާ ލިޔުންތައް ހިތުގައި ކުރަހާލިއެވެ.
ޒާން ސިޓީ ލައްޕާލިއިރު އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. ފުރަތަމަ މޫނުމަތިން ފެނުނު ޙައިރާންކަން، ފިލައި ނުތަނަވަސްކަން ވެރިވެއްޖެއެވެ. ކަންބޮޑުވުން މޫނުމަތިން ފާޅުވެލިއެވެ.
” ނަޒާން: މީ… މީ ކާކުގެ އަތު ލިޔުމެއް؟ ދޮންދޮން ސަމާސާ ކުރަނީތަ؟” ނަޒާން ސިޓީއަށް ބަލަހައްޓައިގެން ހުރެ އަހާލިއެވެ. އެ އަޑުގައި މީގެ ކުރިން ނުވާ ފަދަ ޖެހިލުންވުމެއް ހުއްޓެވެ.
” އަޝްބާ: ޒާން… އަހަރެން ސަމާސާއެއް ނުކުރަން،” އަޝްބާގެ އަޑު ނުކުތެވެ. “އަޝްބާ: ޒާން… އަހަރެން ސަމާސާއެއް ނުކުރަން،” އަޝްބާ ތަކުރާރުކޮށްލިއެވެ. އެއަޑުގައި އެކަނި ވެސް ކަރުނަ އެކުލެވިގެން ވިއެވެ. ” އަޝްބާ: ޒާން… ނޭނގެ މިވީ ގޮތެއް މިވާހަކަ އަޝް ލިޔުނީ ޚިޔާލީ ވާހަކަތަކެއްގެ މައްޗަށް އެކަމަކު… މިލިޔުން ސިޓީ ގަނޑު މިބުނަނީ ކީކޭ… މިއީ ޙަޤީޤަތެކޭ…”
ނަޒާންގެ ނަޒަރު ކޮޓަރީގެ އެކި ދިމާއަށް ދަތުރުކޮށްލިއެވެ. އާދަޔާޚިލާފު ކުޑަކުޑަ ދުމުގެ ވަހެއް ކޮޓަރި ތެރޭގައި ހުއްޓެވެ. ހުދު ނަޒާނަށް ވެސް އިޙްސާސްވިއެވެ.
“ނަޒާން: އަޝް ލޯބީ… ހަމަޖެހިބަލަ،” ނަޒާން އަޝްބާގެ ކޮނޑުގައި ހިފާލިއެވެ. “ނަޒާން: މީގައި މިއޮތީ މޮޔައިންގެ މަރުކަޒުގެ ވާހަކަ. ގުރައިދޫގައި ހުންނަށް. ލީނިޔާގެ ވާހަކަ. އަދި އިޝްބާ ފޮނުވަން ބުނެފަ. މީ ހަޤީޤަތެއްތޯ ބަލަންވީ ފުރަތަމަ.”
“އަޝްބާ: ދެން ފޮތަށް ވާނީ ކިހިނެއް؟” އަޝްބާ އަހާލިއެވެ. ” އަޝްބާ: ފޮތް ޗާޕަށް ފޮނުވާކަށް ނޫންތަ މިއުޅެނީ މާދަމާ!”
“ނަޒާން: އަޝް އިހަށް ފޮތް ނެރުން ވަގުތީގޮތުން މަޑުޖައްސާ ލަމާ ދޯ.” ނަޒާން ވަގުތުން ގޮތް ނިންމިއެވެ. ” ނަޒާން: ދޫނީ ވިސްނާލަބަލަ. އެންމެ ފުރަތަމަ ޖެހޭނީ އެ މަރުކަޒަށް އިޝޫ ފޮނުވަން. ލީނިޔާ ނަމަކަށް ކިޔާ އަންހެނަކު އެތަނުގައި ވޭތޯ ބަލަން. އެއީ ހަޤީޤަތެއް ނަމަ… ދެން ވިސްނާލާ މި ވާހަކައިގެ ފަހަތުގައިވާ ސިއްރުތަކެއް ވާނެ ބޮޑެތި ސިއްރުތަކެއް.”
އަޝްބާ މަޑުމަޑުން ބޯ ޖަހަމުންދިޔައެވެ. އޭނާގެ ހިތުގައި އުފެދިފައިވަނީ ބިރުވެރިކަމުގެ ނިހާއީއެވެ. ކުޑައެއް ނުވެއެވެ. ލޯބިވާ ކޮއްކޮ އިޝްބާ މި ނުރައްކާތެރި ކަމުގެ ތެރެއަށް ވައްދަން ވީ ހެއްޔެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟ އެ ހިތެއް މިކަމާ ނުރުހެއެވެ. ލީނިޔާ ސަލާމަތްކުރެވޭނެ ހަމައެކަނި ގޮތަކީ އެއީ ހެއްޔެވެ؟ ދެން އިތުރު ގޮތެއް ނެތީ ހެއްޔެވެ؟
ބޭސް ފަރުވާއަށް ފަހު ވެސް މުޅިން އިޝްބާ ރަނގަޅެއް ނުވެއެވެ. އަޑު އިވުން ރަނގަޅު ކުރެވުނަސް ފެނުމަކަށް ފަރުވާއެއް ނުލިބުނެއެވެ. ހިނގާ ބިނގާވެ އުޅުމުގައި އަސާއެއް ބޭނުން ކުރެވޭ ވަރު ވިއެވެ. ޒުކާނު އެވަރުން ވެސް އިޝްބާ ބަލައިގަތެވެ.
ހަނީމޫނަށް ދިޔައީ ޖަޕާނާ ށެވެ. އެ އުފާވެރި ދަތުރު ނިމިގެން އައީ އުފާވެރި ކަމުންނެވެ. އިޝްބާ ބަނޑުބޮޑުކަން އެނގުނީ ދަތުރުމަތީއެވެ. ބޮޑެތި ރޭލުތަކުގައި ދަތުރުކުރަމުން ދިޔައިރު އެ ޖައްސަމުންދާ ވައްތަރުތަކާއި ލެވެމުން ދިޔަ ހޮޑު ންނެވެ. ކާއެއްޗެއްގެ ވަސް ޖެހުނަސް ނޭފަތުގައި އަތް އަޅާފައި އޯކަށް ދެމެން ފަށާފާނެއެވެ. މަޖަލެއް އެންމެ އެދެވޭ ގޮތުގައި ކުރެވޭ ގޮތެއް މާމުއި ހަނދުގެ އެ ދަތުރުގައި ދެމަފިރިން ނަކަށް ނުވިއެވެ. އެހެންކަމުން އުފާކޮށްލާ ހަދާލުމަށް އަލަތު ދަރިފުޅާއެކު ތައިލެންޑަށް ދިއުމަށް އަންނަނީ ރާވަމުންނެވެ. ދުނިޔޭގެ އެންމެންގެ މެދުގައި މަޤުބޫލު އެތަން ދެކިލުމަށެވެ. ކޮކާ ޕާކަށް ގޮސްލާށެވެ. ފަރުބަދައިގެ ފަހަތުން އެ ފެންނަށް ބޮޑު ހަނދު ބަލާލާށެވެ. ދޮންވެލި ގަނޑު މަތީ ރާޅު ޖަހައި ފަށުގައި ހިނގައި ލާށެވެ.
ބާރު ހަޅޭކުގެ އަޑުފައްގަނޑަކާއެކު ނިދިފައި އޮތް އަޝްބާ ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ރަތްކުލައިގެ ފޮށްޓެއް އަތަށް ލައިގެން އެހުރީ ނަޒާ ނެވެ. މީގެ ކުރިން އެއީ ފެނުނީ ހުވަފެނެކޭ ހިތަށް އެރުމާއެކު އަޝްބާ ދެލޯ މަރާލި އެވެ. މިއީ ހާއްސަ ދުވަހެކެވެ. އޭނާ ކުރި މަސައްކަތުގެ ފޮނި މީރު ނަތީޖާ އަރުގައި ލެވޭ ދުވަހެވެ. އާދޭހެވެ. އަޝްބާ ބިންތު ނިހާނުގެ އަލަތު ފޮތް “އާއެކޭ ލޯބިވޭ…” ނެރެވޭ ދުވަހެވެ. އެ ހިތް ތަކުރާރުކޮށްލިއެވެ. މިކަން ވާނެ ހެއްޔެވެ؟ ޖެހިލުންވުމެއް ނެތި އެތައް ބައެއް ކުރިމަތީ ވާހަކަ ދެއްކި ދާނެ ހެއްޔެވެ؟ އޭނާގެ ދަތުރު ކިޔައި ދެވިދާނެ ހެއްޔެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.