ބޭނުންވަނީ ކަލާ ( ތިންވަނަ ބައި)
އައިޖީއެމްއެޗް ކައިރީ ސައިކަލު ޕާކްކޮށްލި ތަނާ ޒަލަފްއަށް ފެނުނީ ހެނދުނުވެސް ޒަލަފްއަށް ފެނުނު އާދަޔާ ހިލާފު އަންހެން ކުއްޖާއެވެ. އެކުއްޖާ ފެނުމާއެކު ޒަލަފްއަށް އެކުއްޖާ ހުރި ދިމާލަށް ދެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. އެކުއްޖާ ކައިރީ ހުއްޓިލައިގެން އެކުއްޖާއަށް ބަލަން ޒަލަފްއަށް ހުރެވުނީ އެތަނަށް އައީ ކީއްކުރަން ކަންވެސް ހަނދާންނެތިފައެވެ. ކުއްލިއަކަށް ޒަލަފްއަށް ހަމަހޭވެރިކަންވީ ޖީބުގައޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އެވަގުތު ފޯނުނަގާ ކަންފަތުގަ ޖައްސާލިތަނާ ޒަލަފްއަށް ހީވީ އެކަކުގެ އަޑު ދެފަހަރަށް އިވުނު ހެންނެވެ. ކުރިމަތީގައި ހުރިއަންހެން ކުއްޖާއަށް ޝައްކުގެ ނަޒަރަކުން ޒަލަފްއަށް ބަލާލެވުނީ އެރީތި އަންހެން ކުއްޖަކީ ހަމަ އަޔާނީތޯ ޔަގީން ކޮށްލުމަށެވެ. ” ކުރިމަތީގަ ހުއްޓަސް ކިހިނެއް ދޯ އިނގޭނީ… ކީއްވެ އައިސްސަ ނުގުޅާ ތިހިރީ..” ލަސްވެފަ ހުރިވަރުން އަޔާނީއަށް ބުނެވުނެވެ. ނަމަވެސް އަޔާނީގެ ފުރިހަމަ ހަށިގަނޑަށާއި އޮމާންއަޑުގެ ޖާދޫގައި ޖެހިފައިވާ ޒަލަފްހުރީ ބުނާނެބަހެއް ނޭނގި ތަލިން ކުޅު ހިކިފައެވެ.
” ކިހިނެއް ވެފަ ތިހިރީ؟..” ޒަލަފް ހުރިގޮތުން އަޔާނީ އަހާލިއެވެ. ” ކަމެއް ނުވޭ.. މިއޮތީ ސިޓީއުރަ..” ހިތުގެ ވިންދު އަވަސް ވަމުން ދިޔައިރު އެކަން އަޔާނީއަށް ފޮރުވަން ޒަލަފް މަސައްކަތް ކުރިއެވެ. ” ތެންކްސް… ” ޒަލަފްއަށް މަޑު ހިނިތުން ވުމެއް ހަދިޔާ ކޮށްލަމުން އަޔާނީ ބުނެލިއެވެ. އަދި ޒަލަފް ހުއްޓި ހުރިތާ ގުޑާވެސް ނުލެވި ހުއްޓާ އަޔާނީ ފަސްއެބުރި ބަލާވެސް ނުލާ ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ.
ހޮސްޕިޓަލަށް ވަދެވުނުއިރު އަޔާނީގެ މޫނުމައްޗަށްވަނީ ބުނެދޭން ނޭނގޭ ހިނިތުންވުމެއް ވެރިވެފައެވެ. ހޮސްޕިޓަލަށްއައީ އެންމެގާތް ރަހުމަތްތެރިޔާ ލިމްޔާ ބަލި ހަބަރު ލިބުމުން އިންތިހާއަށް ދެރަވެފަ ހުރެގެންނެވެ. ނަމަވެސް ދެންމެ ޒަލަފް ފެނުމުން އަޔާނީގެ ހިތުގަ އާވިންދެއް ޖަހާލައިފިއެވެ. ހަމައެވަގުތު ލިމްޔާ އޮތްހާލު ހިތަށް އަރުވާލަމުން އަވަސް ހިނގުމެއްގައި ލިމްޔާއާ ބައްދަލުވޭތޯ ދިޔައެވެ.
ޑިއުޓީ ނިންމާފަ ގެއަށް އައިގޮތަށް ވިސްނުމެއް ތެރެއަށް ގެއްލިފާ ޒަލަފްއަށް އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.” ދަރިފުޅާ… ޒަލަފް… މިރޭ ކާންވެސް ނުދާ ރެއަކީތަ؟… ބައްޕަވެސް އެދިޔައީ ކައިގެން ނިދަން.. ދަރިފުޅުއާދޭތޯ މަންމަވެސް މަޑުކޮށްގެން މިއިނީ..” ޒަލަފް ރޭނގަޑު ނުކައި ހުރިކަންވެސް ހަނދާންވީ އަޒްމާ އައިސް ޒަލަފްއަށް ގޮވަންފެށީމައެވެ. ކާން އިށީންގޮތަށް ހަމަ ނޭވާވެސް ނުލާ ޒަލަފް ކައި ނިންމާލިއެވެ. އަޒްމާ ހުރީހަމަ ހައިރާންވެގެން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކުޑައިރުން ފެށިގެން އަބަދުވެސް ލަސްލަހުންކާ ޒަލަފް މިރޭކާން ނެގީ ކުޑަ އިރުކޮޅެކެވެ. ނަމަވެސް އެއުމުރަށް ގޮސްސަ ހުރި ދަރިޔަކާ މާސުވާލު ގިނަކުރަން ބޭނުން ނުވާތީ އެކަމާ އަޒްމާ އަޅާނުލާން އިނީއެވެ.
ރޭނގަޑުގެ ނިދިވެސް ލޮލަށް ނައިސްފާ ޒަލަފްއަށް އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ނިދާލަންވެގެން ލޯމަރާލާއިރަށް ފެންނަމުން ދިޔައީ އެމީހަކަށްޓަކާ ޒަލަފްގެ ހިތަށް ލޮޅުމެއް ގެނައި ހަމައެކަނި އަންހެން ކުއްޖާއެވެ. އަޔާނީއެވެ. މާގިނަ ފަހަރަށް ޒަލަފްއަށް އަޔާނީ ނުފެނުނު ކަމުގާވިޔަސް ޒަލަފްގެ ހިތާ ސިކުނޑީގަ ފެވެމުން ދަނީ އަޔާނީގެ ނަމެވެ. ލޯމަރާލާ ކޮންމެފަހަރަކު ފެންނަމުންދަނީ އަޔާނީގެ ފަރި ހިނިތުންވުމެވެ.
އާދައިގެ މަތިން ކޮންމެދުވަހަކުވެސް ނިދަން އޮށޮންނަ ގަޑީގައި އަޔާނީ ނިދަންއޮށޯތެވެ. އަދި ފޯނު އެލާމްކޮށްލުމަށް ފަހު ލޯމަރާލިއެވެ. ނަމަވެސް އަޔާނީއަށް ނިދޭގޮތެއް ނުވިޔެވެ. ސިނކުޑީގެ ކޮންމެސް އެއްދިމާލަކުން އަޔާނީއަށް މަޖުބޫރު ކުރަމުން ދަނީ ޒަލަފްއާ ދޭތެރޭ ވިސްނާލާށެވެ. ނަމަވެސް ޒަލަފްމަތިން ހަނދާންވުމުން ޒަލަފްއަކީ އެސިޓީއުރަ ހަވާލު ކުރަންވެގެން އައި މީހެކޭ އަޔާނީގެ ހިތަށް އެރިއެވެ. އަދި އެއްވެސް ހާއްސަ މީހެއްނޫނޭ ހިތައް އަރުވާލަމުން ނިދާލެވޭތޯ މަސައްކަތް ކުރިއެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ޒަލަފްގެ މުޅި ދުނިޔެ ދަނީ ބަދަލު ވަމުންނެވެ. އަޔާނީގެ ހަނދާން ތަކުގަ އާވާރާވެފަ ހުރެވެނީ މަދެއްކޮށެއް ނޫނެވެ. އޮފީހުގެ މަސައްކަތްތަކުގައި އަވަދިނެތި އުޅެމުންވެސް ވަށައިގެންވެސް އަޔާނީގެ ސޫރަ ފެންނަ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. އެންމެފަހުން އަޔާނީގެ ސޫރަ ދެކިލާނެ ގޮތެއް ފެނޭތޯ ޒަލަފްއަށް ވިސްނަން ފެށުނެވެ. އެކި ގޮތްގޮތަށް އަޔާނީގެ ނަންޖަހަމުން ފޭސްބުކް ސާޗު ކުރެވުނު އަދަދެއް ވެސް ނޭނގެއެވެ. ނަމަވެސް ކުރެވުނު މަސައްކަތްވީ ބޭކާރެވެ. ދެން ހަދާނެ ގޮތެއް ނޭނގި އިނދެފާ ފޯނަށް ބަލާލިއެވެ. އެވަގުތު ކުއްލިއަކަށް އަޔާނީ ވައިބާ ބޭނުން ކުރާނެއޭ ހިތަށް އެރުމުން އަޔާނީ ވައިބާ ބޭނުންކުރޭތޯ ބެލިއެވެ. ކަމަކު ދާކަށްނެތެވެ. އިނދެވުނީ އޮފީހުގަ ކަންވެސް ހަނދާންނެތިގެން އުފަލުންގޮސް މޭޒުގައި އަތުންޖެހުނީ އަޔާނީގެ ރީތި ފޮޓޮއެއް ވައިބާއިން ފެނުނީމައެވެ.
އޮފީހުގެ މަސައްކަތްތަކުގާ ބުރަކޮށް އުޅެމުންވެސް ބްރޭކްގަޑި ލިބުމުން އަޔާނީ ދިޔައީ ޕްރައިވަޓް ކޮންޕެނީއަކުން އިއުލާން ކޮށްފައިވާ ވަޒީފާއަކަށް ލާށެވެ. ވަޒީފާއަށް ލާން އުޅޭ އޮފީސް އަޔާނީ މަސައްކަތް ކުރާތަނާ ދުރުނޫންވީމަ އަޔާނީ ދިޔައީ ހިނގާލާފައެވެ. އެއޮފީހަށް ވަންނަން ވެގެން ދަނިކޮށް އަޔާނީއަށް ފެނުނީ އެ އޮފީސް ތެރޭން ނިކުތް ޒަލަފްއެވެ. ޒަލަފް ފެނުމާއެކު އަޔާނީއަށް ވީގޮތްވެސް ނޭނގުނެވެ. ކުރިޔަށް އަޅަން އުޅުނު ފިޔަވަޅުވެސް ނާޅާ ހުއްޓިފާ ހުރެވުނީ ޒަލަފްގެ އެފިރިހެން ވަންތަ ހިނގުމަށް ބަލާށެވެ. އަދި ޒަލަފްގެ ބައިމަތިފުޅާ ދޮން ހަށިގަނޑާއި މޫނުމަތިންފެންނަ ހަރުދަނާ ގޮތް އަޔާނީއަށް ވަރަށް ކަމުދިޔައެވެ. ނަމަވެސް ހަމައެވަގުތު ޒަލަފް ކަހަލަ ކުއްޖަކާ އަޔާނީއަކާ އެކަށީގެން ނުވެޔޭ އަޔާނީ ހިތަށްއެރިއެވެ. ޒަލަފްއަކީ ކާކުގެ ކިހާފެންވަރެއްގެ މީހެއްކަން ނޭނގުނަސް އަޔާނީ މަސައްކަތް ކުރަމުން ދިޔައީ އެކިގޮތްގޮތުންވެސް އަޔާނީގެ ހިތް އަމިއްލަ ބާރުގެ ދަށުން ނުދަނީސް ސަލާމަތް ކުރެވޭތޯއެވެ.އަދި ހިތްވަރު ކޮށްލާފައި ޒަލަފް ތަންކޮޅެއް ދުރަށް ދިޔަވަގުތު ބަލާފަ އެއޮފީހަށްގޮސް ވަޒީފާއަށް ކުރިމަތިލުމުގެ ހުރިހާ ލިޔުމެއް ހުށައެޅިއެވެ.
ހަފްތާއެއްހާ ދުވަސްތެރޭ އަޔާނީއަށް އިންޓަވިއުއަށް ދާންގުޅީ އަޔާނީ ވަޒީފާއަށްލީ އޮފީހުންނެވެ. ކަންދިމާވީ ވަރަށްވެސް ރަނގަޅަށެވެ. އިންޓަވިއު ނިމި ގަޑިއެއްހާއިރުވެސް ނުވަނީސް ވަޒީފާ ލިބުނު ކަން އެންގުމަށްޓަކައި އެއޮފީހުން އަޔާނީއަށް ގުޅިއެވެ. އަޔާނީ ހުރީ ވަރަށް އުފަލުންނެވެ. ނުވަހާސް ރުފިޔާ ލިބޭ ވަޒީފާއަކުން ބާރަހާސް ރުފިޔާ ލިބޭ ވަޒީފާއަކަށް ބަދަލުވުމަށް ފުރުސަތު ލިބުމަކީ އަޔާނީއަށް މުޅި ހަޔާތުގާވެސް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްގެ ގޮތުގާ އަޔާނީ ދެކުނެވެ.
” މަދަމާއިން ފެށިގެން އަލަށް ނިކުންނާނެ ތިންކުދިން.. އެކުދިން މަސައްކަތް ކުރަމުން ގެންދާނީ ޒަލަފްގެ ދަށުން.. އެކަމަކު ޝާލިންވެސް އެކުދިން ޓްރެއިން ވަންދެން ޒަލަފްއަށް އެހިވާން ހުންނާނެ..” މަފާޒްގެ ރޫމްއަށް ޒަލަފް ގެންދިއުމަށްފަހު މާދަމާއިން ފެށިގެން ޒަލަފްގެ މަސައްކަތް ކިޔާދެމުން ދިޔަ މަފާޒް ބުނެލިއެވެ. އަދި އޭގެ އިތުރުން އަލަށް ވަންނަ ތިންކުދިންގެ ސްޓާފް ކާޑް ހެއްދުމަށްޓަކާ ބޭނުންވާ ހުރިހާ ލިޔެކިޔުމަކާއެކު ފައިލެއް ޒަލަފްއާ ހަވާލުކުރަމުން ދެންދިޔަސް އެންމެ ރަނގަޅު ކަމުގައި މަފާޒް ބުނެލިއެވެ.
މާދަމާއަކީ އާތަނަކަށް ވަޒީފާއަށް ނިކުންނަން ޖެހޭދުވަހެއް ކަމުން އަޔާނީ ހުރީ ވަޒީފާއަށް ދާން ކެއްމަދުވެފައެވެ. ބުނެދޭން ނޭނގޭ އުފާވެރި އިހުސާސްއެއް އަޔާނީގެ ހިތުގާ އުފެދެމުން ދިޔައީ ޒަލަފްވެސް ފަހަރެއްގައި އެއޮފީހުން ފެނިދާނެއޭ ހިތަށް އެރުމުންނެވެ.
މަފާޒް ހަވާލު ކުރި ފައިލު ޒަލަފް ބަލާލީ ޒަލަފްގެ މޭޒުކައިރިއަށް އައިހެވެ. އެވަގުތު ޒަލަފްގެ ހިތް ބާރަށް ތެޅިގަތެވެ. އަލަށް ވަންނަ ތިންކުދިންގެ ތެރެއިން އެއްކުއްޖަކީ އަޔާނީކަން ގަބޫލު ކުރަން ދަތިވިއެވެ. އެއި ހަގީގަތެއްކަން އަމިއްލަ ނަފްސަށް ގަބޫލު ކުރަން ދަތިވުމުން އަމިއްލައަތުގާ ޒަލަފް ދަތްއަޅާލިއެވެ.
ޖެހިގެން އައި ދުވަހު ހައެއްޖެހި އިރު ޒަލަފްއަށް ހޭލެވުނެވެ. އަވަސްއަވަހަށް ފެންވަރައިގެން އޮފީހަށްދާން ޒަލަފްއަށް ތައްޔާރު ވެވުނު އިރު ހަތެއްވެސް ނުޖަހައެވެ. އެހެންކަމުން މަންމަ އެއްޗެކޭ ބުނެފާނެތީ ކޮޓަރީގައި އިށީންދެލައިގެންއިނީ މަންމަ ގޮވަން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެގޮތަށް އިންއިރު ޒަލަފް ބަލަމުން ދިޔައީ ފޯނުން ފެންނަމުންދާ އަޔާނީގެ ފޮޓޮއަކަށެވެ. އަދި މިހެން އިންއިރު ދޭތެރެއަކުން ލޯގަނޑަށްވެސް ބަލާލައެވެ. ޓައީ އިނީ ރިތިކޮށްތޯ ޒަލަފް ބަލަމުން ދިޔައެވެ. އަދި ބެގީ ކޮށްފަހުރެވުނީ ރިތިކޮށްތޯއެވެ. އަދި ފުނާ އެޅުފައިވަނީ ރީތިކޮށްތޯ ބަލަމުންދިޔައެވެ. ދުވަހަކުވެސް ރީތިވުމަށް ސަމާލުކަން ނުދޭވަރަށް ރީތިވުމަށް ޒަލަފް މިއަދު ސަމާލުކަން ދިނެވެ.
އާއޮފީހަކަށް ނިކުތް ދުވަސް ކަމުން އަޔާނިގެ ހިތްދަނީ ބާރަށް ތެޅެމުންނެވެ. އެވަގުތު ކުރިމަތިން ފެނުނީ ޒަލަފްއެވެ. ހުއްޓުން އަރާފައި އަޔާނީއަށް ހުރެވުނީ ޒަލަފްއަށް ބަލާށެވެ. ނަމަވެސް އަޔާނީއާއި އެކު ނިކުތް ދެކުދިންނެކޭ ތަފާތެއްނެތި ޒަލަފް ވާހަކަ ދައްކަމުން ދިޔައީ ވަރަށް މަޑުމައިތިރި ކަމާއެކުއެވެ. އެހެންކަމުން އަޔާނީވެސް ބެލީ ހިތުތެރޭ އުފެދެމުން ދިޔަ އިހުސާސްތަށް އެއްފަރާތް ކޮށްލުމަށްފަހު އަޔާނީއަށް ވުރެ މަތީމަގާމެއްގައި މަސައްކަތް ކުރާ އިސްވެރިއަކާ ދޭތެރޭ ކަންތަށް ކުރާނެފަދަ ގޮތަކަށް ޒަލަފްއާ މެދު ކަންތަށް ކުރާށެވެ. ނަމަވެސް އަޔާނީއަށް ނޭނގުނު ކަމަކީ އަޔާނީއެކޭ އެއްފަދައިން ޒަލަފްގެ ހިތުގަވެސް އަޔާނީއަށްޓަކައި ހާއްސަ މަގާމެއް ދެވިފައިވާ ކަމެވެ.
ބްރޭކް ގަޑީގައި އެކަނި އިންއިރު ޒަލަފްއަށް ވިސްނެމުން ދިޔައީ ކުރިޔަށް ހުރިދުވަސްތައް ދާނެ ގޮތަކާމެދުއެވެ. މިއަދުވެސް ޒަލަފްއަށް އަޔާނީ ކުރިމަތީ ހުރެވުނީ ގައިގަ ހުރި ހުރިހާ ހިތްވަރެއް އެއްކޮށްގެނެވެ. ޒަލަފް ބޭނުންވަނީ ޒަލަފްގެ ހިތުގާ އަޔާނީއަށްޓަކައި އުތުރި އަރަމުން އަންނަ އިހުސާސްތައް އަޔާނީއަށް ކިޔާދޭށެވެ.އެހެންނޫނީ ޒަލަފްގެ ހިތަކަށް ހިންހަމަޖެހުމެއް ނުލިބޭނެއެވެ.ނަމަވެސް ޒަލަފްއަށް އަޔާނީއާ ކުރިމަތިލާން ނުކެރޭނެތީ އަދި ކޮންމެވެސް ދުވަހަކުން ޒަލަފްގެ ހިތުގެ އިހުސާސްތައް އަޔާނީއަށް ބުނެދޭނީއޭ ހިތާ ހިންހަމަ ޖައްސާލިއެވެ.
“އޭ ޒަލަފް.. މަޑު ކޮށްބަ… ” ބްރޭކް ނިންމާފަ އޮފީހަށް ވަދެގެންއައި ޒަލަފްއަށް ހުއްޓުމެއް އައީ ޔޫނުސް ގޮވާލީމައެވެ. ” ކިހިނެއްވީ..؟..” ޔޫނުސްއަކީ އާންމުކޮށް ޒަލަފްއާ ވާހަކަ ނުދައްކާ މީހެއްކަމުން ޔޫނުސް ޒަލަފްއަށް ގޮވާނީ ކޮންމެވެސް ކަމަކުއޭ ހިތަށް އެރުމުން ޒަލަފް އަޔާލިއެވެ.” ވަރަށް ބޮޑު ކަމެއް ކޮށްދީބަ.. އަލަށްވަދެގެން އެއުޅޭ އަޔާނީގެ ނަންބަރ ދީބަ.. އަހަރެން މިއުޅެނީ އޭނަ ލިބޭތޯ.. ކޮންމެވެސް ވަރަކަށް އެމަންޖެއާ ވާހަކަވެސް ދައްކާލައިފިން.. އެކަމަކު ނަންބަރ ދޭކަށް އެމަންޖެ ބޭނުމެއް ނުވޭ..” ޒަލަފްގެ މޫނުމަތީ ހީވީ އެއްޗަކުން މީހަކު ޖެހިގެންނެވެ. އެހެންމީހަކު އަޔާނީއަށް ބަލާލަންވެސް ޒަލަފް ބޭނުމެއް ނުވެއެވެ. އަދި ޒަލަފްގެ ހައްގަކަށް ހަދަން އެހާ ބޭނުންވާ ކުއްޖަކާ އެހެންމީހަކު ވައިއެޅިލުމުގެ ފުރުސަތު ދޭކަށްވެސް ޒަލަފް ބޭނުމެއް ނުވިއެވެ.އައި ރުޅީގައި ތިކަމެއް ނުކޮށްދެވޭނެއޭ ބުނެ ޒަލަފް ހިނގައިގަތީ އަޔާނީގެ މޫނު ފެންނަ ހިސާބަށް ދެވޭތޯއެވެ.
ކޮންމެ ރެއަކުވެސް ނިދުމަކީ އަޔާނީއަށް ދަތިކަމަކަށް ވާންފަށައިފިއެވެ. އޮފީސްތެރެއިން ޒަލަފް ފެންނަން ފެށިފަހުން އަޔާނީގެ ހިޔާލީ ދުނިޔޭގައި ޒަލަފް ދަނީ ރަސްކަން ކުރަމުންނެވެ. ހޭލާހުންނަ ވަގުތު ތަކުގާ އަޔާނީގެ ހިތްއެދި ގޮވަނީ ޒަލަފް ދެކިލުމަށެވެ. އެހެންރޭރެއާ އެއްގޮތަށް ނިދިނާންނާތީ ޓެބްލެޓުން ގޭމްކުޅެލަން އަޔާނީ އޮތެވެ. ކުއްލިއަކަށް ފޯންވައިބްރޭޓް ވުމުން އަޔާނީ ފޯނަށް ބަލާލިއެވެ. ގަބޫލު ކުރަންވެސް ދަތިވީ ޒަލަފް މެސެޖްއެއް ކުރީމައެވެ. ” ޔާނީ.. ކިހިނެއްތަ؟.. މިރޭ ކައިފިންތަ؟… އޮފީސް ރަނގަޅު ތަ؟…” އަޔާނީ ހިނިތުން ވެލީ ޒަލަފް އޭނާއަށް ޔާނީގެ ނަމުން މުހާތަބު ކުރީމައެވެ. އަދި އުފަލުން އެމެސެޖަށް ޖަވާބު ނުދީ އޮވެވުނީ ފޯނަށް ބަލާށެވެ.
އަޔާނީގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޒަލަފްއަށް އޮވެވުނީ އިންތިޒާރުގައެވެ. ނަމަވެސް ޖަވާބެއް ނައުމުން އަޔާނީ ނިދިއްޔޭ ހިތަށްއަރާ އެހެން މެސެޖެއް ފޮނުވާލިއެވެ. ” ޔާނީ ނިދާފަ ދޯ… ގުޑް ނައިޓް.. ސްވީޓް ޑްރީމްސް..”
ފޯނަށް ބަލާލި އަޔާނީ ހިނިތުން ވެލީ އަނެއްކާވެސް ޒަލަފްގެ މެސެޖްއެއް ލިބުމުންނެވެ. އަދި އުފަލުން ފޯނު މޭގައި ޖައްސާލަމުން ނިދަންވެގެން ލޯމަރާލިއެވެ.
16 Comments!
Comments are closed.

Vrh salhi.. Waitin 4 de nxt prt…..
V rythi avaha up kohdhechey
Insha allah.. vee enme avahakah next part up kohdheynan.. unmeedhu kuran mi part kamudhiya kamah..☺☺☺
v salhi 🙂 keep it up 🙂
Haada kurey thnkolhe avaha up kodeeba zeek v v reethi……..story ge imeginthnkolhe bodhukoliyaam adhifurihamavaare
reethi ☺
Vv reethi
viber msg beleema seen araanu.?
Nice story
Kobaa next part..waiting ey….avaha up kohdhehchey…
Next part plx avahah zeek
Zeek avahah dhen oih part nukunvaba keihmadhu vejjey
Nice. Kobaa next part
Koba kuri yah nudhanytha?
Alheyy Zeek.. Kn irakun thrr nxt prt.. Cnnt wait…
Zeeeeeeeeeeeeeeeeeeeeekoooooooooooooooooooooo……….. Hrdhr las vejjey.. Bt still um waitin 4 de stwrii… Plx up it soooooon.. CNNT WAIT ANYMR….