
ވާތީ ހިތަކު ލޯބި މަންމަންވެފާ – 85

“ކޮން ކިހިނެތް ވިއްޔެކޭ ކިޔާކައްތަ އޭނ؟؟؟ މި ކާކު؟” އެޒިކިއެލް ދައްކާލީ އޭނާގެ އަތުގައި އޮތް ފޮޓޯގަނޑެވެ. ސިޓީ އުރައިގައި އޮތް ފޮޓޯ ފެނި މިކްޔާ ލަދުން ބޯފަޅައިގެން ދާ ވަރު ވިޔެވެ. އެކަމަކު ވެސް އެއީ އަސްލެއް ނޫންކަން އޭނާއަށް ހަމަ ޔަގީނެވެ. އެހެން ވިޔަސް އެކަން ސާބިތު ކުރަން އޭނާ ކުރާނީ ކީއް ހެއްޔެވެ؟
(85 ވަނަ ބައި)
ލަދުން ހުރެވެސް މިކްޔާ އަނެއްކާ އިސް އުފުލައިލިއެވެ. ފޮޓޯގަނޑުގައި އިނީ އޭނާއާއި ހޫދެވެ. އެއީ އޭނާއާއި އެކު ހަސްފަތާލުގައި މަސައްކަތް ކުރާ މީހެކެވެ. ދެމީހުން ބަރަހަނާކޮށް ތިބި އެ ފޮޓޯ ފެނި އަނެއްކާވެސް މިކްޔާއަށް އިސްޖަހައިލެވުނީ ލަދުންނެވެ.
“ކިހިނެތްވީ އިސް އުފުލާލަން ނުކެރިގެން ތިއުޅެނީ؟ ލަދު ގަތީތަ؟؟ ހުރި ހަޔާތް ކުޑަކަން ނިކަން ބަލާބަލަ!! މަގޭ ކޮއްކޮ އެހާލުގައި އުޅޭތީ މަށަށް އެހާ ވަގުތު ނުދެވުނީތީ މީތަ ކަލޭ ގައިން ގަނޑަކީ؟؟” އެޒިކިއެލްގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ.
“އެއްލޫ.. ނޫން.. ތީ އަސްލެއް ނޫނޭ… ޕްލީޒް… ގަބޫލު ކޮށްބަލަ” މިކްޔާއަށް ރޮވުނެވެ.
“އަހަރެން ނޫޅެން ކަލޭ ދައްކާ ވާހަކަ އަޑު އަހާކަށް. މިއަދު އަހަރެން މިއައީ ހުރި ހަމަ އެކަނި ކޮއްކޮ މި ދެއަތުން ވަޅުލާފައި ނޫން ނަމަ ވަގުތުން ވަގުތަށް ކަލޭ ވަރި ކުރީމުސް. މަށަކަށް ނުކެރޭނެ މިވާހަކަ މިވަގުތު މަންމަމެންނާ ހިއްސާ ކުރާކަށް. އެކަމަކުވެސް ބުނަން. މިހިސާބުން ކަލެއަށް ޓަކައި އަހަރެންގެ ހިތުގައި އެއްވެސް އިހުސާސެއް ނެތް” މިހެން ބުނެ އެޒިކިއެލް އެނދުމަތިން ބާލީހެއް ނަގާ މިކްޔާގެ މޫނާ ދިމާލަށް އެއްލިއެވެ.
“ބިންމަތީ ނިދާ.. އަހަރެން ބޭނުމެއް ނޫން ތިކަހަލަ މުޑުދާރު މީހެއް އަހަރެން ކައިރީ ބާއްވާކަށް” މިހެން ބުނެ ލައިގެން ހުރި ގަމީސް ހޫރާލަމުން އެޒިކިއެލް އެނދުގައި އޮށޯތެވެ.
އިރުގެ ރަން ދޯދިތައް އުދަރެސް މަތީގައި ނެގިފައި ހުރި ކުލަކުލައިގެ ފަރުދާތަކުގެ ތެރެއިން ދުނިޔެއަށް ވެރިވާން ފަށައިފިއެވެ. އިރުމަތީގެ އުދަރެސް ރަތް ކުލަޔާއި ފިޔާތޮށިކުލައިގެ އެކި ދަރަޖައިގެ ކުލަތަކުން ޒީނަތްތެރިވެ، މުޅި މާހައުލަށް ހިތްގައިމު ރީތިކަމެއް ގެނެސްދެއެވެ. ފިނިފިނި ރޯޅިތައް ޖެހި، ގަސްގަހާގެހި ތެޅި ލާއިރު، ދޫނިސޫފާސޫފީގެ މަޖާ އަޑުތައް ގުގުމާލައެވެ.
ދުނިޔަވީ މި ރީތި މަންޒަރު ފެންނަން އޮތް އިރުވެސް ޔައުލާން އޮތީ އޭނާގެ ކޮޓަރީގައި ދިއްލާފައި ހުރި ފަނޑު ނޫ ކުލައިގެ އަލިކަމުގެ ތެރޭގައި ފުން ނިންޖެއް ގައެވެ. ކޮޓަރީގެ ދޮރުފޮތިތައް ރަނގަޅަށް ބަންދުކޮށްފައި ހުރުމާއެކު، އިރުގެ އަލިކަން ކޮޓަރި ތެރެއަށް ވަދެފައިވަނީ ވަރަށް ކުޑަކޮށެވެ. އެހެން ވިޔަސް ކޮޓަރި ތެރެ އަލިވެގެން ދިޔައީ ފާހާނާ ދޮރު ހުޅުވުމުންނެވެ.
ފެންވަރާ ތާޒާ ވެލައިގެން ނިކުން އެލާރާގެ މޫނުމަތީގައިވީ ލުއި ލުއި ހިނިތުންވުމެކެވެ. ކަޅު ކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުމެއް ލާފައި ކުރީމް ކުލައިގެ ހަރުވާޅެއް ލަމުން އޭނާ ގައިގައި ލޯޝަން ލާ މީރުވަސް ދުއްވާލިއެވެ. ފުނާ އަޅާ ތާޒާ ވެލަމުން އޭނާ ގޮސް ހުއްޓުނީ ޖާލީ ދޮރު ކައިރީގައެވެ. ފަހަތަށް އެނބުރި ޔައުލާންއާއި ދިމާލަށް ބަލައިލާފައި އެލާރާ އެއްމިޔަކަނުން ހީލިއެވެ. އަދި ދެއަތް ފުޅާކޮށްލަމުން ފޮތިގަނޑު ކަހައިލިއެވެ. އަދި ބާރަކަށް ‘ރައިޒް އެންޑް ޝައިން’ އޭ ބުނެލިއެވެ.
“ދޭންންންން އެލާ” ޔައުލާން ބާލީހުގައި މޫނު ފޮރުވާލަމުން ޝަކުވާ ކޮށްލިއެވެ.
“ކޮން ދެން އެލާއެއް ކިޔާކައްތަ؟ އަވަސް ކުރޭ.. ތެދުވޭ.. އަވަސް އަވަސް” ޔައުލާންގެ އަތުގައި ހިފަން އެލާރާ އުޅުމާއިއެކު ކުއްލިއަކަށް ޔައުލާން އޭނާގެ އަތުގައި ހިފާ އެލާރާ އޭނާގެ ގައި މައްޗައް ވައްޓާލިއެވެ.
“ނުވޭ ތެދުވާ ހިތެއް. މިހެން އެލާ ކައިރީ އޮންނަ ހިތްވަނީ އަބަދުވެސް” އެލާރާގެ ދޮން ކޯތާފަތުގައި ފިރުމާލަމުން ޔައުލާން ބުނެލީ ލޯބިން ފުރިގެންވާ ރާގެއްގައެވެ.
“ހަހަ. ތިކަމެއް ނޭނގެ އެލާ ފެންވަރަން ދިޔަ އިރު ވެސް މީނައަކަށް ނުވެސް އިނގޭ” ކަޅި އަނބުރާލަމުން އެލާރާ ބުނެލިއެވެ.
“އެއީ ނުހޭލެވޭ ތީއޭ. ހޭލެވުނީމަ ހަމަ ބޭނުމެއް ނޫން” އެލާރާ ކުޑަ ނޭފަތުގައި ނޭފަތް ޖައްސާލަމުން ޔައުލާން ބުނެލިއެވެ.
“ހޫން.. ހެވޭ.. ހިނގާ އަވަސްކޮށްގެން ސައިބޯން” އެލާރާ ޔައުލާންގެ އިސްތަށިގަނޑު ހާވާލިއެވެ.
“ނާސްތާ މިއޮތީ ނުން ކައިރީގަ؟” މިހެން ބުނެ ޔައުލާން އެލާރާގެ ކޯތާފަތުގައި ހިފާ މޫނާއި މޫނު ކައިރި ކޮށްލިއެވެ.
“މަންމިއާއި ބައްޕިއާއި އެލައި ނުލާ ލޯބި ކޮށްލަނީ ދޯ؟” ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓާ ކުޑަ ކުޑަ އަލައިރާ އެނދުން ފައިބައިގެން ޝަކުވާ ކޮށްލިއެވެ.
“އަންހާ.. ތީ ބައްޕިގެ ޕްރިންސެސް އޭނުން؟؟ އަވަހަށް އާދޭ ލޯބީ” މިހެން ޔައުލާން ބުނުމުން އަލައިރާ އުފާވެފައި ގޮސް ދެމަފިރިންގެ ދެމެދަށް ވަނެވެ. އަލައިރާ ވަނުމާއި އެކު ދެމީހުންގެ ތުންފަތުގައިވީ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. އަލައިރާގެ ލޯބި ލޯބި ހުނުމުން މުޅި ކޮޓަރިއަށް ވެސް ދިރުން ގެނުވާފަދައެވެ…
***
ނިދިފައި އޮތް ޔައުލާންގެ ދެލޯ ހުޅުވާލެވުނީ ތުއްތު ތުއްތު އަލައިރާ ކުކުރާލީ އަޑަށެވެ. ލަސް ލަހުން އެސްފިޔަ ޖަހައިލަމުން ޔައުލާން ތެދުވެ އިށީނެވެ. އޭރުވެސް އޭނާގެ ކޯތާފަތުގައި ހިކިފައި ހުރި ކަރުނަތިކިތައް ހުއްޓެވެ. އަލައިރާ އުރާލަމުން ޔައުލާން އޭނާގެ އުނގުގައި އެކުއްޖާ ބާއްވާލިއެވެ. މަޑުމަޑުން ނާނާއެއް ކިޔާލަ ދެމުން ބުއްފުޅި ތައްޔާރު ކޮށްލަ ދިނެވެ. އަލައިރާ ގޮވައިގެން ޔައުލާން އެނދުގައި އިށީނެވެ.
ބުއްފުޅި އަލައިރާގެ ތުމުގައި ޖައްސާލަމުން ޔައުލާން އެތުއްތު ފުރާނައިގެ ނިތުގައި ތުން ޖައްސާލިއެވެ. “އަލައި… ދެރަ ނުވައްޗޭ.. އަލައި އެކަންޏެއް ނުވާނެ… އަބަދުވެސް، މި ބައްޕި ހުންނާނަން” ޔައުލާންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފިރުކިފައި ވެއްޓުނީ އަލައިރާގެ ކޯތާފަތަށެވެ.
“ބައްޕީ… ބައްޕީ.. ބައްޕީ” ނިދިފައި އޮތް ދިޔާންއަށް ހޭލެވުނީ ޔޫއާލް އައިސް އޭނާއަށް ގޮވަން ފެށުމުންނެވެ. ގަޑި ބަލައިލީ އިރު ކަމަކު ދާކަށް ނެތެވެ. އެޔޮއް މިހާރު 10 ޖެހީއެވެ.
“މަންމިވެސް ބައްޕިއަށް ހާދަ ގޮވިޔޭ. ބައްޕި ހާދަ ގަދަ ނިންޖެއްގައޭ ދޯ ތިއޮތީ؟ މިހާރު ކޮއްކޮ ސުކޫލަށް ގޮއްސަ މިއައީ. އަދިވެސް ބައްޕި ތިއޮތީ ނިދާފަ” ޔޫއާލް ތުންކޮޅު އޫކޮށްލިއެވެ.
“ސޮރީ ދަރިފުޅޫ… ބައްޕިއަށް ރޭގަ ތަންކޮޅެއް ލަހުން ނިދުނީ.” ފިކުރުތައް ބޮޑުވެފައިވީ ވަރުން ރޭގައި ހަގީގަތުގައި އޭނާއަކަށް ނުވެސް ނިދެއެވެ. “އަންނާނަން ބައްޕި ދަތް އުނގުޅާލައިގެން. އޭރަށް ދަރިފުޅު ވަދޭ ފެންވަރަން” ޔޫއާލްގެ ބޮލުގައި ފިރުމާލަމުން ދިޔާން އެނދުން ތެދުވިއެވެ.
ތާޒާ ވެލައިގެން ދިޔާން ކާގެއަށް ވައިން އިރު ޔޫޒާ ތަށިތައް ނަގަނީއެވެ. ދިޔާން ފެނުމުން އޭނާ ބޯ ހޫރުވައިލިއެވެ.
“ސާބަސް ދިޔާންއަށް. އަހަރެން ހަމަ ތަށިތައް ނަގަންދެން ހުރިހެން ހީވަނީ” ބޯ ހޫރުވާލަމުން ޔޫޒާ ބުނެލިއެވެ.
“އޯކޭ ވާނެ.. ސައިތައްޓެއް ގެނޭ.. ބިސްކޯދާއި ސަޔާ ބޯނީ…” ގޮނޑީގައި އިށީންނަމުން ދިޔާން ބުނެލިއެވެ.
ކުޑަ ހިނދުކޮޅެއް ތެރޭގައި ޔޫޒާ ހޫނު ސައިތައްޓެއް ގިރައިގެން އައެވެ. ދިޔާން ކައިރީގައި ސައިތަށި ބައިންދާފައި ޔޫޒާ ދިޔައީ ބިސްކޯދު ތަށި ބަލައެވެ.
“އިއްޔެ އިނގޭތަ ދާއިޔަލް ހައްޔަރުން ސަލާމަތް ކޮށްދިން ފުލުސް މީހާގެ ކޮއްކޮ ނިޔާވި… ވަރަށް ގުޅިން ޖަނާޒާއަށް ދާން.. ކޮންތާކު އިއްޔެ އުޅުނީ؟” ޔޫޒާ ކޮށްލި ސުވާލުން ދިޔާން ކޮށި އެރިއެވެ.
“ކިހިނެތް ވީ..؟” ޔޫޒާ ދިޔާންގެ ކޮނޑުގައި ފިރުމާލިއެވެ.
“ތަންކޮޅެއް ހޫނީ..” ކަރުކެހިލަމުން ދިޔާން ބުނެލިއެވެ.
(ނުނިމޭ)
އައްޑިހަހަވަނަބައިގެ ތެރެއިން:
“އޭ!! ކާކުތަ ބުނީ ކަލޭ ކައިރީގަ ކާން އިށީންނާށޭ؟؟؟” ކުއްލިއަކަށް އެހެން ބުނި އަޑު އިވުމުން ދިޔާން ދިޔައީ ސިއްސައިގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (6)
Comments are closed.
Onggg…mi ep vs vrhh lwwbiii Masha’Allah
Cannot wait for the nxt eps😍😩
Jazaakillah khair MaZy 🩶🩶 next episode out noww🩶🩶
Masha allah! Vrh reethi✨
DUUUUDEEEEE!!!!!
DHIYAANNN?????? he the damn bosss????? Alhe gabooleh vx nukurevey😭
Btw mikya, norrr😭 why did ellu believe it tho??
E rasha gandu mihaaru kobaa thr?
Waiting for the next..
So sorry for not commenting on previous eps.. Js too busy
LYSM N TC💗
Jazaakillah khair Your fav babb 🩶
YESS DHIYAAN IS THE BOSS😭😭
welll i mean it was believable.. dhen lets see dhww hehe.. Rasha dhn i dont think annaane henneh.. she moved to male dhw.. so.. ya..
next episode out noww🩶🩶
Yess its okey darl🩶 ilsym tc too🩶🩶
Nice
Jazaakillah khair Anonymous²🩶🩶