
ލޯބިވީމޭ ސިއްރުން

މީހުން އަބަދުވެސް ކިޔާތީ އަޑު އަހަމެވެ. ލޯތްބަކީ ފޮނި އެއްޗެކެވެ. ރީތި އެއްޗެކެވެ. ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ނިޢުމަތެކެވެ. ނަމަވެސް އެއީ މިހާ ވޭންދެނިވި، މީހާ ބަލިކަށި ކޮށްލާ އެއްޗެއްކަމަށް ނުބުނީ ކީއްވެ ހެއްޔެވެ؟
އަހަރެންނަށް އެންމެ 15 އަހަރުގައި ލޯތްބަކީ ކޮބާކަން ދަސްކޮށްދިނީ އިކާންއެވެ. އެ ރީތި ހިނިތުންވުމެވެ. އެ ކަޅު އަނދިރި ގަނޑެއްފަދަ ގަދަ މުށި ކުލައިގެ ދެލޮލެވެ. ހީލާ ގޮތުން އެ ކޮލަށް އެޅޭ އަޑިކޮޅެވެ. އެ ފަންފަން އިސްތަށިގަނޑެވެ. އިކާންގެ އެ ރީތި ކަމުގެ އަވައިގައި އަހަރެން ޖެހުނީ އަހަންނަށް ނުވެސް އެނގޭ ހާލުގައެވެ. ލޯބިވެވުނުކަން އެނގުނު އިރު ވަގުތު ވަނީ ފާއިތުވެފައެވެ.
……….
އެދުވަހަކީ އެހެން ދުވަސްތައް ފަދައިން އަހަރެންނަށް ހަމަ އާދައިގެ ސްކޫލު ދުވަހެކެވެ. ފަތިހު ފަތިހާ ތެދުވެ ނަމާދުކޮށް ސްކޫލަށް ދިޔައީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. ގަޑި ޖެހެން ވާއިރަށް ސްކޫލަށް ވަދެ ކުލާހަށް ދިޔައީ ވެސް ހަމަ އެހާލުގައެވެ. ކުލާހަށް ވަދެ ހުރިހާ ކުދިން ހަމަވެ ޓީޗަރު ވެސް އައިއްސިއެވެ. ނަމަވެސް ޓީޗަރު ކުލާސް ނުފަށާ އިރުއިރު ކޮޅާ ދޮރާ ދިމާލަށް ބަލާ ގޮތުން އަހަރެންގެ ބޮލުގައި ސުވާލު މާކެއް ޖެހިއްޖެއެވެ. ”އޭ. ކީއްވެތަ ސަރ ކުލާސް ނުފަށަ ދޮރަށް ބަލަނީ؟“ އަހަރެންގެ ކަނާތް ފަޅީގައި އިން ދެކުދިންގެ ތެރެއިން އެއްކުއްޖަކު ބުނެލި އަޑު އަހަރެން އެހީމެވެ. އެހެންވީމާ އެކަން ފާހަގަވީ އަހަންނަށް އެކަންޏެއް ނޫންތާއޭ ހިތަށް އަރާ ހާލު އަހަރެން ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލީމެވެ.
ކުއްލިއަކަށް ކުލާހުގެ ދޮރު ހުޅުވި އަޑަށް ހައިރާންވެ އަހަރެން އެދިމާލަށް ބަލައިލީމެވެ. ކުލާހުގައި އެންމެން ހަމައަށް ތިއްބާ އެއައީ ކާކު ބާއޭ ހިތަށް އަރާ ހާލުގައެވެ. އަހަރެންގެ ހައިރާންކަން ދެގުނަވެގެން ދިޔައީ ނުވެސް ދަންނަ މީހަކު ކުލާހުގެ ކުރިމަތީގައި ހުރީމައެވެ. އަދި އަމުދުން އަހަރެމެންގެ ސްކޫލު ޔުނީފޯމް ލައިގެން ހުރީމައެވެ. ހާދަ ރީތި މީހެކޭ ހިތަށް އެރިއެއް ކަމަކު، އެއްފަހަރު ޓީޗަރަށް އަދި އަނެއް ފަހަރު އެކުއްޖާއަށް އަހަރެންނަށް ބަލާލެވުނީ އެ ހައިރާންކަން ނުފިލާތީއެވެ. ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި އަހަރެން ބަނދެވިގެން ދިޔައިރު އަހަރެންގެ ދެލޯ ކާށްޓަކަށް ހަދަން މަޖުބޫރުވީ ދެން ޓީޗަރު ބުނެލި ބަސްތަކުންނެވެ.
”މިއީ މިކުލާހަށް އަލަށް ޖޮއިންވާ ކުއްޖެއް. ހުރިހާ ކުދިން ވެސް ވާނެ މިކުއްޖާއާ ރަހުމަތްތެރިވެ ކަންކަމުގައި އެހީވާން.“ އަހަރެމެން އެންމެންނަށް ބަލަމުން ޓީޗަރު ބުންޏެވެ. އަދި އެ ކުއްޖާއަށް އިޝާރާތެއް ކޮށްލައިފިއެވެ. ”ހެލޯ. އަޅުގަނޑުގެ ނަމަކީ އަލީ އިކާން އިކުރާމް.“ ހީލަމުން އެކުއްޖާ ބުނެލިއެވެ. އެއާއެކު އަހަރެންނަށް ވީގޮތް ވެސް ނޭނގުނެވެ. މެޔަށް ހަމަ ގައިމު ވެސް ގޮތެއް ވެއްޖެއެވެ. ބަނޑުގައި އެއްޗެހިތަކެއް ދުވާ ކަހަލަ އިހުސާސެއް ވެސް ކޮށްފިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. ”އެމީހާ ހެން އެ ހިނިތުންވުން ވެސް ހާދަ ފުރިހަމައޭ.“ ނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ މޫނުގާ ދެއަތުން ޖަހާލެވުނީ މި ވިސްނަނީ ކޮން މޮޔަ އެއްޗެއްހޭ ހިތަށް އަރާ ހާލުގައެވެ.
”އެންމެ ރަނގަޅު. އިކާން، އޭނަ ހުސް މޭޒުގައި އިށީނދޭ އިނގޭ. އެއީ މީގެ ފަހުން އިކާން އިށީންނަ ތަން.“ އެހެން އިންދާ އަހަރެންގެ މޭޒާ ޖައްސާފައި އިން ހުސް މޭޒަށް އިނގިލި ދިއްކޮށް ޓީޗަރު ބުނެލި ބަސްތަކުން އަހަރެންގެ ދެލޯ މުދުނަށް ނޭރީ ހަމަ ކިރިޔާއެވެ. ވަގުތުން ޓީޗަރާ ބަހުސް ކުރަން އަނގަ ހުޅުވާލީމެވެ. ނަމަވެސް އެ އަނގަ ލައްޕަން މަޖުބޫރުވީ ހުރިހާ އެންމެން އަހަރެންނަށް ބަލަން ހުރިކަން ފާހަގަވުމުންނެވެ. އެ އިކާން އެއް ވެސް ބަލަން ހުރީމައެވެ. އެންމެން އަހަރެންނަށް ބަލާތީ އިސްޖަހާލަން އަހަންނަށް މަޖުބޫރުވިއެވެ.
”ރީވާ ވާނެ އިނގޭ އިކާނަށް އެހީވާން. ކައިރީގައި އިންނާތީ އިކާންއަށް ސްކޫލުގެ ތަންތަން ދައްކާ ހަދާލަން މި ހަވާލު ކުރަނީ ރީވާއަށް އިނގޭ.“ ޓީޗަރު އެހެން ބުނުމުން އަހަރެންނަށް ހިތާހިތުން ކުދި ކިޔާލެވުނެވެ. އެހެން ނަމަވެސް ބޭރުފުށުން އެކަން ނުދައްކާ ހީލަމުން ލައްބައޭ ބުނެލީއެވެ. އެހާ ރީތި މީހަކާ އެކީ ވަގުތު ހޭދަކޮށްގެން އަހަރެންގެ އަގުހުރި ވަގުތުކޮޅު ހުސްވިޔަސް ރަނގަޅު ވާނޭ ހިތަށް އަރާ ހާލުގައެވެ.
އެ އިކާން އަހަރެންނާ ދިމާލަށް ފިޔަވަޅު އަޅަން ފެށުމުން އަހަރެންގެ މޫނުން އޮށްދާ ހިއްލަން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ނޭނގޭ ބާރު މިނެއްގައި ހިތް ތެޅެން ފެށި ބަނޑުގައި އަނެއްކާ ވެސް އެއްޗެހިތަކެއް ދުވާހެން ހީވާން ފެށިއެވެ. މިވަނީ ކީއްކަން ނޭނގޭ ހާލު އަހަރެން ބެލީ އިކާން އައިސް ކައިރީގައި ހުރި ގޮނޑި ދަމާލާ އިށީނުމުން އޭނާއަށް ހިނިތުންވުމެއް ރައްދު ކުރެވޭތޯއެވެ. އަހަރެން ހީލާ އިރަށް އޭނާ ވެސް ހީލިއެވެ. އެ ރީތި ފުރިހަމަ ހިނިތުންވުމެވެ.
އިކާން ހީލުމުން އެ ކޮލަށް އެޅުނު އަޑިކޮޅު އަހަރެންނަށް ފާހަގަ ވުމުން އިހުތިޔާރުން ބޭރުގައި އެ އަޑިކޮޅުގައި އަތް ލެވިއްޖެއެވެ. ދެވަނަ ސިކުންތުގައި އަހަރެންނަށް ގޮނޑިން ފުންމައިގެން ތެދުވެވުނެވެ. އެއާއެކު ކުލާހުގައި ތިބި އެންމެން ހެން އަހަރެންނަށް ބަލައިފިއެވެ. އަހަރެން ލަދުން މަރުނުވީ ކިރިޔާއެވެ. ޓީޗަރު ވީ ކީއްތޯ އެހުމުން ކަމެއް ނުވެޔޭ ކިޔާ އަހަރެން އިށީނީމެވެ. އިށީންނަމުން އިކާންއަށް ވައްކަޅިން ބަލާލީމެވެ. އޭރު އޭނާ އިނީ އަހަރެންނާ ދިމާލަށް ދެލޯ ބޮޑުކޮށްގެން ބަލާށެވެ. “ހަހް. ޕާފެކްޓް، މިސަސް ނުބެހޭ ކަންކަމާ ބެހޭ. ދެން އިކާންއާ ކުރިމަތި ލާނީ ކިހިނެތް. ޕިސް. ބޮޑު މޮޔަ“ އިސް ޖަހައިގެން އިނދެ އަހަރެން އަމިއްލަ ނަފުސަށް އަޑުލައިގަތީމެވެ.
އެދުވަހުގެ ކިޔެވުން ދިޔައީ އެފަދަ ގޮތަކަށެވެ. އަހަރެންނާ އިކާން ހަމަ އެއްވެސް ވަރަކަށް ވާހަކަ ދެއްކުމެއް ނެތިއެވެ. ލަދުން ވެސް ވާހަކަ ދެއްކޭނެ ހެއްޔެވެ؟ އަހަރެންގެ މި މޮޔަ ކަމުން އުޅެންޖެހޭ ހާލު ދެކިބަލާށެވެ.
………..
އޭގެ އަނެއް ދުވަހެވެ. އަހަރެން މިއަދު އިކާނާ ވާހަކަ ދެއްކީއެވެ. ކިތަންމެ ދުރުން އުޅެން މަސައްކަތް ކުރިޔަސް 7 ގަޑިއިރު ވަންދެން ކައިރީގައި އިންނަ މީހާއާ ވާހަކަ ނުދައްކާ އިންނާނީ ކިހިނަކުން ހެއްޔެވެ؟ އަދި އަމުދުން ޓީޗަރު އަހަރެންނާ ހަވާލު ކޮށްފައި އޮތް މަސައްކަތުންނެވެ. އާއެކެވެ. އަހަރެން އިކާނަށް ސުކޫލު އޮތްގޮތް ދައްކަނީއެވެ.
”ސޯ. ދިސް އިޒް ދި ލައިބްރަރީ. އެންޑް ޖެހިގެން އޭނި އޮފީސް. އެންޑް ދެން މިތާ ތިރީގަ އިންނާނި ސްޓާފް ރޫމް.“ މިއަދުގެ ކިޔެވުން ނިމުމާއެކީ އަހަރެން ހިތްވަރު ކޮށްފައި އިކާނަށް ސުކޫލުގެ ތަންތަން ދައްކާލަން ގެންދިޔައީމެވެ. އެއްކޮށް މި ނިމުނީ އަދި ކިރިޔާއެވެ. ހިނގާ ހިނގާ އަހަރެން ހަމަ ރަނގަޅަށް ވެސް ވަރުބަލި ކޮށްލައިފިއެވެ.
”ދެޓްސް އޯލް.“ އަހަރެން ބުނީމެވެ. ”ތެންކްސް ފޯ ދަ ޓުއަރ ރީވާ. އިޓް ވޯޒް ޕްރެޓީ ނައިސް ޓު މީޓް ޔޫ. އައި ވުޑް ލައިކް އަސް ޓު ބީ ފްރެންޑްސް.“ އިކާން ބުނެލިއެވެ. އެއާއެކު އަހަރެންނަށް ހީލެވުނީ ބޭއިހްތިޔާރުގައެވެ. އެހާ ރީތި މީހަކާ އެކުވެރިވާން ކޮންމެ މީހަކު ވެސް ބޭނުންވާނެތާއެވެ. އަދި އަމުދުން އަހަރެން ކަހަލަ އެކުވެރިން މަދު މީހުންނެވެ. ”ޝުއަރ، މައި ނިއު ފްރެންޑް……. އަހް. އެންޑް އައިމް ސޮރީ އިއްޔެ އެހެން ހެދުނީމަ.“ އިސް ޖަހާލަމުން އަހަރެން ބުނީމެވެ. ”އިޓްސް އޯކޭ. އައި ނޯ ޔޫ ޑިޑިންޓް ޑޫ ދެޓް އޮން ޕާޕަސް.“ އޭނާ ހިނިތުން ވެލާފައި ބުނެލިއެވެ.
އޭގެ ފަހުން އަހަރެންނާއި އިކާން ވެގެން ދިޔައީ ނުހަނު ގާތް އެކުވެރިންނަށެވެ. އެންމެ ގާތް ރަހުމެއްތެރިންނެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހުރިހާ ކަމެއްވެސް އަހަރެމެން ކުރީ އެކުގައެވެ. ކަމެއް ވިއްޔާ އެވާހަކަ އެކަކު އަނެކަކު ކައިރި ކިޔަމެވެ. އެއްވެސް ސިއްރެއް އަހަރެމެން ދެމެދަކު ނެތެވެ. އިކާންއަކީ އަހަރެންގެ ހުރި ހަމައެކަނި 2 ރަހުމަތްތެރިންގެ ތެރެއިން އެކަކަށް ވުމުން އިކާން ވެގެން ދިޔައީ އަހަރެންނަށް ވަރަށް ވެސް ހާއްސަ މީހަކަށެވެ. އަދި އިކާންގެ ބައިވަރު ރަހުމަތްތެރިން ތިއްބެއް ކަމަކު އަހަރެންނާ އެކީ އުޅޭތީ އަހަރެންނަކީ ވެސް އިކާންއަށް ވަރަށް ހާއްސަ މީހެއްކަން އަހަރެންނަށް ޔަގީނެވެ.
………..
ދުވަސްތައް ހަލުވި ކަމާއެކު ހިނގަމުން ގޮސް އަހަރެންނަށް 18 އަހަރު ފުރިއްޖެއެވެ. އޭރު ވެސް އަހަރެންނާ އިކާންއަކީ އެކުވެރިންނެވެ. އަދި އަހަރެމެން ދެމީހުންގެ އިތުރުން އަހަރެންގެ އަނެއް އެކުވެރިޔާ ލީރާއަކީ ވެސް މިހާރު އިކާންގެ އެކުވެރިއެކެވެ. އިކާންއާއި ލީރާ އެކަކު އަނެކަކު ކުރިން ނުދެކުނީ ލީރާއަށް 12 އަހަރުގައި މާލެއަށް ބަދަލުވީމައެވެ. އޭގެ ފަހުން އޭނާ ރަށަށް އެ އައީ 6 އަހަރު ފަހުންނެވެ. އޭ ލެވެލް ނިމުނީމައެވެ. އައުމާއެކު އަހަރެން އެދެމީހުން ވެސް އެކުވެރި ކުރުވައިފީމެވެ. އޭރު އަހަރެންނަށް ނޭނގުނީ އެއީ އަހަރެންގެ ދިރިއުޅުން ނަރަކައަށް ހަދާލަން މެދުވެރިވާނެ ސަބަބެއް ކަމެވެ.
………
އޭގެ އެއްދުވަހެވެ. އަހަރެންނާއި ލީރާއާ ދެމީހުން ރޭގަނޑު އަހަރެންގެ ގޭގައި ސްލީޕްއޯވާއެއް ބޭއްވީމެވެ. ދަންވަރު 12 ޖެހިއިރު އަހަރެމެން ނިދަންއަރާ ތިބެ ފާޑުފާޑުގެ ވާހަކަ ދެއްކީމެވެ. އެހެން ގޮސް ދެން ލީރާ ބުނެލި ވާހަކައިން އަހަރެންނަށް އުނދަގޫ ވެއްޖެކަން ގައިމެވެ. ”ރީވްސް. އައި ހޭވް ސަމްތިން ޓު ޓެލް ޔޫ.“ ލީރާ މިހެން ބުނުމުން ޝައުގުވެރިވެފައި އަހަރެން އެވާހަކައެއް އަޑުއަހަން ކެތްތެރިކަމެއްނެތި މަޑުކުރީމެވެ. ”ސޯ. ދަ ތިންގް އިޒް، އައި ހޭވް އަ ހިއުޖް ކްރަޝް އޮން އިކާން. އައި މީން، އައި ލައިކް ހިމް. ނޯ، އައި ލަވް ހިމް. ޔާ، އައި ލަވް އިކާން، ރީވްސް.“ ލަދުން މަރުވާ ހާލު ލީރާ އެހެން ބުނުމުން އަހަރެންނަށް ހީވީ މީހަކު އަހަރެންގެ މޫނުމަތީގައި ބާރުބާރަށް ޖެހި ހެންނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެވާހަކަ އަޑު އަހާފައި އަހަރެންނަށް އުނދަގޫ ވެއްޖެއެވެ. ”ސޯ، ކޭން ޔޫ ހެލްޕް މީ ރީވްސް؟ އަސްލު އެހާ ހޮޓް މީހަކާ އެކީ އުޅުނު އިރުވެސް ރީވްސް ހިތް ނުކިޔާތީ ހައިރާންވޭ އިނގޭ. ކުރީ ދުވަހު އެހީމެއްނު އިކާންދެކެ ލައިކްވޭތޯ. ލީ އަސްލު ހުރީ ޔޫ ލައިކް ވަންޏާ އިކާން މަތިން ހަނދާން ނައްތާލަން. ބަޓް ރީވްސް ލައިކް ނުވެޔޭ ބުނީމަ އައި ވޯޒް ސޯ ހެޕީ. ސޯ، ހެލްޕް މީ ރީވްސް.“ ލީރާ އުފަލުން ހުރެ ކިޔަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ހިތަށް ދިޔައީ ހަންޖަރު ތަކެއް ހެރެމުންނޭ ބުނުމަކުން ދޮގަކަށް ނުވާނެވެ.
އާއެކެވެ. އަހަރެންނަށް މިވަނީ އިކާންދެކެ ލޯބިވެވިފައެވެ. އެންމެ ފުރަތަމަ ފެނުނު ދުވަހުން ވެސް މެއެވެ. ނަމަވެސް އެކަން އަހަރެންނަށް ކުރިން ރެއަކާ ނުލީ ކީއްވެ ހެއްޔެވެ؟ އެނގުނު ނަމަ ހަމަ ގައިމުވެސް އިކާން އަހަރެންގެ ހައްގަކަށް ހަދާނަމެވެ. އިކާންއަށް ލޯބި ހުށަހަޅާނަމެވެ. ލީރާއާ އިކާން ކައިރި ނުކުރާނަމެވެ. އެދުވަހު ލީރާ އެހެން އެހުމުން ލޯބިވެޔޭ ބުނީމުހެވެ. މިއޮތް ހުރިހާ ދުވަހު އަހަރެން ހީކުރީ އިކާން ފެނުމުން އެގޮތްގޮތް ވަނީ ހަމައެކަނި އިކާން ރީތިވީމާ ކަމަށެވެ. އިކާންއަށް ހާއްސަ ކަމެއް ދެވެނީ އެއީ ހުރި ހަމައެކަނި އެކުވެރިޔާއަށް ވީމާކަމެވެ. ނަމަވެސް އަހަރެންގެ މި ގަމާރު ސިކުނޑިއަށް އެއީ ހުސް ވެސް ލޯބިކަން ރެއަކާނުލީ ކީއްވެ ހެއްޔެވެ؟ ލީރާ އެހެން ބުނުމުން އެކަން ރެއަކާލީ ކީއްވެ ހެއްޔެވެ؟ އިކާން ހީލުމުން ހިތަށް އެނގުން ވެލާގޮތް ޖަވާބަކަށް ނުފުދޭ ހެއްޔެވެ؟ އޭނާ ކައިރި ވުމުން ހިތުގެ ހިނގުން އަވަސްވާ ގޮތް ވެސް ނުފުދޭ ހެއްޔެވެ؟ އޭނާ އަހަރެންނާ ހީ ސަމާސާކޮށް ހަދާއިރު ބަނޑުގައި ކޮކާ އުދުހޭހެން ހީވުން ވެސް ވަކި ހެއްކަކަށް، ޖަވާބަކަށް ނުފުދެނީ ހެއްޔެވެ؟ އަމިއްލައަށް އަމިއްލަ ހަލާކުގެ ތެރެއަށް ތިއޮތީ ވަދެވިފައެވެ. ދެން އިކާން ހަމަގައިމުވެސް އަހަރެންނަކަށް ނުލިބޭނެއެވެ. އިކާން އަހަރެންދެކެ ލޯބިވިޔަސްމެއެވެ. ލީރާއަށް އެފަދަ ދެރައެއް ދޭނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ.
”ހޭއި. ރީވްސް. އާރ ޔޫ ލިސެނިން؟ ހަހް؟ ވައި އަރ ޔޫ ކްރައިން؟“ ލީރާގެ އަޑަށް ހިޔާލުތަކުން އަހަރެންނަށް ނުކުމެވުނެވެ. އަދި ކޮލުގައި އަތް ޖައްސާލެވުނީ ލީރާ ބުނި ވާހަކައިންނެވެ. އަހަރެންނަށް ރޮވުނު އިރުވެސް އަހަންނަކަށް ނޭނގުނެވެ. ނަމަވެސް ރުއިމުގެ ބަދަލުގައި އަހަރެން ގަދަކަމުން ލީރާއަށް ހީލީމެވެ. ”ކަޒް. ދެޓް ވޯޒް ސަމްތިން އައި ހޭވް ބީން ވެއިޓިން ފޯ. މައި ޓޫ ލަވްސް ބީއިން ޓުގެދާ“ އެ ހިނިތުންވުމުގައި ހުރެ އަހަރެން ބުނީމެވެ. އެއާއެކު ލީރާ އަހަރެންގެ ގައިގައި އުފަލުން އޮޅުލައިގަތެވެ.
………
އޭގެ ދެދުވަސް ފަހެވެ. އަހަރެން ހުރީ ކަނު ބަނދެފައި ހުރި ލީރާގެ އަތުގައި ހިފައިގެންނެވެ. ދުވަހަކީ ލީރާގެ އުފަންދުވަސް ކަމުން އަހަންނާއި އިކާން އެކަން ފާހަގަ ކުރަނީއެވެ. ލީރާ ގޮވައިގެން ގެނެސް ކޭކު ދޮށުގައި ބަހައްޓަމުން އަހަރެން އެ ލޮލުގައި އަޅާފައި އޮތް ފޮތި ކޮޅު ނެގީމެވެ. އަދި އިކާންއާ އެކުހެން ލީރާއަށް އުފަންދުވަހުގެ ތަހުނިޔާ ކީމެވެ. އަދި އިކާން ބުނެގެން ތަށި ބަލާ ގޮސް އައި ވަގުތު ފެނުނު މަންޒަރުން އަހަރެންގެ ދުނިޔެ އެފުށް މިފުށަށް ޖެހުނު ފަދަ އިހުސާސެއް ކުރެވުނެވެ. އިކާން ހުރީ އެއްފައި މައްޗަށް ތިރިވެ އަނގޮއްޓިއެއް ހިފައިގެންނެވެ. އޭރު ލީރާ ހުރީ އޭނާގެ އަނގަމަތީގައި އަތް އަޅައިގެންނެވެ. ދެވަނަ ސިކުންތުގައި އިކާން ލީރާގެ އަތުގައި އެ އަނގޮއްޓި އެޅުވިއެވެ. ދެން ފެނުނީ އިކާން ތެދުވެ ލީރާގެ ގައިގައި ލޯބިން ބައްދާލި މަންޒަރެވެ.
އެމަންޒަރު ބަލަން ހުރި އަހަރެންގެ ހިތް ހީވީ ފަޅައިހެން ދިޔަހެންނެވެ. މީހަކު އަހަރެންގެ ހިތުގައި ވަޅިން އެޅި ހެންނެވެ. ހަމަ ގައިމުވެސް ވަޅިން އެޅުމުން މިހާ ވޭނެއް ނޭޅީސްކަން ގައިމެވެ. ހިތަށް ކުރި އަސަރުން އަހަރެންގެ ދެލޮލުން ކަރުނަތައް އޮހިގަތީ ކަޅު ވިލާގަނޑަކުން ކުއްލިއަކަށް ބޯކޮށް ވާރޭ ވެހޭ ހެންނެވެ. އަނގައިން ވޭނީ ‘އާހް’އެއް ބޭރުވެގެން ދިޔަ އިރު ވެސް އަހަރެންނަކަށް ނޭނގުނެވެ. އެދެމީހުން ގާތްވާތަން ފެނި ހިތަށް ކެތް ނުކުރެވިގެން އަހަރެން އެތަނުން ދުރަށް ދިޔައީމެވެ. ރޮވެމުން ދިޔަ ހާލު ވެސް އަހަރެން ބެލީ އެތަނާ ވީހާވެސް ދުރަށް ދެވޭތޯއެވެ. ފުދޭވަރަކަށް ދުރަށް ދެވުމުން އަހަރެންގެ ގައިން ހަކަތަ ހުސްވެގެން ބިންމައްޗަށް ޖެހުނެވެ. އެއާއެކު އަހަރެންނަށް އަޑުން އަޑުނަގާ ގިސްލާފައި ރޮވެން ފެށުނެވެ.
ކުރާނެ ކަމެއް ނެތެވެ. އަހަރެންނަށް ދެން އިކާންއެއް ނުލިބޭނެއެވެ. އެއީ މިހާރު ލީރާގެ ހައްގެކެވެ. އިކާން ވެސް ލޯބިވަނީ ލީރާ ދެކެއެވެ. ކުރިން އަހަރެންނަށް އަހަރެންގެ އިހުސާސްތައް ރެއަކާލި ނަމަ މިހެން ނުވީސް ހެއްޔެވެ؟ ލީރާއާއި އިކާން ބައްދަލު ނުކުރުވި ނަމަ މިހެން ނުވީސް ހެއްޔެވެ؟ އޭރުން އިކާން އަހަރެންނަށް ލިބުނީސް ކަންނޭނގެއެވެ. ނަމަވެސް ދެން އަހަރެން ކުރާނީ ކީއްހެއްޔެވެ؟ ވަގުތު މިވަނީ ފާއިތުވެފައެވެ.
……..
ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ގޮސް މިއަދަކީ ލީރާއާ އިކާންގެ ކައިވެނީގެ ދުވަހެވެ. އާއެކެވެ. އަހަރެންގެ އިކާން ލީރާއާ ކައިވެނި ކުރަނީއެވެ. އަހަރެންނާ މުޅި އުމުރަށް ދުރަށް ދަނީއެވެ. އެހެން މީހެއްގެ ފިރިއަކަށް ވަނީއެވެ. ނަމަވެސް އަހަރެންނަށް ކުރެވޭނެ ވަކި ކަމެއް އެބައޮތް ހެއްޔެވެ؟ އިކާން ލޯބިވަނީ ލީރާ ދެކެއެވެ. ލީރާ ލޯބިވަނީ އިކާން ދެކެއެވެ. އެދެމެދަށް އަހަރެން ވަންނަންވީ ކީއްވެ ހެއްޔެވެ؟ އެގުޅުން ރޫޅާލިޔަސް ދެން އިކާންއެއް ހަމަ ހައިމުވެސް އަހަރެން ދެކެ ލޯތްބެއް ނުވާނެއެވެ. އެއަށްވުރެ ބޮޑަށް އިކާން ލީރާދެކެ ލޯބިވެއެވެ. ލީރާ އިކާންދެކެ ލޯބިވާވަރަށްވުރެ އަހަރެން އިކާންދެކެ ލޯބި ވިޔަސްއެވެ. އަހަރެންމީ އެދެމީހުންގެ ދެމެދަށް ވަންނަހާ ނުބައި މީހެއް ނޫނެވެ. އެދެމީހުން އަބަދުވެސް އުފަލުގައި ވުމަކީ އަހަރެންގެ ދުޢާއެވެ. އިކާން އުފަލުގައި ހުރުމުން އަހަރެންނަށް ފުދެއެވެ. އޭނާގެ އުފާވެރިކަމަކީ އަހަރެންގެ ވެސް އުފަލެވެ. އެ އުފާވެރިކަމުގެ އަސްލަކީ އަހަރެންނަށް ނުވިޔަސްއެވެ. އަހަރެން އަބަދުވެސް އިކާންދެކެ ލޯބިވާނަމެވެ. ސިއްރުންނެވެ.
*******
އަޅުގަނޑަށް ވަގުތެއް ވުމުން މިއޮތީ ކުރު ވާހަކައެއް ގެނެސްދީފައި. ޑިސެމްބަރުގައި އިންޝާﷲ އަޅުގަނޑުގެ ވާހަކަ ”ނޭނގި ހުރެ ލޯބިވެވުނީ“ގެ ދެން ހުރި އެޕިސޯޑުތައް ގެނެސްދޭނަން. މިވާހަކަ ވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް ހީކުރަން. 💜💗