Skip to content
އެސްފިޔަ

ތަޤުދީރު – 29

Listen to this story Audio · 14:28 Powered by Esfiya Voice
0:00 14:28

ތަޤްދީރު އެޕިސޯޑް – 29

ލޯގަނޑުން ފަހަތް ބަލަން ކުއްލިއަކަށް ގެނައި ހަރަކާތަކުން ހުންގާނުގެ ކޮންޓްރޯލު ގެއްލި ސައިކަލު މަތަނުވެ ގޮސް ހައިވޭ އަރިމަތީގައި ހުންނަ ދަގަނޑުތަކުގައި ޖެހުނެވެ. ހަމައެއާއެކު ބާރު ސްޕީޑުގައި ފަހަތުން އައި ކާރު މަޑުނުކުރެވި ސައިކަލުގައި ޖެހުނު އަޑުފައްގަނޑު މުޅިތަނުގައި ގުގުމާލިއެވެ. އާޔަތުގެ ދެލޯމެރެމުން ދިޔަވަގުތު ގައިގެ އެއްވެސް ތަނެއް އިހްސާސް ނުވާކަހަލައެވެ. އަތެއް ފަޔެއް ވެސް ގުޑުވާނުލެވުނެވެ. އެހީއަށް އެދި މީހަކަށް ގޮވަން އަނގަ ހަރަކާތެއް ނުކުރިއެވެ. ތެތް ފިނިއެއްޗެއްގެ އިހްސާސް ވެގެން ދިޔައިރު މުޅިތަން އަނދިރިވެގެން ދިޔައެވެ. މަޑުމަޑުން ލޯމެރެމުން ދިޔަ ހިނދު މީހަކު އައިސް އާޔަތު ގާތަށް ގުދުވެލިއެވެ. ދެލޯފުސްވެފައި ވުމުން ކާކުކަން ރަނގަޅަށް ސިފައެއް ނުވެއެވެ. ހުސް ކަޅު އެއްޗެހީގައި ހުރި މީހާއާ ދިމާއަށް މަޑުމަޑުން އާޔަތު އަތް އުފުލާލީ އެހީއަކަށް އެދިއެވެ. ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ. ދެން ފެނުނީ އެ ކަޅުހިޔަނިހެން ފެންނަން ހުރިމީހާ ހަށިސީދާ ކޮއްލަމުން ދުރަށް ހިނގައިގަތް ތަނެވެ. ފަހަރަކަށް ވުރެ ފަހަރެއް ދުރަށް ދަމުންގޮސް އެމީހާ އާޔަތުގެ ލޮލުކޮޅަށް ގެއްލެމުން ދިޔަހެން އާޔަތުގެ ލޯމެރެމުން ދިޔައެވެ.

ކުޑައިރުކޮޅެއްތެރޭ ފުލުހުންގެ ވެހިކަލުތައް އެދިމާ ވަށާލައިފިއެވެ. އެކްސިޑެންޓު ހިނގި ސަރަހައްދު ޓޭޕުދަމައި ބަންދުކޮއްލައިފިއެވެ. އަނިޔާވި މީހުން އެމެޖެންސީކޮށް އެމްބިއުލާންސުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނެވެ.

އޭރުވެސް މަންޒަރު ބަލަން ހައިވޭއިން ދަތުރުކުރަމުން ދިޔަ މީހުން މަޑުކޮއްލައިގެން ތިއްބެވެ. ފުލުހުންނަށް ގުޅީވެސް އެތަނުގައި އެއްވެ ތިބި މީހުންގެ ތެރެއިން މީހެކެވެ. އެންބިއުލާންސު ނައްޓާލުމާއެކު މީހުންތަކުތެރޭހުރި ކަޅު ހުޑީއެއް ލައިގެން ހުރި މީހަކު ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އަވަސްއަވަހާ އެތަނުން ދިޔައެވެ. ބޮލުގައި ހުޑް އަޅާފައި އޮތުމުން އެމީހެއްގެ މޫނުފެންނަ ވަރެއް ނުވެއެވެ. ފެންނަން ހުރިހާވެސް އެއްޗަކީ އެމީހާ ލައިގެން ހުރި ހުޑީގައި ހުރި ކުރެހުމެވެ. ހުދު ކުލައިގެ ކަށިގަނޑެއްތެރޭ ރަތް ފިނިފެން މަލެއް ކުރަހާފައި ހުރި ހުޑީއެކެވެ. އެއީ މީގެ އިރުކޮޅެއް ކުރިން މީހުންތައް އެއްވުމުގެ ކުރިން އާޔަތު ގާތު ހުއްޓިލައިގެން ހުރި މީހާއެވެ.

………………………….

ކުޑައިރުކޮޅެއްތެރޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ޙަބަރު ވައިގެތެރޭގައި ހިފާލައިފިއެވެ. ޙަބަރު ޗެނަލްތަކާއި އޮންލައިން ނޫސްތަކުގައި ވެސް އޮތީ އެކްސިޑެންޓުގެ ޙަބަރެވެ. ކަންކަންމަތީގައާއި މަގުމަތީގައި މީހުން މަޑުކޮއްލައިގެން ތިބެ އެވާހަކަ ދެކެވެމުން ދިޔައެވެ.

ހުޅުމާލެ ހޮސްޕިޓަލް ތެރެއިން ދުވެފައި ވަދެގެން އައި ޔުވާންގެ ފަހަތުން ޔަލްވީވެސް ދުވަމުން އައެވެ. އާޔަތުގެ އެކްސިޑެންޓުގެ ޙަބަރު ފުރަތަމަ ވެސް ޔުވާންއަށް ލިބުނީ ކޮއްކޮމެންގެ އެމެޖެންސީ ކޮންޓެކްޓުގައި ޔުވާންގެ ނަންބަރު އިންނާތީއެވެ.

ހޮސްޕިޓަލް ކޮރިޑޯ ތެރެއިން ވަދެގެން ގޮސް ޔުވާން މަޑުކޮއްލީ އެމެޖެންސީ ކޮޓަރި ކުރިމަތީގައެވެ. ދޮރުކައިރީ މަޑުކޮއްލައިގެން ހުރި ފުލުސްމީހާ އެންގީ ބޭރުގައި މަޑުކުރުމަށެވެ. އެތެރެއިން ވަކިއެއްޗެއް އަންގާ ދެކަށް މަޑުކުރުމަށް ބުނެފައި ޔުވާން ގާތުން ބަލިމީހާގެ މައުލޫމާތު އޮޅުންފިލުވައި  އެ ފުލުސްމީހާ އެތެރެއަށް ބޯދީ އެހީތެރިއެއް އައިސްހުރިވާހަކަ ބުނެލިއެވެ. ކުޑައިރުކޮޅެއް ތެރޭގައި ޑޮކްޓަރަކާއި ނަރުހެއް ނުކުމެ ދިން ޙަބަރުން ޔުވާން ހުރިތަނަށް ގަނޑުވިއިރު ޔަލްވީގެ ދެފައިން ވާގި ދޫވެ ކޮޅަށް ހުރުމަށް ނުކުޅަދާނަވެގެން ބިންމައްޗަށް ތިރިވިއެވެ. އާއެކެވެ. ހަމަގައިމުވެސް އެ ޑޮކްޓަރު އެދިނީ ރަނގަޅު ޙަބަރެއް ނޫނެވެ. ހުރިތަނުގައި ގުޑިލަންވެސް ނޭގިފައި ހުރި ޔުވާންއަށް ދޮރުމަތިން އެއްފަރާތް ވެލަން ޖެހުނީ ބަލިމީހަކު ވަންނަން ތަން ދެއްކުމަށް ފުލުސްމީހާ ޔުވާންގެ ކޮނޑުގައި ޖަހައިލާފައި ބުނުމުންނެވެ.

ޔުވާންގެ މޫނުމަތިން މާބޮޑު  އަސަރެއް ނުފެނުނެއް ކަމަކު އެ މޫނު ވަނީ އެއްކޮށްހެން މިލާމޯޅިވެފައެވެ. ޔުވާން އިސްޖަހާލަމުން ފާރު ބުޑަށް ލެގިގެން އިން ޔަލްވީ ކޮނޑުގައި ހިފައި ތެދުކޮށް ގޮނޑިއެއްގައި ބައިންދަމުން ކައިރީހުރި ގޮނޑީގައި އިށީނެވެ.

ހޮސްޕިޓަލް ދޮރުން ވަދެގެން ބާރު ހިނގުމުގައި އައި އަޒާން އާއި ދާދި އެއްހަމައެއްގައި  ހުރެ ހިނގަމުން ލިއަމްއާއި މަހީރްވެސް އައެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިން ފެންނީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ކަންބޮޑުވުމެވެ. މަހީރް ޑިއުޓީގައި ހުއްޓާ ލިއަމް އައިސް މަހީރް ގޮވައިގެން ނުކުތީއެވެ. އޭރު އަޒާންވެސް ލިއަމްގެ ކާރުގައި އިނެވެ. 3 މީހުން އެކީ އައީ ހޮސްޕިޓަލަށެވެ. އެމެޖެމްސީ ކޮޓަރި ކުރިމަތީގައި ހުރި ގޮނޑިބަރީގައި ތިބި ޔުވާން އާއި ޔަލްވީ ގާތު އެމީހުން އައިސް މަޑު ކޮއްލިއެވެ. އަޒާން ފުރަތަމަވެސް ގޮސް ދިމާކުރީ އެތެރެއަށް ވަންނާށެވެ. ފުލުސްމީހާ ކިޔާ އެއްޗެއް އަޒާން އަށް އަޑު ނީވޭ ފަދައެވެ. ގަދަހަދަމުން ދިޔައީ އެތެރެއަށް ވަނުމަށެވެ. އެންމެފަހުން އަޒާން މައިތިރިވީ ލިއަމް އައިސް ހިފެހެއްޓުމުންނެވެ.

”ކޮބާހޭ މަގޭ އާޔަތު؟…..ތިމީހުން ކީއްކުރީ އާޔަތުއަށް؟ ބުނޭ ހަމަ މިހާރު….ކޮބާހޭ؟؟؟“ މައިތިރި ވިއެއް ކަމަކު އަޒާން ހޭބުއްދި ފިލާފައި ވާކަހަލައެވެ. ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެނީއެވެ. އާޔަތު ފެނުމަށް އެދި އެދެލޯ ކެތް މަދު ވެފައި ވިއެވެ. އާޔަތު ހުރީ ހެޔޮޙާލުގައި ކަން ޔަޤީން ނުވަނީސް އެހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ބޮޑު އެކްސިޑެންޓެއް ހިނގި ޙަބަރު ލިބުނަސް ހިތުގެ އަޑިން އެދެވެމުން ދިޔައީ އާޔަތުއަށް ދެރަގޮތެއް ނުވުމަށެވެ.

”ކީއްވެތަ އެއްޗެކޭ ނުބުނެ ތިހުންނަނީ؟ ކޮބާހޭ މަގޭ އާޔަތު“ އަޒާން ހިފީ ޔުވާންގެ ގަމީހު ގިރުވާނުގައެވެ. ވަގުތުން ލިއަމް އައިސް އަޒާން ދުރުކުރިއެވެ. މިވަގުތަކީ އެއްވެސް މީހަކަށް ފަސޭހަވާނޭ ވަގުތެއް ނޫންކަން ލިއަމްއަށް ވެސް އެނގެއެވެ. އެއްކޮޅުން ޔުވާންގެ ފުރާނަފަދައިން ލޯބިވާ ކޮއްކޮއެވެ. އަނެއް ކޮޅުން އަޒާންގެ ހިތް އެކުއްޖަކަށް ދެވިފައިވާ އެހިތުގެ މަލަކާއެވެ. ލިއަމްގެ ދެއެކުވެރިންނާވެސް ކުރިމަތިވި ހިތްދަތި ވަގުތެކެވެ. އެވަގުތަކީ އެއްވެސް މީހަކަށް ވާހަކަ ދައްކަން ފަސޭހަވާނެ ވަގުތަކަށް ނުވިނަމަވެސް ލިއަމް ވެސް ހުރީ އާޔަތުގެ ޙާލު އޮޅުންފިލުވަން ބޭނުންވެފައެވެ. އާޔަތު އަކީ ވެސް ކޮއްކޮއެއް ފަދައިން ދެކޭ ކުއްޖެއްވީމައެވެ. އަދި މިހާރުވަކިން އެއާއިލާ އަކީވެސް ލިއަމްއަށް ވަރަށް ޙާއްސަ އާއިލާއަކަށް ވާތީއެވެ.

ލިއަމް ޔުވާންގެ ކޮނޑުގައި އަތްބާއްވާލީ ވެގެން އުޅޭގޮތެއް ބުނާށޭ ބުނާ ފަދައިންނެވެ. ކޮޅަށްހުރި ޔުވާން ގޮނޑީގައި އިށީނީ ކޮޅަށް ހުންނަން އުނދަގޭވެގެންނެވެ.

”އާޔޫގެ ހާލު ވަރަށް ދެރަ….ސައިކަލު ގޮސް ދަގަނޑު ގަޑުގައި ޖެހުމުގެ ސަބަބުން ބުރައިގެން ގޮސް ފަހަތުން އައި ކާރެއްގައި ޖެހުނީ….. ވަރަށް ބޮޑަށް ބްލީޑްވުމުން ލޭއަޅަންވެސް ޖެހޭ ކަމަށް ބުނީ…..އެމެޖެންސީކޮށް ސާޖަރީ ކުރަން ވައްދާފައި ވަނީ….ޑޮކްޓަރު ބުނީ ސާޖަރީއަށް ފަހުއޭ ވަކި އެއްޗެއް ބުނަން އެނގޭނީ“ ޔުވާންގެ އަޑުގައި މަޑު ތުރުތުރެއް  ހުއްޓެވެ.

އަޒާން ގޮނޑިއަށް ހަށިގަނޑު ދޫކޮއްލަމުން ދެއަތުތެރޭގައި މޫނު ފޮރުވާލިއެވެ. ލިއަމް ދެން ބަލާލީ ޔުވާން ގާތުގައި އިން ޔަލްވީއަށެވެ. ރުއިމުގެ ސަބަބުން ދެލޯ ވަނީ ދުޅަވެފައެވެ. ހުއްޓުމެއްނެތި ޔަލްވީގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެންދަނީ ހިފެހެއްޓުމެއް ނެތިއެވެ. ކައިރީގައި ރޮވިފައި އިން މަހީރް އިނީ ޔަލްވީގައި ބައްދާލައިގެންނެވެ.

6 ގަޑިއިރުގެ ދިގު ސާޖަރީއަކަށްފަހު ޑޮކްޓަރު ނުކުމެގެން އައިތަން ފެނުނެވެ. އަޒާންގެ ދިގު އިންތިޒާރަށް ނިމުމެއް އައީ ދެނެވެ. ފުންމައިގެން ގޮސް ގޮނޑިންތެދުވެ ޑޮކްޓަރު ގާތުގައި މަޑުކޮއްލިއެވެ. އެންމެންވެސް ތެދުވެ ތިބީ ޑޮކްޓަރު ބުނަން އުޅޭއެއްޗެއް އަޑުއެހުމަށް ކެތްމަދުވެ ތިބެއެވެ.

”ތީ އާޔަތު އަދީލްގެ ފެމެލީ ދޯ……މިވަގުތު ޕޭޝަންޓް އޮތީ ނުރައްކަލުން ބޭރުވެފައި….އެހެނަސް ވަރަށް ހާލުދެރަ….ވެންޓިލޭޓަރުގެ އެހީގައި މިވަގުތު ބާއްވަން ޖެހޭނީ ސެޑޭޓްކޮއްފައި….. ވަރަށްބޮޑަށް ބޮލަށް އަނިޔާވެފަ ހުރީ…. ދެން މައިބަދައަށްވެސް ފުދޭވަރަކަށް ގެއްލުން ވެފަ ހުރީ…..ޝީ އިޒްލަކީ ސިކުނޑިއަށް ގެއްލުމެއް ނުވިކަމަށްޓަކައި…..ސްޓޭބަލް ވާވަރަކުން ސެޑޭޝަން ދަށްކުރަމުން ގެންދެވޭނެ…..އޭރުން ހޭއަރަމުން ދާނެ…..އަދި ނޭގޭ ކިހާ ވަގުތެއް ފަހުން ކަމެއް ބުނެލާކަށް…..ޕޭޝަންޓްގެ ފަޔަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެފަ ހުރީ….ފްރެކްޗާއެއް ވެފައެއް ނެތް….އައިސީޔޫގަ ބާއްވައިގެން ކްލޯޒް މޮނިޓަރިން ކުރެވެމުން ދާނެ…..ވަކި ގަޑިތަކަކު އާއިލާ ބޭފުޅުންނަށް ބަލިމީހާ ގާތަށް ވަދެވޭނެ ސޭފްޓީ ޕްރިކޯޝަންސް ބޭނުން ކޮއްގެން…..ވަރަށް ބޮޑަށް ސަމާލުވާން ވާނެ މިވަގުތު….ޝީވިލްބީ ވެރީ ސެންސިޓިވް…..އަޅުގަނޑަށް ބުނެވޭނީ އެއީ ހަމަ މިރެކަލް އެކޭ އެހާ ބޮޑު އެކްސިޑެންޓަކުން ސަލާމަތްވީތީ… ٱلْحَمْدُ لِلَّٰهِ ….“

ޑޮކްޓަރު ވަރަށް ތަފްސީލުކޮށް ކިޔާދިނުމަށްފަހު އެނބުރި ދިޔައީއެވެ. އެންމެންވެސް ކަނުލައި އަޑުއަހަންތިއްބެވެ. ލިއަމް އަވަސްވީ އެޙަބަރު އާޔަތުގެ ބައްޕައަށް ދިނުމަށްށެވެ. މާލޭގައި ތިބެފައި ރަށަށް ފުރިތާ އަދި 24 ގަޑިއިރު ހަމަނުވެއެވެ. އަދީލްއާއި ޒީނާ މާލެ އައުމަށް ލިއަމް ހަމަޖެއްސީ މިވީ މަދު ވަގުތުކޮޅުގައެވެ. ޔުވާންއާއި އަޒަާން ތިބީ އެކަން ކުރެވޭ ހާލުގައި ނޫންކަން ލިއަމްއަށް އެނގެއެވެ. އެހެން ކަމުން ލިއަމް އެކަމާ ހަވާލުވީއެވެ. އަދީލްމެނަށް މާލެ އާދެވެން އޮތީ އަދި އިރުއޮސޭފަހުންނެވެ.

……………………..

އާޔަތުއާއި ބައްދަލު ކޮއްލުމަށް ފަހަރަކު މީހަކަށް އައިސީޔޫ އަށް ވަންނަން ފުރުސަތު ލިބުނެވެ. ވެންޓިލޭޓަރުގެ އެހީގައި އޮތް އާޔަތުގެ ގަޔަށް ޒާތް ޒާތުގެ ވާތަށް ގުޅާފައި އޮތެވެ. ބަލާ ކޮންމެ މީހެއްގެ ހިތް ކުދިކުދި ވެގެންދާހާ ވެއެވެ. ފަހަރަކު މީހަކު އައިސް އާޔަތު ގާތަށް ވަދެ  މަޑުކޮއްލުމަށް ފަހު ނުކުމެގެން ދެއެވެ. މާގިނައިރު މަޑުކުރާކަށް ހުއްދައެއް ނޯވެއެވެ. ވެންޓިލޭޓަރުގައި އޮންނައިރު ހަށިގަނޑުގެ ދިފާއީ ނިޒާމު އާދަޔާ ޙިލާފަށް ދައްވެއެވެ. އެހެން ކަމުން ޖަރާސީމު އުފެދުމަށް މަގުފަހިވެގެންދެއެވެ. ބަލިމީހާ ގާތަށް ވަންނަ ކޮންމެ މީހަކުވެސް މާސްކު އަޅައި އަތްދޮވެގެން ނޫނީ ނުވަދެވެއެވެ.

އެންމެފަހުން އެތެރެއަށް ވަނުމަށް އަޒާންއަށް ޔަލްވީ ގޮވިއެވެ. އަޒާން ޔަލްވީއަށް ބަލާލީ ފަސްޖެހެވޭތީއެވެ. ރުއިމުގެ ސަބަބުން އަދިވެސް ޔަލްވީގެ ދެލޯ ހުރީ ދުޅަވެފައެވެ. ހިތްވަރު ކޮއްލާފައި އެތެރެއަށް ވަނުމަށް ޔަލްވީ ބުންޏެވެ. އާޔަތު އާއި އަޒާންގެ ގުޅުން މީހުން ކުރިމަތީގައި ފާޅުކަން ބޮޑުގޮތެއްގައި  ނުދެއްކިޔަސް އެދެމެދުގައި ބަދަލު ކުރެވޭ ނަޒަރުތަކާއި ކުދިކުދި ވަގުތުކޮޅުތައް ޔަލްވީއަށްވެސް ވަނީ ފެނިފައެވެ. އެހެންކަމުން އަޒާންގެ ހިތުގެ ހާލު ޔަލްވީއަށް އަންދާޒާ ކޮއްލެވެއެވެ.

ޔަލްވީއަށް ފަހު ފަހަރަށް ބަލާލަމުން އަޒާން އައިސީޔޫ ތެރެއަށް ވަނެވެ. އެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ނަރުސް ކުއްޖަކު އަޒާންއަށް މާސްކެއް ދީފައި ދާންވީ ދިމާ ބުނެދިނެވެ. އެތެރެއަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު އަޒާންގެ ހިތުގެ ތެޅުން ދިޔައީ  ބާރުވަމުންނެވެ. ބިއްލޫރި ޖަހާފައި ހުރި ކުޑަ ކޮޓަރިއެއް ފަދަ ތަނެއްގައި އާޔަތު ބާއްވާފައި އޮތްތަން ފެނުނެވެ. އެހިނދުކޮޅު ހީވީ އަޒާންގެ ހިތް މޭ ފަޅާލާފައި ނުކުންނަން އުޅޭ ހެނެވެ. ނުބައި ގޮތެއް މެޔަށް ވެގެން ދިޔައީ އާޔަތު އޮތް ހާލު ފެނިފައެވެ. ބޮލުގައި ބޭސްގަނޑެއް އަޅާފައި އޮތްއިރު އެމޫނުމަތި ވަނީ އެއްކޮށް ހުދުވެފައެވެ. ބިއްލޫރިގަނޑު ބޭރުގައި އަތް ޖައްސާލައިގެން އަޒާން ހުރުމުން ނަރުސް ކުއްޖާ ބުނެދިނީ އެތެރެއަށް ވަދެވޭނެ ކަމުގައެވެ.

ނަރުސް ކުއްޖާއަށް ބޯޖަހާލާފައި ލަސްލަހުން އަޒާން އެތެރެއަށް ވަނެވެ. ”ހައި ލިލީ…..އަމް ސޯ ސޮރީ އައި ފެއިލްޑް ޓު ޕްރޮޓެކްޓް ޔޫ….އަމް ސޯ ސޮރީ….އިޓް ހާރޓްސް އަލޮޓް ރައިޓް؟“ އާޔަތުގެ އަތުގައި ހިފާލަމުން އަޒާން އެނދުކައިރިއަށް ތިރިވެލިއެވެ. އެދެލޮލުން ފެންނަނީ އިންތިހާއަށް ހިތްދަތި ކަމެވެ.

”އެ ރޭ ފުރަތަމަ ފަހަރު އަހަރެންގެ އިންވިޓޭޝަން އަށް ޑޭޓަށް ދާން އެއްބަސްވީމަ ވަރަށް އުފާވި….ދުވަހަކުވެސް ހިތަކަށް ނާރާ އަހަރެން ކަހަލަ މީހަކަށް ވެސް ލޯބިވެވިދާނޭ…..ޑާލިން….އެނގޭތަ އަމް ސްކެއާޑް ޓޫ….ވަރަށް ބިރުގަނޭ އަހަރެން ލޯބިވާ މީހުން އަހަންނަށް ގެއްލިދާނެތީ…..އެހެންވެ އައި ޖަސްޓް ޓްރައި ޓު އިގްނޯ ދި ފީލިންގްސް…..އައި ކީޕް ހާޓިން އެވްރިވަން……އަހަރެން ލޯބިވާ މީހުންނަށް އަބަދުވެސް ދެރައެއް ނޫނީ ނުލިބޭ……ހީވަނީ އަހަރެންގެ ސަބަބުންހެން މިހެން ކަންތައް މިވަނީ…..އަމް ސަޗް އަ ބޭޑް ލަކް….. އަމް ސޯ ސޮރީ ބޭބީ….އައި ވިޝް އައި ވޯޒް ދެއާ އިން ޔޯ ޕްލޭސް“ އަޒާންގެ ލޮލުން ވެއްޓުނު ކަރުނަތިކި އާޔަތުގެ އަތުގެ ތެރެއަށް ފޭދިގެން ދިޔައެވެ. އަޒާން ލޯބިވާ އަންހެން ކުއްޖާ އޮތް ޙާލުފެނި އެހިތް ކުދިކުދި ވަނީއެވެ. ކިތަންމެ ހިތްވަރު ކުރަން މަސައްކަތް ކުރިޔަސް އެހިތަށް ކެތް ނުވަނީއެވެ.

”އެކްސްކިއުޒް….. ވިޒިޓިން ޓައިމް ހަމަވާން އެއުޅެނީ…..އެހެން  ބޭފުޅަކަށް ފުރުސަތު ދޭންވީ ނޫންތޯ…..އެބަތިބި ބޭރުގަ މަޑުކޮއްލައިގެން“ ނަރުސް ކުއްޖާ އެހެން ބުނުމުން އަޒާން ނޭފަތް ދަމާލާފައި ފުން ނޭވާއެއް ދޫކޮއްލީ ހަމަޖެހިލެވޭތޯއެވެ. ފަހު ފަހަރަށް އާޔަތުގެ ކޮލުގައި ފިރުމާލާފައި އެތަނުން ނުކުތެވެ.

އަޒާން ނުކުތްއިރު އާޔަތުގެ މަންމަ އާއި ބައްޕަ ބޭރުގައި ތިއްބެވެ. އެދެމަފިރިންގެ ޙާލުވެސް ރަނގަޅެއް ނޫނެވެ. ރަނގަޅުވާނީވެސް ކިހިނެއް ހެއްޔެވެ. ހުރި ހަމައެކަނި ދަރި މަރުގެ ތުންފަތްމަތިން އެނބުރި އައުމުން އަސަރު ނުކުރާނީ ކޮން މައިންބަފައިންނަކަށް ހެއްޔެވެ؟ ފުރަތަމަ އެތެރެއަށް ވަނީ ޒީނާއެވެ. ޒީނާ އެތެރެއަށް ވަނުމުން އަދީލް ގޮސް އަޒާން ގާތު މަޑުކޮއްލިއެވެ. އަދި ފަރުވާތެރިކަމާއެކު އަޒާންއަށް ބަލާލިއެވެ. މީގެ ކުރިންވެސް އަޒާން އާޔަތު އާ ދޭތެރޭ ބަހައްޓާ ގާތްކަން ވަނީ އެމީހުންނަށް ފެނިފައެވެ. ފުރަތަމަ ހީކުރެވުނީ އެއީ ޔުވާންގެ އެކުވެރިންނަށް ވުމުން އަޅާލަނީ ކަމުގައެވެ. ނަމަވެސް އަޒާންގެ އުޅުން ހުރީ އެޔަށްވުރެން މާ ގާތްކޮށް ކަން އޮތީ އަދީލްއަށް ވެސް އެނގިފައެވެ. ބޮޑެތިވެފައި ތިބި ކުދިންނަށް ވުމުން އަމިއްލައަށް އައިސް ނުބުނަނީސް އިތުރު ސުވާލެއް ކުރަން ބޭނުން ނުވީއެވެ. ނަމަވެސް މިއަދު އަޒާން ހުރި ހާލުފެނިފައި ކަމެއް އެނގުނު ކަހަލައެވެ. އަދީލް އައިސް އަޒާންގެ ބުރަކަށީގައި ޖަހާލަމުން ބޯޖަހާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަޒާން ވެސް އަދީލްއަށް ރައްދުގައި ބޯ ޖަހާލިއެވެ.

ޒީނާ ނުކުތުމުން އަދީލްވެސް އެތެރެއަށް ވަނެވެ. ޒީނާގެ ޙާލު ރަނގަޅު ނޫން ކަމުން ޔަލްވީއާއި މަހީރް ޒީނާ އާއެކު ގޮނޑީބަރީގައި ތިއްބެވެ.

”ދޮންބެމެން ދޭ ގެއަށް އަރާމް ކޮއްލަން…. މާދަމާ ހެނދުނު އަންނަން….އަހަރެން މަޑު ކޮއްލާނަން މިރޭ“ އަދީލް ނުކުތުމުން ޔުވާން ބުންޏެވެ. އެގޮތް އަދީލްއަކަށް ކަމަކު ނުދިޔައެވެ. ޔުވާން އާއި ލިއަމް އެތަކެއް އާދޭހެއް ކޮއްގެން އެންމެ ފަހުން ގެއަށް ދާން އަދީލް އެއްބަސް ވިއެވެ.

”މިރޭ ދެން އަރާމް ކޮށްލާ…..ދަތުރު ވަރުބަލިކަން ފިލުވާލާ….އަހަރެން މަސައްކަތް ކުރަމުން މިދަނީ އެލް ޖޭ މެޑް ހޮސްޕިޓަލް އަށް ބަދަލު ކުރެވޭތޯ…..ތަންކޮޅެއް ސްޓޭބަލް ވެލީމަ އެކޮޅަށް ބަދަލު ކުރާނީ….އޭރުން ބޭބެ މެނަށް ވެސް ފަސޭހަވާނެ އެކޮޅުގަ ތިބެން“ ލިއަމް އަށް ފެންނަ ގޮތް ހާމަ ކުރިއެވެ. އަދީލް ބޯ ޖަހާލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ. ޔަލްވީ އާއި މަހީރް އާއެކު ޒީނާ އާއި އަދީލް ނުކުތީ ގެއަށް ދާށެވެ. ލިއަމްގެ ކާރުގައި އެމީހުން ގެއަށް ލާން ދިޔައެވެ.

ޔުވާން އާއި އަޒާން ތިބީ އައިސީޔޫ ވެއިޓިން އޭރިއާގެ ގޮނޑިބަރީގައެވެ. ”ސޮރީ މޭން….އެގަޑީގަ އަހަރެން ހާސްވެފަ ހުރިވަރުން ވިސްނާނުލާ އެއްޗެހި ކިޔުނީ“ އަޒާން ޔުވާން ގާތުން މާފަށް އެދުނީ އުޅެވުނު ގޮތް ހަނދާންވެފައެވެ.

”އިޓްސް އޯކޭ މޭން….. މާފަށް އެދޭވަރު ކަމެއް ނޫން އެއީ…..އައިނޯ ވަރަށް ފްރަސްޓްރޭޓް ވާނެކަން އެވަގުތު….އައި އަންޑަސްޓޭންޑް“ ޔުވާން އަޒާންގެ ކޮނޑުގައި ޖަހާލިއެވެ. ޔަލްވީމެން ގެއަށް ލާފައި ލިއަމް އެނބުރި އައީ ހޮސްޕިޓަލަށެވެ. އެކުވެރިން އެހާލުގައި ތިއްބާ އެމީހުން އެކަނި ދޫކޮށްލާފައި އޭނާ ގެއަށް ދާނެހެއްޔެވެ.