
ހިމޭން ސީސަން ދޭއް – 4

އައި.ސީ.ޔޫ ކައިރި ހުރި ރީމްއަށް ލިބުނު ހިތްދަތި ހަބަރާއި އެކު ހިތްވަރު ކުރަން މަސައްކަތް ކުރަމުން ޖިންސުގެ ފަހަތު ޖީބުން ފޯނު ނަގާ ޔާސީން އަށް ޑައިލް ކޮށްލިއެވެ. އެވަގުތު މުޅިތަން ފުސްވަމުން ދިޔަ ކަމުގެ އިހްސާސް ރީމްއަށް ކުރެވެން ފެށިއެވެ. ދެލޯ މައްޗަށް އަނދިރި ވަމުން ދިޔަ ވަގުތު މުޅި ތަން އެނބުރެން ފެށިކަން އޭނާއަށް އެނގުނެވެ. އެ ހިސާބުން މުޅި މީހާގެ ހަބަރު ހުސްވެގެން ވެއްޓުނީއެވެ.
“ހެލޯ!… ހެލޯ ރީމް… ކޮއްކޯ؟” ހާސް ވެފައި ހުރެ ދެތިން ފަހަރު ޔާސީން ގޮވައިލީ ރީމްގެ ފޯނު ނުކެނޑޭތީއެވެ.
ރީމް ވެއްޓުނު އަޑަށް ދުވެފައި އައި މީހަކު ވަރަށް ފުންކޮށް އޭނާއަށް ބަލައިލިއެވެ. އަދި ކައިރީގައި ދިއްލިފައި އޮތް ރީމްގެ ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.
**************
“ހެލޯ!.. ރީމް އަނބުރައި ގަތީ… މީ ހުޅުމާލެ ހޮސްޕިޓަލް. މިދަނީ އިމަޖެންސީއަށް.” ފޯނު ނެގި ގޮތަށް އެމީހާ ބުނަން ބޭނުންވާ މުހިއްމު މައުލޫމާތު ހިއްސާ ކުރުމަށް ފަހު ރީމްގެ ފޯނު ނަގާ ޖީބަށް ލިއެވެ.
އެއީ ފިރިހެނެކެވެ. އާދައިގެ ވަރަކަށް ގައި ހަން އައްޔެވެ. ބައިމަތި ފުޅާ ވެފާ ފިރިހެން ވަންތަ ކަމެއް އޭނާގެ ހަށިގަނޑުން ސިފަވެއެވެ. ކަންފަތާ ދިމާލުން ދިގުވެ ފައިބާފައިވާ ބޯއިސްތަށި ތަކުން ދަތްދޮޅިއާ އެކު ތުނބުޅީގެ ފުރިހަމަ ކަން ސާބިތު ވެއެވެ.
“ރީމް!…” ރީމްގެ ވަރުނެތް ހަށިގަނޑު ނަގާ އެ މީހާގެ އަތްމައްޗަށް ލައިން ކުރިޔަށް ހިނގައިގަތެވެ. އިރު އިރުކޮޅާ ރީމްއަށް ބަލަމުން ހަލުވި ކޮށް ހިނގަމުން ދިޔަ އިރު އޭނާގެ މޫނުމަތީގައި ވަނީ ހާސް ކަމެވެ.
އަތިރިމަތީ މައިޒާން ކައިރި ޖޯއްޔެއްގައި އޮށޯވެ އޮތުމަށް ފަހު އަމީލު ހިނގައިގަތީ ގެއަށް ދިއުމަށެވެ. އެތަނުގައި ތިބި ގިނަ މީހުން ގުރޫޕް ގުރޫޕަށް ރާޒުވާ ކުޅެމުން ދިޔަ އިރު އަމީލު އެކަމަށް އެއްވެސް ޝައުގު ވެރިކަމެއް ނެތެވެ.
މަޑު މަޑުން ހުރެ ހިނގަމުން ދިޔަ އަމީލުގެ މޫނުމަތީގައި ވަނީ އިންތިހާ ދަރަޖައިގެ ނުތަނަވަސް ކަމެވެ. އޭނާ ފެންނަ ކޮންމެ މީހަކަށް އެކަން އެނގޭނެއެވެ.
“އޭތް…! ބަލަ ކޮންތާކު އުޅެ އުޅެފަ ތި އަންނަނީ؟ މިހާރު ކޮން އިރެއް އަހަރެން ކަލޭ ހޯދާތާ؟” ޒަމްހަރިއްޔާ އޭނާގެ ވަރުގަދަ ބަރު އަޑުން ބުނެލިއެވެ.
“ކަލޭ…؟…. ކީއްކުރަން އަހަރެން ހޯދަނީ؟” ޒަމްހަރިއްޔާގެ އަޑު އިވުމާއި އެކު އަމީލު ބަލައިލީ އެދިމާލަށެވެ.
އޭރު ޒަމްހަރިއްޔާ ހުރީ އޭނާގެ ގޭގެ ގޯތީގައެވެ. ގޯތި ވަށައިގެންވާ ކުރު ފާރު ކައިރި ހުއްޓި ލައިން ހުރި އިރު އަތުގައި އިލޮށި ފައްޗެއް އޮތެވެ. އޭނާގެ މޫނު މަތިން ފެންނަނީ ބިރު ގަނެފައިވާ މީހެއްގެ މޫނު މަތިން ފެންނަ ފަދަ ނާމާން އަސަރެކެވެ.
“ހޯދާނެއްނު… އެބަ ޖެހޭ ވިއްޔަ ކަލެޔަށް ތައުޒިޔާ ފޮނުވާފަ ތަހުނިޔާ ވެސް ފޮނުވަން.. ކަލެއަށް ކަމެއް ދަމެއް ބޮޑު ވާނީ ކަންވެ ނަން ވެސް ވާ ފަހުން…. ދޯ؟…” އަމީލާ ދިމާލަށް ލޯ އަޅާލަމުން ޒަމްހަރިއްޔާ މަލާމާތް ކުރާފަދަ ގޮތަކަށް ވާހަކަ ދައްކަމުން ދިޔައެވެ.
“ކީކޭތަ ތި ކިޔާނީ؟ މަށަކަށް ނޭނގެ ތި ދައްކާ ވާހަކައެއް؟ އެހެން ނޫނަސް… ތިކަހަލަ ބޭކާރު ވާހަކަ އަޑު އަހަން ވަގުތެއް ނެތް.” އަމީލު ކުރިޔަށް ހިނގައިގަތެވެ. ހަމަ އެވަގުތު އަމީލަށް ހުއްޓެން މަޖުބޫރު ކުރުވީ ޒަމްހަރިއްޔާގެ އެ ނުރައްކާތެރި އަޑެވެ.
“އޭތް…! ތައުޒިޔާ ކިޔަން ބޭނުން ވަނީ ކަލޭ މިންހާ ވަރި ކުރީމަ އެކަމުގެ ހިތާމައިގަ… ތަހުނިޔާ ކިޔަން މިއުޅެނީ… މިންހާ އަށް މިއަދު ފިރިހެނަކު ފޯނެއް ފޮނުވީމަ… ދެން ދުވަސް ކޮޅަކުން މިންހާ މީހަކާ އިނީމަ… ކަލޭ ޖެހޭނީ ތަރުހީބު ދޭން ހުންނަން.” ލާނެއް ގޮތަކަށް ހިނިތުން ވެގެން ހުރެ ޒަމްހަރިއްޔާ ބުންޏެވެ.
“ފޯނެކޭ؟… ފިރިހެނެއްތަ ފޮނުވީ؟… ކިހިނެއް ތިކަން އެނގެނީ؟” ޒަމްހަރިއްޔާ ގާތަށް ޖެހެމުން އަމީލު ސުވާލު ކުރީ ހައިރާން ވެފައި ހުރެއެވެ.
“އަޖައިބެއްނު…! މަށަށް ކަމެއް އެނގުނިއްޔާ ހެކި ބޭނުންވޭތަ؟… ބަލަ މަމީ ކަލޭގެ ދޮންތައޭ.. މަގޭ ދުލުން ކަލެޔަށް ދޮގެއް ބުނެފާނެހެން ހީވަންޏާ ތީ ވަރަށް ދެރަކަމެއް.. މިވީހާ ދުވަހު ވެސް މަ ހަމަ މި ރަށުގަ އުޅުނިން.. އެކަމު މި ނޫނީ ކަލޭގެ ކަންކަމަކާ ނުބެހެން.” ކޯ އަނބުރާލަމުން ޒަމްހަރިއްޔާ ބުނެލިއެވެ.
“މަ މި އަހަނީ ކިހިނެއްހޭ ތިކަން އެނގުނީ؟” ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން އަމީލު ބުނެލިއެވެ.
“މައިތިރި ވެބަލަ… ކަލޭ ތިހާ އަވަސް އަވަހަށް ރުޅި އަންނަންޏާ ކިހިނެއް ވާހަކައެއް ކިޔައިދޭނީ…” ޒަމްހަރިއްޔާގެ އެ އިންޒާރާއި އެކު އަމީލު ފުން ނޭވާއެއް ދޫކޮށްލިއެވެ.
ތެދެކެވެ. އަމީލުގެ އެ މިޒާޖު ބަދަލު ކުރަން ބޭނުން ވަނީ އެފަދަ އަގުހުރި ބަސްތަކެވެ. ނުވަތަ ހަނދާން ކޮށްދިނުމުގެ ރަނގަބީލު ތަކެވެ. ރުޅި މަޑުކޮށް ކުޑަކޮށް ހަމަ ޖެހިލަމުން އެ ގޯތި ފާރުގައި އަމީލު އަތް އަޅުވާލީ ޒަމްހަރިއްޔާގެ ވާހަކަ ތަކަށް ޝައުގުވެރި ވުމުންނެވެ.
ޓީވީ ހުޅުވައިގެން ސިޓިންގް ރޫމު ސޯފާގައި އިން ޝަރާގެ އެއް ފައި އޮތީ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައެވެ. ޝަރާގެ ލޮލުގެ ނަޒަރު ޓީވީއާ ވަކިކޮށް ލުމެއް ނެތޭ ބުނާ ފަދައެވެ. ޒަމާން ތަކަކަށް ފަހު ޓީވީ ހުޅުވާލަން ޝަރާއަށް މަޖުބޫރުވީ އޭނާގެ އިންޓަވިއުއެއް ދައްކާ ގަޑި ޖެހޭތީއެވެ.
ކޮޓަރިން ނުކުތް ވިޔާމް މަޑުމަޑުން ގޮސް ނަޝާޔާގެ ކޮޓަރި ތަޅުގައި ހިފާލީ ސިޓިންގް ރޫމުން ފެންނަން ނެތުމުންނެވެ.
“ނަޝާ!… މަންމަގެ އިންޓަވިއު ފަށަނީ.” ދޮރު ހުޅުވާލުމަށް ފަހު ވިޔާމް ބުނެލިއެވެ.
“ދަނީ.” މޫނު މަތީ މާ ބޮޑު އުފާވެރި ކަމެއް ނެތި ނަޝާޔާ ދިނީ ކުރު ޖަވާބެކެވެ.
“ފަށަނީތަ؟” ޝަރާ ގާތު ސޯފާގައި އިށީންނަމުން ވިޔާމް ބުނެލިއެވެ.
“އަހަރުން ކަހަލަ މޮޅެތި މީހުން ޓީވީ ތަކުން ވެސް ދައްކާނެއްނު. ހާދަ ބޮޑު ޑްރީމް އެކޭ މި ހާސިލްވީ.. އިންޓަވިއުއަށް އަރާ ހިތުން… ކޮން ޒަމާނެއް މި އިންޓަވިއުއަކަށް އަހަރެން އިންތިޒާރު ކުރާތާ.” ޝަރާ ކިބުރުވެރި ވެލާފައި ބުނެލިއެވެ.
“އިންޓަވިއު ބަލާއިރު ކާކަށް އިނގޭނީ ޝަރާގެ ލައިފްގަ ބޮޑު ކަންތައް ގަނޑެއް ދިމާވި ކަމެއް؟” ވިޔާމް ބުނެލީ ގަސްތުގައި ވެސް ޝަރާގެ އެ ބޮޑާކަން ވަޅު ޖައްސާ ލުމުގެ ނިޔަތުގައެވެ.
“ކަމެއްނު!!… ވިޔާމް މިގަޑީގަ އަހަރެން ރުޅި އަރުވަން ވީއެއް ނޫން އިނގޭ. މޫޑް އޮފްވާ ކަހަލަ ވާހަކަ ދައްކަންޏާ މިތަނުން ދޭ.” ފުސް މޫނު ދައްކާލަމުން ޝަރާ ރުޅި އައިސްފާ ބުނެލި އިރު ނަޝާޔާ އައިސް ވިޔާމް ގާތުގައި އިށީނެވެ.
ލޯ ހުޅުވާލުމާ އެކު ދެ ލޮލުގެ ތެރެއިން ރީމްއަށް މުޅިތަން ފެންނަނީ ފުސްކޮށެވެ. ދެތިން ފަހަރު އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން ރީމް ބަލައިލީ ކައިރީގައި ހުރި އެހީތެރިޔާ އަށެވެ. ޔާސީން ފެނުމާއި އެކު ރީމަށް ތެޅިގަނެވުނެވެ.
“ކޮ… ކޮބާ ބައްޕަ؟… ބޭބެ…! ބައްޕަ……..” އަނެއްކާ ވެސް ރީމް ހޭނެތިގެން ވެއްޓުނެވެ.
ރީމްގެ އަވަސް ފަރުވާ ފެށުމަށް ނަރުހުން ހަރަކާތްތެރި ވުމާ އެކު ޔާސީން އެތަނުން ބޭރަށް ނުކުމެ ލިއެވެ. އެވަގުތު ބޭރުގައި މަޑުކޮށްގެން ހުރި ރީމްގެ ފުރަތަމަ އެހީތެރިޔާގެ ޖީބުގައި އޮތް ފޯނު ރިންގް ވަމުން ދިޔައެވެ. އެ އަޑަށް ސިއްސައިން ގޮސް އެމީހާގެ ޖީބުން ރީމްގެ ފޯނު ނެގުމަށް ފަހު ޔާސީންއަށް ދިއްކޮށްލިއެވެ.
“އަން… ރީމްގެ ފޯނު!… މީހަކު ގުޅަނީ..” ފޯނުގެ ޑިސްޕްލޭއަށް ބަލައިލުމާ އެކު ޔާސީންގެ މޫނު މައްޗަށް ވެރިވީ ތަފާތު އިހްސާސެކެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ އެއީ ކާކު ކަން ޔާސީނަށް އެނގޭ ފަދައެވެ. ޔާސީން ވަގުތުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ ރީމް..! މީ މިންހާއޭ.. ފޯނު ލިބުނީމަ ޝުކުރު އަދާކުރަން މި ގުޅާލީ.. ދެން ވަރަށް ދެރަވި ރީމް ބައްޕަ ބަލިވި ވާހަކަ އިވުނީމަ.. މިހާރު ބައްޕަ ކިހިނެއް؟” އެކޮޅުން ވާހަކަ ދެއްކީ މިންހާއެވެ.
“ބައްޕަ ނިޔާވި ހަބަރާއެކު… ރީމް އޮތީ މިވަގުތު އަނބުރައި ގަނެފަ.” ކަންފަތުގައި ފޯނު ޖަހައިން އިނދެ މިންހާއަށް ބަލައިލެވުނީ ކައިރީގައި އިން އިނާޔާ އަށެވެ.
“ތައުޒިޔާ!…” ހިތަށް ލިބުނު މޮޅިވެރި ކަމުގައި މިންހާއަށް ބުނެވުނެވެ.
“ރީމް ހަމަޖެހުނީމަ، މިންހާ ގުޅި ވާހަކަ ބުނެލާނަން އިނގޭ.” ކުލުނުވެރި އަޑަކުން ވާހަކަ ދެއްކުމަށް ފަހު ޔާސީން އެ ފޯނު ކަނޑާލިއެވެ.
މިންހާގެ ނަން އިވުމާއި އެކު ރީމްއަށް އެހީތެރިވި މީހާ ސިއްސައިން ގޮސް ޔާސީންއާ ދިމާލަށް ބަލައިލިއެވެ. ޔާސީން އެ ފޯނަށް ވާހަކަ ދައްކަމުން ދިޔަ އިރު އެމީހާގެ ހުރިހާ ޝައުގުވެރި ކަމެއް ވަގުތުން ހުއްޓުނީ ޔާސީން ދައްކަމުން ދިޔަ ވާހަކައަށެވެ. އެމީހާގެ ހިތުގައި އުފެދުނު ޝައްކުތަކާއި ވަހުމް ތަކުގެ ސަބަބުން އިތުރައް އެއްވެސް ވާހަކައެއް ނުދައްކާ ހުރީއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ރީމަށް އެހީތެރި ވީމަ. ތީ ކޮން ކުއްޖެއްތަ؟” ރީމަށް އެހީތެރިވި މީހާގެ ކޮނޑުގައި އަތް ބާއްވާލަމުން ޔާސީން ބުނެލިއެވެ.
“އިނާ…! ރީމްގެ ބައްޕަ ނިޔާވެއްޖެ. ރީމް މިހާރު އޮތީ އަނބުރައި ގަނެފަޔޯ.” ކަން ބޮޑުވެފައިވާ އިނދެ މިންހާ ވާހަކަ ދެއްކިއެވެ.
“އަސްލުތަ؟ ދެން ކާކު އެ ވާހަކަ ދެއްކީ؟” ދެ ބުމަ ކައިރި ކޮށްލައިގެން އިނދެ އިނާޔާ އެހިއެވެ.
“ނޭނގެ. ގައިމު ވެސް ރީމްގެ ކޮންމެސް މީހެއް ދޯ އެއީ. ކޮންމެސް ފިރިހެނެއް.” މިންހާ ކިޔައިދިނެވެ.
“ރީމް ހަމައަކަށް އެޅުނީމަ ގުޅާނެ.” އިނާޔާ ދިނީ ކުރު ޖަވާބެކެވެ.
އިނާޔާއާ މިންހާގެ ހަމަ ހިމޭން ކަން އެވަގުތު ފޫއަޅުވައިލީ ގޭގެ ދޮރު ހުޅުވާލަމުން މީހަކު ސަލާމް ގޮވި އަޑަށެވެ. އެ އަޑު އިވުމާއި އެކު މިންހާގެ މޭ ތެރޭގައިވާ ހިތް ހީވީ ފިސްފިސް ވެދާނެ ހެނެވެ. ހިމޭން ކަމާއެކު ހުއްޓުމެއް ނެތި ޖަހަމުން ދިޔަ ވިންދު ކުއްލިޔަކަށް ހަލަބޮލިވީ މިންހާއަށް ކޮންޓްރޯލު ކުރަން ނުކުޅެދޭ މިންވަރަށެވެ.
އެ އަޑާއެކު މިންހާގެ ނަޒަރު ފުރަތަމަ ވެސް ދިމާ ކޮށްލެވުނީ ހުއްޓިފައިވާ އިނާޔާގެ ކަޅި އަށެވެ.
ނުނިމެ