
ހިމޭން ސީސަން ދޭއް – 3

“އައްސަލާމް ޢަލައިކުމް..” ބޭރު ދޮރު ހުޅުވާލާފައި އަންހެނަކު ސަލާން ގޮވާލި އަޑަށް ޝިޔާމް ބަލައިލިއެވެ.
“ކޮއްކޮ މަންމަ ކޮބާ؟” އެމީހާ ޝިޔާމްއާ ދިމާލަށް އެހެން ބުނި އިރު މިންހާއަށް އެތަނަށް ނުކުމެވުނީ އިއްތިފާގުންނެވެ.
“މިންހާ….! ކަލޭ ބަލާ މިއައީ… ހިނގާ ދާން.” މިންހާ ފެނުމާ އެކު އެމީހާ ބުނެލީ ހިނިތުން ވެފައި ހުރެއެވެ.
******
އެ މީހާގެ އަޑަށް ޝިޔާމް ކުރެހުން ހުއްޓާލިއެވެ. އަތުގައި އޮތް ދަނޑިކޮޅު ބިންމައްޗަށް ވައްޓާލަމުން މިންހާއާ ދިމާލަށް ނަޒަރު ހިންގާލުމަށް ފަހު އެމީހާއާ ދިމާލަށް ޝިޔާމް ނަޒަރު ހިންގާލިއެވެ. ކާކު ކަން ނޭނގޭ މީހަކު އައިސް އެހެން ބުނުމުން ހައިރާން ވީމައެވެ.
“އައްސަލާމް ޢަލައިކުމް.. އަން… މިންހާގެ ނަން ޖަހާފަ އޮތް ފޯނެއް.. ލޯންޗު ކައްޕި ދިން އެއްޗެއް މީ… އަހަރެން ކައިރީ ބުނީ ހަވާލު ކޮށްދޭށޭ.” ދޮރު ކައިރި ހުރި އަންހެން މީހާގެ ފަހަތުން އައިސް ފިރިހެނަކު ވަދެ މިންހާއަށް ކޮތަޅެއް ދިއްކޮށްލަމުން ބުންޏެވެ.
“ކާ…ކާކު؟ އަހަންނަށޭ ކިޔާފަ ކާކުތަ ތި ލޯންޗަށްލީ؟” ކޮތަޅުގައި ނުހިފާން ހުރެ މިންހާ ކުރީ ސުވާލެކެވެ.
“ނޭނގެ… ކައްޕި ބުނީ މާލެ ކޮޅުން ކައްޕިއަށް މި ހަވާލު ކުރީ ފިރިހެނެކޭ. ދެން މީގަ ހިފާ… މިރަށުގަ ދެން އެހެން މިންހާ އެއް ނޫޅޭނެ ދޯ.” ރުންކުރު ގޮތަކަށް އެމީހާ ވާހަކަ ދެއްކުމުން މިންހާއަށް މަޖުބޫރުވީ އެ ކޮތަޅުގައި ހިފާށެވެ.
މިންހާއަށް ކޮތަޅު ހަވާލު ކުރުމަށް ފަހު އެ މީހާ ނުކުމެގެން ދިޔައީ ހަލުވި ގޮތަކަށެވެ. އޭރު ވެސް ދޮރު ކައިރީ ހުރި އަންހެން މީހާ ޒާތަކަށް ހިނި އައިސްފާ ހުއްޓެވެ.
“އަހަރެން ނުދާނަން.” އެ އަންހެން މީހާއާ ދާދި ގާތަށް ޖެހިލަމުން ވައި އަޑަކުން މިންހާ ބުނެލީ ހިތްހަމަ ނުޖެހިފައި ވާކަން މޫނުމަތިން ފާޅު ކުރަމުންނެވެ.
“ކީއްވެ؟… އަހަރުމެން ގެއަށޭ ދާނީ… މަ މި އައީ އަމީލު ބުނެގެންނޭ… އަދިވެސް ތި އިނީ އަމީލުގެ އިއްދައިގަ… އެކަން ކަލެއަށް އެނގެން ވާނެ.” އެ އަންހެން މީހާ ބޮޑާ ޒާތަކަށް ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.
“މަޑުން ވާހަކަ ދައްކާ! އަހަންނަކީ އަހަރެންގެ ދަރިން ކުރިމަތީ ތިފާޑަށް އުޅޭ މީހެއް ނޫން.” ޝިޔާމްއަށް ބަލައިލުމަށް ފަހު މިންހާ ވައި އަޑުން އެ މީހާއަށް އިންޒާރު ދިނެވެ.
“ވާ… ކަލޭ ހާދަހާ ގޮތްދޫ ނުކުރެއޭ… ދެން މިހާރު ވާނީ ވެސް ތިހެން.. ފިރިހެނަކު ކަލެއަށް ފޯނެއް ވިއްޔަ އެ ފޮނުވީ.. ދެން އޮންނާނީ މާ ފޮޅުވުން.” އެ އަންހެން މީހާ ރީތި ގޮތަކަށް މިންހާއަށް މަލާމާތް ކުރިއިރު އެމީހާ ހުރީ އެއް މިޔަކަނުން ހިނި އައިސްފައެވެ.
ޝިޔާމްގެ ދެބުމަ ކައިރި ކޮށްލި އިރު ނިއްކުރިޔަށް އެތަައް ރުލެއް ޖަމާވިއެވެ. ހިތް ހަމަ ނުޖެހިފައިވާ ކަން އަންގައި ދެމުން އެވަގުތު އެ ދެލޮލުން އެ މީހާއާ ދިމާލަށް ނަޒަރު ހިންގާލީ ލޯ އަޅައިލަމުންނެވެ.
“ބުނެފީމެއްނު އަހަރެން މީ ތި ވައްތަރަށް އުޅޭ މީހެއް ނޫނޭ. މީ ދެން ބުނާ އެންމެ ފަހު ފަހަރު… އަހަރެން ތި ގެއަކަށް ނުދާނަން. ހަމަ މިހާރު މިތަނުން ދޭ…” ދަތްޕިލަ ޖައްސާ ފިއްތާލަމުން މިންހާ ބެލީ އޭނާގެ އަޑު ބާރު ނުކޮށް އެމީހާ ފޮނުވައި ލެވޭތޯއެވެ.
“ކޮއްކޯ..! މީ ކޮއްކޮގެ ބޮޑުދައިތަ… ޒަމްހަރިއްޔާ… ބައްޕަ ބުނެގެން މިއައީ އަހަރުމެން ގޭގަ އުޅެން ބަލާ.” އެ މީހާގެ އަޑު ބާރު ކޮށްލަމުން ޝިޔާމަށް މުޚާތަބު ކުރިއެވެ.
“ނުދާނަން. ދުވަހަކު ވެސް ނުދާނަން. މަންމަ ވެސް ނުގެންދެވޭނެ.” ޝިޔާމް ދެލޯ އަޅައިން ހުރެ އެހެން ބުނެލަމުން ގޭތެރެއަށް ވަނެވެ.
“ކޮން ކަމަކާ މިތާ މާ އަޑުގަދަ ވަނީ؟” ބޭރުން އައިސް ގެއަށް ވައިން އިނާޔާ ހައިރާން ވެފައި ސުވާލު ކުރިއެވެ.
“ކަމެއް ނުވޭ.. މަ މި މީހުން ބަލާ އައިމަ ވެސް މި މިންހާ ނޫޅުނު މަށާ އެކީ އަހަރުން ގެއަށް ބަދަލު ވާކަށް. އަދި ޝިޔާމު މާ ފޯރި ގަދަ. ދުވަހަކު ވެސް ނުދާނަމޯ… މަށަށް ކީއްތަ؟ އެމީހުން ނައިއްޔާ ޚަރަދު ކުޑަ ވެފަ ކާއެއްޗެހި ގިނަވާނީ ވެސް މަށަށް ދޯ؟… ނަސީބެއް އިނާޔާއަށް މިތަނަށް އާދެވުނު ކަން. ނޫންނަމަ މިންހާ މިހިރަ ގަސްތައް މުލުން ލުހެލީސް.. އަމީލެއް ނޫން ރުޅި ގަދައީ… ޝިޔާމުގެ ދެ ލޮލުން ވެސް ހީވީ މަށާ ދިމާލަށް އަލިފާން ދުއްވާލަފާނެހެން.” މިންހާއާ ދިމާލަށް ކޯ އަނބުރާ ލަމުން ޒަމްހަރިއްޔާ ހިނގައިގަތީ އެގެއިން ނުކުންނާށެވެ.
“އަޅާނުލާ!… އަމީލުގެ މީހުން ގާތަށް ދެން ދާނެ ކަމެއް ނެތް. އެއީ ރަހުމެއް ކުލުނެއް ހުންނަ ބައެއް ނޫން… އޭތް ކާކުތަ ތި ކޮތަޅު ގެނައީ؟ އަހަރެން މި އައީ ބަނދަރަށް ގޮސް ތި ހޯދަން ވަރަށް މަސައްކަތް ކޮށްފަ.” އިނާޔާ ކުއްލިޔަކަށް ބުނެލިއެވެ.
“ނޭނގެ ކާކު ފޮނުވި އެއްޗެއް ކަމެއް. އަހަރެންގެ ނަން ޖަހާފަ، ކޮންމެސް ފިރިހެނެކޯ މި ފޯނު ލޯންޗަށްލީ…” އިނާޔާ އަތަށް ކޮތަޅު ދިއްކޮށްލަމުން މިންހާ ބުނެލިއެވެ.
“ތީ އަހަރެން ރީމް ގާތު ބުނެގެން މިންހާއަށް ގެނެސްދިން އެއްޗެއް. އެކަމު އިނގޭތަ… މަ މިއަދު ލާރި ފޮނުވަން ގުޅީމަ ބުނި ތީ ރީމް ދިން ހަދިޔާއެކޯ މިންހާއަށް.” އިނާޔާ ކިޔައި ދިނީ ކަން ހިނގި ގޮތެވެ.
މިންހާ ހުރީ ހައިރާން ވެފައެވެ. އެހެނަސް އެ ހިތަށް ވެރިވި އުފާވެރި ކަމުގެ ސަބަބުން ތުންފަތުގައި ދުވެލީ އުފާވެރި ކަމާއި އުންމީދުގެ ހިނިތުން ވުމެކެވެ. ނަމަވެސް އެ ހިނިތުން ވުން އިރުކޮޅެއްގެ ތެރޭގައި ގަނޑުވީ މިންހާގެ ސިކުނޑި އޭނާއަށް އުނދަގޫ ކުރަން ފެށި ޚިޔާލުތަކުންނެވެ.
“އިނާ އަޅެ ތި ވާހަކަ ބުނި ނަމަ ޒަމްހަރިއްޔާ މިތާ ހުއްޓާ. އޭނަ އެދިޔައީ ދައްކާނެ މޮޅު ވާހަކައެއް ހިފައިގެން. ނޭނގެ… ގޮސް އަމީލު ކައިރި ވެސް ބުނާނެ އެއްޗެއް.” މިންހާގެ މޫނުމަތީގެ އުޖާލާކަން ގެއްލުނީ ޒަމްހަރިއްޔާ ގޮސް އަމީލު ގާތު ކިޔާފާނެ އެއްޗެއް ނޭނގޭތީއެވެ.
ކޮޓަރީގައި އޮތް ވިޔާމް ސިއްސައިން ދިޔައީ ކުއްލިޔަކަށް އެއްޗެއް ތެޅުނު އަޑު އިވުމުންނެވެ. އެ އަޑު އައީ ކޮޓަރިން ބޭރުން ކަމުގައި ވިޔަސް, އެއީ ހަމަ ގައިމުވެސް ބިއްލޫރީގެ އަޑެވެ. އެއަޑު ހަމަ އެގޮތަށް ޝަރާއަށް ވެސް އިވުނެވެ. އޭރު ޝަރާ ހުރީ ފާހާނައިގަޢި ފެން ވަރާށެވެ.
“ވިޔާމް!… ކޮން އަޑެއް؟” ފާހާނައިގައި ހުރި ޝަރާ ވަރަށް ބާރަށް ވިޔާމަށް ގޮވާލަމުން ބުންޏެވެ.
“ނޭނގެ.. އެބަ ބަލައިލަން.” އެނދުން ތެދުވެގެން ގޮސް ވިޔާމް ދޮރު ހުޅުވާ ބޭރު ބަލައިލުމަށް ފަހު ވަރަށް ބާރަށް އެދިމާލަށް ދުއްވައިގަތެވެ.
އޭރު ސިޓިންރޫމު ގައި ހުރި ކާމޭޒު ކައިރިއަށް ވަނީ ސައި ބޯން ބޭނުން ކުރާ ވައްތަރުގެ ޖޯޑެއް ތެޅިފައެވެ. ކުދި ކުދި ވެފައިވާ މުށި ބިއްލޫރިތައް ނަގަން މަސައްކަތް ކުރަމުން ދިޔަ ނަޝާޔާގެ ނަޒަރު އިރުކޮޅަކަށް ނަމަ ވެސް ވިޔާމަށް ހުއްޓުނެވެ. އެ ވަގުތު ނަޝާޔާގެ މޫނު މަތީގައި ވަނީ ބިރުވެރި ކަމާއި ހާސް ކަމުގެ އަސަރެވެ.
“ނަޝާ!… ދައްކާ ބައްޕަ ސާފު ކުރާނަން.. އަތް ކެފިދާނެއްނު… އަވަހަށް ސޯފާއަށް ދޭ.” ނަޝާޔާގެ އެއް އަތުގައި ހިފާ ނަގަމުން ވިޔާމް ބުނެލިއެވެ.
“ނޫން… ބައްޕަ ދޭ ދުރަށް. މަންމަ ބުނެފަ އޮންނަނީ ނަޝާ އަތުން ކަމެއް ވިއްޔާ ނަޝާ ޖެހޭނޭ އަމިއްލައަށް އެކަމެއް ރަނގަޅު ކުރަން. ހޮޑު ލެވުނަސް ނަޝާ އަމިއްލައަށް ސާފު ކުރަމޭ ބައްޕާ…” ފިހި ގަނޑާއި ކުނި ނަގާ އެތި ބަލާ ދަމުން ނަޝާޔާ ބުންޏެވެ.
އެވަގުތު ކޮޓަރި ހުޅުވާފައި ނުކުތް ޝަރާގެ ލޮލުގައި އަޅައިގަތީ ކުދިކުދި ވެފައިވާ މުށި ބިއްލޫރިތައް ސާފު ކުރަމުން ދިޔަ ނަޝާޔާއެވެ. އެއަށް ފަހު ވަރަށް ރަނގަޅަށް އެ ބިއްލޫރި ތަކަށް ނަޒަރު ހިންގާލިއެވެ. ވަގުތުން ޝަރާގެ ދެ ބުމަ ކައިރި ކޮށްލަމުން މުޅި މޫނަށް ވެރި ކޮށްލީ ނުރުހުމުގެ ކުލަވަރެވެ.
“އަޅެ… ނަޝާޔާ! މިހާރު މަގޭ ކޮފީ ބޯ މަގު ދޯ ތި ތަޅާލީ…. ޕިސްޕިސް… ދެން ތި ބިއްލޫރިތައް ނެގިޔަސް ނުވާނެއްނު ތި ތަޅައިން ނުދާ ކަމަކަށް.” ރުޅި އައިސްފައިވާ ޝަރާ ވަރަށް ރުންކުރު ގޮތަކަށް ވާހަކަ ދެއްކިއެވެ.
“ސޮ…ސޮރީ މަންމާ!… ނަ.. ނަޝާ ގަސްތުގައެއް ނޫނޭ.” ތުރުތުރު އަޅަމުންދާ އަޑަކުން ނަޝާޔާ ވާހަކަ ދައްކަމުން ދިޔައެވެ.
“ޝަރާ!… އަނެއްކާ ވެސް…. އަނެއްކާ ވެސް ފެށީތަ؟ ދެން އެއްޗިހި ކިޔަސް ނުވާނެ ދޯ އެ ތަޅައިން ނުދާ ކަމަކަށް.” ޝަރާއާ ގާތްވެ ލަމުން ޝަރާ އަތުގެ މުލައްދަނޑީގައި ހިފާ ދުރު ކޮށްލަމުން ވިޔާމް ބުނެލީ މަޑުމަޑުންނެވެ.
“ނަޝާ..! އަޅާ ނުލާ… ބައެއް ފަހަރަށް އެހެން ވާނެ. ބައްޕަ ހަމަ ތިކަހަލަ ތައްޓެއް މަންމައަށް ގެނެސް ދީފާނަން.” ނަޝާޔާއާ ދިމާލަށް ބަލައިލަމުން ވިޔާމް ބުނެލިއެވެ.
“ދެން ކީއްކުރަން އުޅެނިކޮށް ތަށި ތެޅުނީ؟” އަނެއްކާ ވެސް ޝަރާ ބުނީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.
“ނަ.. ނަޝާއަށް ފެނުނީ ތި ކޮޓަރި ދިއްލާފަ ހުރިތަން.. އެހެންވެ އިނގުނީ މަންމަމެން ހޭލީ ކަން… ދެން.. ދެން ނަޝާ އުޅުނީ މަންމައަށް ކޮފީއެއް ގިރައި ދޭން.. އެހުރީ ބައްޕަގެ ކޮފީ ވެސް.” ފެން ކަޅި ވެފައިވާ ނަޝާޔާ ވާހަކަ ދައްކަމުން ދިޔަ އިރު ބަދިގެ ސީޓު މައްޗަށް އިނގިލިން އިޝާރާތް ކުރިއެވެ.
ނަޝާޔާ އޭނާގެ އިނގިލީގެ އިޝާރާތުން ދައްކާ ދިނީ ހޭލައިގެން އައިސް އޭނާ ކުރަމުން ދިޔަ މަސައްކަތެވެ. މަންމައާ ބައްޕައަށް ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭން އުޅުނީ ނުހަނު އުފަލާ އެކުގައެވެ. ދުވަސް ފަށަން ވެސް ނަޝާޔާ ބޭނުންވީ ނުހަނު ހަމަ ޖެހިލައިން ހުރެއެވެ.
ބަދިގެ ސީޓު މަތީގައި ހުރި ކަރަންޓް ފެން ކައްކާ ކުރާ ކައިރި ކޮފީ ޖޯޑެއް ހުއްޓެވެ. އޭގެ ކައިރީގައި ކޮފީ ފުޅީގެ އިތުރުން ހަކުރާއި ކިރު ދަޅު ވެސް ހުއްޓެވެ. އެއާ އިން ވެގެން އަނެއް ފަރާތުގައި ހުރި އުނދުން މަތީ ތަވައެއް ގައި އަޅާފައިވާ ބިސްގަނޑެއްް އޮތެވެ. ކައިރީގައި ހުރި ތައްޓެއްގައި ބިހުގެ ތޮށިތައް ހުރިއިރު ހަމަ އެކަނި އެތަނަށް ބަލައިލުމުން ވެސް ނަޝާޔާގެ އެ މަސައްކަތުގެ ފެންވަރު ދައްކުވައިދެއެވެ.
“ނަޝާ ހާދަ މޮޅޭ..!” ބިއްލޫރިތައް ކުނި އެއްޗަށް އަޅަން ދިޔަ ނަޝާޔާއާ ދިމާލަށް ވިޔާމް ބުންޏެވެ.
“ސޮރީ ނަޝާ…! މަންމައަށް އަދިވެސް މާ އަވަހަށް ރުޅި އާދެވެނީ… އަނެއްކާ ވެސް ބަލާނަން މިހެން ނުވޭތޯ.. ދެން އެހެން ތައްޓެއްގަ މަންމައަށް ކޮފީ ހަދާ ދޭންވީނު؟.” ޝަރާގެ ރުންކުރު އަޑު ހަމައަކަށް އަޅުވަމުން މަޑު މައިތިރި ވާހަކަ ދެއްކިއެވެ.
ވަގުތުން ޝަރާގެ ވިސްނުން ދުވެލީ ނަޝާޔާގެ އެ ރީތި އާދައިގެ މައްޗަށެވެ. އެއީ އެ އުމުރުގެ ކުއްޖެއްގެ ފަރާތުން މައިން ބަފައިންނަށްޓަކާ ދެއްކި ރީތި އަދަބެކެވެ. ނަޝާޔާއާ ދޭތެރޭ ވިސްނާލަން އަނެއްކާ ވެސް ޝަރާއަށް ފުރުސަތު ލިބުނީއެވެ. އެއިން އަންގައި ދެނީ ނަޝާޔާ އެމީހުންނަށް އިހްތިރާމް ކުރާކަމެވެ. އެމީހުންނާ އެކު ވަގުތު ހޭދަ ކުރަން ބޭނުންވާ ކަމެވެ.
“ނަޝާ..! ކިހިނެއް ބިސްގަނޑު އަޅަން ދަސްކުރީ؟” ސުވާލު ކުރީ ވިޔާމެވެ.
“އިނާޔާ ދައްތަ ދަސްކޮށް ދިނީ.. ނަޝާއަށް ދަސްވިއޭ އެއް ދުވަހުން.. ވަރަށް ފަސޭހަ.” ލުއި ހިނިތުން ވުމަކާ އެކު ނަޝާޔާ ކިޔައި ދިނީ ކަން ދަސްކުރި ގޮތެވެ.
“އެހެންތަ؟ ދެން އުނދުން ރޯ ކުރަން ބިރެއް ނުގަނޭތަ؟” މަތީ ކަބަޑުން ޖޯޑެއް ނަގަމުން ޝައުގުވެރި ކަމާއެކު ޝަރާ އަހާލިއެވެ.
“އެދުވަހު އިނާޔާއްތަ ދަސްކޮށްދިން ވަރަށް ގިނަ ފަހަރު. އިނގުނަސް.. އެކަމު އަދި ވެސް ބިރުގަނޭ.” ނަޝާޔާގެ ހިތުގެ އިހްސާސްތައް ކޮންމެސް ވަރަކަށް ކިޔައި ދެމުން ދިޔައެވެ.
އައި.ސީ.ޔޫ ކައިރި ހުރި ރީމްއަށް ލިބުނު ހިތްދަތި ހަބަރާއި އެކު ހިތްވަރު ކުރަން މަސައްކަތް ކުރަމުން ޖިންސުގެ ފަހަތު ޖީބުން ފޯނު ނަގާ ޔާސީނަށް އަށް ޑައިލް ކޮށްލިއެވެ. އެވަގުތު މުޅިތަން ފުސްވަމުން ދިޔަ ކަމުގެ އިހްސާސް ރީމްއަށް ކުރެވެން ފެށިއެވެ. ދެލޯ މައްޗަށް އަނދިރި ވަމުން ދިޔަ ވަގުތު މުޅި ތަން އެނބުރެން ފެށިކަން އެނގުނެވެ. އެ ހިސާބުން މުޅި މީހާގެ ހަބަރު ހުސްވެގެން ވެއްޓުނީއެވެ.
ހެލޯ!… ހެލޯ ރީމް… ކޮއްކޯ؟” ހާސް ވެފައި ހުރެ ދެތިން ފަހަރު ޔާސީން ގޮވައިލީ ރީމްގެ ފޯނު ނުކެނޑޭ ތީއެވެ.
އެވަގުތު ރީމް ވެއްޓުނު އަޑަށް ދުވެފައި އައި މީހަކު ވަރަށް ފުންކޮށް ރީމްގެ އެ ތޫނު ދެ ލޮލާއި މުޅި މޫނަށް ނަޒަރު ހިންގާލިއެވެ.
—– ނުނިމެ —–
މިބައި ކަމުދިޔަ ކަމަށް އުންމީދު ކުރަން. ކުރިޔަށް ހުރި ބައި ތަކަކީ މި ވާހަކަގެ ބާރު އިތުރަށް ގަދަވަމުންދާ ބައިތަކެއް. ތަފާތު ހާދިޘާ ތަކުން މުޅި ވާހަކަ އިތުރަށް ޝައުގުވެރި ވަމުން ދާނެ. ކެތްތެރި ކަމާ އެކު އިންތިޒާރު ކޮށްލާ.
ވަރަށް އުފާވެރި ޚަބަރެއް ހިއްސާކޮށްލާނަން. ދެން މި ވާހަކަ ކިޔާލަން ލިބޭނީ ހަފްތާއަކު 3 ދުވަހު އިންޝާﷲ.