
ހިތް ދެވިއްޖޭ ކަލާއަށްޓަކައި – 35

އައިކަންގެ މޫނުމަތި ވަގުތުން އަލިވެގެން ދިޔައެވެ. އެތައް ދުވަސްތަކެއް ފަހުން އޭނާއަށް ކުރީގެ ޒިވްޔާ ފެނުނީއެވެ. “ފައިނަލީ.” އޭނާއަށް އެހެން ބުނެވުނުއިރު އޭނާގެ ތުންފަތްމައްޗަށް ނިކަން ފިރިހެންވަންތަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޒިވްޔާ ވަގުތުން ދުރަށް ބަލާލިއެވެ.
============================
“ސިންސް ވެން ޑިޑް ޔޫ ސްޓާޓް ޑްރޯވިން؟” އައިކަން އަހާލިއެވެ. ޒިވްޔާ ކޮނޑު އަރުވާލިއެވެ. “ރީސެންޓްލީ.”
“ރީސެންޓްލީ؟”
“ހުމްމް.”
“ކީއްވެ؟”
“ނޭނގެ.”
އައިކަން ވަރަށް ރަނގަޅަށް ޒިވްޔާއަށް ބަލާލިއެވެ. މިހާރަކަށް އައިސް ޒިވްޔާއަށް ކުރާ ގިނަ ސުވާލުތަކަށް އޭނާގެ ޖަވާބަކަށް ވަނީ ނޭނގޭއެވެ. އައިކަން އަނެއްކާވެސް އެފޮތާއި ދިމާއަށް އަތް ދިއްކޮށްލިއެވެ. ނަމަވެސް ޒިވްޔާ ހުށިޔާރު ކަމާއެކު އެފޮތް ޖަހައިގަތެވެ. “ޑޯންޓް.” އެބަސް ބޭރުވީ ޒިވްޔާ ބުނަން އުޅުން ރާގަށް ވުރެ ހަރުކަށި ކޮށެވެ. އައިކަން ވަގުތުން ހުއްޓުނެވެ. ޒިވްޔާ ދުރަށް ބަލާލިއެވެ. “ސޮރީ.”
“އިޓްސް އޯކޭ.” އައިކަން އޭނާގެ އަތް ދުރުކޮށްލިއެވެ. އިރުކޮޅެއް ވަންދެކަށް އައިކަން ޒިވްޔާ އާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ޒިވްޔާއަށް ވަރަށް ބޮޑު ބަދަލެއް އައިއްސި.” އައިކަން އެހެން ބުނެލީ ވަރަށް މަޑުމަޑުންނެވެ. އޭނާގެ ހިތުގެ ކަނަކުން ކޮންމެވެސް ގޯހެއް އެބައުޅެޔޭ ބުނަން ފެށިއެވެ.
“ހުމް..” ޒިވްޔާ އެކަމަކަށް އިންކާރެއް ނުކުރިއެވެ.
“އެހެނެއް ނޫން މިބުނީ..” އައިކަން ބުނަން އުޅުނު ބަސްތައް ހުއްޓާލިއެވެ. އަދި ފުންނޭވާއެއް ލުމަށްފަހު ޒިވްޔާގެ ކުރިމައްޗަށް ޖެހިލިއެވެ. “ޔޫ ޔޫޒްޑް ޓު ހޭޓް ޑްރޯވިން..”
ޒިވްޔާ އަނެއްކާވެސް ކޮނޑުއަރުވާލިއެވެ. “ޕީޕަލް ޗޭންޖް.”
“އާން.. އެކަމް.. އެހާ އަވަހަކަށް ނޫން. އެއްފަހަރަކާއެއް ނޫން.”
ޒިވްޔާ އިތުރަށް އެއްޗެކޭ ނުބުނިއެވެ. އައިކަން ވެސް ޒިވްޔާއަށް ބަލަހައްޓައިގެން އިނީއެވެ. އެންމެފަހުން ޒިވްޔާ އިން ތަނުން ތެދުވިއެވެ. “އަހަރެން ކްލާހަށް ދަނީ.”
“ޔޫ ޖަސްޓް ފިނިޝްޑް ޔުއަ ކްލާސެސް.” އައިކަން ޒިވްޔާ އާއި ދިމާއަށް އެއްބުމަ އަރުވާލިއެވެ. ޒިވްޔާ ކުރަން އުޅޭ ކަންތައް އެނގޭކަން އަންގާލުމަށެވެ.
“އިތުރު ކުލާހެއް އޮބެން އަދި.” ޒިވްޔާ ހިނގައިގަތެވެ.
“ޒިވްޔާ.” އައިކަން ގޮވާލީ ވަރަށް މަޑުމަޑުންނެވެ. އެއަޑުގައިވީ ވޭން އިވިފައި ޒިވްޔާއަށް އިތުރަށް ކުރިއަށް ދިޔުމަށް ނުކުޅެދެވުނެވެ. އޭނާއަށް މަޖުބޫރިވީ ހުރިތާނގައި މަޑުކުރާށެވެ.
“އަހަރެންނާ ތިހާ ބޮޑަށް އެވޮއިޑް ތިކުރަނީ އަހަރެންދެކެ ރުޅިއަންނާތީތަ؟” އައިކަން އޭނާގެ ހިތުގައި އަތް ސުވާލު އެންމެފަހުން ބޭރުކޮށްލިއެވެ. ހަމަޔަގީނުން ވެސް އެވަގުތު ޒިވްޔާ ފަސް އެނބުރި އައިކަންގެ މޫނަށް ބަލާލިނަމަ އޭނާގެ ހިތް ކުދިކުދި ވާނެއެވެ. އެހެން ނަމަވެސް ޒިވްޔާ ފަސްއެނބުރި ބަލައެއް ނުލައެވެ.
“ނޫން.”
“ދެން.. ކީއްވެ؟” އައިކަންގެ އަޑު ކުރުހުނެވެ. އޭނާ ޒިވްޔާ އާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. އިރުކޮޅެއްފަހުން ޒިވްޔާ ބުނެލިއެވެ. “ނޭނގެ.” އެއަށްފަހު ޒިވްޔާ އެތަނުން ނުކުމެގެން ދިޔައީއެވެ. އަމިއްލަ ހިތުގެ މައްޗަށް ހިލަގަނޑެއް ލައިގެނެވެ.
ފުރަތަމަ ފަހަރަށް އައިކަނަކަށް ޒިވްޔާގެ ފަހަތުން ދާނެ ހިތްވަރެއް ނުލިބުނެވެ. އޭނާ ޒިވްޔާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. ލައިބްރަރީ އިން ނުކުމެގެން ދިޔައިރުވެހެވެ. މިފަހަރު ޒިވްޔާ ނޭނގެޔޭ ބުނިގޮތުން އައިކަނަށް ވަރަށް އަސަރު ކުރިއެވެ.
ޒިވްޔާ ބުނީ ހަމައެކަނި ނޭނގެއޭއެވެ. ވާހަކަ ދައްކަން ބޭނުމެކޭ ނޫނެވެ. އޭނާއަށް އުނދަގޫ ނުކުރާށެކޭ ވެސް ނޫނެވެ. އައިކަން ދެކެ ނަފްރަތު ކުރަމެކޭ ވެސް ނޫނެވެ. ހަމައެކަނި އެންމެ ލަފްޒެކެވެ. ނޭނގޭއެވެ. އައިކަނަށް ފާހަގަ ކުރެވުނެވެ. ޒިވްޔާގެ އެ ބަހުގައި އެތަކެއް ސިއްރެއް ވާ ކަމެވެ. އެތަކެއް އިހުސާސްތަކަކާއި ޝަކުވާއެއްވާ ކަމެވެ.
އައިކަން އޭނާގެ ކަރުގެ ފަހަތުގައި އަތް ހިންގާލިއެވެ. ފަހަރުގައި އައިކަން ފެންނައިރަށް ޒިވްޔާ ފިލަނީ އައިކަން ދެކެ ނަފްރަތު ކުރާކީ ނޫން ކަމަށް ވެސް ވެދާނެއެވެ. ފަހަރުގައި… ފަހަރުގައި ޒިވްޔާ އެހެން އެ ކަންތައް ކުރަނީ އިތުރު ކަމެއް ހިނގަމުން ދާތީއެވެ. ޒިވްޔާ ކޮންމެވެސް ކަމެއް ސިއްރު ކުރަނީއެވެ. އެކަމަކު ޒިވްޔާ އެކަމެއް އައިކަން އާއި ހިއްސާކުރާކަށް އަދި ތައްޔާރީ ނޫން ކަމަށް ވެސް ވެދާނެއެވެ.
…………………
އަވަސް އަވަހަށް ހިނގާފައި ދިޔަ ދާނިޝް ވަނީ ސިޑިތައް ހުންނަ ދިމާއަށެވެ. އެއީ ފަސްވަނަ ފްލޯ ކަމުން ގިނަ ކުދިން ބޭނުން ކުރާނީ ލިފްޓު ކަމުން އެތާނގައި އިތުރު ކުއްޖެއް ނެތެވެ. ދާނިޝްގެ ފޯނު ރިންގުވާން ފެށިއެވެ. ހަމަ އެ ލަވައެވެ. އޭނާ ފޯނުގެ ސްކްރީނަށް ބަލާލާފައި ދެބުމަ ގޮށް ޖަހާލިއެވެ. އަދި ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. “ހަލޯ؟”
ކޯލުގެ އަނެއްކޮޅުން އެއްވެސް ޖަވާބެއް ނަޔެވެ. އޭގެ ބަދަލުގައި ދާނިޝްގެ ފޯނަށް އައީ މެސެޖެކެވެ. ހަމަ އެ ނަންބަރުންނެވެ. “ޝީ އިޒް ރިމެމްބަރިން.” މެސެޖުގައި ޖަހާފައި ވަނީ އެހެނެވެ. މެސެޖުގެ ކައިރީގައި ގަޑިއެއް އަރާފައި އިނެވެ. 5 ސިކުންތު ވުމާއެކު އެމެސެޖު ގެއްލުނެވެ.
“ނޫން.” ދާނިޝްގެ ކަތުރުކަށިގަނޑު ވާންވިއެވެ. “އޭނަގެ އެއްވެސް ހަނދާނެއް ނެތް.” އަނެއްކާވެސް އޭނާގެ ފޯނަށް މެސެޖެއް އައެވެ. އޭގައި ޖަހާފައި ވަނީ “ޔަގީން؟”
“އާން. ޔަގީން.” ދާނިޝްގެ ދަތްކުނޑި ވިކިގެން ދިޔައެވެ. އެއާއެކު އެ ކޯލު ކެނޑުނެވެ. އަދި އެ މެސެޖު ވެސް ގެއްލުނެވެ. އޭރު ދާނިޝްގެ ދެލޮލުން ދިލަކަނި ބުރާ ކަހަލައެވެ. އޭނާ އަނބުރާ ކޯރިޑޯއަށް ވަދެ ބެލްކަންޏަށް ނުކުމެލިއެވެ. އެވަގުތު ތިރިން ޒިވްޔާ ހިނގާފައި ދާ މަންޒަރު ފެނުނެވެ. އޭނާ ޒިވްޔާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އަދި އޭނާގެ ފޯނު ޖީބަށް ލުމަށްފަހު އެތެރެއަށް ހިނގައިގަތެވެ. އެކަކަށް ވެސް އެކަމެއް ފާހަގައެއް ނުކުރެވެއެވެ. ޒިވްޔާއަށް ފިޔަވައެވެ.
ޒިވްޔާ މައްޗަށް ބަލާލީ ދާނިޝް ހަމ ދިޔަތަނުންނެވެ. އެހެންނަމަވެސް އޭނާއަށް ދާނިޝްގެ މޫނު ވަރަށް ސާފުކޮށް ފެނުނެވެ. އެއީ އެ މޫނެވެ. އޭނާގެ ހަނދާނަށް އަންނަ މޫނެވެ. އޭނާގެ ނޯޓު ފޮތުގައި ނުނިމި އިން ކުރެހުމުގެ މޫނެވެ. ދާނިޝްގެ މޫނެވެ.
…………………………..
އެރޭ އެނދުގައި އޮށޯވެގެން އޮތް އައިކަނަށް އުޅެއުޅެ ވެސް ނިދޭގޮތެއް ނުވިއެވެ. އޭނާގެ ސިކުނޑިއަށް ޒިވްޔާގެ ނޯޓުފޮތް އަންނަނީ ކީއްވެ ކަމެއް ހަމަ ނޭނގުނެވެ. އޭނާއަށް ޒިވްޔާ ވަރަށް ރަނގަޅަށް އެނގެއެވެ. ޒިވްޔާ އަކީ އޭނާގެ އަމިއްލަ އިހުސާސްތައް ބަސްތަކަކަށް އަމުނައިގެން ޝަޙުސިއްޔަތުތަކެއް އުފައްދައި، ވާހަކަ ލިޔާ ކުއްޖެކެވެ. ޞަފްހާއަކަށް ފަހު ޞަފްހާ އެކެވެ. އައިކަން އޭރު އުނދަގޫ ކުރީމަވެސް ޒިވްޔާ ލިޔުނީ ވާހަކަ އެކެވެ. އެކަމަކު މިހާރު ޒިވްޔާ އެއްވެސް ވަރަކަށް ވާހަކައެއް ނުލިޔެއެވެ. އޭގެ ބަދަލުގައި ޒިވްޔާ ފެށީ ބިޒްނަސް މެނޭޖްމަންޓް ކިޔަވަންށާއި ކުރަހާށެވެ. އަޖާއިބެކެވެ.
އައިކަން ސީލިނަށް ބަލަހައްޓައިގެން އަތެވެ. އަދި މަޑުމަޑުން އެ ހުސް ކޮޓަރި ތެރެއަށް ބުނެލިއެވެ. “ވަޓް ހެޕެންޑް ޓު ޔޫ، ޑަރލިން؟”
ޒިވްޔާ އަނބުރާ އައި ފަހުން ފުރަތަމަ ފަހަރަށް އައިކަން އެރޭ ވިސްނަން އޮތީކީ އައިކަން ފެންނައިރަށް ޒިވްޔާ ދުރުދުރުން އުޅޭ ސަބަބަކާއި މެދަކު ނޫނެވެ. އޭގެ ބަދަލުގައި އައިކަން ވިސްނަން އޮތީ ޒިވްޔާ އެހާ ވަރަކުން ފޮރުވަން އެ އުޅެނީ ކޮންއެއްޗެއް ކަމާމެދުއެވެ.
………………
ޒިވްޔާއަށް އެ ކުރެހުމާއި މެދު ވިސްނުން ނޫން ކަމެއް ނުކުރެވުނެވެ. އޭނާގެ މުޅި ސިކުނޑި ހިސޯރުކޮށްފައި ވަނީ އެ ކުރެހުމެވެ. މީގެ އިރުކޮޅެއް ކުރިން އޭނާ އެ ގަނޑު ވީދާލުމަށްފަހު ޑަޝްބިނަށްލިއެވެ. އޭނާ އެ ކުރެހުން އެއްލާލައިފި ނަމަ އެއީ ހަޤީގަތަކަށް ނުވޭތޮއެވެ. ނަމަވެސް އެއީ ވާނެ ކަމެއް ނޫންކަން އޭނާއަށް ރޭކާލީ އޭނާ ލޯ މަރާލާ އިރަށް އެ މޫނު ފެންނަން ފެށީމައެވެ. މިހާރަކަށް އައިސް ދާނިޝް ފެންނަ އިރަށް އޭނާ ގަންނަނީ އިންތިހާއަށް ބިރެވެ
އިޒިކިއަލަށް ކަމެއް ފާހަގަވާން ފެށިއެވެ. ޒިވްޔާގެ ފަރާތަކުން ނޫނެވެ. ދާނިޝްގެއެވެ. ފުރަތަމަ ފަހަރު އިޒިކިއަލް މާބޮޑަކަށް އަޅައެއް ނުލައެވެ. ދެވަނަ ފަހަރަށް ތަކުރާރު ވުމުން އޭނާގެ ހަނދާނަށް އައީ ފުރަތަމަ ފަހަރެވެ. ނަމަވެސް ތިން ވަނަ ފަހަރަށް ތަކުރާރު ވުމަކީ އިއްތިފާގެއް ކަމަކަށް އިޒިކިއަލަކަށް ގަބޫލެއް ނުކުރެވުނެވެ.
ދާނިޝްގެ ފޯނަށް ކޯލެއް އަންނައިރަށް އޭނާ އަވަސް އަވަހަށް ފޯނު ބަލާގޮތެވެ. ގިނަ ފަހަރު އަވަސް އަވަހަށް މީހުނާއި ދުރަށް ގޮސް ވާހަކަ ދައްކަން ފަށައެވެ. އެހެން މީހުންގެ ކުރިމަތީގައި ނަގަނީ މަދު ކޯލެކެވެ.
ދާނިޝް ދިޔަތާ މިހާރު އިރުކޮޅެއް ވެއްޖެއެވެ. އިޒިކިއަލް އެދިމާއަށް ދާން އުޅުނެވެ. ނަމަވެސް ޝަޔާލް އިޒިކިއަލާއި ދިމާއަށް ބޯޅަ އެއްލުމުން އޭނާ އެ ބޯޅަ ހިފިއެވެ. “ކައެ އާ ހަވާލު. މަ މިދަނީ ޝިމް ގެއަށް ލާ ދޭން.” ޝަޔާލް އޭނާގެ ފޯނު ނަގައި ޔަޝްމީއަށް ގުޅާލިއެވެ. އަދި ކޮލެޖު ގޭޓު ކައިރިން ދިމާ ކުރުމަށް ބުނަމުން އެތަނުން ދާން ހިނގައިގަތެވެ.
އިޒިކިއަލް ބޯޅަ ރަޒާނަށް އެއްލުމަށްފަހު ހިނގައިގަތެވެ. މީ ޒިވްޔާ ދާ ގަނޑި ކަމުން ގޭޓު ދޮށުން ދެކިލާ ހިތުންނެވެ. އިޒިކިއަލް ގޮސް ގޭޓާއި ހިސާބަށް އަރަނިކޮށް ދާނިޝްގެ ފޯނުގެ ރިންގްޓޯނުގެ އަޑު އިވުނެވެ. މާދުރު ނޫން ހިސާބަކުން އޭނާގެ ލޮލުގައި ޒިވްޔާ ވެސް އަޅައިގަތެވެ.
ދާނިޝްގެ ފޯނުގެ ރިންގްޓޯނުގެ އަޑު ޒިވްޔާގެ ކަންފަތުގައި ޖެހުމާއެކު ޒިވްޔާ ހުއްޓުން އެރިއެވެ. އޭނާ ހުއްޓުނީ ވަރަށް ވެސް ކުއްލި ގޮތަކަށް ކަމުން ފަހަތުން އައި އަންހެން ކުއްޖާ ޒިވްޔާގެ ގައިގައި ނުޖެހުނީ ވެސް ކިރިޔާއެވެ. ޒިވްޔާގެ ކަރުގައި އޭނާގެ ނޭވާ ތާށިވި ކަހަލައެވެ.
ދާނިޝް އޭނާގެ ފޯނުގެ ސްކްރީނަށް ބަލާލުމަށްފަހު ނިތަށް ރޫ އަރުވާލިއެވެ. އަދި އަވަސް އަވަހަށް ދުރަށް ހިނގައިގަތެވެ.
އިޒިކިއަލް ދާނިޝް ދާ މަންޒަރު ބަލަހައްޓައިގެން ހުރެފައި، އަނބުރާ ޒިވްޔާއަށް ބަލާލިއެވެ. ޒިވްޔާ ބަލަހައްޓައިގެން ހުރީ ސީދާ ދާނިޝް ދިޔަ ދިމާއަށެވެ. ޒިވްޔާ ހުރީ ގުޑިވެސް ނުލައެވެ. އެހިނދު އިޒިކިއަލްގެ ސިކުނޑިއަށް އެއްޗެއް ވިސްނެން ފެށިއެވެ. ޒިވްޔާއަށް ކޮންމެވެސް އެއްޗެއް އެނގެއެވެ. އެ އެއްޗެއް ގުޅިފައިވަނީ ދާނިޝާއެވެ. އިޒިކިއަލް ކިތަންމެ ވަރަކަށް ގަބޫލު ކުރަން ބޭނުން ނުވިޔަސް ޒިވްޔާގެ މޫނުމަތިން އެފެންނަ ބިރަކީ އޭގެ ހެއްކެވެ.
އަދި އެއީ ތެދަކަށް ވާ ނަމަ.. ކުށްހީއަކަށް ނުވާ ނަމަ…. އެމީހުންގެ ތެރޭގައި ހުރެގެން ނުވާނޭ މީހަކު މިއޮށް ހުރިހާ ދުވަހު ހުއްޓެވެ. އިޒިކިއަލް އެވަރަށް ހަޤީގަތް ހޯދަން އުޅުން އިރުވެހެވެ. އޭގެ މާނައަކީ އެމީހަކު ހުރީ އޭނާގެ ކުރިމަތީގައެވެ.
………………………………
ޖެހިގެން އައި ދުވަސް..
އިޒިކިއަލްގެ ހަނދާނުން އެރެއެއް އަދިވެސް ނުފިލައެވެ. ނުވެސް ފިލާނެއެވެ. އޭނާގެ ހަނދާނުގައި މިހާރުވެސް އެބަހުއްޓެވެ. ހަޔާލް ހަޅޭލަވައިގަތް އަޑެވެ. އެންމެން ދުވެފައި އެދިމާއަށް ދިޔަ ގޮތެވެ. ފެނުނު މަންޒަރުން މިހާ ގަނޑުވިގޮތެވެ. އެ ފިނިފެންމާތަކެވެ. ފިނިފެންމާ ފިޔަތަކެވެ. ފެހިކަންގަދަ ފަތްތަކެވެ. ފިނިފެންމާ ގަހުގެ ކަށިތަކުގައި ހުރި ލެޔެވެ…………. ޒިވްޔާއެވެ.
އޭނާގެ ސިކުނޑިއަށް ރަނގަޅަށް ނަގައިނުގަނެވެނީސް އޭނާ ލައިގެން ހުރި ގަމީސް އަވަސް އަވަހަށް ބޭލުނު ގޮތެވެ. އޭނާ ޒިވްޔާގެ ހަށިގަނޑަށް ނުބަލަން އަނެއްފަރާތަށް އެނބުރި ހުރެ، ތުރުތުރު އަޅަމުން ދިޔަ އަތުން ޒިވްޔާގެ ހަށިގަނޑު އޭނާގެ ގަމީހުން ނިވާކުރިގޮތެވެ. ޒިވްޔާ އަތްދަނޑި މައްޗަށް ނެގުނު ގޮތެވެ. އޭނާގެ އަތުގައި ޒިވްޔާ އޮތް ގޮތެވެ. ލެއިން ކަޅިވެފައެވެ.
އޭނާއަށް ރަނގަޅަށް ނުނިދޭތާ އެތައް މަސްދުވަސް ވެއްޖެއެވެ. ލޯ މަރާލާ އިރަށް ސިފަވަނީ އެ ފިނިފެންމާ ބެޑެވެ. ޒިވްޔާގެ ކުޑަކުޑަ ހަށިގަނޑު ރަޙުމު ކުޑަ ގޮތަކަށް އެއްލާލާފައި އޮތްގޮތެވެ. އެހެން ނަމަވެސް އޭނާއަށް ރޭގައި ވިންނުނީ ދާނިޝާއި މެދުއެވެ. ދާނިޝް ފޯނެއް އަންނައިރަށް އަވަހަށް ދާގޮތެވެ. ޒިވްޔާއަށް ބަލަހައްތައިގެން ހުންނަ ގޮތެވެ. ޒިވްޔާ ދާނިޝަށް ބަލާގޮތެވެ. އެދެލޮލުގައި ވާ ބިރެވެ.
ދާނިޝްގެ ދަތްކުނޑި ވިކިގެން ދިޔައެވެ. އޭނާގެ ސިކުނޑިއަށް ވިސްނާދެވުމުގެ ކުރިން އޭނާގެ ހިތް ބުނެލިއެވެ. “އެއީ ކަލޭއެވެ. ދާނިޝެވެ.” އެއްވެސް ހެއްކެއް ނެތެވެ. ނަމަވެސް އޭނާގެ މުޅި ސިކުނޑި އާއި ހިތް ކިޔަމުން ދިޔައީ އެކައްޗެކެވެ.
އިޒިކިއަލް ގޮނޑިން ތެދުވިލެއް އަވަސް ކަމުން އޭނާގެ ގޮނޑި ފަހަތަށް ވެއްޓުނެވެ. އެއާއެކު އޭނާގެ ލެކްޗަރާ އާއި ކުލާހުގައި ތިބި ކުދިން ފަސް އެނބުރި ބަލާލިއެވެ. “އެވްރިތިން އޯކޭ، އިޒިކިއަލް؟” ލެކްޗަރާ ގޮވާލިއެވެ. ނަމަވެސް އިޒިކިއަލް އެއްވެސް ޖަވާބެއް ނުދީ ހިނގައިގަތީ ދޮރާއި ދިމާއަށެވެ. އޭނާ ބާރުބާރު ދޮރު ހުޅުވާފައި ބަންލާފައި ދޮރުޖެހިއެވެ.
“އިޒިކިއަލް!!!” ލެކްޗަރާ ގޮވި އަޑު އިވުނެވެ. ނަމަވެސް އިޒިކިއަލްގެ އެއްވެސް ފަރުވަލެއް ނެތެވެ. އޭނާގެ ސިކުނޑީގައި އޮތީ ހަމަ އެންމެ މަގުސަދެކެވެ. އޭނާގެ ސިކުނޑި ގޮވަމުން ދިޔައީ އެންމެ ނަމެކެވެ. ދާނިޝެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުން ބާސްކެޓު ބޯޅަ ކޯޓަށް ދިޔަ އިޒިކިއަލްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރި ކަމެވެ. އޭނާގެ ދެލޮލުންނާއި ކަންފަތުން ވެސް ދުން އަރާކަހަލައެވެ. އޭނާގެ ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައީ ރުޅިގަނޑު މައިތިރި ނުކުރެވިގެންނެވެ. ނަމަވެސް މިއަދު އިޒިކިއަލް ހުރީކީ އެ ރުޅިގަނޑު މައިތިރި ކުރާކަށް ނޫނެވެ. އޭނާ އެޅި ކޮންމެ ފިޔަވަޅަކާއެކީ އޭނާގެ ރުޅީގެ އަލިފާންގަނޑަށް ދިޔައީ އެތައްއެތައް ދަރުތަކެއް އަޅަމުންނެވެ. ދަރެއްވެސް ނޫނެވެ. ޕެޓްރޮލެވެ. އޭނާގެ ލޮލުގައި ކުޅެން ހުރި ދާނިޝް އަޅައިގަތުމާއެކު އެ އަލިފާންގަނޑު އަނދައިގަތީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ.
“އޯއި.” އެތަނުން ކުޅުންތެރިޔަކު އިޒިކިއަލަށް ގޮވާލިއެވެ. އެއާއެކު ދާނޝް ވެސް އެނބުރި އިޒިކިއަލާއި ދިމާއަށް ބަލައިލިއެވެ. ނަމަބެސް އިޒިކިއަލް ޖަވާބެއް ނުދިން ތާނގައި ދާނިޝަށް ވިސްނާލާކަށް ވެސް ސިކުންތެއް ނުދިނެވެ. އޭނާ ހިފައިގަތީ ދާނިޝްގެ ޖާޒީގެ ކަރުވަޅުގައެވެ.
“ވަޓް ދަ ހެ-”
ދާނިޝްގެ ބަސްތައް ފުރިހަމަ ނުވަނީސް އިޒިކިއަލްގެ މުށްކެވިފައިވީ އަތުގެ ހޫނު ހަމަލާ އަރައިގެން ދިޔައީ ދާނިޝްގެ ކޯކަށިގަނޑަށެވެ.
==========================
މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދުކުރަން.
ޝައިމްސް.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (6)
Comments are closed.
This dhaanish. Hama huvaa. If i ever meet him he will be dead. When nxt?
😭
omg omg i also have a feeling dhaanish is the one who did that to ziv..
🤷🏻♀️
gurll i ma on my monthly i and for some reason
i am reading this story and it is makeing me angry i swear i want to ki33
dhaanish so baddly like y did he do that to a innocent girl
and now aikan no dhaanish did that i mean who will not the way he act
anyway when next
vrh reethi
Thanks🩷