ވަރުބަލި ކަމާއެކު ގެއަށް ވަދެގެން އައި އިސްމާއިލް ސޯފާއަށް ވެއްޓިގަތެވެ. މުޅި މީހާ ވަނީ ދަލުން ތަތްތެޅިފައެވެ. ކޮޅަށް ހުންނާނެހާ ހިތްވަރުވެސް އޭނާގައިގައި ހުރިހެން ހިއެއް ނުވެއެވެ. ރަނގަޅަށް ހިންނުދެމިވެގެން އުޅެނިކޮށް ، އޭނާއަށް ގޮވި އަޑު އިވުނެވެ. ކިތަންމެ ވަރުދެރަވެފައި ހުރި ނަމަވެސް ގޮވުމަށް އިޖާބަ ދޭން އިސްމާއިލަށް މަޖުބޫރުވިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ސޯފާއިން ތެދުވެގެން ގޯތިތެރެއަށް ދިޔައެވެ.
ވެލި ބަސްތާތަކެއް ކައިރީގައި މެދު އުމުރުގެ އަންހެނަކު ހުއްޓެވެ. ދުފައި ރަތްކޮށްގެން ހުރި އެ އަންހެންމީހާ ބަލަމުން ދިޔައީ އެތަނުގައި މަސައްކަތް ކުރިއަށް ދާ ގޮތެވެ. ގޯތިތެރޭގައި ދެފަންގިފިލާގެ އިމާރާތެއް ހަދަމުން ދިޔައެވެ. މަސައްކަތް ކުރަން ގިނައިން އުޅުނީ ބަންގާޅިންނެވެ. ކަންތައް ކުރަންވީ ގޮތް އެމީހާ ބަންގާޅިންނަށް ކިޔައިދެމުން ދިޔައެވެ. “ކަލޭ ކީއްވެ ތިދިޔައީ؟ ވެލި ބަސްތާއެއް އުފުލުމުން މަސައްކަތް ނިމުނީކީ ނޫނޭ… ކަލޭ ދެން ކުރަންވީ ކަމަކީ ، ކާސިމްބެ ގެނެސްފައި ހުރި މަސްކޮޅު ކަނޑަންވީ…އެކަނޑާފައި ރޫމީ އަތައް ގަރުދިޔަ ކައްކަން ދީ، އޭގެފަހުން ދެން ކޮންމެ ކަމެއް ކުރިއަސް މަށަށް ހެޔޮ” އިސްމާއިލް ބޯ ޖަހާލުމަށްފަހު ދެކޮޅު ހެދުމެއް ނެތި މަސްކަނޑަން ،
ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ތިން ރަތްކޮތަޅު ފުރާ ހުރި ކަނޑުމަސް ކަނޑާ ނިމިނުއިރު ، އިސްމާއިލްއަށް މައި ނޭވާ ލެވެމުން ދިޔައެވެ. މަސްތައް ކަނޑާއި، ސާފުކޮށް އަދި ކޮށަން ގަޑިއެއްގެ އިރު ނެގިއެވެ. ހުރިހާ ކަމެއް ކޮށްފައި ، އެގޭގެ ކައްކާ ރޫމީއާ ހަވާލުކޮށްފައި އޭނާއަށް ޚާއްސަ ކުރެވިފައި ހުރި ކޮޓަރިއަށް ދިޔައެވެ.
One Comment
Comments are closed.






cant wait to read the full story!!! so excited