Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަމަ އިރާދާގާ 1

Nazyha Ebrahim
Nazyha Ebrahim Level 1
September 13, 2026 4 Mins Read
0 Comments

މާލޭގެ އުސް އިމާރާތްތަކުގެ ކޮންކްރީޓް ޖަންގަލީގައި އުޅެ ބޮޑުވި ނަމަވެސް، އައިމިނަތު ރީޝާ (25 އަހަރު) ގެ އަސްލު ވަޒަނަކީ ހުވަދުއަތޮޅު އުތުރުބުރީގެ ރަށެކެވެ. މެލޭޝިޔާގެ މަޝްހޫރު ޓޭލަރސް ޔުނިވަރސިޓީން އިންޓީރިއަރ ޑިޒައިނިންގގެ ދާއިރާއިން ފުރަތަމަ ޑިގްރީ ފުރިހަމަކުރުމަށްފަހު، ރާއްޖެ އެނބުރި އައިސް އޭނާ ކުރަމުންދިޔައީ ފްރީލާންސް މަސައްކަތްތަކެވެ. ކެނޑިނޭޅި ލެޕްޓޮޕްގެ ސްކްރީނަށް ބަލަން އިނުމާއި، ކްލަޔަންޓުންގެ ކުދިބޮޑު ޝަކުވާތަކާ ހެދި، އޭނާގެ ހީވާގި ސިކުނޑި ވަނީ އިންތިހާއަށް ވަރުބަލިވެފައެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކާއި، ދުއްވާ އެއްޗެހީގެ ބޯހަލާކުވާ އަޑުފައްގަނޑުން އެއްކިބާވެ، ސިކުނޑިއަށް ދިގު އަރާމެއް ދިނުމަކީ މިވަގުތު އޭނާއަށް އެންމެ މުހިންމު ވެފައިވާ ކަންތަކެވެ.އެހެންކަމުން، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ދިގު ޗުއްޓީ ހޭދަކޮށްލުމަށް ރީޝާ އިޚްތިޔާރުކުރީ ގދ. ތިނަދޫގައި ދިރިއުޅެމުންދާ އޭނާގެ މަންމަ ފަރާތު ބޮޑުދައްތަ ޚަދީޖާގެ ގެއެވެ.ކާޑެއްދޫ އެއަރޕޯޓުން ފުރައިގެން ލޯންޗުގައި ތިނަދޫ ފަޅަށް ވަދެގެން ދިޔައިރު، މޫދު މަތިން ޖެހެމުންދިޔަ ފިނި ރޯޅިތަކުން ރީޝާގެ ހިތަށް ބަޔާންކުރަން ދަތި ފިނިކަމަކާއި ހަމަޖެހުމެއް ލިބިގެންދިޔައެވެ. ދަތުރުގެ ވަރުބަލިކަން ފިލައިގެން ދިޔައީ ތިނަދޫ ފަޅުތެރޭގެ ރީތިކަމާއި، ރަށުގެ އަމާން މާޙައުލު ލޮލުގައި އަޅައިގަތުމުންނެވެ.

ޚަދީޖާދައްތަގެ ދަރިންނަކީ ރަށުގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ، މާތްﷲ ގެ ރަޙްމަތުން ވަރަށް ތަނަވަސް ބައެކެވެ. އެމީހުންގެ ބުރަ މަސައްކަތާއި ހިންގުންތެރިކަމުގެ ހެއްކެއްގެ ގޮތުން، ޚަދީޖާދައްތަގެ “ފެހިވިލާ” އަކީ ޒަމާނީ ފެންވަރަށް ހަދާފައިވާ، ވަށައިގެން ބޮޑު ހުސް ގޯއްޗެއް އޮންނަ، މާލެއިން ނުފެންނަ ފަދަ ހިތްފަސޭހަ، ބޮޑު ގެއެކެވެ. ގޭގެ ބޮޑު ދޮރާށިން އެތެރެއަށް ވަދެގެން ދިޔައިރު، ޚަދީޖާދައްތަ ހުރީ ކެތްމަދުވެފައިވާ ލޯތްބަކާއެކު ދޮރުމަތީގައެވެ. ދައްތަ ރީޝާގެ ގައިގައި ބައްދައިލަމުން ބޮލުގައި ފިރުމައިލިއެވެ. “ދަރިފުޅާ، ހާދަ ދުވަހެއް ފަހުންނޭ މި ފެނުނީ. މާލޭގަ މަސައްކަތް ބުރަކަމުން އަޅެ ހިކި ގެން ގޮސް ހުރިވަރު ބަލާބަލަ. މިކޮޅުގައި ހުންނަ ދުވަސްތަކުގައި ދައްތަގެ އަތުން މީރު އެއްޗެހި ކާންދީގެން ދަރިފުޅު ރަނގަޅުކޮށްލާނަން.”

ރީޝާއަށް ތައްޔާރުކުރެވިފައިވާ ކޮޓަރިއަކީ ގޭގެ އެންމެ މަތީ ފަންގިފިލާގައި ހުރި ވަރަށް ހިތްގައިމު ކޮޓަރިއެކެވެ. އެ ކޮޓަރީގެ ބޮޑު ބެލްކަންޏަށް ނިކުމެލުމުން މުޅި ރަށުގެ ފެހިކަން ގަދަ ރުއްގަސްތަކާއި، ގުދުރަތީ ރީތިކަން އެއްވެސް ހުރަހެއްނެތި ފެންނަން އޮވެއެވެ. ޖެހެމުންދިޔަ ތާޒާ ވައިރޯޅިތަކުން ހިތަށް ބަޔާންކުރަން ދަތި ފިނިކަމަކާއި ހަމަޖެހުމެއް ގެނެސްދެއެވެ. މާލެއިން ފުރައިގެން ކުރި ދިގު ދަތުރުގެ ވަރުބަލިކަން މުޅި ހަށިގަނޑަށް ވެރިވެފައިވުމުން، ރީޝާ އަވަސްވެގަތީ ތާޒާވެލުމަށެވެ. އަވަހަށް ފެންވަރާލައި، އަޞުރު ނަމާދު ކުރުމަށްފަހު، ދުވަހުގެ ހެޔޮ ދަރުމައަށް އެދި ދުޢާކޮށްލިއެވެ. އަދި ލަސްނުކޮށް މަޑުމަޑު އެނދުގައި އޮށޯވެލިއެވެ. ދަތުރުގެ ވަރުބަލިކަން ބޮޑުކަމުން، އެނދުގައި ބޯ ޖައްސާލިތަނާހެން ރީޝާ ގަދަ ނިދީގެ ތެރެއަށް އަރަޤްވެގެން ދިޔައެވެ.

އިރުއޮއްސި އަނދިރިކަން ވެރިވަމުން ދިޔަ ވަގުތު، ރީޝާއަށް ކުއްލިއަކަށް ހޭލެވުނީ ތިރިން އިވެމުންދިޔަ ބާރު އަޑުފައްގަނޑަކަށެވެ. ލޯ އުނގުޅަމުން، އެނދުން ތެދުވެ ބެލްކަންޏަށް ނިކުމެ ތިރި ބަލައިލިއެވެ. އެއީ ތިރީގައި ހުރި ޚަދީޖައްތަގެ ކުޑަ ފިހާރައިގެ އަށިމަތިން އިވޭ އަޑެކެވެ. މީހަކު ވަރަށް ޖޯޝާއެކު، ޤާނޫނު އަސާސީގެ މާއްދާތަކާއި، ޝަރުޢީ އެކި މައްސަލަތަކުގެ ވާހަކަ ދައްކަމުން ދިޔައެވެ. އެ މީހެއްގެ ބާރު އަޑާއި، ބަސްމޮށުންތެރިކަން ހުރި ގޮތުން ކައިރީގައި ތިބި މީހުންވެސް ތިބީ ކަނުލައި އަޑުއަހާށެވެ. މި އަމާން ރަށުގައި އެފަދަ ފުން ޤާނޫނީ ވާހަކައެއް ދައްކާނީ ކާކުބާއޭ ހިތަށް އަރައި، ރީޝާގެ ހިތުގައި ޝައުޤުވެރިކަމާއި ސުވާލުތައް އުފެދެން ފެށިއެވެ. ބެލުމަށްޓަކައި ރީޝާ އިތުރަށް ބެލްކަނީގެ ރެއިލިންގްއަށް ލެނގިލަމުން ތިރިއަށް ބަލައިލިއެވެ. ފިހާރައިގެ އަށިމަތީގައި، ކަޅު ކުލައިގެ އަވިއައިނެއް އަޅައިގެން، ވިސްނުންތެރިކަމާއެކު އަތުގެ އިޝާރާތްތައް ބޭނުންކުރަމުން ވާހަކަދައްކަން އިނީ ހައިބަތުހުރި ޒުވާނެކެވެ. ގަދަ ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ޖިންސެއްގައި އިން އެ ޒުވާނާއަކީ، ޝަޚްޞިއްޔަތު ވަރުގަދަ އަދި އެހާމެ ހިތްގައިމު ސިފައެއް ލިބިފައިވާ މަޝާޢުއެވެ. އޭނާ ފޯރިއާއެކު ވާހަކަދައްކަމުން ދިޔައީ ރާއްޖޭގެ ބިމާ ބެހޭ ޤާނޫނާއި އުޞޫލުތަކާ ގުޅޭގޮތުންނެވެ.

އެ ވަގުތު މަޝާޢު އެތަނުގައި އިނީ، އޮފީހުގެ ބުރަ ދުވަހަކަށްފަހު ފިނި ބުއިމަކުން ހަށިގަނޑަށް ތާޒާކަމެއް ހޯދުމަށް ޚަދީޖައްތަގެ ފިހާރައަށް ވަދެލުމުގެ ތެރޭގައެވެ. ފިހާރައިން ޖޫސްދަޅެއް ބޮމުން އަށިމަތީގައި މަޑުކޮށްލި ހިނދު، ޚަދީޖައްތައާއި ކައިރި ގޭގެ އަވަށްޓެރިއަކު ކަންބޮޑުވުމާއެކު ދައްކަމުންދިޔަ ވާހަކައިގެ ތެރެއަށް މަޝާޢުއަށް ސަމާލުކަން ދެވުނީއެވެ.އެ އަވަށްޓެރިޔާއަށް ކުރިމަތިވެގެން އުޅޭ ގޯތީގެ މައްސަލައެއްގައި ޤާނޫނީ ގޮތުން އަޅަންވީ ފިޔަވަޅެއް ސާފުނުވެގެން އުޅޭކަން އެނގުމުން، މަޝާޢު ވަގުތުން އެކަމުގެ ތެރެއަށް ވަދެ އެހީތެރިކަމުގެ އަތެއް ދިއްކޮށްލިއެވެ. އަދި ބިމާ ބެހޭ ޤާނޫނުގައި އެފަދަ މައްސަލަތަކުގައި ޢަމަލުކުރަން އޮންނަ އިޖުރާއާތުތަކާއި، ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރާނެ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ވަރަށް ފަސޭހައިން ދޭހަވާނޭހެން އޭނާއަށް ކިޔައިދިނެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ރީޝާ އިނީ ގޯތިތެރޭގައި ހުރި ހިޔާބޮޑު ގަސްތަކުގެ ހިޔަލުގައި ބަހައްޓާފައި ހުރި ޖޯލިފަތީގައެވެ. އޭނާގެ މުޅި ސަމާލުކަން ހުއްޓިފައިވަނީ އުނގުމަތީގައި އޮތް ޓެބްލެޓުން ކުރަހަމުން ދިޔަ އިންޓީރިއަރ ޑިޒައިނަށެވެ. އެ ހަމަހިމޭން މާޙައުލުގައި ޖެހެމުންދިޔަ މަޑުމައިތިރި ވައިރޯޅިތަކާއެކު، އޭނާގެ އިސްތަށިގަނޑު މަޑުމަޑުން ވިހުރެމުން ދިޔައީ މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުންނެވެ. ވަށައިގެންވާ ދުނިޔެއަށް ގެއްލިފައި އިން ރީޝާއަށް، ގޭޓު ހުޅުވުނު އަޑެއް ވެސް އިވުނު ކަމަކަށް ނުވިއެވެ.

މަޝާއު ހަދީއްޖައްތަގެ ފިހާރަޔަށް އައިސް ހަދީޖައްތަ ދެކިލުމަށް އެގޭތެރަޔަށް ވަދެލީ ރޭގަ ހަދީއްޖަތަ އާއެކު ބަދަލުވި  އަވަށްޓެރިޔާއަށް ބިމާ ބެހޭ ޑޮކިއުމެންޓެއް ދިނުމުގެ ބޭނުމުގައެވެ. އެހެނަސް ގޯތިތެރެއަށް ފިޔަވަޅު އަޅައިލުމާއެކު، މަޝާއުގެ ނަޒަރު ހުއްޓުނީ ގޯތިތެރޭގައި ހުރި ހިޔާ ދޭ ބޮޑު ގަހުގެ ދަށުގައި ހުރި ޖޯލިފަތީގައި އިން ރީޝާއަށެވެ. އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަތުގައި އޮތް ޓެބްލެޓަށް ގެއްލިފައި އިން ރީޝާ އެހާ ފަރުވާތެރިކަމާއެކު ޑިޒައިން ކުރަމުންދިޔަ މަންޒަރު ފެނުމުން، މަޝާއުއަށް ބަޔާންކުރަން ނޭނގޭ ފަދަ ހިތްގައިމު އިހުސާސެއް ކުރެވިގެން ދިޔައެވެ.

މަޝާއު މަޑުމަޑުން ކުރިއަށް ޖެހިލައި ސަލާމް ގޮވައިލިއެވެ. “އައްސަލާމް ޢަލައިކުމް!”

ކުއްލިއަކަށް ސިހިފައި ރީޝާ އިސްއުފުލައި ބަލައިލިއެވެ. ކުރިމަތީގައި ހުރި ބީރައްޓެހި ނަމަވެސް މާތް ޒުވާނާ ފެނުމުން އޭނާ އަވަސްއަވަހަށް ޓެބްލެޓް އެއްފަރާތް ކޮށްލަމުން ޖަވާބު ދިނެވެ. “ވަޢަލައިކުމުއްސަލާމް!”

އެވަގުތު ގޭތެރެއިން ނުކުމެގެން އައި ހަދީއްޖައްތަގެ މޫނުމަތިން ފެނުނީ އުފާވެރި ހިނިތުންވުމެކެވެ. “އޭ މަޝާއު! އަވަހަށް އާދޭ އިށީންނަން،” ހަދީއްޖައްތަ ވަރަށް ގާތްކޮށް ގޮވައިލިއެވެ.

ހަދީއްޖައްތަ އެ ދެޒުވާނުންނަށް ބަލައިލުމަށްފަހު، އެކަކު އަނެކަކަށް ތަޢާރަފްކޮށްދޭން ފެށިއެވެ. ފުރަތަމަ ރީޝާއަށް ބަލައިލަމުން ހަދީއްޖައްތަ ބުންޏެވެ. “ރީޝާ! މީ މަޝާއު. މީ އަހަރެމެންގެ ދަރިން ހިންގަމުންދާ ވިޔަފާރީގެ އެކި އެއްބަސްވުންތައް އެކުލަވާލުމުގައާއި، އެންމެހައި ޤާނޫނީ ކަންކަން ހިންގުމުގައި މި ޢާއިލާއަށް އަބަދުވެސް އިޚްލާޞްތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދޭ، އެންމެ އިތުބާރު ހިފޭ ތަނބު. މަޝާއުއަކީ މިހާރު މި ޢާއިލާގެ އެއްބަނޑުއެއްބަފާ މެންބަރެއް ފަދަ ކުއްޖެއް.” ހަދީއްޖައްތަގެ ވާހަކައިގައި މަޝާއުއަށްޓަކައި މުޅި ޢާއިލާގެ ހިތުގައި އޮތް މަތިވެރި ޤަދަރާއި ލޯބި ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ.

ދެން މަޝާއުއަށް އެނބުރިލަމުން ހަދީއްޖައްތަ ފަޚުރުވެރިކަމާއެކު ބުންޏެވެ. “މަޝާއު! މީ ރީޝާ. މީ ދައްތަގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ހަނގު އަންހެން ދަރި. ރީޝާއަކީ ތަންތަން ރީތިކޮށް ފަރުމާކުރުމުގެ ހުނަރުވެރި، ވަރަށް މޮޅު އިންޓީރިއަރ ޑިޒައިނަރެއް.” ރީޝާ ލަދުރަކި ހިނިތުންވުމަކާއެކު އިސްދަށަށް ޖަހައިލިއެވެ. އަދި މަޝާއުވެސް ހިނިތުންވެލަމުން ރީޝާއަށް އިޙްތިރާމާއެކު ބޯޖަހައިލިއެވެ. އެ ފުރަތަމަ ބައްދަލުވުމުގެ ސަބަބުން، ދެހިތުގައިވެސް އެކަކު އަނެކަކާމެދު ޚާއްޞަ ޝައުޤުވެރިކަމެއް އުފެދިގެން ދިޔަ ކަހަލައެވެ.

ރީޝާގެ ކުޑައިރުގެ މިޒާޖުގައި ވެސް ހުރީ ހަމަ މިފަދަ މަޑުމައިތިރިކަމެކެވެ.” މާޒީގެ ފޮނި ހަނދާންތައް އާކުރަމުން ޚަދީޖައްތަ ވާހަކަދެއްކިއެވެ. “އޭރު ކުޅެއުޅުނު އިރުވެސް، ގޭތެރެ ތަރުތީބުކުރުމަށާއި، ގަލާއި ފަތް ފަދަ ތަކެތި ބޭނުންކޮށްގެން ރީތި ތަންތަން ފަރުމާކުރުމަށް އޭނާގެ ޚާއްޞަ ޝައުޤުވެރިކަމެއް ހުއްޓެވެ. މިއަދު އެ ޝައުޤުވެރިކަން މިވަނީ އޭނާގެ ޙަޔާތުގެ މުހިންމު ބަޔަކަށް ވެފައެވެ.” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވައިލީ، ރީޝާގެ މާޒީގެ މި ވާހަކަތަކުންނެވެ. ރީޝާ ލޯތްބާއި ކުލުނުން ފުރިގެންވާ ނަޒަރަކުން ދައްތައަށް ބަލައިލިއެވެ. އެއަށްފަހު، ޚަދީޖައްތަ މަޝާއުއާ ދިމާއަށް އެނބުރިލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“މަޝާއު ދައްތައަށް އެނގުނު ދުވަހުން ފެށިގެން ވެސް ފާހަގަކުރެވުނީ ތިޔަ ހުންނަ އޯގާތެރިކަމާއި އެހީތެރިވުމުގެ މަތިވެރި ސިފައެވެ. ކޮންމެ ކަމެއް ދިމާވި ކަމުގައި ވިޔަސް، އެއްވެސް ޝަކުވާއެއް ނެތި އެންމެ ފުރަތަމަ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ މީހަކީ ތިއީއެވެ. ތިޔަ މަޑުމައިތިރި މިޒާޖާއި، މީހުންނާ މުޢާމަލާތުކުރުމުގައި ގެންގުޅޭ ރިވެތި ބަސްމޮށުންތެރިކަމަކީ މި ޒަމާނުގައި ވަރަށް މަދުން ނޫނީ ނުފެންނަ އަގުހުރި ސިފަތަކެކެވެ.”

ޚަދީޖައްތަގެ މި ތަޢުރީފުގެ ބަސްތަކުން މަޝާއުގެ މޫނުމަތިން ލަދުވެތިކަމުގެ ކުލަވަރު ފެނިގެންދިޔައެވެ. އޭނާ ނުހަނު އަދަބުވެރިކަމާއެކު ބުންޏެވެ. “ދައްތާއެވެ! އެހެން މީހުންނަށް އެހީތެރިވުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް އިންސާނީ އަދި ދީނީ ވާޖިބެކެވެ. އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމުގެ ފުރުޞަތު ލިބުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެކެވެ.”

މަޝާއުގެ ވިސްނުންތޫނު، ރިވެތި ޖަވާބު އިވިފައި ރީޝާގެ ހިތުގައި އޭނާއާމެދު އޮތް ޤަދަރު އިތުރަށް އުފުލިގެން ދިޔައެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ކޮންމެ ފަހަރަކު، އެކަކު އަނެކަކަށް އިތުރަށް ދަސްކުރުމުގެ ޝައުޤުވެރިކަން ދިޔައީ ފުންވަމުންނެވެ.

Share Article

Nazyha Ebrahim
Follow Me Written By

Nazyha Ebrahim

Level 1

Other Articles

Previous

އިންސާފް (ފަހުބައި)

Next

ޒާރާ ސީޒަން 2 (9)

Next
September 13, 2026

ޒާރާ ސީޒަން 2 (9)

Previews
September 12, 2026

އިންސާފް (ފަހުބައި)



All Right Reserved!