Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު-24

Vaahaka_by_Az
Vaahaka_by_Az Level 110 Stories
September 6, 2026 6 Mins Read
0 Comments

މަހީރްއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮއްލާފައި ކަރުބުޑުން ހަޅޭއްލަވައިގަތެވެ. ލޮނުގަނޑު ތެރޭގައި އެއޮތީ މަހީރްގެ ލޯބިވާ ކޮއްކޮއެވެ. މީކައިލް އަވަހާ އިޒްޔަން ނަގާ އަތްދަނޑި މައްޗަށް ލައިގެން އެއްގަމަށް ހިނގައިގަތީ މަހީރްވެސް ގޮވައިގެނެވެ. މަހީރްއަށް ލިބުނު ސިހުމުގައި ހަރަކާތްވެސް ކޮއްލަން ނޭގިފައި ހުރީއެވެ.

މީކައިލް ގާތަށް އެންމެން އައި އިރު ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ. މީކައިލްގެ އަތްދަނޑި މަތީގައި އެއޮތީ ތުއްތު ތުއްތު އިޒްޔަންގެ ފުރާނަ ނެތް މަސްގަނޑެވެ. މިއުވާންއަށް ދުވެފައި އާދެވުނު ގޮތްވެސް ނޭނގެއެވެ. އިޒްޔަން އުރާލައި ގަޔާލާ ބޮނޑިކޮއްލިއެވެ. އެދަރިފުޅުގެ މޫނުގައި ދެތިންފަހަރަކު މަޑުމަޑުން ޖަހާލަމުން ގޮވިއެވެ. ނަމަވެސް އިޒްޔަން ހަރަކާތެއްވެސް ކޮއްނުލައެވެ.

”އިޒޫ ފެނުނީ ދޯ….. މަގޭ ދަރިފުޅު!“ އަޑަށް ބާރުލާފައި ފަރީދާ އެހެން ބުނެލީ އެންމެން އިޒްޔަން ގާތަށް އެއްވެ ތިބެ ރޮމުން ދާތީއެވެ. އެ ވެގެން އުޅޭ ގޮތެއް ފަރީދާއަކަށް ނަގައެއް ނުގަނެވުނެވެ. މިއުވާން ފެންކަޅިވެފައި ހުރުމުން ފަރީދާ ބުނީ ދެރަނުވުމަށެވެ. އަވަހަށް އިޒްޔަން ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށް ފަރީދާ ބުންޏެވެ.

”ފަރީ…..ހޮސްޕިޓަލަށް ދިޔުމުގެ ބޭނުމެއް ނެތް….ދެން އިޒޫ އެއް ނާންނާނެ“ މިއުވާން ފަރީދާގެ ކޮނޑުގައި ހިފަހައްޓާލަމުން ބުންޏެވެ. ފަރީދާ ޤަބޫލެއް ނުކުރެއެވެ. މިއުވާން ސަމާސާ ކުރަނީ ކަމަށް ބުނެ ދެކޮޅު ހަދަމުން ދިޔައެވެ. އޭރު އަދީލް މިއުވާން އަތުން  އިޒްޔަން  ނަގައިފިއެވެ. ލިބުނު ޝޮކުގައި އާއިލާގެ ގިނަ މީހުން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. އަނެއްބައި މީހުން ރޮނީއެވެ. ހިތްވަރު ކުރާން މަސައްކަތް ކުރިއަސް އެކަން ވަނީ ބޭކާރެވެ.

ލިއަމް އާއި އަޒާން އަވަސްވީ އެންމެން ގޮވައިގެން ލޯންޗަށް އެރުމަށެވެ. މީކައިލް އައިސް މަހީރް ލޯންޗަށް އެރުވިއެވެ. މަހީރް އިނީ ހަރަކާތެއް ވެސް ކޮއްލަން ނޭގި ގަބު ވެފައެވެ. އެތަނަށް އައި ފުލުހުންގެ އެހީތެރިކަމާއެކު އެންމެން ރަށަށް ގެންދެވުނެވެ. ރަށަށް އެރެވުމާއެކުހެން އިޒްޔަން ގެންދިޔައީ ހޮސްޕިޓަލަށެވެ.

ޔާސިރުއާއި އަދީލް ހޮސްޕިޓަލަށް ދިޔައީ އިޒްޔަންގެ ހަށިގަނޑު ހިފައިގެންނެވެ. ޕުލުހުންގެ ވެހިކަލްގައި އިންއިރުވެސް މިއުވާން އިޒްޔަންގެ ގައިން ދޫކޮށްނުލައެވެ. އެ ކުޑަކުޑަ ހަށިގަނޑު އޮތީ ގިނައިރު މޫދުގައި އޮތުމުގެ ސަބަބުން ފިނިވެ އެއްކޮށް ހުދުވެފައެވެ. ފޮތިކޮޅަކަށް ލައި އޮޅާލައިގެން މިއުވާން އިނީ އެ ތުއްތު ކުއްޖާ މެޔާލާ ފިއްތާލައިގެނެވެ. އަޒާން އާއި ލިއަމް ކާރުގައި ޕޮލިސް ވެހިކަލް ފަހަތުން ދިޔައެވެ. ޔުވާން އާއި މީކައިލް ދިޔައީ ހުރިހާ އަންހެނުން ގޮވައިގެން ގެއަށެވެ. އިޒްޔަންގެ މަރު ސާބިތު ކުރުމަށްފަހު އެންމެން ގޮވައިގެން ސަހަރާއަށް އައުމަށް ބުނެފައި  ގެއަށް ފޮނުވާލީއެވެ. ފަރީދާ ގަދަހެދީ އިޒްޔަން އާއެކު ހޮސްޕިޓަލަށް ދިއުމަށެވެ. ރާމިޒާ އާއި އާޔަތުއަށް ފަރީދާ ކިރިޔާ ހިފަހައްޓާލެވެނީއެވެ. އިޒްޔަން މިދުނިޔެއާ ވަކިވީކަމަށް ޤަބޫލެއް ނުކުރެއެވެ. އެންމެން ދޮގުހަދަނީއޭ ބުނެ ހަޅޭއްލެވިއެވެ.

……………………….

މުޅިރޭ ހޭދަވެގެން ދިޔައީ އެއްވެސް މީހަކު ލޮލު ފިޔައެއްވެސް ޖަހާނުލައެވެ. ބޮޑު ކޮޓަރީގެ އެކި ތަންތަނުގައި އެންމެން ތިބީ ހިމޭންވެފައެވެ. އާޔަތު މަންމަގެ ކޮނޑުގައި ބޯ އަޅާލައިގެން އިންއިރު އެދެލޮލުން ރޮއެރޮއެ ރަތްވެފައިވާ މިންވަރު ފެނެއެވެ. ވަރުބަލިވެގެން ފަރީދާއަށް އޮތީ ސޯފާގައި ނިދިފައެވެ. ޖޫލިޔާ އާއި ރާމިޒާ ފަރީދާ ކައިރީ ތިއްބެވެ. ޒިޔާދާ އިނީ ހުރިހާ ކުދިން ގޮވައިގެން އޭނާގެ ކޮޓަރީގައެވެ. އިޒްޔަން ޙަބަރު  ހުސްވެފައި އޮތްގޮތް ފެނި ކުދިންތައް ވެސް ތިބީ ބިރުގެންފައެވެ. ވެގެން އުޅޭ ގޮތެއް ރަނގަޅަށް އޮޅުން ނުފިލިޔަސް އެމީހުންގެ ކުޑަ ކޮއްކޮއަށް ކަމެއް ވެއްޖެކަން އެކުދީންގެ ޅަސިކުނޑިއަށްވެސް ނަގައިގަނެވެއެވެ. މީކައިލް ހުރީ ބޮޑު ކޮޓަރީގެ ފާރަކަށް ލެގިލައިގެނެވެ. މަހީރްގެ ފަރާތުން އެއްވެސް ކަހަލަ ހަރަކާތެއް ވެސް ނުފެންނާތީ އޭނާ ހުރީ ނުހަނު ކަންބޮޑުވެފައެވެ. ޔަލްވީވެސް ގޮނޑިއެއްގައި އިނީ ހިމޭންވެފައެވެ. އިރުއިރުކޮޅާ ލޮލުން ވެއްޓޭ ކަރުނަތިކި ފޮހެލައެވެ. އާއިލާއަށް ޓަކައި ކެތްކުރެވޭ އެންމެ މަތީ ދަރަޖައަކަށް ކެތްތެރިވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އިންސާނާގެ  ހިތަކީ ކިހާ ބަލިކަށި އެއްޗެއް ހެއްޔެވެ. އިހްސާސްތަކަކީ ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ.

ކަށުކަމާކެމީގެ ކަންކަން ނިމި ކަށުނަމާދު ކުރެވެން ހަމަޖެހިފައިއޮތީ ފަތިސްނަމާދަށް ފަހުއެވެ. އޭގެ ކުރިން މޫނު ބެލުމުގެ ކަންކަން ކުރިއަށް ދިޔައެވެ. އާއިލާގެ އެންމެން ހިނަވާގެއަށް ޖަމާވެފައި ތިއްބެވެ. އެއާއިލާއަކީ ރަށަށް މަޝްހޫރު ގިނަ މީހުނާ ގުަޅިގެން އުޅޭ ބަޔަކަށް ވުމުން  ރަށުގެ ގިނަ އަދަދެއްގެ މީހުން އެއާއިލާގެ ހިތާމައިގައި ބައިރިވިއެވެ. ފަހަރަކު މީހަކު މޫނު ބަލާފައި ނުކުމެގެން ދަނީ އާއިލާ މީހުނަށް ހިތްވަރުދީ މައްޔިތާއަށް ހެޔޮ ދުއާ ކޮއްފައެވެ. އާއިލާގެ މީހުން މޫނު ބެލުމަށް ވަންނަން ފެށީ ދެނެވެ. ފަހަރަކު މީހަކު ވަދެ އިރުކޮޅަކު ބަލަން ހުރެފައި ނުކުމެ ބޭރުގައި މަޑުކޮއްލަނީ އެހެން މީހުނަށްވެސް ފުރުސަތު ދޭށެވެ.

އަޒާން ވެސް ވަދެ އިޒްޔަންގެ ބޯ ކޮޅުގައި މަޑުކޮއްލިއެވެ. އަދި އެ ތުއްތު މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. އެ ކުޑަކުޑަ މައުސޫމު ފުރާަނަ އެންމެނާ ވަކިވީއެވެ. ޤަބޫލު ކުރަންވެސް އެހާ ދައްޗެވެ. ކޮންމެ ދުވަހަކު އަޒާން ގާތު ކާރު ދުއްވާލަން ދާން ބުނެލާން އިޒްޔަން އެއް ދެން ނާންނާނެއެވެ. އެ ތުއްތު ތުއްތު ދެއަތުން އަޒާން ގައި ބައްދައެއް ނުލާނެއެވެ. ’ ޔާން‘ ބޭބޭ އޭ  ގޮވާލާނެ މީހަކު ދެނެއް ނުވާނެއެވެ. އަޒާންގެ ހިތް ހީވީ ކުދިކުދި ވެދާނެހެނެވެ. ލޮލަށް ޖަމާވި ކަރުތައް ހިންދާލަމުން ފުން ނެވާއެއް ބޭރުކޮއްލިއެވެ. އިޒްޔަންގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ނުކުމެ ބޭރުގައި މަޑުކޮއްލިއެވެ.

ފަރީދާ ގޮވައިގެން އެތެރެއަށް ވަނީ ޒީނާއެވެ. ”ދޮންބެ ދައްތާ މަގޭ ދަރިފުޅު ކީއްކުރަން މިތާގައި ބޭއްވީ…..ކީއްވެ ހުދު ފޮތި އޮޅާފަ އެއޮތީ…ދަރިފުޅޫ ބަލާބަ މަންމިއޭ މީ. ހިނގާބަ މަންމި އާއެކީ ޗޮކްލެޓް ގަންނަން ދާން. މަންމި ގަނެދޭނަން ބައިވަރު ކާރު ވެސް. ދަރިފުޅޫ  ލޯ ހުޅުވާބަ…..ދޮންބެ ދައްތާ ކީއްވެތަ އިޒޫ ނުހޭލަނީ….. އިޒޫ ގޮވައިގެން ގެއަށް ދާން ހިނގާ“ ފަރީދާއަށް ރޮވެނީއެވެ. އިޒްޔަންގެ ހަރަކާތެއް ނެތް ހަށިގަނޑު ފެނިފައި ހިތް ހަލާކުވެދާނެއެވެ.އެއް އަތުން މޭގައި އަތް އަޅައިގެން ހުރެ އަނެއް އަތުން އިޒްޔަންއަށް ގޮވަމުން ފަރީދާ އަށް ރޮވެނީއެވެ. ބިންމައްޗަށް ތިރިވީ ދެފައިން ވާގި ދޫވެގެންނެވެ. އަދީލް އާއި ޒީނާ ވެގެން ފަރީދާ އަތުލަފި ކޮއްގެން ގެނެސް ގޮނޑިއެއްގައި ބޭންދިއެވެ. މަންމައަށް ވީގޮތް ފެނި މަހީރްގެ ބަޑިފަޅައިގެން ދިޔައީ ދެނެވެ. ހުދު ފޮތިން ކަފުން ކޮއްފައި އެއޮތީ އޭނާގެ ލޮލުގެ ނޫރު ފަދައިން ލޯބިވާ ކޮއްކޮއެވެ. ދެން ދުވަހަކުވެސް ކޮއްކޮ ނުފެންނާއެވެ. ދޮންތީއޭ ކިޔާ ގޮވާލާކަށް ނާންނާނޭ ހިތަށް އެރުމުން މަހީރް އަށް ކެތްކުރުންވީ ދަތި ކަމަކަށެވެ. މީކައިލް ދުވެފައި އައިސް ނުހިފެހެއްޓިނަމަ މަހީރް އަރިއަޅައިލައިގެން ބިންމައްޗަށް ވެއްޓޭނެއެވެ. މީކައިލް މަހީރްގެ ގައި ހިފަހައްޓާލުމުން މަހީރް މީކައިލްގެ މޭގެތެރޭ ބޮނޑިވެލައިގެން ހުރެ ރޮމުން ދިޔައެވެ. އާޔަތު އާއި ޔަލްވީގެ ޙާލަކީވެސް އެއީއެވެ. އަޑެއް ނުނުކުތަސް ލޮލުން ފެންފައިބައެވެ. ޔުވާން އާއެކު އައިސް މެހެކް ވެސް މޫނު ބަލާލާފައި ނުކުތެވެ. އަދި ޔުވާން ގޮސް މެހެކް ގެއަށްލީ މެހެކް ބަލިވެ އުޅޭ ވާކަހަ ބުނުމުންނެވެ.

އިޒްޔަންގެ މޫނު ނިވާކޮށް ސަންދޯކަށްލީ ވަގުތު ފަރީދާ އާއި މަހީރް ގެ ހާލު އިތުރަށް ގޯސްވިއެވެ. ފަރީދާ ދެފަހަރަކު ހޭވެސް ނެތުނެވެ. މިއުވާން ހިތްވަރު ކުރަމުންދާވަރު  ބަލާލާފައި  އެނގޭނެއެވެ. މެދު ދަރިފުޅު މައުރާ ގައި ބައްދާލައިގެން ހުރިއިރު އެދެލޮލުން ވެސް ފެންނަނީ  ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރެވިގެން ދިޔައެވެ. އާއިލާގެ މެމްބަރުންގެ އިތުރުން ރަށުގެ ގިނަ ބަޔަކު ނަމާދުގައި ބައިވެރިވިއެވެ. ނަމާދަށްފަހު އިޒްޔަން ވަޅުލުމުގެ ކަންކަންމުގައި ހުރިހާ ފިރިހެނުންވެސް ބައިވެރިވިއެވެ.

……………………………

އިޒްޔަންގެ މަރަށް ހަފްތާއެއް ވޭތުވީއެވެ. އޭރު އެންމެންހެން މަޑުމަޑުން ހަމައަކަށް އެޅިއްޖެއެވެ. ފަރީދާ އިންނަނީ އަދިވެސް ނެގިމަޑުވެފައެވެ. އާއިލާގެ އެންމެންގެ އެހީތެރިކަމާއެކު ފަރީދާވެސް ދިޔައީ މަޑުމަޑުން ހަމައަކަށް އެޅެމުންނެވެ.

އެދުވަހަކީ މަހީރްމެންގެ ޗުއްޓީ ނިންމާލާފައި އެނބުރި މާލެ ދާން ހަމަޖެހިފައި އޮތް ދުވަހެވެ. ޔުވާން އާއި މެހެކްގެ ކައިވެނި ފަސްކުރެވުނީ އާއިލާއަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެނެވެ. ޔާފިއު އާއި ރާމިޒާގެ އެދުމަށް ކައިވެނި ފަސްކުރަން  ޔުވާން އެއްބަސްވިއެވެ. މެހެކްއަށް އެގޮތް ކަމަކު ނުދިޔައެވެ. މެހެކް ބޭނުންވީ ވީހާވެސް އަވަހާ ކައިވެނި ކުރާށެވެ. ޔުވާން އެތައްވަރަކުން ވިސްނައިދިނުމުން މެހެކް އެންމެ ފަހުން ގޮތް ދޫކުރިއެވެ. ހުރިހާ ކަމެއް ހަމައަކަށް އެޅި އެންމެން ހަމަޖެހުމުން ކައިވެނީގެ ކަންކަން ކުރިއަށް  ގެންދިއުމަށް ނިންމިއެވެ.

މަހީރް އެނބުރި މާލެ ދިއުމަށް ނިންމީ ވަޒީފާއަށް ނުކުމެލާ ކިޔެވުން ފެށުމުން ހަމައަކަށް އެޅޭނެ ކަމަށް ވިސްނާފައެވެ. މަންމައާއި ބައްޕަ ބަލަން މުޅި އާއިލާ ތިބޭނެތީ މަހީރް ހުރީ ހިތްހަމަޖެހިފައެވެ.

”ދަރިފުޅުމެން މަހީރް ރަނގަޅަށް ބަލާދެއްޗޭ….ދޮންތައަށް އެނގޭ ދޮންތަ ނުބުންޏަސް ބަލާނެކަން….އެކަމަކުވެސް ހަމަ ފިކުރު ބޮޑުވަނީ“ އާޔަތު އާއި ޔަލްވީ ގެ އަތުގައި ހިފާލަމުން ފަރީދާ ބުންޏެވެ. އެދެކުދިން ބޯ ޖަހާލާފައި ފަރީދަަގައި ބައްދާލިއެވެ.

އެއާޕޯޓަށް އެކުދިން ފުރުވަން އާއިލާގެ އެންމެން އެތިބީ އައިހެވެ. އެންމެނާ ވަދާއީ ސަލާމް ކުރުމަށް ފަހު އެތެރެއަށް ވަންނަމުން ޔަލްވީ އެނބުރި ބަލާލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އާދައިގެ ހިނިތުންވުމެކެވެ. އާއިލާއަށްޓަކައި އެންމެންވެސް އެ މަސައްކަތް ކުރަނީ ހިނިތުން ވެލައިގެން ހުންނާށެވެ. އެހާ ބޮޑެތި ހާދިސާތަކާ ކުރިމަތި ލުމަށް ފަހުވެސް އެމަސައްކަތް ކުރަނީ އެކަކު އަނެކަކުގެ އުފަލަށްޓަކައި ހިތްވަރު ކުރެވޭތޯއެވެ. ބަލިކަށި ވެއްޖެނަމަ އެހެން މީހުންގެ ހިތްވަރު އެލިދާނެތީއެވެ. ކޮންމެ އިމްތިހާނަކާވެސް ކުރިމަތިލާނީ އެންމެން އެކީގައެވެ. އެ އުފާވެރި އާއިލާގެ އުފާތައް ގެއްލިގެން ދިޔައީއެވެ. ހީސަކަރާތް ޖަހާ އެކުގައި އުޅޭ އެންމެންގެ ފަރާތުންވެސް ފެންނަނީ މަޑުމައިތިރި ކަމެވެ. ތަޤްދީރުގެ  ނިޔާއެވެ. އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނާނޭ ބުނާފަދައިން އެއާއިލާއަށް ވެސް އަޑިގަނޑެއް ކުރިމަތިވީއެވެ. ނަމަވެސް އެކަމާ ކުރިމަތިލާނީ އެންމެން އެކީ ކެރިގެނެވެ. ހިތްވަރު އެލުވާލުމަކީ އެމީހުންގެ އާދައެއް ނޫނެވެ. ޔަލްވީގެ ކޯތާފަތް މައްޗަށް ވެއްޓުނު ކަރުނަތިކި ފޮހެލަމުން އަތް ހިއްލާ އެންމެނަށް ހަނާއަޅާލުމަށްފަހު އެތެރެއަށް ވަނީ ލިއަމް ގޮވާލުމުންނެވެ.

………………………..

އެއާޕޯޓުން އައިސް ފެންވަރާލައިގެން އާޔަތު އުޅުނީ ފޮށިތަކުން އެއްޗެހި ނަގާ ކަބަޑަށް އެޅުމުގައެވެ. އޮފީސް މަސައްކަތް ފުނި ޖެހިފައި ހުރުމުން ކޮޓަރި ހަމައަކަށް އަޅުވާލާފައި އާޔަތު ގަސްދުކުރީ ކުޑަކޮށް އޮފީސް މަސައްކަތްތައް ބަލާލާށެވެ. ލެޕްޓޮޕް ހިފައިގެން ބަދިގެއަށް ގޮސް މާޗާ ސްޓޭޝަނުން ހޫނުކޮށް މާޗާ އެއް ހަދާލައިގެން އައިސް އިށީނީ ކާމޭޒު ދޮށުގައެވެ. ދަތުރު ވަރުބަލިވެފައި ވުމުން އެންމެންވެސްވީ އެމީހެއްގެ ކޮޓަރީގައެވެ. ސިޓިންރޫމަށް އޮތީ ހިމޭންކަން ވެރިވެފައެވެ. އިރުގަނޑަކު މަސައްކަތް ކުރަން އިނދެފައި އާޔަތު ގޮނޑިއަށް ހަށިގަނޑު ދޫކޮއްލަމުން ފޯނު ނަގާ އިންސްޓަގްރާމަށް ވަދެލިއެވެ. ފަހަރަކު ރީލް އެއް ބަލަމުން ދަނިކޮށް އާޔަތުއަށް ލިބުނީ ހައިކާގެ މެސެޖެކެވެ. މެސެޖުގައި އޮތީ ބޮޑު ވާހަކައެއް ދައްކާލަން ބޭނުން ކަމާއި މާދަމާ ހުސްވަގުތެއް ހޯދައިގެން ހައިކާއާ ބައްދަލު ކޮއްލުމަށެވެ. އޮފީސް ނިންމާފައި ހައިކާ ގާތަށް ދާނެ ކަމަށް ބުނެ އާޔަތު މެސެޖެއް ލިޔެ ހައިކާއަށް ފޮނުވާލިއެވެ.

އާޔަތު ފުން ނޭވާއެއް ދޫކޮއްލީ ބޮލުތެރޭގައި އެނބުރެމުންދާ ޙިޔާލުތަކާ ހުރެ އުނދަގޫ ވެގެންނެވެ. ފަހަކަށް އައިސް އާޔަތުއަށް ވިސްނެމުން ދިޔައީ އަޒާންއާ ދޭތެރޭގައެވެ. ނުވިސްނަން މަސައްކަތް ކުރިއަސް އެކަނި ވެއްޖެނަމަ އެޙިޔާލުތައް ކުރެވެނީއެވެ.

އަޒާން އޭނަ އާ ދޭތެރޭ އެބަހައްޓާ ގާތް ކަމެވެ. އަނިޔާއެއް ވެއްޖެނަމަ އަޅާލާގޮތެވެ. އާޔަތުއަށް ކަމެއް ވެއްޖެ ނަމަ އެންމެ ކުރީގައި އައިސްހުންނާނީ އަޒާންއެވެ. އާޔަތުގެ އާއިލާ މީހުނަށް އަޒާން އަޅާލާ މިންވަރެވެ. ކޮންމެ ހާލެއްގައިވެސް އެހީތެރިކަން ފޯރުކޮއްދޭ ގޮތެވެ. އަދި ހަމަ އެގޮތަށް އާޔަތުގެ އާއިލާވެސް އަޒާން ބަލައިގަތް ގޮތެވެ. އެމީހުން އަޒާން އާ ހެދި ހުންނަ ވަރު ފެނިފައި އާޔަތު ވެސް ހައިރާންވެއެވެ. އަޒާންދެކެ އައިސް ހުރި ރުޅިވެސް މުޅިން ފިލައިފި ކަހަލައެވެ. އާޔަތުއަށް އަޒާންއާ ދޭތެރޭ ވިސްނެނީ މާބޮޑަށެވެ. ފިރިހެނުންނަކީ އެދުންބޮޑު ބައެއް ކަމަށް އާޔަތު ޤަބޫލުކުރެއެވެ. އެދުމެއް ނެތި އެމީހުން ނޫޅޭނޭ އާޔަތު ހިތަށް އަރައެވެ. ލޯތްބަކީ އަދި މާދުރު އެއްޗެކެވެ. ޙިޔާލުތަކުން ބޭރުވެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ މަލީހްއެވެ. އާޔަތު މާލެ އައިކަން އެނގިގެން ގުޅީއެވެ. ކޮފީ އަކުން ބައްދަލު ކޮއްލަން އެދުނީއެވެ.

ފުރަތަމަ އާޔަތު އުޅުނީ އިންކާރު ކުރާށެވެ. ދަތުރު ކޮއްފައި އައުމުން ވެފައި ހުރި ވަރުބަލިކަމެއްގެ ސަބަބުންނެވެ. ނަމަވެސް ގޭގައި އޮތިއްޔާ މާބޮޑަށް ބޭކާރު ކަންކަމާ ވިސްނޭތީ އާޔަތު މަލީހް އާއެކު ބޭރަށް ދިޔުމަށް އެއްބަސް ވިއެވެ. ގަޑި ކީ މަލީހްއެވެ. ރޭގަނޑު 9 ޖަހާއިރަށް ބަލާ އަންނާނެ ކަމަށް ބުނެ ފޯނު ބޭއްވިއެވެ. އޭރު ގަޑިން އަދި ހަވީރު 4 ޖެހީއެވެ. މާޗާ ތަށި ބޯލައިގެން އާޔަތު ވަނީ ކޮޓަރިއަށް އަރާމް ކޮއްލާށެވެ.

……………………………..

މަހީރް އޮތީ ވަރުބަލި ވެގެން ނިދިފައެވެ. ގެއަށް އައިސް ވަތް ގޮތަށް އެނދަށް އަރާ ނިދުނީއެވެ. އެއްޗެހި ބަދަލު ކުރަން ހަނދާން ނެތުނުތާގަ ފޮށިތައްވެސް ގެނައިގޮތައް ކޮޓަރީގެ ކަނެއްގައި ބަހައްޓާފައި ހުއްޓެވެ. ފުން ނިންޖަކަށް ގެނބިފައި އޮތްއިރު އެ މޫނުމަތިން ވަރުބަލިކަމުގެ އަސަރު ފާޅުވެއެވެ. ހީވަނީ އެތައް ދުވަހަކު ނުނިދާ ހުރި މީހެއް ހެނެވެ.

ޔަލްވީ ފެންވަރައިގެން ނުކުމެ އެނދުގައި އޮށޯތީ ލިއަމް އަށް މެސެޖު ކުރަމުންނެވެ. ވެފައި ހުރި ވަރުބަލިކަމުން އަރާމް ކޮއްލާފައި ތެދުވެ ފޮށިން އެއްޗެހި ނަގާނީއޭ ޔަލްވީ ހިތަށް އެރިއެވެ. އިނގިލިތައް ފޯނުގައި ހަރަކާތް ކުރަމުން ދާއިރު އެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. އެ ހިނިތުން ވުމުގެ ފަހަތުގައި ވަނީ ލިއަމް ފަރާތުން އަންނަ ލޯބިވެތި މެސެޖު ތަކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

ހިތުގެ މަގުތައް-13

Next

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 24

Next
September 6, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 24

Previews
September 6, 2026

ހިތުގެ މަގުތައް-13



All Right Reserved!