ފޯންކޯލް
ފެށުން
ކައިރިރަށްތަކަށާއި މާލެއަށް ފޯނުކޮށްގެން އަންހެންކުދިން ސެޓުކުރުމުގެ ކަންތައް ރިސޯޓްގައި އެންމެފޯރިޔާއެކު ކުރަމުންދިޔަދުވަސްވަރެވެ. މުޅިރިސޯޓްގައި ވެސް އެކަންވަނީ ވަރަށްގަދައަށް ވައިގަ ހިފާފައެވެ.
ކޮންމެވެސްމީހަކު ކޮންމެވެސްރަށަކަށް ފޯނުކޮށްގެން ދިމާވި ކުއްޖެއްގެ އަޑުރީތި ވާހަކައާއި މޮޅުރޭވުމަކުން އެކުއްޖާ ސެޓުކުރި ވާހަކައެވެ. މާލެދިޔަދަތުރަކު ކޮންމެ ވެސްތާކުން ދިމާވި އަންހެންކުއްޖެއްގެ ނަމާއި ނަންބަރުހޯދައިގެން އައިސް ގުޅުމުން އޭނާ އޯކޭވީ ވާހަކައެވެ. ތިމާގެމީހަކު ހޯދާން ރިސޯޓަށް ފޯނުކުރި ކުއްޖާއާއި ވާހަކަ އަޅުވާލުމުން އޭނާގެ ނަމާއި އެޑްރެސް ބުނެދިން ވާހަކައެވެ. ރައްތަކުގައި ފޯނުބޫތު ބެހެއްޓުމުން ރަށް ރަށަށް ގުޅައިގެން އަންހެންކުދިން ސެޓުކުރާން ފަސޭހަވާހަކައެވެ. އަންހެންކުދިން ހޯދާން ގުޅުމުން އެކަންކޮށްދޭން ދެކޮޅުހަދާ މީހުން ރުޅިއަރުވާ ވާހަކަފަދަ އެތައްވާހަކައެކެވެ.
ނީސް މާލެގޮސްފައި ރިސޯޓަށް އައިއިރު އޭނާއަށް މާލޭންފެނުނު ވަރަށް ރީތި އެހާމެފުރިހަމަ އަންހެންކުއްޖެއްގެ އެޑުރެސް ނޯޓުކޮށްގެން ގެނައެވެ.
މާލޭން ދިމާވި އަންހެންކުއްޖާގެ ކަންތަކުގަ ނީސް ވާހަކަ ދައްކާ މަސްވަރާކުރީ އޭނާގެ އެންމެގާތް ރައްޓެހިންނާއި އެވެ. ހަމައެހެންމެ އެކަމުގަ ކުރިޔަށް ދިއުމާބެހޭގޮތުން އެމީހުންގެ ހިޔާލު ވެސް ހޯދިއެވެ.
އެތައްދުވަހަކު އެތައްގޮތަކަށް ވިސްނުމަށްފަހު ދިރާގަށް ގުޅައިގެން އެގޭ ފޯނުނަންބަރު ހޯދުމަށްފަހު އެނަންބަރަށް ގުޅާލިއެވެ.
” ހެލޯވް ….. ހުވަފެންގެ ” އެތައްފަހަރަކު ފޯނު ރިންގްވީފަހުން ކުޑަވަރެއްގެ ފިރިހެންކުއްޖަކު ފޯނަށް ޖަވާބުދެމުން ގޭގެނަން ބުނެލިއެވެ.
” ހެލޯވް…. ކޮންކުއްޖެއްތަ ؟ …. ދައްތައަށް ގޮވާލަދީބަލަ ” ކޮންމެވެސްވަރަކަށް ނުތަނަވަސްވެފައިވީ ނަމަވެސް ހަމަޖެހެވޭތޯ މަސައްކަތްކުރަމުން ނީސް ވާހަކަދެއްކިއެވެ.
” ހެލޯވް … ކާކުހޯދާން … ” ކޮންމެވެސް އަންހެނަކު އެފޯނުން ވާހަކަދެއްކިއެވެ.
” ތި.. ތިއީ … ކުރިންދުވަހު ދޮރޯށިކައިރީހުރި.. ހުދުކުއްޖާތަ ؟ “ހާސްކަމާއި ނުތަނަސްކަމުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދިޔަ ނީސްއަށް ބުނެވުނީ އެހިސާބަށެވެ. އިތުރަށް ބުނާނެއެއްޗެއް ދައްކާނެ ވާހަކައެއް ނޭނގުނެވެ.
” ކޮން ހުދުކުއްޖާއެއް … ކަޅުކުއްޖާއެއް … ބުނާންތިއުޅޭ އެއްޗެއް ސާފުކޮށް ބުނެބަލަ … ތީކާކުތަ ؟ “އަނެއްކާވެސް އެއަންހެންމީހާ ސުވާލުކުރިއެވެ. އަޑުގައި ކޮންމެވެސް ވަރަކަށް ނުރުހުމުގެ އަސަރުތައް އެކުލެވިގެން ދިޔައެވެ.
” މިއީ … އަހަރެން. ކުރިންދުވަހުހަވީރު ދިޔާމެއްނު ތިގޭކުރިމަތިން. އަހަރެންހުންނާނީ ރަތްކުލައިގެޓީސާޓަކާއި ނޫކުލައިގެޖިންސެއްލައިގެން .. އަވިއައިނެއްވެސް އަޅައިގެން. ތީނަހުރީ ހުދުކުލައިގެ ޓޮޕަކާއި ކަޅުކުލައިގެ ބެލްސެއްލައިގެން ދޮރޯށިކައިރީ. އަހަރެން ތީނައަށް ބަލާލާފަ ހީލީމަ ތީނަވެސް ހީލިމެއްނު … ތީނަ ހީލީމަ ވަރަށްރީތި… ކޮންނަމެއްތަ ކިޔަނީ ؟ ” އެކޮޅުން ވާހަކަދައްކަމުންދަނީ ނީސް ބައްދަލުކުރާން ބޭނުންވާ އަންހެންކުއްޖާހެން ހީވުމުން ނީސް ވާހަކަދެއްކިއެވެ. ހަމައެހެންމެ އެދެމީހުންނާއި ގުޅުންހުރި ބައެއްވާހަކަވެސް ދެއްކިއެވެ.
” އޫން. ޔޫދޯ. ކިހިނެތް އެނގޭނީވެސް … ހީލުމަށްފަހު އަނގައިން ވެސް ބުނެނުލާވިއްޔަ ދިޔައީ … އަހަރެން ހިޔެއްނުކުރަން ގުޅާނެކަމަކަށް ވެސް. ދެން ވެސް … ނަންބުނެބަލަ. ” ދެތިންމިނިޓްގެ މެދުކެނޑުމަކަށްފަހު އެއަންހެންމީހާ ނުވަތަ އަންހެންކުއްޖާ ވާހަކަދެއްކިއެވެ. އެހެންއެވީ އޭނާ ނީސްމަތިންހަނދާންކުރާން ޖެހުމުންކަމުގައި ނީސް އަމިއްލައަށް ނިންމިއެވެ.
” މިހާރު ހަނދާންވެއްޖެދޯ ؟ ….. އަހަރެންގެ ނަމަކީ ނީސް. މާލެ ކައިރީރިސޯޓެއްގަ ވަރަށްރަނގަޅަށް ލާރިލިބޭ ވަޒީފާގައި މިއުޅެނީ …. ކަލާއަށް ކިޔަނީ ކޮންނަމެއްތަ ؟ ” އެއަންހެންކުއްޖާ އޭނާއާމެދުގައި ޝައުޤުވެރިވާހެން ހީވުމުން ވަރަށްއުފާވެ ހަމަޖެހިލަމުން ނީސް އަމިއްލައަށް ތަޢާރަފުވެލިއެވެ.
ނީސްގެ ވާހަކަތަކަށްފަހު އަނެއްކާވެސް ހިމޭންވެގެންދިޔައެވެ.
” އަހަރެންގެނަމަކީ އައިސަ. ނީސްއަށް އަހަރެންނާއި ބައްދަލުކުރާން ވަރަށް އުނދަގޫވާނެ. މިފަހަރުވެސް މިބައްދަލުވީ މަންމަމެން އެއްވެސް ބޮޑުމީހަކު ގޭގަ ނެތީމަ …. އެއިންމީހަކަށް ފޯނުނެގިއްޖެއްޔާ އަހަރެންނަށް ގޮވައެއްނުދޭނެ. މާދާމާ ވެސް މިގަޑީގައި ގުޅަންވީނު. ؟ ކޮންމެވެސް ކޮންމެވެސް އެހެންގަޑިއަކު ނުގުޅާތި. މިގޭމީހަކަށް ރެޑްވެދާނެ. ” އައިސަ އެހެންބުނަމުން ފޯނުބާއްވަން އުޅެނިކޮށް އެހެންބައެއްގެ އަޑުވެސް ގޭތެރޭން އިވުނެވެ.
އައިސައާ ވާހަކަ ދައްކާލެވުމުންނާއި ގުޅާންބުނުމުން ނީސްއަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.އައިސަ ފޯނުބާއްވާން އުޅެނިކޮށް އެއިވުނީ އެގޭ ބޮޑެތިމީހުންގެ އަޑުކަމާއި އައިސަ ފޯނުބޭއްވީ އެމީހުން އައުމުންކަމަށް ނީސް އަމިއްލައަށް ނިންމިއެވެ.
ލިބުނުއުފަލާއި ހިތްހަމަޖެހުމުގައިހުރެގެން ނީސް ގޮސް އޭނާގެރައްޓެހިން ގާތުގައި އެވާހަކަތައް ދެއްކިއެވެ.
މަސައްކަތްތެރިން އެބައިމީހުންގެ މަސައްކަތްތަކާއިގެން އަވަދިނެތި އުޅެމުން ދަނިކޮށް ވަގުތުތައް ފާއިތުވަމުން އައިސް އިރުއޮއްސިއްޖެއެވެ. އިރުއޮއްސުމުގެ ސަބަބުން ރަށުތެރެއަށް އަނދިރިކަން ވެރިވެގެން ދިޔަ ނަމަވެސް ރޭގަނޑުގެ މަސައްކަތްތަކުގަ މަޝްޣޫލްވާ ފަރާތްތަކުން އެބައިމީހުންގެ މަސައްކަތްތަކާއިގެން އުޅެމުން ދިޔައެވެ.
ދުވަސްވަރަކީ ރިސޯޓްގަ ވަރަށް ފަތުރުވެރިން ގިނަ ދުވަސްވަރަކަށްވާތީ ރިސޯޓްގަ ބާއްވަމުންދިޔަ ހަރަކާތްތައް އިތުރު ވެފައިވެއެވެ. ފަތުރުވެރިންގެ މުނިފޫހި ފިލުވައިދިނުމަށްޓަކައި ރިސޯޓަށް ގެނައި ދިވެހި ނަށާ ގުރޫޕްގެ ހަރަކާތްތައް އޮތީ ނުވައެއް ޖަހާއިރު ކަމަށްވާތީ އެކަމާއިގެން ވެސް ބައެއް މީހުން އުޅެމުން ދިޔައެވެ.
ނީސް އާއި އާލިމް ރިސެޕްސަނުގަ ތިއްބަ އެކުދިންތައް ދާތަން ފެނިއްޖެއެވެ.
” ވެރިޔާގެ ގުރޫޕް ވައްޓާލީ ދޯ ؟ ” ނީސްއަށް ބަލާލަމުން އާލިމް އަހާލިއެވެ.
” އާން. މިއޮތީ ތިބުނާ ކަންތައް ލައްވާލާފަ. ދެން ނޯއްނާނެ އެއްވެސް އެއްޗެކޭ ބުނެވޭކަށް. ވެރިޔާގެ ގުރޫޕް ވިއްޔަ.
އަހަރުމެން ކީއްކުރާނީ. ” ނަށާގުރޫޕްގެ ކުދިންނާއި ދިމާއަށް ބަލާލަމުން ނީސް ވާހަކަ ދެއްކިއެވެ.
” ކޮންމެހެން އެއްޗެކޭ ބުނާނެ ކަމެއްނެތް. ނީސް ވެސް ކަމެއްވަންޏާއި އެކަން ކުރެވޭތޯ ބަލާ. ވެރިޔާ ވެސް އެމީހުން ގެންނަނީ އެބޭނުމުގަ. ” ނީސްއަށް ބަލާލަމުން އާލިމް ވާހަކަ ދެއްކިއެވެ.
” އާން. ތިކަން ވެސް އޮތީ ތިހެން. ދެމީހުނާއި އިނދެ ފަސް ހަ ކުދިން ލިބުނީމަ ވެސް ވެރިޔާ އެއުޅެނީ އަހަރެމެން ޒުވާނުންނަށްވުރެ ކުރީގަ. ” ނީސް ބުނެލިއެވެ.
” ކީއްކުރަން ހާސްވާކަށް. އަތުގަ ފައިސާ ހުރެފަ ފައިސާ ހަރަދުކުރާން އެބަކެރޭ. މިރޭވެސް އެތަނުން ކުއްޖަކު ނިދާނެ ވެރިޔާއާއެކު ވެރިޔާގެ ކޮޓަރީގަ. ” އާލިމް ވާހަކަ ދެއްކީ މާޒީއަށް އިސާރާތް ކޮށެވެ.
ރަށުތެރެއަށް ވެރިވެފައިވާ ހަލަބޮލިކަމާއެކު ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރު އަރައިފިއެވެ. އާދުވަހަކަށް އިރުއަރައި ރަށުތެރެއަށް ވެރިވެގެންދިޔަ އަލިކަމާއެކު ހަލަބޮލިކަން ވެސް ވެރިވެގެން ދިޔައެވެ.
ހެނދުނުގެ ސަޔަށްފަހު ގެސްޓުންތައް އެބައިމީހުންގެ އުފަލާއި ހިތްހަމަޖެހުމާއިގެން އުޅޭން ފެށިއެވެ.
އިރުގެ ހޫނު ގަދަވަމުން މެންދުރުވުމުގެ އަލާމާތްތައް ދައްކަމުން ދިޔައެވެ. އަވަސް އަވަހަށް ގަޑިއަށް ބަލަމުން ވަގުތު ތައް ގުނަމުންދިޔަ ނީސް އިންތިޒާރު ކުރަމުން ދިޔައީ ދޭއް ޖަހާނެ އިރަކަށެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ދޭއްޖެހުމާއެކު ނީސް އަވަސް އަވަހަށް އައިސަމެންގޭ ނަންބަރަށް ގުޅާން ފެށިއެވެ.
ދެތިންފަހަރަކު ފޯނު ރިންގުވެލުމާއެކު ކޮންމެވެސް އަންހެނަކު ފޯނުނަގަމުން ހެލޯ ގޮވާލި އެވެ. ނީސް ކުޑަކޮށްވިސްނާލުމަށްފަހު އެއީއައިސަކަންޔަގީންވުމުން ވާހަކަދައްކާންފެށިއެވެ.
” ހެލޯވް. އައިސަ….. ހާލުކިހިނެތް ؟ ރަނގަޅުދޯ ؟ އިއްޔެ އައިސަ ބުނީމެއްނު މިއަދު މިގަޑީގަގުޅާށޭ. އެހެންވެ މިގުޅީ. އެއްވެސް ބޮޑުމީހަކު ގޭގައި ނެތްދޯ ؟ “ނީސް އަވަސްއަވަހަށް ވާހަކަދެއްކިއެވެ.
” އާން .. އަހަރެން ބުނީމެއްނު މިގަޑީގަ އެއްވެސްބޮޑުމީހަކު ގޭގައި ނޫޅޭނެޔޭ .. އަހަރެން ހާލު ރަނގަޅު. ނީސް ހާލުކިހިނެތް ؟ “ނީސްގެ ހިތަށްހަމަޖެހުން ގެނުވި މިއުޒިކެއްފަދަ އަޑަކުން އައިސަ ވާހަކަދެއްކިއެވެ.
ނުނިމޭ
2 Comments
Comments are closed.
ހަބޭސް ހަބޭސް ވާހަކަ ހަމަ
hahaaha very funny hehe muneeru ge story eh varah majaa gothakah nimigen dhaane hen heevey…….aisa aisa aisa