Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތުގެ މަގުތައް-11

Shaba
Shaba Level 110 Stories
August 27, 2026 4 Mins Read
2 Comments

ސާޖިދުގެ ފޯނު ކޯލަށްފަހު އަފްލާޒްގެ ހިތް ބާރަށް ތަޅެމުންދިޔައެވެ. އޭނާ ލަސްކުރުމެއްނެތި ސައިކަލަށް އަރައި، ސާޖިދު ބުނި ހިމޭން ކެފޭއާ ދިމާއަށް މިސްރާބުޖެހިއެވެ. ކެފޭގެ އެންމެ އެތެރޭ ކަނެއްގައި ހުރި މޭޒެއްގެ ކައިރީގައި ސާޖިދު އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ކުރިމަތީގައި ހުރި ކޮފީ ތަށި ވަނީ މުޅިން ފިނިވެފައެވެ.

“ސާޖިދުބޭ… ކިހިނެއްވީ؟” އަފްލާޒް ގޮސް އިށީންނަމުން ކަންބޮޑުވެފައި އަހައިލިއެވެ.

ސާޖިދު ފުން ނޭވާއެއްލަމުން މޭޒުމަތީގައި އޮތް ލިޔެކިޔުންތަކެއް އަފްލާޒްއާ ދިމާއަށް ދިއްކޮށްލިއެވެ. “އަފްލާޒް… މިއީ އަހަރެންގެ ސިއްހީ ރިޕޯޓުތައް. އަހަރެންގެ ހިތުގެ ބޮޑު ބައްޔެއް ހުރިކަން އެނގުނީ ދާދިފަހުން. ޑޮކްޓަރުން ބުނަނީ އަހަރެން ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ބޮޑު އޮޕަރޭޝނަކަށް ދާންޖެހޭނެ ކަމަށް. އެކަމަކު އޮޕަރޭޝަނުން ސަލާމަތްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް.”

އަފްލާޒްއަށް ލިބުނީ ބޮޑު ސިހުމެކެވެ. “ސާޖިދުބޭ… ތިޔައީ ހާދަ ދެރަ ޚަބަރެކޭ. ޔަޝްމީއަށް މިކަން އެނގޭތަ؟”

“ނޫން، ޔަޝްއަށް އެނގިއްޖެއްޔާ މުޅިން ހަލާކުވާނެ. އަހަރެން ފިޔަވައި އޭނާގެ ދުނިޔޭގައި އިތުރު މީހަކު ނެތްކަން އަފްލާޒްއަށް އެނގޭނެ،” ސާޖިދު އަފްލާޒްގެ އަތުގައި ހިފާލިއެވެ. “އަހަރެން އަފްލާޒްއާ މި ބައްދަލުކުރީ އެހެންވެ. އަހަރެން ބޭނުންވަނީ އަހަރެން ބޭރަށް ފުރުމުގެ ކުރިން، ޔަޝްމީގެ ޒިންމާ ރަސްމީކޮށް އަފްލާޒްއާ ހަވާލުކުރަން. އަހަރެން ބޭނުންވަނީ ޒައިންމެންގެ ކައިވެންޏާއެކު، އަފްލާޒް އާއި ޔަޝްމީގެ ކައިވެނިވެސް ކުރެވިގެންދާން. އޭރުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭނެ. އަފްލާޒް މިކަމަށް ތައްޔާރުތަ؟”

ސާޖިދުގެ މި ހުށަހެޅުމުން އަފްލާޒްގެ ހިތް އުފަލުންނާއި ހިތާމައިން ފުރުނެވެ. ޔަޝްމީއާ ކައިވެނިކުރުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެނެވެ. ނަމަވެސް ސާޖިދުގެ ބަލިހާލަތާ މެދު އޭނާ ވަރަށް ދެރަވިއެވެ. “ސާޖިދުބޭ، އަހަރެން ޔަޝްމީއާ ކައިވެނިކުރަން މިއަދުވެސް ތައްޔާރު. އަހަރެން ޔަޝް ލޮލުގެ ކޮއި ފަދައިން ބަލާނަން،” އަފްލާޒް ޔަގީންކަން ދިނެވެ.

ޖެހިގެން އައި ދުވަހު ކޮލެޖުގެ ބޮޑު ގަސްދަށުގައި ހަ އެކުވެރިން އެކުގައި ތިއްބެވެ. ޒައިން އާއި ޝައިހާ ތިބީ އެމީހުންގެ ކައިވެނީގެ ކާޑުތަކުގެ ޑިޒައިންތައް ދައްކާށެވެ. ޔައިޝް އާއި ލިޔުޝާވެސް އެމީހުންނަށް އެހީވަމުންދިޔައެވެ.

އެވަގުތު އަފްލާޒް ޔަޝްމީގެ އަތުގައި ހިފާލަމުން އެންމެންނަށް ބަލައިލިއެވެ. “އެންމެންނަށް އަދި އެއް ޚަބަރު އެބައޮތް. ޒައިންމެންގެ ކައިވެނި ކުރާ ދުވަހު… އަހަރެންނާއި ޔަޝްމީގެ ކައިވެނިވެސް ކުރެވޭ ގޮތަށް ސާޖިދުބޭ ހަމަޖައްސައިފި.”

އެ ބަސްތައް އިވުމާއެކު ޔަޝްމީއަށް ލިބުނީ ބޮޑު ސިހުމެކެވެ. އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. “އަފްލާޒް… ތީ ތެދެއްތަ؟ ބޭބެ އެއްބަސްވީތަ؟” އޭނާ އުފަލުން ގޮސް އަފްލާޒްގެ ގައިގައި ބައްދާލިއެވެ. އެކުވެރިން އެންމެން އަތްޖަހާ ހަޅޭއްލަވައިގަތެވެ. މުޅި ގްރޫޕްގައި އޮތީ އުފާވެރިކަމުގެ ރާޅެކެވެ. ނަމަވެސް އަފްލާޒްގެ ހިތުގެ އެއްކަނެއްގައި ސާޖިދުގެ ބަލީގެ ސިއްރު އޮތުމުން އޭނާގެ ހިނިތުންވުމުގެ ފަހަތުގައި ކުޑަ ހިތްދަތިކަމެއް ވެއެވެ.

ޔައިޝް އައިސް އަފްލާޒްގެ ކޮނޑުގައި ޖަހާލިއެވެ. “ކޮންގްރެޓްސް ބްރޯ! އަފްލާޒްތީ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން މީހާ. މިއަދު އަފްލާޒް އަށް ތިޔަ ލިބުނު އުފާވެރިކަމަށްޓަކައި އަހަރެން ވަރަށް އުފާކުރަން. އަހަރެމެން ހުރިހާ އެކުވެރިންގެ ހަޔާތް މިހާރު މިއޮތީ ވަރަށް ފުރިހަމަ މަގަކަށް އެޅިފައި.” ޔައިޝް ލިޔުޝާގެ އަތަށް ބާރުކޮށްލަމުން ބުންޏެވެ.

ދުވަސްތައް ފާއިތުވަމުންގޮސް، ދެ ކައިވެނީގެ ބޮޑު ހަފުލާއަށް އޮތީ އެންމެ ހަފުތާއެކެވެ. ހަ އެކުވެރިން އެކުގައި ހޯލް ތައްޔާރުކުރުމާއި، ހެދުން ފެހުމުގެ ކަންތައްތަކުގައި ރޭދުވާލު އުޅެމުންދިޔައެވެ. ޒައިންގެ ބައްޕަ ޤާސިމްގެ އެހީތެރިކަމާއެކު ހުރިހާ ކަމެއް ދިޔައީ ވަރަށް ފުރިހަމައަށެވެ.

ނަމަވެސް ކައިވެނީގެ ދެދުވަސް ކުރިން، އަފްލާޒްގެ ފޯނަށް ސާޖިދު އޮތް ހޮސްޕިޓަލުން ކޯލެއް އައެވެ. “ހެލޯ، އަފްލާޒްތާ؟ ސާޖިދުގެ ހާލު ކުއްލިއަކަށް ވަރަށް ބޮޑަށް ގޯސްވެގެން އެމާޖެންސީގައި އެބައޮތް. ވަރަށް އަވަހަށް އައިސްދެއްވާ.”

އަފްލާޒް ބިރުން ގޮސް ހުއްޓުން އެރިއެވެ. ކައިވެނީގެ އުފާވެރި ވަގުތު ކައިރިވެފައިވަނިކޮށް، ޔަޝްމީއަށް މި ހަގީގަތް އެނގިއްޖެއްޔާ ވާނެ ގޮތެއްވެސް ނޭންގެއެވެ.

ހޮސްޕިޓަލުން އައި ފޯނު ކޯލާއެކު އަފްލާޒްގެ މުޅި ހަށިގަނޑުން ބާރުދޫވިއެވެ. އޭނާގެ މޫނުމަތިން ފެނުނު ހާސްކަމާއި ފިނިކަން، ކައިރީގައި އިން ޔަޝްމީއަށް ވަގުތުން ފާހަގަކުރެވުނެވެ. ކައިވެނީގެ ހެދުންތައް ބަލަން ތިބި ޒައިން، ޝައިހާ، ޔައިޝް އަދި ލިޔުޝާގެ ސަކަރާތްވެސް މަޑުޖެހިގެންދިޔައެވެ.

“އަފްލާޒް… ކިހިނެއްވީ؟ ކާކު ގުޅީ؟” ޔަޝްމީ ކަންބޮޑުވެފައި އަހައިލިއެވެ.

އަފްލާޒް ފޯނު ތިރިކޮށްލަމުން ދޮގުހަދަން މަސައްކަތް ކުރިއެވެ. “ހަމަ… ހަމަ ރައްޓެއްސެއް. އަހަރެން ކުޑަކަމަކު ބޭރަށް ގޮސްލަން އެބަޖެހޭ.”

“ނޫން، އަފްލާޒް ތިހަދަނީ ދޮގު. ތި މޫނުމަތިން ތިޔަ ފެންނަނީ އާދައިގެ ހާސްކަމެއް ނޫން،” ޔަޝްމީ އަފްލާޒްގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. “ޔަޝްގެ ބޭބެއަށް ކަމެއްވީ ދޯ؟ ބުނޭ އަފްލާޒް!”

ޔަޝްމީގެ ދެލޮލަށް ކަރުނަ ގިނަވާން ފެށުމުން އަފްލާޒްއަކަށް ހަގީގަތް ފޮރުވާކަށް ހިތްވަރެއް ނުލިބުނެވެ. އޭނާ އިސްދަށަށް ޖަހާލަމުން، ސާޖިދުގެ ހިތުގެ ބަލީގެ ސިއްރާއި، ކައިވެނި އަވަސްކުރަން ބޭބެ އެދުނު ހަގީގީ ސަބަބު އެންމެންގެ ކުރިމަތީގައި ކިޔައިދިނެވެ. އެ ބަސްތައް އިވުމާއެކު ޔަޝްމީގެ އަތުން ހެދުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އޭނާ ބާރަށް ރޮއެގަންނަމުން ބިންމައްޗަށް އިށީނދެވުނެވެ. ޝައިހާ އާއި ލިޔުޝާ ދުވެފައި ގޮސް ޔަޝްމީގެ ގައިގައި ބައްދާލިއެވެ.

“ބޭބެ… ކީއްވެ އަހަރެންނަށް ސިއްރުކުރީ؟” ޔަޝްމީ ގިސްލަމުން ބުންޏެވެ. “އަހަރެން ހީކުރީ ބޭބެ އުފަލުން ކަމަށް ކައިވެނި އަވަސްކުރީ… ހިނގާ އަވަހަށް ހޮސްޕިޓަލަށް!”

ހަ އެކުވެރިން އެކުގައި ހޮސްޕިޓަލަށް ދިޔައީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެމާޖެންސީ ރޫމްގެ ކުރިމައްޗަށް ދެވުނުއިރު ޑޮކްޓަރުން ސާޖިދު ސަލާމަތްކުރަން ބާރަށް މަސައްކަތް ކުރަމުންދިޔައެވެ. ޔަޝްމީ ބިއްލޫރިގަނޑުން އެތެރެއަށް ބަލަމުން ރޮމުން ދިޔައެވެ. ޔައިޝް ގޮސް އަފްލާޒްގެ ކޮނޑުގައި ހިފާލިއެވެ. “އަފްލާޒް، ހިތްވަރުކުރޭ. އަފްލާޒް އަހަރެންގެ ފުރާނަ ސަލާމަތްކުރަން ހުރިހާ ކަމެއް ކުރީމެއްނު؟ މިއަދު އަހަރެމެން އެންމެން މިތިބީ އަފްލާޒްއާއި ޔަޝްމީއާއެކު.”

އިރުކޮޅަކުން ޑޮކްޓަރު ނުކުމެ ސާޖިދުގެ ހާލަތު ކިޔައިދިނެވެ. “މިހާރު އިންޖެކްޝަންތަކެއް ދީގެން ހާލަތު ކުޑަކޮށް ހަމައަކަށް އެޅިއްޖެ. އެކަމަކު އޮޕަރޭޝަން ކުރަން ރާއްޖެއިން ބޭރަށް ފުރުން ދެން ލަހެއް ނުކުރެވޭނެ. އަންނަ ހަފުތާގެ ކުރިން ފުރަންޖެހޭނެ.”

ޑޮކްޓަރުގެ ހުއްދައާއެކު އަފްލާޒް އާއި ޔަޝްމީ އެތެރެއަށް ވަނެވެ. ސާޖިދު އޮތީ ވަރަށް ބަލިކޮށް ނަމަވެސް، ޔަޝްމީ ފެނުމުން އޭނާ ގަދަކަމުން ހިނިތުންވެލިއެވެ.

“ކޮއްކޯ… ރޮނީތަ؟” ސާޖިދު ވަރަށް މަޑުމަޑުން ބުންޏެވެ. “ބޭބެ ބޭނުންވީ ކޮއްކޮ ދެރަނުކުރަން. ބޭބެ ފުރުމުގެ ކުރިން ކޮއްކޮގެ ކައިވެނި ފެނުމަކީ ބޭބެގެ އެންމެ ފަހުގެ އުންމީދު.”

ޔަޝްމީ ބޭބެގެ އަތުގައި ބާރަށް ހިފާލިއެވެ. “ބޭބޭ… އަހަރެމެން ކައިވެނި ކުރާނަން. ބޭބެ ބުނި ދުވަހަކު ކުރާނަން. އެކަމަކު ބޭބެ އަހަރެން ދޫކޮށްލާފައި ގޮސްގެން ނުވާނެ.”

ސާޖިދު އަފްލާޒްގެ އަތް ޔަޝްމީގެ އަތްމަތީގައި ބޭއްވިއެވެ. “އަފްލާޒް… މާދަމާ ރެއަކީ ކައިވެނީގެ ރޭ. އެއްވެސް ކަމެއް ބަދަލުނުކުރާތި. އަހަރެން ހޮސްޕިޓަލުގައި އޮވެގެންވިޔަސް ތިޔަ ކައިވެނީގައި ބައިވެރިވާނަން.”

ހޮސްޕިޓަލުން ބޭރަށް ނުކުމެ، ޒައިންމެންނާ ބައްދަލުވުމުން އަފްލާޒް އާ ނިންމުމެއް ނިންމިއެވެ. “ޒައިން، ޝައި… އަހަރެމެންގެ ބޮޑު ހަފުލާ މިވަގުތަށް ބޭއްވޭކަށް ނެތް. މާދަމާ ރޭ އަހަރެމެން ކައިވެނި ކުރާނީ ހަމައެކަނި ކޯޓުގައި ނުވަތަ ހޮސްޕިޓަލުގެ މިތާ ހުންނަ ޚާއްޞަ ކޮޓަރިއެއްގައި، ސާޖިދުބޭގެ ކުރިމަތީގައި. ޒައިންމެންގެ ބޮޑު ހަފުލާ ކުރިއަށް ގެންދޭ.”

“ނޫން، އަފްލާޒް!” ޒައިން ވަގުތުން ބުންޏެވެ. “އަހަރެމެންނަކީ އެކުވެރިން. އަފްލާޒްމެން ހިތްދަތިކަމެއްގައި ތިއްބާ އަހަރެމެން ބޮޑު ޕާޓީއެއް ނުބާއްވާނަން. އަހަރެމެންވެސް މާދަމާ ރޭ ހަމައެކަނި ކައިވެނީގެ ރަސްމިއްޔާތު ނިންމާލާނީ. ބޮޑު ޕާޓީ ބާއްވާނީ ސާޖިދުބޭ އޮޕަރޭޝަން ނިންމާފައި ސަލާމަތުން އެނބުރި އައުމުން!” ޒައިންގެ އެ ބަސްތަކުން އެކުވެރިކަމުގެ ހަގީގީ އަގު ހާމަވެގެންދިޔައެވެ. ލިޔުޝާ އާއި ޔައިޝްވެސް އެކަމަށް ތާއީދުކުރިއެވެ.

ޖެހިގެން އައި ދުވަހުގެ ރޭގަނޑެވެ. ހޮސްޕިޓަލުގެ ބޮޑު ޕްރައިވެޓް ރޫމެއްގެ ތެރޭގައި ވަނީ ކުޑަަކޮށް ގަސްތަކާއި މާ ބަހައްޓައިގެން ޒީނަތްތެރިކޮށްފައެވެ. ޔަޝްމީ އާއި ޝައިހާ ތިބީ ރީތި ހުދު ހެދުމުގައެވެ. އަފްލާޒް އާއި ޒައިން ތިބީ ކޯޓު ފަޓުލޫނުގައެވެ. ސާޖިދު އެނދުގައި އިށީނދެލައިގެން އިންއިރު، އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާ އުފާވެރިކަމެވެ. ޤާސިމް (ޒައިންގެ ބައްޕަ) ވެސް އެތަނުގައި ހުއްޓެވެ.

ގާޒީ ވަޑައިގެން، ފުރަތަމަ ޒައިން އާއި ޝައިހާގެ ކައިވެނި، އަދި އޭގެ ފަހުން އަފްލާޒް އާއި ޔަޝްމީގެ ކައިވެނި ފުރިހަމަކޮށްދެއްވިއެވެ. “އަނބިގަބޫލުކޮށްފިން” އެ ބަސްތައް ބުނެވުނު ވަގުތު، ޔަޝްމީގެ ދެލޮލުން ފޭބި ކަރުނަތައް އަފްލާޒް ލޯތްބާއެކު ފުހެދިނެވެ. އެއީ އުފަލާއި، ހިތްދަތިކަމާއި، އުންމީދު އެކުވެފައިވީ ވަގުތުކޮޅެކެވެ.

އެންމެން ސާޖިދުގެ ވަށައިގެން ފޮޓޯ ނަގަމުން ދިޔަ ވަގުތު، ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް މީހަކު ފެނިގެން ޔައިޝް އާއި ލިޔުޝާގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެގެންދިޔައެވެ. އެއީ… ލިވީއެވެ! ނަމަވެސް އޭނާގެ އަތުގައި އޮތީ ބޮޑު ސިޓީއުރައެކެވެ.

ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shaba
Follow Me Written By

Shaba

Level 110 Stories

Just a girl who loves to write, read, and get lost in the world of stories. Writing has always been more than a hobby for me—it's a place where my imagination comes alive and my thoughts find a voice. Every story I create is written with passion, emotion, and the hope that it will inspire, comfort, or entertain someone. I'm still growing as an author, and every story I write is part of my journey. I truly appreciate every reader who takes the time to support my work. I welcome both positive and negative feedback because every comment helps me learn, improve, and become a better writer. Thank you for being part of this journey with me. I hope my stories leave a little piece of themselves in your heart. — Author Shaba ✍️📚

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (33)

Previews
August 27, 2026

މި ލޯތްބާއި ތި ވަޢުދު (33)

2 Comments!

  1. Aami says:
    August 28, 2026 at 12:55 am

    Varah reethi

  2. Anonymous says:
    August 28, 2026 at 8:34 am

    Wowww 😍 Haadha reechey Masha Allah
    I feel bad for Aflaaz and Yashmee 😭
    Get well soon saajidh 😔 Wutt livy Anehkaa Keehkuran? Curiously waiting for the next part When’s next?
    Vrh bodah Curious?
    Ly ✨

Comments are closed.

Next Episodeހިތުގެ މަގުތައް-2←


All Right Reserved!