Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ވައިސޫރަ

persephone Level 1
August 23, 2026 3 Mins Read
0 Comments

ނިދިފައިއޮތް ޒަޔާނަށް ހޭލެވުނީ ލޯންޗުގެ ދުވެލިމަޑުވެ ފަޅަށް ވަތްތަނާއެވެ. މޫނު މައްޗަށް ވެއްޓިފައި އޮތް ކަޅުކަންގަދަ ފަން އިސްތަށިކޮޅު ނަގާ އެއްފަރާތް ކޮއްލަމުން އޭނާގެ ނަޒަރު ހިނގާލެވުނީ ރަށުގެ މަލަމައްޗަށެވެ. ހަވީރުގެ ފިނި ރޯޅިތަށް ހޭޅިފަށުގައި ހެދިފައިވާ ގަސްތަށް ފޫއަޅުވާލާ އަޑު ވެފައިވީ ލުއި މިޔުޒިކަކަށެވެ. ލޯންޗު އަންނަ ގަޑިއާއި ދިމާކޮށް އެވަގުތު ބަނދަރުކައިރި މީހުންގަނޑުތައް އެއްވެފައިއޮތެވެ.

ލޯންޗު ބަނދަރާއި ގާތް ކޮއްލުމާއެކު ކައިރީގައި އިން ނަދީން އޭނާގެ އަތުގައި ކޮއްޓާލަމުން ތެދުވަން އިޝާރާތް ކޮއްލިއެވެ. ނޯށަށް އެރި ޕެޓްރޯލް ވަސްގަނޑާއެކު މޫނު ކުނިކޮއްލަމުން ޒަޔާން ބޮލުގައި އޮތް އަވިއައިނު މޫނުމައްޗަށް ވައްޓާލިއެވެ. ކޮނޑުގައި އޮތް ދަބަސް ހެޔޮވަރުކޮއްލަމުން، ފަރުވާތެރިކަމާއެކު އޭނާ މީހުންތަކުގެ ފަހަތުން ހިނގައިގަތެވެ.

މަންމަމެން ފައިބަންދެން އުނަގަނޑުގައި އަތްވިއްދާލައިގެން ހުރި ޒަޔާން ސިއްސައިގެންދިޔައީ އަތުގައި މީހަކު ހިފާލުމުންނެވެ.

“މި ދޯ ޒަޔާން. ނުވެސް ފެނޭ މަންމަމެންނަށް ގުޅައިގެން އުޅޭއިރުވެސް.” މެދުފުރައިގެ އެ އަންހެންމީހާގެ މޫނުމަތިން ހިތްހެޔޮ ހިނިތުންވުމެއް ފާޅުވެ ހުއްޓެވެ. ނުރައިން ހުދުވެފައިވާ ރާޅުބާނީ އިސްތަށިގަނޑު އޭނާގެ އުނަގަނޑާއި ހިސާބަށް ފޯރައެވެ. މޫނުމަތިން ބަލާލާފައި ސާޅީހަކަށްވުރެ ދޮށީވާނެހެން ހިޔެއްނުވެއެވެ. ދަންނަ ވައްތަރުޖެހި ނަމަވެސް އެއީ ކާކުކަމެއް ޒަޔާނަކަށް ބުނާކަށް ނޭނގުނެވެ.

އެއާއެކު ލަގެޖު ދަމަމުންއައި ނަދީން އެދައްތައާއި ވާހަކައަޅުވާލިއެވެ. އެ ފުރުސަތުގެ ބޭނުންހިފައި ޒަޔާންދެމިގަތީ މީހުންތަކުތެރެއިން އެއްފަރާތްވެލާށެވެ. ނަމަވެސް ނަދީން އޭނާގެ ކަރުގައި އަތްއަޅުވާލަމުން އޭނާ ހައްޔަރުކޮއްލިއެވެ.

“ތަސްދައްތާ، ކޮބާ ހާލު ކިހިނެއްތަ؟ އަދި ކިރިޔާ ދޯ ހަމަލޮލަށް މިފެނުނީ. އަދި ހީވޭ މާ ޒުވާންހެން މިހާރު.” ތަސްނީމާ ގައިގައި ބައްދާލަމުން ނަދީން ބުނެލިއެވެ. “އަދިވެސް މީނަގެ ސިޔާސަގޮތްގަނޑެއް ނުކެނޑެއޭ ދޯ!” ނަދީންގެ ބަހަށް ހިނިގަނޑެއްޖަހާލަމުން ތަސްނީމާ، އޭނަގެ ކޮނޑުގައި ޖަހާލިއެވެ. “އަޅޭ މަ މިބުނީ ދޮގެއްތަ ޒާން؟” ވިސްނުމަކަށް ގެއްލިފައި އިން ޒަޔާނަށް ހޭވެރިކަންވީ ނަދީން ގޮވައިލިހެން ހީވުމުންނެވެ. ޒަޔާން ހިނިތުންވެލިއެވެ. “ވަރަށް ލަދުރަކިވާނެ. އެހުރީނުން އަނގައިންވެސް ނުބުނެ.”  ޒަޔާނާއި ދިމާލަށް އެއް ލޯމަރާލަމުން ނަދީން ބުނެލިއެވެ.

“ކޮބާ ބައްޕަ ނާދޭތަ؟ ހާދަ ޒަމާނެއް ވެއްޖެއޭ ކަލެމެން ކުދިންކޮޅު ނުފެންނަތާ.” ތަސްނީމާ ވާހަކައިގެ މިސްރާބު ބަދަލުކޮއްލިއެވެ.

“އާނ. ބައްޕަ އެކޮޅުގައި ބަހައްޓާފައި މިއައީ. ތަންކޮޅެއް ބިޒީވީ. މަންމަ ފްރެންޑު މަރީދައްތައާއި ޝަންނައްތައާއި އިންމުބެވެސް އެބައުޅޭ އައިސް. ޔާސީންވެސް.” ނަދީން ތުންއަނބުރާލިގޮތުން ޒަޔާންގާތަށްވެސް ހިނިއައެވެ. “ފޮށިތައް ބާލަންކަންނޭނގެ އަދިވެސް އެއުޅެނީ.” ނަދީން އަތްހުރަސްކޮއްލަމުން ބުންޏެވެ.

“ސްޕީކިންގ އޮފް ދަ ޑެވިލް…” އެވަގުތު މަންމަމެންގެ ފަހަތުން އައި ޔާސީނަށް  ނަދީން ލޯއަޅާލިއެވެ.

“ބެބީޓޯ ހާދަވަރަކަށް ތި ލޯއަޅަނީ. މިހާއަވަހަށް މަ ނެތްތަންތަނުގަ މަގޭ މަސްކަނީ ދޯ.” ޔާސީން ހެވިދިލިފައި އައިސް ނަދީންގެ ކޮލުގައި ހިފާލިއެވެ. “އައްދިޔޯތް! ޝަންނައްތަ ބަލާބަލަ.”

‘ބެބީޓޯ’ އަކީ ނަދީން ކުޑައިރު އުޅުނުލޭ ފިރިހެންކަމުން ހަރުލި ވަނަމެކެވެ. މިކަން ޔާސީނަށް އެނގުނު ފަހުން އޭނާ ނަދީނަށް އެނޫން ނަމަކުން ނިސްބަތެއް ނުކުރެއެވެ.

“މިހާއަވަހަށް ކޯޅެންފެށީދޯ. ޔާސީން ދެން އެކުއްޖަޔާ ނުބެހިހުރެބަލަ” ޝަޒްނާ ޕިސް ޕިސް އަޑުލައްވާލިއެވެ.

“ދެން މަންމަވެސް އަބަދު ބެބީޓޯ ޓީމަށްވަދެ ހުންނާނީ.” ޔާސީން ދެރަވާކަމަށް ހެދުނުތަން ދެކި ނަދީން އަނގަޔަށް ގޮތެއްހަދާލިއެވެ.

“އެޔޮއް އަންނަނީ މިގޭ ކާރު.” ތަސްލީމާ އިޝާރާތްކޮއްލީ ދުރުންއައި ކަޅުކުލައިގެ ކާރަކަށެވެ. “އަނެއް އެތި އަންނާނެ އިރުކޮޅަކުން.”

“އެހެންވިއިރު މަންމަމެންދޭ މިޔަށް އަރައިގެން. މަދާނަން ބެބީޓޯއާ ޒާންގޮވައިގެން.” ޔާސީން މޭފުއްޕާލާފައި ބުންޏެވެ.

“ހޫން އޯކޭ. ނުތޮޅި ތިބޭނީ އިނގޭ.” ކުރިމަތީ ހުއްޓުނު ކާރު ދޮރު ހޮޅުވާލަމުން ޝަޒްނާ ނަސޭހަތްތެރިވިއެވެ.

“ޔާން އަތުގައި އެބައޮތް ދޯ އެއާރ ޓެގްކޮޅު؟” އިމްރާން ލަގެޖުތަށް އަރުވަން އެހީތެރިވަމުން އަހާލިއެވެ. ރައްދުގައި ޔާސީން ބޯޖަހާލިއެވެ. “ލޮކޭޝަން ފޮނުވާލައްޗޭ. އަހަރުމެން މިޔޮއް ބޮޑު ރަށުން ގެއްލިއްޖެޔާ ހަދާނީ ކިހިނެއް.”ދެންމެ މޫޑުކަޓާފައިހުރި ނަދީން މަޖާވެފައި ބުންޏެވެ.

މަންމަމެން ފޮނުވާލިތާ އިރުކޮޅެއްނުވެ ތަސްލީމާ ބުނި ކާރެއް އަތުވެއްޖެއެވެ. ކާރަށް އެރެވުމާއެކު ޒަޔާން ހެޑްސެޓުނަގާ ހެޔޮވަރުކޮއްލިއެވެ. އޭރު ޔާސީނާއި ނަދީން ތިބީ މިހާ އަވަހަށް ޑްރައިވަރާއި ވާހަކައަޅުވާލައިގެނެވެ.

ކާރުދުއްވާލިއިރު ޒަޔާންގެ ނަޒަރު ހުއްޓިފައިވަނީ ވަށައިގެންވި މާހައުލަށެވެ. ސްޕެއިނުގައި އުޅެބޮޑުވިއިރު އޭނާގެ ރާއްޖޭގެ މިމާހައުލުވެފައިވަނީ ބީރައްޓެހި އެއްޗަކަށެވެ. އެހެންނަމަވެސް ރަށްފުށުގެ ހަމަހިމޭންކަމާއި ރީތިކަންފެނި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. ބަހާރު މޫސުމާއެކު އޭނާގެ މަންމައަށް ޗުއްޓީއެއް ލިބުމާއެކު މަންމަގެ ހިޔާލުހުރީ ދަރިންކޮޅަށް ރާއްޖެތެރެ ދައްކާލާށެވެ.

މީހުން އުޅޭ ސަރަހައްދު ދޫކޮށް ފުއްޓަރާވީ މަގަށް އަޅައިލެވުނުއިރު ފަސްގަޑިބައިވެއްޖެއެވެ. މާސިންގާ ރާޅުތަށް ބިންދާލާ މަންޒަރުފެނި ހުރިހާ އެންމެންގެވެސް ލޯތަށް ހުއްޓިފައިވަނީ ބޭރަށެވެ. ޒަޔާނަށްވެސް އަވިއައިނު ނަގާ އެއްފަރާތްކޮއްލެވުނީ މޫދުގެ ސަތަހައަށް އެޅިފައިވާ ރަންކުލަ ސާފުކޮށް ބަލައިލުމަށެވެ. އޮއްސެމުންދިޔަ އިރުގެ އަލި، ޖެހެމުންދިޔަ ރާޅުބާނީތަކާއި އެއްވަރަށް ނަށަމުން ދިޔައެވެ. ދޫނިސޫފާސޫފިގެ އަޑާއި ފުއްޓަރުގެ ބިޔަ ރާޅުތަށް ބިންދާލާ އަޑުވަނީ މުޅި ފަޒާގައި ގުގުމާލާފައެވެ. ކުރިމަތިން ފެންނަމުންއެދިޔައީ ގައިން ހީބިހިނަގުވާލާފަދަ ރީތި މަންޒަރެކެވެ. ދަބަހުގައި އޮތް ޑިޖިޓަލް ކެމެރާ ޒަޔާންގެ އަތަށް ހެޔޮވަރުކޮއްލީ އިހުތިޔާރަކާއި ނުލައެވެ.

ދިހަވަރަކަށް މިނެޓުނުވެ ކާރުއައިސް މަޑުކޮއްލީ އާސާރީ ފާޑުޖަހާ ގޭޓެއް ކުރިމައްޗަށެވެ. ބޯއަރިކޮއްލަމުން ޒަޔާންގެ ލޯ ހުއްޓުނީ ގޭޓުގެ އެއްފަރާތުގައި އިށީންދެގެން އިން ބިދޭސީމީހާއަށެވެ. އޭނާ އަތުގައި އޮތް ސިނގިރޭޓު ދަމާލުމަށްފަހު ކާރާއި ދިމާލަށް އަންނަންފެށިއެވެ. ޑްރައިވަރުވެސް ނިކުމެ އެއްފަރާތުގައި ދެމީހުން އިރުކޮޅެއްވަންދެން ވާހަކައިގައި ތިއްބެވެ. މާކަށް އިރުގަނޑެއްނުވި ނަމަވެސް ޒަޔާންމެން ތިބީ ބަންދުވެފައި ތިބެންޖެހުމުން އާވިއަރާފައެވެ. އިތުރަށް ކެތްނުވެގެން ޔާސީން ގުދުވެލާފައި ހުރިހާ ކުޑަދޮރުތަކެއް ހޮޅުވައިލިއެވެ. އަދި ތުމުންފުމެލަމުން ޑްރައިވަރާއި އިޝާރާތްކޮއްލިއެވެ. ޑްރައިވަރު ކާރާއި އަރައިހަމަވުމާއެކު ފަތުއަޑުކިޔާފައި ގޭޓު ހޮޅުވުނު އަޑުއިވުނެވެ.

Share Article

Follow Me Written By

persephone

Level 1

Other Articles

Previous

ބަދަލް-12

Next

އަހަރެން…..

Next
August 23, 2026

އަހަރެން…..

Previews
August 23, 2026

ބަދަލް-12



All Right Reserved!