ދަރިފުޅު
ސިއްސައިގެން ގޮސް ސިބާއަށް ހޭލެވުނީ ކޮޓަރީގައިހުރި ފޯނު ރިންގުވާއަޑަށެވެ. އަވަސްއަވަހަށްތެދުވަމުންގަޑިބަލާލިއިރު މެންދަމުން އަލިވެ ތިނެއްޖަހަނީއެވެ. ކުޑައެނދުގައި ބާއްވާފައިއޮތް ސަޒީއަށް ދުނިޔެމަތީގައިހިނގާ އެއްވެސްކަމެއްގެ އަސަރުނުކުރާކަހަލައެވެ.
އުމުރުން ތިންމަހުގެ ސަޒީއަކީ ސިބާ އާއި ހާނިމަށް ލިބިފައިވާ ދަރިއެއް ނަމަވެސް އެދެމީހުންފިޔަވާ އެހެންމީހަކަށް އެކަމެއްނޭނގެއެވެ. އަދިއަދަށްދާންދެން ވެސް އެކަންވަނީ ސިއްރުކުރެވިފައެވެ.
ސިބާ އަވަސްއަވަހަށް އެނދުންފައިބާގެން ގޮސް ފޯނު އަތްގަނޑު ނަގާ ހެލޯގޮވާލިއެވެ.
” ހެލޯ .. ސިބާތަ ؟ … ގުޅާތާ ހާދަދުވަހެއްވެއްޖޭ … ވަރަށް ގިނަދުވަހު ކުރިމަސައްކަތުން އެނގުނީ ތިގޭގައި ސިބާ އުޅޭކަންވެސް …… ” ސިބާ ފޯނަށް ޖަވާބުދިނުމާއެކު އެކޮޅުން ކޮންމެވެސްފިރިހެނަކު ވާހަކަދެއްކިއެވެ. ކަންފަތުގައި އަޑުޖެހުމާއެކުވެސް އެއީ ހާނިމުގެއަޑުކަން ސިބާއަށް ޔަގީންވިއެވެ. އެކޮޅުން ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބުދިނުމެއްނެތި ސިބާ ބަލާލީ ކުޑައެނދުގައިވާ ސަޒީއަށެވެ. އެއާއެކު ސިބާ ފެންކަޅިވެގެން ދިޔައެވެ. ހާނިމުގެ އަޑުއިވުމާއި ސަޒީ ފެނުމުން ސިބާގެކުރިމަތީގަ ސިފަވެގެން ދިޔައީ އޭނާގެ މާޒީއެވެ.
ސިބާ އާއި ހާނިމް ބައްދަލުވީ އާޓިފިސަލްބީޗުންނެވެ.ފުރަތަމަ ފެނިލުމުންވެސް އެދެމީހުން އެކަކުއަނެކަކަށް ޝައުޤުވެރިވިއެވެ. ސިބާ އާއި ހާނިމް ލޯބީގެގޮތުން ގުޅުވުމަށް އެންމެބޮޑު މަސައްކަތެއްކުރީ އެދެމީހުންދަންނަ އަދި ދެ މީހުންނާއި ވެސް ގާތްއެކުވެރިކަމެއް އޮންނަ ހަނާއެވެ.
ސިބާއަކީ މަޑުމައިތިރިކަމަށް ލޯބިކުރާ ޒުވާނެކެވެ. އުމުރުންއަށާރަ ވަރަކަށް އަހަރުގެ ސިބާއަކީ ހިމަތޮޅިކުލައަލި ހަށިގަނޑެއްލިބިފައިވާ ނުހަނުރީތިޒުވާނެކެވެ. އޭނާއަށް ލިބިފައިވާ ފަންއިސްތަށިގަނޑާއި އެއިސްތަށިގަނޑުގެ ދިގުކަމީ އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް އިތުރުކުރިއެރުމެއްއައި ކަމެކެވެ. އޭނާފެންނަ ކޮންމެމީހެއްގެ ހިތުގައި އޭނާއާ މެދު ޝައުޤުވެރިކަން އުފެދޭފަދަ ޒުވާނެއްވެސް މެއެވެ.
ސިބާ އާއި ހިލާފަށް ހާނިމުއަކީ ހަލަބޮލި ދިރިއުޅުމައް ލޯބިކުރާ މިޒަމާނުގެ ޒުވާނެކެވެ. ހާނިމުގެ ދިގުކޮށްފައިވާ އިސްތަށިގަނޑާއި ކަރުގައި އަޅާފައިވާފަށާއި އަތުގައަޅާފައިވާ ތަކެތިންވެސް އޭނާގެހުރި ފެޝަންކަން އެނގެއެވެ. ސިބާ އާއި ހާނިމްގެ ލޯބި ތަރައްޤީވަމުން ދާވަރަކަށް ސިބާއަށް ހާނިމްގެ އުޅުން ދަސްވަމުންދިޔައެވެ. ހާނިމުގެ ކިބާގައިވާ ޒަމާނީގޮތްގަނޑުގެ އިތުރުން އޭނާއަކީ މަސްތުވާތަކެތީގެ އަޅެއްވެސްމެއެވެ.
އެއްވެސް ވަޒީފާއެއް އަދާ ނުކުރާ ހާނިމް މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި އޭނާގެ ގޭގައިހުންނަ ބައެއްތަކެތި ވިއްކާ ހަދައެވެ. ހާނިމުގެ އެސިފަތަކަށް ސިބާ ނަފްރަތުކޮށް އެފަދަކަންކަމުން ދުރުވުމަށް ހާނިމަށް ނަސޭހަތްދެމުން ދިޔައެވެ. އެހެނަސް އެކަމުގެ ސަބަބުން ހާނިމަކަށް އެއްވެސް ބަދަލެއްނާދެއެވެ.
ހާނިމުގެ ލޯބީގައި އާވާރާވެފައިހުރި ސިބާއަކަށް ހާނިމުއާ ދުރަކަށް ވެސް ނުދެވުނެވެ. ހާނިމް ބޭނުންވާފަދައިން ހާނިމު ބުނާ ތަންތަނަށްގޮސް އޭނާއާ ބައްދަލު ކުރަމުންގެންދިޔައެވެ.
ހާނިމުގެ ވިޔާނުދާއުޅުމަށް ނަފްރަތުކޮށް ސިބާ ވާހަކަދައްކާ ކޮންމެ ފަހަރަކު ކަހަލަގޮތަކަށް ހާނިމުގެ ފަރާތުން ސިބާއަށް ނަފްރަތުގެ ބެލުންތަކާއި ބަސްތައް ރައްދުވަމުން ދިޔައެވެ. ހަމައެހެންމެ ބައެއްފަހަރު ހާނިމްގެ އަނިޔާއާ ކުރިމަތިލާން ވެސް ޖެހެއެވެ.
ދުވަސްތައް މާޒީއާއެކުވަމުން އައިސް އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ސިބާއަށް ފޯނުކޮށްފައި ހާނިމް ވަރަށްބަލިކަމަށާއި ބައްދަލުކޮށްލާން އައުމަށް ހާނިމް އެދުމުން ހާނިމްމެން ގެއަށް ސިބާ ދިޔައެވެ.
ސިބާ ގޮސް ހާނިމުމެންގެއަށް ވަތްއިރު އެގޭތެރޭން ފާޅުވަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ގޭތެރޭން މީހަކު ފެންނާންނެތްނަމަވެސް ކޮންމެވެސްކޮޓަރިއަކުން ލަވަޖަހާއަޑު އިވިއިވި ހުއްޓެވެ. ދެތިންފަހަރަކު ސަލާމްގޮވާލައި ހާނިމަށް ގޮވާހެދުމުންވެސް ޚަބަރެއްނުވިއެވެ. ވިސްނާން ކުޑައިރުކޮޅަކު މަޑުކުރުމަށްފަހު، ލަވައިގެއަޑުއިވޭދިމާއަށް ސިބާ ހިނގައިގަތެވެ.
އާދައިގެ ހިނގުމެއްގައި ސިބާ ގޮސް އެކޮޓަރީ ދޮރުގައި ޓަކިޖަހާލި އެވެ. އޭރުވެސް ގޭތެރެއަކުން މީހެއްގެ ހިލަމެއްނުވެއެވެ.
” ވަދޭ … ” ބަލިކަށިއަޑަކުން ހާނިމުގޮވާލިއަޑު އިވުނެވެ. ސިބާ މަޑުމަޑުން ދޮރުހުޅުވާލަމުން ކޮޓަރިތެރެއަށް ނަޒަރުހިންގާލިއެވެ. ރަތްކުލައިގެފަނޑުއައްޔަކުން ކޮޓަރިތެރެއަށް އަލިކޮށްފައިވީނަމަވެސް ކޮޓަރިތެރޭގެހަޑިކަމާއި ތަރުތީބެއްނެތްކަން ސިބާއަށް ފާހަގަކުރެވުނެވެ. ކޮޓަރީގެ އެއްފަރާތުގައިވާ އެނދެއްގައޮށޯވެ ގައިގަބެޑްސީޓެއް އަޅައިގެން ހާނިމް އޮތްއިރު ކޮޓަރިތެރޭން ދޮވަމުންދަނީ ދުންފަތްވަހާއި ބޭސްޒާތުގެވަހެކެވެ. އެކޮޓަރިން ފެނުނު ކަންތައްތަކުގެ ސަބަބުން ބޮލަށް އުނދަގޫވިނަމަވެސް ހާނިމް އޮތްހާލު ފެނުމުން ކެތްކޮށްލައިގެން އެކޮޓަރިއަށް ވަނެވެ.
” ތަޅުލާފަ އާދެބަލަ .. ” ސިބާގޮސް ހާނިމްގާތަށް ހުއްޓުމުން ހާނިމްއެދުނެވެ. އެހެނަސް އެކަމަކީ ސިބާ ތާއިދުކުރާކަމަކަށްނުވާތީ ނޫނެކޭ ބުނާފަދައަކުން ބޯހޫރާލިއެވެ.
” ކިހިނެއްވީ؟ ….. އަހަރެންނަށް އިތުބާރުނުކުރަނީތަ ؟ މީހަކަށް މިތަނަށްއާދެވި ސިބާގެ ވާހަކަދައްކަފާނެތީ މިހެންމިބުނީ. ” ސިބާއަށް ކަމެއްވިސްނައިދޭ ފަދައަކުން ހާނިމު ވާހަކަދެއްކިއެވެ. ހާނިމްގެ އެވާހަކަތަކަށް ސިބާއަށް ތާއިދުކުރެވުނެވެ. އޭނާއާ ބެހޭގޮތުން އެއްވެސްއަޑެއް އަރާކަށް ސިބާ ބޭނުމެއްނުވެއެވެ. އެހެންވެ މަޑުމަޑުން ގޮސް ކޮޓަރީ ދޮރުލައްޕާތަޅުލާފަ އައިސް ހާނިމްގެ މަގަތުން އިށީނެވެ.
” ހާނިމް! ކިހިނެތްވީ ކުއްލިއަކަށް ބަލިވީ ؟ ގޭމީހުން ކޮބާ ؟ ” ލޯތްބާއި އޯގާތެރިކަމާއެކު ހާނިމްގެ ބޮލުގައި ފިރުމާލަމުން ސިބާ ސުވާލުކުރިއެވެ.
” ނޭނގެ ވީގޮތެއްވެސް .. މަންމަވީ ހުޅުމާލޭގައި. އަހަރެން ފެގެއް ބޯލަން ޖައްސާލިތަނުން ކުއްލިއަކަށް މާގަދައަށް ބޮލުގަރިއްސަންފެށީ. ދެން ހީކަރުވާން ފެށީ … ބެޑްސީޓްއަޅައިގެން ވެސް ބަދަލެއްނާދޭ …. އަދިވެސް ހީކަރުވަނީ . ސިބާ އަހަރެންނަށް އެހީވެދީބަލަ. ” ބަލިކަށިއަޑަކުން ވާހަކަދައްކަމުންސިބާގެ އަތުގައި ހާނިމް ހިފިއެވެ. އަދި އޭނާގެ ކަރުދަށުގައި އަތްޖެއްސުވިއެވެ.
ހާނިމުބުނިފަދައިން އޭނާވަނީ ހުންއައިސްފައެވެ. އެކަމުގެ ސަބަބުން ސިބާ ކޮންމެވެސްވަރަކަށް ކަންބޮޑުވިއެވެ. ހާސްކަމާއެކު ދޮރާދިމާއަށް ބަލަމުން ހާނިމްގެ ކަރުދޮށާއި މޭގަ އަދި މޫނުގައި ފިރުމާލަފިރުމާލަ ސިބާއިނެވެ.
” ސިބާ! … އަހަރެން ހީކަރުވަނީ. ” ތުރުތުރުއަޅާފަދަ އަޑަކުން ހާނިމު ބުންޏެވެ. އަދި މަޑުމަޑުން ސިބާގެމޫނުގައި ހިފަހައްޓައި އޭނާއާ ގާތަށް ދަމާލަމުން ކައިރިކުރަން މަސައްކަތްކުރިއެވެ.
ހާނިމުގެ އެޢަމަލުގެ ސަބަބުން ސިބާދިޔައީ ސިއްސައިގެންނެވެ. ތެޅިގެންފައި ދުރައްދާން މަސައްކަތްކުރި ނަމަވެސް ހާނިމު އޭނާގެގައިގަ ހިފަހައްޓާފައިވާލެއް ވަރުގަދަކަމުން ސިބާއަކަށް ކާމިޔާބެއް ނުލިބުނެވެ. އަވަސް ހަރަކާތްތަކަކާއެކު ހާނިމު އެނދުންފައިބާ ގަދަކަމުން ކަހަލަގޮތަކަށް ސިބާ އެނދުގައި ބޭއްވިއެވެ.
ހާނިމްގެ ޢަމަލުތަކާއި އޭނާ ހުރިގޮތުން އޭނާގެނިޔަތް މިހާރުރަނގަޅު ނޫންކަން ވިސްނި އޭނާގެގައިން ދޫކޮށްލުމަށްއެދި ރޮއި އާދޭސްކުރަމުން އޭނާގެކިބައިން ސަލާމަތް ވެވޭތޯ ސިބާ މަސައްކަތް ކުރަމުންދިޔައެވެ. އެހެނަސް ސިބާގެ ވޭނީރުއިމާއި އާދޭހުގެއަޑުތައް އިވޭހިސާބުގައި އެހެންމީހަކުނެތެވެ. ހަމައެހެންމެ ހާނިމުގެހިތުގައި ސިބާއާ މެދު ރަހުމެއް ހަމްދަރުދީއެއް ނެތެވެ. ލޯބީގެގޮތުން ގުޅިގެންމިވީ ދުވަސްތަކުގައި ވީއަހުދު ތަކާއި ވައުދުތައްމަތިން ވެސް ހަނދާންނެތް ކަހަލައެވެ. ނުވަތަ ކުރީއްސުރެފެށިގެން އޭނާ އިންތިޒާރުކުރަމުންއައި ފުރުސަތު ލިބުނީކަހަލައެވެ.
ހާނިމުގެ އަތްދަށުގައި ފިތި ބާރުވަމުންދިޔަ ސިބާއާދިމާއަށް ހާނިމް ގުދުވަމުންދިޔަކަން އެނގެއެވެ. އެހެނަސް ދެންވީގޮތެއް އޭނާއަކަށް ނޭނގުނެވެ.
ސިބާއަށް ހޭވެރިކަންވީ ކޮޓަރީގަހުރިގަޑި އެލާމްވާންފެށި އަޑަށެވެ. އަވަސްއަވަހަށް ތެދުވަމުން ހަށިގަނޑަށް ނަޒަރުހިންގާލުމާއެކު އޮވެވުނުގޮތުގެ ސަބަބުން ގަތްލަދާއެކު ދެރަވެރޮވިއްޖެއެވެ. ގަޑިބަލާލިއިރު މެންދަމު ބާރަޖަހަނީއެވެ. އެހެނަސް އޭރު އެކޮޓަރީގައި އޭނާ ފިޔަވާ އެހެންމީހެއްނެތެވެ.
ތަޅުންމައްޗަށް އެއްލާލާފައިއޮތް އޭނާގެ ހެދުންނަގާން ބޭނުންވި ނަމަވެސް ކޮޓަރީދޮރުހުރީ ހުޅުވާފައިކަމަށްވާތީ ތެދުވެގެންދާކަށް ނުކެރުނެވެ. އެކަމަކު އޭރު ވެސް މީހެއްގެ ހިލަމެއްނުވެއެވެ. ބެޑްސީޓްނަގާގައިގަ އޮޅާލަމުން މަޑުމަޑުން ގޮސް ކޮޓަރީދޮރު ލައްޕާތަޅުލިއެވެ. އަދި ހެދުންލައިގެން ފާޚާނާއަށްވަދެ ތާހިރުވެލައިގެން އެގެއިން ނުކުމެގެން ސިބާ ދިޔައިރުވެސް އެގެއަކުން އެހެންމީހަކު ނުފެނެއެވެ.
ވަގުތުތައްފާއިތުވަމުން މާޒީއާއެކުވަމުން ދިޔައިރު އެރޭގެ ހުރިހާކަމެއް ސިބާގެ ހަނދާނުގައި ހަރުލާހުއްޓެވެ.
ދެދުވަހެއްފަހުން ސިބާއަށްއަޑުއިވުނީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެއްގައި ހާނިމް ޖަލައްލީވާހަކައެވެ.
ހާނިމަށް ސިބާދިން ސާފުތާހިރު ތެދުވެރިވަފާތެރިލޯތްބަށް އެއްވެސް އިޙްތިރާމުކުރުމެއް ބަލާލުމެއްނެތި،ހާނިމް އޭނާގެ ސައިތާނީ އެދުމުންފުރިގެންވީ ވަހުސީ ފެންބޮވައިގަތުން ފިލުވުމުގެ ނަތީޖާ ފެންނާންފެށިއެވެ.
ދުވަސްތައް މާޒީއާއެކުވަމުންދާވަރަކަށް ސިބާގެބަނޑު ބޮޑުވަމުންދިޔައެވެ. އެކަމުގެސަބަބުން ސިބާގެ ޢާއިލާގެ މެންބަރުންނާއި ރައްޓެހިންގެފަރާތުން އޭނާއަށް ނުރުހުމާއި ނަފްރަތުގެ ބަސްތައް ރައްދުވާންފެށިއެވެ. ހަމައެހެންމެ މިހާރުން މިހާރަށް ތިކަމުން ސަލާމަތްވެ ދުނިޔޭގެ ލަދުން ސަލާމަތް ވުމަށް ވެސް ބައެއް މީހުން ބުނަމުން ދިޔައެވެ.
ޢާއިލާގެ މެންބަރުންނާއި ރައްޓެހިންގެ ފަރާތުން ކުރިމަތިވަމުންދިޔަ ނަފްރަތާއި ރުޅިވެރިކަމުގެ ބަސްތަކާއި ބެލުންތަކަށް ކެތްކުރުމަކީ ސިބާއަށް އުނދަގޫ ކަމަކަށް ވިއެވެ. ހަމައެހެންމެ ސިބާގެ ސަބަބުން އެމީހުނަށް ލިބޭން އުޅޭ ލަދާއި މަލާމާތުން އެމީހުން ސަލާމަތް ކުރުމަށް ސިބާއަށް އަމުރުކުރަމުން ދާން ފެށިއެވެ. އެމީހުންގެ ވާހަކަތައް ކޮންމެގޮތަކަށް ހުރި ނަމަވެސް ކުށެއްނެތް އެތުއްތުތުއްތު ކުއްޖާގެ ދުވަސް ދުއްވާލާކަށް ސިބާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ކެތްތެރިވެ ހަމަޖެހުނެވެ. އެހެނަސް ސިބާއަށް ކުރަމުންދިޔަ އަސަރު އޭނާގެ ހަށިގަނޑާއި އުޅުމުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުން ދިޔައެވެ.
ސިބާގެ ރައްޓެހިންގެ ތެރޭގައި ހިމެނޭ އަންމާއަށް ސިބާގެ ހާލަތު އެނގުމުން އެގެއަށް ސިބާ ގެންދިޔައެވެ. އަދި ސިބާއަށް ކޮންދޭންޖެހޭ އެންމެހާ ކަންތައް އެންމެފުރިހަމައަށް ކޮށްދެމުން ދިޔައެވެ. އެއާއެކު ސިބާގެ ސިއްހަތު ރަނގަޅުވެ ހަށިގަނޑުގަ ވަރުޖެހި މޫނުމަތިން ހިތްހަމަޖެހުން ފާޅުވާން ފެށިއެވެ.
ނުވަމަހާއި ނުވަދުވަސްފުރާ ސިބާ، ލޯބިލޯބި ކުއްޖަކުވިހެއީ އޭނާގެ ރަހުމަތްތެރިޔާގެ އެހީއާއެކު ހޮސްޕިޓަލްގައެވެ. އޭގެފަހުން މިހާރު ތިންމަސްދުވަސްވީ އެވެ.
ސިބާއަށް އޭނާގެ ޚިޔާލީއާލަމުން ހޭލެވުނީ އޭނާގެ ދަރިފުޅު ސަޒީ ރޮއިގަތްއަޑަށެވެ. ފޯނުއަތްގަނޑު މޭޒުމަތީގައި ބޭއްވުމަށްފަހު ސިބާގޮސް ސަޒީނަގާ އުރާލިއެވެ. އަދި އެކުއްޖާގެ ރުއިންހުއްޓުވަމުން މަސައްކަތްކުރަމުން އައިސް، ފޯނުއަތްގަނޑު ނަގާ އެކުއްޖާގެ އަނގައާއި ފޯނުއަތްގަނޑު ގާތްކޮށްލީ ހާނިމަށް އެއަޑު އިއްވާންކަހަލައެވެ.
” ދަރިފުޅާ! ” އެތުއްތުތުއްތުކުއްޖާގެ އަޑު ކަންފަތުގަ ޖެހުމާއެކު ބޭއިޙްތިޔާރުގައި ހާނިމަށް ބުނެވުނެވެ. އެއަޑު ކަންފަތުގައި ޖެހުމުން އެއީ އޭނާގެ ދަރިފުޅުކަން ހާނިމަށް އެނގުނުކަހަލައެވެ.
” މިއީ ހާނިމަށް އަހަރެންދިން ތެދުވެރިވަފާތެރި ލޯބީގެ ބަދަލުގައި ހާނިމް އަހަރެންނަށް ދެއްކި ހިތްދަތި ދިރިއުޅުމާއި ދިން އަނިޔާ …. އަދިއަދާ ޖެހެންދެން މުޅިދުނިޔެއަށް ސިއްރުކުރެވިފައިވީ ނަމަވެސް މިއީ ހާނިމްގެ ދަރިއެއް. ” ސިބާ ފޯނު ކަނޑާލިއެވެ.
އޭގެފަހުންއެތައްފަހަރަކު ހާނިމް ފޯނުކުރިނަމަވެސް ސިބާ އެކަމަކަށް އަޅައެއްނުލައެވެ. އެހަނދާންތަށް ކުރާން އޭނާ އިތުރަށް ބޭނުންނުވާ ކަހަލައެވެ.
ނިމުނީ
8 Comments
Comments are closed.
ma heevee hageegee haadhishaa eh kamah. varah salhi
ވަރަށް ރީތި ސްޓޯރީއެއް.
ސަހަރާ ވާހަކަފޮތް ލިބެނީ ކޮންތަންތާކުން ؟
neeru is this a story?
nice ey kiaa bunaanee…
ދެން ވަރަށް ސިމްޕަލް. އަހަރެނގެ ބައްޕައަށް އެކަމުގެ ފުރިމަހަ އަދަބު ލިބެންޖެހޭނެ.
Mi vaahaka aku neh ehves kuhneh…n story furihama ehnun..feshigoih salhi..nihmi goih kamakunudhey….vaahaka thakuge nihmun ragalhu kuranjehey….gud luck.
Salhi