ވަޤުތުފާއިތުވީ ފަހުން
ކޮޓަރިތެރޭގައި ވަނީ ފަނޑުފަނޑު އަލިކަމެކެވެ.
ތަރުތީބުން އަތުރާލެވިފައިވާ ފަރުނީޗަރުތަށް ވަކިވާވަރުގެ އަލިކަމެއްނަމަވެސް ހިތަށް ހަމަޖެހުން ލިބޭފަދަ އަލިކަމެއް ނޫންނެވެ. އެހެން ކަމުން ކޮޓަރީގެދޮރު ހުޅުވާލީއްސުރެ ކުރިޔަށް ފިޔަވަޅެއްވެސް އަޅަންނޭނގި ޙައިރާންކަމާއިއެކު ހުއްޓިފައި ހުރެވުނެވެ. ކުއްލިއަކަށް ކޮޓަރިތެރެއިން މަޑުމަޑު ކުކުރުމެއްގެ އަޑު އިވިއްޖެއެވެ. ލަފާކުރެވޭ ގޮތުގައި އުމުރުން ދުވަސްވެ، ބަލިވެފައިވާ މުސްކުޅިއަކު ކޮންމެވެސް ކަމަކަށް އެދެނީއެވެ. އެއަޑުގައިހުރީ އެފަދަރާގެކެވެ. ނަމަވެސް ކޮޓަރީގައިހުރި އެނދުމަތީގައި ހަމަގައިމުވެސް މީހަކު ނެތެވެ. އެނދުހުރީހުހަށްކަން އެފަޑުއަލިކަމުގެ ތެރޭގައިވެސް ޔަނގީންކޮށް އެނގެއެވެ. އެހެންވީމާ އެއީކޮންދިމާއަކުން އައިއަޑެއް ބާވައެވެ؟ ދެތިންފަހަރަކު އެއަޑު ތަކުރާރު ވެލުމުން އެއީ އަލަމާރީގެ ބިއްދޮށުން އިވޭއަޑެކޭވެސް ހީކުރެވުނެވެ. ނޫނީ އެއަޑު އަންނަނީ އެނދުދަށުން ކަމުގައިވެސް ވެދާނެއެވެ.
އެހެންކަމުން އެފަނޑު އަލިކަމުގައި ތަންތަން ހޯދަމުން ދިޔައިރު ގިފިއްޔަށް ވަންނަ ދޮރުގެ އޮޅިގަނޑު ކައިރީގައި އެއްޗެއް އޮތްހެން ހީވިއެވެ. ވަރަށް އަވަހަށް އެދިމާއަށް ގުދުވެ އެއުސްއޮޅިގަނޑު ކައިރި ބަލާލެވުނެވެ. އެތާނގައި އޮތީ މުސްކުޅިވެ ދުވަސްވެފައިވާ އަންހެނެކެވެ. ހީވާގޮތުން އޭނާ ގިފިއްޔަށް ވަންނަން އުޅުމުގައި އެއުސްއޮޅިގަނޑުގައި އަޅައިގެންފައި ވެއްޓުނީއެވެ. މިތަން ފެނުމުން ވަރަށް އަވަހަށް އެއަންހެންމީހާ ނަގާގަނެގެން ގެންގޮސް އެނދުމަތީގައި ބާއްވައިފީމެވެ. ދެން އަވަސްވެގަތީ އަލިކަމެއް ލިބޭތޯއެވެ. ކައިރީގައި ހުރި ކުޑަ ގޮނޑިއެއްގެ މަތީގައި އޮތް ޓޯޗް ބައްތިނަގައި އަތުގައި އުނގުޅިފައި ވަނީ ކޮންއެއްޗެއްތޯ ބަލާ ލުމުން ފެނުނީ ލެއެވެ. އަވަސްއަވަހަށް އެއެނދުމަތީގައިއޮތް ނިކަމެތިހަށިގަނޑަށް އަލިކޮށްލެވުނެވެ. ދެންފެނިގެން ދިޔައީ އެނދުގެ ކުނާމަތި ތެންމަމުންދާ ރަތްކުލަ ގަދަ ލެއެކެވެ. މިކަމުގެ އަސަރުން އެއަންހެންމީހާ އޭރުވަނީ ހޭނެތިފައެވެ.
ރެއަކީ ހަނދުމަހުގެ ފަހުފަނަރައިގެ ރޭތަކުގެ ތެރެއިން ރެއެކެވެ. އެހެން ކަމުން ރަށުތެރެވަނީ ހިސާބަކަށް އަލިކޮށެވެ. އަވަސް ހިނގުމެއްގައި ގޮސް ކައިރީގައިހުރި ގޭގެ ދޮރުގައި ތަޅައިގެންފީމެވެ. މިރަށަކީ އަހަރެން ފޮނުވާލާފައިވާ ރަށްކަމުން މާގިނަރައްޓެއްސަކު ނުތިބެއެވެ ކޮންމެ މީހަކު ކޮންމެ ގޮތަކަށް ހީކުރިނަމަވެސް މިކަންކުރީ އިންސާނެއްގެ ޙައްޤުގައެވެ. އެތެރޭން ކޮންމެވެސް މީހެއްގެ އިޝާރާތެއް ވެއްޖެކަން އެހަމަހިމޭން ވަގުތު އިވުނެވެ. ގެއަކީ ވަރަށް ރީތި ބޮޑު ގެއެކެވެ. ދޮރު ހުޅުވާލާފައި ނިކުތީ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. އާދޭސްކުރުމާ ރުއިމާއެކު މިހާދިޘާ ކިޔާ ދީފީމެވެ. ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް އޭނާގެ މޫނުމަތިން ފެންނަންހުއްޓެވެ. ނަމަވެސް އެތެރެއަށް ވަދެ އަންހެނަކު ފޮނުވައިފިއެވެ. މިވާހަކަތަށް ކިޔާދިނިމުން އޭނާ ބުނީ އެއަންހެންމީހާއަކީ އޭނާގެ ފިރިމީހާގެ މަންމަކަމަށެވެ. އޭނާ އެތެރެއަށްވަދެ ދެވައްތަރެއްގެ ފުޅިއަކާ އެހެންވެސްބޭނުންވާނެ ތަކެތި ހޯދައިގެން ދެމީހުން ހިނގައިގަތީ އެގަށެވެ. ދެމީހުން އެނދުގެ ކައިރިއަށް ގޮސް ބައްތިން އަލިކޮށްލުމުން އެނގުނީއެނިކަމެތި މަސްގަނޑުގައި ފުރާނަ އެއްނެތްކަމެވެ. ﷲސުބުޙާނަހޫ ވަތަޢާލާ އެމަސްގަނޑަށް ދެއްވާފައިވާ ފުރާނަ އެކަލާނގެ ޙަޞްރަތުން ހިއްޕެވީއެވެ. ކޮންމެމީހަކީވެސް މިފަނާވަނިވި ދުނިޔެއާއި ވަކިވާނެ މީހެކެވެ. މިނިކަމެތި ހަށިގަނޑަށްވެސް އެހިތާމައިގެ އަސަރުކުރިއެވެ. އަންހެންމީހާ ރޯންފަށައިފިއެވެ ކޮންމެވެސް ހާސަރުގަނޑެއްގެ އަޑު އެރުއިމުގައި ވާކަންއެގެވެ. އަހަރެމެންނަކީ ކިހާނުލަފާ ބަޔަކީމެވެ. އެނިކަމެތި މީހާއާދޭތެރޭގައި ކަންތައް ކުރެވުނީ ކިހާގޯސްކޮށް ހެއްޔެވެ؟ ފިރިމީހާވެސް އެހާގޯހެވެ. ދަރިއަކު
.މަންމައަކަށް ހަދާނެ އެންމެ އިހާނެތިގޮތް އޭނާ ހަދައިފިއެވެ އަހަރެން އޭނާއަށް ނަސޭޙަތް ދޭންފެށީމެވެ. ދައްތާއެވެ އަދަކު ރުއިމަކުން ކުރާނެ ކަމެއްނެތެވެ. އަވަހަށް ޖަނާޒާގެ ކަންތައް ކުރިއަށް ގެންދެވޭނެގޮތެއް ހެދޭތޯ ބަލަމާ ހިނގާށެވެ. އޭނާގޮސް ފިރިމީހާއަށް އަންގައިފިއެވެ އެދަންވަރު އޭނާއާއެކު .ކަތީބުއަރިހަށްގޮސް އެކަން ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދީމެވެ. އެދަންވަރު މާގިނަ މީހުންނަކަށް މިކަން އެނގުނު ކަމަކަށްނުވިއެވެ. ﷲގެ އިރާދަފުޅުން ފަތިސްނަމާދުގެ ވަގުތު ކަށުނަމާދު ކުރެވޭވަރު ވެއްޖެއެވެ. ފަތިސްނަމާދުގެ ފަހުން ކަށުނަމާދުކޮށް ވަޅުލުމުގެ ހުރިހާކަމެއް ނިންމާލެވުނީ 6:00ގައެވެ. ދެން އެފިރިހެންމީހާއާއެކު ދިޔައީ އެގެއަށެވެ. މިއީ ވަރަށްފުރިހަމަ އަދި އެހާމެ ބޮޑު ގެއެކެވެ. އަހަރެން ހިތަށް އެރިއެވެ. މިހާއުފަލުގައި އެމީހުން އުޅުނުއިރު އެއަންހެންމީހާ އުޅުނީ ކޮންފަދަ ހިތާމައެއްގައިހެއްޔެވެ. ވަރަށް ކުއްލިގޮތަކަށް އެފިރިހެންމީހާގެ އެއްފަރާތް ވާއްވެއްޖެއެވެ. އަހަރެން ބޯންއިން ސައިތަށި ބަހައްޓާފައި އޭނާ ނަގާގަނެގެން ކޮޓަރީގައިވާ ވަރަށްރީތި އެނދެއްގައި ބާއްވައިފީއެވެ. އަހަރެން މޫދަށްގޮސް ރަނގަޅަށް ފެންވަރާލައިގެން އޭނާގެ ޙާލު ބަލާލުމަށް އެދުވަހު މެންދުރު އެގެއަށް ދިޔައީމެވެ. އޭރު އޭނާވަނީ ހޮސްޕިޓަލަށް ގެންދެވި އެޑުމިޓް ކުރެވިފައެވެ. އަހަރެން ދިޔުމުން ކައިރީގައިބައިދާފައި އޭނާގެ މަންމައާމެދު ކަންތައް ކުރެވުނުގޮތް ކިޔައިދިނެވެ. އޭނާއަކީ އެއަންހެންމީހާގެ ހުރި ހަމައެކަނި ދަރިކަމާއި، އެމީހާގެ މުޅިދިރި އުޅުން ދުއްވާލީ އެދަރިފުޅަށް ކަމަށެވެ. އަދިމުސްކުޅިވެގައި ބާރު ދެރަވީދުވަހު ގެއިންބޭރުކޮށް އޭނާއަށް ކަންތައްކުރި ގޮތްތައް ކިޔައިދިނެވެ. އަހަރެންގެ ހިތާހިތާ ކިޔާލިއެވެ. އެމުސްކުޅިމީހާ މިދުނިޔެއާ ވަކިވެގެން އެދިޔައީ އެހިތާމަތަކަށް ކެތްނުކުރެވިގެންނެވެ. އޭނާ ރޮއިރޮއިފާ އެކަމާ ވާހަކަ ދައްކަނީއެވެ. ހަމަޔަޤީނުންވެސް ވަޤުތު ފާއިތު ވެއްޖެއެވެ. ފާއިތުވެއްޖެ ވަގުތަކީ އަބުރާ އަންނާނެ އެއްޗެއްނޫންކަން އެމީހުންނަށް ނޭނގެނީއެވެ. އިލްމުވެރިން ވިދާޅުވެފައިވާ ފަދައިން
.އިންސާނުންވަނީ ނިންޖެއްގައެވެ. ހޭލެވެނީ މަރުވުމުންނެވެ
