ބައިވެރިޔާ-6
“ދޮންތަ އޭރު ވެސް ބުނީމެއްނު އެކަނި ބޭރަށް ނުދާށޭ އެކަހަލަ މީހުންގެ ކިބައިން ސަލާމަތެއް ނުވެވޭނޭ. މަންމަ ވެސް ޒާން އެކަނި ތަންތަނަށް ފޮނުވަނީ އޭ.” އެވަގުތު ވަދެގެން އައި ޒަޔާންގެ ދައްތަ ޒުހާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
*6 ވަނަ ބައި*
“ޒަޔާން އަކީ ވެސް މިހާރު ކުޑަ ކުއްޖެއް ނޫނޭ. މަންމަ އަކަށް ވެސް އަބަދު ޒަޔާން މަންމަގެ ލޯ ކުރިމަތީގައް ނުބެހެއްޓޭނެއްނު. މިނިވަންކަމަށް ވެސް ދޭންވާނެއްނު.” އައިޝާ ބުންޏެވެ.
“ހިމް. އަނެއްކާ މަންމަ އާއި ދޮންތަ ފެށީ. އަހަރެން މިދަނީ.” ޒަޔާން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
“ހަމަ އެ އަންހެން ކުއްޖާ އަށް ޓަކައިތަ ޒާން އެވަރު އެވަނީ؟” ޒަޔާން ދިޔަތަން ބަލަން ހުރެފައި ޒުހާ މަޑުމަޑުން އައިޝާގެ ކަންފަތް ދޮށުގައި އަހައިލި އެވެ.
“ނޭނގެ. ހީވަނީ ޒަޔާން އަށް މައިޝާ ކަމުދަނީހެން. ނޭނގޭނެހެން އަހާލާބަލަ. މަންމަ ކައިރީ އޮޅިގެން ވެސް ނުބުނާނެ.” އައިޝާ ވެސް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.
“އަހަރެންނަށް ހަމަ ޔަގީން ޒާން އަށް އެކުއްޖާ ކަމުދަނީކަން. އެކަމަކު ވެސް އަހާލަނަން.”
މައިޝާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ކުރިން ވެސް ގުޅި ނަންބަރުންނެވެ. މައިޝާ ބަލައިލީ އައްޒާމް އާއި އިޝާން އަށެވެ. ފޯނަށް ޖަވާބުދޭށޭ ބުނާފަދަ ގޮތަކަށް އެދެކުދިން ބޯޖަހައިލިއެވެ.
“އަހަރެން ފޮނުވި މެސެޖު ފެނުނުކަމަށް މިބަލަނީ.” މައިޝާ ފޯނު ނެގުމާއި އެކީ ވިޝާލް ބުންޏެވެ.
“ކޮންކަމެއް ބޭނުންވަނީ؟ ޒަޔާން އަށް އެހެން ހެދީ ކީއްވެ؟ ކޮބާ އޭނަ؟” މައިޝާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.
“މަށަކަށް ނޭނގެ. އެއީ މަށާ ބެހޭ ކަމެއް ނޫން. މައިޝާ އެހާ ހާސްވަނީ ކީއްވެ؟ ޒަޔާން އަމިއްލައަށް އެދުނީ އެކަމަށް. އޭނާއަކަށް ނޭނގުނު ނުބެހޭ ކަންނަމާ ނުބެހި ހުންނާކަށް.” ވިޝާލްގެ އަޑުގައިވީ ރުޅިވެރި ކަމެވެ.
“އެކަމާކު ވެސް ވިޝާލް ނުޖެހޭއެއްނު ޒަޔާން އަށް ގޮތެއް ހަދާކަށް. ވިޝާލް ކުރީ ރަނގަޅުކަމެއް ވެސް ނޫން.”
“މަ ކޮންމެ ކަމެއް ކުރިޔަސް އެކަކާ ވެސް ބެހޭކަމެއް ނޫން.” ވިޝާލް ހަޅޭލަވައިގަތެވެ.
“ދެން ޒަޔާން ފެނިއްޖެއްޔާ އޭނަ ހަމަ ރަނގަޅަށް ވެސް މަރާލާނަން. މިފަހަރު ސަލާމަތް ވެވުނަސް…” ދެން ވެސް ވާހަކަ ދެއްކީ ވިޝާލް އެވެ. މައިޝާ އަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ވިޝާލް ފޯނު ކަނޑައިލިއެވެ.
ޒަޔާން އަށް ދިމާވި ކަންތަށް އޭނާ މައިޝާ ކައިރީ ބުނާކަށް ބޭނުމެއް ނޫނެވެ. އޭނާ އަށް ނޭނގޭ ކަމަކީ މައިޝާ އަށް ހުރިހާ ކަމެއް އެނގި އޭނަ އާއި ދޭތެރޭ ހާސްވެފައި ހުރިކަމެވެ.
އޭގެ ދުވަސްތަކެއް ފަހެވެ. މައިޝާ އޭނާގެ އާއިލާ އާއި އެކު ކައިރީ ފަޅުރަށަކަށް ދަތުރު ދިޔައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ.
“ހަގީގަތުގައި ރަށްފުށު ހާދަ ހިތްފަސޭހަ އޭ.” މަރިޔަމް ވާހަކަ ދެއްކީ އޭނާގެ ކޮއްކޮ ހަލީމަތާއި އެވެ.
“އާނ. ތިޔަ ބުނީ ހަމަ ރަނގަޅަށް. ރަށްފުށު ދިރި އުޅުން ހަމަ ވަރަށް ހިތްގައިމު. އެކަމަކު ދެން އަހަރެމެންނަކަށް ވެސް މިތާ އުޅެވޭކާށެއް ނެތް. އައްޒާމް އާއި އިޝާން އަށް ކިޔަވައިދޭން މާލެ ދާން ޖެހޭނީ. އިޝާން އަކީ ވެސް ކޮންފަދަ ބަދުނަސީބު ކުއްޖެއް. ބަނޑުއަޅައި ވިހެއި މަންމަ ލޮލަށް ނުފެނި އެބޮޑުވީ.” ހަލީމަތު ދެރަވެފައި ބުންޏެވެ.
“ތިޔަހެން ބުނާކަށް ނުވާނެ. އެދުވަހުން ފެށިގެން އިޝާންގެ މަންމަ އަކީ ހަލީމަތޭ. ހަލީމަތު ނޫން ނަމަ އެކުއްޖާ ފަކީރަށް ޖެހޭނެ ހާލެއް ވެސް ނޭނގެ.”
“ކީއްކުރާނީ؟ ކުށެއް ނެތް ޅަ ފުރާނައެއް ފެނުނީމަ ހަމްދަރުދީ ވެވޭނީ.”
“ކޮންފަދަ މާތް އިންސާނަކަށް އެވަގުތު އެހެން މީހަކާއި މެދު ހަމްދަރުދީ ވެވޭނީ. އަދި އެއީ ވެސް…ދެން އެވާހަކަ ބާއްވާ. ހަލީމަތު. އަހަރެން ނެތް ދުވަހަކުން މައިޝާ އަށް ރަނގަޅައް ބަލަށްޗޭ.” އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު މަރިޔަމް ބުންޏެވެ.
“ދައްތާ. ކޮންކަހަލަ ވާހަކަ އެއް ތިދައްކަނީ. ދައްތަ އަކަށް އެއްވެސް ކަމެއް ނުވާނެ.”
“މިވާހަކަ ދައްކަން ބޭނުން ނުވި ކަމުގައި ވިޔަސް މިއީ ހަގީގަތަކީ.” މަރިޔަމް ބުންޏެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ހެނދުނުގެ ނާޝްތާ އަށް ފަހު މަރިޔަމް އޭނާގެ ކޮޓަރިއަށް އޮށޯވެލަން ދިޔައެވެ. މާ ބޮޑަށް ބަލިވީމަ އެވެ.
މެންދުރެއް ހާއިރު ވީއިރު މާ ބޮޑަށް ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. މައިޝާ ވެސް ދިޔައެވެ. ގޭގެ އެންމެން ގޮތަށް ދިޔައެވެ.
ވަގުތުން މަރިޔަމް އަށް ފަރުވާ ދެވެން ފެށުނެވެ. އެންމެން ތިބީ މަރިޔަމް އަށް ޓަކައި ދުޢާ ކޮއްލާ ކޮއްލާ އެވެ. މައިޝާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.
ގިނައިރުތަކެއް ނުވެ ލިބުނު ޚަބަރުން މައިޝާގެ މުޅި ދިރި އުޅުން ބަދަލުކޮށްލި އެވެ. މަރިޔަމް މިދުނިޔެއާއި ވަކިވީ އެވެ.
މުޅި ގޭގައި ހިތާމައިގެ ސާލެއް އޮޅައިލައިފައި ވާ ފަދަ އެވެ. ކަރުނަ ހިލިފައި ނުވާ އެންމެ ލޮލެއް ވެސް ނެތެވެ.
ހަލީމަތު މައިޝާ އާއި އައްޒާމް އަދި އިޝާން ގޮވައިގެން މާލެ ބަދަލުވިއެވެ.
މައިޝާގެ ހާލު ރަނގަޅައް ނޫނެވެ. އޭނާ މީހަކާއި އަނގައަކުން ނުބުނެ އެވެ. ރަނގަޅަށްކަށް ނުކައެވެ. ރޭގަނޑު ނުވެއް ނިދެ އެވެ. އެތަށް ރެއަކު އޭނާ އަަށް ދަންވަރު ހޭލެވެ އެވެ. ރޮވެއެވެ. އެފަދަ ކޮންމެ ރެއަކު ހަލީމަތު މައިޝާ ކައިރީގައި ހުރެ އެވެ. މައިޝާގެ ހާލަތު ރަނގަޅުވޭތޯ އިޝާން އާއި އައްޒާމް ވެސް އެތަށް މަސަށްކަތެއް ކުރި އެވެ. އޭނާ ގޮވައިގެން ބޭރަށް ދެވޭތޯ ވެސް އުޅުނެވެ. ހަލީމަތު އެންމެ ބިރުގަންނަ ކަމަކީ ސުކޫލު ހުޅުވުމުން މައިޝާ ސުލޫކަށް ވެސް ނުދާން އުޅިފާނެތީ އެވެ.
އެއް ދުވަހެވެ. އާދައިގެ މަތިން އައްޒާމް އާއި އިޝާން މައިޝާ ކައިރީ ބޭރަށް ދިއުމަށް އެތަށް އާދޭހެއް ކުރިއެވެ. ނަސީބަކުން މިއަދު މައިޝާ އެއްބަސް ވެއްޖެ އެވެ.
މަޑު ފިޔާތޮށިކުލައިގެ ޓޮޕް ކޮޅާއި މަޑު ނޫކުލައިގެ ޖިންސް އެއްގައި މައިޝާ ފެންނަލެއް ފުރިހަމަ އެވެ. މޫނުގައި އެއްވެސް މޭކަޕް އެއް ނުކޮއް ހުރި އިރު އޭނާގެ ރީތި ކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ.
“ރެޑީވީ ދޯ ހިނގާ ދާން. މަންމަ ނުދާނަންތަ؟” އައްޒާމް އަހައިލި ހަލީމަތު ކައިރީގައެވެ.
“މިއަދަކު ނުދެވޭނެ. ކުރިމަތީ ހުރީ ގޭގަ އުޅޭ އަންހެން މީހާ އަންނާނަމޭ ބުނި. ތިކުދިން ގޮސްލާ. މައިޝާ އަށް ރަނގަޅައް ބަލަށްޗޭ ދެކުދިން.” ހަލީމަތު ބުންޏެވެ.
މައިޝާ ގޮވައިގެން އެދެކުދިން ދިޔައީ ހުޅުމާލޭ ސެންޓްރަލް ޕާކް އަށެވެ. އެކި އުމުރު ފުރައިގެ މީހުން ހަވީރުގެ މިހިތްގަިއމު ވަގުތުގެ ފޮނިކަން ލިބިގަތުމުގައި އުޅުނެވެ.
“އަންނާނަން ކުޑަކޮއް ހިނގާލާފަ.” އައްޒާމް އާއި އިޝާން ބެންޗް އެއްގައި އިށީނުމުން މައިޝާ ބުންޏެވެ.
“އެކަނިތަ؟” އިޝާންގެ އަޑުގައިވީ ކަންބޮޑުވުމެވެ.
“ޔަރ. ދުރަކަށް ނުދާނަން.” އާދޭހުގެ ރާގަކަށް މައިޝާ ބުންޏެވެ.
“އޯކޭ. ގިނައިރު ނުވާތީ.” އައްޒާމް ބުންޏެވެ. ކުޑަ ހިނިތުން ވުމަކާއި އެކު މައިޝާ ދުރަށް ހިނގައިގަތެވެ.
“ކީއްތިކުރީ؟ ކީއްވެ މައިޝާ އެކަނި ދާން އޯކޭވީ؟ ވިޝާލް ކަހަލަ މީހަކަށް ފެނިއްޖެއްޔާ؟ ކަމެއް ދިމާވެއްޖިއްޔާ؟” އިޝާން ހިތްހަމަނުޖެހިފައި ބުންޏެވެ.
“އެއްކަމެއް ވެސް ނުވާނެ. ހަމަޖެހިބަލަ. އެހާ އުނދަގުލުން ގެނައީ. ދެން ބޭނުންވާ ފޮތަކަށް އުޅުނިޔާ ދީބަލަ.” އައްޒާމް ވިސްނައިދިނެވެ.
އެކި ދިމަދިމާއަށް ކަޅި ހިންގަމުން މައިޝާ މަޑު ހިނގުމުގައި ކުރިއަށް ދިޔައެވެ. ދުރުގައި އުޅެން އުޅުނު ކުޑަކުދިންތަކެއް ފެނިފައި މައިޝާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވި އެވެ. އެވަގުތު މައިޝާގެ ލޮލުގައި އަޅައިގަތީ ދުރުން ހިގައިފައި އަންނަ ޒަޔާން އެވެ. ޒަޔާން އަށް ހަނާ އަޅާލައިފައި މައިޝާ ޒަޔާން ކައިރި އަށް ދިޔަ އެވެ.
“ޒަޔާން. އައި ނޯ ވަޓް ހެޕެންޑް. އައި ވޯޒް ސޯ ވޮރީޑް. އަރ ޔޫ އޯކޭ؟” ޒަޔާން ކައިރި އަށް ދެވުމާއި އެކު މައިޝާ އަވަސް އަވަހަށް ބުންޏެވެ.
“އައިމް ފައިން. އެއްވެސް ގޮތެއް ނުވޭ. އަރ ޔޫ އޯކޭ، މައި؟”
ޖަވާބު ދިނުމުގެ ބަދަލުގައި މައިޝާ އިސްޖަހައިލީ އެވެ. އެހަރަކާތް އެކަނި ވެސް ޒަޔާން އަށް ޖަވާބަކަށް ފުދެއެވެ.
“އައިމް ސޯ ސޮރީ. ހިތްވަރު ކުރަން ވާނެ. މައި ދެރަވެފަ ހުންނާކަށް މައިގެ މަންމަ އެއްވެސް ބޭނުމެއްނުވާނެ. އެކަނިތަ ތިއުޅެނީ؟” ޒަޔާން މައުލޫ ބަދަލު ކޮށްލުމުގެ ގޮތުން ބުންޏެވެ.
“ކަޒިންސް އާއި އެކީ.”
“އޯހް. ސޯ ކޮބާ ޕްލޭން އަކީ؟”
“ވަޓް ޑޫ ޔޫ މީން؟”
“މިބުނީ އޭ ލެވެލް ނިންމާފަ ޕްލޭން އަކީ ކޮބާހޭ؟”
“ޒަޔާން. އަދި އޭލެވެލް ވެސް ނުފެށެ އޭ. އަދި ނުވިސްނާނެއްނު އެކަމަކާއެއް.” މައިޝާ ގާތަށް ކުޑަކޮއް ހިނިއައެވެ.
“ނޭނގޭނެއްނު. މައި އަބަދުވެސް މާކުރިން ހުރިހާ ކަމެއް ވިސްނާފަ ބަހައްޓާނީ.” މައިޝާ ހީލިޔަން ފެނިފައި ޒަޔާންގެ މޫނުމައްޗަށް ވެސް ކުޑަ ހިނިތުންވުމެއް ވެރިވި އެވެ.
ދެކުދިން ވާހަކަ ދައްކަމުން ޕާކް ތެރޭގައި ހިނގައިލި އެވެ. ޒަޔާން އާއި އެކު ހޭދަ ކުރި ވަގުތު ކޮޅު މައިޝާގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. މިމަންޒަރު ދުރުގައި ތިބި އައްޒާމް އާއި އިޝާން އަށް ފެނުނުކަމެއް މައިޝާ އާއި ޒަޔާން އަކަށް ނޭނގެ އެވެ.
“އެއީ ކޮން ފިރިހެން ސޮރެއްތަ؟” ޒަޔާން އަށް އިޝާރާތް ކުރަމުން އިޝާން އެހިއެވެ.
“އޭތް. މައިޝާ ކޮން ފިރިހެނަކާ އެކީތަ އެއުޅެނީ؟ ހުވާ މިބުނީ އެމީހާގެ ދުވަސް ދުއްވާލަނަން.” އައްޒާމް ދަތްކުނޑިވިކައިލައިފައި ބެންޗުން ތެދުވި އެވެ.
“އޭތް. އޭތް. ކައޭ މަޑުކޮއްބަލަ. މައި ކީއްވެތަ މާ ހިނިއައިސަ އެހުރީ. މަށަކަށް ހިޔެއް ނުވޭ ނުބައި މީހެއް ހެނެއް. އެއްކަލަ ޒަޔާން އަށް ވެސް ވެދާނެ.”
“ޔަގީންތަ؟” މައިޝާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އައްޒާމް އެހިއެވެ.
“އަޖައިބެއްނު. މަށެއް ވެސް ނުދެކެމޭ ޒަޔާން އެއް. ދެން މަށަށް އެނގޭތަ އެއީ އޭނާއޭ ބުނަން.”
“ދެން ކަލޭ ކޯއްޗެކޭތަ ތިކިޔަނީ؟” ދެބުމަ ގޮއްޖަގައިލަމުން އައްޒާމް ބުންޏެވެ.
“މައި ކައިރީ އަހާނީއޭ ފަހުން.” އިޝާން ހަމަޖެހިލަމުން ބުންޏެވެ.
“ވަރަށް ލަސްވެއްޖެ. އައްޒާމްމެން ވެސް ތިބޭނީ ލަސްވެފަ ކަންނޭނގެ.” އިރުއޮއްސުނު ގެ ކުލަވަރު އުޑުމަތިން ފާޅުވާން ފެށުމުން މައިޝާ ބުނެލިއެވެ.
“އަނ. ލަސްވެއްޖެ. މައިޝާ ދޭ.”
“ޒަޔާން ނުދަންތަ ގެއަކަށް؟ ވީ ކޭން ބީ ޓުގެދަރ.”
“މިސްކިތަށް މިދަނީ. ބައި. ޓޭކް ކެއަރ.”
ޒަޔަން ދާތަން ބަލަން ހުރެފައި މައިޝާ އަނެއް ކޮޅަށް ހިނގައިގަތެވެ. ނޭނގި ނަމަވެސް އެ ރީތި މޫނު މަތީގައި ހިނިތުންވުމެއް ކުޅެލަ ކުޅެލާ ހުއްޓެވެ.
-ނުނިމޭ-

