ކަނދުފަތި
މިއީ ހދ އަތޮޅުރަށެއްގައި ހިނގާފައިވާ ހަޤީޤީހާދިސާއެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. ނަންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް ފައި ވީނަމަވެސް ހާދިސާއަށް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ.
އުމުރުން ވިއްސަކަށް އަހަރުގެ ޒުވާން ނަސީ އަކީ ހެދިހުރި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ލޫޅާފަތި ކުލަދޮންޒުވާނެކެވެ. ކަޅުކުލަގަދަ ފަންއިސްތަށިގަނޑަކާއި ދޮންމޫނުގެ އިތުރުން ރީތިދެލޮލަކީވެސް އޭނާގެ މޫނުމައްޗަށް އިތުރުފުރިހަމަ ކަމެއް ގެނެސްދޭ ކަމެކެވެ. ރަށުގެ ޒުވާންފިރިހެންކުދީން ފާހަގަކުރަމުންދާ ރީތި އަންހެން ކުދީންގެ ތެރޭގައި ވެސް ނަސީގެ ނަންހިމެނެނީ ލިސްޓްގެ ކުރީން ޖާގަލިބޭ ނަންތަކުގެ ތެރޭގައެވެ. ހަމައެހެންމެ ނަސީއަކީ ރަށުގެ ޒުވާނުންނާއި ރަށަށް އައިސް ގޮސްވާ ޒުވާން ފިރިހެން ކުދީންގެތެރެއިން އެތައްޒުވާނުން އެމަލަކަށް އެދިއެދިތިބި ނަލަ މާތަކުގެ ތެރެއިން މަލެކެވެ. އެތައްޒުވާނުންގެ ހިތުގެ މަލަކާއެވެ.
ވަގުތަކީ ހަވީރުގެ ވަގުތުކަމަށްވާތީ ރަށުގެ ކުޅިވަރު މައިދާންތަކުން ފެންނަމުންދަނީ ހަލަބޮލިކަމެވެ. ދެޖިންސްގެ ޒުވާނުންގެ ކުޅުމާއި މަޖާކުރުންތަކާއި ހަޅޭކުގެ އަޑެވެ.
ސާއިފްއަކީ ރަށުގެ އާދައިގެ ޢާއިލާއަކަށްއުފަން މަސައްކަތްތެރި ޒުވާނެކެވެ.
ސާއިފްގެ އެއްވެސް އިސާރާތަކާނުލައި ސާއިފްގެ ހަޔާތަށް ނަސީ އައުން ވެގެންދިޔައީ ސާއިފަށް ލިބުނު ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށެވެ. ހަމައެހެންމެ އެހާމެބޮޑު އުފަލަކަށެވެ. ރަށުގެ އެތައްޒުވާނުންނެއްގެ ހުށަހެޅުންތައް އަނބުރައި ރައްދު ކުރުމަށްފަހު ސާއިފްގެ ހަޔާތަށް ނަސީ އައީ އޭނާ ބޭނުންވެގެންނެވެ. އޭރު ސާއިފް ވެސް ހުރީ ނަސީއަށް އެދިއެދިއެވެ. އެހެނަސް އެވާހަކަ ދައްކާނެގޮތެއް އަދި އެވާހަކަދައްކާނެ ވަގުތެއްނުލިބިފައި ހުރި ސާއިފަށް ފުރުސަތު ލިބިގެންދިޔައީ އޭނާ ހީވެސްނުކުރާފަދަ ނަސީބުވެރި ގޮތަކަށެވެ.
ސާއިފްއާ ނަސީގެ ނަން ލޯބިވެރިންގެލިސްޓަށް އިތުރުވުން ވެގެންދިޔައީ ބައެއްމީހުންނަށް ގަބޫލްކުރާން ދަތިވިކަމަކަށެވެ. އެހެނަސް އެގުޅުމުގެ ސަބަބުން ނަސީ އާއި ސާއިފްގެ މޫނުމަތިން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
އެހެންވެސް ލޯބިވެރީން ފަދައިން ނަސީއާއި ސާއިފް ވެސް އެދެމީހުންގެ ލޯބީގެބައްދަލުވުންތައް ބާއްވާންފެށިއެވެ. ނަސީއާއި ސާއިފް ވެސް އެދެލޯބިވެރިންގެ ލޯބީގެ ބައްދަލުވުންތައް ބާއްވަމުންދަނީ ރަށުގެ އެހެންވެސް ޒުވާންލޯބިވެރީން ފަދައިން އިރާކޮޅުގެ ވަގުތުތަކުގައި ރަށުގެ އަތިރިމަތިފަދަ ތަންތަނުގައެވެ. ހޭޅިފަށުގައިވާ ގަސްގަހާ ގެއްސާއި ތަރިރުހަނދު ހެކިކޮށް ވައުދުތަކާއި އަހުދުތައްވަމުންދަނީ ދުވަހަކުވެސްވަކިނުވެ އުމުރުދުވަހު އެކުގައި އުޅުމަށެވެ. އެކުގައި ހޭދަކުރަމުންދިޔަ ލޯބީގެވަގުތުތަކުގައި ލިބިމުންދިޔަ އުފަލާއި ހިތްހަމަ ޖެހުންތަކުގެ ސަބަބުން ދެމީހުން ވެސް ތިބެނީ ވަރަށްއުފާވެ ހިތްހަމަޖެހިފައެވެ.
ނަސީ އާއި ސާއިފްގެ މެދުގައި އުފެދިފައިވާ ލޯބީގެ ސަބަބުންދެމީހުނަށްލިބިފައިވާ އުފަލާއިހިތްހަމަ ޖެހުމުގައި ވަގުތުތައްގުނަމުން އައިސް އެލޯތްބަށްއަހަރެއްހާ ދުވަސް ފާއިތުވީއެވެ. އެލޯބީގައި އެހާރާމިހާރާ އެއްވެސް ތަފާތެއްނެތެވެ. ހީވަނީ ލޯބީގެ ފުރަތަމަ ދުވަސްހެންނެވެ.
ހަލީފުއަކީ ނަސީގެ ލޯތްބަށް ފެންބޮވައިގެންފައިވާ ޒުވާނުންގެ ތެރޭން، ނަސީއާއި ސާއިފްގެ ލޯބިގަބޫލްނުކުރާ އެއްޒުވާނެކެވެ. ބަލިކަށި މުށިމަހަކަށް ފާރަލައިގެން ހަންޖެއް އުޅޭފަދައިން ނަސީގެފަހަތުން މުގޯލި އަޅަމުންދާ ޒުވާނެއްވެސް މެއެވެ.
ހަލީފުއަކީ ރިޒޯޓެއްގައި ވަޒީފާ އަދާކުރަމުންދާ ޒުވާނަކަށްވާތީ ވަރަށް މަދުންނޫނީ ރަށުގައެއް ނުހުރެވެއެވެ. އެހެންކަމުން ހަލީފުއަށްޖެހުނީ މިކަމުގައިވެސް އެހެން މީހެއްގެ އެހީތެރިކަން ހޯދާށެވެ. ނަސީ އާ އޭނާއާ ދެމެދު ދަމާނެ ކަނދުފައްޗެއް ނުވަތަ އޭނާ އާއި ނަސީ ތަތްކުރާން ތެރަސްފުޅިއެއް ހޯދާށެވެ.
ނަސީ އާއި ގުޅުން ބަދަހިކުރުމަށް ހަލީފު އެހީހޯދީ އޭނާގެ އެންމެގާތް ރަހުމަތްތެރިޔާ އަލީގެ ކިބައިންނެވެ.
ހަލީފުގެ އެދުމުގެމަތިން ހަލީފުއާއެކުއަލީ ވަރަށްގިނައިން ނަސީމެން ގެއަށް ދެއެވެ. އެހެނަސް ނަސީއަށް ސާއިފް ކުރާއިތުބާރެއްގެ ބޮޑުކަމުންނާއި ވާލޯތްބެއްގެ ބޮޑުކަމުން އެކަމަކަށް އަޅައެއްނުލަ އެވެ. ސާމް ގަބޫލް ކުރާގޮތުގައި ނަސީ އޭނާއަކަށް ދެރައެއް ނުދޭނެއެވެ.
ދުވަސްތައް މާޒީއާ އެކުވަމުންއައިސް އެއްރެއެއްގެ އިރާކޮޅު ވަގުތެވެ.
ނަސީ އާއި ސާއިފް އެދެމީހުންގެއާދައިގެމަތީން ލޯބީގެވަގުތުތައް ހޭދަކޮށްލުމަށްޓަކައި އަތިރި މަތީގައިވާ ގަސްތައްކައިރީގަ ތިއްބެވެ. ސާއިފްގާތު ނަސީ ބުނަމުންދަނީ ހަލީފުގެ އުނދަގޫކުރުންތަކާއި ޖެއްސުންކުރުންތައް ކުރިމަތިވަމުން އަންނަ ވާހަކައެވެ. ހަމައެހެންމެ ނަސީ އާއި ސާއިފް ރައްޓެހިވެގެންއުޅޭ ވާހަކައާއި ކައިވެނިކުރާންއުޅޭ ވާހަކަބުނުމުން ވެސް އޭނާ އެކަމަށްއަޅާނުލާ ވާހަކައެވެ.ހަމައެހެންމެ ނަސީގެ މީހެއްގެ ގޮތުގައި ސާއިފް ހުރިހާ ދުވަހަކު ނަސީ ވެސް ސާއިފްގެ މީހެއްގެ ގޮތުގައި ހުންނާނެ ވާހަކައެވެ. ނަސީގެ އެނިންމުމުގެ ސަބަބުން ސާއިފް ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ.
ނަސީގެ ލޯބިހޯދުމަށްޓަކައި ހަލީފުއަށް ކުރެވޭންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދިޔައެވެ. އެހެނަސް އެކަމުގައި އަދިމިހާތަނަށް އެއްވެސްއަލިމަގެއް ފެނިފައެއް ނުވެއެވެ. ނަސީގެ ލޯބިހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެއިތުރުން ނަސީއާއި ސާއިފްގެ ލޯބީގެގުޅުން ދުރުކުރުމަށްޓަކައި ވެސް ހަލީފު މަސައްކަތްކުރަމުން ގެންދިޔައެވެ. އެހެނީ ހަލީފަށް ގަބޫލް ކުރެވޭގޮތުގައި އޭނާއަށް ނަސީ ކާމިޔާބުނުވެގެން އުޅެނީ ސާއިފްއާ އޭނާގެ މެދުގައި އޮތް ލޯބީގެގުޅުމުގެ ސަބަބުންނެވެ.
ހަލީފުއާ އަލީ ދެތިންރެއަކު ކުރިމަސައްކަތުން ނަސީއާ ސާއިފް ބައްދަލު ކުރާންދާ ތަން ހޯދައި،ސާއިފް އާ ނަސީ ބައްދަލުކުރާން ދިއުމުން އެތަންތަނަށް ތަފާތު އެއްޗެތިއުކާ އުނދަގޫކުރާން ވެސް ފަށައިފިއެވެ. އެހެނަސް އެއްޗެތިއުކަނީ ނަސީމެންގައިގަ ނުޖެހޭހިސާބަށް ކަމަށްވާތީ ނަސީ އާއި ސާއިފް އެކަމަކަށް އަޅައެއް ނުލައެވެ.
ހަލީފުއަށް ނަސީގެ ލޯބިހޯދައިދިނުމާއި ނަސީ އާއި ސާއިފް ދުރުކުރުމަށްޓަކައި އެކިގޮތްގޮތުން ހަލީފުއާއި އަލީ މަސައްކަތްކޮށް ކާމިޔާބުވާގޮތްނުވުމުންނަސީއާއި ސާއިފް ބައްދަލުކުރާގަޑީ އެތަނަށް ގޮސް އެމީހުން ކައިރީ ތިބޭންވެސް ފެށިއެވެ.
ހަލީފު އޭނާގެ ޗުއްޓީ ހަމަވުމުން އަނެއްކާވެސް ރިޒޯޓަށް ހިނގައްޖެއެވެ. ހަލީފު ރިޒޯޓަށް ދިޔަނަމަވެސް އަލީ އޭނާގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދިޔައެވެ. ރެއަކާދުވާލު އެތައްފަހަރަކު ނަސީއާބައްދަލުކޮށް ތަފާތު ވާހަކަތައްދައްކައި ހަލީފު އަށް ނަސީގެލޯބި ލިބޭނެގޮތްވޭތޯ އެތައްމަސައްކަތެއް ކުރަމުން ގެންދިޔައެވެ. ހަމައެހެންމެ ހަލީފުއަށް ފޯނުކޮށް ވާނުވާއަންގަމުން ގެންދިޔައެވެ.
އަލީ އާއި ހަލީފުގެ ރޭވުން ކާމިޔާބުވާގޮތް ނުވުމުން ސާއިފްއާ ދިމާ ކުރާންވެސް ފެށިއެވެ. ހަމައެހެންމެ ސާއިފްއާ ދިމާއަށް ތަފާތުއެއްޗެތިކިޔާ ބިރުދެއްކުމާއިފާޑުފާޑުގެ އިންޒާރުދިނުން އިތުރުވާންފެށިއެވެ. އަދި އެވަރުން ނުވެގެން އަލީއާ އޭނާގެރައްޓެހިން ސާއިފްގެ ބައިސްކަލް ހަލާކުކޮށްލާ ތަޅައިގަތުމަށް ވެސް މަސައްކަތް ކުރިއެވެ.
އަލީމެންގެ ޢަމަލުތައް ކޮންމެގޮތަކަށް ހުރި ނަމަވެސް ސާއިފް އެކަމަކާ އަޅައެއްނުލައެވެ. ސާއިފްގާތު ނަސީ ބުނަމުންދަނީ އަލީމެން ކޮންމެއެއްޗެކޭ ކީނަމަވެސް އަޅާނުލުމަށާއި، އޭނާ ހުންނާނީ ސާއިފްގެ މީހެއްގެ ގޮތުގައި ކަމަށެވެ.
ދުވަސްތައް މާޒީއާ އެކުވަމުންއައިސް އެއްދުވަހެއްގެ އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ސާއިފްއާ ބައްދަލުކުރާން ނަސީ އައިއިރު ހަލީފު އޭނާއަށް ފޮނުވިސިޓީއެއް ގެނެސް ސާއިފް އަތަށް ދިނެވެ. އެއީ ނަސީގެ ލޯތްބަށްއެދި ވަރަށް އަސަރާއެކު ހަލީފު ލިޔެފައިވާ ސިޓީއެކެވެ. ނަސީގެ ލޯތްބަށް އެދުމުގެ އިތުރުން އޭނާއަށް ނަސީ ލިބެއްޖެނަމަ ކޮށްދޭނެ ކަންތަކާއި ގެންގުޅޭނެއަރާމު ގޮތުގެ ވާހަކަތައްފަދަ މުހިންމު އެތައް ވާހަކައެއް އޭގައި ލިޔެފައިވެއެވެ. ހަމައެހެންމެ އެސިޓީގެ ޖަވާބު ވަރަށް އަވަހަށް ދިނުމަށް ވެސް އެދިފައިވެއެވެ.
އެސިޓީ ކިޔުމަށްފަހު ނަސީގާތު ސާއިފް ބުނީ ސިޓީގެޖަވާބު ދިނުމަށެވެ. ސާއިފް އެހެން ބުނި ނަމަވެސް އެސިޓީގެ ޖަވާބުދޭން ނަސީ ބޭނުން ނޫންކަމަށް ބުނުމުން ސާއިފް އެކަމާ އަޅައެއް ނުލައެވެ.
އަލީމެންގެ އުނދަގޫކުރުންތަކާއި ޖެއްސުންކުރުންތައް ބޮޑުކަމުން ދުވަސް ކޮޅަކަށް ބައްދަލުވުންތައް މެދުކަނޑާލުމަށް ނަސީ އެދުމުން ސާއިފް އެކަމަށްމަރުހަބާކީ އުފަލާއި ހިތްހަމަޖެހުމާއެކުއެވެ.
ސާއިފާއި ރިލުވާން ބައްދަލުވީ މަގުމަތީންނެވެ. ސާއިފާއި ރިލުވާން ވާހަކަދައްކަމުންދިޔަ ދިއުމުގައި ނަސީއާއި ސާއިފްގެ މެދުގައި އޮތް ލޯބީގެގުޅުން މެދުކަނޑާލީތޯ ރިލުވާން އެހުމުން ސާއިފަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ހަމައެއާއެކު ރިލުވާން އެސުވާލުކުރީ ކީއްވެތޯ ވެސް އަހާލެވުނެވެ.
ސާއިފްގެ ސުވާލަށް ޖަވާބުދެމުން ރިލުވާނު ބުނީ އަލީ އާއި ނަސީ މާ ގާތްގޮތަކަށް ތިއްބާ ފެނުމުން އަހާލީކަމަށެވެ.
ރިލުވާނުގެ ވާހަކައާ ގުޅުވައިގެން ސާއިފް ބުނީ އޭނާއާ ނަސީގެ މެދުގައިވާ ލޯބީގެ ގުޅުމަށް އެއްވެސް ބަދަލެއް ނާއްނަ ކަމަށާއި އެގުޅުން ބަރާބަރަށް ކުރިޔަށް ދާ ކަމަށެވެ. އެހެނަސް އެފަދަ މަންޒަރުތައް ފެންނަނަމަ އޭނާއަށް އަންގާލަ ދިނުމަށް ވެސް އެދުނެވެ.
ޖެހިގެންއައި ދުވަހު ނަސީއާ ބައްދަލުކޮށް ސާއިފް އެވާހަކަދެއްކުމުން، ނަސީ ވަރަށް ދެރަވިއެވެ. ހަމައެހެންމެ އެރޭ އެކަން ވެގެންދިޔަގޮތް ކިޔައިދިނެވެ. ސާއިފްގާތު ނަސީ ބުނީ އޭނާ ފާޚާނާއަށް ދާންވެގެން ގެއިން ނުކުތް ވަގުތު އަލީއާ ދިމާވި ކަމަށާއި އޭނާ އައިސް ނަސީގެއަތުގައި ހިފި ކަމަށެވެ. ހަމައެހެންމެ އޭނާގެ އަތުން ދޫކޮށްލުމަށާއި އެވާހަކަތައް ސާއިފްގާތު ދައްކާނެ ވާހަކަ ބުނުމުން އަލީ އޭނާގެ އަތުން ދޫކޮށްލި ކަމަށެވެ.
ރިލުވާނުގެ ވާހަކަތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވެފައިހުރި ސާއިފަށް ނަސީގެ ވާހަކަތައް އިވުމުން ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ހަމައެހެންމެ ނަސީ ދެކެ އޭނާ ވާލޯތްބެއްގެ ބޮޑު ކަމުންނާއި ނަސީއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އެވާހަކަތައް ގަބޫލުކުރިއެވެ.
ނަސީ އާއި ސާއިފް ބައްދަލުކުރިތާ ދެތިން ރެއެއްފަހުން ސާއިފާއި ރިލުވާނު އަނެއްކާ ވެސް ބައްދަލުވިއެވެ. ސާއިފްއާ ވާހަކަދައްކަމުން ސާއިފްގާތު ރިލުވާން ބުނީ އަލީ އައީ ނަސީ ޤަވާއިދުން ބައްދަލުކުރަމުން އަންނަކަމަށާއި އެދެމީހުންގެ ފަރާތުން ފެންނަމުންދާ މަންޒަރުތަކަކީ ދެލޯބިވެރިންގެފަރާތުން ފެންނަފަދަ މަންޒަރުތަކެއް ކަމަށެވެ. ހަމައެހެންމެ ނަސީގެވާހަކަތައް ކޮންމެގޮތަކަށް ހުރިނަމަވެސް ސާއިފަށް އެމަންޒަރު ފެނިއްޖެނަމަ ރިލުވާންގެ ވާހަކަތައް ގަބޫލްކުރާނެ ކަމަށެވެ.
ރިލުވާންގެ ވާހަކަތައް ގަބޫލްކުރުމުގެ ކުރީން ސާއިފް ގޮސް ނަސީއާ ބައްދަލުކުރިއެވެ. އަދި އޭނާއަށްއިވެމުންދާ ވާހަކަތަކާބެހޭގޮތުން ސުވާލުކުރިއެވެ. ސާއިފްގެ ސުވާލުތަކަށް ނަސީއަކަށް ޖަވާބެއްނުދެވުނެވެ. ހަމައެހެންމެ ސާއިފް ދައްކަމުންދިޔަ ވާހަކަތަކަށް ނަސީ ސަމާލުކަމެއްވެސް ނުދިނެވެ. ނަސީގެ އެޢަމަލުތަކުން ސާއިފަށް ޔަގީންވީ ރިލުވާނު ދެއްކީ ތެދުވާހަކަތަކެއް ކަމެވެ. އެގޮތަށް ކަންތައްވުމުން ސާއިފް ކިތަންމެ ދެރަވި ނަމަވެސް ހިތްވަރު ކުރިއެވެ.
ދެން ފެންނާންފެށީ ނަސީ އާއި އަލީ ނުހަނުލޯބީން އެކުގައި އުޅެމުންދާ މަންޒަރެވެ. އަދިއެކުގައި ހިނގާލާންގޮސް އުޅޭ މަންޒަރާއި ރަށުގެ އަތިރިތަކާއި ހޭޅިފަށުން ބައްދަލުކުރާ މަންޒަރެވެ.
ނަސީގެ އެޢަމަލުތަކުގެ ސަބަބުން ސާއިފަށް ލިބުނު ހިތާމަތަކާއި ހިތްދަތިކަން އިތުރުވެގެން ދިޔައެވެ. ހަމައެހެންމެ އެކަމާ ގުޅިގެން އެތައްހިތާމައަކާއި ހިތްދަތިކަމެއް ކުރިމަތިވިއެވެ. އަންހެންކުދިންމަތިންފޫހިވެ އަންހެންކުދިންނަކީ މަކަރުވެރި ކެހިވެރިބައެއްކަމުގައި ވެސް ނިންމިއެވެ. ނަސީ ދެކެ ކިތަންމެ ލޯބިވިނަމަވެސް އޭނާގެފައިދަށަށްވެއްޓި އާދޭސްކުރާކަށްވެސް ނަސީއަށް އުނދަގޫކޮށް ޖެއްސުންކުރާކަށް ވެސް ސާއިފް ބޭނުމެއްނޫނެވެ.
އަލީ އަކީ ހަލީފުއަށް ނަސީގެ ލޯބި ހޯދައިދިނުމަށް ދިޔަމީހާއެވެ. ނުވަތަ ހަލީފުގެ ކަނދުފައްޗެވެ.
ކަނދުފަތި ބޭނުންކުރީ ނަސީ އާއި ހަލީފު ގާތްކޮށް ލޯބީގެގޮތުން ގުޅުވާން ނަމަވެސް ފެނުނީ އެހެންމަންޒަރެކެވެ. ނަސީ ކައިވެނިކުރީ ކަނދުފައްޗާއިއެވެ. އާދެ އަލީއާއި އެވެ.
ނިމުނީ
5 Comments!
Comments are closed.



އަނހަ މިވީ ކިހިނެތް އެހެން ހަދާކަށް ނުވާނެއެއްނު. ވަރަށް ސަޅި
habeys vaahaka eh
މީ ހާދިސާއެއްނު.. ވާހަކައެއްނޫން
thydhn abadhuvex vaagothenu
Haadha goiykuda girl ekey dhww