ޖިންނީންނަށް ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ސޫރައެއް ދެއްވާފައެވެ. އެހެންނަމަވެސް އެސޮރުމެންގެ ހަގީގީ ސިފައިގައި އަލުގަނޑުމެންނަށް ނުފެނެއެވެ. ޖިންނީންނަކީ އިންސާނުންގެ ހަށިގަނޑު ތެރެއަށް ވަދެ އިންސާނާގެ މުޅި ކޮންޓްރޯލް އެސޮރުމެންގެ ބާރުގެ ދަށަށް ގެންނަން ކުޅަދާނަ ބައެކެވެ. މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
ހަތަރުވަނަ ބައި
އަސްމާ އަށް ހެވުނެވެ. މިއާ ދެއްކި ވާހަކަތަކުން އޭނާ އަށް މާނަ ނެގުނު އެއްޗަކީ އެތަނަކަށް މިއާ ދާން ބޭނުންވެފަ ހުރި މިންވަރެވެ. އުމުރުން ސޯޅަ އަހަރާއި ބައިގައި އޭނާގެ ޒުވާން ދުވަސްވަރަށް އެޅެމުން އަންނަ ދަރިފުޅުގެ ޅަ ހިތް ޒުވާނަކަށް ހަދިޔާކޮށްގެން އުލޭ ކަމަކަށް އޭނާގެ ހިޔާލަކަށް ވެސް ނާދެއެވެ.
*****
ވައްލައިގެ ތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު މިއާ ގެ ހިތަށް އާދަޔާހިލާފު އުފަލެއް ލިބިގެން ދިޔައެވެ. ވައްލައިގެ ބޯ ޖަންގަލީގެ ތެރެއަށް އޭނާގެ ކަޅި ހިންގާލީ ނިކަން އަވަހަށެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއާ އަށް ތަފާތު މަންޒަރުތަކެއް ވައްލައިގެ ތެރެއިން ފެނުނުހެން ހީވިއެވެ. ބޯ ގަސްތައް މިއާ ހަނާ އަޅާލި ފަދަ އިހުސާސެކެވެ. އެތަކެތި މިއާ އަށް މަރުހަބާ ކިއި ފަދަ އިހުސާސެކެވެ. ބޭއިހްތިޔާރުގައި މިއާ އަށް ހިނިތުންވެވުނެވެ. މިއާ ގެ ހިތް އަވަސްވެލިއެވެ. ޝެހެރޯޒް ގެ ހަބަރެއް ކޮބައިތޯ ބަލައިލާހިއްވިއެވެ. މިއަދު އޭނާ މިތަނަށް އަންނާނެ ހެއްޔެވެ؟ މޫދު ކައިރިއަށް ދިޔުމުގެ ބަދަލުގައި އޭނާ ހިނގަމުން ދިޔައީ ޝެހެރޯޒް އާއި އެންމެފަހުން ބައްދަލުވި ދިމާލަށެވެ. އެހެންނަމަވެސް އެތަނުން އޭނާ އަށް ލިބުނީ ފަޅުކަމެވެ. ޝެހެރޯޒް އެއް ނެތެވެ. މިއާ މާޔޫސްވިއެވެ. އޭނާގެ މޮޔަ ހިތަށް މަލާމަތްކޮށްލިއެވެ. ލިބުނު އެކަނިވެރިކަމެއްގެ ސަބަބުން އޭނާ ދިޔައީ މޫދާ ދިމާލަށް ފައިބާށެވެ. ކުރެވުނީ މޮޔަ ކަމެކެވެ. ވިސްނާނުލެވުނީއެވެ. ޝެހެރޯޒް އަންނަންވީ ކީއްވެ ހެއްޔެވެ؟ ޝެހެރޯޒް ހާއްސަވީ މިއާ އަށެވެ. މިއާ އަމިއްލަ ނަފްސަށް މަލާމާތްކޮށްލިއެވެ. މޫދާ ގާތަށް ހިނގަމުން ދިޔައިރު އޭނާ ވިސްނަމުން ދިޔައެވެ. ވައްލަ އަށް އަންނަ ވާހަކަ އޭނާ މިއަދު ހަސްނާ ގާތުގައި ނުވެސް ބުނެއެވެ. ހުދުކުލައިގެ ފަސްތަކުގެ މަތީގައި އޭނާ އިށީނދެލިއެވެ. ދުރުދުރުން ދުއްވާފައި ދިޔަ އޮޑިއަކަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ހިތަށް އެރިއެވެ. ޝެހެރޯޒް އަކީ މިރަށު ކުއްޖެއް ނޫނެވެ. އެއީ ބީރައްޓެއްސެކެވެ. މިރަށަށް އައީ ކަމެއްގައެވެ. އެކަމެއް ނިމުމުން އެދިޔައީ އެވެ. މަޑުކުރަންޖެހޭ ސަބަބެއް ނެތެވެ. އެންމެފަހަރަކު ފެނުނު ޝެހެރޯޒް ކަހަލަ ފިރިހެނަކަށް އިންތިޒާރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ރީތި ޒުވާނެކެވެ. ބަލާބަލާ ފޫހިނުވާނެފަދަ ރީތި ދެލޮލެވެ. ތަފާތު ދުނިޔެއަކުން އައިސްފައިވާ ކަހަލައެވެ. ޝެހެރޯޒް ގެ ހަޔާތުގައި އަންހެންކުއްޖަކު ނެތް ކަމެއް ވެސް ނޭނގެއެވެ. ޔަގީނެވެ. ހުންނާނެއެވެ. މޮޔައީ އަހަންނެވެ.
“މިއަދު އެކަނިތަ؟ ހަސް ނެތީމަ ވަރަށް ފޫހިވެފަ ދޯ”
ފަހަތުން އިވުނީ ބިލާލު ގެ އަޑެވެ. ފުންމައިގެން މިއާ ތެދުވިއެވެ. ހިތްހަމަނުޖެހިގެން ބިލާލަށް ބަލައިލިއެވެ. އޭނާ އައީ ޝެހެރޯޒް އަށްޓަކައެވެ. ބިލާލު ހޯދާކަށް ނޫނެވެ.
“މިއަދު ހާދަ ރީއްޗޭ” ބިލާލު ބުންޏެވެ.
“އަހަރެން ނޫނީ މީހަކު ނުފެނުނީތަ؟ ބިލާލު ކީއްވެތަ މަގޭ ފަހަތުން ތިއުޅެނީ؟” މިއާ ބުންޏެވެ.
“އަހަރެންގެ މޭގެތެރެއިން ހިތް ގެއްލިގެން އުޅޭތާ ކޮންދުވަހެއް. އެ ހިތް އޮތް ދިމާލަކަށް ދޯ އާދެވޭނީ” ބީލާލު ހުރީ ހިނިއައިސްފައެވެ.
“މަށަކީ ބިލާލު ކަހަލަ ޝާއިރެއްނޫން. ނާންނާތީ މަގޭ ފަހަތުން. ހިތް ގެއްލިގެން އުޅެންޏާ މަ ހުންނަ ތަންތަނަށް އަޔަކަސް ރަނގަޅެއްނުވާނެ. މިރަށު ހުންނާނެ މަރުކަޒެއް”
ވައްލައިގެ ތެރެއަށް ވަދެގެން މިއާ ދިޔައެވެ. ބިލާލު ދެކެ ހިތްހަމަނުޖެހިފައި ހުރިވަރުން ސީދާ އޭނާ ދިޔައީ މަގަށް ނިކުންނާށެވެ. ބިލާލު ފަސޭހައިން ނުދާނެކަން އޭނާ އަށް އެނގެއެވެ. ބިލާލު ސަބަބުން މުޅި ދުވަސް ހަރާބުވީއެވެ.
“ހާދަ ރުޅި އައިސްގެންނޭ ތިދަނީ؟” ފަހަތުން އިވުނު ޝެހެރޯޒް ގެ އަޑަށް މިއާ ބަލައިލިއެވެ. އެއާއެކު އޭނާގެ މޫނުގައި ހީވީ ނުފެންނަ އަތަކުން ބީހުނު ހެންނެވެ. ފިނިފިނި ވައި ރޯޅިއެއް ފަދަ ބީހިލުމެކެވެ. ބޭއިހްތިޔާރުގައި މިއާ އަށް ދެލޯ މަރާލެވުނެވެ. އެހިނދު މިއާ ގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން އިތުރަށް ފުންވިއެވެ.
“އަހަރެން ތަ ތި ހޯދަނީ” އަޑު އިވުނީ މިއާ ގެ ކަންފަތާ ދާދި ގާތުންނެވެ. ބަލައިލިއިރު ޝެހެރޯޒް މި ހުރީ ދާދި ގާތުގައެވެ.
“ސިއްސައިގެންނޭ ދިޔައީ. ތިއީ ކޮންކަހަލަ މީހެއް؟ ބައެއްފަހަރު ކައިރީގަ ހުންނައިރު ވެސް ނުފެނޭ”
ބިލާލު ދެކެ މިއާ އަށް އާދެވިފައި ހުރި ރުޅި ވީތަނެއް ވެސް ނޭނގުނެވެ. ޝެހެރޯޒް ފެނުމާއެކު ހުރިހާ ކަމެއްގެ މަތިން އޭނާ ހަނދާން ނެތިއްޖެއެވެ.
“އަހަރެން ހޯދަން އުޅެންޏާ އަހަރެން ފެންނާނެ. މިއާ ބޭނުންވި ކޮންމެ ވަގުތަކު” ޝެހެރޯޒް ބުންޏެވެ. ޝެހެރޯޒް ގެ ވާހަކަތަކުގައި އެކުލެވޭ ފުން މާނަ ދެނެގަނެވޭ ވަރަށް ވުރެ މިއާ ގެ ސިކުނޑި ޅަ އެވެ. އެ ޅަ ހިތް އެދެނީ ޝެހެރޯޒް އަށެވެ. އެހެން އެއްވެސް ކަމެއް އޭނާއަށް ނުވިސްނެއެވެ.
“ކީއްވެ އަހަރެން…؟” މިއާ ބުންޏެވެ.
“މިތާ ތިބެތަ ވާހަކަދައްކާނީ. ހިނގާބަލަ މޫދު ކައިރިއަށް” ޝެހެރޯޒް ބުންޏެވެ.
މިއާ އެދިމާލަށް ބަލައިލިއެވެ. އޭނާ އެދިމާލަށް ޝެހެރޯޒް އާއެކު ނިކުންނަ ތަނާ ފެންނާނީ ބިލާލަށެވެ. ބިލާލު އެތަނުގައި ހުންނާނެއެވެ. ބިލާލު މުޅި ރަށުގައި ވާހަކަ ފަތުރާނެއެވެ.
“އޭނައަކަށް ނުފެންނާނެ. ކަންބޮޑުނުވޭ” ޝެހެރޯޒް ބުންޏެވެ.
ހައިރާންކަމާއެކު ޝެހެރޯޒް ގެ މޫނަށް މިއާ ބަލައިލިއެވެ. ބިލާލު އެތަނުން ޝެހެރޯޒް އަށް ފެނުނީތާއެވެ.
“ފެންނާނެ. އޭނަ އެބަހުރި އެތަނުގަ” މިއާ ބުންޏެވެ.
“ގަބޫލުކުރޭ. އެތާ ހުރެހުރެފަ އޭނަ އެކޮޅަށް ގޮސް އޮބާލައިފި. މިއާ ހިތްހަމަނުޖެހިފަ ހުރީމަ ފަހަތުން އަންނާކަށް އޭނާއަކަށް ނުކެރުނު. އެއީ ބޮޑު ފިނޑިއެއް” ޝެހެރޯޒް ބުންޏެވެ.
ދެކުދިން ހިނގައިގަތެވެ. ވިލު ނޫކުލައިގެ މޫދާ ދިމާލަށް ކުރިމަތިލައިގެން ގަސް ބުޑެއްގެ މަތީގައި މިއާ އިށީނެވެ. ޝެހެރޯޒް އިށީނީ އޭނާ އާ ދާދި ގާތުގައެވެ. ދުރުދުރަށް ދާންދެން ފެތުރިފައިވާ ހުދު ކުލައިގެ ދޮންވެލި ފަސްގަނޑުގައި އިންސާނެއްގެ ނިޝާނެއްވެސް ފެންނަން ނެތެވެ. މިއާގެ ނަޒަރު ހުއްޓުނީ މާދުރުން ފެންނަން އޮތް ކުދި ކުދި ރަށްތަކަށެވެ.
“އެ ރަށްތަކުން ކޮބާތަ ޝެހެރޯޒް ގެ ރަށަކީ؟” މިއާ އަހާލިއެވެ.
ޝެހެރޯޒް ގެ ޖަވާބެއް ނައެވެ. އޭނާ ހިނި އައިސްފައި މިއާ އަށް ބަލައިލިއެވެ.
މިއާ ލަދުން އިސްއޮބާލިއެވެ. ކަޅިޖަހާނުލާ ޝެހެރޯޒް ބަލަހައްޓައިގެން އިންކަން އޭނާ އަށް އެނގުނީއެވެ.
“މިއަދު ހާދަ ހާދަ ތަފާތޭ. ވަރަށް ލޯބި” ޝެހެރޯޒް ބުންޏެވެ. މިއާގެ ރީތިކަމަށް ތައުރީފްކޮށްނުލާ އޭނާ އަށް ކެތްނުވީއެވެ.
“ޝެހެރޯޒް ވެސް ވަރަށް ރީތި” ލަދުން އިނދެ މިއާ ބުންޏެވެ.
“ހެހެހެ… ތި ނިމުނީ. މިއާ އަށް އަހަރެން ރީތި ވީމަ ދެން ހެޔޮ އެކަކަށް ވެސް ރީތި ނުވިޔަސް” ޝެހެރޯޒް ބުންޏެވެ.
“ޝެހެރޯޒް ގެ ތި ބަލައިލުމާ ވާހަކަދެއްކުމާ ހީލާގޮތް… ކީކޭ ބާ އިތުރަށް ބުނާނީ… ކުރީ ދުވަހު ބައްދަލުވެފަ ގެއަށް ދިޔަފަހުން ވަރަށް ވިސްނޭ. ވަރަށް ހަނދާންވި”
މިއާ އަށް ވާހަކަދެއްކުނީ އަމިއްލަ އިހުތިޔާރެއް ނެތިއެވެ. ހިތުގައިވާ ހުރިހާ ވާހަކަތަކެއް އެހާ ފަސޭހައިން ދުލާ ހަމައަށް ގެނެވުނީތީ އޭނާ ލަދުވެސްގަތެވެ.
“އަހަންނަށް ވެސް. އަހަންނަށް މިއާ ވަރަށް ހާއްސަ. ވަރަށް ވަރަށް ހާއްސަ. އަހަންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ. މޮޔަވާވަރަށް. ތިނޫން އެހެން ކުއްޖަކު ބޭނުމެއްނޫން. ދެކޭކަށް ވެސް ބޭނުމެއްނޫން. ތިއީ އަހަރެންގެ ހިތް ބަދަލުކޮށްލި ހަމައެކަނި ކުއްޖަކީ”
މިއާ އަށް ޝެހެރޯޒް އަށް ބަލައިލެވުނެވެ. ހިތް އުފަލުން ފުރުނެވެ. ހިތުގައި އުފެދެން ފެށި އައު އިހުސާސްތަކުން އޭނާ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތިއްޖެއެވެ. އޭނާ ބޭނުންވަނީ ހަމައެކަނި ޝެހެރޯޒް ކައިރީގައި އިންނާށެވެ. ހަމައެކަނި ޝެހެރޯޒް ދައްކާ ވާހަކަތައް އަހާށެވެ.
“އެކަމަކު… ޝެހެރޯޒް މިރަށުން ފުރާނެ. އޭރުން ވަރަށް ދެރަވާނެ” މިއާ ބުންޏެވެ.
“މިއާ ބުނި ދުވަހެއް ވަންދެން ގާތުގަ ހުންނާނަން” މިއާ ގެ ފިނިފިނި އަތްތިލައިގައި ހިފާލަމުން ޝެހެރޯޒް ބުންޏެވެ.
“އަހަރެން ބޭނުންވިޔަސް އެހެން ނުވާނެކަން އެނގޭ. ކޮން ގެއެއްގަ ޝެހެރޯޒް ހުންނަނީ؟ ކާކާ އެކު އައިސް ތިއުޅެނީ؟ ކިޔައިދީބަލަ ޝެހެރޯޒް ގެ ހުރިހާ ކަމެއް” މިއާ ބުންޏެވެ.
“ހެހެހެ… މި ދުނިޔޭގެ އެތަން މިތަނުގަ. މިރަށަށް މިއައީ އަދި އަލަށް. އަހަރެން މިހާރު އުޅެނީ މިތާ” ޝެހެރޯޒް ބުންޏެވެ.
މިއާ ހައިރާންވެފައި ޝެހެރޯޒް އިނގިލި ދިއްކޮށްލި ދިމާ ބަލައިލިއެވެ. އެއީ ވައްލަ އެވެ.
“ކިހިނެއްވީ؟” މިއާ ބަލައިލި ގޮތުން ހީލަމުން ޝެހެރޯޒް ބުންޏެވެ.
ހަމަ ތެދަށޭ މިބުނީ. އަހަރެންގެ މައިންބަފައިން ނުތިބޭ. އެއްފަހަރެއްގަ ބަޔަކާ ކުރި ހަނގުރާމައެއްގަ ކާފަ އާއި ބައްޕަ މަރުވީ. އޭގެ އަދި މާކުރިން މަންމަ. އަހަންނަށް ބާރު ހިންގަނީ ބޮޑުބޭބެ. އެނގޭތަ އަހަރެންގެ ބައްޕަ ވަރަށް ބާރުގަދަ ވާނެ. މިބުނީ އެއީ ރަސްކަލެއް. އަހަންނަށް މިވަނީ މިހާރު ބައްޕަ ގެ ހުރިހާ ބާރެއް ލިބިފަ. އެކަމަކު ބޮޑުބޭބެ….”
ކުއްލިއަކަށް ޝެހެރޯޒް ގެ މޫނުމަތީގެ ކުލަ ބަދަލުވެއްޖެއެވެ. އޭނާގެ ދެލޮލުގެ ކަޅި ތަފާތު ވިދުމެއް ބަބުޅާލި މަންޒަރު މިއާ އަށް ނުފެނެއެވެ. އޭނާގެ މައްޗަށް ބޮޑުބޭބެ ގެ ނުފޫޒު އޮތްވަރު ހަނދާނަނަށް އައުމުން އުނދަގޫ ގޮތެއް އިހުސާސް ވިއެވެ. ބޮޑުބޭބެ ގެ ކައިރީގައި ވެވުނު ވައުދު މަތިން ހަނދާންވެއްޖެއެވެ. އެ ވައުދު މިހާރު އޭނާ އަށް ފުއްދޭކަށް ނެތެވެ. ކުރިމަތިލާން އޮތީ ބޮޑެތި ނުރައްކާތަކާއެވެ. ހަނގުރާމައަށް ނިކުންނަންޖެހޭނީ ކޮން ވަގުތެއްގަ ކަމެއްވެސް ނޭނގެއެވެ. އޮތީ އެންމެ ގޮތެކެވެ. ބޮޑުބެއާ ދެކޮޅަށް ތެދުވުމެވެ. އެކަން ކުރަން މިހާރު އޭނައަށް މަޖުބޫރު ވެއްޖެއެވެ. ކަންކަން ބަދަލުވެގެން މިދިޔައީ އޭނާ އުންމީދުވެސް ނުކުރާ ފަދަ ގޮތަކަށެވެ.
“ކިހިނެއްވީ؟ ކިޔާބަލަ. ޝެހެރޯޒް ތިއީ އެހެންވީމަ އާދައިގެ އިންސާނެއް ނޫނެއްނު” މިއާ ބުންޏެވެ.
މިއާ އަށް ޝެހެރޯޒް ބަލައިލިއެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ. އެއްވެސް ކަމެއް މިއާ އަށް އޮޅުވާލާކަށް ޝެހެރޯޒް ބޭނުމެއް ނުވެއެވެ. މިއާ އަށް ހުރިހާކަމެއް އަންގައިދޭން އޭނާ ބޭނުންވެއެވެ. މިއާ އޭނާ ގަބޫލުކުރަންޖެހޭނީ އޭނާގެ އަމިއްލަ ގޮތުގައެވެ. ކޮންމެ ގޮތަކަށް މިއާ ނިންމި ނަމަވެސް އެ ނިންމުމަށް އޭނާ އިހުތިރާމު ކުރާނެއެވެ. ގަދަކަމުން މިއާ އޭނާ ހާސިލްނުކުރާނެއެވެ. އޭނާ އަބަދުވެސް މިއާ އާ ގާތުގައި ހުންނާނެއެވެ. އަދާވަތްތެރިންގެ ކޮންމެ ހަމަލައަކުން މިއާ ރައްކާތެރިކުރުމަށް އޭނާއަށް ކުރެވުނު ކޮންމެ ކަމެއް ކުރާނެއެވެ.
“އަހަންނަކީ އިންސާނެއް ނޫން” ޝެހެރޯޒް ބުންޏެވެ. ޝެހެރޯޒް ގެ މޫނުމަތިން ސީރިޔަސްކަން ފާޅުވެލިއެވެ.
“އެހެންތަ؟ ވަރަށް ބިރުގަނެއްޖެ…. ދެން އެހެންޏަ…. މަށަކީ ވެސް ހަންޑިއެއް. ޝެހެރޯޒް ކާލަންވީތަ؟” މިއާ ބުންޏެވެ.
އެއްޗެއް ނުބުނެ ޝެހެރޯޒް އިނެވެ. މިއާ އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓާކަށް ޝެހެރޯޒް ބޭނުމެއް ނުވިއެވެ. ހަގީގަތް ބުނެދިނުމުން މިއާ ގަބޫލުނުކުރީތީ އޭނާ މާޔޫސްވިއެވެ. އޭނާ ޖެހޭނީ މިއާ އަށް އެކަން ސާބިތުކޮށްދޭށެވެ.
“އިރުއޮށްސެން އުޅެނީ ދޯ ގެއަށް ދާންޖެހިއްޖެ” މިއާ ބުންޏެވެ.
“ހަމަ ދަނީތަ؟” ޝެހެރޯޒް ބުންޏެވެ.
“ދާހިތެއްނުވޭ. އެކަމު ނުގޮހެއް ނުވާނެ” މިއާ ބުންޏެވެ.
“މިރޭ ގާތްގަނޑަކަށް 9 ހާއިރު އަހަރެން ދާނަން ތިގޭ ކައިރިއަށް. ނިކުމެވޭނެތަ؟” ޝެހެރޯޒް ބުންޏެވެ.
“ނިކުންނާނަން. ނައިއްޔާ ވަރަށް ދެރަވާނެ” މިއާ ބުންޏެވެ.
މިއާ ހިނގައިގަތެވެ. ޝެހެރޯޒް މިއާ ގެ އަތުގައި ހިފާލިއެވެ. މިއާ އެނބުރި ޝެހެރޯޒް ގެ މޫނަށް ބަލައިލިއެވެ.
“ހަނދާނަށް އެއްޗެއް ދީފަ ދޭ” ޝެހެރޯޒް ބުންޏެވެ.
މިއާ އަށް ހުރެވުނީ ހިނިތުންވެގެން ޝެހެރޯޒް ގެ މޫނަށް ބަލަހައްޓައިގެންނެވެ. ޝެހެރޯޒް ކައިރިވެލިއެވެ. މިއާ އަށް ދެފަރާތް ހޯދައިލެވުނެވެ. ފަހަތަށް ޖެހިލިއެވެ. ޝެހެރޯޒް އަށް ހެވުނެވެ.
“މިތަނުން ދެން ބައްދަލުވާ ވަގުތަކަށް ފަސްކޮށްލީ މި” މިއާ ލަދުގަތްކަން އެނގުމުން ޝެހެރޯޒް ބުންޏެވެ.
ދެކުދިން އެއްކޮށް ހިނގާލާފައި ވައްލަ އަށް ވަދެގެން ދިޔައެވެ. ގިނަފަހަރަށް ޝެހެރޯޒް ގެ ނަޒަރު ހުއްޓިފައި ހުންނަނީ މިއާ އަށެވެ. މިއާ ހީލާތަން ފެނެއެވެ. މަގާ ހަމައަށް ގޮސް ޝެހެރޯޒް ހުއްޓުނެވެ.
“މިރޭ. ނުވައެއް ޖަހާއިރު” މިއާ ބަލައިލުމާއެކު ޝެހެރޯޒް ބުންޏެވެ.
ބޯޖަހާލުމަށްފަހު ޝެހެރޯޒް ބުންޏެވެ. މިއާ ފަހަތަށް އެނބުރި ބަލައިލިއެވެ.
“އެކަމު ގެ ހުންނަ ތަނެވެއްވެސް ނޭނގެއެއްނު. ކިހިނެއް ގެ ހޯދަނީ؟” މިއާ ބުންޏެވެ.
“މިއާ އެކަމާ ހާސްނުވޭ. އަހަންނަށް ހުރިހާ ކަމެއްވެސް އެނގޭ. ލޯބިވީ ހުރިހާ ކަމެއް ހޯދާފަ” ޝެހެރޯޒް ބުންނެވެ.
****
ކޮޓަރިއަށް ވަދެފައި ވެސް މިއާ އަށް ހިނިތުންވެވެނީ އެވެ. ޝެހެރޯޒް ހިފި އަތުގައި އޭނާ އަނެއް އަތުން ހިފަހައްޓާލިއެވެ. އެ އަތުގައި އޭނާ ބޮސްދިނެވެ. އުއްޑުން އެނދުގައި އޮށޯވެލުމަށްފަހު މޫނުމަތީގައި ބާލީސް އެޅިއެވެ. ކަމެއް ހަނދާންވެގެން ތެދުވާކަހަލަ ގޮތަކަށް މިއާ ފުންމައިގެން ތެދުވިއެވެ. ކޮން ރަށެއްތޯ ޝެހެރޯޒް ކައިރީގައި ނޭހޭކަން އޭނާ ހަނދާންވިއެވެ. މޭޒުމަތީގައި ބަހައްޓާފައި ހުރި ގަޑިއަށް އޭނާ ބަލައިލިއެވެ. ނުވައެއްޖަހަން އަދި ވަރަށް ވަގުތު އެބައޮތެވެ. އިންތިޒާރުކުރުން ނޫން ގޮތެއް ނެތެވެ. ކުއްލިއަކަށް އޭނާ ތެދުވެ އެނދުގައި ހަމަޖެހުނީ ކޮޓަރިއަށް ވަތް އަސްމާ ފެނިފައެވެ.
“ކޮންކަމެއް ތިކުރަނީ؟ މަންމަ ނުބުނަންތަ ހެދުން ބަދަލުކޮށްގެން ނަމާދުކުރަން ތައްޔާރުވާށޭ” ހަރުގަނޑުން ތުވާލި ނަގަމުން އަސްމާ ބުންޏެވެ. އަސްމާ ވަނީ ފާހާނައަށެވެ. ވުޟޫކޮށްގެން ނިކުތްއިރު ވެސް އެނދުގައި ހިޔާލަކަށް ގެއްލިފައި މިއާ އިނެވެ.
“އަދިވެސް އިނީތަ؟ މަޣްރިބް ނަމާދަކީ ވަރަށް ވަގުތު ކުޑަތަން ނަމާދެއް” އަސްމާ ބުންޏެވެ.
“ނުކުރެވޭ” މިއާ ބުންޏެވެ.
އަސްމާ މިއާ އަށް ބަލައިލިއެވެ.
“ކިތައް ދުވަސް މިވީ” އަސްމާ އަހާލިއެވެ.
“އެގާރަ” މިއާ ބުންޏެވެ.
އަސްމާ އެއްޗެއް ނުބުނެއެވެ. މިއާ އަށް އަލަށް މަހު ކަންތައް ލައިގަތީވެސް ގުރޭޑު ދިހައެއްގައި ކިޔަވަނިކޮށެވެ. ދޭތެރެއަކުން މައްސަލަތައް ދިމާވިޔަސް އެއީ މާބޮޑު ކަމަކަށް އޭނާ ނަހަދައެވެ. މިއާ އަކީ ތަރުކާރީ އާއި މޭވާ އާ ވަރަށް ދުރުން އުޅޭ ކުއްޖެކެވެ. ދުވާލަކު ފުރިހަމަ އެއްތަށި ފެން ވެސް ގިނަ ފަހަރަށް ނުބޮވޭ ކުއްޖެކެވެ.
“މަންމާ! ހެޔޮތަ މިރޭ ނުވައެއް ޖަހާލާހާއިރު ބޭރަށް ނިކުމެލިޔަސް”
“އެއީ ކޮންކަމަކު. މި ސަރަހައްދަކީ ވަރަށް އަނދިރިކޮށް އޮންނަ ސަރަހަދެއް. ކީއްކުރަން ނިކުންނަނީ” އަސްމާ ބުންޏެވެ.
“އެއީ ރައްޓެހި ކުދިންތަކެއް މިއަދު ވައްލަ އިން ދިމާވެގެން ބުނި އަންނާނަމޭ މަޖާކޮށްލަން. ތަނަކަށް ނުއެއް ދާނަން. ދޮރާށި ކައިރީގަ ތިބޭނީ”
މިއާ އަށް ހަމަޖެހުމެއް ލިބުނެވެ. މަންމަގެ ފަރާތުން އާބަސް ނުލިބުނު ނަމަހީވެސް ބޭރަށް ނުނިކުމެ އޭނާ އަށް ނުހުރެވޭނެއެވެ. ޝެހެރޯޒް އާ ދުރުގައި އެންމެ ހިނދުކޮޅަކު ވެސް އޭނާ އަށް ނުހުރެވޭނެއެވެ.
****
މިއާ ތައްޓަށް އެޅީ ކުޑަ ބަތްކޮޅެކެވެ. އޭނާ އިނީ ހިތް އަވަސްވެފައެވެ. އިރުކޮޅަކާ މުރާދު ކައިރިން ގަޑި އަހާލައެވެ. އަސްމާ އައިސް މިއާ ގެ ތަށި އެއްފަރާތަށް މުރަނގަ ފަތް ކޮޅެއް އަޅާލިއެވެ. ފަކުރެއް ފެނިގެން އުޅޭ ކަހަލަ ގޮތަކަށް މިއާ އަނގަ ހަދާލިއެވެ.
“ކިހިނެއްވީ؟ ރަނގަޅު އެއްޗެހި ކެއީމަ މިއާ އަށް ފައިދާ ވާނީ” އަސްމާ ބުންޏެވެ.
“އެއީ ތެދެއް. ތި ބަތްތަށި ފަތްކޮޅާއެކު ހުސްކޮށްލަންވާނެ” މުރާދު ބުންޏެވެ.
މިއާ ލަސްލަހުން ކަމުން ދިޔައެވެ. ބަތްސުވަލާއެކު ފަތްކޮޅުގައި ހިފަނީ ދެ އިނގިލި ކުރިންނެވެ.
“މި ހަދިޔާ ދަރިފުޅަށް ކަމުދޭތަ؟”
މިއާ އަށް ހިނިތުންވެވުނެވެ. ސްކޫލު ނިމުމުން ފޯނެއް ދޭނެ ވާހަކަ މުރާދު އޮތީ ބުނެފައެވެ. މާ މޮޅު ފޯނެއް ނޫނަސް ފޯނެއް ލިބުނީތީ މިއާ ބައްޕަ އަށް ޝުކުރުއަދާކޮށްލިއެވެ. މިއާ ގެ ހިނިތުންވުން ފެނި އަސްމާ ގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
“މިއަދު ގުރުއާން ކިޔަވާލިންތަ؟” މުރާދު އަހާލިއެވެ.
މިއާ ބަލައިލީ އަސްމާގެ މޫނަށެވެ.
“ހަތިމުގަ އަތްނުލެވޭ އަދިވެސް. އަހަރެން ކިޔެވިއިރު ކައިރީގައި އަޑުއަހަން އޮންނާށޭ ބުނީމަ އޮތް. އިރުކޮޅަކުން ބަލައިލިއިރު އޮތީ ނިދާފަ” އަސްމާ ބުންޏެވެ.
“ބަރާބަރަށް ނަމާދުކޮށް ގުރުއާން ނުކިޔަވަންޏާ ބައްޕަ އަށް ޖެހޭނީ ދަރިފުޅު އަތުން ތި ފޯނު އަތުލަން. އެއީ ބައްޕަ ބޭނުމެއްނުވޭ ދަރިފުޅު އަޅުކަންކަމާ ދުރުވާކަށް”
މުރާދު ގެ ކޮންމެ ވާހަކައަކަށް ބޯޖަހަޖަހާ މިއާ އިނެވެ.
“މި ހަފްތާ ބަންދުގަ އަންހެނުންގެ ޑޮކްޓަރަކަށް ދައްކާލަން ދާން ދެމައިން ތައްޔާރުވޭ” މުރާދު ބުންޏެވެ.
“އޯކޭ ދާނަން. އެކަމު ބައްޕަ މި ފޯނުގެ ނަންބަރަކީ ކޮބާތަ؟” މިއާ ބުންޏެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.





Pro akah noon tha liyanee??
Kurin pro ashey buneema..