
އިންތިހާ (ފުރަތަމަ ބައި)
ނޯޓް: މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ. ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެކަމަށް އުއްމީދުކުރަމެވެ.
“ކޮންބައެއް ސަޔަށް ދާނީ.” ޓައިޕްކޮށްލުމަށްފަހު އިނާ ސެންޑްކޮށްލިއެވެ. “ސާބަސް އިނާ. ދެންމެއެންނޫންތަ އޮފީހަށް އައީ؟ މިހާއަވަހަށް ސަޔަށް ދާންވީ؟” ގްރޫޕްގެ އެހެން ބައިވެރިއަކު ފޮނުވާލިއެވެ. “ކޭމާޓް އިނާ.” އަނެއްކާވެސް އެހެން ބައިވެރިއަކު ފޮނުވާލިއެވެ. އެކުވެރިންގެ ސަމާސާ މެސެޖްތަކަށް ބަލަން ހިނިއައިސްފައި އިނާ އިނެވެ. އެއީ މި ވޭތުވެދިޔަ 06 މަސްތެރޭގައި، ކޮންމެ ދުވަހަކުވެސް އޭނާގެ އާދައެވެ. އިނާއަކީ ވިލާ ކޮލެޖުން މާސްޓަރސް ޑިގްރީ ކޯހެއް ހަދަމުންދާ ކުއްޖެއެވެ. އިނާ ކިވަމުންދާ ކްލާހުގައި އުޅޭ ދިހަބާރަ ވަރަކަށް ކުދިންވެގެން ވައިބަރ ގްރޫޕެއް ހަދާފައި އޮންނައިރު އެގްރޫޕްގައި ކިޔެވުމުގެ އިތުރުން އެކުވެރިކަމާއެކު ބަހުސްކުރެވޭ ތަފާތު މަޢުޟޫތަކާއި ބަދަލުކުރެވޭ އެކިއެކި މެސެޖްތަކުން އެގްރޫޕްގެ މެމްބަރުންގެ އުޅުމާއި ގުޅުން އިތުރަށް ބަދަހިވެ، އެކުވެރިކަން އާލާވެގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވިކަމާއެކުގައެވެ. ގުރޫޕް ފެށިގެން އައިއިރު ގްރޫޕްގެ ތެރޭގައި ސަކަމިޒާޖުގެ އަނގަގަދަ މިތުރުންނާއި މަޑުމަޑުން، ލަދުރަކިކޮށް ތިބޭ މިޒާޖުގެ މީހުންވެސް ހިމެނެއެވެ. އެހެންނަމަވެސް، ކޯހުގެ ފުރަތަމަ ސެމިސްޓަރ ނިމިގެންދިޔައިރު، ހުރިހާ އެންމެންހެން ފެނަށް ދިރި، އައުރައްޓެހިން އުފެދި އައުލޯބިވެރިންގެ ޖޯޑުތަކެއްވެސް ވަނީ މިހާރު އުފެދިފައެވެ.
މިހާރު ކޮންމެ މީހަކުވެސް ހެނދުނު ހޭލެވުމާއެކު އެހެން މެމްބަރުންނަށް ހެނދުނުގެ ސަލާމް ބަދަލުކުރަނީ “އެމް.ބީ.އޭ ބަޑީސް” ގްރޫޕްތެރޭގައެވެ. ރޭގަނޑު ނިދުމުގެ ކުރިން އެންމެ ފަހު ކަމަކަށްވެސް އޮންނަނީ ގްރޫޕްގައި ކޮންމެވެސް އެއްޗެއް ބުނެލުމެވެ. އެވަރުންނުވެގެން ހެނދުނުގެ ސައިގަޑީގައި ނުވަތަ މެންދުރުކެއުމަށް ނުވަތަ ހަވީރު ސައި ނޫނީ ރޭގަނޑުގެ ކެއުން އެކަކު އަނެކަކާއެކު ހޭދަކުރުމަކީ މިހާރަކަށް އައިސް ކޮންމެ ދުވަހެއްގެވެސް އާދައެވެ. ކޮންމެ ޓެސްޓަކަށްވެސް ތައްޔާރުވެ، ކިޔަވަނީ ގްރޫޕްގެ އެންމެން އެކުގައެވެ. ޓެސްޓް ނިންމާފައި މާލެވަށާ ބުރެއް ޖަހާލުމަށް ނޫނީ ރޭގަނޑުގެ ކެއުމަކަށް ދިއުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަހަލައެވެ. ދޭތެރެއަކުން ބާބަކިއުހަދަން ހުޅުމާލެއަށް ދިއުން އެއީ އަދި އެންމެ ފޯރީގައި ކުރާ އެއްކަންތަކެވެ.
“ވަރަށް ބަނޑުހައި. ހިނގާދާން” ޕްރައިވެޓްކޮށް އިނާއަށް އައި މެޖެސް ކިޔާލަމުން އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. “ކޮންތާކަށް ދާންވީ؟” އަވަސްއަވަހަށް އިނާ ޓައިޕްކޮށްލަމުން ފޮނުވާލިއެވެ. “އަބަދުވެސް ދާތަނަށް. ސޯ ހައުމެނީ މިނިޓްސް؟” އަނެއްކޮޅުން އައި މެސެޖްގައިވެއެވެ. “އޮން މައި…ވޭ.. ޖަސްޓް ފައިވް މިނިޓްސް” ޖަވާބު ފޮނުވާލަމުން ދަބަސް ކޮނޑުގައި އަޅުވާލަމުން އިނާ އަވަސްވެގަތީ ފަސްމިނިޓް ތެރޭގައި އޭނާގެ މަންޒިލަށް ދިއުމަށެވެ. އޮފީހާ މާދުރުނޫން ހިސާބެއްގައިހުރި “ފުޑްބޭންކް” އަށް ވަންގޮތަށް ސިޑިން އަރައިގެން އިނާ ދިޔައީ އެރެސްޓޯރެންޓްގެ މަތީ ފްލޯއަށެވެ. އޭނާ ދާންވީތަން މާކުރިންވެސް އެނގޭކަހަލައެވެ.
ތަނުގައި މަޑުމަޑު މިޔުޒިކެއް ޖަހާލާފައިވާއިރު މާޙަލުގައި ހިފާފައިވާ އެއަރފްރެޝްނަރގެ މީރުވަހުން ސިނކުނޑިއަށް ތާޒާކަން ގެނުވައެވެ. އެއްފަރާތު ކަނެއްގައި ހުރި ކުޑަ މޭޒުގައި އިށީނދެގެން އިން ޒުވާނާ އަށް ބަލާލަމުން އިނާ ހިނގައިގަތީ އެމޭޒާ ދިމާއަށެވެ. އެޒުވާނާ އިސްޖަހާލައިގެން ފޯނާ ކުޅެން އިންއިރު، އޭނާ އިސްއުފުލާ ބަލައިލީވެސް އިނާގޮސް މޭޒުގައި އިށީނުމުންނެވެ. އެރީތި ހިނިތުންވުމާއި ތޫނު ބެލުމުން ހަމަކޮންމެ އަންހެންކުއްޖެއްގެ ހިތްވެސް ދިވާނާވާނެކަން ޔަޤީނެވެ. ރަސްމީކޮށް ހެދުން އަޅާފައިހުންނަ އިރު އަދި ވަކިން ސްމާޓްހެން ހީވޭއެވެ. އިނާގެ ހިތަންއެރި އެއްޗަކުން އޭނާއަށް ކުޑަކޮށް ހީލެވުނެވެ. “ވަޓް؟؟..” ބުމައަރުވާލަމުން އެޒުނާ ސުވާލުކޮށްލިއެވެ. “ހެހެހެ… ނަތިން…” ލަދު ރަކިގޮތަކަށް އިނާ ބުނެލިއެވެ. “ހެހެހެހެ…. ޔާ… އަރ ޔޫ ޝުއަރ… ” އެއްލޯމަރާލަމުން ލާނެތްގޮތަކަށް އެޒުވާނާ ބުނެއެވެ. އޭނާގެ އެޙަރަކާތުން އިނާގެ ހިތަންއެރި އެއްޗެއް ކިތަންމެ ރަނގަޅަށްވެސް އޭނާއަށް އެނގޭކަން ހާމަކޮށްލި ހަލައެވެ. ހާދަހާ ފޮނި ފިރިހެނެކެވެ. އަދި ވަރަށް ނޭނގޭކަމަށް އެބަ ހެދެއެވެ. އެކަމަކު އަހަރެންގެ ހިތަންއަރާ އެއްޗިހިވެސް އޭނާއަށް އެހާފަސޭހައިން އެނގެނީ ކިހިނެތް ހެއްޔެވެ؟ އިނާގެ ހިތައް އަރަމުން ދިޔައެވެ. ރަނގަޅަށް ބޭޒާރުވުމުން ހަތަރުކަޅި ހަމަކުރަން ނުކެރިގެން އެންމެ ފަހުން އިނާ އިސްޖަހާލިއެވެ. ކުޑަވަގުތުކޮޅަކަށް އެދެޒުވާނުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ. އެވަގުތުގެ ތެރޭގައި އިސްޖަހާލައިގެން އިނާ އިންނަމަވެސް ކުރިމަތީގައި އިން ނާހިދު އިނީ ކަޅިޖަހާނުލާ އިނާ ލޯބި ލޯބި މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. އެއީ ދޮންދޮން މޫނުގައި ވަނީ މަޢުސޫމްކަމާއި އުޖާލާކަމެވެ. އަދި އެމޫނުމަތިން ސިފަވަމުންދިޔައީ އޭނާގެ ހިތުގައިވާ ސާފުސީދާ ލޯތްބެވެ. އިސްޖަހާލައިގެން އިނާ އިނީ ނާހިދުއަށް އޭނާގެ ހިތްފުރެންދެން ބެލުމުގެ ފުރުޞަތު ދީގެން ފަދައެވެ. އިނާ އާއި ނިހާދުގެ ދެމެދުގައި ގޮތްނޭނގޭ ޖަޒުބާތެއް އުފެދި އޭގެ އޮއިވަރުގައި ދެމީހުން އެކަކު އަނެކަކުގެ ހިތާ ނުހަނު ގާތްވެފައިވީނަމަވެސް، އެދެމީހުންގެ ދެމެދުގައި އޮންނަނީ ވަރަށްވެސް އާދަޔާ ޚިލާފު ގުޅުމެކެވެ. އެކަކު އަނެކަކަށް ވާހަކަ ދައްކާއިރު ވަރަށް މަދުން ނޫނީ ހަތަރުހަޅި ހަމަކުރާކަށް ނުކެރެވެ. ހިތް ފުރެންދެން އެކަކު އަނެކަކަށް ބަލަން ބޭނުންވެއެވެ. ކިތަންމެ ގިނަ އިރެއްވަންދެން ބެލިޔަސް ހިތެއް ނުފުރެއެވެ. ދެމީހުންގެ ހިތުގެ ޙާލަކީވެސް އެކައްޗެކެވެ. އެހެންނަމަވެސް ހިތުގެ އަޑަށް އިޖާބަދޭން ދެމީހުންވެސް ފަސްޖެހޭ ކަހަލައެވެ.
ނާހިދަކީވެސް އިނާ އާ އެއްބެޗެއްގައި އެއްކޯހެއްގައި ކިޔަވަމުންދާ ފިރިހެނެކެވެ. މާދޮންނޫނަސް ހިތްދަމައިގަންނަފަދަ ފިރިހެންވަންތަ ހަށިގަނޑެއް ލިބިފައިވާ ސަކަމިޒާޖެއްގެ ވެރިއެކެވެ. އޭނާގެ އެންމެ ފުރިހަމަ އެއްސިފައަކީ އޭނާގެ ރީތި ހިނިތުންވުމެވެ. ނާހިދު ފެނުނު ފުރަތަމަ ދުވަހުންފެށިގެންވެސް އިޚްތިޔާރަކާ ނުލައި އިނާގެ ހިތްވަނީ އޭނާއަށް ފިދާވެފައެވެ. ފުރަތަމަ ކޮޅުގައި އިނާއަށް އެކަން އިޙްސާސް ނުވިކަމުގައިވިޔަސް ފަހުން ފަހުން، އިނާ މަސައްކަތްކުރަނީ ނާހިދުއާ ވީހާވެސް ދުރުން އުޅެވޭތޯއެވެ. ގްރޫޕް މަސައްކަތެއް ޙަވާލުކުރެވުނަސް ކްލާހުގައި އިންނައިރުވެސް ނާހިދުއާ ވީހާވެސް ދުރުން އުޅެވޭތޯ އިނާ މަސައްކަތްކުރެއެވެ. ކިތަންމެ ދުރުގައި އިނަސް އިނާ އިންނަނީ ނާހިދު ފެންނަ ހިސާބުގައެވެ. އެރީތި މޫނަށް ސިއްރުސިއްރުން އިރުއިރުކޮޅާ ބަލާލެވޭ ހިސާބެއްގައެވެ. އެހެންނަމަވެސް، އިނާއުޅެނީ އެކުވެރިންނާއި ކްލާހުގައި އުޅޭ އެހެން އެއްވެސް މީހަކަށް އެކަން އިޙްސާސްނުވާހާވެސް ސިއްރު ސިއްރުންނެވެ.
ދުވަހެއް ދުވަހަކަށް އިނާގެ ހިތުގައި ނާހިދުއަށްޓަކައި ޖަހަމުންދިޔަ ވިންދު ދިޔައީ ބޮޑުވަމުން ކުރިލާ ހެދެމުންނެވެ. ކޯހުގެ ފުރަތަމަ ސެމިސްޓަރ ނިމެންއުޅެނިކޮށް އެހެން ކުއްޖެއްގެ ފަރާތުން އިނާއަށް އެނގުނީ ނިހާދު އަކީ މީހަކާ އިނދެގެން ކުއްޖަކުވެސް ހުންނަ މީހެއްކަމެވެ. އެދުވަސް ވެގެންދިޔައީ އިނާގެ ހިތް ކުދިކުދިވެގެން އެތައްސަތޭކަ ފަހަރު ޒަޚަމްވި ދުވަހަކަށެވެ. ދުނިޔޭގެ ލޯތަކަށް ސިއްރުން އޭނާގެ ހިތުގައި ބިނާކުރަމުންދިޔަ ލޯބީގެ ސާފު ބިއްލޫރީގެ ގަނޑުވަރު ފުނޑުފުނޑުގެ ބިމާ ހަމަވިކަހަލައެވެ. ކްލާހަށް ދާހިތް ކެނޑުނެވެ. ކިޔަވާހިތްވެސް ކެނޑުނެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ކްލާސްތަކަށް ދެވޭތޯ މަސައްކަތްކުރަމުންދިޔައީ ކޮންމެ ޙާލެއްގައިވެސް ކޯސް ފުރިހަމަކުރަން ބޭނުންވާތީއެވެ.
އޭގެފަހުން ކްލާހުގައި އިނާ ހޭދަކުރާ ކޮންމެ ސިކުންތަކީ، އޭނާގެ ހިތުގައި ހެދިފައިވާ ފާރުތަކުގައި ލޮނުމިރުސް އަޅައިގެން އެހިތަށް އެތައް އަނިޔާއެއް ލިބެމުންދިޔަ ވަގުތުތަކަށެވެ. ކްލާހުގަޔާއި ވައިބަރ ގްރޫޕްގައި އުފާވެރި މޫނެއް ދައްކައިގެން އިނާ އުޅެމުންދިޔައީ އޭނާގެ ޙަޤީޤީ މޫނު އެހެން އެންމެނަށްވެސް ފޮރުވައިގެންނެވެ. އެހެން އުޅޭއިރު، ނާހިދުގެ ފަރާތުން މަދުން ނަމަވެސް އިނާއަށް ރައްދުވާ ސަމާސާ ބަސްތަކުން އިތުރަށް އިނާގެ ހިތައް ތަދުކުރަމުންދިޔައެވެ. ނާހިދުވެސް އިނާއާ ދޭތެރޭގައި ބަހައްޓަމުންދިޔަ ގާތް އެކުވެރިކަމާއި، ބަލާ ބެލުންތަކުން އިނާގެ ހިތުގައި ނުބައި މެސެޖެއްގެ ހުޅުކޮޅު އުފެދި އެހުޅުކޮޅު ބޮޑުވަމުންދިޔައެވެ. އަދި އޭގެ ދިލަ ހޫނުން އިނާގެ ހިތާއި މޭ ފިއްސަމުން ދިޔައެވެ.
މިއިން އެއްވެސް ކަމެއް ނޭނގޭ ޙާލުގައި ނާހިދުގެ މިޒާޖަކަށް ބަދަލެއް ނާދެއެވެ. ދުވަހެއް ދުވަހަކަށް އިނާއާ ކުރާ ސަމާސާތައް ވިހަވަމުން ދިޔައެވެ. އެންމެ ފަހުން ނާހިދު އިނާއަށް ފޯނުން ގުޅަން ފެށިއެވެ. އެންމެ ފުރަތަމަ ދުވަހު އިނާއިނީ ޤަބޫލުކުރަން ދަތިވެފައެވެ. ކުރުކުރު ކޯލްތައް މަޑުމަޑުން ދިގުވާން ފެށިއެވެ. ނާހިދު ގުޅާ ހަދަނީ ކިތަންމެ މަދުން ކަމުގައިވީނަމަވެސް، އެކޯލްތައް ދިގުވެގެން ގަޑިއިރަށް ދެމިގެން ދާން ފެށިއެވެ. ނާހިދުގެ ކޮންމެ ކޯލަކަށް އިނާއަށް އިޖާބަދެވެމުން ދިޔައީ ނާހިދުއަކީ މީހެއްގެ ފިރިއެއްކަން އެނގިހުރެވެސް މެއެވެ. ލޯބި ނުލިބުނަސް ކުޑަމިނުން އެކުވެރިކަން ބާއްވަން އިނާ ބޭނުންވާތީއެވެ. ނާހިދު ދެކެ ވާ ލޯތްބެއްގެ ސަބަބުން ހިތުގެ މައްޗަށް އިނާއަށް އެއްވެސް ބާރެއް ނުފޯރުވުނެވެ.
ނާހިދުގެ ފަރާތުން ލިބޭ ކޮފީގެ ދަޢުވަތުތަކާއި ކެއުމުގެ ދަޢުވަތުތައް އިނާ އުފަލާއެކު ޤަބޫލުކުރަމުން ދިޔައެވެ. އެގޮތުން ދެމީހުން ދިމާވާ ވަގުތުތައް ގިނަވެ، އާދަވެގެން ހެނދުނުގެ ސައި އޮންނަނީ ދެމީހުން އެކުގައެވެ. ދެމީހުން އެކީގައި ކިތަންމެ ވަގުތެއް ހޭދަކުރެއެވެ. ކިތަންމެ ކަމެއްގައި ޚިޔާލު ބަދަލުކުރެވެއެވެ. އެކަކު އަނެކެއްގެ ޢަމަލުން އެކަކު އަނެކަކަށްޓަކައި ކުރާ އިޙްތިރާމާއި ހިތުގައި ދެވިފައިވާ ޤަދަރު ހާމަކޮށްދެއެވެ. އެހެންނަމަވެސް، މިވީހާތަނަށް އެދެމީހުންވެސް އެކަކުއަނެކެއްގެ އިޙްސާސްތައް ކުޑަމިނުން ނުސީދާގޮތަކަށްވެސް ހާމައެއް ނުކުރެއެވެ.
މީހެއްގެ ފިރިއެއްކަން އެނގިހުރެވެސް ނާހިދުއާއެކު ވަގުތު ހޭދަކުރުމުން އިނާއަށް އިޙްސާސްވަނީ އޭނާދެކެ އިންތިހާއަށް ލޯބިވާ ޙަޔާތުގެ ބައިވެރިޔަކާއެކު އުޅެވޭކަމުގެ އިޙްސާސެވެ. ނާޙިދުއާއެކު ދިރިއުޅުމުގެ ފޮނިމީރުކަން ކޮންމެވެސް ދުވަހަކުން ލިބޭނެކަމަށް އުއްމީދުކޮށް އެހުވަފެންތައް ތާއަބަދު ނިހާ ދެކެމުން ދިޔައެވެ.
“މީ… ނާހިދު މިއަދު ވަރަށް ބިޒީތަ؟” ނާހިދު ބަލާކަން އެނގޭތީ އުނދަގޫވެގެންއިދެ އުނދގުލުން އަޅަ އަޅައިގަންނަމުން އިނާ ވާހަކަ ދައްކަން ފެށިއެވެ. “ނޫން… އެހާ ބިޒީއެއް ނޫން. ކިހިނެތްވީ. ކަމެއް އޮތީތަ؟” އޭނާގެ ކުރިމަތީގައި އިނާއަށް އެވާގޮތް ފެނުމުން ނާހިދު ގާތަށް ހިނިއައި ނަމަވެސް އެކަން ސިއްރުކުރަމުން މަޑުމަޑުން ޖަވާބުދިނެވެ. “ހޫމް..” އިނާ މަޑުމަޑުން ހޫމް އަޅުވާލިއިރު އިނީ އިސްޖަހައިގެންނެވެ. އެހިސާބުން އޯޑަރުކޮށްފައިވާ ކާއެއްޗިހި ހިފައިގެން ވޭޓަރު އައުމުން އިނާ އިސްއުފުލާ ބަލާލީ ނާހިދަށެވެ. ނިހާ އައުމުގެ ކުރިން ނާހިދު ހުރީ އޯޑަރުކޮށްފައެވެ. އެއީ މިހާރަކަށް އައިސް އާދައެވެ. އިނާއަށް މީރު އެއްޗިހި ނާހިދުއަށް އެނގެއެވެ. ކޮންމެ ދުވަހަކު އެއްތަނަކަށް ކާން ގޮސް ގޮސް މިހާރު އެތަނުގެ މުވައްޒަފުންގެ ފޭވަރިޓް ކަޕަލްއަކީ އިނާއާއި ނާހިދުއެވެ. އެދެމީހުން އެކަކުއަނެކަކަށް އެހާ އެނގޭއިރު އެގުޅުން ކުރިއަށް ނުގެންދެވެން ނެތީ ކީއްވެހެއްޔެވެ؟ އިނާގެ ހިތަންއެރިއެވެ. އެއާއެކު މާޔޫސްކަމެއް އޭނާގެ މޫނުމައްޗަށް ވެރިވެގެން ދިޔައެވެ. ނާހިދުއަށް އެކަން ހަމަ ރަނގަޅަށްވެސް ނޯޓިސް ކުރެވުނެވެ. ސީދާ އިނާގެ ލޮލަށް ބަލަހައްޓައިގެން އިނދެ ބުމަ އަރުވާލަމުން ކިހިނެތްވީތޯ ނާހިދު ސުވާލުކޮށްލިއެވެ. “ކަމެއް ނުވޭ” އަވަސް އަވަހަށް އިސްޖަހާލަމުން އިނާ ޖަވާބުދިނެވެ. ވޭޓަރު ތަށިތައް އަތުރާ ނިމެންދެން ނާހިދު އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އިނެވެ. “އާރ.. ޔޫ.. އޯކޭ” ވޭޓަރު ހަމަ ދިއުމާއެކު މޭޒުމަތީގައި އޮތް އިނާގެ އަތުގައި ހިފާލަމުން ނާހިދު ސުވާލުކުރިއެވެ. ތެޅިގެންފައި އިނާއަށް ބަލައިލެވުނީ ނާހިދު ހިފަހައްޓާލައިގެން އިން އަތަށެވެ. މިކަން އެނގިގެން ނާހިދު ކުރިކަމަކީ އެމަޑުމަޑު އަތްތިލައިގައި ދެއަތުން ހިފާލަމުން އިތުރަށް އެއަތްތިލަ އޭނާގެ އަތުތެރޭގައި ގައިދުކޮށްލީއެވެ. އޭރު ނިހާއަށް އިނދެވުނީ ނާހިދުގެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. ޙައިރާންކަން އެކުލެވިފައިވާ ބެލުމަކުން އިނާ ނާހިދުގެ މޫނަށް ބަލަންއިނީ އެފަދަ ޙަރަކާތެއް މިހާތަނަށް ނާހިދުގެ ފަރާތުން ފެނިފައިނުވާތީއެވެ. “ބުނެ ބަލަ… ޔަޤީންތަ ހުރިހާކަމެއް ރަނގަޅުކަން. ނޫނީ އިނާ މަށަށް ކަމެއް ސިއްރުކުރަނީތަ؟” ނާހިދު އަނެއްކާވެސް ސުވާލުކޮށްލިއެވެ. އޭރުވެސް އޭނާއިނީ އިނާގެ އަތުގައި ހިފަހައްޓާލައިގެން އެއިންގޮތަށެވެ. “ނޫން…” މަޑުމަޑުން ނާހިދުގެ އަތުތެރެއިން އަތްދަމައިގަންނަން މަސައްކަތް ކުރަމުން އިނާބުނެލިއެއްޗެއްގެ އަޑު ކިރިޔާ އިވޭވަރުވާކަމެވެ. އެހެންނަމަވެސް، ނާހިދު އެއަތުން ދޫކުރާކަށް ނޫޅެއެވެ. އިތުރަށް އެއަތުގައި ބާރަށް ހިފައި ފިތާލައިގެން ހަމަ އިނީއެވެ. “އެހެންވިއްޔާ ސައިބޯން ފަށާބަލަ. އިނާގެ ކޮފީ ހިހޫވެދާނެ. އަނެއްކާ މިއަދުވެސް ވޭޓަރުކުއްޖާ ފަކީރަށްޖެހޭނީ އިނާގެ ކޮފީ ހޫނުކޮށްގެން އަލުން ގެންނަން.” ނާހިދު އޭނާގެ ސަކަމިޒާޖުގައި ބުނެލިއެވެ. “ހެއް..ހެއް..ހެއް..” އެއާއެކު އެކަކު ދެމީހުންނަށްވެސް އެއްފަހަރާ ހީގަނެވުނެވެ.
“އަސްލު އަހަރެން ބޭނުމީ އެސައިންމަންޓްހަދަންވެގެން ނާދުގެ ހެލްޕެއް” ނާހިދުއަށް އޭނާގެ ގާތް ރައްޓެހިން ކިޔަނީ ނާދުކަމަށްވާތީ އިނާވެސް މިހާރު ކިޔަނީ އެހެންނެވެ. “ކޮންކަހަލަ ހެލްޕެއް ބޭނުންވަނީ. އެނީތިންގ ފޮރ ޔޫ. އެނީ ޓައިމް.” ފަހު ޖުމްލަ ނާހިދު ބުނެލީ ކޮންމެ އަކުރަކަށް ބާރުލަމުން ލަސްލަހުންނެވެ. ނާހިދުގެ އެފަދަ ޖުމްލަ ތަކުން އިނާގެ ހިތަށް ފޮނި ފޮނި އިޙްސާސްތަކެއް ކުރެވެއެވެ. އެންމެ ބޭނުންވަނީ ނާހިދުގެ ދުލުން ލޯބިވެޔޭ ބުނާ އަޑުއިވުމެވެ. އެހެންނަމަވެސް އެއީ ދުވަހެއްގެ ކޮޅުންވެސް ވާނެކަމެއް ނޫންކަން އިނާއަށް އެނގެއެވެ.
ތަފާތު ވާހަކަ ތަކުގައިތިބެ ސައިބޮއެ ނިމުނުއިރު ދެމީހުންނަށް އެއްބަސްވެވުނީ އެސައިންމަންޓް ހަދަން ހަވީރު ކޮލެޖުން ދިމާވުމަށެވެ. އެގޮތުން ދެމީހުނަށްވެސް ދެމީހުންގެ އެސައިންމަންޓްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިތުރުން ނޭނގޭ އެއްޗިހި އެކަކު އަނެކަކު ކައިރިން އޮޅުން ފިލުވިދާނެތީއެވެ
—————————————————-
އެއްބަސްވެފައިވާ ފަދައިން އިނާ އާއި ނާހިދު ދެން ދިމާވީ ހަވީރު ކޮލެޖުންނެވެ. ނާހިދު ކޮލެޖަށް ދިޔައިރު މާކުރިން އިނާއިނީ ގޮސް އޭނާގެ އިންތިޒާރުގައެވެ. “ހާދަ ލޯބި އޭ” އިނާގެ ދިމާކުރިމަތީގައި ހުރި ގޮޑީގައި އިށީންނަމުން ކުޑަކޮށް ކުރިމައްޗަށް ގުދުވެލާފައި ނާހިދު ބުނެލިއެވެ. ލަދުންގޮސް އިނާގެ މޫނަށް މަޑުރަތްކުލައެއް ވެރިވެގެން ދިޔައެވެ. މަޑުފިޔާތޮށިކުލައިގެ ޝޯލްއެއްގައި އިނާ ރަސްމީ ހެދުމެއްގައި އިންއިރު ވަރަށް ތަފާތުހެން ނާހިދުއަށް ހީވިއެވެ. ހީވާގޮތުން އިނާ އެތަނަށް އެއީ އޮފީހުން ގެއަށްވެސް ނުގޮސް ސީދާ އެތަނަށެވެ. ލާނެތް ގޮތަކަށް ހީލަމުން ނާހިދު ގޮޑީގައި އިށީނދެ ހަމަޖެހިލިއެވެ. އޭގެފަހުން ވޭތުވެގެންދިޔަ 01 ގަޑިއިރުގެ ތެރޭގައި ނާހިދު އިނާއަށް އެސައިންމަންޓް ކުރިއަށް ގެންދާނެގޮތާއި ހިމަނާނެ ކަންކަން ވަކިވަކިން ކިޔައިދީ އޮޅުފިލުވައިދިން އިރު ހީވަނީ ހަމަ އަސްލު ޓީޗަރަކު ކްލާހެއް ނަގައިދޭ ހެންނެވެ. އިނާވެސް ނާހިދު ކިޔައިދިން ކަންތައްތައް ނޯޓްކުރަމުންދިޔައެވެ. ފުދޭވަރެއްގެ ސީރިޔަސް މާހައުލެއްގައި ވަގުތު ހޭދަވި ގޮތެއްވެސް ނޭނގި އެދެމީހުންނަށްވެސް ތިބެވުނީ ކުރަންތިބި ކަމަށް މާބޮޑަށް ޝައުޤުވެރިކަން ދީގެން ތިބުމުގެ ސަބަބުންނެވެ. “އޯކޭ. ނައު އައި ނީޑް އަ ބްރޭކް. ހިނގާ ކޮފީއެއް ބޯލަން.” ގޮޑީގައި ރަނގަޅަށް ހަށިގަނޑު ދަމާލަމުން ނާހިދު ބުނެލިއެވެ. އެޚިޔާލު އިނާއަށްވެސް ވަރަށް ކަމުދިޔައެވެ. ދެމީހުންގެ ފޮތްތަކާއި ދަބަސް ކުޑަކޮށް ރީތިކޮށްލަމުން ލައިބްރޭރިއަން ގާތުގައި އެތަކެތި ކުޑަކޮށް ބަލާލާށޭ ބުނެލާފައި ދެމީހުން އެކުގައި ނުކުތީ ކޮފީއަށެވެ.
ކޮލެޖާއި ދާދި ކައިރީގައި ހުރި ކެފޭއަކަށް ގޮސް އެތަނުގައި 20 މިނިޓް ހޭދަކުރުމަށްފަހު ދެމީހުން އަނެއްކާވެސް އެނބުރިއައިސް ވަނީ ކޮލެޖަށެވެ. އޭރު ލައިބްރަރީ ތެރޭގައި ގިނަ ޢަދަދެއްގެ ކުދިންތަކެއް ވަދެގެން ތަނުގެ މާޙަލުއު އޮތީ ވަރަށްބޮޑަށް ހަލަބޮލިވެފައެވެ. އިނާއާއި ނާހިދުއަށްއަށްވެސް ފެނުނީ ކޮމްޕިއުޓަރ ލެބަށްގޮސް އެތަނުގައި ކުރިން ޑިސްކަސްކުރި ކަންކަން ހިމަނައިގެން އެސައިންމަންޓް ހެދުމަށް އިތުރު ގަޑިއެއްހައި އިރު ހޭދަކޮށްފައި ގެއަށް ދާގޮތަށެވެ. އެސައިންމަންޓް ޑިއުވާން އެންމެ 2 ދުވަހަށް ވެފައިވާތީއާވެސް އެކުގައެވެ. ދެމީހުންވެސް ފޮތްތައް ނަގައިގެން ހިނގައިގަތްއިރު އެތަނުގައި ކޮމްޕިއުޓަރ ލެބްގައި ތިބެންޖެހޭނީ ދެމީހުން އެކަނި ކަމަށްވާތީ އިނާގެ ހިތުގެ ވިންދު އަވަސްވެ، ބާރު ބާރަށް ހިތް ތެޅެމުން ދިޔައެވެ. އެހެންނަމަވެސް އޭނާ ހުރީ މޫނުމަތިން ހަމަޖެހޭގޮތް ދައްކައިގެންނެވެ.
އެތަނަށް ދެވުމުން، މާގިނަ ވާހަކަތަކެއް ދެއްކުމެއްނެތި ދެމީހުންވެސް ފެށީ އެސައިންމަންޓް ހެދުމުގެ މަސައްކަތެވެ. ޖެހިޖެހިގެން ހުރި ދެ ކޮމްޕިއުޓަރުގައި ދެމީހުންވެސް މަސައްކަތް ކުރަމުންދިޔައިރު އެކަކު އަނެކަކަށް އަނގައިން ނުބުނާތީ ތަނަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. ކިތަންމެ ނޫންކަމަށް ހަދައިގެން އިނަސް އިނާއަކަށް އޭނާ ކުރަން އިން މަސައްކަތާ ވެގަނެގެން މަސައްކަތް ކުރިއަކަށް ނުގެންދެވެއެވެ. އިރުއިރުކޮޅާ ނާހިދުގެ މޫނަށް ބަލާލައެވެ. ނާހިދުއަށް ހުރިހާ ކަމެއްވެސް އެނގިހުރެ ހަމަ އެނގޭކަމަށްވެސް ހަދާނުލައި މަޑުމަޑުން އިނދެ މަސައްކަތް ކުރަމުން ދިޔައެވެ. 20 މިނިޓް ހޭދަވުމަށްފަހު ނާޙިދު މަޑުމަޑުން އިނާއަށް ގޮވާލިއެވެ. “ހޫހޫމް..” އިނާ ހޫމް އަޅުވާލީ ހުވަފެނެއްގައި އިން މީހަކު ފަދައިންނެވެ. “ދެން ހާދަ އުނދަގުލޭ. އެހާ އަޑުމަޑުވީމަ.” ނާހިދު ބުނެލިއެވެ. އިނާގާތަށް ހިނިއައިނަމަވެސް އެކަން ނާހިދުއަކަށް ނާންގައެވެ. “ވާހަކަ ދައްކަންޏާ ކިހިނެތް ޓައިޕްކުރާނީ. އައި ނީޑް ޓު ކޮންސެންޓްރޭޓް”. އިނާ ބުނެލިއެވެ.
“އޯކޭ” އޭ ބުނެލާފައި ނާހިދު ފެށީ އަނެއްކާވެސް މަސައްކަތް ކުރިއަށް ގެންދެވޭތޯއެވެ. އެހެންނަމަވެސް، އޭނާއަށް އުނދަގޫވަމުން ދިޔައީ ކީއްވެގެންކަމެއް ނޭނގެއެވެ. އަނެއްކާވެސް އިނާއަށް ގޮވާލިއެވެ. “އިނާ”. ނާހިދު ގޮވާލުމުން ޖަވާބު ދިނުން ކުޑަކޮށް ލަސްވި ނަމަވެސް “ކީކޭހޭ” ކިޔާފައި ނާހިދުއާ ވީފަރާތަށް އިނާއެނބުރުނުއިރު ދާދިގާތުން ނާހިދުގެ މޫނުފެނި އޭނާ ދިޔައީ ސިއްސައިގެންނެވެ. އެހާކައިރިން ނާހިދުގެ މޫނު ފެނުމުން ބުނަންއުޅުނު އެތިވެސް އިނާ ހަނދާން ނެތުނު ކަހަލައެވެ.
ނާހިދުއަށްވެސް ވީ ހަމަ އެފަދަ ގޮތެކެވެ. އެކަކު އަނެކެއްގެ މޫނާމޫނު ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި، އެކަކު އަނެކެއްގެ ސީދާ ލޮލަށް ބަލަހައްޓައިގެން ކުޑަ ހިނދުކޮޅަކަށް ހުއްޓުން އަރާފައި ތިބެވުނީއެވެ. ކުއްލިއަކަށް އިނާގެ މޫނުގައި ދެއަތުން ހިފާލަމުން ކުރިއަށްވުރެ ބޮޑަށް ކައިރިވެވުނީ ކީކޭ ހިތައް އަރައިގެންކަމެއް ޚުދް ނާހިދު އަކަށްވެސް ނޭނގެއެވެ. މީހާރު ދެމީހުނަށް ތިބެވުނީ ދެމީހުންގެވެސް ނޭވާގެ ހޫނުކަން އިޙްސާސްކުރެވޭހާވެސް ކައިރީގައެވެ. ކުރެވެމުނދިޔަ ފޮނި އިޙްސާސްއަކުން އިނާއަށް ލޯމަރާލެވުނީ އިތުރަށް ކުރިއަށް ގެންދާށޭ ބުނެ ނާހިދުއަށް ދަޢުވަތުދެމުން ކަހަލައެވެ. ނާހިދު މަޑު މަޑުން އިނާގެ ތުނިތުނި ތުންފަތުގައި ބޮސް ދިނެވެ. އެއްފަހަރު ބޮސް ދިނުމުން އިތުރަށް ހިތް އެކަމަށް ބޭނުންވިއެވެ. އެއާއެކު ދެވަނަ ފަހަރުވެސް ބޮސް ދިނެވެ. އެއަށްފަހު ތިންވަނަ ފަހަރު އަދި ހަތަރުވަނަ ފަހަރުއެވެ. އޭރުވެސް އިނާ އޭނާގެ ލޮލެއް ނުހުޅުވައެވެ. އެހެންނަމަވެސް އޭނާގެވެސް ދެއަތްވަނީ ނާހިދުގެ ކަނދުރާއާއި ވަށާލެވިފައެވެ. އޭނާގެ އެޙަރަކާތުން އޭނާވެސް އެކަމަށް ބޭނުންވެފައިވާ މިންވަރު ހާމަވެގެން ދިޔައެވެ. އޭރު އޭނާގެ ދެ ތުންފަތުގައި މަޑުމަޑު ތުރުތުރުލުމެއް ވީތަން ނާހިދުއަށް ފެނުނެވެ. ނާހިދު އަނެއްކާވެސް ބޭނުންވީ އެތުންފަތުގެ މީރުކަން ލިބިގަތުމަށެވެ. އެހެންނަމަވެސް، އޭނާ ޙައިރާން ކޮށްލާފައި މިފަހަރު އޭނާއަށްވުރެ ކުރިން އިސްނެގީ އިނާއެވެ. އެއާއެކު ދީވާނާ ވެފައިވާ ދެމީހުންފަދައިން އެދެމީހުންގެ ދެމެދުގައި ދިހަވަރަކަށް މިނިޓް ހޭދަވެގެންދިޔައިރު އެތަނުގައި ކެމެރާ ހަރުކުރެވިފައިވާކަންވެސް އެދެމީހުން ހަނދާން ނެތްކަހަލައެވެ.
ދެމީހުންވެސް ނޭވާކޮޅަށް އެޅުމުން ކުޑަކޮށް ދުރުވެލިއެވެ. އެހެންނަމަވެސް ނާހިދު އިނާގެ މޫނުން ދޫކޮށްލީ އަދިވެސް އެއްފަހަރު ލަސްލަހުން ދެފަހަރަކު އެތުންފަތުގައި ބޮސްދިނުމަށްފަހު އަދި އިނާގެ ނިތްކުރީގައި ބޮސްދިނުމަށްފަހުގައެވެ. ނާހިދުހެ އެޢަމަލުން އިނާއަށް އިޙްސާސްވީ އިންތިހާ ދަރަޖައިގެ އޯގާތްތެރިކަމާއި ލޯތްބެވެ. އިނާގެ އިތަށް ލިބިފައިވާ ހިތްހަމަޖެހުމާއި އުފާ އޭނާގެ މޫނުމަތިން ކިތަންމެ ވަރަކަށްވެސް ހެކިދެއެވެ. ދުލުން އިޒުހާރު ނުވިކަމުގައިވިޔަސް ނާހިދުގެ ހިތުގައި އިނާއަށްޓަކައި ވާ އިޙްސާސް މިއަދު ހާމަވެގެން ހިގައްޖެއެވެ. އިނާ އިނީ ލަދުން އިސްޖަހާލައިގެންނެވެ. ދެންމެ ވީކަންތަކާގުޅިގެން ނާހިދުގެ ހިތައް ނުބައި އެއްޗެއް އަރާފާނެކަމަށްޓަކައެވެ. ނާހިދުގެ ޙާލަކީވެސް ހަމަ އެއީއެވެ. “ސޮރީ”. ނާހިދު ބުނިއަޑުއިވުނެވެ. “ސޮރީ އިނާ”. ސޮރީ ވަރަށްބޮޑަށް.” ތަންކޮޅެއް ބާރަށް އިނާއަށް އަޑުއިވޭވަރަށް ނާހިދު ބުނެލިއެވެ. ކުރިންވެސް ނާހިދު ބުނި އެއްޗެއްގެ އަޑު އިނާއަށް އިވުނެވެ. ނީވުނީކީއެއް ނޫނެވެ. އެހެންނަމަވެސް އޭނާ އެއިނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ. އިނާގެ އެހަމަހިމޭންކަން ނާހިދުއަށް ނަގައި ގަނެވުނީ މުޅިން އެހެން ގޮތަކަށެވެ. “ޕްލީސް އިނާ! އަހަރެން ގަސްތުގައެއްނޫން. ވަރަށްބޮޑު މިސްޓޭކެއް މި ހެދުނީ. އަހަންނަށް މަޢާފްކުރޭ.”
4 Comments!
Comments are closed.
Nimehdhen genes dheveynebaa baraabarah up kuraane kamah uhmmeed kurah up kuraa date thah ahgaalinyaa v ragalhu. Rythi vaane heh hyvey…..
Story is nice. I really hope that you continue to upload the story..
Anway Good luck..
☺☺☺☺
Vrh rythi feshumeh….hyvey vrhrythivaaney..bst of luck…..whn nxt prt
Koba aneh bai? Plz continue…