މިވާހަކަ އަކީ ބިރުވެރި / ރޫހާނީ ކަންކަން އަދި ލޯބި އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ ވާހަކައެކެވެ. މިވާހަކައިގައި ހިނގާފައިވާ ބައެއް ކަންކަމަކީ އިހުޒަމާނުގައި ހިނގާފައިވާ ހަގީގީ ކަންކަމެވެ. ވާހަކައިގައި ގެނެސްދީފައި ވާނީ އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ އަމިއްލަ ވިސްނުމަކަށެވެ. ހަމައެހެންމެ ވާހަކައިގައި ހިނގާފައިވާ ބައެއް ކަންކަމަކީ ހިޔާލީ ކަންކަމެވެ.
ވާހަކައިގެން ކުރިއަށް ދިޔުމުގެ ކުރިން ވިދާޅުވެލައްވާށެވެ.
ޖިންނީންގެ ހަގީގަތަކީ އެކި ހިއްސުތަކުން ޔަގީންކުރެވި ލޮލުން ދެކި އަތުންހިފެމުންދާ ބޮޑު ހަގީގަތެކެވެ. ޖިންނި ޝައިޠާނުން އިންސާނުންނަށް ގޯނާކޮށް އިންސާނުންނަށް ބަލި ޖައްސައި، އެމީހުންގެ މުދަލާއި ދިރިއުޅުމަށް ގެއްލުން ލިބުމުގެ ކުޅަދާނަކަން މާތްﷲ އެސޮރުމެންނަށް ވަނީ ދެއްވާފައެވެ. އިންސާނުންނަށް ވަސްވާސް ދިނުމާއި ބާރު ފޯރުވުމާއި ހަނދާން ނެއްތުވުމާއި މޮޔަކުރުމާއި ލޮލަށް ފެންނަ ގޮތް ބަދަލުކޮށް އަޑަށް ބަދަލު ގެނައުމާއި ޖިސްމާނީ އަނިޔާ ދިނުމާއި ގުނަވަން ވާކުރުމާއި އިންސާނުންގެ މުދަލުން ވައްކަންކުރުން ފަދަ ކަންކަން ކުރެއެވެ. ޖިންނީންނަށް މިފަދަ ބާރުތައް ދެއްވާފައި ވީނަމަވެސް މިއީ އިންސާނުންނަށް ރައްކާތެރިކަން ނުހޯދި ބަލިކަށިވެގެންދާނެ ކަންކަމެއް ނޫނެވެ.
މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ، ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
ފުރަތަމަ ބައި
ނިދާފައި އޮތް ހަ މަހަށް ދާ ދަރިފުޅަށް ބަލައިލުމަށްފަހު މިއާ އެނދުން ތެދުވިއެވެ. ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރެއިން އެއްވެސް އަޑެއް ނީވެއެވެ. މިއާ ތެދުވެގެން ގޮސް އިށީނީ ލޯގަނޑު ކުރިމަތީގައެވެ. އެއްފަރާތުގައި ހިތެއްގެ ބައްޓަމަށް ހުރި ކަލަންޑަރު އޭނާ ނެގިއެވެ. މިއަދު މިއީ އެދުވަހެވެ. އެގުޅުމަށް އިތުރު އަހަރެއް ވީ ދުވަހެވެ. ފަނޑު ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. އެހެންނަމަވެސް އެ ހިނިތުންވުން އޭނާގެ ހިތާ ހަމައަށް ނުފޯރިއެވެ. ހިތުގައި ރިހުމެއް އުފެދުނެވެ. އެންމެފަހަރަކު ވެސް އެ ސޫރަ ފެންނާނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ. އެކަމަކު އެއީ ނުވާނެ ކަމެއްކަން އޭނާ އަށް އެނގެއެވެ. ކޮޓަރި ދޮރު ލައްޕައިލުމަށްފަހު އޭނާ ބޭރަށް ނިކުތެވެ. ކާގެ އާއި ބަދިގެ ހުރީ ގުޅުވާލާފައެވެ. ދެ ބުރިއަށް ނަގާފައިވާ ތަނަވަސް އިމާރާތެކެވެ. އެއީ ނޫޔަން އޭނާ އަށް ކޮށްދިން މަސައްކަތެވެ. ނޫޔަން އޭނާދެކެ ވާ ހަގީގީ ލޯބީގެ ރަމްޒެއްގެ ގޮތުންނެވެ. މައިންބަފައިންގެ ދިރިއުޅުމަށް ލުއިފަސޭހަ ކަމެއް ގެނެސްދިން މީހަކީ ނޫޔަން އެވެ. އެއީ އޯގާތެރިއެކެވެ. ކާ މޭޒު ކައިރީގައި ހުއްޓިގެން ހުރި މަންމަ އަސްމާ އޭނާ އަށް ފެނުނީ ހުޅުވާފައި ހުރި ކުޑަދޮރުންނެވެ. އޭނާ މަޑުމަޑުން އެދިމާލަށް ހިނގައިގަތެވެ. ކާގެ އަށް ވަދެ އަސްމާގެ ފަހަތުގައި އޭނާ ހުއްޓުނެވެ. އަސްމާގެ ކޮނޑުގައި މިއާ އަތް ޖައްސާލިއެވެ. އެއާއެކު އަސްމާ ސިހުނެވެ.
“ކިހިނެއްވެފަ” މިއާ އަހާލިއެވެ. އަސްމާ ހުރީ ހަރަކާތް ހުއްޓިފައި ހުރި ކަހަލަ ގޮތަކަށެވެ.
“ކަމެއްނުވޭ. އެމަންޖެ ނިދީތަ؟” އަސްމާ އައިސްއަލަމާރި އާ ދިމާލަށް ހިނގައިގަތެވެ.
“މަންމަ އެމަންޖެ ބަލާލައްޗޭ. ހޭލައިފިއްޔާ ގުޅާލާ. އެބައަންނަން” މިއާ ބުންޏެވެ.
“ވައްލަ އަށްތަ؟ މިހާރު އެތަނަކީ އޮޅިގެންވެސް މިރަށު މީހަކު ދާތަނެއްނޫން. ދަރިފުޅު ހަނދާންނެތުނީތަ؟” އަސްމާ ވާހަކަދެއްކިއެވެ. މިއާ އަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ދެލޮލުން މިއާއަށް ޓަކައި ކަންބޮޑުވުން ހާމަވާން ހުއްޓެވެ.
“އަޅުގަނޑު ކިހިނެއް ހަނދާންނެތޭނީ. ދުވަހަކުވެސް ނުނެތޭނެ” މާޒީގެ ތެރެއަށް މިއާގެ ހިތާއި ސިކުނޑި ދަތުރުކޮށްލަން ތައްޔާރުވިއެވެ. “ވަރަށް އަވަހަށް އަންނާނަން. މިއޮތީ ފޯނުވެސް. ކަމެއްވިއްޔާ ގުޅާނަން” މިއާ ދޮރާއްޓާ ދިމާލަށް ދުއްވައިގަތެވެ.
އިހަށް މަޑުކޮށްބަލަ. ކޮބާ ނޫޔަން؟ މިއަދު އަންނާނަމޭ ބުނިތަ؟”
“އަދި މިއަދު ނުގުޅާ. ރޭގަ ބުނި އަންނަ ވާހަކަ” މިއާ ހިނގައިގަތެވެ.
އަސްމާ ދެފަރާތަށް ބޯ ހޫރާލިއެވެ. މިއާ ގެ ދިރިއުޅުން ހަމަޖެހިފައި އޮތީ ރާއްޖެއިން ބޭރުގައެވެ. ރަށަށް އައުމަށްފަހު ގޭތެރޭގައި މިއާ ނުހިފެހެއްޓޭނެކަން އޭނާ އަށް އެނގެއެވެ. އަސްމާގެ ހިތުގައި ކަންބޮޑުވުމެއް އުފެދުނެވެ. ޖެހިލުންވިއެވެ. އޭނާ ގެ މާޒީގައި ކުރިމަތިލާންޖެހުނު ވަރުގަދަ ތޫފާނުގެ އަސަރު މިއާ ގެ ހަޔާތަށް ވެސް ވަނީ ފޯރާފައެވެ. މިއާ އެވަނީ މަރުގެ ތުންފަތްމަތިން ކިރިޔާ ސަލާމަތްވެފައެވެ. އެ ކުޅިގަނޑު އަދިވެސް ނުނިމޭނެކަން އަސްމާ އަށް އެނގެއެވެ. މިއާ ސަލާމަތްކުރެވުނީ ހަމަކިރިޔާއެވެ. އަސްމާގެ މާޒީގައި ހިނގާފައިވާ ކަންތައްގަނޑަށް ޒަމާންތަކެއް ފާއިތުވެފައި ވިޔަސް އަދިވެސް އޭނާ އަށް އުނދަގޫތަކެއް ވެއެވެ. ރޫހާނީ ކަންކަން ލޮލަށް ނުފެންނަކަން އެކަންޏެވެ. ރޫހާނީ ކަންކަމާ ގުޅޭ އެހެން ކަންކަން އޭނާ އަށް ފެނެއެވެ. މިއަދު ވެސް މިއާ ކާގެ އަށް އައިރު އޭނާ ހުއްޓިފައި ހުރީ އެފަދަ މަންޒަރެއް ލޮލަށް ފެނިގެންނެވެ. ބަތް ކަހަނބު ހިފައިގެން މޭޒާ ހަމައަށް ނާދެވެނީސް މުށިތަކުގެ މައްޗަށް ވެއްޓިއްޖެއެވެ. ކަހަނބު ފުނޑުފުނޑުވެގެން ދިޔަ ބާރު އަޑުފަށްގަނޑުގެ ސަބަބުން އޭނާ ދެކަންފަތުގައި އަތް އެޅިއެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ އަޑު މަޑުވުމުން އޭނާ ތިރިއަށް ބަލައިލިއެވެ. ދިމާ ސީދަލަށް ބަތް ކަހަނބު ހުއްޓެވެ. އެއްޗެއް ވެއްޓުނުކަމުގެ ނިޝާނެއް ފެންނަން ނެތެވެ. އޭނާ ބަތްކަހަނބު ނަގާ މޭޒުމަތީގައި ބެހެއްޓިއެވެ. ބަތްކަހަނބު ވެއްޓުނުކަން އޭނާ އަށް ޔަގީނެވެ. ބަތްފުއްތައް ދުރަށް ބުރައިގެން ދިޔަތަން ވެސް އޭނާ ދުއްޓެވެ. އެހެންމީހަކަށް އެ މަންޒަރު ފެނުނުނަމަ އަޖައިބު ވާނެއެވެ. ބިރުވެސްގަންނާނެއެވެ. ގަބޫލުކުރަންވެސް ދަތިވާނެއެވެ. އެހެންނަމަވެސް އޭނާ އަށް އެއްވެސް އަސަރެއް ނުކުރެއެވެ. ސައްވިސް ގަޑިއިރު ފާއިތުވެގެންދާއިރު އެއީ އެތައްފަހަރަކު އޭނާ އަށް ފެންނަ ކަންކަމެވެ. އެކަންކަމަށް އެތައް ޒަމާނެއް ވެއްޖެއެވެ. އޭނާގެ ފިރިމީހާ މުރާދު ނޫނީ އެއްވެސް މީހަކަށް ހަގީގަތެއް ނޭނގެއެވެ.
****
ވައްލަ އަށް ވަންނަން މިއާ ފުރަތަމަ ފައިތިލަ އެޅީ ރަށުގެ އުތުރު ފަރާތުންނެވެ. އެއީ އާންމުކޮށް އެކުވެރި ހަސްނާ އާ އެކު ވަންނަ ދިމާލެވެ. ވައްލަގެ އެންމެ އެތެރެއަށް ވަދެވުމާއެކު އޭނާގެ މޫނުގައި އައިސް ބީހިލީ ފިނިފިނި ރޯޅިއެކެވެ. ހަށިގަނޑަށް ލިބުނު އަރާމުގައި އޭނާ އަށް ދެލޯ މަރާލެވުނެވެ. ވަށައިގެން ހުރިހާ ދިމާލެއް އޭނާ ބަލައިލިއެވެ. ވީރާނާވެފައިވާ ރުއްތަކާއި ގަހުގެ އޮފިތަކެވެ. މަންމަ ބުނިހެން މުޅި ސަރަހައްދުގައި ވަނީ ފަޅުކަމެވެ. ނާމާން ހާއްޔެއް ފަދައެވެ. ދޫނިސޫފާސޫފިގެ ގޮވުންތަކުގެ އަޑު ނުކެނޑެއެވެ. މިއާ ހިނގައިގަތީ އަތިރި އާ ވީ ދިމާލަށެވެ. އެއީ ބިލެތް ޅޮއްސާއި ނިކަ ގަސްތަކާއި ކަށިކެޔޮ ގަސްތަކާއި ފިތުރޯނު ގަސްތައް އެންމެ ބޯކޮށް ހެދިފައިވާ ދިމާލެވެ. އޭނާ އެންމެގިނަ ވަގުތު ހޭދަކުރި އުނދޯލި ހުންނަނީ އެދިމާލުގައެވެ. ދެ ހިރުނދު ގަހުގެ ދެމެދުގައި އެލުވާފައެވެ. އޭނާ އެތައް ވަގުތެއް ހޭދަކުރި ގެގަނޑާ ދިމާލަށް ލަސްލަހުން ކުރިއަށް ފިޔަވަޅު އަޅަމުން އޭނާ ދިޔައެވެ. މައިންބަފައިން ބުނާނަމަ އެގެއަކީ މިއާ އުފަންވި ގެއެވެ. ބޭނުންވި ހިސާބަށް ދެވުމާއެކު އޭނާ އަށް ހީވީ މާޒީގެ ދުވަސްތަކުގެ ތެރެއަށް އުދުހިލެވުނު ހެންނެވެ. ހުނުންތަކާ ސަމާސާގެ އަޑުތައް އޭނާގެ ހަފަރާތުން ވަށާލައިފިއެވެ. އުނދޯލި އެލުވާފައި ހުރި ގަސް އޮތީ އެއްކޮށް ހިކިގެން އެއްފަރާތަށް އަރި އަޅާލާފައެވެ. ބޮޑު އުނދޯލީގެ އެއް ވާފަށް ކެނޑިގެން ގޮސް ތިރިއަށް ސޮހިފައެވެ. އަތްވާއި ވާރޭގެ ސަބަބުން ގަސްގަހުގެ ކުރިތަކާއި އޮފިތައް ފީވެ ހަލާކުވެ ގޮސްފައެވެ. ކުރިމަތީގައި ހުރި ގެ ގަނޑަށް އޭނާ ބަލައިލިއެވެ. ފުރާޅުގައި ޓިނެއް ނެތެވެ. ގޭތެރޭގައި ޗަކަ ހެދިފައެވެ. ބުޅަލާއި މުސަޅާއި ކުކުޅު ހާ ގެ ގޮވެއްޗެވެ. އޭރުގެ އެއްވެސް އަސަރެއް މިހާރު ނެތެވެ. ހުރީ ހަމައެކަނި ހަނދާންތަކެކެވެ. ލޮލަށް ސިފަވާން ފެށީ ދުވަހަކުވެސް ހިތުން ފޮހެލަން ބޭނުންނުވާ އެދުވަސްތަކެވެ. ގެގަނޑުގެ ތެރޭގައި ފީވެ އެއްބައި ވެއްޓިފައިވާ ކުޑަދޮރުގެ ފިލާގަނޑު ގައި އޭނާ އަތްއަޅުވާލިއެވެ. ހަމައެވަގުތެވެ. ކަންފަތް ބުޑުން ފިނި ނޭވާއެއްގެ އިހުސާސް ވިއެވެ. އެއާއެކު ވައި އަޑުން އޭނާގެ ނަމުން ގޮވާލައިފިއެވެ. އެ އަޑު އޭނާ އަށް އިވުނުކަން ޔަގީނެވެ. މިއާ އެނބުރުނީ ކުއްލިއަކަށެވެ. ކުރިމަތީގައި ހުރި އުނދޯލި އަޑެއް ކިޔާލާފައި ހެލިލިއެވެ. އެހިނދު އޭނާގެ ހިޔާލާ ފިކުރު މީގެ ދުވަސްތަކެއްގެ ކުރީގެ ހަނދާންތަކެއްގެ ތެރެއަށް ފީނައިގަތެވެ.
(މާޒީ)
ސްކޫލުން ލިބުނު ރަންވަނަ އާއެކު އޭނާ މަގުމައްޗަށް ނިކުމެ ދެކޮޅު ހޯދާލިއެވެ. ބައިސްކަލެއްގައި ބައްޕަ މުރާދު އަންނަތަން ފެނުނެވެ. މިއާ ގެ ފަހު އިމްތިހާނު ގެ ނަތީޖާ ލިބޭ ދުވަސް ކަން މުރާދަށް އެނގެއެވެ. ދަރިފުޅު ނަތީޖާ އަންނާނީ ކިހިނެއްކަން މާކުރިން އޭނާ އަށް އޮތީ އަންދާޒާ ކުރެވިފައެވެ. ﷲ ގެ ތަނަވަސް ރަހުމަތުން މިއާ އަކީ ސްކޫލުގެ އެންމެ ރަނގަޅު ދެކުދިންގެ ތެރެއިން އެންމެ ރަނގަޅު ދަރިވަރެވެ. ސްކޫލު ދޮރުމަތިން މުރާދު ދިޔައީ ވެސް މިއާ އާ ދިމާކުރުމަށެވެ. ވީވެސް އެހެންނެވެ. ހެވި ދިލިފައި ދުވަމުން އައި މިއާ ފެނުމުން މުރާދު ސައިކަލު މަޑުކޮށްލިއެވެ.
“އެއިޓް އޭ ޕްލަސް” އަތުގައި އޮތް ކަރުދާސްގަނޑު ބައްޕަ އަށް ދައްކައިލަމުން މިއާ ބުންޏެވެ.
“އަލްހަމްދުލިއްލާހް” މުރާދަށް ބުނެވުނެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އޭނާގެ ދެލޮލުން ކަރުނަ ނިރާލިއެވެ.
“އަވަހަށް ދޭ މަންމަ ކައިރިއަށް. ބައްޕަ މިދަނީ މެޝިނެއް ހަދާލަން މީހަކު ބުނީމަ” މިއާ ގެ މޫނުގައި ފިރުމާލަމުން މުރާދު ބުންޏެވެ.
“އަވަހަށް އަންނައްޗޭ ބައްޕާ” މިއާ ބުންޏެވެ.
މިއާ ގެއާ ދިމާލަށް ދުއްވައިގަތެވެ. އިރުކޮޅެއްވަންދެން މިއާ ދާތަން ބަލަން މުރާދު އިނެވެ. އޭނާގެ ތުންފަތްމަތީގައި ވީ ހިނިތުންވުމެކެވެ.
އަސްމާ އާއި މުރާދަކީ އާދައިގެ ދިރިއުޅުމަކަށް ވުރެ ވެސް އަތްމަތި ދަތިކޮށް އެހެނަސް ތިންމީހުންގެ އުފާވެރި އާއިލާއަކާއެކު ހިތްހަމަޖެހިގެން އުޅޭ ބައެކެވެ. އުފަން ރަށް ދޫކޮށް އެހެން ރަށަކަށް ދެމަފިރިން ދިރިއުޅުން ބަދަލުކުރީ އަލަތު ކައިވެންޏަށް މާގިނަ ދުވަސް ނުވަނީހެވެ. އުފަން ރަށުގައި ދިރިއުޅެން ދެމަފިރިންނަށް ދަތިވީއެވެ. ހާއްސަކޮށް އަސްމާ އަށެވެ. މައިންބަފައިން ދިރިއުޅުނު މުސްކުޅި ގެ އަބަދަށްޓަކައި ދޫކޮށްލާފައި ކައިރީގައި އޮތް އަތޮޅުގެ އެހެން ރަށަކަށް ދެމަފިރިން ބަދަލުވިއިރު އެރަށުގައި ދެމަފިރިންގެ ތިމާގެ މީހެއް ނުވަތަ ރައްޓެއްސެއް ވެސް ނެތެވެ. އެހެންނަމަވެސް ދިރިއުޅެން ފެށީ އުފާވެރި މުސްތަގުބަލަކަށް އުންމީދު ކުރަމުންނެވެ. ރަށުގެ ވައްލައި ގައި އަމިއްލަ އަށް ފަނުން ގެއެއް ހަދައިގެންނެވެ. މުރާދަކީ ވިސްނުންތޫނު ނިކަން މަސައްކަތްތެރި ފިރިއެކެވެ. އަނބިމީހާއަށްޓަކައި އޭނާ ތައްޔާރުކޮށްދިން ޖިފުޓި ގަނޑަކީ އަސްމާ އަށް ގަނޑުވަރެއް ފަދަ ތަނެކެވެ. މިއާ ލިބުނީ ދެމަފިރިން އެ ޖިފުޓިގަނޑު ގައި ދިރިއުޅެނިކޮށެވެ. މާގިނަ ދުވަސް ނުވަނީސް ރަށު އޮފީހުގެ ޕިއޯނެއްގެ ވަޒީފާ މުރާދަށް ލިބުނެވެ. ވަޒީފާ އަދާކުރަމުން ރަށުގެ ވައްލަ އާ އެންމެގާތުން އޭނާ އަމިއްލަ އަށް ގެއެއް ރާނަން ފެށިއެވެ. ރަށުގެ ރައްޔިތުންނަކީ ހިތްހެޔޮ ބައެކެވެ. ރަށު މީހުންގެ ފަރާތުން އެހީއަކަށް އެދުނު ކޮންމެ ކަމެއްގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިއާ ބޮޑުވެގެން އައިރު ކުރިއަށް ވުރެ ދެމަފިރިންގެ އަތްމަތި ތަނަވަހެވެ. ރަށު އޮފީހުގެ ޕިއޯނު ގެ ވަޒީފާ ދޫކޮށްލުމަށްފަހު މުރާދު އެރީ މަސް ދޯންޏަކަށެވެ. އަމިއްލަ މަސައްކަތް ވެސް ކުރެއެވެ. ބޭނުކޮށް ފަހަށް ރައްކާކުރާނެ ފައިސާ ނެތް ނަމަވެސް ތިންމީހުންގެ ހަރަދުތައް ފޫބެއްދެއެވެ. ދެމަފިރިންނަކީ އަބަދުވެސް މިންވަރަށް ރުހިގެން ތިބޭ ބައެކެވެ. މިއާ އަކީ ގުދުރަތުން ރީތކަމެއް ލިބިފައިވާ ނަލަ ކުއްޖެކެވެ. ރަށުގެ ގިނަ ޒުވާން ފިރިހެން ކުދިން މިއާ އަށް ކިޔާ ނަމަކީ ވެސް ‘ވައްލަ ފަތްމިނި’ އެވެ. ސަބަބަކީ މިއާ އުފަންވުމަށް ފަހު ޒުވާނަކަށް ވެގެން ނިކުތީ ރަށުގެ ވަލުންނެވެ. މިއާގެ މައިންބަފައިން ގެ ފުރަތަމަ ދިރިއުޅުނު ގެ ހުންނަނީ ވެސް ވަލުތެރޭގައެވެ. ނަސީބު ރަނގަޅުކަމުން މިއާ ވީ ވިސްނުންތޫނު ހަރުދަނާ ކުއްޖަކަށެވެ. މުޅި ރަށު ސްކޫލުން ފަހުރުވެރި އެއްވަނަ ކޮންމެއަހަރަކު ލިބެނީ މިއާ އަށެވެ. މިއާ އަކީ ކިޔެވުމަށް އިތުރު އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުހޯދާ އަމިއްލަ މަސައްކަތުން ކިޔެވި ކުއްޖެކެވެ. މިއަދު ވެސް ލިބުނު ފަހުރުވެރި ކާމިޔާބީއާއެކު މިއާ ފުރަތަމަވެސް އެ އައީ މައިންބަފައިން ގެ ގާތަށެވެ. ލިބުނު އެ އުފާ އޭނާ ބޭނުންވަނީ ފުރަތަމަ ވެސް މައިންބަފައިންނާ ހިއްސާކުރާށެވެ.
“މަންމާ…” ދޮވެފައި ހުރި ހެދުންތައް ރޯނު ގައި އަޅުވަން ހުރި އަސްމާ ދިޔައީ ސިހިގެންނެވެ. މިއާ ގެ އެ އަމަލުން އަސްމާ އަށް ހެވުނެވެ.
“ސާބަހޭ ދަރިފުޅާ” އަސްމާ ބުންޏެވެ.
“މިއޮތީ ބަލާބަ. ބުނީމެއްނު މި ނަތީޖާ ހޯދާކަށް އަހަރެން ބައިވަރު ފޮތްތަކާއި ޓިއުޝަނާ ގިނަވަގުތު ފިލާވަޅުތައް ކިޔަވާކަށް ނުޖެހޭނޭ” މިއާ ބުންޏެވެ.
އަސްމާ ގެ ހިތް އުފަލުން ފުރުނެވެ. ހެއްދެވިފަރާތަށް ހަމްދު ކުރިއެވެ. މިއާ ގެ ގައިގައި ބައްދާލިއެވެ. މިއާ އެބުނީ ވަރަށް ވެސް ބޮޑު ތެދެކެވެ. އިމްތިހާނަށް ޓަކައި ދަންވަރު ހޭލާ އިނދެގެން ފިލާވަޅުތައް މުޠާލިޔާ ކުރުމާއި އާ ފޮތްތަކާއި ޓިއުޝަން މިއާ ބޭނުމެއް ނުވެއެވެ. ސްކޫލުން އައިސް ވަކި ވަގުތެއް ވަންދެން މުޅި ކޮޓަރީ ގައި ހުރިހާ ފޮތްތަކެއް ހާވާލައިގެން މުށިތަކުގެ މަތީގައި އޮންނަތަން ފެނެއެވެ. ސްކޫލުން ދިން ދިލާވަޅަކަސް ސްކޫލުގެ އެހެން މަސައްކަތްތައް ވެސް މިއާ ކުރާ ހަމައެކަނި ގަޑިއަކީ އެއީވެވެ. ފަތިސް ނަމާދަށް ފަހު ބައެއް ދުވަސްދުވަހު ފޮތެއް ހިފައިގެން އިނދެދާނެއެވެ.
މެންދުރު ކާން އެރީ އާއިލާ އެއްކޮށެވެ. ކާން ހުރީ ރިހާކުރާ ހަރު ހަނޑުލު ބަތެވެ. ލޮނު މިރުސްގަނޑު ނޭފަތާ ގާތްކޮށްލާފާއި މިއާ ނޭފަތް އެތެރެއަށް ދަމާލިއެވެ. އެހިނދު އަސްމާ އާއި މުރާދު އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.
“ދަރިފުޅު ކޮން ކަމެއް ބޭނުންވަނީ؟ އަވަހަށް ބުނޭ. މި މަހުގެ ފައިސާ ބައްޕަ އަތުގަ ހުސްނުވަނީސް ބުނަންވާނެ” މުރާދު ބުންޏެވެ. އޭނާ ބޭނުންވީ މިއާ އަށް ހަދިޔާ ދޭށެވެ. މިއާ އަށް ލިބުނު ކާމިޔާބީ މައިންބަފައިން ބަލައިގެންފިކަން އިހުސާސްކޮށްދޭށެވެ.
“އަސްލު އެންމެ ބޭނުންވަނީ އިތުރަށް ކިޔަވަން” މިއާ ބުންޏެވެ.
މުރާދު ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. މިއާ ގެ އެ އެދުން ފުރިހަމަކޮށްދޭން އޭނާ ބޭނުންވެއެވެ. އެހެންނަމަވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ބައްޕަގެ މޫނަށް ވެރިވި ކުލަވަރު ފެނުމުން މިއާ ހިންދިރުވާލިއެވެ. ބައްޕަ އަށް ނުކޮށްދެވޭނެވަރުގެ ކަމެއް ބުނެވުނީތީ އޭނާ ދެރަވިއެވެ.
“ދަރިފުޅުގެ ތި އެދުންވެސް ﷲ އިރާދަކުރެއްވިއްޔާ ކޮންމެސް ދުވަހަކުން ފުރިހަމަކޮށްދޭނަން” މުރާދު ބުންޏެވެ.
“އިރާދަކުރެއްވިއްޔާ ވާނެ. އަޅުގަނޑަށް ވެސް ވަޒީފާ އަދާކުރެވޭނެއްނު. މިވަގުތަށް އެންމެ ބޭނުންވަނީ މިކަހަލަ ދިވެހި ކެއުންގަނޑަކުން ކުޑަކުޑަ ޕާޓީއެއް ބާއްވަން. ކުލާސް ކުދިންނާއި ޓީޗަރުންނަށް. ވަރަށް އަވަހަށް. އެއީ ގިނަ ކުދިން ތަންތަނަށް ފުރައިގެން ދާނެ” މިއާ ބުންޏެވެ.
“ތިއީ އެއްވެސް ކަމެއް ނޫނެއްނު” ހިނިތުންވެލަމުން އަސްމާ ބުންޏެވެ.
****
ހަވީރު ފެންވަރައިގެން ނިކުތްތަނާ ގޭތެރެއިން ހަސްނާ ގެ އަޑު އިވުނެވެ. ބޭރަށް ނިކުންނަންވީ ވަގުތު ޖެހުނީކަން މިއާ އަށް އެނގުނެވެ. ހެދިލައިގެން މިއާ ބޭރަށް ނިކުތެވެ. މިއާ ލައިގެން ހުރީ ހިރުނދު ފަތު ކުލައިގެ ދޯޕައްޓާ އެޅި ހެދުމެކެވެ. އޭނާގެ އާދައިގެ ވަރަކަށް ދިގު އިސްތަށިގަނޑު އޮމާންކުރުމަށްފަހު ވަނީ ފަހަތަށް ދޫކޮށްލާފައެވެ. މޫނުމައްޗަށް އިސްތަށިތައް ފޭބިޔަ ނުދިނުމަށް ހުދާއި ފެހި އެކުލެވޭ ފޮތި ބޭންޑަކުން ހިފަހައްޓާލާފައި ހުއްޓެވެ.
“މަންމާ މިދަނީ” ބަދިގެ އަށް ބަލައިލަމުން އަޑުހަރުކޮށް މިއާ ގޮވާލިއެވެ.
ބަދިގެއިން އަސްމާ ނިކުންނަން ވާއިރަށް ހަސްނާގެ އަތުގައި ހިފައިގެން މިއާ ނިކުމެއްޖެއެވެ. އަސްމާ މޫނުމަތީގައިވީ ކަންބޮޑުވުމެވެ. މިއާ ދާނީ އެއްދިމާލަކަށް ކަން އަސްމާ އަށް އެނގެއެވެ. ކުރުނބާ އިހަލެއް ހިފައިގެން މުރާދު އައިސް ވަނީ އެ ފިކުރުގައި އަސްމާ ހުއްޓައެވެ.
“ކޮން ފިކުރެއްގަ” މުރާދު ވާހަކަދެއްކި އަޑަށް އަސްމާ ދިޔައީ ސިހިގެންނެވެ.




