ރައިޝާއަށް އޭނާއަށް ކިޔަނީ ޖޫނާ ނޫންކަން އާހިލު ކައިރީ ބުންޏެވެ. އެއީ ފަރީދު މޮޔަވެގެންގޮސް އޭނާ ލައްވާ ކުރި ކައިވެންޏެއް ކަމަށް ކިޔައިދިނެވެ. މެންދުރުގެ ދޮން އަވިގަނޑުގައި ހިނގަމުން ރައިޝާ އޭނާގެ ގެއަށް އެނބުރި ދިޔައެވެ. ފަރީދު ދިން އިރުޝާދަށް އެއްޗެހި އަޅައިގެން އާހިލުމެން ގެއަށް ބަދަލުވިއެވެ. އާހިލުއާއެކު ސައިކަލުގައި އޭނާގެ ގެއަށް ދިޔައެވެ. ރައިޝާ އެގެއަށް ވަދެ އެއްޗެހި ހިފައިގެން އާހިލު އުޅޭ ކޮޓަރިއަށް ވަނެވެ. އާހިލު އޭނާގެ ފަހަތުންވަދެ އައިސް ބައްދާލިއެވެ. “ބުނަން އަހަރެން ކަލެއާ ކައިވެނިކުރީ މަޖުބޫރުވެގެން. އެކަމު އަހަންނާ ލޯބީގެ ގުޅުމެއް ބާއްވާނިކަމެއް ނެތް.” ރައިޝާގެ މިފަދަ މިޒާޖުގެ މީހަކުދެކެ އަންނަ ރުޅިއައެވެ. “ތިހާ ރުޅި އަންނާކަށް ނުވާނެ.” އާހިލުގެ ކޮލުކަށިގަނޑު ޖޫނާގެ ކޮނޑުމަތީގައި ޖައްސާލިއެވެ. “ދޫކުރޭ. ކަލޭ… ގެންގުޅޭ ލުބުނާ ކައިރިއަށްދޭ ތިކަހަލަ ކަންތައް ކުރަން.” ރައިޝާ ދާގީ ވަކިކުރަމުން ބުންޏެވެ. “މިހާރު ހަސަދަވަނީ؟” އާހިލުގެ ދެއަތުގެ ތެރެއިން ރައިޝާ ލޫދިގަތެވެ.
ފާޚާނާތެރެއަށް ރައިޝާ ދިޔައެވެ. ފެންވަރާ އަންނައުނު ބަދަލުކޮށް އެނދުގައި އިށީނެވެ. އޭރު އާހިލު ކޮޓަރިއަކު ނެތެވެ. ރައިޝާއަށް ހަމަޖެހުމެއް ލިބުނެވެ. އޭނާގެ ލެޕުޓޮޕު ނަގާ ފިލާވަޅުތައް ހަދަން ފެށިއެވެ. ފިލާވަޅު ހެދުމަށް ގެއްލިފައިން އިންދާ އާހިލު ވަދެގެން އައެވެ. އެނދުގައި އޮށޯވެ ރައިޝާ ކައިރީ އޮތެވެ. “އަހަރެމެންގެ ކައިވެނީގެ ސިއްރަށް ކަލެއަށް އިތުބާރުކުރަން.” ރައިޝާ ލެޕުޓޮޕަށް ސަމާލުކަންދެމުން ބުންޏެވެ. “އަނ. އިނގެއޭ.” އާހިލު ފޯނަށް ބަލަމުން ބުނެއެވެ. “އަހަރެން ނިދާނީ ތަޅުމުގައި. ކަލެއާއެކު ނިދާކަށް މަ ހިތެއް ނޭދޭ.” ރައިޝާ ބުންޏެވެ. “ހެޔޮ!” އާހިލު ފާޑަކަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ. ހަވީރުގެ ވަގުތުކަމުން ރައިޝާ ބޭރަށް ނުކުންނަ ހިތްވިއެވެ. ނަމަވެސް ކުއްލިއަކަށް މައިކޮޓަރިން ލުބުނާގެ އަޑު އިވުނެވެ. އާހިލުއަށް ގޮވަމުން ދޮރުގައި ޓަކިވެސް ޖަހައިނުލާ ވަނެވެ. ނަސީބަކުން ރައިޝާ ފާހާނާއަށް ވަނެވެ. އާހިލު އެނދުގައި އޮތެވެ. ލުބުނާއާއެކު އާހިލު ބޭރަށް ނުކުތެވެ.
ރައިޝާ އަދިވެސް ހިތް ބިރުގެންފައި ހުއްޓެވެ. ފާހާނާގައި ހުރެވެސް އޭނާއަށް ވިސްނެމުން ދިޔައީ މިފަދަ ހާލަތްތަކުގައި ކުރާނެ ކަމަކާމެދުއެވެ. ރައިޝާއަށް މިވަނީ އާހިލުއާއެކު އުޅެން މަޖުބޫރުވެފައެވެ. ލުބުނާގެ ވަކިތައް އޭނާގެ ހަށީގައި އެޅިދާނެކަމަށް އޭނާ ބިރުގަނެއެވެ. އެފަދަ އަންހެނަކު އާހިލު ހޯދުމަށް ރައިޝާ މަރައިވެސްލަފާނެއެވެ. ރައިޝާ ބިރުންހުރެ ފާހާނާއިން ނުކުމެ އެނދުގައި އިށީނެވެ. އިރުކޮޅަކުން އޭނާ ބަނޑުހައިވެގެން ބަދިގެއަށްވަނީ ކާއެއްޗެއް ހުރިތޯ ބެލުމަށެވެ. އޭރު އެ ގޭގައި އުޅުނު ނޯކަރެއްް ކެއްކުމުގައި އަވަދިނެތި އުޅެއެވެ. ކަންފަތަށް މިޔުޒިކު ގުޅައިގެން ހުއްޓެވެ. ނަށަމުން ކަހަލަ ގޮތަކަށް ކެއްކުމުގައި އުޅުނެވެ. ރައިޝާ އޭނާއަށް އެހީތެރިވުމަށް އެދުނެވެ. ނަމަވެސް އާރިފުބެ ހުއްދަ ނުދޭނެއޭ ކިޔާ ރައިޝާ ދުރަށް ފޮނުވާލިއެވެ. ކައްކާ ނިމެންދެން ރައިޝާ މައިކޮޓަރީގައި ހުރި ސޯފާގައި އިށީނދެ ކެތްކޮށްގެން އިނެވެ. ކައި ނިމިގެން ކޮޓަރިއަށްވަދެ ލެޕުޓޮޕު ނަގާ އޭނާ ބަލަމުން ދިޔަ ތުރުކީ ސިލްސިލާ ބަލަމުން ދިޔައެވެ.
އިރު އޮއްސުނުފަހުން އާހިލު ކޮޓަރިއަށް ވަނެވެ. ވަދެގެން އައިގޮތަށް ފާހާނާއަށްވަދެ ފެންވަރައިގެން ނުކުތެވެ. ތުވާއްޔާއެކު ހުރުމުން ރައިޝާ އަނެއް ފަރާތަށް އެނބުރުނެވެ. “މަށަށް ބެލުމަކީވެސް ބޮޑު ލަދެއްތަ؟” އާހިލު ރައިޝާއަަށް މައްލަވަ ކުރިއެެވެ. ކަމެއް ނުވާކަމަށްހެދި މޫނުމަތީ ރަޖާގަނޑު އަޅައިގެން އޮތް ރައިޝާ ސިއްސައިގެން ދިޔައެވެ. އޭނާ ސިހިގެން ދިޔައީ ފަހަތުން އޭނާގެ އަރިކަށްޓާ ދިމާލުން އަތެއް ބާއްވާލުމުންނެވެ. ރައިޝާ ބަލައިވެސްނުލާ އަތް ފޮޅުވާލިއެވެ. އިރުކޮޅުކޮޅާ ރައިޝާއަށް އާހިލު ޖެއްސުން ކުރަން ފެށިއެވެ. “ދޯ..” ރައިޝާ ރުޅިއައިސްގެން މުށިތަކުމައްޗަށް ބާލީހެއް އެއްލާލިއެވެ. މުށިތަކުމަތީ ކުޑަ ފޮތިގަނޑެއް އެޅުމަށްފަހު އޭގައި އޮށޯތެވެ. އޭނާ ގެނައި ދާގީން ރަޖައެއްނަގާ މުޅި ގައި ނިވާކުރިއެވެ. އާހިލު ހިތްހަމަނުޖެހި އަމިއްލައަށް އެ ބޮޑު އެނދުގައި އޮތެވެ. އޭނާ ރައިޝާއަށް މަލާމާތްކޮށް ހެދީ އޭނާގެ ރައްޓެހިން އެކަމަށް ހެދިގެން އުޅޭތީއެވެ.
އަރައިގެން އައި އިރާއެކު އާ ދުވަހެއް ފެށިގެން ދިޔައެވެ. ރައިޝާ އާދައިގެމަތިން ތެދުވެ ފަތިސްގަޑީގައި ބަދިގެއަށްވަދެ ގަހުވަ ގިރާފައި ބުޔެވެ. ފާހާނާއަށްވަދެ ތާޒާވެލައިގެން ކޮލެޖަށް ދާން ތައްޔާރުވިއެވެ. ނަޒްލާ ކިޔައިދިން އާ މޭކަޕެއްވެސް ކުރިއެވެ. އޭރު އާހިލު އަދި އެނދުން ނުތެދުވެއެވެ. “އޭތް. އާހިލު. އާހިލު. ތެދުވަންވީ. އެއޮތް ގަޑި ޖެހެނީ.” ރައިޝާ ގޮވަމުން ދިޔައެވެ. އަދިވެސް ނިދީގައި އޮތް އާހިލު ރައިޝާގެ އަތަށް ދަމާލުމަށްފަހު އެނދަށް ވައްޓާލިއެވެ. އަދި އޭނާގެ ދެއަތުގެ ތެރޭގައި ތާށިކުރިއެވެ. ރައިޝާ ލަދުން މަރުވާވަރުވިއެވެ. ނަމަވެސް އޭނާ މަރުވިޔަސް އާހިލުފަދަ މަލާމާތް ގޯންޏަކާ ގާތް ނުވާން އޭނާ ނިންމި ނިންމުން ހިތަށް އެރިއެވެ. އެންމެފަހުން ރައިޝާ އާހިލުގެ އަތުން ސަލާމަތްވާން ތެޅިގަތެވެ. ސަލާމަތްވާން އުޅުމުގެ ތެރޭގައި އޭނާގެ މޭ މަތީގައި އުޅަނބުށިން ޖެހުނެވެ. ވީ ތަދާއެކު އާހިލުއަށް ހޭލެވުނެވެ. ރައިޝާ އަވަހަށް އެނދުން ތެދުވެ އިސްތަށިގަނޑު ރީތިކުރުމަށް ލޯގަނޑު ކައިރިއަށް ދިޔައެވެ. އާހިލު ފޯނުން ގަޑިއަށް ބަލައިލުމަށްފަހު ގަޑަގަޑަލައިފައި ފާހާނާއަށް ވަނެވެ.
ރައިޝާ ތެޅިގަނެގެން ކޮލެޖަށް ދިޔައެވެ. އޭރު ސަމާ އެކަނިވެރިކަމާއެކު ހިނގާފައި ކިލަހަށް ވަދެއެވެ. ނަމަވެސް މިއަދު ލަސްވީ ރައިޝާއެއް ނޫނެވެ. އޭނާގެ ފިރިމީހާ އާހިލުއެވެ. އާދައިގެ މަތިން އާހިލުގެ ރައްަލަށް ލުބުނާ އެއީ ކާކުގެ މައްޗަށް އެއްލާލެވޭނެ އިލްޒާމެއްތޯ ބަލަން ފެށިއެވެ. “ޔަގީން އެއީ ރައިޝާކުރި ކަމެއް.” ޝަފްރާ އެއްވެސް ހެއްކަކާނުލައި ލުބުނާއަށް އަޑު އިވޭވަރަށް ބުންޏެވެ. “އަނ. އިއްޔެ އާހިލު ފާޑަކަށް ބެލިއެއްނު.” ޔައިމާވެސް ބައިވެރިވިއެވެ. ލުބުނާ ގޮނޑިން ތެދުވެ ރައިޝާ ކައިރިއަށް ދިޔައެވެ. “މަގޭ އާހިލުގެ ފަހަތުން ކަލޭ އުޅެންޏާ، ކަލޭގެ ދުވަސް ދުއްވާލާނަން.” ލުބުނާގެ އަޑުގައި ނުފޫޒުވެރިކަން ހުއްޓެވެ. ރައިޝާ އަޅައިވެސްނުލައި ރާގެއްގައި ބުންޏެވެ. “އެއީ އަހަރެންގެ މައްސަލައެއް ނޫން! އެއީ ތިކިޔާ އާހިލުގެ މައްސަލައެއް.” ދެން ފަހަތުން އަޑު އިވިގެން ދިޔައީ އާހިލުގެ އަޑެވެ. “މިހާރު މަގޭ ކޮން މައްސަލައެއް؟” ލުބުނާ އައިސްހުރި ރުޅި އާތްވަށް އަރައިގެން ދިޔައެވެ. “އާހީ، މިއަދު ހިނގާބަ ކޮލެޖަށްފަހު އެއްކަލަ ގަހުވަޚާނާއަށް ދާން!”
ރައިޝާ އަޅައިވެސްނުލާ ފޮތުގައި ހުއްޓާނުލާ ލިޔަމުން ދިޔައެވެ. “ހިނގާ ރައިޝާ ގޮވައިގެން ދާން. އެއީ އާ ކުއްޖެއް ވީމާ މަރުހަބާ ކިޔޭނެއްނު!” އާހިލު ޚިޔާލެއް ދިނެވެ. ލުބުނާ ދެބުމަ ގޮށްޖަހައިގެން ހުރެ އާނއެކޭ ބުންޏެވެ. ރައިޝާ މޫނުމަތީ ފޮތްއަޅާ އަޑުނީއްވާ ހޭންފެށިއެވެ. ލުބުނާގެ މޫނަށް ހުތްކަން ވެރިވިކަން އެއީ ރައިޝާއަށް މަޖާ ކަމަކަށްވިއެވެ. ދާރިސް އައުމާއެކު ހުރިހާ ކުދިން ގޮނޑީގައި އިށީނެވެ. އަހުސަނުއާއި ފާއިޒު އެވަރުންވެސް އިއްޔެ ފޯނުން ކުޅުނު ބަޑިޖަހާ ކުޅިވަރެއްގެ ވާހަކަ ދައްކަމުން ދިޔައެވެ. ދާރިސް އަޑުމަޑުކުރަން އިރުޝާދު ދިނުމުންވެސް ދެ މީހުން ހުއްޓައިނުލާ ވާހަކަ ދައްކަނީއެވެ. އާހިލު އެ މީހުންނަށް އިޝާރާތެއްވީ ފަހުން ހަމައަކަށް އެޅުނެވެ.
އާހިލު ވިސްނަމުން ދިޔައީ ލުބުނާއާ މެދުއެވެ. އެއީ ރައިޝާއާ ކައިވެނި ކޮށްގެންހުރެ އެހެން އަންހެނަކާއެކު ފެނުމަކީ އެހާ ރަނގަޅުކަމެއް ނޫންކަމެވެ. ކޮންމެ ކަމެއްވެސް ހިނގާނީ ރަނގަޅަށޭ ބުނެއުޅެއެވެ. އެކަމު ލުބުނާއާ ވަކިވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއީ ކުޑައިރުއްސުރެވެސް އެންމެ ގާތްކޮށް އުޅުނު ދެ މީހުންނަކީ އެއީ ކަމަށް ވާތީއެވެ. އާރިފުއާއި ލުބުނާގެ ބައްްޕައަކީ ވިޔަފާރިވެރިންގެ ގޮތުން ގާތް ރައްޓެހިންނެވެ. އެހެންކަމުން ގިނައިން ލުބުނާ ކުޑައިރުވެސް އުޅެބޮޑުވީ އާހިލުއާއެކުއެވެ. އަދި އާހިލުއާ ކައިވެނި ކުރާނެކަމަށްވެސް އޭރު އެއްބަސްވިއެވެ. ނަމަވެސް މިހާރު އާހިލު އެކަމަށް ދެކޮޅު ހަދައެވެ. އެއީ އެފަދަ ފިއްތުންތަކާއެކު ހަގީގީ ލޯބި ނުވެވޭތީއެވެ.
ލުބުނާ ވިސްނަމުން ދިޔައީ ރައިޝާ އެ މީހުންނާ ދުރުކުރުމަށެވެ. އޭނާ ވިސްނާގޮތުން ރައިޝާ އާހިލުއާ ކައިރިވީ ވަރަކުން ލުބުނާ ކުނިވަށިގަނޑަށް އެއްލާލާކަށް ފަހެއް ނުޖެހޭނެއެވެ. ލުބުނާ ދަތުން ނިޔަފަތިތައް ހަފަމުން ދިޔައެވެ. އޭނާގެ ދެ ލޮލުގައިވާ ކުލަވަރު އަޅިކުލައަށް ބަދަލެވެފައިވާހެން ހީވެއެވެ. މި މަންޒަރު ފެނި ޝަފްރާއާއި ޔައިމާވެސް ހާސްވެފައި ހުއްޓެވެ. މިފަހަރު ރައިޝާއަށް ޖޫނާއަށް ކުރިހާ ކަންތައްތައް ކޮށްފާނެބާވައެވެ؟ އަނެއްކާ އެ މީހުން ލައްވާ ކީމިޔާ ކޮޓަރިން ކީމި ނެރެން އަމުރު ކޮށްފާނެކަމަށް ޝަފްރާއާއި ޔައިމާ ދެމީހުން ލޮލަށް ބަލައިލުމަށްފަހު ހާސްވިއެވެ. ދާރިސް ކިޔަވައިދިން އެކައްޗެއްވެސް އެ މީހުންނަކަށް ފަހުމެއް ނުވިއެވެ.
ކޮލެޖު ނިންމުމަށްފަހު ޒައިނާ ފާތިމަތުއާއެކު ގެއަށް ދާން ނުކުތެވެ. އޭރު ޔައިމާ، ލުބުނާ އަދި ޝަފްރާ އޮލަ ވާހަކައެއް ދައްކަމުން މައި ދޮރުން ނުކުމެއެވެ. “ރައިޝާ މިހާރު އާހިލުއާ އުޅޭލެއް ގާތެއް ނޫންތަ؟” ޝައްކުވެރި ނަޒަރަކުން ލުބުނާ ދެ މީހުންނަށް ބަލައިލިއެވެ. “ނޭނގެ ވެދާނެ ލުބުނާ ރުޅި އަރުވަން އާހިލު ކުރާ ކަމަކަށްވެސް.” ޝަފްރާ ޚިޔާލު ދިނެވެ. ޔައިމާވެސް އެ ވާހަކައަށް އެއްބަސްވިއެވެ. ކުއްލިއަކަށް ފަހަތުން ޔައިމާގެ ގައިގަ މީހަކު އަތްލިއެވެ. ސިހިގެންގޮސް ފަހަތަށް ބަލައިލިހެން ފާއިޒު ފެނުނެވެ. “ޔައި ހިނގާބަލަ މިއަދު ބަނދަރަށް ޖައްސާލަން.” ފާއިޒު އައުމުން ލުބުނާއާއި ޝަފްރާ އެކަނިވިއެވެ. “ދެން ހިނގާ ވާގޮތެއް ބަލަން. ތިޔަ ރައިޝާ އާހިލުއާ ގާތްވާ ނަމަ ލަހެއް ފަހެއް ނޯންނާނެ. އޮންނާނީ ހަމަ އެ ހުކުމް.” ލުބުނާ ދެ ލޯ ހަނިކޮށްލަމުން ބުންޏެވެ. ޝަފްރާވެސް ބޯ ޖަހާލަމުން ލުބުނާގެ ބަހަށް އެއްބަސްވިއެވެ.
ހުޅަނގު ފަރާތަށް އިރުއޮއްސޭކަށް ލަހެއް ނުވާނެއެވެ. ފަނޑު ނާރިނގު ކުލައެއް މުޅި ބަނދަރަށް ވެރިވެފައިވެއެވެ. ފާއިޒުއާއި ޔައިމާ ދެމީހުން އެކުއެކީ ބަނދަރުގައި ތިއްބެވެ. އާންމުކޮށް މީހުން އެއްނުވާ ސަރަހައްދެއްގައިވާ ބޮޑު ގަހެއްގެ މައިގަނޑު ގޮތްޕެއްގައި ދެ މީހުން އިށީނދެ ތިއްބެވެ. ފަހަތުގައިވާ ފެހިގަސްތަކުން އިރުގެ އަލިކަން ފުރިހަމައަށް ރިވެލިވެއެވެ. “ކޮން ދުވަހަކުންތަ ކައިވެނި ކުރާނީ. މިހާރު މަންމަ އެބަ އޮބިއަޅާ.” ފާއިޒު ބުންޏެވެ. “ކޮލެޖު ނިމުނީމައެއްނު؟” ޔައިމާ ލޮލުގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުންދިޔަ އިސްތަށިކޮޅު ކަންފަތުގެ ނުފުށަށްލަމުން ބުންޏެވެ. އެ ދެ މީހުންނަށްވެސް ނޭނގުނީ އެ ފެހި ގަސްތަކުގެ ތެރޭގައި މީހަކު ފާރައަށް ހުރިކަމެވެ. އެ މީހާ ހިފަހައްޓައިގެންހުރި ވާގަނޑު ދޫކޮށްލުމާއެކު ގަހުގެ މަތީބައިގައި އެލުވާފައިވާ ބޮޑު ދަގަނޑުގަނޑު ފާއިޒުއާއި ޔައިމާގެ ބޮލަށް ވެއްޓި ބޮލުގެ ނާށިގަނޑު ފިސްފިސްވިއެވެ. ގަސްތަކުގެ ތެރޭގައިވާ މީހާ ޖަޒުބާތެއްވެސް ނުދައްކާ އެތަނުން ފިލިއެވެ.
(ނުނިމޭ)
2 Comments!
Comments are closed.



Varah reethi
Thank you