ކިލާސްތައް ނިންމުމަށްފަހު ކޮލެޖުން ނުކުމެވުނު އިރު ޝަފްރާއާއި ލުބުނާއާއި ޔައިމާ ދޮރުގެ މަގަތުގައި ތިއްބެވެ. ތިން މީހުންވެސް ޖޫނާގެ ވާހަކަތައް އަޑުގަދަކޮށް ދައްކަމުން ދިޔައެވެ. “އެއީ ތެދެއް؟ މިއަދު އާހިލުގެ ގަޔަށް ޖޫނާ ވެއްޓިގަތިއްޔޯ!” ޝަފްރާ ލުބުނާއާ ދިމާއަށް ބަލައިލިއެވެ. “މޫނުމަތި ރަތްވެސްވެފަޔޯ ހުރީ އެ ޖޫސްގަނޑު.” ޔައިމާ ޖޫނާ ފެނިގެން އަޑު ބާރުކޮށްލިއެވެ. “މަގޭ ރައްޓެހިވެގެން އުޅޭ މީހާއާ އޭނާ ބެހެންވީ ކީއްވެހޭ؟” ލުބުނާ ޖޫނާ ހިނގާފައި ދިޔަނުދިނުމަށް ހިފެހެއްޓުވިއެވެ. އަދި އައި ރުޅީގައި ކަންފައިމަތީގައި އަޅާ ވިހެލައިފިއެވެ. ލުބުނާ ޖޫނާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. “މަގޭ އާހީގެ މޫނުގައި ކީއްކުރަން ޖެހީ. އުނ؟” ލުބުނާ ޖޫނާގެ ކޮލުކަށިގަނޑުގައި ހިފިއެވެ. “ކީއްކުރަންހޭ ޖެހީ. ޖަވާބުދީބަލަ!” ލުބުނާ ހިފާފައި ހުރިލެއް ބާރަކަމުން ވަރަށް އުނދަގުލުން ބުންޏެވެ. “އޮޅިގެން.” ލުބުނާމެންގެ ފަހަތުން އާހިލުގެ އަޑު އިވުނެވެ. “އެއީ އެހާ ބޮޑުކަމެއް ނޫނޭ ލުބޫ. ކީއްކުރަންތަ އެވަރަށް ޖޫސް ގިރަނީ ތި؟” އެވަރުންވެސް އާހިލުގެ ޖުމުލައިގައި މަލާމާތެއް ބޭނުންކުރިއެވެ. އެވަގުތު ޔައިމާއާއި ޝަފްރާ ގެއަށް ދާން މިސްރާބު ޖެހިއެވެ. ލުބުނާގެ އަތް ނައްޓާލުމާއެކު ޖޫނާވެސް ގެއަށް ދާން ހިނގައިގަތެވެ.
އޭރު އާހިލުގެ ނަޒަރު ހުއްޓިފައިހުރީ މަޑު ހިނގުމެއްގައި ހިނގަމުންދިޔަ ޖޫނާއަށެވެ. އޭނާގެ ހިތުގައި ޖޫނާއަށް ލޯބި ނެތޭ ބުންޏަސް އޭނާގެ އަމަލުތައް ދެކޮޅު ހަދަމުން ދިޔައެވެ. އާހިލުއަށް ޚިޔާލީ ދުނިޔެއިން އަރައިގަނެވުނީ ލުބުނާގެ އަތް ކަންކަށިމަތީގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލުމުންނެވެ. “އަނެއްކާ އާހީ ޖޫސްގަނޑުދެކެ ލޯބިވަނީތަ؟” އާހިލު ލައިގެންހުރި އަތްދިގު ގަމީހުގެ ގިރުވާން ހެޔޮކޮށްލިއެވެ. “ނޫނޭ ޖޫސްގަނޑުދެކެ ލޯބިވާނީ ކާކު؟” ލުބުނާ ހީނގަތެވެ. “އާހީ. އެބައޮތް ރޭވުމެއް. ހިނގާބަ ސެމިސްޓަރު ނިންމާފައި ބޮޑު ފާހަގަކުރުމެއް ބާއްވަން!” އާހިލު ލުބުނާއާ އަތް ގުޅުވާލިއެވެ. “ލުބޫ ބޭނުމިއްޔާ ނާޒިރު ގާތުން ހުއްދަ ނަގާ!” ދެ މީހުންވެސް މަޑު ހިނގުމެއްގައި ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
ލުުބުނާ ގެއަށް ދެވުނުހެން ފޯނުން ޝަފްރާ، ޔައިމާ އަދި ފާތިމަތަށް ސިންތާކުރުމަށް ގުޅިއެވެ. “އޭތް އެއްކަލަ ރޭވީމެންނު ސެމިސްޓަރު ނިންމާފައި ފާހަގަކުރުމެއް! އުޅޭ ޖޫސްގަނޑު ގިރުވަން. އޭރަށް މަޖާވާނެ.” ލުބުނާ އެނދުގައި އޮށޯތެވެ. “އަނ އުޅޭ ގަޔަށް ޖޫސް ބުރުވަން.” ޝަފްރާ ޚިޔާލެއް ދިނެވެ. “ނޫނޭ މަށަށް އެނގޭ ކުރަންވީ ކަންތައްތައް. މިރޭ ފަހުން ގުޅާނަން ކަލޭމެންނަށް.” ލުބުނާ ލެޕުޓޮޕުން ކޮލެޖުގެ ފިލާވަޅު ހުޅުވާލިއެވެ. ނުލަފާ ހިނިތުންވުމެއް އޭނާގެ މޫނުން ފާޅުވެގެން ދިޔައެވެ.
ޖޫނާ ގެއަށް ވަދެވުނުގޮތަށް ކޮޓަރިއަށް ވަނެވެ. ފޮތްތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު، ފާހާނާއަށްވަނެވެ. ދޮންބޮޑު ދުވަހެއްކަމުން ގަޔަށް ފެން ދޫކޮށްގެން ހުއްޓެވެ. އިރުކޮޅަކު ފުން ވިސްނުމުގައިހުރެ ސައިބޯނިލައި ހެދިއެވެ. އާހިލު ފެނުމުންވެސް މިހާރު އޭނާ ފޫހިވެއެވެ. އަދި މި ފަހަކަށް އައިސް ކުރާ ޖެއްސުން މާ ބޮޑެވެ. ކުރިއަށްވުރެ ގުޅުން ގާތެވެ. މިކަން ފެނި ލުބުނާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ޖޫނާ އަބަދުވެސް ދުރަށް ދެވޭތޯ ބަލައެވެ. އާހިލު ގާތްވެ ޖެއްސުންކޮށް ހެދުމަކީ އަހަރެންނަށް ހުއްޓުވޭނޭ ކަމެއް ނޫނެވެ. އިރުކޮޅަކުން ބޮލުގެ އިސްތަށިގަނޑުގައި ތަތްލަވާ އެއްޗެއް އަތުޖެހުނެވެ. “އައްޗީޑި!” އިސްތަށިގަނޑުގައި ތަތްލަވާފައިވާ ޗުއިގަމު ކިރުގަނޑު ނައްޓާލަމުން ޖޫނާ ބުންޏެވެ. ގަޔަށް ފަސޭހަ އަންނައުނު ލައިގެން ބަދިގެއަށް ދިޔައެވެ. އޭރު ޒާން އިނީ ފޯނު ހިފައިގެން އިށީނދެ ކާށެވެ. އަތުގައި ރޮށިފަޅިއެއް އޮތެވެ.
ޖޫނާވެސް ގަރުދިޔަ ތެލިން ތައްޓަށް ގަރުދިޔަ އަޅައިގެން އައިސް އިށީނެވެ. ކަހަނބުން ބަތް އެޅުމަށްފަހު ލިނބޯ އަދި ފިޔާ ފޮއްޗެއްވެސް ލިއެވެ. “ކޮލެޖު ކިހިނެތް ދަނީ” ޒާން ރޮށި ފަޅިކޮށްލަމުން ބުންޏެވެ. “ރަނގަޅު.” ތޮޅި މިރުހެއް ހަފާލަމުން ޖޫނާ ބުންޏެވެ. ކައިނިމުނުހެން ޒާން ތެދުވެ ތަށި ސިންކަށްލިއެވެ. ހަމަ އެ ބާރުމިނުގައި ގެއިން ނުކުމެ ސައިކަލަށް އަރާ ދުއްވާލިއެވެ. ޖޫނާ ކައި ނިންމާ ތަށިތައް ދޮވެ ސާފުކުރިއެވެ. މަންމަގެ ހާލު ބެލުމަށް ކޮޓަރީގައި ޓަކިދިނެވެ. ޚަބަރެއް ނުވުމުން ދޮރު ހުޅުވާލައި ބަލައިލިއެވެ. މަންމައަށް އޮތީ ނިދިފައެވެ.
ސޯފާގެ އެންމެ ކަނުގައި އިށީންދެ ފުރަތަމަވެސް ލެޕުޓޮޕު ހުޅުވާލިއެވެ. ކޮލެޖުން ދީފައިވާ ފިލާވަޅު ހެދުމަށް ސަމާލުކަން ދިނެވެ. އިރުކޮޅުކޮޅާ ލެޕުޓޮޕުގައި ލިޔެލަ ލިޔެލާ އިނެވެ. އިރުކޮޅަކުން ސަމާ ގުޅިއެވެ. “އައްސަލާމު ޢަލައިކުމް. މިއަދު މެންދުރުފަހުން ކޮން ފިލާވަޅުތަކެއް ދިނީ؟” ޖޫނާ ލެޕުޓޮޕާއި އަތްމަތީފޮތް ހާވާލިއެވެ. “މިއަދު އިތުރަކަށް ނުދޭ މި ދިޔަ ހަފުތާ ދިން ލިޔުން ނިންމާ ހަވަލުކުރަން އަންގާފައި އޮތީ.” ސަމާ ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ޖޫނާގެ ހާލު އެހިއެވެ. ޖޫނާ މިއަދު ހިނގި ކަންކަން ކިޔައި ދިނެވެ. “އަދި ގެއަށް އައިފަހުން އިނގުނީވެސް ޗުއިގަމު ކިރުގަނޑު ތަތްކޮށްފައި ހުރިކަން. ދެން ބާއްވަނީ.” ސަމާ ފޯނު ކަނޑާލިއެވެ. ފޯނު ސޯފާމަތީ ބޭއްވުމަށްފަހު ލިޔުމަށް ސަމާލުކަން ދިނެވެ.
މި ހާލުގައި އިތުރަށް ދެ މަސް ހޭދަވިއެވެ. އެކި ވައްތަރުގެ ގަނާތައް ކުރިއެވެ. އާހިލު، އަހުސަން އަދި ފާއިޒު ޖެއްސުން ކުރުމުން އަރާ ހުއްޓެވެ. ލުބުނާމެންގެ ޖެއްސުންކުރުންތައް ވަކި ކުޑައެއް ނޫނެވެ. ފުރުސަތުގެ ބޭނުން ހިފާ މައްލަވަކޮށްނުލާ ދުވަހެއް މަދުވާނެއެވެ. ފަހަކަށް އައިސް ޖޫނާއަށް ކުލާހުގެ ގިނަ ކުދިން ޖައްސާލާފައި ހުރެއެވެ. މި ދޭތެރެއަކު ޖޫނާއާއި އާހިލުއާ ގުޅުމެއް އޮންނަ ކަމަށްބުނެ ނެތިނުބައި ކިޔަން ފެށިއެވެ. ނުވާކަމެއްގެ މައްޗަށް ކިލާހުގައި ފޯރި އަރާފައި ހުއްޓެވެ. ލުބުނާގެ ރުޅި އިންތިހާއަށް ދިޔައެވެ. ޖޫނާއަށް އޭނާގެ ކިބައިން ހަމަލާއެއް ނާދެއެވެ. މިކަމާހުރެ ޖޫނާއަށް ކަމެއް ގޯސްކަން އިހުސާސް ކުރެވުނެވެ. ސެމިސްޓަރު ނިމޭއިރު އޮންނަ އިމްތިހާނަށް ޖޫނާ ތައްޔާރުވަމުން ދިޔައެވެ.
ފަތިހުގެ ފިނިކަން މުޅި ރަށަށް ވެރިވެފައިވެއެވެ. ވަހީދާ ދާގީ ތައްޔާރުކޮށް ބޭރަށް ނުކުތެވެ. ޒާން ކާރުގެ ފަހަތު ބަޔަށް ދާގީލުމަށްފަހު، މަންމައަށް ފަސޭހަ ދަތުރަކަށްއެދި ވަޒީފާއަށް ދިޔައެވެ. ޖޫނާ އަވަދިނެތި ގޭގެ އެއް ކަނުން އަނެއް ކަނަށް ދުވެ ދަބަސް ހަމަކޮށް ކޮލެޖަށް ދާން ނުކުތެވެ. ކާރަށް އެރުމަށް ދޮރުހުޅުވައިގެން ހުރި އޭނާގެ މަންމަގައިގައި ބައްދައިގަތެވެ. ވަހީދާ ޖޫނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. “މަންމަ މިދަނީ ދާން ފުރަން. ދަރިފުޅު ބަސް އަހައިގެން އުޅެއްޗޭ. ދޮންބެއަށް ކާން ހަދައްޗޭ.” ޖޫނާ އެ ކުރި ވަސިއްޔަތްތަކަށް އެއްބަސްވަމުން ބޯ ޖަހާލިއެވެ. މަންމަ ކާރަށް އަރާ ދުއްވާލުމުން ޖޫނާ ކޮލެޖަށް ދާން ހިނގައިގަތެވެ. މިއަދުވެސް އާހިލު ޖޫނާ ދިޔަ މަގުން ފަހަތުން ސައިކަލުގައި ދިޔައެވެ. ޖޫނާއަށް މައިދޮރުން ވަދެގެން ކިލާހަށް ދިޔައިރުވެސް މީހަކު ފަހަތުން އައިހެން ހީވާތީވެ އިރުކޮޅުކޮޅާ ފަހަތް ބަލަމުން ދިޔައެވެ. ކިލާހުގެ ދޮރު ހުޅުވާލިހެން ބޮޑު ފެން ބާލިދީއެއް ޖޫނާގެ ގަޔަށް ވެއްޓުނެވެ. އަންނައުނާއި ދަބަސް މުޅިއެކު ތެމުނެވެ. ފަހަތުން ގަދައަށް ހޭއަޑު އިވުނެވެ. “އަހަރެމެން ފަހަތުން އައިކަންވެސް ޖޫހަކަށް ނޭނގުނު. ހަހަހަހަ.” ފާއިޒުއާއި އަހުސަނު ދެ މީހުން އެއްފަހަރާ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ތަސްވީރަކަށްފަހު ތަސްވީރެއް ނަގާ ފޯނުގައި ރައްކާ ކުރަމުންދިޔަ އާހިލު ނުލަފާ ހިނިތުންވުމެއް ދީގެން ހުއްޓެވެ. ފަހަތުން އަޑު އިވުނީ ލުބުނާމެންގެ އަޑެވެ. “ހާދަ ފަލައޭ. ބަލައި ހުރި ވައްތަރު.” އަންހެން އަދި ފިރިހެން ބައިންވެސް ޖޫނާއަށް އެކުއެކީގައި ގަނާކުރަމުން ދިޔައެވެ.
ދާރިސްއަށް އާދެވުމުން ޖޫނާ ފާހާނާއަށް ފޮނުވިއެވެ. ކުލާހަށް ނުވަދެ ސަމާވެސް ޖޫނާ ކައިރިއަށް އައެވެ. ފޮތިކޮޅަކުން ގައި ހިއްކުމަށްފަހު، ސަމާއާއެކު ކިލާހަށް އެނބުރި ދިޔައެވެ. އޭރު ދާރިސް ކިލާހުގެ ހުރިހާ ދަރިވަރުން ކޮޅަށް ނަގުވާފައި ތިއްބެވެ. މާކަރުން މޭޒުގައި ބާރަށް ޖެހަމުން ދާރިސް ބުންޏެވެ. “ކާކު ފެން ބާލިދީ މިފަދައިން ބެހެއްޓީ؟” ކިލާސްތެރޭގައި ހިމޭންކަން ވެރިކަން ކުރަމުން ދިޔައެވެ. ޖޫނާއަށް ބަލަބަލާފައި ލުބުނާމެން އަދިވެސް ފިލައިގެންތިބެ ހެނީއެވެ. ލޮލުގެ އިޝާރާތްތައްކޮށް އެކަކު އަނެކަކަށް ވާހަކަ ދައްކަމުން ދިޔައެވެ. “ކާކުހޭ މިހެން ހެދީ؟” ދާރިސް ރުޅި އައެވެ. ޖޫނާއާއި ސަމާ މޭޒު ކައިރިއަށްގޮސް ކޮޅަށް ހުއްޓެވެ. “ތިހެން ހަދާނަމަ މިއަދުގެ އިމުތިހާނުން ހުރިހާ ދަރިވަރުން ބާކީ ކުރާނީ.” ދާރިސް އިންޒާރު ދިނެވެ. އާހިލު އަތް ހިއްލާލުމަށްފަހު، ބުންޏެވެ. “އަހަރެން ކުރި ކަމެއް.” އޭރު ލުބުނާ ޖޫނާމެންނާ ދިމާއަށް ނަފުރަތުގެ ނަޒަރުން ބެލިއެވެ. ނާޒިރުގެ އޮފީހަށް އާހިލު ފޮނުވާލުމަށްފަހު ދާރިސް ސުވާލު ކަރުދާސްތައް ބެހިއެވެ.
ހައެއްކަ ސުވާލު ފިޔަވާ ދެންހުރި ހުރިހާ ސުވާލެއް ޖޫނާ ފަސޭހަކަމާއެކު ނިންމާލިއެވެ. ގަޑި ހަމަވަންދެން ޖޫނާ ސުވާލުތަކަށް ދިން ޖަވާބުތައް ވީ އެންމެ ފުރިހަމައެއް ކުރަމުން ދިޔައެވެ. ސުވާލު ކަރުދާސްތައް ހިފައިގެން ދާރިސް ކިލާހުން ނިކުންހެން ބަނޑުހައިވެފައިވާ ވަލު ޖަނަވާރެއްހެން ލުބުނާ ޖޫނާއާ ދިމާއަށް ފުންމައިގަތެވެ. “ކަލޭ. ނުލަފާ އެތިގަނޑު. ކަލެއާ ހަދައިގެން މަގޭ އާހީއަށް އިމުތިހާނުވެސް ނުލިބުނީ. ބޮޑު ކަމެއްނު.” ޖޫނާ ލައިގެންހުރި ހެދުމުގެ ކުރުގައި ހިފާ ބާރުކޮށްލަމުން އިންޒާރުގެ ދެތިން ބަހެއް ބުންޏެވެ. މަގުމަތީ ބަހުރުވަ ބޭނުންކޮށް އަނިޔާވެރިވިއެވެ. ޖޫނާގެ ފިނިވެފައިވާ ހަށިގަނޑަށް އިތުރު ހާނިއްކައެއް ނުލިބެނީސް އެހެން ދާރިސްއެއް ކިލާހަށްވަނެވެ. އެ އަޑަށް ލުބުނާ އާއި އޭނާގެ އެކުވެރިން ޖޫނާ ދޫކޮށްފައި ދިޔައެވެ. ސަމާ ބިރުން އިނދެ ޖޫނާއަށް އެހީއެއް ވެވޭތޯ ބެލިއެވެ.
ޖޫނާގެ ޚިޔާލުތައް އެނބުރެމުން ދިޔައީ އާހިލު އެކަން ކުރިކަމަށް އެއްބަސްވީ ކީއްވެ ކަމާމެދުއެވެ. ހަމަގައިމުވެސް އެއީ ލުބުނާމެން ރާވައިގެން ކުރި ކަމެއްކަން ޔަގީނެވެ. އަމިއްލަ ކިލާހުގައި ހަމަޖެހިލުމުގެ އަރާމެއްވެސް ޖޫނާއަކަށް ނުލިބެއެވެ. އިމުތިހާނުވެސް ބިރުންހުރެ ފުރިހަމައަށް ހެދުނުހެން ހިއެއްނުވެއެވެ. މުޅި ދުވަހު ލުބުނާމެން ތިބީ މަޑުންނެވެ. ނަމަވެސް އެ މީހުންގެ ފަރާތުން މައްލަވަކުރުމެއް ނައުމަކީވެސް ޖޫނާއަށް ބިރުހުރި ކަމެކެވެ. މުޅި ދުވަހު ސަމާގެ އަތާއަތް ގުޅުވައިގެން ކޮލެޖުގައި ޖޫނާ އުޅުނެވެ. ގެއަށް އާދެވުނު އިރު އިރުއޮއްސި ހައެއްޖަހާ ބޮޑުވީއެވެ. ދޮންބެ ނާންނަކަން އެނގި ކޮޓަރިއަށް ދިޔައެވެ. މިހާރު ތަތްމުޑު ވަސް ދުވަމުންދިޔަ ހެދުން ދާވަށިގަނޑަށް ލުމަށްފަހު ފެންވަރާ ތާޒާވެ ބަދިގެއަށް ނުކުތެވެ. ފިޔަލާއި ލޮނުމެދު ނޮޅައި ސާފުކޮށް ރިހަ ކައްކަން ތައްޔާރު ވިއެވެ. މަސް ކޮށާފައި ރިހަގަނޑު އުދިއެވެ.
ރިހަގަނޑު ނުކެކެނީސް ޒާންގެ ސައިކަލު އަޑު ބޭރުން އިވުނެވެ. ޒާން އަޅައިވެސް ނުލައި ކޮޓަރިއަށް ވަނެވެ. ރޮށި ފިހެ ކާން ތައްޔާރުކޮށް ޖޫނާ ފުން ނޭވާއެއްލިއެވެ. ދޮންބެ ވަރުބަލިވެގެނ ޖައްސާލީކަމަށް ހީކޮށް ޖޫނާ ކާން އިށީނެވެ. ރިހައާއެކު ރޮށި މޮޑެގެން ކާން ފެށިއެވެ. މޭޒުގެ ބިތްދޮށުގައިހުރި ކުޅިރޮށިތަށިން ހައެއްކަ ކުޅިރޮށި ނަގާ ތައްޓަށް ވައްޓާލިއެވެ. ޒާން ފެންވަރައިގެން ނުކުމެ ގޮނޑީގައި އިށީނެވެ. “ތިވަރަށް ތެޔޮ އެއްޗެހި ކާނަމަ މޫނުގައި ބިހިނެގުން ނުހުއްޓޭނެއެއްނު!” ޖޫނާ ދޮންބެ ބުނި ބުނުމަށް ސީދާ ޖަވާބެއް ނުދީ އާނއެކޭ ބުނެ ފޯނު ނެގިއެވެ. “މަންމާ ކޮބާ ދެވިއްޖެ؟” ވަހީދާ ފޯނު އަތަށް ހެޔޮކޮށްލަމުން ބުންޏެވެ. “ނޫނޭ. އަދި މިއާދެވުނީ ހުޅުމާލެއަށް. އަދި މިރޭ ފުރޭނީ. އެހެންވެ މިދަނީ ދޮނޭމެން ގެއަށް.” ޖޫނާ ރޮށިކޮޅެއް އިރާލުމަށްފަހު ގޮށިކޮށްލައި ރިހަކޮޅެއް ނެގިއެވެ. “ދޮނޭއަށާއި، ނަޒްއަށް ސަލާން ބުނައްޗޭ!” ޖޫނާ ކައި ނިންމުމަށްފަހު ސޯފާގައި މަންމައާ ވާހަކަ ދައްކަން އިނެވެ. “ދޮންބެ މިއަންނަނީ ވަޒީފާއަށްގޮސް.” ޒާން ސައިކަލު ތަޅުދަނޑި ހިފައިގެން ނުކުތެވެ. އޭރު ޖޫނާ މާދަމާ އޮތް އިމުތިހާނަށް ތައްޔާރުވާން ފަށައިފިއެވެ.
އިމުތިހާނުތަކުގެ ހިރާސްތައް ގިރާކޮށް ހަމަޖެހެމުން ދިޔައެވެ. އިމުތިހާނުގެ އެންމެ ފަހު ދުވަހު ޖޫނާއަށް ދައުވަތު ކަރުދާސްކޮޅެއް ލިބުނެވެ. އެ ކަރުދާސްކޮޅު ޖޫނާއަށްދިނީ ޒައިނާއެވެ. ޒައިނާއަކީ އޭނާ ފިޔަވާ ދެންތިބޭ އެކަކަށް ކަމެއް ވިޔަސް އަޅައިނުލާ އުޅޭ މީހެކެވެ. ދެ ޚިޔާލެއްގައި ހުރެފައި ނަމަވެސް ޒައިނާ ދިން ކަރުދާހުގައި ޖޫނާ ހިފިއެވެ. ޖޫނާއަށް ރެއަކާނުލީ އޭނާގެ ފަހަތުގައި ފާރައަށްތިބި ލުބުނާމެން ތިބިކަމެވެ. އެ މީހުން ބޭނުންވަނީ ޖޫނާ އެކަށް މި ދުނިޔެއިން ގެއްލުވާލާށެވެ. ލުބުނާ ޚާއްސަކޮށް އޭނާގެ އާހިލު ގެއްލިދާނެތީ ބިރުގަނެއެވެ. މިފަހަކަށް އައިސް އޭނާ ދުރުކަން ވިސްނުނެވެ. އެ ދައުވަތުގައި ލިޔެފައިވަނީ އުފާ ފާޅުކުރުމުގެގޮތުން ބޭއްވޭ ފާހަގަކުރުމަކަށް ޖޫނާ ކޮލެޖަށް ހާޒިރުވުމެވެ. ސަމާ ކައިރީ އޭނާ ދާނަންތޯ އެހުމުން އާނއެކޭ ބުންޏެވެ.
އެންމެ ފަހު ދުވަސްކަމުން ހުރިހާ ފޮތަކާއި އެހެނިހެން ސާމާނު ގެއަށް ގެންދިޔުމަށް ދަބަހަށް އަޅައިގެން ނުކުތެވެ. މަޑު ހިނގުމުގައި ކޮލެޖުން ގެއަށް މިސްރާބު ޖެހިއެވެ. އޭނާއަށް ހަމަޖެހިގެން ނޭވާލެވޭހެން ހީވިއެވެ. އެ ނުބައި ލުބުނާމެންގެ ބައިގަނޑާ ކުރިމަތިލާކަށް ނުޖެހޭނެތީއެވެ. ގެއަށް ވަދެވުނުހެން އެކި ތަންތަނުގައި ދަބަހުގައިވާ ފޮތްތައް އަތުރާލާ ތަރުތީބު ކުރިއެވެ. ދަބަސް އަލަމާރިއަށް ލުމަށްފަހު ފެންވަރަން ވަނެވެ. ފާހާނާއިން ނުކުމެ ބަދިގެއަށް ވަދެ ކައްކަން ފެށިއެވެ. ބޭނުންކޮށްފައިވާ ތަށިތައް ދޮންނަމުން ކައްކަން އުދައިގެން އުޅެއެވެ. ކާމޭޒު ތައްޔާރުކޮށް ކޮލެޖަށް ދާން ތައްޔާރުވާން ދިޔައެވެ. ޖޫނާ ނުކުންއިރު ޒާން ބަދިގޭގައި ކާން އިނެވެ. ކޮލެޖަށޭ ބުނެ ގެއިން ނުކުމެ ހިނގައިގަތެވެ.
ޒައިނާ އާހިލު ކައިރީ ކަމެއް ގޯސްކަމަށް ބުންޏެވެ. ލުބުނާމެން އުޅޭގޮތް ބެލުމަށް ސަމާލުވާން ކިޔައިދިނެވެ. އެރޭ ސެމިސްޓަރު ނިމުންކަން ފާހަގަކުރުން އޮތީ ލުބުނާމެން ގޭގައެވެ. ސަމާއަށް ލުބުނާމެން ގެއަށް ދެވުނުހެން ޖޫނާއަށް މަޑުކުރިއެވެ. އެ ތަނުގައި ލުބުނާ، ޝަފްރާ އަދި ޔައިމާއެއް ނެތެވެ. އެ މީހުން ކޮލެޖުގެ ހަރުގެ ބައި ބޮކި ދިއްލައިގެން ޖޫނާއަށް މަރުހަބާ ކިޔަން ތިއްބެވެ. ޖޫނާއަށް ކޮލެޖުގެ ދޮރާ ހަމައަށް ނުދެވެނީސް ކަޅު ބުޅަލެއް އޭނާ ހިނގާފައިދިޔަ މަގު ހުރަސްކޮށް ދިޔައެވެ. ޖޫނާ ބިރުން ދަބަހުގައި ބާރަށް ހިފެހެއްޓިއެވެ. އޭނާއަށް މައުލޫމާތު ލިބިފައިވާގޮތުން އެއީ ބަދު ނަސީބުގެ ނިޝާނެކެވެ. ނަމަވެސް ސަމާވެސް އެތަނަށް ދާނެތީވެ މަޑުމަޑުން ހިނގާފައި ދިޔައެވެ.
ކޮލެޖަށް ވަދެވުނެހެން ޖޫނާއަށް ބިރުވެރި އިހުސާސެއް ކުރެވުނެވެ...
(ނުނިމޭ)


