މުޅި ރަށަށް އަނދިރިކަން ވެރިވެފައިވެއެވެ. ފަނޑު ހަނދުވަރުގެ ރިހި އަލިގަނޑު ގަސްތަކުގެ ތެރެއިން ފުރޭނެމުން ދިޔައެވެ. މަގުމަތީގައި ދިއްލާފައިހުރި ހޮޅި ބުރިއަކުން ލިބުނު އަލިކަން މަގުގެ މެދާ ހިސާބަށްވެސް ނާދެއެވެ. ނުވިތާކަށް ގޭތެރޭގައިވެސްވަނީ ފަނޑު އަލިކަމެވެ. ކޮޓަރީގައި އަވަދިނެތި ތައްޔާރުވަމުންދިޔަ ޖޫނާ އަނދުން އެޅުމުގައި އަވަދިނެތި އުޅެއެވެ. ލޯގަނޑާ މޫނު ގާތްކޮށްގެންހުރެ ނިކަން ފަރުވާތެރިކަމާއެކު އަނދުން އަޅަމުން ދިޔައެވެ. ޖޫނާ އަވަދިނެތިގެން އުޅުނީ އޭނާގެ ރައްޓެހި ސަމާގެ އުފަންދުވަސް ފާހަގަކުރަން ދިޔުމަށެވެ. އިޝާ ނަމާދުން އެނބުރިއައި އޭނާގެ ދޮންބެ ޒާން ޖޫނާ ހުއްޓުވިއެވެ. “ކޮންތާކަށް؟” ޖޫނާ އަތަށް ދަބަސް ހެޔޮކޮށްލަމުން ބުންޏެވެ. “މި ދަނީ… ސަމާމެންގެއަށް.” ބަދިގެއިން ނުކުން އޭނާގެ މަންމަ އުދުޅި އަތަށް ހެޔޮކޮށްލަމުން ބުންޏެވެ. “ލަސްނުކޮށް އަންނާތި!”
ޖޫނާ މަޑު ހިނގުމެއްގައި ފޯނަށް ސަމާލުކަންދެމުން ދިޔައެވެ. މަގުގެ އެއް އަރިން ހިނގާފައި ދިޔައިރު ޖޫނާއަށް އަޅައިނުގަތީ އޭނާގެ ފަހަތުން މީހުންތަކެއް ފާރަލަމުން ދިޔަކަމެވެ. އާހިލު، ފާއިޒު އަދި އަހުސަންވެސް އާދައިގެ މަތިން ޖޫނާ ހިނގާފައިދިޔަ މަގުން ދިޔައެވެ. ފަހަތުންގޮސް އަހުސަން ޖޫނާގެ ބުރަކަށީގައި ޖަހާ ކޮށްޕާލިއެވެ. ސިއްސައިގެންގޮސް އަނގަވަތަށް ޖޫނާ ވެއްޓުނެވެ. “ކޮންތާކަށްތަ ތިޔަ ދަނީ ޖޫސްގަނޑާ؟!”ފާއިޒު ސުވާލު ކުރިއެވެ. ޖޫނާ އެ މީހުންނަށް ޖަވާބުނުދީ މަޑުމަޑުން ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އާހިލު ޖޫނާގެ ބުރަކަށްޓަށް ފައިން އަރާ ހިފެހެއްޓިއެވެ. ޖޫނާއަށް މިއީ އާކަމެއް ނޫނެވެ. މިހާރު މި މީހުން ކުރާ ކަންތައްތަކަށް އޭނާއަށް އަލެއް ނޫނެވެ. ކޮލެޖުގެ ފުރަތަމަ އަހަރުވެސް ޖޫނާ އުޅުނީ ހަމަ މި ހާލުގައެވެ.
“އޭތް މަޑުން ނީނދެ ޖަވާބު ދީބަލަ!” އާހިލު ކުޑަފައިން އިށީނދެ ޖޫނާގެ ކަރުގައި ބާރަށް ހިފެހެއްޓިއެވެ. ޖޫނާގެ ކޮލުކަށިގަނޑުގައި ހިފާ އާހިލުގެ މޫނާ ގާތްކުރިއެވެ. “ކޮންތާކަށްހޭ ތިޔަ ދަނީ؟” ޖޫނާގެ މޫނުގައި ފޫހިކަން ފެތުރިފައިވެއެވެ. އޭނާ ޖަވާބު ދޭކަށް ބޭނުމެއް ނުވެއެވެ. އަހުސަން ދެއަތް އުރާލަމުން ޖޫނާއާ ދިމާއަށް މައްލަވަކުރާ ރާގަށް ބުންޏެވެ. “ބަލައިބަލަ ޒީނަތްތެރިވެފައިހުރި ވައްތަރު! އަދުންވެސް އެހުރީ ފޭދިފައި. ނުވިތާކަށް މޫނުގައި އެހުރި ބިހިތަކާއި ލަކުނުތަކެއް. އައްޗީޑި.” ފާއިޒުވެސް ބައިވެރިވިއެވެ. “ޔައިމާވެސް މާ ރީތިކޮށް މޭކަޕު ކުރާނެ. ތިހުރީ ކަލޭ ގެންގުޅޭ ގުރާ ލައްވާތަ މޭކަޕު ކޮށްފަ؟”
އާހިލު ޖޫނާގެ ކޮލުކަށިގަނޑުން ދޫކޮށްލުމަށްފަހު، ޖީބުގައިވާ ފޯނު ނެގިއެވެ. ފޯނު ހުޅުވާލާ އަޑެއް އެޅުވިއެވެ. އޭގެން އިވިގެން ދިޔައީ މިދިޔަ އަހަރު ޖޫނާ އާހިލުއަށް ލޯބި ހުށަހެޅި އިބާރާތްތަކެވެ. ތިން މީހުންވެސް އެކުއެކީހެން ބަޑިފަޅައިގެން ދިޔައެވެ. އެއާ ޚިލާފަށް ޖޫނާ ގަތް ލަދުން ތެދުވެ ކިލާވެސް ފޮޅާނުލާ ދުއްވައިގަތެވެ. “އޭތް އެއޮށް ދިޔައީ.” އަހުސަން އާހިލުއާ ދިމާއަށް ބުންޏެވެ. “ބަހައްޓާ ފޫހިފޫހިގަނޑެއް އެއީ.” އާހިލު ފޯނު ނިއްވާ ޖީބަށް ލިއެވެ. “އޭތް ހިނގާބަލަ ލުބުނާ ގެއަށް ދާން” ފާއިޒު ބުންޏެވެ. ތިން މީހުންވެސް މަގުމަތީގައި ތެޅިފޮޅެމުން ލުބުނާ ގެއަށް ދިޔައެވެ.
ޖޫނާއަށް ސަމާގެއަށް ވަދެވުނީ ހުއްޓާނުލާ ދެތިން މިނިޓުވަންދެން ދުވެފައެވެ. މާނޭވާލަމުން ނިތްކުރީގައި ހިއްލާފައިވާ ދާތަށް ފުހެމުން މައިދޮރުން ވަނެވެ. “ޖޫން. ކީއްވެފައި ތިހުރީ؟” ސަމާ ޖޫނާގެ ތިރީކޮޅުގައިހުރި ކިލާތައް ފޮޅައިދެމުން ސުވާލު ކުރިއެވެ. “އެއްކަލަ އާހިލުގެ ބައިގަނޑު.” ޖޫނާވެސް ކިލާތައް ފޮޅަމުން ކިޔައިދިނެވެ. “އުފާވެރި އުފަން ދުވަހަކަށް އެދެން ސަމާ.” ޖޫނާ ސަމާ ގައިގައި ބައްދާލިއެވެ. ޖޫނާގެ ދަބަހުން ކުޑަވަރެއްގެ ޒީނަތްތެރިކޮށްފައިވާ ފޮށްޓެއް ނަގާ ދިއްކޮށްލިއެވެ. “ޖޫން، ޝުކުރިއްޔާ!” ލިބުނު ހަދިޔާއަށް ބަލައިލަމުން ސަމާ ބުންޏެވެ. އޭރު ފެންޑާ ބައިގައި ސަމާގެ އާއިލާއާއި ގާތް ރައްޓެހިން ތިއްބެވެ. ސަމާއާ ދެ މީހުން ފެންޑާއަށް ނުކުތެވެ. “އުފާވެރި އުފަން ދުވަހަކަށް އެދެން ސަމާ.” ހުރިހާ އެންމެން އެއްފަހަރާ ބުންޏެވެ.
ކޭކުކޮޅެއް ކެއުމާއިގެން އިން ޖޫނާ ސިއްސައިގެން ދިޔައީ އޭނާގެ ދޮންބެ އައުމުންނެވެ. “އާދޭ ޖޫނާ ގެއަށް ދާން” ޒާން ސައިކަލުން ފަައިބަމުން ބުންޏެވެ. ސަމާއަށް ދަނީއޭ ބުނުމަށްފަހު ޒާންގެ ސައިކަލު ފަހަތަށް އެރިއެވެ. ޖޫނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ޒާންއާއެކު ގެއަށް ދެވޭތީއެވެ. އާހިލުމެންނާ އޭނާ ކުރިމަތިލާނެ ހިތްވަރެއް މިހާރު އޭނާގެ ގަޔަކު ނެތެވެ. “މަޖާތަ މިރޭ؟” ޒާން ސައިކަލު އަނބުރާލަމުން ސުވާލުކުރިއެވެ. “ހޫނ. ވަރަށް މަޖާ. ސަމާ ދޮންބެއަށް ކޭކު ފޮއްޗެއް ދިން.” ދަބަސް ހިފަހައްޓަމުން ބުންޏެވެ. ބާރު ދުވެލީގައި ގެއަށް އެނބުރި ދިޔައެވެ. ސައިކަލު ބެހެއްޓުމަށްފަހު ޒާން ބަދިގެއަށް ދިޔައެވެ. އޭރު ޖޫނާ ގަހުވައާއެކު ތައްޔާރުކޮށްފައި ހުއްޓެވެ. “މި ދަނީ ފެންވަރަށް. މިހުރީ ކޭކު އާދޭ ކާން.” ޖޫނާ ދަބަސް ހިފައިގެން ބަދިގެއިން ނުކުތެވެ.
ފެންވަރާ ބޯ ހިއްކާލުމަށް ފަންކާ ޖާހާ ގޮނޑީގައި އިށީނެވެ. ލޯގަނޑުން އޭނާގެ ސޫރައަށް ނަޒަރު ހިންގާލިއެވެ. އޭނާއަށް ހިތް ކިޔާނީ ފަހެ ކާކު ހެއްޔެވެ؟ މޫނުމަތީގެ ބޮޑުބައެއްގައި ވަނީ އޮށާޅައާއި ބިހީގެ ލަކުނެވެ. ނުވިތާކަށް މުޅި މޫނުމަތި ރާޅެވެ. ޔައިމާމެންފަދަ ކުދިން ހުންނަ ތޫނުފިލިކަމެއް އޭނާގެ މޫނަކު ނެތެވެ. ހަށިގަނޑުގެ އޮނިގަނޑުގައިވެސް އައިބުތައްވެއެވެ. އެންމެ މަޝްހޫރުވެގެން އުޅޭ ވަގުތުފުޅީގެ ބައްޓަމެއް ނެތެވެ. ޖޫނާގެ ލޮލުން ކަރުނަތައް އޮހިގަތީ އަންގައިވެސް ނުލައެވެ. އޭނާ އަދިވެސް ވިސްނަމުން ދިޔައީ އާހިލުއަށް ލޯބި ހުށަހެޅި އިރުގެ ހަނދާންތަކެވެ. އާހިލު ފޯނު ހިފަހައްޓައިގެންހުރެ އޭނާ ބުނި އިބާރާތްތައް ރިކޯޑުކުރިކަމެވެ. އޭނާއަށް އާހިލުދެކެ ވެވުނު ލޯތްބަކީ މިހާރު އޭނާގެ ދުޝްމަނެވެ. އެކަމު އޭނާއަށް ކުރެވިފައިވާ ކަމެއް ފުހެވިދާނެ ހެއްޔެވެ؟ އިސްތަށިގަނޑު ހިކުނުހެން އެނދަށް ފުންމައިގަތެވެ.
ހެނދުނުގެ އަލިކަން ރަށުގެ އިރުމަތީފަރާތް އަލިކުރަމުން ދިޔައެވެ. އާދައިގެން މަތިން ފަތިހަށް ތެދުވެ އުޅުނު ޖޫނާ ފޮތްތައް ދަބަހަށް އެޅުމަށްފަހު، ކޮލެޖަށް ދިޔުމަށް ތައްޔާރުވިއެވެ. އޭރު މަންމަ ތެދުވެ ބަދިގެއަށް ވަދެއެވެ. “މަންމީ. ހުންނާނެ ފެން ހޫނުކޮށްދީފަ. ރޭގެ ރިހަކޮޅުވެސް ހޫނުކުރީމު.”ޖޫނާ ދަބަސް ކޮނޑުގައި އަޅުވާލިއެވެ. “ދަރިފުޅާ، ބަސްއަހައިގެން ކިޔަވާތި.” މަންމަ ތަށިހަރުން ޖޯޑެއް ނަގާ ގަހުވަ ގިރަން އުޅުނެވެ. އަވަސް ހިނގުމުގައި ދުވާރުމަތިން ޖޫނާ ހިނގާފައި ދިޔައެވެ. ކޮލެޖުގެ ދޮރާ ގާތުން ޔައިމާމެންނާ ދިމާވިއެވެ. ޝަފްރާ ޖޫނާއާ ދިމާއަށް އިނގިލި ދިއްކުރިއެވެ. “ބަލާ އެހެރީ އެއްކަލަ އޮށާޅަގަނޑު.” ޔައިމާ އަތްދަބަސް ވާތަށް ބަދަލުކުރަމުން ބުންޏެވެ. “ތިއެއްނޫނޭ. އެއްކަލަ ލުބުނާ ގެއަށް ރޭގައި ދިޔަޔޯ.” ފާތިމަތު ޔައިމާއަށް ނަޒަރު ހިންގާލިއެވެ. “އަނެއްކާ އާހިލު ރޭގައި ކީއްކުރީ ލުބުނާއަށް؟”
ޖޫނާ އަޅައިވެސްނުލައި ދޮރުން ވަދެގެން ދާން އުޅުނެވެ. ނަމަވެސް ފާތިމަތު ތުންފަތުގައި ކާއްތާ ފުޅިއެއް ޖޫނާގެ ކޯތާފަތުގައި އުނގުޅާލިއެވެ. ޖޫނާ އަޅާފައިހުރި އައިނުގައިވެސް ކުލަ ކޭއްތިއެވެ. ޔައިމާއާއި ލުބުނާ ޖޫނާ ހިފެހެއްޓުވިއެވެ. މޫނުމަތީގައި ކުރެހުމަށްފަހު، ޖޫނާ ދޫކޮށްލިއެވެ. ކިލާހަށް ދިޔުމުގެކުރިން ފާޚާނާއަށް ދާން މަޖުބޫރުވިއެވެ. މޫނުގައިހުރި ކުލަ ފިލުވަން މޫނުދޮވުނެވެ. ނަމަވެސް އެ ކުލަތައް ފޭދިގެން މުޅި މޫނު ރަތްކަމަށް ދެއްކިއެވެ. އޭރު ފާހާނާއަށް ވަދެގެންއައި ޒައިނާ އަޅައިވެސްނުލާ ފާހާނާއަށް ވަދެގެން ދިޔައެވެ. ރަނގަބީލު ޖަހާނެ އިރެއް ނޭނގި ޖޫނާ އަދިވެސް މޫނު ދޮންނަނީއެވެ. ޒައިނާ ފާހާނާއިން ނުކުމެ އަތް ދޮވެގެން ދިޔައިރުވެސް ޖޫނާ ހުރީ ނިތްކުރީގައި ލިޔެފައިވާ ހަޑިބަސްތައް ފޮހެވޭތޯއެވެ. މުޅި މޫނު ރަތްވެފައި ހުއްޓެވެ. ބައެއް ބިހި ފަޅައިގެންގޮސް ދޮސްވެސް ނުކުތެވެ. ސާފުކުރެވުނު ވަރަކަށް ސާފުކޮށް ފާހާނާއިން ނުކުމެ ކިލާހަށް ދިޔައެވެ. ސަރައްކާލިތެރޭގައި މީހަކު ނެތުމުން ކިލާސް ފެށިކަން ޔަގީންވިއެވެ.
އަވަދިނެތި ދުވެފައި ކަހަލަގޮތަކަށް ޖޫނާ ދިޔައެވެ. ކިލާހުގެ ދޮރު ހުޅުވާލިހެން ކިޔަވައިދެންހުރި ދާރިސް ރުޅިއައިސްފައި ހުއްޓެވެ. ލަސްވީ ކީއްވެތޯ ސުވާލުކުރިއެވެ. އޭރު ޔައިމާ، ލުބުނާ އަދި ފާތިމަތު މޫނުމަތީ އަތް އަޅައިގެންތިބެ ހެއެވެ. ޖޫނާއަށް ކުރެވޭނެ ކަމެއް ވަކި އެބައޮތް ހެއްޔެވެ؟ އެންމެފަހުން ނާޒިރުގެ އޮފީހަށް ދާން މަޖުބޫރުވިއެވެ. ލަސްވިކަމުގެ ލިޔުމެއް ފުރުމަށްފަހު، ކިލާހަށް ވަދެވުނެވެ. ކިލާހުގައި ގެންދިޔަ ފިލާވަޅުގެ ބޮޑު ބައެއް ޖޫނާއަށް ނުލިބުނެވެ. ނަސީބަކުން ސަމާ ކައިރީގައި ހުސްގޮނޑިއެއް ހުއްޓެވެ. މޭޒުދޮށުގައި އިށީނދެ ފޮތްނަގާ ލިޔަންފެށިއެވެ. އޭރު އެ މޭޒުގެ ފަހަތުގައި އިން ފާއިޒު ޗުއިގަމު ކިރުގަނޑު އަނގައިން ނެރެ ޖޫނާގެ އިސްތަށިގަނޑުގައި ތަތްކުރިއެވެ. ފިލާވަޅަށް ސަމާލުކަން ދީގެން އިން ޖޫނާއަކަށް އެކަމެއް ރެއަކާނުލިއެވެ.
ހެނދުނުގެ ކިލާސްތައް ނިމުމުން އަވަހަށް ސަމާއާއެކު ޖޫނާ ނިކުތެވެ. ފަހަތުން ހިނގާފައި ނުކުން ފާއިޒުއާއި އާހިލު ހިނިގަނޑެއް ޖަހާލަމުން ޖޫނާއަށް މައްލަވަ ކުރިއެވެ. މެންދުރުގެ ވަގުތު ގެއަށް ދިޔުމަށް ޖޫނާ ނުކުތެވެ. އޭރު ޔައިމާމެން ބޭރުގައި ތިއްބެވެ. “ކީއްވެތަ މަގޭ ދާ ކޮންމެތާކު މި މީހުން.” ޖޫނާ ހިތަށް އަރަމުން ދިޔައެވެ. އެ މީހުންނާ ވީހާވެސް ދުރަކުން ދެވޭތޯ ޖޫނާ ބެލިއެވެ. “އޭތް ހާދަ ރީއްޗޭ މޫނު.” ލުބުނާ ބާރަށް ބުންޏެވެ. ޖޫނާ ހިނގުން އަވަސް ކުރިއެވެ. ކިތަންމެ އަޑުއަހަން ބޭނުން ނުވިޔަސް އެ އަޑުތައް ޖޫނާއަށް އިވެއެވެ. އޭނާ އިސްދަށަށް ޖަހައިގެންހުރެ ބާރު ހިނގުމުގައި ކުރިއަށް ދިޔައެވެ. ތަންދޮރު ނުބަލާގޮސް ޖެހުނީ އާހިލުގެ ގައިގައެވެ. ޖޫނާ އަވަހަށް ދުރަށް ޖެހުނެވެ. “އަދިވެސް މަގޭ ފަހަތުން. މަ ހަށްޓަކު ކަލެއަކަށް ލޯތްބެއް ނެތް!” އާހިލު ބާރަށް ބުންޏެވެ. އޭރު ފަހަތުން ހިނގާފައިއައި ލުބުނާ ޖޫނާގެ މޫނުގައި ބާރަށް ޖެހިއެވެ. “ކަލޭ މަގޭ އާހީ ގައިގަ އަތްނުލާ!” ލުބުނާ އާހިލުގެ އަތުގައި އެމުނިގަތެވެ.
ޖޫނާއަށް ގެއަށް އާދެވުނީ ވަރަށް ލަހުންނެވެ. އޭރު ވަހީދާ ހާސްވެފައި ހުއްޓެވެ. “ދަރިފުޅާ މޫނަށް ކީއްވެފައި ތިހުރީ؟” ޖޫނާ ދަބަސް ސޯފާއަށް އެއްލާލުމަށްފަހު ބަދިގެއަށް ވަނެވެ. “ކަމެއް ނުވޭ ބިހިތައް ހިރުވާތީވެ.” ވަހީދާ ބަދިގެއަށްވަދެ ޖޫނާއަށް ރިހަ ނަގައިދިނެވެ. “އުޅޭ މިފަހަރު މަންމަ ބޭރަށް ޑަކުޓަރަށް ދައްކަން ދާއިރު ތި މޫނު ދައްކަން ދާން.” ޖޫނާ ކާމޭޒުގެ ބިތްދޮށުގައި ހުރި ތަށްޓަކުން ހައެއްކަ ފޮތި ކުޅިރޮށި ނެގިއެވެ. “އަޅުގަނޑު ދިޔައީމަ މިހާރުހުރި ފައިސާއަކުން ނުފުދޭނެއްނު. އެހެން ނޫނަސް ކޮލެޖުގެ ފިލާވަޅުތައްވެސް ހުންނާނެ.” ވަހީދާ ދެރަވެފައިހުރެ ބަދިގެއިން ނުކުމެ ކޮޓަރިއަށް ވަނެވެ.
ބައްޕަ ނެތުމުގެ ސަބަބުން ހަމައެކަނި ޒާންއަށް މަންމައާއި ޖޫނާ ބަލަހައްޓަން މަޖުބޫރުވެފައިވެއެވެ. ޖޫނާވެސް ބަލަނީ އަވަހަށް ކޮލެޖު ނިންމޭތޯއެވެ. ވަޒީފާއެއް އަދާކޮށް މަންމައަށް އެންމެ ފުރިހަމަ ފަރުވާ ދިނުމަށް ޖޫނާ ބޭނުންވެއެވެ. އަދިވެސް ބާކީ އެއް އަހަރު ކޮލެޖުގައި ހޭދަކުރަން ޖެހޭތީވެ، ކިލާހުގައި އުޅޭ ކުދިންގެ ފަރާތުން ލިބޭ މަލާމާތް މާބޮޑު ކަމަކަށް ނުހަދާ އުޅެއެވެ. ނަމަވެސް ޖޫނާއަށް ފުދޭވަރަކަށް އަސަރުކުރެއެވެ. މި ކަންކަން ހިއްސާކުރެވެނީ ހަމައެކަނި އޭނާގެ ރައްޓެހި ސަމާއަށް އެކަންޏެވެ. އޭނާގެ އާއިލާ މި ކަމުގެ ތެރެއަށް ވައްދާކަށް އޭނާ ބޭނުމެއް ނުވެއެވެ. މަންމަ އިތުރަށް ހާސް ކުރުވާކަށް ބޭނުމެއް ނުވެއެވެ.
ކޮޓަރިއަށްވަދެ މޫނު ސާފުކުރުމަށް ޚާއްސަ ސައިބޯނި ލައިގެން އުނގުޅިއެވެ. އިރުގަނޑެއް ފަހުން އޭނާގެ މޫނުގައިވާ ރަތް ކުލަ ފޭދިގެން ދިޔައެވެ. ނަމަވެސް މިހާރު ދިމާވީ އެހެން މައްސަލައެކެވެ. މަޑު ފިޔާތޮށި ކުލައެއް އޭނާގެ އަތުގައި ހުއްޓެވެ. “ނޫން، ނޫން. ނޫން!” ޖޫނާ ޓިޝޫ ނަގައިގެން އަތްފޮހެފިއެވެ. އަތްދޮވެ ލޯގަނޑުން މޫނާއި އަތަށް ބަލައިލިއިރު ފެނުނީ ހައްތަހާ ރުޅިއަރުވާ ކަމެކެވެ. ލައިގެންހުރި ހެދުމުގައިވެސް އޭގެ ކުލަތައް އުނގުޅިފައި ހުއްޓެވެ. “ޕިސް، ޕިސް. އަޅޭއް!” އަލަމާރިން އާ ހެދުމެއް ހިފައިގެން އައިސް ބަދަލުވިއެވެ. މިއަަދު ޖޫނާ ކަމަކަށްފަހު ކަމަކަށް ހިތް ހަމަނުޖެހިގެން އުޅެއެވެ. ކޮލެޖަށް ދާން ނުކުންހެން ދަބަސް އިރައިގެންގޮސް ބިން މައްޗަށް ފޮތްތައް ލޫދިގަތެވެ. “އަޅޭ!” ޖޫނާއަށް ބޭ އިޚުތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. ފޮތްތައް އަތުން ހިފައިގެން ދުވެފައި ކޮލަޖާ ހިސާބަށް ނުދެވެނީސް ރަނގަބީލު ޖެހިއެވެ. މައިދޮރުގެ ކުރިމައްޗަށް އެރުނުހެން ކުއްލިއަކަށް ގޯޅިއަޅާ ނުކުން ސައިކަލު ޖޫނާ ގައިގައި ޖެހުނެވެ. އާހިލުކަން އެނގިގެން މޫނަށް ފޫހިކަން ގެނެސް ހަށިން ކިލާތައް ފޮޅާލުމަށްފަހު، ކޮލެޖަށް ވަނެވެ. އާހިލުވެސް ސައިކަލު ބަހައްޓާފައި ޖޫނާގެ ފަހަތުން ކިލާހަށް މިސްރާބު ޖެހިއެވެ.
ކިލާހަށް ވަދެވުނުހެން ކިޔަވައިދެންހުރި ދާރިސް ލަސްވިކަމަށް ކިޔާ ނާޒިރުގެ ކައިރިއަށް ފޮނުވިއެވެ. “ކިލާހަށް ދެވުނުލެއް ލަސްވީ” ޖޫނާ ބުންޏެވެ. “ދެ ކުދީންވެސް؟” މޭޒުދޮށުގައި އިށީނދެ އިން އިހުސާން ސުވާލު ކުރިއެވެ. “ލައްބަ” އާހިލު ދަބަހުން ގަލަމެއް ނެގިއެވެ. ޖޫނާ މޭޒުގެ މަގަތުގައި ފޮތްސާމާނު ބެހެއްޓުމަށްފަހު ގަލަމެއް ހޯދުމަށް ހާވަން ފެށިއެވެ. ފަރުގާލުފޮށި އެފުށްމިފުށަށް ޖެހިއިރުވެސް ގަލަމެއް ނުފެނުނެވެ. ނިތްކުރިން ދާހިއްލަން ފެށިއެވެ. “މުދައްރިސް އެބަ އަންނަން.” އިހުސާން ދެ ކުދީންނަސްވެސް ކަރުދާހެއް ފުރަން ދިނުމަށްފަހު އޮފީހުން ނުކުތެވެ. “ގަލަމެއް ނެތީތަ؟” އާހިލު މައްލަވަކުރާ ރާގަކަށްބުނެ ގަލަން ދިއްކޮށްލިއެވެ. “ލައްބަ” ގަލަމުގައި ހިފިހެން އާހިލު އެ ގަލަން އޭނާގެ ގަޔާ ދިމާއަށް ނަގާ އުފުލާލިއެވެ. ޖޫނާ ގަލަމުން ދޫނުކޮށްލާތީވެ އާހިލުގެ ގަޔަށް ވެއްޓުނެވެ. ޖޫނާ އަަވަސް އަވަހަށް އާހިލުގެ ގައިން ދޫކޮށް ހަމައަކަށް އެޅެވޭތޯ ބެލިއެވެ.
“އަދިވެސް މަގޭ ފަހަތުން؟ މަށެއް ނުލިބޭނެ ޖޫސްގަނޑަކަށް.” އާހިލު ގަލަން ދަބަހަށް ލުމަށްފަހު، އޮފީހުން ނިކުންނަން ދިޔައެވެ. ޖޫނާގެ ހިތުގައި ޖަޒުބާތުގެ ތޫފާނެއް ހިނގަމުން ދިޔައެވެ. އޭނާގެ ހިތުގައި އާހިލުއަށްޓަކައި މިހާރު ލޯތްބެއް ނެތެވެ. އޭނާއަށް އޮތް ނަފުރަތާއި ރުޅި ގަދަކުރަމުން ދިޔައެވެ. ޚިޔާލުތަކުން އަރައިގަނެވުނީ އިހުސާން އޮފީހަށް ވަނުމުންނެވެ. “ނިމުނީތަ؟” ޖޫނާ އަވަހަށް ކަރުދާސް ނާޒިރު އަތަށް ދިނުމަށްފަހު ކިލާހަށް ދިޔައެވެ. ނުކުންނަން ދޮރު ހުޅުވާލިހެން ކުރިމަތީގައިހުރީ އާހިލުއެވެ. ޖޫނާ ސިއްސައިގެންގޮސް އާހިލުގެ މޫނުގައި ޖެހިއެވެ. “އައްޗީޑި ޖޫސްޕެޓީއެއް ޖަހައިފި.” އާހިލު ޖޫނާއަށް މައްލަވަކުރަން ފެށިއެވެ. ދެ މީހުންވެސް މަޑު ހިނގުމެއްގައި ކިލާހަށް ދިޔައެވެ.
(ނުނިމޭ)


