Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…32

Mysterious Woman Level 310 Stories100 Comments
June 29, 2026 4 Mins Read
0 Comments

ޝެހެނާޒު ގެނެސްދިން ހެނދުނުގެ ނާސްތާ ކައިގެން މެހެކު އޮތީ ލެޕްޓޮޕް ހިފައިގެން މީސަމްގެ ކޭހުގެ މަޢުލޫމާތު ރިޕޯޓެއް ލިޔާށެވެ. ނޫރައިން ކިތައްމެ ވަރަކަށް އަރާމުކުރަން ބުންޏަސް މެހެކު އަޑު އަހާނެ ހެއްޔެވެ؟ މެހެކު އެ މަސައްކަތުގައި އިންދާ ނޫރައިން އައިސް ވަނެވެ. މެހެކު މަސައްކަތްކުރަން އިންތަން ފެނުމުން ވައިސޫރިއެއްހެން އައިސް ލެޕްޓޮޕު ޖަހައިގަތެވެ. އަދި ކޮފީ ޓޭބަލު މަތީ ބޭއްވިއެވެ. މެހެކު ހަޅޭއްލަވައިގަތެވެ. “ރެސްޓު ކުރާށޭ ބުނީމާ ވެސް ނީވޭތަ އަޑެއް؟….” ނޫރައިން ފުސްމޫނު ހަދާފައި ބުނެލިއެވެ. “ރެސްޓު ކުރަނީނުން މި….މި އޮތީ ނުން އޮށޯވެ ހަމަ….” މެހެކު ބުނެލިއެވެ. “ބަލަ ރެސްޓު ކުރާށޭ ބުނީ އިތުރު އެއްކަމެއް ވެސް ނުކޮށް މީހާ ރިލޭކްސްވެލާށޭ….ސާބަސް ހަމަ” ނޫރައިން ބުނެލިއެވެ. “އޯކޭ އޯކެ ކޫލް…” އެންމެ ފަހުން މެހެކު ބަލި ގަބޫކުކޮށްފިއެވެ.

“މެހެކު މަ މިހެން މި ބުނަނީ މެހެކަށް ރަނގަޅަށްށޭ….ޔޫ ނީޑު ރެސްޓު…” މަޑުމައިތިރިކަމާއިއެކު ނޫރައިން ބުނެލިއެވެ. “އޯކޭ އޯކޭ…އޭޒް ޔޫ ވިޝް” މެހެކު ބުނެލިއެވެ. “ހޫމް މިހާރު ރަނގަޅުވޭ އެބަ…” ސަމާސާ ގޮތަކަށް މެހެކު ބުނެލިއެވެ. މެހެކު ނޫރައިނަށް ލޯ އަޅާލިއެވެ. އެއަށްފަހު ދެ މީހުން އެކުއެކީ ހީގަތެވެ. ނޫރައިން ރާއްޖެއަށް އައިފަހުން މެހެކުމެންގެ ގެއަށް އައި އެއީ ފުރަތަމަ ފަހަރެވެ. އަދި ދެ މީހުން ރަނގަޅަށް ހަމަޖެހިގެން ވާހަކަދެއްކޭ ވެސް އެއީ ފުރަތަމަ ފަހަރެވެ. ދައްކަން ލައްކަ ވާހަކަ ހުންނާނެތާއެވެ. ނޫރައިން އައި އިރު އައީ މެހެކަށް މީރުވާނެހެން ހީވާ ލުއި ކާނާތައް ހިފައިގެންނެވެ.

“މެހެކު…..މަންމަމެންނަށް އެނގުންފަހުން ކަންތައްތައް ކިހިނެއް؟….” ނޫރައިން އަހާލިއެވެ. ހޮސްޕިޓަލުަގއި މެހެކު ބާއްވާފައި އޮތް އިރު ނޫރައިން ވަނީ މެހެކުގެ އާއިލާއަށް ހުރިހާ ކަމެއް ކިޔައިދީފަތާއެވެ. “ވަރަށް ދެރަވެފައި ތިބީ…..މަންމަ ވެސް ބައްޕަ ވެސް ވަރަށް ސުވާލުކުރި…މައާފަށް ވެސް އެދުނު ކަންތައް ކުރެވުނު ގޮތުން….އެނގޭ ކިތައްމެ ހެވިފައި ވާހަކަދެއްކިޔަސް މަންމަމެން އަދި ވެސް ކޮއްކޮ ނެތުމުގެ އިހުސާސުކުރާކަން…ކުރެވޭނެ ވެސްމެ….އެކަމު އެނމްެ އުފާވަނީ ކުރީގައި އޮތް ގުޅުން އިޔާދަވާތީ…..” މެހެކު އެކިއެކި އިހުސާސުވެރިކުރުވަމުން ކިޔައިދިނެވެ. އެންމެ ފަހު ލަފުޒު ބުނީ ހިނިތުންވެފައެވެ. ބޭއިޚުތިޔާރުގައި ނޫރައިނަށް ވެސް ހިނިތުންވެލެވުނެވެ. “އޯ ގާލް….ވަރަށް އުފާވެއްޖެ…ސޯ ހެޕީ ފޯރ ޔޫ….” މެހެކު ގައިގައި ބާރަށް ބައްދާލަމުން ހެވިފައި ނޫރައިން ބުނެލިއެވެ.

އެގޮތުގައި ވާހަކަދައްކަން ތިބި ދެ މީހުންގެ ފޯނަށް ނޮޓިފިކޭޝަނެއް އައި އަޑު އިވުނެވެ. ދެ މީހުން ވެސް ފޯނަށް އައި މެސެޖު ބަލާލިއެވެ. “މިއީ ކޮން ގުރޫޕެއް؟…” ސުވާލު އުފެދިފައި އިނދެ ނޫރައިން ބުނެލިއެވެ. “އެބަތިބި ފައިނާ ވެސް ނީރާ ވެސް ޝާއިން ޝާފިއު ދދާން ވެސް؟…” މެހެކު ފަހަރަކު ނަމެއް ކިޔަމުންދިޔައެވެ. “ރެކު އިޒް ޓައިޕިން އޯ؟…އެއީ ކާކު؟…” ނޫރައިން ބުނެލިއެވެ. “ހޭ ޕީޕްސް….މީ ދާން ބުނެގެން ހެދި ގުރޫޕެއް އެނގޭ….މަ މީ ހަމައެކަނި ހެލްޕާ އެއް….” ރާކިން ފޮނުވި މެސެޖުގައި ވަނީ އެހެންނެވެ. “އޯހް އެއީ ދާންގެ ފުރެންޑެއް…” މެހެކަށް އެއީ ރާކިންކަން އެނގުމުން ނޫރައިނަށް އޮޅުންފިލުވައިދިނެވެ. “ހޫމް….މީ ދޯ ރެކަކީ…..މަ ހީކުރީ  އަސްލަށް ވެސް ފައިވާން ހަރުގަނޑެއް ކަމަށް….” އިމޯޖީތަކަކާއިއެކު ފައިނާ ފޮނުވި މެސެޖުގައި ވަނީ އެހެންނެވެ. އެއާއިކު ނޫރައިނާއި މެހެކަށް ބާރަށް ހެވުނެވެ. ފައިނާގެ ލާނެއްކަން އެއީ އޮޅިފައިވާ ކަމެއްނޫނެވެ.

“ދާން….ބަލާ ކަލޭގެ ކޮއްކޮ މަށަށް ބުލީ ކުރަނީ….” ރާކިން ފޮނުވިއެވެ. “މަށެއް ނުކުރަން ބުލީއެއް…އެހެނޭ ވާނީ ވަނަން ޖަހަންޏާ….” ފައިނާ ދިފާއުގައި ފޮނުވިއެވެ. “ދެން އެހެންވިއްޔާ ކާކު އެއީ ނާނާ؟…މަ ހީކުރީ މިތާނގާ މީހަކު ނިންދަވަނީ ކަމަށް..އެހެންޔާ” ރާކިން ވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ. “މީ ތި ދެ މީހުން ޒުވާބުކުރަން ހެދި ގުރޫޕެއްތަ؟…” މެހެކު އެންމެފަހުން ފޮނުވި މެސެޖުގައި ވަނީ އެހެންނެވެ. “ހެއްހެއް ނޫނޭ ޕިސް އަޅޭ ކޮބައިތަ ދާން….މަ ލައްވާ ގުރޫޕު ހަދާފައި ފިލީ ދޯ؟…” ރާކިން ފޮނުވިއެވެ. “ކެއްލަވާބަލަ…މަ މީނީ މީޓިންގެއްގައޭ….” ޝަދާން ފޮނުވިއެވެ. “ތި މީޓިން އެއް ނުނިމޭނެ މިއިން އިރަކު ވެސް….” ރާކިން އަނެއްކާ ވެސް ފޮނުވިއެވެ. އެއަށްފަހު އިތުރަކަށް އެ ގުރޫޕުގައި މީހަކު އެއްޗެކޭ ނުބުނެއެވެ.

“އަނގަގަދަ ސޮރެއް ދޯ އެއީ….” ނޫރައިނަށް ރާކިންގެ ބަސްމަގު ހުރި ގޮތުން މަޖާވިއެވެ. “ހެއްހެއް އާ..އެއީ ދާންގެ އެއް ބެސްޓު ފުރެންޑު…” މެހެކު ބުނެލިއެވެ. “ދެ މީހުން ތިބޭ ތަ؟…” ނޫރައިން އަހާލިއެވެ. “އާ ތިބޭނެ….އެކަކު އެއީ ޑަކުޓަރެއް…ކާފައަށް ފަރުވާ ދިނީ އޭނަ…ދެން ހުންނާނީ ރާކިން….އެ ދެމީހުންނަކީ ވިޔަފާރިވެރިން ސީއީއޯސް…..” މެހެކު ތަފުޞީލުކޮށްދިނެވެ. “އޯ ގަދަ…” ނޫރައިން މަޑުމަޑުން ބޯ ޖަހާލިއެވެ.

“މަންމާ؟….” ނަވީނާއި ނުހައިކަށް އެއްފަހަރާ ބުނެވުނެވެ. މަލްޝަބާ އޭރު ހުރީ ކޮޅަށް ތެދުވެއެވެ. ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލަން ހުރުމަށްފަހު އެތަނުގެ ތަންތަން ވަށައިގެން ބަލާލިއެވެ. މޭޒުގައި ބޮއެފައި ހުރި ރާ ފުޅިތައް ހުއްޓެވެ. ބިންމަތީގައި ކައިފައި ހުރި ބައެއް ކަހަލަ ލު ކާނާ ޕެކެޓުތައް ހުއްޓެވެ. އޭރު ވެސް ޖަހާފައި ހުރި މިއުޒިކުގެ އަޑު އިވިއިވި ހުއްޓެވެ. ދެ ޖިންސު މަސްސުނިވެ ނަށަމުންދިޔަ ގުރޫޕު ވެސް އޭރު ތިބީ މަލްޝަބާއަށް ބަލަންށެވެ. މަލްޝަބާގެ ނަޒަރު ދެން ގޮސް ދަތުރުކުރީ ނަބީހު ކައިރީ ކޮޅަށް ހުރި ޒުވާން އަންހެން ކުއްޖާއަށްށެވެ. އެއަށްފަހު ނަބީހުއަށް ބަލާޅީ ނުހަނު އަސަރާއިއެކު އެވެ. އެންމެ ފަހުން އޭނާގެ ބައްޕައަށް ބަލާލިއެވެ.

“އެންމެން ނިކުމޭ….” މުޅި ތަން ގުގުމައިގެންދާހާ ބާރަށް ނަބީހު ހަޅޭއްލަވައިގަތެވެ. ކަރުނަވީ ލޮލަކުން މަލްޝަބާ އެންމެންނަށް ވަކިވަކިން ބަލާލިއެވެ. “ކިތައް އަހަރު މި ވަނީ….ކީއްވެ؟…” އެ ސުވާލު އަމާޒު ކުރީ ވަކި ކާކަށް ކަމެއް ނޭނގެއެވެ. ނަބީހުއަށް ކަމެއް ނަވީނަށް ކަމެއް ނުހައިކަށް ކަމެއް ނުވަތަ މުޖުތަބާއަށްކަމެއް ނޭނގެއެވެ. “ކީއްވެހޭ؟…..” މަލްޝަބާ ހަޅޭއްލަވައިގަތެވެ. “ބާރަށް ހަޅޭއްނުލަވާ މަލް….” މުޖުތަބާ ބުނެލިއެވެ. “ބައްޕާ…ބައްޕަ ވެސް ތަ؟…” މަލްޝަބާ އަހާލިއެވެ. ހަށިގަނޑުން ވަރުދޫވެފައިވާ އިންސާނެއްހެން މަލްޝަބާ ތިރިވިއެވެ. ކަކުލުގައި ބޯ އަޅައިގެން އޮވެ ބާރަށް ރޮވެން ފެށުނެވެ. މި މަންޒަރު ބަލާކަށް ނަވީނަށް އަދި ނުހައިކަށް ވެސް ކެތެއްނުވިއެވެ. ދެ މީހުން ދެ ފަރާތުން އައިސް މަލްޝަބާ ގައިގައި ބައްދާލިއެވެ.

“މަންމާ…މިތާނގައި ކީއްކުރަނީ؟…” ނުހައިކު އަހާލިއެވެ. “ދުރަށް ދޭ؟.” މަލްޝަބާ ނުހައިކުގެ އަތް ފޮޅުވާލިއެވެ. “ކަލޭމެން އެންމެން ވެސް މަށަށް އޮޅުވާލީ….މަކަރާއި ހީލަތުން ފުރިފައިވާ ބައެއް ތީ……” މަލްޝަބާ ހަޅޭއްލަވައިގަތެވެ. “މަލް…..” ނަބީހު ތިރިވެ މަލްޝަބާގެ ކޮނޑުގައި އަތް އަޅާލިއެވެ. “ދުރަށް ދާށޭ….ޚަބަރުދާރު މަގޭ ގައިގައި އަތްނުލާ….” ނަބީހުގެ އަތް ފޮޅުވާލަމުން ތެދުވެ މަލްޝަބާ އެންމެންނަށް ފުރަގަސްދިނެވެ. ނަބީހުގެ އަތް މުށްކެވިގެން ދިޔައެވެ.

“ނަބީހު…..ކީއްވެ މަށަށް އޮޅުވާލީ……ކީއްވެ؟….ނަބީހު ލޯބިވާ އެހެން ފަރާތެއް ހުންނަ ވާހަކަ ކީއްވެ ނުބުނީ؟….” މަލްޝަބާ ބުނެލި ވާހަކައިން ނަބީހު ވެސް މުޖުތަބާ ވެސް ދިޔައީ ސިއްސައިގެންނެވެ. ނުހައިކާއި ނަވީނުގެ ހިތުގައި އުފެދުނީ ސުވާލު މާކެކެވެ. “މަލް…ކީކޭ ތި ކިޔަނީ؟….މަ ކާކު ދެކެ ލޯބިވާ ވާހަކައެއް ތި ބުނީ؟…” ނަބީހު ހަމައަކަށް އެޅިލަމުން ބުނެލިއެވެ. މަލްޝަބާ ނަބީހުގެ މޫނަށް ބަލާލިއެވެ. އަދި އެއްމިޔަކަނުން ހީލިއެވެ. ހީވީ މަލާމާތެއްކޮށްލިހެންނެވެ. “ޝެހެނާޒު….” މަލްޝަބާ ބުނެލި ނަމުން ނަބީހު ހަމަ ރަނގަޅަށް ވެސް ސިހުނެވެ. ނަބީހުގެ އިތުރުން ނުހައިކާއި ނަވީން ވެސް އިވުނު ނަމަކުން އިތުރަށް ސުވާލު އުފެދުނެވެ. އެއީ މެހެކުގެ މަންމަ އަދި ފައިނާގެ ބޮޑުދައިތަގެ ނަން ވިއްޔާއެވެ.

“ކީއްވީ؟…..ހީކުރީތަ ތާ އަބަދު މަށަށް އޮޅުވާލެވޭނެ ކަމަށް؟….ކަލޭގެ އަނދިރި ފަރާތް މި އޮތީ މި ފޮތުން ފެންނަން….” މަލްޝަބާ ދައްކާލީ އޭނާގެ އަތުގައި އޮތް ފޮތެވެ. އެ ފޮތް ފެނުމުން ނަބީހުގެ މޫނުން ހާސްކަމާއި ބިރުވެރިކަން ފައުޅުވިއެވެ. އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނު ފަދައެވެ. “ކިހިނެއް؟…ކޮން ގޮތަކުން؟….މި ފޮތް ފެނުނީ؟….” ނަބީހު ބުނެލިއެވެ. “ކަލޭ މި ފޮތް ފޮރުވި ތަނުން މަށަށް ފެނުނީ…..އަލަމާރި ތެރޭ ހުރި އަންނައުނުތައް ތަރުތީބުކުރުމުގެ ތެރެއިން….” މަލްޝަބާ ބުނެލިއެވެ.

“ތި ފޮތް ގެނޭ…..” ނަބީހު އުޅުނީ އެ ފޮތް ޖަހައިގަންނާށެވެ. ނަމަވެސް މަލްޝަބާ އެއަށްވުރެ ހުށިއާރެވެ. ވަގުތުން އެ ފޮތް ގަޔާލާ ބޮޑިކޮށްލިއެވެ. “ނަބީހު….ޝެހެނާޒުގެ ފަހަތުން މުގޯލި އަޅާ އަޅާ ވަރުބަލިވީއިރު ވެސް އޭނާގެ ހިތުން ކަލެއަށް ޖާގައެއް ނުލިބުނީ ދޯ؟…..ކީއްކުރާނީ……މަގާމުގެ ދަހިވެތިކަމުގައި ކަލެއަށް ފެނުނީ މަގޭ ބައްޕަ އެހެންނުން….ބައްޕަގެ އެހީއާއިއެކީ ކަލޭ މިހާރު ތި ހުރި މަގާމުގައި ތި ހުރެވުނީ ވެސް ނޫން ތަ؟….” ޝެހެނާޒު މަލާމާތުގެ ރާގަކަށް ބުނެލިއެވެ. “މަށަށް އެނގޭ އެކަން…….ޝެހެނާޒުގެ ހިތުން ދުވަހަކު ވެސް ކަލެއަށް ޖާގައެއް ނުލިބޭނެ…..އޭރު ވެސް އަދި މިހާރު ވެސް އޭނާގެ ހިތުގެ މިލްކުވެރިޔަކީ މީކާއިލު…..ހައްހައް…..” ނަބީހު ވަށައިގެން އެނބުރެމުން މަލްޝަބާ ބުނެލިއެވެ.

“ބައްޕާ…….ބައްޕަ ވެސް ފައިސާގެ ދަހިވެތިކަމުގައި ފެނުނީ ބައްޕަގެ ހުރި ދަރިފުޅު ވިއްކާލަން ތަ؟…..” މަލްޝަބާ މުޖުތަބާ ކައިރިއަށް ޖެހިލާފައި ބުނެލިއެވެ. މުޖުތަބާ ކުއްލިއަކަށް ބަލާލިއެވެ. “މަލް…….ނޫން…….ބައްޕަ އެހެން ކަންތައް ކުރީ ދަރިފުޅަށް ރަނގަޅަށްށޭ……” މުޖުތަބާ ދިފާއުގައި ވާހަކަދެއްކިއެވެ. “ކޮން ރަނގަޅެއް………މަށަށް މަގޭ ލޯބި ލިބުންތަ؟…….އާނ އަހަންނަށް ނަބީހުއާއި އިނދެވިއްޖެ…..މި ކައިވެންޏަށް ދެ ކުދިން ވެސް ލިބުނު…އެކަމަކު ކޮބާ ލޯބި؟……އިނގޭތަ އަދި ވެސް އޭނާ ހިތް އެދެނީ އެ ޝެހެނާޒަށްށޭ……” މަލްޝަބާ ބުނެލިއެވެ.

“ތި ދެ މީހުންގެ ސަބަބުން އަހަރެންގެ ތިބި ދެ ކުދިން ވެސް އެ ވަނީ ހަލާކުގެ ތެރެއަށް ވަދެވިފައި……ނަވީނު އެ ވަނީ ނުހައްގުން ކުއްޖަކަށް އަނިޔާވެރިވެފައި…..ކޮބާ އެ ކުއްޖާގެ ކުށަކީ؟…..ދެން ހުރީ ނުހައިކު…..ބައްޕަ އާއި ކޮއްކޮގެ ރޭވުންތަކުގައި ބައިވެރިވެ އަނެއްކާ ވެސް ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލަންތަ ބޭނުމީ؟…..” އެއްފަހަރު ނަވީނަށް އަނެއް ފަހަރު ނުހައިކަށް އަމާޒުކޮށް މަލްޝަބާ ބުނެލިއެވެ.

“ހުއްޓާލާ…..މިއަދަކު މާ ގަޓުވެގެން ތި އުޅެނީ ކީއްވެ؟…..ހީކުރީ ތަ މަށަށް މަލްޝަބާއަށް ކަމެއް ނުކުރެވޭނޭ….ބަލަ މަށަކީ ނައިބު ރައީސޭ……ހަމަ މިހާރު ގެނޭ ތި ފޮތް……” ނަބީހު މަލްޝަބާ ކައިރިއަށް ޖެހިގަނެ އޭނާގެ އަތުގައި އޮތް ފޮތް ޖަހައިގަތެވެ. އަދި މަލްޝަބާ ކޮއްޕާލާ އެތާ އެވަގުތު ތިބި ސިއްރު ގާޑުން ކައިރީ މަލްޝަބާ ހައްޔަރުކުރަން އަމުރުކުރިއެވެ. އެއާއިއެކު މުޖުތަބާ ހީވީ ނަބީހު ކާލަން އުޅުނުހެންނެވެ. “އޭ ކޮބާ ކަލޭގެ ލަދުޙަޔާތް؟……މަގޭ ދަރި ހައްޔަރު ކުރީ ކީއްވެ؟……” މުޖުތަބާ ހަޅޭއްލަވައިގަތެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ހިމޭން 4

Previews
June 29, 2026

ހިމޭން 4



All Right Reserved!