އިންޓަރވަލް އިން އައިސް ފުރަތަމަ ގަޑީގެ މެދުތެރެއިން ޝާޔާ އޭނާގެ ބޮލުގައި ރިއްސަނީކަމަށް ބުނެ ޓީޗަރު ކައިރިން ހުއްދަ ހޯދުމަށްފަހު ޑެސްކުގައި ބޯ އަޅާލައިގެން އޮވެލީ ބޮލުގައި ރިހުމަށް ލުޔެއް ލިބޭނެކަމަށެވެ. އިރުކޮޅެއް ނުވެ ޝާޔާގެ ލޮލަށް ނިދިޖެހުނެވެ. ހޭލެވުނީ ގަޑި ނިމުމުން ޖެހި ރަންގަބީލުގެ އަޑަށެވެ. އޭރު ޓީޗަރު ކުލާހުން ނިކުންނަން ރެޑީވަނީއެވެ. ޝާޔާ ޑެސްކުމަތިން ބޯ ނެގުމައްފަހު ހަމަޖެހިލާ ޑެސްކު މަތީ އޮތް އޭނާގެ ފޮތް ދަބަހަށްލާން ނެގި ވަގުތު ފޮތުގެ ތެރެއިން ކުޑަވަރެއްގެ ނޯޓުކޮޅެއް ވެއްޓުނެވެ. މީހަކަށް ނުފެންނާނެހެން ނޯޓުކޮޅު ނިއުޅުވާލުމައްފަހު އޭގައިވާ ލިޔުންކޮޅު ކިޔާލިއެވެ. “މިރޭ 8:00 ޖަހާއިރު ތިގޭ ބަދިގެފަޅީގައި އިންތިޒާރުގައި ހުންނާނަން” ޝާޔާގެ ތުންފަތަށް ވެރިވި ހިނިތުންވުން ބަލަން ކުލާހުގެ ފިރިހެންކުދިން ފަޅީގައި އިން ނިފާޒް އޭގެ މާނަ ނެގީ ޝާޔާ އެބުނީ އާނއެކޭ ގޮތުގައެވެ.
ގަޑިން ރޭގަނޑު 8:30 ވި އިރު ނިފާޒް ހުރީ މުގޯލި އަޅައިގެން ގޮސް ޝާޔާމެން ގޯތި ބަދިގެ ފަޅީގައި އިންތިޒާރުގައެވެ. ގިނައިރުތަކެއްނުވެ މަގުގެ ދެފަޅިއަށް ބަލަމުން މަޑު ހިނގުމެއްގައި ޝާޔާ އަންނަތަން ފެނުމުން ނިފާޒްގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ. މީގެ އެތަށް ރެޔެއް އެތަށް ބައްދަލުވުން ތަކެއް ލޯބީގެ މި ޖޯޑު ކުރަމުންދިޔައެވެ. ފޮނި އެތަށް ހުވަފެންތަކެއް ބަލަމުން ރާވަމުން ދިޔައެވެ. ނަމަވެސް ތަޤުދީރުގައި ލިޔެވިފައިވަނީ ކޮން ހާލަތެއް ކަމެއް ނޭނގޭހާލު މި ދެމީހުން ލޯބީގެ ބަގިޗާގައި ހިނގަމުން ދިޔައެވެ.
ސުކޫލް ނިމި ރަށުން ބޭރުގައި ވަޒީފާގައި އުޅެމުން ލިބުނު ޢީދުބަންދުގައި ނިފާޒް ރަށަށް އެ އައީ 13 ވަރަކަށް އަހަރު ފަހުންނެވެ. ރަށަށް ފައި ބީއްސާލުމާއެކު ކުރަން ބޭނުން ނުވިޔަސް އާވެގެން ދިޔައީ މާޒީގެ ޞަފްޙާ ތަކުގައި ލިޔެވިފައިވާ އެތަކެއް ހަނދާން ތަކެކެވެ. ގެއަށް އައިސް ދަބަސް ބެހެއްޓުމައްފަހު ނިކުމެގެން ދިޔައީ ގެއާ ދިމާލު ތުނޑިއަށެވެ. ހަވީރު ވަގުތުކަމުން އެކިއުމުރު ފުރައިގެ މީހުން ތުނޑިމަތީ ހޭލަމޭލައަށް އުޅުނެވެ. ކުޑަކުދިން އެކި ކުޅިވަރު ތަކުގައެވެ. ރަށުން ބޭރުގައި ގިނަދުވަހު އުޅުމުން ގިނައީ ކާކެއްގެ ދަރިއެއްކަން ވަކިކުރަން ނޭނގޭ ކުދިންނެވެ.
މަޑު ހިނގުމެއްގައި ހިނގާފައި ދިޔާ ނިފާޒް ފައިގަ އައިސް ޖެހުނު ބޯޅަ ނަގާ ދެކޮޅުބަލައި ލިއެވެ. އޭރު ދުވަމުން 3 ވަރަކަށް އަހަރަށް ދާ ކުޑަކުއްޖަކު އެ ބޯޅަ ބަލާ އާދެއެވެ. އެކުއްޖާ އައިސް ހުއްޓުމާއެކު ބޯޅަ ދޭށޭ އެދުމުން ނިފާޒް ހަރަކާތް ކޮއްލި ވަގުތު ފަހަތުން “ދަރިފުޅާ” އޭ ކިޔާ ގޮވާލި އަޑު ހިތުގެ އެންމެ ހިމަ ނާރު ގުޑުވާލިއެވެ. އޮޅުވާ ނުލެވޭނެ އެ އަޑު އިވުމުން ބޯޅަ ހިފަހައްޓައިގެން ހުރެ ފަހަތް ބަލައިލީ އިޙްތިޔާރުން ބޭރުގައެވެ. ހުއްޓުން އަރައި އިރުކޮޅަކު ހުރެވުނެވެ. ތޮށިގަނޑު ކައިރީ ހުރި ޝާޔާވެސް ހުރީ ކުރިމަތިން ފެނުނު ސޫރައިިން ހުއްޓުންއެރި ގަބުވެފައެވެ. ހަށިގަނޑަށް ހަރަކާތެއް ގެންނަން ނޭނގިފައެވެ.
މުޅި މާހައުލު ހިމޭންވެ ލަސްވެފައިވާ ކަހަލައެވެ. ހީވަނީ މިވަޤުތު ކޮޅަކީ ހަމައެކަނި ނިފާޒް އާއި ޝާޔާއަށް ޙާއްސަ ވެފައިވާ ވަޤުތުކޮޅެއް ހެންނެވެ. ޝާޔާގެ މޫނަށް ނަޒަރު ހުއްޓައިގެން ހުރެ ނިފާޒްގެ ފިޔަވަޅުތައް ކުރިއަށް އަޅަމުން ދިޔައެވެ. ޝާޔާވެސް ނިފާޒް އާ އެއްވަރަށް ކައިރިވަމުން ދިޔައެވެ. މިސަރަހައްދުގައި ހިނގަމުންދާ އެއްވެސް ކަމަކަށް މި ދެމީހުންގެ ފަރުވާލެއް ނެތެވެ.
ދެ މީހުން ހިނގަމުން އައިސް ކައިރީ ހުއްޓިލިއެވެ. ވާހަކަ ދެއްކުމުގެ ކުރިން ދެމީހުންގެ ލޮލުން އިހްސާސްތަށް ފާޅުވެގެން ދިޔައެވެ. ޝާޔާ އަހަން ބޭނުންވި ސުވާލުތަކާއި އެނގެން ބޭނުންވި ޖަވާބު ނިފާޒްގެ ލޮލުން ބުނެދިން ކަހަލައެވެ. އެތައް އަހަރެއްގެ ހިތުގެ ޝަކުވާއެކެވެ. ނިފާޒް ވާހަކަ ދައްކަން އަނގަހުޅުވައިލި ވަގުތު ބޯޅަ ބަލައި އައި ކުއްޖާ އައިސް ޝާޔާގެ ހެދުމުގެ ފަސްބާގައި ހިފައި “މަންމާ” އޭ ކިޔާ ގޮވައިލިއެވެ. ނިފާޒްގެ ލޯ ފެންކަޅިވެގެން ދިޔައެވެ. ކަރުނަތިއްކެއް ފޭބިޔަ ނުދޭން އަވަސް އަވަހަށް އެސްފިޔަ ޖަހާލީ އެކަން ފޮރުވުމަށެވެ. ނަމަވެސް ޝާޔާއަކަށް އެކަން ސިއްރެއް ނުކުރެވުނެވެ. އޭނާއަށް އެމަންޒަރު ނުފެންނަ ކަމަށް ހެދިއެވެ. އެންމެ ފަހަރަކު ނަމަވެސް ނިފާޒްގެ މޭމަތީ ބޯއަޅާލާ ބައްދާލަން ބޭނުންވިއެވެ. ހިތުގައި އުފެދެމުންދިޔަ އާހުތައް ބަންޑުން ކޮއްލަން ބޭނުން ވިއެވެ. އުފާވެރި ކަމުގެ ކަރުނައާއި ކުރި ހިތާމަތަކުގެ ޝަކުވާތައް ހާމަކުރަން ބޭނުންވިއެވެ. ނިފާޒް ވެސް ހުރީ ހަމަ އެފަދައިންނެވެ. ހިތް އަވަސްވެ އަތްފައި ފިނިވެފައެވެ. ހިތް ފުރެންދެން ޝާޔާގެނެސް ނީފާޒްގެ އަތުތެރޭ ބާއްވަން ބޭނުންވިއެވެ. ނަމަވެސް ހާލަތު ހުރިގޮތުން ދެމީހުންނަށްވެސް މަޖުބޫރުވީ ހިތާދެކޮޅަށް ނަމަވެސް އެ އިހްސާސްތަކަށް ފަސްއަޅާ ފޮރުވާލާށެވެ.
ދެމީހުން އެ ދެމީހުންގެ އަމިއްލަ ލޯބީގެ ކާއިނާތުން އެނބުރި ދުނިޔޭގެ ބިމަށް ތިރިވާން މަޖުބޫރު ކޮށްލީ ޝާޔާގެ ފަހަތުން މީހަކު ނިފާޒް އަށް ގޮވާލުމުންނެވެ. ދެމީހުންވެސް އެދިމާ ބަލައިލިއެވެ. އޭރު އަންހެނަކާ ފިރިހެނެއް ތިބެ އާދެބަލާށޭ ކިޔާ އަތުން އިޝާރާތް ކޮއްލިއެވެ. ދިޔައިރު ތިބީ ނިފާޒްގެ ސުކޫލު ދައުރުގެ ޓީޗަރ މަރީ މިސް އާއި އެހެން ރަށެއްގެ ދަންނަ ރައްޓެއްސެކެވެ. ނިފާޒް އެ ދެ މީހުންނާ ސަލާން ކޮއްލާ ހާލު ބަލާލިއެވެ. ވާހަކައިގަ 4 މީހުން ތިއްބާ އެއްކަލަ ކުޑަކުއްޖާ އައިސް ނީފާޒްގެ ރަހުމަތްތެރިގެ އަތައް ދަމައި ގަނެ “ބައްޕާ ކޮއްކޮ ގެއަށް ދާން” މިހެން ބުނުމުން ނިފާޒްއަށް ކުޑަވަރެއްގެ ޝޮކެއް ލިބި ބޭއިޙްތިޔާރުގައި ޝާޔާގެ މޫނަށް ބަލައިލެވުނެވެ. ޝާޔާ ވެސް ނިފާޒްގެ މޫނަށް ބަލާލުމައްފަހު އިސްދަށަށް ޖަހައިލިއެވެ. ޖަވާބު ނިފާޒް އަށް ނަގައި ގަނެވުނެވެ. ހިތް މަރުވި ނަމަވެސް އުފާވެރިކަން މޫނުމަތިން ދައްކާ ދެމީހުންނަވެސް މަރުހާަބާ ކިޔާލިއެވެ. މޭ ތެރޭގައި ހިތް ބާރުބާރަށް އޮބިނޯޥެ ތެޅެނީއެވެ. އެއަޑު ޝާޔާއަށްވެސް އިވޭކަހަލައެވެ. އިރުކޮޅަކާ ނިފާޒްއާ ދިމާލަށް ބަލާލެވެއެވެ. ނިފާޒްގެ އިހުސާސްތައް ޝާޔާއަށް އެނގޭ ކަހަލައެވެ.
އިރުކޮޅަކު ވާހަކަ ދައްކާލަން ހުރުމަށްފަހު ނިފާޒް ގެއަށް ދަނީއޭ ބުނެ ހިނގައިގަތެވެ. ހިނގަމުން ހިނގަމުންގޮސް ނިފާޒް ފަހަތް އެނބުރި ޝާޔާމެން ތިބި ދިމާލަށް ބަލައިލިއެވެ. އިއްތިފާޤުން ޝާޔާއަށްވެސް ނިފާޒް އަށް ބަލައިލެވުނީ ހަމަ އެވަޤުތުއެވެ. ދެމީހުންނަށްވެސް ހިނިތުން ވެލެވުނެވެ. އެތަށް ވާހަކައެއް ބުނެދޭ ކަހަލަ ހިނިތުންވުމެކެވެ. ނިފާޒް އެނބުރި ގެއާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ލޮލުގެ ކަޅިރަވައިން ފޭދިގެން ދިޔަ ކަރުނަތިކި އަތުގެ ނުފުށުން ފުހެލިއެވެ. އެމަންޒަރު ފެނި ޝާޔާގެ ހާލުވެސް ވީ އެވަރެވެ.
ނިފާޒްގެ ލޮލުން މިހާރު އެއަންނަނީ އުފާވެރިކަމުގެ ކަރުނައެވެ. ޝާޔާއަށްޓަކައެވެ. ނިފާޒްއަށް ނުދެވުނު ޝާޔާ މިހާރު އުޅެމުންދާ އުފާވެރި ދިރިއުޅުމަށެވެ. އެއީ އަބަދުވެސް ނިފާޒް ބޭނުންވި ގޮތެވެ. ޝާޔާ އުފަލުގައި އުޅުން އެއީ އޭނާ އަބަދުވެސް އުންމީދު ކުރި ގޮތެވެ. ނިފާޒްއަށް ޝާޔާއާއި އެކީ އެ އުފާވެރި ދިރިއުޅުން ނުއުޅެވުނީ ނިފާޒްގެ ހަޔާތައް އޭރު އެޅުން އާދަޔާ ޙިލާފް ހިޔަންޏެއްގެ ސަބަބުންނެވެ. އެކަން ޙުދު ޝާޔާައަށްވެސް ވަނީ ނިފާޒް ސިއްރު ކޮއްފައެވެ. ސިއްރެއް ގޮތައް ބާއްވަމާ ހިނގާށެވެ.
2 Comments!
Comments are closed.

Vaahaka nimunee???
Vaahaka nimunee???
Is there another prt