ގުރާފުޅު 1
“ކެޗް….” ބޭބެގެ ދޮށީގައި ގަތް މަސްނަގައި އަހަންނަށް ދައްކާލަމުން ބުނެލިއެވެ. ވަރަށް ފަރުވާތެރިކަމާއެކު އެމަސް ބުޅިން ނައްޓާލަމުން ބޭބެ ގޮނޑުދަށުގައި ކުޑަކަކޫ ޖަހާލިއެވެ.
“އެންޑް ރިލީޒް…” އަހަަންނަށް ބަލާލަމުން އަނެއްކާވެސް ބޭބެ ހީލިއެވެ. ބަދަލުގައި އަހަރެން ހިނިތުންވުމެއް ނުދެމެވެ. ބަލަހައްޓައިގެން އިނީއެވެ. އަހަރެންގެ ހިޔާލު ގޮސް ގުޅުނީ ބުޅި އަޅައިގަނެގެން ހަލާކު ވެފައިވާ އެމަހުގެ އަނގައަށެެވެ. ފާޑަކަށް ތެޅެމުން ދުވެފައި ދިޔައިރުވެސް ދެން އެމަސް އަނބުރައި ކުރީގެ ގޮތަށް ނާންނާނެކަން އަހަންނަށް ޔަޤީނެވެ. ހިފާފައި ދޫކޮށްލީމައި ވާނީ އެހެންނެވެ. އެހިޔާލު ހިތަށް ވަނުމާއެކު ފުޅާ ހިނިތުންވުމެއް އަހަރެންގެ މޫނަށް ވެރިވިއެވެ.
“އާހް….” މޫނަށް އަރައިގެން ދިޔަ ދިލަ ތަދާއެކު އަހަރެން ހިޔާލީ ދުނިޔެއިން އަނބުރައި އަތުވެވިއްޖެއެވެ. ކުރިމަތީގައި އޮތް އަންހެން މީހާއަށް އަހަރެން ބަލާލިމެވެ. ރީނދޫ ކުލައިގެ ފޮށި ބަންދުކުރާ ޓޭޕްއަޅައި އައްސާފައިވާ ތަންތަން މިހާރު ހުރީ ލާހަން ކެނޑި ލޭއައިސް ފައެވެ. އަހަރެން ފަރުވާތެރިކަމާއެކު އެމޫނަށް ބަލާލީމެވެ. ފަނޑުރަތްކުލައިގެ އިސްތަށިގަނޑުގައި ފިރުމާލީ ދެން އިތުރަށް ތަދެއް ނުވާނޭ ބުނުމަށެވެ. އެއާއެކު އެލޮލުން ހޯސްލާފައި ކަރުނަ ފައިބައި ގަނެއްޖެއެވެ.
“ކެޗް….” އަހަރެން އެއަންހެންމީހާގެ އަނގަމަތީގައި އަޅާފައިވާ ޓޭޕް ގަނޑު ނައްޓާލަމުން ބުނެލީމެވެ.
“ގުރާ…” ޓޭޕް ގަނޑު ނައްޓާލުމާއެކު އަންހެން މީހާ ހަޅޭއްލަވައި ގަނެއްޖެއެވެ.
“އެންޑް ރިލީޒް..” އެއަންހެން މީހާ ކޮޅަށް ހުރި ގޮނޑީގައި ފައިން ޖަހަމުން އަހަރެން ބުނެލީމެވެ. ފަންކަލާއި ދިމާލަށް އަހަރެން ބަލާލީމެވެ. ފަންކަލުގައި އައްސާފައިވާ ފޮތިގަނޑު އެމީހާގެ ކަރުގައި އަހަރެން އެއްސީ ނުނެއްޓޭނޭ ވަރު ބަލާފައެވެ. އެހެންނާ މީ އަހަރެންގެ ފުރަތަމަ ފަހަރެއް ނޫން ވިއްޔާއެވެ. އެއާއެކު އެއަންހެންމީހާ ތެޅެންފެށީ މަހެއް ފެނަށް ތެޅޭ ހެންނެވެ. ކަރަށް ވާންވަމުން ދިޔަ ވަރަކަށް ފައިވެސް ފާޑަކަށް ފިޔައީ ސީދާވަމުންނެވެ. އެއްކޮށް އެމީހާގެ ހަރަކާތް ކެނޑެންދެން އަހަރެންބަލަހައްޓައިގެން ހުރީމެވެ. ދެން ޖެހޭނީ ތިރިއަށް ބާލާށެވެ. މިހަރު އޭނާއަކަށް ތަދެއް ނުވާނެއެވެ. އެއްވެސް ތަދެއް ނުވާނެއެވެ.
*****
ތަރީމް
މަންމަގެ ބަނޑުމަތީގައި އަހަރެން ބޯއަޅާލީމެވެ. މިއަދު މަންމަގެގައި އިހުނަށްވުރެ ފިންޏެވެ. މަޑުމަޑުން މަންމަގެ މޫނަށް އަަހަރެން ބަލާލީމެވެ. މަންމަ އޮތީ ލޯ ބޮޑު ކޮއްލައިގެންނެވެ. ފަންކަލާއި ދިމާލަށް މަންމަ ބަލަންއޮތީ އެސްފިޔަވެސް ޖަހާނުލައެެވެ. އަހަރެން މަންމަގެ އަތް ދަމާލަމުން ބަނޑުދަށުގައި އޮށޯވެލީމެވެ. އަހަރެން އިރުކޮޅަކު ތެދުވަމުން މަންމަގެ ބަނޑާއި ދިމާލަށް ބަލާލީމެވެ. މިއަދު މަންމަގެ ބަނޑު މައްޗަށްއަރާފައި ތިރިއެއް ނުވެއެވެ. އަހަރެންގެ ހަށިގަނޑަށް ކުއްލި ސިހުމެއްއައީ ބައްޕަ އަހަރެން ކުއްލިއަަކަށް ނަގައި އުރާލުމުންނެވެ. އަހަރެންގެ 5 އަހަރުގެ ސިކުނޑިއަށް ކަމެއް ގޯސްވެއްޖެކަން ޔަޤީންވީ ދެނެވެ. އަހަރެން މަންމައާއި ދިމާލަށް ބަލާލީމެވެ. އެނދުން ބޭރަށް ވެއްޓިފައިވާ މަންމަގެ އަތަށް ދެން އަހަރެން ނަޒަރެއް ދިނީމެވެ. ބައްޕަ ގެ ގިސްލުމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނީ ދެނެވެ.
“މަންމާ….” މަންމަގެ އަތުން ފައިބަމުން ދިޔަ ލޭތަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ދެނެވެ. މަންމަގެ ހެދުން ތެމިފައިވާކަންވެސް އަހަންނަށް އިހްސާސްވީ ދެނެވެ. ބައްޕަ ގެއިން ނިކުމެގެން އަހަރެން ގޮވައިގެން ދުއްވައިގަތީ ވަކި މިސްރާބެއް ބަލާފައި ނޫންކަން ޔަޤީނެވެ. ވެހެމުންދިޔަ ބޯވާރެއިން އަހަރެންގެ ކުޑަ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔަ ގޮތުން ބައްޕަ އަހަރެން ބޮޑަށް ގަޔާލައި ކައިރި ކޮއްލިއެވެ.
” ބައްޕަ ވަރަށް އަވަހަށް އަންނާނަން… ކޮއްކޮ މިތާ މަޑު ކުރަންވީއެއްނު… ދޯ…” ބައްޕަ އަހަރެންގެ ދެކޮލުގައި ފިރުމާލާފައި އެހެން ބުނުމުން އަހަރެން ބޯޖަހާލީމެވެ.
“މަންމި ގޮވައިގެންދޯ އަންނާނީ…” އަހަރެން އެހެން ބުނުމުން ބައްޕަ ތެދުވެ ދުރަށް ހިނގައިގަތީއެވެ.
ވާރޭ މިހާރު އިހުނަށްވުރެ ބޯކޮށްލައިފިއެެވެ. ވަޔާއިއެކު ނަށަމުންދިޔަ ގަސްތައް މިހާރު ހީވަނީ މުލުން ލުހިގެން ގޮސްފާނެ ހެންނެވެ. ވާރެއަކީވެސް ހާދަހައި އެހެން ކަހަލަ އެއްޗެކެވެ. ބޭނުންނަމަ ކުރިއެރުމަށް ބޭނުންވާ ފެން ދޭންވީއެވެ. ނޫންނަމަ އެތަށް ބައެއްގެ ދިރިއުޅުން ސުންނާފަތި ވެދާނެއެވެ. އަހަރެން ފަދައިންނެވެ. އަހަރެންގެ ދިރިއުޅުން މިހައި އަވަހަށް ބަނަވެދާނެއޭ ދުވަހަކުވެސް ހިއެއް ނުކުރަމެވެ.
ނިދިން އަހަންނަށް ހޭލެވުނީ އާރާގެ ރުއިމުގެ އަޑަށެވެ. ކޮޓަރިއަށް ވެރިވެފައިވާ އަނދިރީގެ ތެރެއިން އަހަރެން ހިނގައިގަތީ އާރާގެ އެނދާއި ދިމާލަށެވެ. މިހާރަކަށް އައިސް އަބަދު އަހަންނަށް މަންމަ ހުވަފެނުން ފެނެއެވެ. އާރާގެ މޫނު ފެނުމާއެކު އަހަރެން ހިނިތުން ވެލީމެވެ. ކިހައި ދުވަހަކު އަހަރެން މިހެން އުޅެން ޖެހޭނެ ހެއްޔެވެ. ކިހައި ދުވަހަކު އަހަންނަށް ފިލައިގެން އުޅެވިދާނެ ހެއްޔެވެ. ނޫނެކެވެ. އަހަރެން ފިލީއެއް ނޫނެވެ. އަހަރެންގެ ފިރިމީހާ އަހަރެން ގެއިން ނެރެލީއެވެ. އާރާގެ ކުޑަ އަޑުން އަހަރެން އަނެއްކާވެސް ހިޔާލީ ދުނިޔެއިން ނިކުމެވިއްޖެއެވެ. ހެނދުނު ހައެއް ޖަހަނީއެވެ. މިއަދު އަހަރެންނަށް ނިދަން އޮވެވުނީ ކީއްވެ ކަމެއް ނޭނގެއެވެ.
މަންމަ އައިސް ކޮޓަރީގެ ދޮރު ހުޅުވާލީ އަހަރެން އާރާ ބޮލުގައި ފުނާ އަޅުވަން ހުއްޓައެވެ. ސައިބޯން އަންނަން ބުނުމުން އަހަރެން ބޯޖަހާލީމެވެ. އަދިވެސް އަހަރެންނަށް މަންމަމެނާއި ވާހަކަ ދައްކަން އުނދަގުލެވެ. އަހަރެންގެ ފަރާތުން އެމީހުނަށް އުނދަގުލެއްވާން މިހާރު އަހަރެން ބޭނުން ނުވަނީއެވެ. އަހަރެން އާރާގެ ބޮލުން އަތް ދޫކޮއްލުމާއެކު އާރާ ދުވެފައި ބޭރަށް ނިކުމެއްޖެއެވެ. ވަކި ހިސާބަކަށް ގޮސްފައި ކުއްލިއަކަށް ފަހަތަށް އެނބުރުނު ގޮތުން އަހަރެންގެ މެއަށް ދިޔައީ ފިނި ވެގެންނެވެ. ހަމަ އެމޫނެވެ. އެހިނިތުންވުމެވެ. އެދެލޮލެވެ. އެދޮންކަމެވެ. ބޯފަހަތަށް އައްސަމުން އަހަރެންވެސް އާރާގެ ފަހަތުން ނިކުތީ އަވަހަށް ސައިބޮއެގެން އޮފީހަށް ދާށެވެ. އަހަރެންގެ ފިޔަވަޅުތަކަށް މަޑު ޖެހުމެއް އައީ މޭޒު އެއްކޮޅުގައި އިށީނދެގެންހުރި ބައްޕަ ފެނުމުންނެވެ. ވަގުތުން އަހަރެން ބުމަކައިރި ކޮއްލެވިއްޖެއެވެ.
“ތަރީ… އާދޭ…” އާރާ ނަގައި އުނގަށްލަމުން ބައްޕަ ބުނެލީ މަޑުންނެވެ. އެހެންނާވެސް ބުނާ ގޮތަށެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ.
“ކޮއްކޮ ކޮންއިރަކުން ގަތް ތަނަށް ބަދަލުވަނީ…” ދޮންބެ އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
“ކޮންތަނަކަށް ބަދަލުވާން… ކޮނަތަނެއް ގަނެގެން….” ބައްޕަ ބުނެލީ ބާރަށެވެ. ވަގުތުން އަހަރެންގެ މޫޑު ސަކަރާތްވެއްޖެއެވެ. އަދިވެސް މިމީހުނަށް އަހަންނާއި ހެދި އުނދަގޫވަނީއެވެ.
“ކޮއްކޮ ކުރިން ދުވަހު އެޕާރޓްމެންޓް ގަނެފި އެއްނު… އެތަނަށް ބަދަލުވާން…”
“ތޮލް ކީއްވެ ބައްޕަ ކައިރީގަ އެހެން ނުބުނީ…” ބައްޕަގެ އަޑު އަނެއްކާވެސް ބާރު ވެއްޖެއެވެ. އަހަރެންގެ ހިތުގެ ވިންދުވެސް މެއެވެ.
“އިލްޔާސް…. އެމަންޖެ ބޭނުން ގޮތަކަށް ނިންމަން ދޫކޮއްލަބަލަ…” މަންމަ މިފަހަރު ބުނެލީ ހަރުކަށި ކޮށެވެ. އަހަރެން މަންމަގެ މޫނަށް ބަލާލީމެވެ. އޭރު މަންމަވެސް ހުރީ އަހަންނަށް ބަލާށެވެ.
“ސަހީނާއާއި ހުރެ މިހެން މިވަނީ… ދެން އާރާ ގޮވައިގެން އެކަނި އުޅެން ދާންވީ…” ބައްޕަ އަދިވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ.
“ކާފާ… ޝުސް…” އާރާގެ ކުޑަކުޑަ އަތުން ބައްޕަގެ މޫނުގައި އަތް ޖައްސާލުމާއެކު ބައްޕަ ހުއްޓައިލައިފިއެވެ. އަހަރެން ބުނަން ބޭނުންވިއެވެ. އަހަރެން މިގޭގައި އުޅޭކަށް ބޭނުމެއް ނޫނެވެ. އެއްވެސް މީހަކަށް އިނދަގޫ ކުރާކަށް ބޭނުމެއް ނޫނެވެ.
“ތަރީ… ދަރިފުޅު ޔާސު އެބައާދޭ މިއަދު… ނާދިޔައްތަވެސް ބުނި އަންނަ ވާހަކަ.. އާރާ ކައިރިއަށް އަންނަންވެސް އެމީހުން ބޭނުންވާނެ ދޯ” މަންމަ އަހަންނަށް ބަލާލަމުން ބުނެލީ މަޑުމަޑުންނެވެ. އަހަރެން ކިތަންމެހައިވެސް ވާހަކަ ދައްކަން ބޭނުމެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ.
“މަންމާ… އެއްފަހަރުވެސް ކޮއްކޮ ބޭނުންވާ ގޮތަށް ކަންތައް ކުރަން ދޫކޮއްލިއްޔާ މަންމަމެނަށް ފާފައެއް ވަނީތަ؟…” ބޭބެގެ ނުރުހުންވިވަރު ބޭބެގެ އަޑުން އެކަނިވެސް އެނގެއެވެ.
“ދެން ކުޑަ ކުއްޖެއް ގޮވައިގެން އެކަނި ގެއަކަށް ދާންވެސް ބައްޕަމެން ހަމަ އެއްބަސް ވާންވީދޯ… އިއްބާން އާއި ވާހަކަ ދައްކާކަށްވެސް ތަރީމް ބޭނުންވަނީއެއް ނޫން… މާލެވެސް މިގެނައީ ގަދަކަމުން… މިކުއްޖާވެސް ދެކެން އެމީހުން ބޭނުންވާނެ ދޯ.. ތަރީމް އެއްފަހަރުވެސް މިކަހަލަ ކަންތަކަށް ވިސްނާލިންތަ؟…” އާރާ ދުރަށް ދިއުމުން ބައްޕަ ބުނެލީ ރުޅި އައިސްފައެވެ.
“ބައްޕަ އެއްފަހަރުވެސް ވިސްނާލިންތަ އަހަރެންގެދެކެ ލޯބިވާނުވާ މީހަކާ އަހަރެން އިންނަން މަޖުބޫރު ކުރިއިރު…” އިއްބާންގެ ނަން އަޑުއިވުމާއެކު 3 އަހަރުގެ ރުޅި ހީވީ އެއްކޮށް ބަންޑުން ވެދާނެ ހެންނެވެ. މާލެއައިތާ އަދި މިއުޅެނީ އެއްއަހަރު ނުވެގެންނެވެ. އަނެއްކާ އަހަރެންގެ ދިރިއުޅުމުގެ ކަންތައްތަކާއި ބެހެންވީއެވެ. އިތުރަށް ބައްޕަ އެއްވެސް އެއްޗެކޭއެއް ނުބުނެއެވެ. އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަން ހުރެފައި ތެދުވީއެވެ.
“ތަރީ ބޭނުންވިއްޔާ ތަރީ ދާންވީ… އެކަމަކު އާރާ އަކަށް ނުދެވޭނެ.. ދަރިފުޅާއި އިއްބާން އަދިވެސް ތިއުޅެނީ އިނދެގެން…” ބައްޕަ އެހެން ބުނެލީ މަޑުންނެވެ. ބައްޕަގެ ފިޔަވަޅު ދުރުވަރުން ދިޔަވަރަަކަށް އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށްވީ އިތުރެވެ. އަހަރެން ބުނާނީ ކިިހިނެއް ހެއްޔެވެ. އިއްބާންގެ ނަން އަހަރެންގެ ދުލުން ނުކިޔާތާ ތިން އަހަރުވަނީއެވެ. އެންނަން އަޑު އަހަން ބޭނުންނުވާތާވެސް ތިންއަހަރު ވަނީއެވެ. އިތުރަށް އެނަން އަޑު އަހަންވެސް އަހަރެން ބޭނުން ނުވަނީއެވެ.
އިއްބާން
3 އަހަރު ކުރި
އުޑާއި ދިމާލަށް އަހަރެން ބަލާލީމެވެ. ވިއްސާރަކަމުން ހީވަނީ އިރުއޮއްސެން ކައިރި ވެފައި ވާހެންނެވެ. އަތުގައި އޮތް ގަޑި ވައިބޮރޭޓް ވާހެން ހީވުމުން އަހަރެން ބަލާލީމެވެ. އޮފީހުން އަނެއްކާ ގުޅަނީއެވެ. ވާރޭ ކޯޓު އަނބުރައި ސައިކަލު މަޑު ދަށަށް ލުމަށްފަހު އަހަރެން އަނބުރައިވަނީ އޮފީހަށެވެ. މީޓިން ރޫމުގެ ވަށްމޭޒުގެ ވަށައިގެންތިބި އެންމެންނަށް އަހަރެން ބަލާލީމެވެ. އެންމެންގެ މޫނުންވެސް ފެންނަނީ ހާސްކަމެވެ. ޤައުމީ ދިފާއުގައި މަސައްކަތް ކުރާތާ 5 އަހަރުވީއިރު އަހަރެންގެ އާއިލާ މީހަކަށްވެސް އެކަމެއް ނޭނގޭނެއެވެ. ސިއްރު ޑިޕާޓްމެންޓެއްގައި އަހަރުމެންގެ ޓީމު މަސައްކަތް ކުރަނީ ރާއްޖޭގައި ހިނގާފައި ހުންނަ ބޮޑެތި މައްސަލަތަށް ބެލުމެވެ. މީހުން މަރާ މީހުން ހޯދުމާއި ޑްރަގްގެ އެކި މައްސަލަ ތަކެވެ. އަހަރެން ވަނުމާއެކު ބޮޑުމީހާ ކުރިމަތީގައި ހުރި ނޯޓިސްބޯޑު ދައްކާލައިފިއެެވެ. ބޯޑުގެ މެދުގައި ބޮޑު އަކުރުން “ގުރާ” ޖަހާފައި އޮތީމައި އަހަރެން ލޯކުޑަ ކޮއްލީމެވެ. ކުރީގެ ހަނދާނެއް ސިކުނޑީގައި ދަތުރުކޮއްލީ ކުއްލިއަކަށެވެ.
“އިއްބާން…” ޝާހިދު ބުނެލީ ތަންކޮޅެއް ބާރަށެވެ.
“ޔެސް ސަރ…” ސިހިފައި އަހަރެން އެދިމާލަށް ބަލާލީމެވެ. ގުރާއޭ ޖަހާފައިވާ ދިމާލުން ތިރިއަށް ހަތަރު ފޮޓޯގަނޑު ތަތްކޮއްފައި ހުއްޓެވެ. ހުރިހާ އެއްޗެއްވެސް ހުރީ އެއްލައިނެއްގައި ސީދަލަށެވެ. މަރުވެފައިވާ ހަތަރު އަންހެނުންނެވެ. ނޫނެކެވެ. މަރާލެވިފައިވާ ހަތަރު އަންހެނުންނެވެ.
“ކޮންބައެއް ހަނދާން ހުރީ 1995 ގައި ގެއެއްގައި ދަންޖެހިގެން މަރުވެގެން ފެނުނު އަންހެން މީހާ…” ޝާހިދު އެންމެންގެ މޫނަށް ބަލާލީ އެނގޭހޭ އަހާލާށެވެ. އެންމެންވެސް ބޯޖަހާލީ އެއްފަހަރާއެވެ.
“ދެންމެ ހެންވޭރު ގެއެއްގެ ނުވަވަނަ ބުރިން 37 އަހަރުގެ އަންހެނެއް ވެއްޓި މަރުވެފައި އޮއްވާ ފެނިއްޖެ…” އެމީހާގެ ފޮޓޯ ގަނޑު މޭޒު މެދުގައި ބާއްވަމުން ޝާހިދު ބުނެލީ ވަރަށް މަޑުންނެވެ.
“އެއަންހެންމީހާ އަނގައިން އަހަރުމެނަށް މިގަނޑުކޮޅު ލިބުނީ… މީގެ މޮޅު ކަމަކީ އިއްބާން ރަށަށް ދާން އުޅޭތީ.. ވީ ގޮޓް އަ ޓިޕް..” ޝަހީދު އެހެން ބުނެލީ ހިނިތުން ވުމާއެކުއެވެ. އެއާއެކު އަހަރެންގެ ނިތަށް ރޫއަރައިގެން ހިނގައްޖެއެވެ.
ވާރޭ ވެހެމުން ދިޔައީ ނުހަނު ބޯކޮށެވެ. ލޯންޗު ރަށާއި ކައިރި ކޮއްލުމާއެކު އަހަރެން އަވަހަށް އޭގެއިން ފުންމާލައިފީމެވެ. ވާރޭ ނުތެމޭތާ ގިނަ ދުވަސްތަކެއް ވެފައި ހުރުމުން އަހަރެން އަވަހަކާއި ހިނގައިގަނެ ފީމެވެ. މަންމަ ގޮވަ ގޮވައި ހުއްޓައެވެ. ގެއާއި ހަމައަށް ދެވުމާއެކު އަހަރެން އެދިމާލަށް ބަލައިލީމެވެ. ތަޅުގައި ހިފާލީ އަވަހަށް ގެއަށް ވަނުމަށެވެ. ނަމަވެސް ދޮރާށި ހުރީ ތަޅުލާފައެވެ. ދެކޮޅު ބަލާލާފައި އަވަހަކާއި ފާރުމަތިން އަހަރެން އެތެރެއަށް ފުންމާލީމެވެ. ކޮނޑަށް އަރައިގެން ދިޔަ ތަދާއެކު އަހަރެން އެނުބުރުނީއެވެ. އަހަރެން ކޮންމެހެން ފާރުމަތިން މިއެރީ ދޮރާށި ތަޅުލާފައި ހުރުމުންނެވެ. އެހައި ބާރަށް ނުޖެހިއަސް ވެދާނެ ނޫން ހެއްޔެވެ. ކޮނޑުގައި އަތް އަޅަމުން އަހަރެން އަވަހާއި އެދިމާލަށް ބަލައިލީމެވެ. ކައިރީގައި ހުރި އަންހެން ކުއްޖާ ފެނުމާއެކު އަހަރެން ދުރަށް ޖެހުނީ ބިރުންނެވެ. ހުދު ކަމުން އެކުއްޖާ ހީވަނީ ޖިންނިއެއް ހެންނެވެ. ކަޅުދިގު އިސްތަށުގަނޑު ހުރީ ކޮނޑާއި ހަމައަށް ހަމައަށް ކޮށާލައިފައެެވެ. ވަށް ދެލޯ ބޮޑު ކޮއްލައިގެން ބަލަހައްޓައިގެން ހުރީ އަހަރެން ތަދުވާތީ ހިފަހައްޓައިގެން ހުރި ކޮނޑާއި ދިމާލަށެވެ.
“ތަރީ…” އެއަންހެން ކުއްޖާ ފަހަތަށް އެނބުރެމުން ބުނެލީ ވަރަށް ބާރަށެވެ. އެއާއެކު އަހަރެންގެ ނަޒަރުވެސް ދަތުރުކޮއްލީ އެދިމާލަށެވެ. ދެލޯ ބޮޑު ކޮއްލައިގެން ދުރުގައި ބަލަހައްޓައިގެން ހުރި އަންހެން ކުއްޖާގެ އަތުގައި އަދިވެސް ކުޑަ ގާކޮޅެއް އެބައޮތެވެ. އަހަރެންގެ ހަށިގަނޑަށް ބުނެދޭން ނޭނގޭ ހަރުކަށިކަމެއް ވެރިވީ އެދެލޯ ފެނުމުންނެވެ. ދުވަހަކުވެސް އެހައި ރީތި ކަޅިއެއް އަހަރެން ނުދެކެމެވެ. ރަން ކުލައިން ވިދަވިދައި ހުރި ކަޅި އަހަރެންގެ މޫނުން ދަތުރު ކޮއްލީ ޔާސްމީންއަށެެވެ. ހަމަ އެފަދަ ރަންކުލައިގެ ބުޅި އިސްތަށިގަނޑު ހުރީ އުނަގަނޑާއި ހިސާބަށެވެ. ލޮލުގެ ކަޅިއާއި އެއްކުލައެއްގައި އިސްތަށިގަނޑުން އަހަރެންގެ ލޯ ދަތުރުކޮއްލީ އެވަށް މޫނަށެވެ. ވާރޭގެ ފިނިން ތުރުތުރު އަޅަމުން ދިޔަ ތުންފަތް ފޮރުވަމުން ތަރީ ބަލާލީ އަހަރެންގެ ފުރަގަހުން ހުޅުވުނު ދޮރަށެެވެ.
“ކީއްކުރަންތަ މީހުންގައިގަ ޖަހަންވީއެއް… އަޅުގަނޑު މީ ޔާސްމީން….” ޔާސްމީން ހިނިތުން ވަމުން ބުނެލިއެވެ. އަހަރެންގެ އަދިވެސް ބަލަހައްޓައިގެން ހުރީ ތަރީއަށެވެ. ވާރޭގެ ކޮންމެ ކެރިއެއް އެދިގު އެސްފިޔަތަކުން ތިތިއަށް ވެއްޓޭތަން އަހަންނަށް ފެންނަމުން ދިޔައީ ލަހުންނެވެ.
“އިއްބާން…” މަންމަގެ އަޑު ފަހަތުން އިވުމާއެކު އަހަރެން ދޮރާއްޓާއި ދިމާލަށް ބަލައިލީމެވެ.
“ދައްތާ…” ޔާސްމީން ދުވެފައި އައިސް މަންމަ ގައިގައި ބައްދާލަމުން ބުނެލިއެވެ. ތަރީ އަދިވެސް ދުރުގައި ހުރިގޮތަށް ހުރީއެވެ.
“ތަރީމް… މީހަމަ ދައްތަގެ ތަރީތަ؟..”މަންމަ އެހެން ބުނުމާއެކު ތަރީމް ހިނިތުން ވެލައިފިއެެވެ. އަހަރެންގެ ހިތްހީވީ ފިތުނު ހެންނެވެ. އެކޮލަށް އެޅިގެން ދިޔަ އަޑިކޮޅުން ސިކުންތަކަށް އަހަރެން ނޭވާވެސް ހިފަހައްޓައި ލެވުނެވެ. މިއީ އިންސާނެއް ހެއްޔެވެ. ތަރީމް ބޯ ޖަހައިލީ ހިނިތުން ވަމުންނެވެ.
“މިއީ އިލިޔާސްބޭބެ ދެބެންނޭ… ޔާސު ދޭ މަންމައަށް ގޮވަން” މަންމަ އެހެން ބުނެފައި ހިނގައިފައތީ އެތެރެއަށް ވަންނާށެވެ.
ގެއަށް ވަނުމަށްފަހު ދެން އަހަރެން ނިކުތީ ރޭގަނޑު ކާށެވެ. ކޮނޑުގައި އަދިވެސް ކޮންމެވެސް ވަރަކަށް ތަދު އެބަހުއްޓެވެ. ކާމޭޒު ކައިރީގައި އަހަރެން ހުރިއިރު ދޮންބެ ބަލަހައްޓައިގެން ހުރީ ދުރުގައި ހުރި ގޮނޑީގައި ހުރި ރަތީމްއަށެވެ. ޔާސްމީނާއި ހިލާފަށް ތަރީމްއަކީ ދޮން ކުއްޖެއް ނޫނެވެ. އަހަންނަށް އެނގިގެން އިލިޔާސްބޭބެ ހުންނަނީ އެންމެ އަންހެން ކުއްޖެއެވެ. އެއީ ޔާސުއެެވެ. އެންމެ ފަހުން އަހަރެން ޔާސްމީން ދުށި މީގެ ފަނަރު އަހަރު ކުރިންނެވެ. ރާއްޖެއިން މިކަހަލަ އިސްތަށިގަނޑެއް ހުރި އަންހެން ކުއްޖަކު އަހަރެން ނުދެކެމެވެ. ނަމަވެސް އަހަރެން ދުށީމެވެ. މީގެ ހަމަ ފަނަރަ އަހަރު ކުރީންނެވެ. ކުރީގެ ހިޔާލު ތަކުން އަހަރެން އަނބުރައި އައީ ތަރީމް ފޮތް ހިފައިގެން ކުރިން އިންތަނުން ތެދުވެގެން އައީމައެވެ. އަހަރެން ޔާސުއަށް ބަލާލީމެވެ. އިލިޔާސްބެއާއި ޔާސުއާއި ތަފާތެއް ނެތެވެ. ނަމަވެސް ތަރީމްއާއި އޭގެ އެއްވެސް މީހަކާއި ވައްތަރެއް ނޫނެވެ.
“އިއްބަ… ތިހުންނަނީ ކިހިނެއްވެފަ؟… އާދޭ އިށީންނަން…” އިލިޔާސްބެ އަހަންނަށް ގޮވައިލުމުން އަހަންނަށް ބަލާލެވުނީ އަވަހަކާއެވެ. މަންމަ އޭރު ދުރުގައި ހުރީ ހިނިއައިސްފައެވެ. ހަމަ ޔަޤީނުންވެސް އަހަރެން ތަރީމްއަށް ބަލަން ހުރިތަން މަންމައަށް ފެނިއްޖެއެވެ.
“އިއްބަ މިގޭގަ މަޑުކުރަން ބޭނުންވާހެން މަންމައަށް ހީވަނީ… ގެއަށްދާނީ ދޮންބެ ކަންނޭނގެ..” އިލިޔާސްބެއަށް ބަލާލަމުން މަންމަ ބުނެލީ ފާޑަކަށެވެ.
“މަންމާ…” އަހަރެން ލޮލުގައި އަތް ޖަހާލަމުން ބުނެލީމެވެ. އޭރު ކާމޭޒު ކައިރީގައި ހުރި ތަރީމް ހުރީ އަހަންނަށް ބަލާށެވެ. އެރަން ދެލޮލަށް ބަލާލުމާއެކު އަހަރެންގެ ހަށިގަނޑަށް ކުރިންވެރިވި ހަރުކަށިކަން ވެރިވެއްޖެއެވެ. އެއާއެކު އަހަންނަށް ބުމަ ކައިރި ކޮއްލެވުނީ ބޭއިޙްތިޔާރުގައެވެ. ތަރީމް އަވަހާއި އިސްޖަހާލައިފިއެވެ.
“އަހަންނަށް ނުވެސް އެނގުނު ޔާސު ފެނިފަ…” އަހަރެންގެ ކުރިމަތީގައި ހުރި ގޮނޑީގައި ޔާސްމީން އިށީނުމާއެކު އަހަރެން ބުނެލީމެވެ. އެއާއެކު ޔާސްމީން ހިނިތުންވެލައިފިއެވެ.
“އަހަންނަށްވެސް ނޭނގުނު. ދެން މާލެ ބަދަލުވީމަ އަބަދު ފެންނާނެތާ…” ޔާސު އެހެން ބުނެލީ އަދިއަންއަށް ބަލާލަމުންނެވެ. ދޮންބެގެ މޫނަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އެލޮލުގެ އެއްކޮޅުން އަދިވެސް ހުރީ ތަރީމްއަށް ބަލާށެވެ.
“އަދިއަން ކޮންތަނެއްގަ މަސައްކަތް ކުރަނީ…” ޔާސްމީން ހީވަނީ އަދިއަންއާއި ވަރަށް ގަޔާއި ވެފައި ހުރިހެންނެވެ.
ހުރިހައި މީހުން ވާހަކަ ދައްކަމުން ދިޔައިރު ތަރީމް އިނީ މަޑުމަޑުން ކާށެވެ. އެއްވެސް މީހަކު ދައްކަމުން ދިޔަ ވާހަކައަކާއި ބައިވެރިއެއް ނުވެއެވެ. އިސްދަށަށް ޖަހާލައިގެން އެއިން ގޮތަށް އިނީއެވެ. އިލިޔާސްބެއާއި ސަހިންތަ ދޭތެރެއަކުން ތަރީމްއަށް ބަލާލާކަން އަހަންނަށް ފާހަގަ ވިއެވެ. އެހެން އެންމެންނަށްވުރެ ކުރިން ތަރީމް ކައިގެން ނިކުމެއްޖެއެވެ. ހެނދުނުގައި ވެހެންފެށި ވާރޭ އަދިވެސް ހުއްޓައެއް ނުލައެވެ. ހީވަނީ އިހުނަށްވުރެ ބޯކޮށްލައިފި ހެންނެވެ. އަހަރެން ކައި ނިމިގެން ހިނގައިގަތީ ބެލްކަންޏަށެވެ. އިލިޔާސްބެމެންގެ ހުންނަނީ ތިން ބުރިއަށް ހަދާފައެވެ. މިގެއާއި ޖެހިގެން ފެންނަން އެހުރީ އަހަރުމެންގެ ގެއެވެ. އަހަރެން ކުޑައިރުގެ ހަނދާންތަށް އާވާންފެށީ އެގެއާއި ދިމާލަށް ބަލާލުމުންނެވެ. ކުއްލިއަކަށް އަހަރެން ސިހުނީ ކުރިމަތީގައި ހުރި ގޮނޑިން ތަރީމް ތެދުވިތަން ފެނުމުންނެވެ. ސިހުނު ވަރުން އަހަރެން ފަހަތަށް ދިޔައީ ފިސާރި އަވަހަށެވެ. ތަރީމް އެހުރި ގޮތަށް ހުރެފައި ހިނގައިގަތީ ސިޓިން ރޫމަށް ދާށެވެ.
“ހޫ އާރ ޔު؟…” އަހަރެން އުޅުނީ ވާހަކަ ދައްކާކަށް ނޫނެވެ. ބުނަން އުޅުނީ ތީރި ކޮށެވެ. ނަމަވެސް އަޑު އައިއިރު އައީ ވަރަށް ހަރުކަށި ކޮށެވެ. އެކަމަކުވެސް މިއީ ހަމަ ޔާސު ކޮއްކޮ ހެއްޔެވެ.
“ތަރީމް އިލިޔާސް… އިލިޔާސްގެ ހަގު ދަރި…” ޔާސު އައިސް ވާހަކަ ދައްކަން ފެށުމުން އަހަރެން އެދިމާލަށް ބަލާލީމެވެ.
“ތަރީމް އިލިޔާސް… އަމް އަދިއަން… މީ އިއްބާން…” އަދިއަން ސަލާމަށް އަތް ދިއްކޮށްލައިގެން ހުރެ ބުނެލިއެވެ. އެއާއެކު ތަރީމްގެ ކޮލަށް އަަޑިވެގެން އައެވެ.
“އެހެމް… ތަރީމްގެ ޑިމްޕަލްސް…” އަދިއަށް އަތް ދިޔައީ ތަރީމްގެ ކޮލާއި ދިމާލަށެވެ. އަހަރެން އެއަތުގައި ކުއްލިއަކަށް ޖެހީމެެވެ. އަހަރެންގެ ބޭބެއަށް ގެއްލުމެއް ވެދާނޭ ހިތަށްއެރީ ކިހިނެއް ވެގެން ކަމެއް ނޭނގެއެވެ.
“ކިހިނެއްވަނީ އިއްބައަށް…” އަދިއަން އަަހަންނާއި ދިމާލަށް ބަލާލީ ފާޑަކަށެވެ.
“ޔާސު… ހިނގާ… ތަރީމްވެސް ހިނގާ… މަންމަ ބުނި ގެ ސާފު ކުރަން އަންނާށޭ…” އަހަރެން އެމީހުންގެ ފަހަތުން ހިނގައިގަތީމެެވެ. ގެއާއި ހަމައަށް ދެވުމުން ފުރަތަަމަ ގެއަށްވަނީ ޔާސުއެވެ. ތަރީމް ދުރުގައި މަޑު ކޮއްލައިގެން ހުރީއެވެ. އަހަރެންގެ ނަޒަރު ގުޅިފައި ހުރީ ތަރީމްގެ ކޮންމެ ހަރަކާތަކާއެވެ. އަދިވެސް އަހަންނަށް ތަރީމްގެ އަޑެއް ނީވެއެވެ.
ގުގުރީގެ އަޑާއެކު އަހަރެން ނިދިން ހޭލެވިއްޖެއެވެ. ވިއްސާރަ ވެއްޖެނަމަ މީ އަބަދު އަހަރެންގެ އާދައެވެ. އަބަދު ބައްޕަ ހުވަފެނުން ފެންނާނެއެވެ. ދެން މިރޭގެ ނިދި ފިލައި ދިޔައީއެވެ. އަހަރެން ކޮޓަރީގެ ބިއްލޫރި ދޮރު ކަހާލަމުން ބޭރަށް ނިކުތީމެެވެ. އަނދިރިކަމުން އެއްވެސް ތަނެއް ނުފެނެއެވެ. ވާރޭ އިހުނަށްވުރެ ބޯކޮއްލައިފިއެވެ. އަހަރެން ކޮޓަރިއަށް ނިކުންނަން ހިނގައިގަތީމެވެ. ނަމަވެސް ޓައިލްސް މަތީގައި ފައި ތަތްލީ ވިދާލި ވިދުވަރާއެކު ފެނުނު މަންޒަރަކުންނެވެ. ދެވަނަ ފަހަރަށް ވިދާލާތޯ އަހަރެން މަޑު ކުރީމެވެ. ވިދުވަރުގެ އަތްޔާއެކު އަހަރެންގެ ލޮލުގައި އަނެއްކާވެސް އެރަން އިސްތަށިގަނޑު އަޅައިގަނެފިއެވެ. ވާރޭގައި ދެލޯ މަރައިގެން އެހުރީ ތަރީމް ނޫން ދެވަނަ މީހެއް ނޫނެވެ. މިހައި ދަންވަރު މިފިނީގައި ތަރީމް ވާރޭގައި އެކުރަނީ ކީއްހެއްވެ. ހިތުގައި އުފެދުނު ސުވާލު ތަކާއެކު އަހަރެން އަނެއްކާވެސް އެދިމާލަށް ބަލައިލީމެވެ. އަހަރެން ކޮޓަރިއަށްވަދެ ކުޑަމޭޒު މަތީގައި ގަނޑުތަށް އަތުރައި ލީމެެވެ. ގުރާ ޖަހާފައިވާ ފޮޓޯއާއެކު ވަކިން ހުރި ފޮޓޯތަށް އަހަރެން އަތުރާލީމެވެ. ރަންކުލައިގެ އިސްތަށިގަނޑު ހުރި އަންހެން މީހާ އަހަރެންގެ ލޮލުގައި އަޅައިގަތީ ދެނެވެ.
އިރުއެރި އިރުވެސް އަހަރެން ހުރީ ކޭސްގެ ބައެއް ޑޮކިއުމެންޓްސް ކިޔާށެވެ. ކޮަޓަރީގެ ދޮރުގައި ޓަކި ދިން އަޑުއިވުމާއެކު އަހަރެން ހުރިހާ އެއްވެސް އެނދުގެ ދަށަށް ލައިފީމެވެ. ދޮރުހުޅުވާލުމާއެކު މަންމަ އެތެރެއަށް ދެމިގަނެއްޖެއެވެ. ހީވަނީ ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭ ހެއންނެވެ. އެއީ މަންމަގެ އާދައެވެ. މަންމަ އަބަދުވެސް ހިނގާނީ ވާހަކަ ހިފައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
“ކިހިނެއްވީ…” މަންމަގެ ސޭލުއެޅުވިފައިވާ ދަތްތަކާއި ދިމާލަށް ބަލާލަމުން އަހަރެން ބުނީމެވެ.
“ޔާސު ރީތިތަ؟..” މަންމަ އަހަރެންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
“ދޮންބެ ކައިރީގަ މަންމަ އަހަންވީނު… މަންމަ ރަށަށް ތިއައީ އަހަރުމެން އިންނާނެ މީހަކު ހޯދަންތަ…” އަހަރެން ޓީޝާޓު ބޮލަށް މަހާލަމުން ބުނެލީމެވެ.
“ދެން ބުނެބަލަ ޔާސު ރީތި ދޯ… އިއްބަ ބޭނުން..”
“އަހަންނަށް ތަރީމް ރީއްޗޭ ބުނެފިއްޔާ…” މަންމަ ހަދާ ގޮތެއް ބެލުމުގެ ނިޔަތުގައި އަަހަރެން ބުނީމެވެ. މަންމަގެ މޫނުގެ ކުލަވަރު ބަދަލުވީ ދެނެވެ.
“އިއްބާ… މަންމައަކަށް ހިއެއް ނުވޭ އިލިޔާސްބެ ތިކަމާ ރުހޭނެ ހެނެއް..” މަންމަ ދުރަށް ބަލާލަމުން ބުނެލީ ފާޑަކަށެވެ.
“ކިހިނެއްވީ މަންމަ ތަރީމްއާ ލައިކް ނުވަނީތަ..” އަހަރެން މަންމަގެ ކޮނޑަށް އަތް ލަމުން ބުނެލީމެވެ.
“ނޫން.. ނޫން.. އެހެނެއް ނޫން.. އިލިޔާސްބެ މާލޭގެ ގަ ހުރިގެއާ ރެސޯޓްތަކާ ދޫކޮށްފަ އައިސް މިރަށުގަ އުޅޭތީ މަންމަ ވަރަށް ހައިރާންވޭ… ކާކު ބުނާނީ އެއީ އެހާ މުއްސަނދި މީހެކޭދޯ…” މަންމަ ދުރު ހިޔާލަކަށް ގެއްލި ހުރެ އެހެން ބުނެލީ ފާޑަކަށެވެ. ފުރަން އޮތްރޭ ޝަހީދު ދެއްކި ވާހަކަ މަތިން ހަނދާން ވުމުން އަހަރެން ނިތަށް ރޫއެރުން ނޫން ކަމެއް ނުވިއެވެ.
“ކިހިނެއްވީ؟ ތަރީމް ރީތިވީތަ…” މަންމަ ފާޑަކަށް ހީނގަނެއްޖެއެވެ. ހީވަނި ދެންމެ ދެންމެ އަހަރެން ބޮލުގައި ޖަހައި ފާނެ ހެންނެވެ.
“ނޫން… އަހަންނަށް ރީތީ ދޮންކުދިން.. ކަޅު ކުދިންނެއް ނޫން…” ދޮރުގައި ޓަކި ދިން އަޑާއެކު އަހަންނާއި މަންމައަށް ފަހަތަށް ބަލައިލެވުނީ ކުއްލިއަކަށްވެ. އަހަރެންގެ ހިތްހީވީ ހުއްޓުނު ހެންނެވެ.
“މަންމަ ބުނީ ސައިބޯން އަންނަން… އަޅުގަނޑު އެހެން ބުނަން ވެގެން…” އެއަޑުގައި މަޑު ތުރުތުރު ލުމެއް ހުއްޓެވެ. ހަމަ ޔަޤީނުންވެސް އަހަރުމެން ދެއްކި ވާހަަކަ މިކުއްޖާއަށް އަޑު އިވިއްޖެއެވެ.
އަހަރެން ބެލްކަންޏަށް ނިކުތީ ވާރޭގެ އަޑު އިވުމުންނެވެ. ތިރީގައި ވާރޭ ތެރޭގައި ހުރި ޔާސްމީން ފެނުމުން އަހަރެންގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވެއްޖެއެވެ. އެދޮންކުއްޖާ ހުދު ކަމުން ހީވަނީ ޖިންނިއެއް ހެންނެވެ. ޔާސްމީން ބަލަން ހުރި ދިމާލަށް އަހަރެން ބަލާލީމެވެ. ދޫ ހަރުވާޅަކާއި ކަޅު ޓީޝާޓެއް ލައިގެން ހުރި ތަރީމް އޭރު ކުދިންތަކެއްގެ އަތުގައި ނުޖެހެން ދުވަނީއެވެ. ދެފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖެކެވެ. އެމީހުން ކުރާ ކަމެއް ބެލުމަށް އަހަރެން ތިރިއަށް ފައިބާ ހިތް ޖެހުނީ ކީއްވެ ކަމެއް ނޭނގުނެވެ. އަަހަރެން ތިރިއަށް ދިޔައިރު ޔާސްމީން ހުރީ ދޮރާށި ތެރެއަށް ވަދެއެވެ. ދުރުގައި ތަރީމް ބޯޅައެއް ހިފައިގެން ހުރީ އަހަރުމެންނަށް ފުރަގަސް ދީގެންނެވެ. ފިނިވުމުގެ ސަބަބުން ޔާސްމީން ގަޔަށްހުރީ ހުދުކުލަ އަރާފައެވެ. އެތުންފަތާއި އަތުގެ ނިޔަފަތިތަށްވެސް ހުރީ ނޫވެފައެވެ. އަހަންނަށް އެމޫނަށް ބަލަން ހުރެވުނީއެވެ. މާޝާﷲ ހާދަ ރީއްޗެވެ.
އަހަރެން ސިހުނީ ޔާސްމީން އަހަރެންގެ މޫނަށް ބަލާލުމުންނެެވެ. ލޮލުގެ ބޮޑި ކައިރީގައި ރަތްވެފައި ހުރި ތަނުގައި އަހަރެން އިނގިލި ކުރި ޖައްސައިލީމެވެ. އަދި ފުހެލީ ލޭކަމަށް ހީކޮށެވެ. ނަމަވެސް އެއީ ކުލައެވެ. ދުރުން އަޑު ދަގަ ވުމާއެކު އަހަރެންގެ ސަމާލުކަން އަނެއްކާވެސް ހުއްޓުނީ އެދިމާލަށެވެ. ދެލޯ ބޮޑުކޮއްލައިގެން އަހަންނާއި ދިމާލަށް ބަލަންހުރި ތަރީމް ފެނުމުން އަހަރެން ހިނިތުންވާން މަސައްކަތް ކުރީމެވެ. ނަމަވެސް އެހިނިތުންވުން ތުންފަތާއި ހަމައަށް ވާސިލެއް ނުވިއެވެ. އަހަރެންގެ ނަޒަރު ދަތުރު ކުރީ ތަރީމްގެ ފަހަތުން އައި ފިރިހެން ކުއްޖާއަށެވެ. ދެއަތުގައި ފުރައި ކުލަ އުނގުޅައިގެން އޭނާ އައިސް އުޅުނީ ތަރީމްގެ މޫނުގައި އުނގުޅާށެވެ. އަހަރެން އެދިމާލަށް ހިނގައި ގަނެވުނީ އިޙުތިޔާރަކާއި ނުލައެވެ. ތަރީމް ކުރިމައްޗަށް އެރުމާއެކު އަހަރެން އެ ފިރިހެންކުއްޖާގެ އަތުގައި ހިފަހައްޓައިފީމެވެ. ބުމަ ކައިރި ވެގެން ދިއުމާއެކު އަހަރެން ބަލާލީ އޭނާގެ މޫނަށެވެ. ތަރީމް ހުރީ ކިރިޔާ އަހަރެންގެ މޭގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. އެކުއްޖާ ވަގުތުން ތަރީމްގެ އަތުގައި ހިފައި އަހަންނާއި ދުރުކޮއްފިއެވެ.
“ތަރީ…” ޔާސު އައިސް ހުއްޓުނީ އަހަންނާއި ޖެހިގެންނެވެ.
“މީކާކު… ދަަންނަ މީހެއްތަ؟” އެ ފިރިހެން ކުއްޖާ ބުނެލީ ފާޑަކަށެވެ.
“އިއްބާން… ދާނު ކޮއްކޮ މޫނު ކުލަ އުނގުޅަން ދޯ ތިއުޅެނީ…” ޔާސު ހިނިތުން ވަމުން ބުނެލިއެވެ. ދާނު އެކޭ ކިޔާ ކުއްޖާވެސް ބަލާލީ ތަރީމް މޫނަށެވެ.
“ރިއަލީ…” ތަރީމް ލޯ ކުޑަ ކޮއްލަމުން ބުނެލިއެވެ. ވާރޭ ތެރެއިންވެސް އެމޫނުގައި އެހެން ވިދުމެއް ހުއްޓެވެ. އަހަރެން އެކަމާއި އެހައި ގަޔާއެއް ނުވިއެވެ.
“ދާނިޔަލް…” ދުރުން އެހެން ކުއްޖެއް ގޮވައިލުމުން ދާނިޔަލް އެދިމާލަށް ހިނގައިގަނެފިއެވެ.
“އަދިވެސް ކުޑަ ކުދިން އުޅޭހެންތަ ޔާސުމެން އުޅެނީ…” ޔާސްމީންގެ ލޮލުކައިރީގައި ހުރި ކުލަކޮޅު ފުހެލަމުން އަހަރެން ބުނެލީއެވެ. ހިނދުކޮަޅަކަށް ޔާސްމީން ނޭވާވެސް ނުލައި ހުރިހެން އަހަންނަށް ހީވިއެވެ. އަހަރެން ނަޒަރު ދަތުރުކޮއްލީ ތަރީމްއާއި ދިމާލަށެވެ. އެބޮޑު ދެލޮލުން ބަލަހައްޓައިގެން ހުރީ ސުވާލުގެ ފުރިގެންވި ހެންނެވެ. ނަމަވެސް އެކަން މޫނުން ދައްކާކަށް ބޭނުމެއް ނުވާކަން އެނގެއެވެ.
“ކޮބާ އަދިއަން؟…” ޔާސްމީން ދޮންބެގެ ވާހަކަ އެހުމުން އަހަރެން ކައިރިއަށް ހިނިވެސް އައެވެ. ދޮންބެއާއި ހެދި މިކުއްޖާ މޮޔަވަނީކަން ޔަޤީނެވެ.
“ޔާސު އަމް ގޮއިން…” ތަރީމް މަޑު ކުރުމެއްނެތި ހިނގައިގަތީ ދުރަށެވެ. އިސްޖަހާލައިގެންހުރިއިރު އެމޫނުން ރުޅިވެރިކަން އެފުނުނު ކަހަލައެވެ.
“ހަލޯ…” ފޯނު ނަގައި ކަންފަތުގައި ޖަހަމުން އަހަރެން ބަލައިލީ ތަރީމްގެ ފަހަތުން ދުވެފައި ދިޔަ ޔާސްމީން އަށެވެ.
“ޔޫ ފައުންޑް ހަރ…” އެކޮޅުން ވާހަަކަ ދެއްކީ ޝާހިދުއެވެ. އަހަރެން އަދިވެސް ބަލަން ހުރީ އެރަން އިސްތަށިގަނޑަށެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ތަރީމް ހުއްޓިފައި ފަހަތަށް އެނބުރިއްޖެއެވެ. ޔާސްމީންވެސް މެއެވެ.
“ޔެސް… އައި ފައުންޑް ހަރ….” ތަރީމްގެ ލޮލަށް ބަލަން ހުރެފައި އަހަރެން ބުނެލީމެވެ. އަހަންނަށް ފެނިއްޖެއެެވެ. އަހަރެން ކުރަން އައި ކަންތައް ވެއްޖެއެވެ.
ނުނިމޭ
