Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިކުރުވާހަކަ

ފޭސް 3

Luna Level 1
June 10, 2026 7 Mins Read
0 Comments

އަތުގައި އޮތް ފޯނަށް އަހަރެން ބަލާލީމެވެ. މެންދަމުން އަލިވެ 1 ޖެހީއެވެ. ނާޝް ގެ ހަބަރެއް އަދިވެސް ނުވެއެވެ. ފޯން ހުޅުވާލާފައި ނާޝްގެ ނަމްބަރަށް ގުޅާލީމެވެ. 2 ފަހަރަކަށް ރިންގެވެލާފަ ދެން ދިޔައީ ވޮއިސް މެއިލް އަށެވެ. ހިތްހަމަނުޖެހިގެން މެސެޖެއް ކޮއްލީމެވެ.

“ނަޝް ވެއާ އާރް ޔޫ؟ ކިހާ އިރެއް ވެއްޖެ މި އަންނަނީ އޭ ބުނިފަހުންވެސް.” މެސެޖް ފޮނުވާލާފައި ފޯން އެނދުމައްޗަށް އެއްލާލުމަށްފަހު އަހަރެން އެނދުގަ އޮށޯވެލީމެވެ. ނާޝް އާއި އަހަރެން ރައްޓެހިވެގެން އުޅޭތާ 2 އަހަރުވީ އެވެ. އެކަމު އަދިވެސް ނާޝް ގަޑިއަށް ކަމޭ ނުހިތުމުގެ އާދައަކަށް އަހަންނަށް އެޑްޖަސްޓް އެއް ނުކުރެވުނެވެ. އަހަންނަކީ ގަޑިއަށް ވަރަށް ކަމޭ ހިތާ މީހެކެވެ. ތަނަކަށް ދާން ބުނެފިއްޔާ 15 މިނެޓް ކުރިން ހުންނާނީ އެތާނގައެވެ. އެހެންކަމުން އަހަންނަށް ގަބޫލް ކުރެވެނީ އަހަންނާ އެކީ އުޅޭ މީހުންވެސް އެއާދަ ގެންގުޅެން ޖެހޭނެ ކަމަށެވެ.

ފޯން ވައިބްރޭޓްވި އަޑު އިވުމުން ފޯން ނަގާ ޗެކްކޮށްލިއިރު ނާޝް ގެ މެސެޖެކެވެ.

“ސޮރީ ބޭބީ، ނުކެމެ ނުކެމެ ހުއްޓާ މަންމަ ކޮޓަރިން ނިކުތީމަ ނުނިކުމެވުނީ. ވާހަކަ އަޅުވާލީމަ އިނދެވުނީ. ބޭބްސް އައި އެމް އޮންދަ ވޭ އިނގޭ. ފައިބާ ތިރިއަށް. ތިހިސާބަށް ދާންވާއިރަށް ނޭންގެ ފޯންގަ ޗާރޖް ހުންނާނެހެންވެސް. ގަޅި ގަމާރު ކަމުން ޗާޖަށްވެސް ޖަހަން ހަނދާން ނެތުނީ. ފައިބާ އިނގޭ. 2 މިނެޓްސް ތެރޭ މި ކައިރި ކުރީ”

އަހަރެން ފުންމައިގެން އެނދުން ތެދުވީމެވެ. އަދި ގަޔަށް ސެންޓުކޮޅެއް ޖަހާލާފަ އަތުން ބޯ ރީތިކޮށްލާފަ ގެއިން ނިކުތީމެވެ. އަހަރެން އުޅެނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރ 16 ގައެވެ. ނާޝް އުޅެނީ 6 ވަނަ ޓަވަރުގައެވެ. އަހަރެން ލިފްޓުން ފައިބަން ވާއިރަށް ނާޝް އަށް 16 ވަނަ ޓަވަރާ ހަމައަށް ހިނގާލާފަ އާދެވޭނެއެވެ.

އަހަންނަށް ހީވެވުނީ ހަމަ ރަނގަޅަށެވެ. އަހަރެން ލިފްޓުން ފައިބައިގެން ޓަވަރ ބޭރަށް ނިކުތް އިރު ޓަވަރ ކައިރީ ހުރި ހޮޅިދަނޑިއެއްގައި ލެނގިލައިގެން ނާޝް ހުއްޓެވެ. ވަރަށް ލާނެތް ފާޑަކަށް ހިނިއައިސްފައެވެ. އަހަރެން އޭނަގެ މޫނަށް ނަޒަރު ހިންގާލީމެވެ. ނާޝް އަކީ ރީތި ކުއްޖެކެވެ. ދިގު ބުޅި އިސްތަށިގަނޑަކާއި އަލި މޫނެއްގެ ވެރިއެކެވެ. މޭކަޕް އެއް ނުކޮށްވެސް އޭނަގެ ރީތިކަން ފާޅުވެއެވެ. މިރޭ އެކަމު އާދަޔާ ހިލާފަށް އޭނަ ރީތިކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ނޭންގޭ ޖާދުވީ ބާރެއް ހުރިހެން ހީވިއެވެ. މިރެޔަކީ އޭނަގެ އުފަންދުވަސް ވީމަކަމަށްވެސް ވެދާނެއެވެ.

“ކޯޗެއްތަ އެވަރަކަށް ތިބަލަނީ؟” އަހަރެން ކައިރިވެލުމުން ނާޝް ހިނިގަނޑެއް ޖަހާލާފަ ބުންޏެވެ.

އަހަރެން ހީލާފަ އޭނަ ކަންފަތް ކައިރިއަށް ތިރިވެލީމެވެ.

“މިރޭ މާ ސެކްސީހެން ހީވޭ” ވައި އަޑުން އަހަރެން ބުނެލީމެވެ. ނާޝް ވަރަށް ބާރަށް ހޭންފަށާފަ އަހަރެން ދުރުކޮށްލިއެވެ.

“ދެން ސާބަސް،” ހެމުން ހެމުން ނާޝް ބުންޏެވެ. އޭނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. މީހެއްގެ ހިލަމެއް ނުވެއެވެ.

“މިރޭ ހިނގާލަންދޯ ދާނީ. ސައިކަލް ދުއްވާ މޫޑެއް ނެތް”

އަހަރެން ހައިރާންވިއެވެ. މިރޭ އެވަރަކުން ބޭރަށްވެސް ނިކުތީ ނާޝް ސައިކަލް ބުރު ޖަހަން ބޭނުންވެޔޭ ބުނީމައެވެ.

“އޯކޭ. ބޭބްސް ބޭނުން ގޮތެއް. މިރޭ މީ ބޭބްސް ގެ ރޭތާ ދޯ” އަހަރެން ބުނެލީމެވެ. “ކޮން ދިމާލަކަށް ދާނީ”

ނާޝް އިރުކޮޅެއްވަންދެން އެއްޗެކޭ ނުބުނެ ހުއްޓެވެ. ހީވަނީ ހިނގާފަ ދާނޭ ދިމާލެއް ވިސްނަނީ ހެންނެވެ.

“ހިނގާ އެޔޮއް ދިމާލަށް ދާން؟” ފޭސް 3 އާއި ދިމާލަށް އިނގިލި ދިއްކޮށްފަ ނާޝް ބުންޏެވެ.

އަހަރެން ސިހުނެވެ. ފޭސް 3 އަކީ ދުވާލު ގަޑީގަވެސް ނާޝް ވަންނަން ޖެހިލުންވާ ތަނެކެވެ. ދެން މިގަޑީ ވަންނަން އެބުނީ ކީއްވެބާ؟

އަހަރެންގެ މޫނުމަތިން ހައިރާންކަން ފެނުނީމަ ނާޝް ހީގަތެވެ.

“އަހަރެން އުމުރުން މިހާރު 21 އަހަރުވީ. ދެން ބިރުގަންނަ ކަންކަން ވެސް ޓްރައި ކުރަންވާނެ ދޯ. ހިނގާބަލަ މިދިމާލުން ވަންނަން. މިހެން ހުރިގޮތަށް ދިޔައިމަ އެއްކަލަ ބްރިޖް އަށް ދެވޭނެ އެއްނު. އެތާ ތިބެލާފަ އަންނާނީ.”

އަހަރެން ނާޝް އަށް ބަލާލީމެވެ. އޭނަގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުން ފެނެއެވެ. ނޫނެކޭ ބުނާކަށް އަހަންނަކަށް ނުކެރުނެވެ. އުޑުމަތި ބަލާލިއިރު ތަރި ތަކުން ފުރާލާފައެވެ. އަލި ކަމެއް ނެތް ދިމާލަކަށް ދިޔައިމަ ތަރިތަކުގެ ފުރިހަމަކަން ފެނިގެން ދާނެކަން ޔަގީނެވެ. އެހެން ގޮތަކަށް ބުނާނަމަ ވަރަށް ރޮމޭންޓިކް ސެޓިން އެކެވެ. އަހަރެން މިރެއަށް ވަރަށް ހާއްސަ ކަމެއް ރާވާފަ އޮންނާނެއެވެ. ތަރިތަކުގެ ދަށުގަ އެކަން ކުރަން ވަރަށް ސަޅިވާނެއެވެ.

ނާޝް އަތުގަ ހިފައިގެން އަހަރެން ފޭސް 3 އާއި ދިމާލަށް ހިނގައިގަތީމެވެ. ރަތް ޓަވަރުގެ ކުރިމައްޗަށް އޮންނަ ހުސްބިން ތެރެއަށް ވަދެގެން ފޭސް 3 ގެ ބްރިޖަށް ވަރަށް ފަސޭހައިން ދެވެއެވެ. މަޑު ހިނގުމެއްގައި ދެމީހުން ބްރިޖާ ދިމާލަށް ދިޔައީމެވެ. އަހަރެން ނާޝް އާއި ދިމާލަށް ބަލާލީމެވެ. އޭނަގެ އަނގައެއް ނުހުއްޓެއެވެ. އެއްވާހަކަ ނިމޭއިރަށް އަނެއްވާހަކަ ފަށައެވެ. މޫނުމަތިން އެހެން ރޭރޭ ނުފެންނަ ކަހަލަ އުފާވެރި ތާޒާ ކަމެއް ފެނެއެވެ. އަހަރެންގެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ. ނާޝް އެހާ އުފާވެފަ ހުންނަތަން ފެނުމުން އަހަންނަށް ވަރަށް ހިތްހަމަ ޖެހުން ލިބެއެވެ.

“ކައިލް”

އަހަންނަށް ސިހުން ލިބުނީ އަހަންނަށް މީހަކު ގޮވާލިހެން ހީވީމައެވެ. އަހަރެން ވަށައިގެން ބަލާލީމެވެ. އަހަންނާ ނާޝް ނޫން އެހެން މީހެއް ފެންނާކަށް ނެތެވެ. ވަހުމެއް ކަމަށް ނިންމާފަ އަހަރެން ނާޝް ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދިނީމެވެ.

“ބޭބްސްއަށް އިނގޭތަ، ނަޝް ވަރަށް އަންނަން ބޭނުންވޭ މިތަނަށް މިހެން ތަރިތައް ގިނަ ރޭރޭ. ކިހާ ރޮމޭންޓިކް ދޯ؟”

އަހަރެން ބޯޖަހާލީމެވެ. ބްރިޖް މައްޗަށް އަރާ އެތާ ޕޭވްމަންޓް މަތީ އަހަރުމެން ދެމީހުން އިށީނދެލީމެވެ. ނާޝް އަހަރެންގެ ކޮނޑުމަތީ ބޯއަޅާލިއެވެ. އަހަރެންވެސް އޭނަގެ ބޯމަތީ އަހަރެންގެ ބޯ ބާއްވާލީމެވެ. ތަރިތަކަށް ބަލަން އެހެން އިނދެވުނީ ކިހާ އިރެއް ވަންދެންވެސް ނޭންގުނެވެ. ކުއްލިއަކަށް އަހަރެންގެ ފޯން ވައިބްރޭޓްވާން ފަށައިފިއެވެ. ހަމަހިމޭން މާހައުލެއްގައި ފޯން ވައިބްރޭޓް ވީމަވެސް ވަރަށް އަޑު ބާރެވެ. އަހަރެން ޖީބުން ފޯން ނަގަން އުޅުމުން ނާޝް އަހަރެން އަތުގަ ހިފެހެއްޓިއެވެ.

“ދެން ބޭބް ތިއަށް ޖަވާބު ދޭނެ ކަމެއް ނެތް. ބޭބް އަށް މުހިއްމު މީހާ މީންދީ ބޭބް ކައިރީގަ އެއްނު. ދެން މިގަޑީ ބޭބް އަށް ގުޅަން ޖެހޭނެ އެހެން މީހަކު ނުހުންނާނެ.” މޫނު ހަދާލާފަ ނާޝް ބުންޏެވެ. އެއީވެސް ތެދެކެވެ. އަހަރެން އުޅެނީ އެކަންޏެވެ. މިވަގުތު މުހިއްމު ކަމެއްގަ ގުޅާނެ މީހެއް ނުހުންނާނެއެވެ. ފޯން ވައިބްރޭޓްވާން ދޫކޮށްލީއެވެ. ތިން ހަތަރު ފަހަރު ވައިބްރޭޓް ވީމަވެސް އަޅައެއް ނުލަމެވެ. ގުޅަނީ ކާކުތޯ ބެލުމަށްވުރެ އަހަރެންގެ ވިސްނުން ބޮޑަށް ހުރީ އަހަރެން ކުރަން އުޅޭ ކަންތަކަށެވެ. ކަރު ކެހިލާފަ އަހަރެން ނާޝް އަތުގަ ހިފާލީމެވެ.

“ނާޝް އަހަރެން ވަރަށް ދުވަސް ވެއްޖެ ނާޝް ކައިރީ ސުވާލެއް އަހާލަން ބޭނުންވެފަ ހުންނަތާ. ވަރަށް ހިތްވަރުކޮށްފަ މިރޭ އަހަން ނިންމީ”

ސުވާލުގެ ނަޒަރަކުން ނާޝް އަހަންނާ ދިމާލަށް ބަލާލިއެވެ.

އަހަރެން ޖިންސް ޖީބަށް އަތްލާފަ ކުޑަ ފޮއްޓެއް ނެގީމެވެ. އަދި ފުން ނޭވާ އެއް ދޫކޮށްލާފަ ފޮށި ހުޅުވާލާފަ ނާޝްއަށް ދިއްކޮށްލީމެވެ.

“ނާޝް. އަހަންނާ އިންނާނަންތަ؟”

ނާޝް ހަޅޭއްލަވައިގަތެވެ. ލިބުނު ސިހުމުން އަހަރެން އިންތަނުން ނުވެއްޓުނީ ކިރިޔާއެވެ. ޔެސް ޔެސް އޭ ކިޔަމުން ނާޝް އަހަރެން ގައިގާ ބައްދާގަތެވެ. އަނގޮޓި އަޅަންވެގެން އޭނަ އަހަންނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އަނގޮޓި އަޅުވަން އަތުގަ ހިފާލިވަގުތު ދެކަމެއް ވެގެން ދިޔައެވެ.

އަހަރެންގެ ފޯން އިން ބަންގި ގޮވި އަޑު އިވިގެން ދިޔައެވެ. އެއަޑު ޖެހުމާއި އެކު ކައިރީގަ އިން ނާޝް އަހަރެންގެ ކުރިމަތިން ގެއްލުނެވެ. ކުޑަ އިރުކޮޅެއް ވަންދެން އަހަރެން އިނީ ވާނުވާގައެވެ. އަހަރެންގެ އަތް އަދިވެސް ހުރީ ނާޝް އިން ދިމާލަށް ދިއްކޮށްގެންނެވެ. ވާނުވާ ނޭންގިފައެވެ. އެގޮތަށް އިނދެވުނީ ކިހާއިރެއް ވަންދެންވެސް ނޭންގެއެވެ. އަހަންނަށް ހޭވެރިކަން ވެވުނީ އަހަރެންގެ ފޯން އަނެއްކާވެސް ވައިބްރޭޓް ވާން ފެށުމުންނެވެ. އަހަރެން އަވަހަށް ފޯން ނެގީމެވެ. ފޯނަށް އަރާ އިން ނަން ފެނުމުން އަހަރެންގެ ބުމަ ގޮށްޖަހާލެވުނެވެ.

ނާޝް ކޯލިންގް

އަހަރެން ކޯލް އާންސާ ކޮށްފަ ކަންފަތުގަ ޖަހާލީމެވެ.

“ބޭބީ ކޮންތާކުތަ ތިހިރީ. ކިހާ ވަރަކަށް ގުޅައިފިން މިހާރު. ބޭބްސް ފޭސް 3 އާ ދިމާލަށް އެކަނި ދިޔަތަން ދެކުނިން. ގޮވަން ވެސް ގޮވިން އެކަމު ބޭބްސް ބަލައެއް ނުލި. ނަޝް ބޭބްސް ފަހަތުން ދާން ދުއްވައި ގަންތަނުން ޕޭވްމަންޓްގަ އުފުލިފަ އިން ތަނެއްގަ އަޅައިގެންފަ ފައި ފުރޮޅުނީ. ވީތަދުން އެތާ އިށީންދެ އިނީ ދެން. ބޭބީ؟ ހެލޯ؟ ހެލޯ؟ އެބަހުރިންތަ ފޯންގަ؟”

ނާޝް އެއްފަތިވަރަށް ހުރިހާ އެއްޗެއް ކިޔާލިއިރުވެސް އަހަރެން ހުރީ ގަބުވެފައެވެ. އެއްޗެއް ބުނަން އަނގަހުޅުވުނެވެ. އެކަމު ހީވީ ދޫ ގޮށްޖެހިފަ ހުރިހެންނެވެ.

“ހެލޯ؟” ފޯނުން ތަންކޮޅެއް ބާރަށް ނާޝް ގެއަޑު އައުމުން އަހަންނަށް ހޭވެރިކަން ވިޔެއެވެ. ހިތަށް ބިރުވެރިކަން ވަނީ އެވަގުތުއެވެ.

“ނަޝް ތިހިރީ ކޮންތާކު؟” ހިތް އަވަސްވެފަހުރެ އަހަރެން އަހާލީމެވެ.

“މިހިރީ ބޭބްސް ޓަވަރ ކައިރީ. އާދެބަލަ ތި ހުރި ތަނަކުން”

އަހަރެން ފޯން ކަނޑާލާފައި ވަށައިގެން ނަޒަރު ހިންގާލީމެވެ. އެއްވެސް މަހްލޫގެއްގެ ހިލަމެއް ނުވެއެވެ. މަޑުމަޑުން ފޭސް 3 އިން ނިކުމެވެން އިން ދިމާލަށް ހިނގައި ގަތީމެވެ. ހިތުން ކުރިސި އާއި ދެންވެސް ހަށި ރައްކަލަށް ކިޔެވެން އޮތް އާޔަތެއް ކިޔަވަމުންނެވެ. އިސާހިތަކު ފޭސް 3 އިން ނިކުމެ އަހަރެންގެ ޓަވަރާ ދިމާލަށް ދެވިއްޖެއެވެ.  ޓަވަރު ގޯތި ތެރޭ ހުރި ބެންޗެއްގަ ނާޝް އިށީންދެލައިގެން އިނެވެ. އޭނަ އިނީ އޭނަގެ ފައި މަސާޖް ކޮށްލަ ކޮށްލަ އެވެ. އަހަރެން މަޑުކޮށްލައިގެން ކުޑަ އިރުކޮޅެއް ވަންދެން ނާޝް އާ ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ. ލައިގެން ހުރި ހެދުން ފިޔަވާ އެހެން އެއްވެސް ތަފާތު ކަމެއް އޭނަ ކިބައިން ނުފެނެއެވެ. އެކަމުވެސް އަހަންނަށް އެއީ ނާޝް ކަމަކަށް ޔަގީން އެއްނުވިއެވެ.

އޭނަ އާއި ދިމާލަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭންގެއެވެ. ހޭވެރިކަންވީ ވަރަށް ބާރަށް ނާޝް އަހަރެންގެ ނަމުން ގޮވާލީމައެވެ،

“ކައިލް!!” އަހަރެން އަވަސް އަވަހަށް އޭނައާ ދިމާލަށް ހިނގައިގަތީމެވެ. ހިނގަމުން ދިޔައީ ކުރުސި ކިޔަވަމުންނެވެ. ހިތަށް އެރިއެވެ. ނާޝް ލައްވާވެސް ކުރުސި ކިޔުއްވާނަމެވެ. އޭރުން ގައިމުވެސް އަހަންނަށް ޔަގީންވާނެއެވެ. ނާޝް އާއި އަރާ ހަމަވުމުން އޭނަ ރޮއެގަތެވެ.

“ބޭބީ…..ވަރަށް ރިއްސާ އެބަ ފައިގަ. ނުވެސް ހިނގޭނެ ނަޝް އަކަށް”

އަހަރެން ތިރިވެލާފަ ނާޝްގެ ފަޔަށް ބަލާލީމެވެ. ފައި އިނީ ވަރަށް ބޮޑަށް ދުޅަވެ ނޫފައިގެންފައެވެ. މަޑުމަޑުން ފައިގަ އަތްޖައްސާލުމުންވެސް ނާޝް ތެޅިގަތެވެ.

“ކާރެއް ގެނެސްގެން ހޮސްޕިޓަލް އަށް ދާންވީދޯ” ތެދުވަމުން އަހަރެން ބުނެލީމެވެ.

“ޔެސް ޔެސް…ހިނގާ އަވަހަށް. ހާދަ ތަދެކޭ މިވަނީ” ނާޝް ރޮއެގަތެވެ. ނާޝް ޔެސް ބުނި ގޮތުން އަނެއްކާވެސް އަހަންނަށް ކުޑައިރު ކޮޅެއް ކުރިން ދިމާވި ކަންތައް ހަނދާނަށް އަޔެވެ. އަނެއްކާވެސް ނާޝް އާއި ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލާލެވުނެވެ.

“ކީއްވެތަ ތިވަރަކަށްތި ބަލަނީ މަށާ ދިމާލަށް؟” ނާޝް ސުވާލުކޮއްލިއެވެ. އަހަރެން އަނގައިން ނުބުނެ ހުރީމެވެ. އަނެއްކާވެސް ނާޝް އަހަރެންގެ ނަމުން ގޮވާލީމަ އަހަރެން ކަރުކެހިލީމެވެ

“ނާޝް މަ ބުނާ ކަމެއް ކޮށްދީބަ ނޯ ކުއެސްޝަންސް އާސްކްޑް” އަހަރެން ބުނެލީމެވެ. ނާޝް ކުޑަވަގުތުކޮޅަކަށް އަހަންނާ ދިމާލަށް ބަލަން ހުރެފަ ބޯޖަހާލިއެވެ.

“އަހަންނަށް ކުރުސި ކިޔާދީބަލަ” ނާޝް ހައިރާންވެފަ ބަލަން އިނެވެ. އެކަމު އެއްވެސް ސުވާލެއް ނުކޮށް ވަގުތުން ކުރުސި ކިޔައިދިނެވެ. އަދި ކުރުސި ނިންމާފަ ބަޤަރާތް ސޫރަތުގެ ފަހު ދެ އާޔަތްވެސް ކިޔަވާލިއެވެ. ކިޔަވާ ނިންމާލާފަ ލާނެއް ވައްތަރަކަށް އަހަންނާ ދިމާލަށް ބަލާލިއެވެ.

“ޔަގީން ވެއްޖެތަ އަހަންނަކީ އިންސާނެއްކަން މިހާރު؟” ހިނިގަނޑެއް ޖަހާލުމުން ނާޝް ބުނެލިއެވެ. އަހަރެން އޭނަކައިރީ އިށީންދެލީމެވެ. އަދި ޓަވަރުން ފޭބީއްސުރެ ނާޝްގެ ކޯލް އަންނަންދެން ކަންހިނގި ގޮތް ކިޔައިދިނީމެވެ. ނާޝް ގެ މޫނުމަތިން ބިރުވެރިކަން ފާޅުވާން ހުއްޓެވެ. އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފާލާފައި އޭނާ ވަށައިގެން ހޯދާލިއެވެ.

“ބޭބްސް ޔަގީންތަ ތިބުނާ އެތި މިތާނގަ ނުހުންނާނެ ކަން؟ އޭތި އައިސްދާނެ އެއްނު ބޭބްސް ފަހަތުންވެސް؟”

“އަހަރެން އެތަނުން ނިކުތީއްސުރެ ކުރުސި ކިޔަވަމުން މިއައީ. މިތަނަކަށް އޭއްޗެއް ނާންނާނެ. ބޭބީ ހާސްނުވޭ. މި ގުޅަނީ ޓެކްސީ އަކަށް. އަވަހަށް ހޮސްޕިޓަލް އަށް ދާން.”

އަހަރެން ފޯންނަގާ ޓެކްސީ ސެންޓަރަކަށް ގުޅާލީމެވެ. ދަންވަރު ގަޑި ކަމުން ވަރަށް އަވަހަށް ޓެކްސީ އެއް ލިބިއްޖެއެވެ. ފޯން ކަނޑާލާފަ އަހަރެން ނާޝް ކައިރީ އަނެއްކާވެސް އިށީންދެލީމެވެ.

“ބޭބްސް އަށްވީގޮތް ކިޔައިދީބަލަ” އަހަރެން މަޑުމަޑުން ބުނެލީމެވެ.

“ނަޝް ޓަވަރ އިން ނިކުމެގެން ވަރަށް ހަމަޖެހިލައިގެން މިދިމާލަށް އައީ. މިމަގަށް އެޅިތަނާ މަގުކޮޅުން ބޭބެސް އާ ވައްތަރު މީހެއް ފެނުނު މީންދަ ހޮޅިދަނޑި ކައިރީ އެކަނި ހުއްޓާ. އެހެންވެ ނަޝް ހިނގުން އަވަސް ކޮށްލީ. އެކަމު ދެން ފެނުނީ ބޭބްސް ފޭސް 3 އާ ދިމާލަށް ހިނގައިގަންތަން. އެހެންވެ އެވަގުތު ވަރަށް ބާރަށް ގޮވާލިން. ބޭބްސް އަށް އަޑުއިވުނުހެންވެސް ހީވި. އެކަމު ނުހުއްޓާ ދިޔައީ. ދެން ނަޝް ދުއްވައިގަން ތަނުން އެތާ އުފުލުވިފަ އިން ތަނެއްގަ އަޅައިގެންފަ ފައި ފުރޮޅުނީ. ވަރަށް ހާލުން މިހާހިސާބަށް އައީވެސް. ދެން ބޭބްސް އަށް ގުޅާ ގުޅާ ބޭބްސް ފޯންއެއް ނުނަގާ. އިރުކޮޅަކުން ބޭބެސް ފޯން ނިއްވާލާފަ ކަމަށް އައީ. ދެން ނަޝް ހިތަށް އެރީ ބޭބްސް ރޭންޖް ނުލިބޭ ހިސާބަކަށް ދިޔައީއޭ. އެހެންވެ ދެން އަނެއްކާވެސް ކުޑަ އިރުކޮޅެއް ކޮށްލާފަ ގުޅާލިތަނާ ބޭބްސް ތިނެގީ. ނަސީބެއްނު ބޭބްސް ސަލާމަތުން ހުރިކަން ވެސް”

އާއެކެވެ، އަހަރެން ހިތައް އެރިއެވެ. ސަލާމަތުން ހުރިކަން ހަމަ ނަސީބެކެވެ. އަހަރެން ދަމުނަމާދަށް ތެދުވަން އަބަދުވެސް އެލާމްކޮށްފަ އިންނާނީ 2 ޖަހާއިރަށެވެ. އެލާމްގެ ޓޯންއަކަށް އިންނާނީ ބަންގީގެ އަޑެވެ. އަހަރެން މިރޭ ސަލާމަތްމިވީ އޭގެ ސަބަބުންނެވެ. އަލްހަމްދުލިއްލާހިއެވެ.

“ނަޝް އަށް އަދި ނުވިސްނޭ ކަމެއް އެބައިން” ނާޝް ބުނެލިއެވެ. “މިރޭ މިހުރިހާ ކަމެއް މިވީ ކީއްވެގެންބާ؟ އެހެން ރޭރޭވެސް އަހަރުމެން ދެމީހުން މިގަޑީ ނިކުންނަމެއްނު؟”

އަހަރެންވެސް އެކަމާ ވިސްނީމެވެ. އަހަރެންގެ ސިކުނޑިއަށް އައީ އެންމެ ޖަވާބެކެވެ.

“މާމަ ބުނެ އުޅޭނެ ޖެހި ޖެހިގެން ތިން ރޭ އެއްގަޑިއަކަށް އެއްދިމާލަކަށް ނުދައްޗޭ. 4 ވަނަ ރޭ މިކަހަލަ ކަންތައް ގަނޑެއް ދިމާވާނެއޭ. އެހެން މިއޮތީ ވެފަ. މިހާރު 3 ރޭ މިވީ އަހަރުމެން ދަންވަރު އެއްގަޑިއަށް ނިކުންނަތާ. ހަމަ މިތަނުން ދެމީހުން މީޓް ކޮށްފަ މިދަނީ ދުއްވާލަން. އެހެންވީމަ މިރޭ އެއްޗެއް އެހެރީ އަހަރެންގެ ފަހަތު އަޅުވާލާފަ. އޭތީގެ ބޭނުމަކީ ކޮބާ ކަމެއް އަހަންނަކަށް ނޭންގެ. އަހަރެން މޮޔަކޮށްލުން ކަމެއް ނޫނީ އަހަރެންގެ ގައިތެރެއަށް ވަނުން ކަމެއް”

ނާޝް ބިރުން ހުރެ ވާހަކަ ދައްކަން ފެށިއެވެ.

“ނަޝް މަންމައަކީ ރާޤީއެއް. މިރޭ މަންމަ އަށް ތިހުރިހާ ވާހަކައެއް ކިޔާދީފަ ހަށިރައްކަލަށް ކަމެއް ކުރަން ފެނޭ. ނޭންގެ އެއްނު އަދި މިކަންތައްގަނޑު ނިމުނީ ކަމެއް”

އަހަރެން އެއްބަސް ވުމުގެ ގޮތުން ބޯޖަހާލީމެވެ. އެވަގުތު ގުޅި ޓެކްސީ ޓަވަރާ ކައިރި ކޮށްލުމުން އަހަރެން ނާޝް އުރާލައިގެން ކާރަށް ގޮސް އެރުވީމެވެ. އަހަރެން ކާރަށް އެރުމުގެ ކުރިން އެއްފަހަރު ފޭސް 3 އާއި ދިމާލަށް ބަލާލީމެވެ. އެވަގުތު ފޭސް 3 އަށް ވަންނަން އިންނަ ހިސާބުން ކުޑަ އަލިގަނޑެއް މައްޗަށް ދިޔަތަން އަހަންނަށް ފެނުނެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކާރުގަ އިން ޑްރައިވަރަށާ ނާޝް އަށް އަހަރެން ބަލާލީމެވެ. އެދެމީހުންނަށް އެއަލިގަނޑު ނުފެންނަ ކަހަލަ އެވެ. އަހަރެން ލަހެއް ފަހެއް ނެތި ކާރަށް އެރީމެވެ. ފޭސް 3 ކައިރިން ކާރު ލަނބާލިއިރުވެސް އަހަންނަށް އެދިމާލަށް ބެލެއެވެ. އަހަންނަށް ހީވި އެއްޗެއް ކަމެއްނޭންގެއެވެ. ވަންނަ ދިމާލުގަ ހިޔަންޔެއް ހުރިހެން އަހަންނަށް ހީވިއެވެ. އަހަންނަށް ހަނާ އަޅާހެންވެސް ހީވިއެވެ. އަހަރެން ލޯމަރާ ތަގުޅި ކޮށްލީމެވެ. މިކަންތައް އަދި މިނިމުނީކީ ނޫންކަން އަހަރެން ހިތައް އެރިއެވެ.

 

Share Article

Follow Me Written By

Luna

Level 1

Other Articles

Previous

ވަފާތެރިމަވީމޭ 2 (11)

Next

ލޯބިން ބުނާތީ 18

Next
June 10, 2026

ލޯބިން ބުނާތީ 18

Previews
June 9, 2026

ވަފާތެރިމަވީމޭ 2 (11)



All Right Reserved!