ގުޑުބައި ފޮރ އެވަރ
ގަޑިން މެންދަމުން އަލިވެ އެކެއްޖެހީއެވެ. މުޅިމާހައުލުވެސް ނިދާފައިވާ ކަހަލައެވެ. އެއްވެސްމީހެއްގެ އަޑެއްބަޑެއް ނީވެއެވެ. ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ނަމަވެސް މިދަންވަރުގެ ވަގުތުގައިވެސް ނިދުމުގެ އަރާމުން މަހްރޫމްވެފައިވާ އިފާ އިނީ ގިސްލަ ގިސްލާފައި ރޯށެވެ. މުޅި ރޭގަނޑު ހަތަރުދަމު ރުއުމުގެ ސަބަބުން އިފާގެ ދެލޯވަނީ ދުޅަވެފައިވާ ކަހަލައެވެ. މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. ހިތާމަޔާއި ހިތްދަތިކަމުގެ އަސަރުތަކެވެ. އެނދުގެ އެންމެ ބިއްދަށައްއަރާ ފާރުގައި ލެނގިލައިގެން އިން އިފާ ކުއްލިއަކަށް ތެދުވެއްޖެއެވެ. ހީވަނީ ކުއްލިއަކަށް ވަރަށްބޮޑު އެއްޗެއް ހަނދާންވިހެންނެވެ. ބަރުހެލި ފިޔަވަޅުތަކަކާއެކު ހިނގާފައިގޮސް އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އަދި ފޮތެއްގެ ތެރެން ކުޑަ ކަރުދާސްކޮޅެއް ނެގިއެވެ. އޭގައި ލިޔެފައިވަނީ ހަމައެކަނި ” ގުޑްބާއި ފޮރަ އެވަރ ” މިހެންނެވެ. އިފާގޮސްއެނދުގައި އިށީންދެ ލިޔެވެ. އަތުގައިވާ ކުޑަ ކަރުދާސްކޮޅުގެ ތެރެއިން އެތަކެއް ސަފްހާއެއްގެ މައްޗަށް އެކުލެވޭ އިފާގެ ޑައިރީ ހުޅުވާލިއެވެ. ހިރަފުހާ ތަތްތެޅިފައިވާ އިފާގެ މާޒީ އިފާގެ ލޮލުގެ ކުރިމަތީގައި ސިފަވާންފެށިއެވެ.
މީގެ ފަސްމަސް ދުވަސް ކުރިއެވެ. މާދަމާއަކީ ސްކޫލް ހުޅުވޭ ދުވަސްކަމުން ސްކޫލަށްދާހިތް އޮތްލެއް ބޮޑުކަމުން މިރޭ އިފާއަށް ރަނގަޅަށް ނުވެސް ނިދުނެވެ. ވާނީވެސް އެހެންތާއެވެ. އިފާފަދަ ކިޔެވުމަށް ލޯބިކުރާ ކިޔެވުމުގެ ޝައުގުވެރިކަން ބޮޑު ކުއްޖަކަށް ގުރޭޑް 10ގައި އުޅޭ އަހަރުވާނީ ވަރަށްމުހިންމު އަހަރަކަށެވެ. ކޮންމެއަކަސް އިފާގެ ތައުލީމީ އެންމެފަހު އަހަރުކަމުން ސްކޫލް ހުޅުވުނު ދުވަސްވެގެންދިޔައީ ވަރަށްވަރުގަދަ އަޒްމަކާއެކު ކިޔެވުމާއި ކުރިމަތިލި ދުވަހަކަށެވެ. އިފާގެ އަޒްމަކީ ގަދަ ދިހައަކުން ޖާގަ ހޯދުމެވެ. މޮޅުދަރިވަރެއްގެ ގޮތުގައި ސްކޫލް ނިންމާލުމެވެ. މިއީ ހަމައެކަނި އިފާގެ އުންމީދެއްނޫނެވެ. އިފާގެ މައިންބަފައިންނާއި ދޮންތައާއި ދޮންތަބެގެވެސް އުންމީދެވެ.
އެއްދުވަހަކު އިފާ ސްކޫލްނިމިގެން ގެއަށްއައިއިރު ވަރަށްރީތި ޒުވާން ފިރިހެންކުއްޖަކު ސިޓިން ރޫމްގައި އިނެވެ. އިފާއައިސް ގެއަށްވަނުމާއެކު މިޒުވާނާ އިފާއަށް ހިނިތުންވެލިއެވެ. ބަދަލުގައި އިފާވެސް ހިނިތުންވިއެވެ. އިފާ އަވަސްއަވަހަށްގޮސް ދޮންތައާ ސްވާލު ކުރިއެވެ. ” އެއީ ކާކު؟ ” ދޮންތަ ކުޑަކޮށް ސިހިފައި ކޮބައިހޭ އަހާލިއެވެ.
” އެތާ ސިޓިންގ ރޫމުގައި ” ވައިއަޑަކުން އިފާ ބުނެލިއެވެ.
” ސާބަސް އެއީ ދޮންތަބެމެންގެ ޖަމިއްޔާއިން މިރަށުގައި ކޯހެން ހިންގަން އައިސްހުރި ކުއްޖެއް.” މިހެންބުނެފައި އިފާގެ ދޮންތަ ހީލިއެވެ. އިފާވެސް އިތުރަށް އޮޅުންފިލުވާކަށް ބޭނުމެއް ނުވިއެވެ.
އަހުމަދުހުނަންނީ އިފާމެންގޭގައެވެ. އިފާއާ އަހުމަދު ބައްދަލުވަނީ މަދުމަދުންނެވެ. ސަބަބަކީ އިފާ ގިނަވަގުތު އުޅެނީ ސްކޫލްގައިކަމަށްވެފައި އަހުމަދު ގިނަވަގުތު އުޅެނީ ކޯސް ހިންގަންކަމަށްވާތީއެވެ. ނަމަވެސް އަހުމަދު އިފާމެންގެ ގެއަށް އައިތާ ދެތިން ދުވަހެއް ތެރޭގައި އަހުމަދުގެ ކަތި ނަޒަރުތައް އިފާއަށް އަމާޒްވާން ފަށައިފިއެވެ. އަހުމަދުގެ ބަލައިލުމާއި ހިނިތުންވުމުގެ ޖާދޫގައި އިފާ ޖެހެންފަށައިފިއެވެ. އަހުމަދު ވާހަކަދައްކާނޭ ވަގުތަކަށް އިފާގެ ހިތްއެދެން ފަށައިފިއެވެ. ކިޔެވުމުގެ ބުރަ ވަގުތުތަކުގެ ތެރެއިންވެސް އިފާގެ ލޮލުގެ ކުރިމަތީގައި އަހުމަދުގެ ތަސްވީރު ކުރެހެންފަށައިފިއެވެ. ފަހުންފަހުން ރޭގަނޑު އިފާ ފޮތްކިޔާ ގަނޑީގައި އިފާގެ ގާތުގައި އަހުމަދު އިށީންނަން ފަށައިފިއެވެ. ބައެއްފިލާވަޅުތައް ބުނެދީ އެކަކު އަނެކަކާ ވާހަކަދައްކަންފަށައިފިއެވެ. މިގާތްކަން ދުވަހެއްދުވަހަކަށް ބަދަހިވަމުން ގޮސް އެންމެފަހުން ލޯތްބަށް ބަދަލުވެއްޖެއެވެ. އާދައިގެ މަތިން އިފާ ފިލާވަޅުހަދަން އިންދާ މިރޭވެސް އަހުމަދު އިފާގެ ގާތަށް އައެވެ. ނަމަމެސް ގޮނޑީގައި އިށީނުމުގެ ބަދަލުގައި އިފާއާވަރަށްކައިރިއަށް ހުއްޓި ” އިފާ ” މިހެން ގޮވާލިއެވެ. އިފާއަށްހީވީ މަޑުމަޑުންމީހަކު އިފާގެ ހިތުގައި ފިރުމާލިހެންނެވެ. އަހުމަދުގެ އަޑުގައިވަނީ ބުނެދޭންނޭންގޭފަދަ އަސަރުތަކެކެވެ. އިފާ އަހުމަދުގެ މޫނަށް ބަލާލަމުން ބުންޏެވެ. އިފާއަށް މިރޭ އަހުމަދު ފެންނަނީ ވަރަށް ތަފާތުކޮށެވެ. އަހުމަދު އަނެއްކާވެސް މަޑުމަޑުން ބުނެލިއެވެ. ” އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ވާންކެރިދާނެތަ؟ ” އިފާއަށް ދޭނެ ޖަވާބެއް ނޭންގުނެވެ. ލަދުން ގޮސް މުޅިމީހާ ގަނޑުވިކަހަލައެވެ. އެހާމެ، އުފާވެސް ވިއެވެ. އެކަމަކު އާއެކޭ ބުނާކަށްވެސް ނުކެރުނެވެ. އިފާ ދުއްވައިގަތެވެ. ނަމަވެސް އަހުމަދު އިފާގެ އަތުގައި ހިފެހެއްޓިއެވެ. އަދިބުނެލިއެވެ. “ދެވޭނީ ކޮންމެވެސް އެއްޖަވާބެއް ދީފައި.” އިފާގޮތް ހުސްވިއެވެ. އިސްދަށަށްޖެހުނެވެ. ” އަހަރެންވެސް އަހުމަދުއާ ގުޅެން ބޭނުން. ” ވަރަށް މަސައްކަތުން އިފާ ބުނެލިއެވެ. އަދި އަހުމަދުގެ އަތްފޮޅުވާ ލުމަށްފަހު ލަދުން ދުވެގޮސް ކޮޓަރިއަށް ވަނެވެ. އިފާއާއި އަހުމަދުގެ ލޯތްބަކީ ސިއްރެކެވެ. ގޭގެ އެހެންމީހުންގެ ކުރިމަތީގައި އެދެމީހުންގެ ގުޅުންހާމަކުރާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އެކަނިވާ ކޮންމެފަހަރަކު ދެމީހުންގެ ލޯބީގެ މާތަށް ފޮޅުވައެވެ.
ކޮންމެއަކަސް އަހުމަދުގެ އެރަށުގައި ހުރުމަށް ކަނޑައެޅިފައިވާ 20 ދުވަސް ހަމަވެ މާދަމާއަކީ އަހުމަދު މާލެދާން ފުރާދުވަހެވެ. މިކަމާ އިފާގެ ހިތަށްވަނީ ބަޔާންކުރަންވެސް ދަތި ހިތްދަތި ކަމެއްވެރިވެފައެވެ.
އަހުމަދު އިފާގެ ގާތުގައިހުންނާނެ އެންމެފަހު ރޭކަމުން އިފާވެސް ބޭނުމީ މުޅިރޭގަނޑު އަހުމަދުއާއެކު ހޭދަކުރާށެވެ. އެހެންކަމުން އަހުމަދު އަންނާނެކަމުގެ އިންތިޒާރުގައި އިފާ ސިޓިންގރޫމުގައި އިނެވެ. ކުއްލިއަކަށް އިފާއަށް އިވުނީ އަހުމަދުގެ ފިރިހެންވަތަ އަޑެވެ. ” އިފާ އަހަރެން އިފާގާތު ދައްކަން ވަރަށްގިނަ ވާހަކައެބަހުރި. އިފާގެ ކޮޓަރިން އަހަންނަށް އިންތިޒާރުކުރާނެކަމަށް ހީކުރަން. އަހުމަދު އެތާ މަޑުވެސްނުކޮށް ނިކުމެގެން ހިގައްޖެއެވެ.
މިރޭ އަހުމަދުގެ ކޮންމެ އެދުމަކަށް އިފާ އިޖާބަދޭނެއެވެ. އެއީ އަހުމަދު ވަކިވާތީއެވެ. އޭނާ އުފާކޮށްދޭށެވެ. ހިތްހަމަ ޖައްސައިދޭށެވެ. ވީވެސް އެހެންނެވެ. ލޯބީގެ ތަފާތު ވާހަކަތަކުގެ ތެރެއިން އަހުމަދުގެ ހިތުގެ އެދުން އިފާގެ ކިބައިން ހާސިލްކުރިއެވެ. އިފާގެ އަތުގައި ރައްކާކޮށްފައިވާ އިތްފަތްތެރިކަމުގެ ގަހަނާ އިފާގެ ކިބައިން ބީވެގެން ހިނގައްޖެއެވެ. ޖަޒްބާތުގެ އޮއިވަރުގައި ޖެހި އިފާގެ ހަޔާތުގައި ބޮޑުލައްގަނޑެއް ޖެހިގެން ދިޔައިރުވެސް އިފާއަކަށް އެކަން އިހްސާސެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާ އަހުމަދުދެކެ ލޯބިވެއެވެ. އަހުމަދު ދާތީ ދެރަވެއެވެ.
އިފާއަށް ހޭލެވުނީ ގަޑިން ހަތެއް ޖެހިފަހުންނެވެ. ކުއްލިއަކަށް ހަނދާންވީ ރޭގަނޑު ހިނގާދިޔަ ކަންތައްތަކެވެ. ނަމަވެސް ފުރަތަމަ އޭނާ އަވަސްވެގަތީ އަހުމަދު ފުރިތޯ ބެލުމަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރުބަލައިލިއެވެ. މީހަކުފެންނާކަށްނެތެވެ.
” ކޮންތާކުން ” ކުއްލިއަކަށް ދޮންބެ ބޭރުންއައިސް ގެއަށްވަންނަތުންފެނުމުން ބޭއިހްތިޔާރުގައި އިފާއަށް އަހާލެވުނެވެ.
” މިއައީ އަހުމަދު ފުރުވާލާފައި ” ދޮންތަބެގެ އަގައިން ނިކުތްޖުމްލައިން އިފާގެ ހިތްކުދިކުދިވިއެވެ.
އަވަސްއަވަހަށްކޮޓަރިއަށްވަދެ ދޮރުތަޅުލިއެވެ. އިފާގެ ލޮލުގައި އަޅައިގަތީ މޭޒްމަތީގައިވާ ކަރުދާސްކޮޅެކެވެ. ހަމައެކަނި ލިޔެފައިވަނީ ” ގުޑްބާއި ފޮރަ އެވަރ ” މިހެންނެވެ. އިފާ އެކަރުދާސްކޮޅު މޭގައި ޖައްސާލިއެވެ. އަދި އަހުމަދުގެ ޚިޔާލްތަކުގެ ތެރެއަށް ގެއްލުނެވެ.
އިފާހުރީ އަހުމަދުގެ އިންތިޒާރުގައި ގަޑިގުނާލަ ގުނާލައެވެ. ނަމަވެސް ދުވަސްތައް ހަފްތާތަކަށް އެއްމަސް ދެމަސް ތިންމަހަށް ބަދަލުވީއިރުވެސް އަހުމަދު ޚަބަރެއް ނުވެއެވެ. ކުޑަމިނުން ގުޅައިނުލިތާ އަހުމަދު ދީފައިވާ ނަންބަރަށް ނުވެސް ގުޅެއެވެ. މިހިސާބުން އިފާގެ ހިތަށް ނުތަނަވަސްކަން ވެރިވާންފެށިއެވެ. އެކަނިވެރިކަމާ ވަރުބަލިކަމުގެ އިތުރުން ބޯއަނބުރާ މޭނުބައިކުރާގޮތްވެސް ވާންފަށައިފިއެވެ. އިފާހީކުރީ މާބޮޑަށް ވިސްނާތީ ވާގޮތެއްކަމަށެވެ. އިފާ އިނީ ކުލާހުގައި ޓެސްޓެއް ހަދާށެވެ. ކުއްލިއަކަށް އިފާ އެނބުރުން އަރައިގެން ވެއްޓިއްޖެއެވެ. އަވަސް އަވަހަށް އިފާ ސިއްޙީ މަރުކަޒަށް ގެންދެވިއްޖެއެވެ. އިފާ ބެލުމަށްފަހު ޑަކްޓަރު އެދުނީ އިފާގެ މަންމައާ ބައްދަލުކުރާށެވެ. މިހިސާބުން އިފާ މަރުކަޒްގައި އޮތްކަން އެނގުމުން އިފާގެ އާއިލާގެ އެންމެން ޖަމާވެއްޖެއެވެ. ޑޮކުޓަރުގެ ކޮޓަރިން އިފާގެ މަންމައަށް ލިބުނު ޚަބަރުން އެނބުރުންއަރައިގެން ނުވެއްޓުނީ ކިރިޔާއެވެ. ހުރިތަނަށް ގަނޑުވިކަހަލައެވެ. ޑޮކުޓަރުގެ ކޮޓަރިން އިފާގެ މަންމަނެރުނީ އިފާގެބައްޕަ އަތުލަފި ކޮށްގެންނެވެ. އަނގައިންވަނީ ބަސްހުއްޓިފައެވެ. ދެލޮލުން ފެން ހިލިހިލިހުއްޓެވެ.
އިފާއޮތީ ކޮޓާރީގެ އެނދުގައިބާއްވާފައެވެ. އަދިވެސް އިފާ ވަރަށް ވަރުބައްޔެވެ. ގޭ އެންމެން އިފާގެ ކައިރީ ތިއްބެވެ. ނަމަވެސް މިވަތުގު އެމީހުން އެތިބީ އިފާ ބަލިވީމަ ދެރަވެގެންނެއްނޫނެވެ. ތަހުޤީގަށް ހާޒިރުވެއެވެ. އެމީހުން ބޭނުންވަނީ ހިތުގައި އުފެދިފައިވާ ސުވާލުފުންޏަށް ޖަވާބު ހޯދާށެވެ. އިފާގެ ބަނޑުގައިވާ ދަރިފުޅާމެދުގައެވެ. އެކަން ހިނދިގޮތަކާ އެކަން ކުރިމީހަކާބެހޭ ގޮތުންނެވެ. އިފާގެ ތުންފަތް މަޑުމަޑުން ހަރަކާތް ކޮށްލިއެވެ. “އަހުމަދު” މިއަޑާއެކު އިވުނީ މީހަކު ހަޅޭއްލަވައިގެން އަޑެވެ. އަހުމަދޭ! އެއީކާކު. އަހަރެންގާތު އަހާލިނަމަ، އެއީ ދާހާރަށަކުން މީހުންނަށް ލަނޑުދެމުންދާމީހެއް. އަންބަކާ ދެދަރިންވެސް ތިބޭ. އަނބިމީހަ އެއިންނަނީ އަބަދު ރޮއެރޮއެ.
ސިހިގެންގޮސް އިފާއަށް ހޭވެރިކަންވިއެވެ. މިއަދު އިފާމިވަނީ އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށްލެވޭވަރަށްވުރެ މާ ބޮޑު ލަދެއްގައި ބެދިފައެވެ. ކުރެވުނު އެންމެ ކުށަކުންނެވެ. މީހަކުދެކެ ލޯބިވެވުނީމައެވެ. ނޫނެކެވެ. އެއީ ކުޑަކުޑަ ކުށެއްނޫނެވެ. ލޯބީގެ ނަމުގާ ދުނިޔެއާއި އާޚިރަތްވެސް ނަގާލެވުނީއެވެ. ވާންވީވަރަށްވުރެ ބޮޑަށް މީހަކާގާތްވެވުނީއެވެ. ކުރިންވިސްނާލުމެއްނެތި ދޭންނުޖެހޭ އެއްޗެހިވެސް މީހަކަށް ހިލޭ ދެވުނީއެވެ. ލޯބިވާ ކޮންމެ މީހެއްގެ އަތްމައްޗަށް އިއްޒަތުން ނަފްސު ދޫކޮށްލެވިއްޖެނަމަ، ވާނީ މިހެންނެވެ. ދެލޯބިވެރިންގެ މެދުގައި އޮންނަންވީ އިއްފަތްތެރިކަމުގެ ފާރު ފޫއަޅުވާލުމުގެ ފުރުޞަތު އިފާއަށް ދެވުނީއެވެ. މިއީ އަހުމަދު އެދިއެދިހުރި ފުރުޞަތުކަން ކުރިން އިފާއަށް ނުވެސް ވިސްނުނީއެވެ. ކެހިވެރިއެއްގެ ދަލުގައި ހަމަ ރަނގަޅަށްވެސް ބެދެވުނީއެވެ. އަހުމަދުގެ ” ގުޑްބާއި ފޮރ އެވަރ” ގެ މާނަ ވިސްނިއްޖެއެވެ. އިފާ ޖަވާހިރަކަށްހަދައިގެން ފޮރުވައިގެން ގެންގުޅުނު ކަރުދާސްކޮޅަކީ ވިހަ ހަރުފައެއްކަން އިހްސާސްވީ އަދި ކިރިޔާއެވެ. އިފާ އެކުޑަކަރުދާސްކޮޅު ވީދާކުދިކުދިކޮށްލިއެވެ. ހީވަނީ އިފާގެ ހިތުގައިވާ އަހުމަދުގެ ލޯބި ކުދިކުދިކޮށް ވަޔަށްބުރުއްސާލިހެންނެވެ.
އިފާއަށް އާދަޔާ ހިލާފު ހިތްވަރެއް ލިބިފައިވާކަހަލައެވެ. ވަރަށްބާރަށް ހިނގާފައިގޮސް ފާޚާނާއަށް ވަދެ އިސްކުރުދޫކޮށްލިއެވެ. މިރޭ އޭނާ ބޭނުންވަނީ އޭނާއަށްކުރެވިފައިވާ ހުރިހާ ފާފަތަކެއް ދޮވެލާށެވެ. ފެންވަރާނިމިގެން ވުޟޫކޮށްލިއެވެ. އަދި މުސައްލަމަތީ އިށީނުމަށްފަހު ދެއަތް އުފުލާލިއެވެ. (ނިމުނީ)
5 Comments!
Comments are closed.

ސަޅި
ވ ވ ވ ވ އިބްރަތްތެރި ވާހަކައެއް! ގުޑް ޖޮބް! 🙂
Vahaka reethi… ma avas aruvaigen nimafa othy ma kada dhen faharakun rangalu kola… good work
Vahaka reethi… ma avas aruvaigen nimafa othy ma kada dhen faharakun rangalu kola… good work
Vahaka reethi… ma avas aruvaigen nimafa othy ma kada dhen faharakun rangalu kola… good work