Skip to content
އެސްފިޔަ

ޒީނަތްތެރިކަމުގެ ދަޅަ

Listen to this story Audio · 5:58 Powered by Esfiya Voice
0:00 5:58

ހައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ ކުރުވާހަކަ ސިލްސިލާ: ވާހަކަ 2

އަހަރެންގެ ދަރިފުޅު މާނީއަކީ އަބަދުވެސް ރީތިކަމަށް ލޯބިކުރާ، ޒަމާނީ ފެޝަނަށް ލޯބިކުރާ ކުއްޖެކެވެ. މަންމައެއްގެ ހައިސިއްޔަތުން އޭނާގެ ރީތިކަމަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަކީ އަހަރެން އަބަދުވެސް ބޭނުންވި ގޮތެވެ. ނަމަވެސް، ފަހަކަށް އައިސް މާނީގެ ކިބައިން ފެންނަން ފެށި ބަދަލަކުން އަހަރެންގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. އެއީ އޭނާގެ ދިގު، ކުލަގަދަ “ފޭކް ނެއިލްސް” ނުވަތަ އިތުރުކޮށްފައިވާ ނިޔަފަތިތަކެވެ.

އެއްދުވަހެއްގެ ހަވީރެވެ. މާނީ ސޯފާގައި އިށީނދެގެން އޭނާގެ އައު ނިޔަފަތިތަކަށް ބަލަހައްޓައިގެން ވަރަށް އުފަލުންނެވެ. އެ ނިޔަފަތިތަކުގައިވަނީ އެކި ކުލަކުލައިގެ ކުރެހުންތަކާއި ޖަވާހިރުތަކެވެ. “މަންމާ.. ބަލާލަބަ މާނީގެ އަތް. ކިހާ ރީތިތަ؟” އޭނާ ފަޚުރުވެރިކަމާއެކު އަތް ދައްކާލަމުން ބުންޏެވެ.

އަހަރެން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާގެ ކައިރީގައި އިށީނީމެވެ. “ދަރިފުޅާ މާނީ… ރީތިވުމަކީ މައްސަލައެއް ނޫން. އެކަމަކު މިފަދަ ކަންކަމުގެ ސަބަބުން އަހަރެމެންގެ ދީނީ ވާޖިބުތަކަށް ހުރަސްއެޅޭ ނަމަ، އެއީ ވަރަށް ނުރައްކާތެރި ކަމެއް،” އަހަރެން މަޑުމައިތިރިކަމާއެކު ބުނީމެވެ.

މާނީ އަހަންނަށް ބަލައިލީ ހައިރާންވެފައި ހުރެއެވެ. “ދީނީ ވާޖިބުތަކަށޭ؟ މަންމާ… މިއީ ހަމައެކަނި ނިޔަފަތިތަކެއްނު؟ މީގެން ކޮން ހުރަހެއް އެޅެނީ؟”

އަހަރެން މާނީގެ އަތުގައި ހިފާލީމެވެ. “ދަރިފުޅާ.. އިސްލާމްދީނުގައި ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި. އަހަރެމެން ކުރާ ކޮންމެ ނަމާދަކަށް ވުޟޫ ކުރަންޖެހޭ. އަދި ބައެއް ހާލަތްތަކުގައި ހިނައިގަންނަންވެސް ޖެހޭ. މިގޮތަށް ނިޔަފަތި މަތީގައި ތަތްކޮށްފައި ހުންނަ ޕްލާސްޓިކް ނިޔަފަތިތަކާއި، އޭގައި އުނގުޅާފައި ހުންނަ ބޯ ތަކެތީގެ ސަބަބުން، ވުޟޫ ކުރާއިރު ނުވަތަ ހިނައިގަންނައިރު އަސްލު ނިޔަފަތީގައި ފެން ނުޖެހޭނެ. އެއީ ފެން ދަތުރުކުރުން ހުރަސްއަޅާ އެއްޗެއް.”

މާނީ ކުޑަކޮށް މޫނު ހަދާލިއެވެ. “އެކަމަކު މަންމާ.. މިހާރު އެންމެންވެސް މިހެން އުޅެއެއްނު؟”

“ދަރިފުޅާ، އެހެން މީހުން ކުރާހާ ކަމެއް ކުރުމެއް ނޫން މުހިންމީ. ﷲ އަށް ބިރުވެތިވުން މުހިންމީ. އެ ނިޔަފަތިތައް އަޅުވައިގެން ހުންނަހާ ހިނދަކު، ދަރިފުޅު ކުރާ ވުޟޫއެއް ސައްހައެއް ނުވާނެ. ވުޟޫ ސައްހަ ނުވުމުގެ މާނައަކީ ކުރާ ނަމާދުވެސް ސައްހަ ނުވުން. އެހެންކަމުން، އެ ނިޔަފަތިތައް ހުންނަހާ ހިނދަކު ދަރިފުޅު ހުންނާނީ ނުތާހިރުކަން މަތީގައި. މި ހާލަތުގައި ހުރެ މާނީ މަރު ވެއްޖެ ނަމަ މަރުވާނީވެސް ނުތާހިރު ކަންމަތީގައި. މާނީއަށް ކިހިނެތް އެނގޭނީ މާނީ މަރުވާނެ އިރެއް؟” އަހަރެން ކިޔައިދިނީމެވެ.

އަހަރެން މާނީއަށް އިތުރަށް ތަފްސީލު ކޮށްދިނީމެވެ. އިސްލާމްދީނުގައި އަންހެނުން ޒީނަތްތެރިވުމަށް ހުއްދަ ދެއްވާފައިވީ ނަމަވެސް، އެއީ ދީނީ އަޅުކަންތަކަށް ހުރަސްނޭޅޭ ގޮތެއްގެ މަތިންނެވެ. ‘ފޭކް ނެއިލްސް’ ޖެހުމަކީ ﷲ ހެއްދެވި ސޫރައަށް ބަދަލު ގެނައުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެއީ ޝައިތާނާގެ މަގުދެއްކުމެއް ކަމަށް ދީނީ އިލްމުވެރިން ބަޔާން ކުރައްވާފައި ވާކަން އަހަރެން ބުނެދިނީމެވެ. އަދި ހާއްސަކޮށް، ނުތާހިރުކަން މަތީގައި މަރުވެއްޖެނަމަ ލިބިދާނެ އަޒާބާ މެދު ވިސްނާލުމަށް އަހަރެން އެދުނީމެވެ.

“ދަރިފުޅާ ވިސްނާލަބަލަ، މި ވަގުތީ ރީތި ކަމަށްޓަކައި އާޚިރަތުގެ ބޮޑު ނިޢުމަތް ދޫކޮށްލާނީތަ؟ ނުތާހިރުކަން މަތީގައި ހުރެގެން ލިބޭނެ ހިތްހަމަޖެހުމެއް އޮންނާނެތަ؟ މިއީ ފާފައެއްގެ މަތީގައި ދެމިހުރުން ފަދަ ކަމެއް. މީހުންގެ ކުރިމަތީގައި ރީތިވިޔަސް، ﷲ ގެ ކުރިމަތީގައި ނުތާހިރު މީހަކަށް ވުމަކީ ކިހާ ދެރަ ކަމެއް؟” އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ.

މާނީ އިރުކޮޅަކު ހިމޭނުން އިނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ފުން ވިސްނުމަކަށް ގެއްލިފައިވާ ތަނެވެ. މާނީ އޭނާގެ އަތަށް ބަލައިލިއެވެ. ކުރިން ރީތިކޮށް ފެނުނު ނިޔަފަތިތައް މިހާރު އޭނާއަށް ފެންނަނީ ބިރުވެރި އެއްޗެއްގެ ގޮތުގައެވެ.

“މަންމާ… އަޅުގަނޑަކަށް މިހެންނެއް ނުވިސްނޭ،” މާނީ މަޑުމަޑުން ބުންޏެވެ. “އަޅުގަނޑު ހީކުރީ މިއީ ހަމައެކަނި ފެޝަނެއް ކަމަށް. އެކަމަކު މީގެ ސަބަބުން އަޅުގަނޑުގެ އަޅުކަންތައް ބާތިލްވާނެކަން އެނގުމުން މިހާރު ވަރަށް ބިރުގަނޭ. އަޅުގަނޑު ބޭނުމެއް ނޫން ނުތާހިރުކަން މަތީގައި ހުންނާކަށް.”

އެރޭ މާނީ އަމިއްލައަށް އެ ނިޔަފަތިތައް ނައްޓާލިއެވެ. އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. ނިޔަފަތިތައް ނައްޓާލިއިރު އޭނާގެ އަސްލު ނިޔަފަތިތަކަށް ވަނީ ގެއްލުންވެ، ބަލިކަށިވެފައެވެ. އެއީވެސް އިބުރަތެކެވެ. އަސްލު ނޫން ރީތިކަމެއްގެ ފަހަތުން ދިއުން އެއީ އަސްލު ރީތިކަމަށް ލިބޭ އުނިކަމެވެ.

މާނީ ރަނގަޅަށް ތާހިރުވެ، ވުޟޫކޮށްގެން ނަމާދަށް އެރިއެވެ. ނަމާދުން ފޭބި މާނީގެ މޫނުމަތިން ފެނުނު އުޖާލާކަމާއި ހަމަޖެހުން، އެއްވެސް ‘ފޭކް ނެއިލް’ އަކުން ނުވަތަ މޭކަޕަކުން ނުލިބޭނެއެވެ. “މަންމާ، މިހާރު ހިތަށް ވަރަށް ފަސޭހަވެއްޖެ. ނުތާހިރުކަމުގެ އެ ބަރުދަން މިހާރު އިހުސާސެއް ނުވޭ.” އޭނާ ބުންޏެވެ.

(ނިމުނީ)

ކިޔުންތެރިންނޭ… މިއީ ހަމައެކަނި މާނީގެ ވާހަކައެއް ނޫނެވެ. މިއީ މިއަދުގެ ގިނަ ޒުވާނުންނަށް ބޭނުންތެރި ފިލާވަޅެކެވެ. ޒުވާން އަންހެން ކުދިންނަށް ބަލައިލުމުން މިހާރު ފެންނަނީ ޕުލާސްޓިކު ނިޔަފަތި ތަކެއް ތަތްކޮށްފައިވާ މަންޒަރެވެ. ދުނިޔަވީ ކުރު ދަޅައަކަށް ހެއްލި، އާޚިރަތް ބާއްޖަވެރިކުރަން އޮތް ތާހިރުކަން ދޫކޮށްލުމަކީ ބޮޑުވެގެންވާ ގެއްލުމެކެވެ. ބޭނުމަކީ ކޮބާ ހެއްޔެވެ؟ މާތް ﷲ އިންސާނާ އުފެއްދެވީ އެންމެ ފުރިހަމަ ކޮށެވެ. ނިކަން ވިސްނާލަބަލާށެވެ. މުޅި ކައުނު އުފެއްދުމަށް މާތް ﷲ އެންމެ ހަފުތާއެއްވެސް ނުނަގައެވެ. ނަމަވެސް އިންސާނާ އުފެއްދެވުމުގައި 9 މަހާއި 9 ދުވަސް ހޭދަ ކުރިއެވެ. އެ ރީތިކަން ‘ފެޝަން’ އަކަށް ބަދަލު ކުރަންވީ ކީއްވެގެން ހެއްޔެވެ؟ ފޭކް ނެއިލްސް އާއި އެފަދަ ޒީނަތްތަކަކީ ތިމާ ނުތާހިރުކަން މަތީގައި ބަހައްޓައި، ﷲ އާ ދުރުކުރުވާ އެއްޗެހިކަން ދެނެގަންނަން ޖެހެއެވެ. ހަގީގީ ރީތިކަމަކީ ﷲ އަށް ކިޔަމަންތެރިވުމާއި، ތާހިރުކަން މަތީގައި ދެމިހުރުމެވެ. ޕުލާސްޓިކު ނިޔަފަތިތައް ޖެހުން އެއީ ރީތި ވުމެއް ނޫނެވެ. އެއީ ޝައިތާނާ ދައްކާ ދަޅައެކެވެ.

Comments (5)

  1. .

    Masha Allah vrh reethi vhk eh 🤩💯🔥
    Vrh iburaiytheri mihr ge mi community aa gulheyy vhk eh…
    Gina kudhin ah vrh normal kameh hen heeviyas ekamuge gehuln vrh bodu …
    Mi kahala vhk adhives kiyaalan libeyne kamah ummeedh Kuran…
    Keep it up

    1. shihaamaa ali
      .

      Aslu vess dhw.. jazaakallah khairan dear.. in sha allah more to come🩶🫶🏻

  2. xxx

    Heyyyyy. Shiherrrrr vrh reethi story eh.
    Tc…

    1. shihaamaa ali
      xxx

      heyyyyy xxx
      jazaakallah khairan🩶🫶🏻

  3. އަޙުމަދު ޒާން

    اللّٰهُمَّ بَارِك، މިއީ ވަރަށް ސަޅި، ރީތި، ރަނގަޅު ފިލާވަޅެއް ލިބޭ ވާހަކައެކެވެ.

Comments are closed.