Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިކުރުވާހަކަ

ހައިވޭ

Luna Level 1
May 19, 2026 5 Mins Read
5 Comments

 

އަތުކުރީގައި އޮތް ގަޑިއަށް އަހަރެން ބަލާލީމެވެ. މެންދަމުން އަލިވެ 3 ޖެހީއެވެ. އަހަރެންގެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީމެވެ. މީހެއްގެ ހިލަމެއް ނުވެއެވެ. ހަމަހިމޭންކަމެވެ. އަހަރެން ސައިކަލްގަ މަޑުކޮށްލައިގެން ހުރީ ބްރިޖް-އެއަރޕޯރޓް ލައިޓް ކައިރީގައެވެ. ކުރިމަތިން ފެންނަން އޮތީ ހުޅުމާލެއަށް ދެވެން އޮތް ހައިވޭއެވެ. އެތަކެއް ރޭ ދަތުރުކުރި މަގެކެވެ. ނަމަވެސް މިރޭ އެހެންރޭރެޔާ ތަފާތެވެ. މިރޭ އެމަގު ފެންނަނީ އަނދިރިކޮށެވެ.  ނާމާން ކޮށެވެ. ހޮޅިބުރިތައް ދިއްލިފަ ހުއްޓެވެ. ނަމަވެސް އަހަރެން ހުރި ހިސާބުން ހަމައެކަނި ފެންނަނީ އަލިއެޅިފަ ހުންނަ ތަންތަނެވެ. އެއަށް ވުރެ އެކޮޅުން ފެންނަނީ އަނދިރި ގަނޑެކެވެ. ލައިޓްގަ އިން ޓައިމަރަށް ބަލާލީމެވެ. އަދި ލައިޓް ފެހިވާން 30 ސިކުންތު އެބައިނެވެ. އަހަރެން އަނެއްކާވެސް ކުރިމަތީ އޮތް މަގަށް ބަލާލީމެވެ. މިރޭ މިހާ ހިތްނުތަނަވަސް މިވަނީ ކީއްވެބާއެވެ. މީ އަހަރެން އަބަދުވެސް ދަތުރު ކުރާ މަގެކެވެ. ކޮންމެ ރެޔަކުވެސް އޮފީހުން ނިކުމެގެން ގެއަށް ދާން ނައްޓާލެވޭނީ މިގަޑީގައެވެ. އެހެން ރޭރޭ ނުކުރެވޭ އިހްސާސެއް މިރޭ މިކުރެވެނީ ކީއްވެބާއެވެ.

އަހަރެން ފަހަތް ބަލާލީމެވެ. ސައިކަލެއްވިޔަސް ކާރެއްގެ ވިޔަސް ހިލަމެއް ވޭތޯއެވެ. ފެނުނީ ފަޅުކަމެވެ. ޕޮލިސް ކާރެއްހާ ހިސާބުވެސް ނުފެނެއެވެ. އަހަރެންގެ ހިތަށް ކުއްލިއަކަށް އެކަނިވެރިކަން އިހްސާސްވިއެވެ. އެވަގުތު މުޅި މާލޭގަވެސް ހުޅުމާލޭގަވެސް ހޭލާ ހުރީ އަހަރެން އެކަންޏޭ ހިތަށް އެރިއެވެ. އެކަނިވެރިކަން ފިލުވާލުމުގެ ގޮތުން ޖީބުގަ އޮތް އެއަރޕޮޑް ކަންފަތަށް ޖަހާލީމެވެ. އަދި ފޯނުން އަހަރެންގެ ޕްލޭލިސްޓް ޖައްސާލީމެވެ. އަހަންނަށް މިކުރެވެނީ ކިހާ ކޮސް ކަމެއްކަން އެވަގުތު ނުވިސްނުނެވެ.

ލައިޓް ޖެހުމާއެކީ އަހަރެން ސައިކަލް ރޭސްކޮށްލީމެވެ. އަދި ބާރު ސްޕީޑްގައި ހައިވޭގައި ދުއްވާލީމެވެ. މަގުގައި އެހެން އެއްވެސް އުޅަނދެއް ނެތުމުން ހިތުހުރި ސްޕީޑެއްގައި އަހަރެން ދުއްވީމެވެ. އެއަރޕޮޑް އިން އަންނަ ރޮކް ލަވައިގެ ބީޓާއި އެއްވަރަށް ބޯތަޅުވަމުން އަޑުގެ ނެތްތަނަށް ލަވަކިޔަމުން އަހަރެން ދިޔައީމެވެ. އަހަންނަކީ އަބަދުވެސް ބާރު ސްޕީޑް ގައި ސައިކަލް ދުއްވާ މީހަކީމެވެ. މާލެއިން ހުޅުމާލެއަށް 5 މިނެޓް ތެރޭގައި އަހަރެން ދަމެވެ. އެއީ އަދި ޓްރެފިކް އޮންނަ އިރުއެވެ. މަގު ހުސްކޮށް އޮންނައިރު 3 މިނެޓުން އަހަރެން ހުޅުމާލެ އަށް އަރަމެވެ. އެހެންކަމުން އަހަރެން އަޑު އަހަމުން ދިޔަ 6 މިނެޓްގެ ލަވަ ނިމުނުއިރުވެސް ހުޅުމާލެ އަށް ނޭރެވޭތީ ހައިރާންވިއެވެ. ސައިކަލް ހުރިތަނަށް މަޑުކޮށްލާފަ އަހަރެން ވަށައިގެން ބަލާލީމެވެ. އަހަންނަށް މަޑުކޮށްލައިގެން އިނދެވުނީ ސީޕްލޭން ޓަރމިނަލް ގެ ޕާކިން ލޮޓް އަށް ވުރެ ތަންކޮޅެއް ކުރީގައެވެ. އަހަރެން ހައިރާންވިއެވެ. ލަވަ ފެށީ ލައިޓް ޖެހުނުތަނާއެވެ. ލަވަ ނިމޭއިރު އަހަރެން ހުންނަން ޖެހޭނީ އަހަރެންގެ އެޕާރޓްމަންޓް ތެރޭގައެވެ. އެކަމު އަދިވެސް އަހަރެން މިހިރީ ހައިވޭގައެވެ.

އަހަރެން އަނެއްކާވެސް އެހެން ލަވައެއް ޖަހާލީމެވެ. މިފަހަރު 10 މިނެޓްގެ ލަވައެކެވެ. ލަވަ ފަށާފަ އަހަރެން ސައިކަލް ދުއްވާލީމެވެ. މިފަހަރު އަހަރެން މަގަށް ސަމާލުކަން ދިނީމެވެ. އަހަރެންގެ ސްޕީޑޯމީޓަރަށް ބަލާލިއިރު ސްޕީޑް ހުރީ 90 ގައެވެ. މިރޭޓުން ވެއްޖެއްޔާ އަހަންނަށް 2 މިނެޓުން ގެއަށް ދެވޭނެއެވެ. އެކަމުވީ އެހެންނެއް ނޫނެވެ. 10 މިނެޓްގެ ލަވަ ނިމިނުއިރުވެސް އަހަރެން ހަމަ ދުއްވަނީއެވެ. ސައިކަލް އަނެއްކާވެސް މަޑުކޮށްލީމެވެ. ވަށައިގެން ބަލާލީމެވެ. ހައިރާންވެ އަންތަރީސްވިއެވެ. އަހަންނަށް އަދިވެސް ހުރެވުނީ ހަމަ އޭރު ނައްޓާލި ހިސާބުގައެވެ. ސީޕްލޭން ޓާމިނަލް ކައިރިއެވެ. ސައިކަލް ނިއްވާލާފަ އަހަރެން ސައިކަލް އިން ފޭބީމެވެ. މިވަނީ ކީއްކަމެއް ހަމަ އެއްގޮތަކަށްވެސް އަހަރެންގެ ސިކުނޑިއަށް ނުވިސްނުނެވެ. ހެލްމެޓްނަގައި ސައިކަލް މަޑި މަތީ ބައިންދާލާފަ އަނެއްކާވެސް ވަށާ ހޯދާލީމެވެ. މީހެއްގެ ހިލަމެއްވޭތޯއެވެ. ކުއްލިއަކަށް ލޮލުގަ އަޅައިގަތީ މޫދެވެ. މޫދު ތެރެއިން ހިޔަނިތަކެއް ފެނުނެވެ. 6 މީހުންގެ ހިޔަންޏެވެ. އެމީހުން ކޮނޑުމަތީ އެއްޗެއް ބާއްވައިގެން މޫދު ތެރެއިން އެއްގަމަށް އަންނަނީއެވެ. އަހަންނަށް ގުޑާނުލެވިފަ ބަލަހައްޓައިގެން ހުރެވުނީއެވެ. މިގަޑީ މީ ކޮންބައެއްބާއޭ ހިތަށް އެރިއެވެ. އެމީހުން އެކުރަނީ ކީއްބާއެވެ. އަހަންނަކަށް މިހިނގާ ކަންކަމުން އެއްވެސް ކަމެއް ރޭކާނުލިއެވެ. ކުއްލިއަކަށް އެއަރޕޮޑްއިން އައި ލަވައެއްގެ ކަޑިއެއް އަހަންނަށް އިވުނެވެ. މީރާގެ އަޑުން “ގައިމުވީ ކަނޑިމަތިއަޅާ އަޑު” އެޖުމްލަ އިވުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކަނޑުމަތީގައި ނޫންކަމުގަވިޔަސް އަހަންނަށް މިއޮތީ މަގުމަތި އަޅާފަބާއޭ އަހަރެން ހިތަށް އެރިއެވެ.

މީހުންނަށް މަގުމަތި އަޅާ ވާހަކަ އަހަރެން އަޑުއަހަމެވެ. އެކަމު ގަބޫލެއް ނުކުރެވެއެވެ. ހަލަބޮލި މަގުތަކުގައި އެކަހަލަ ކަމެއް ހިނގާފާނެބާއެވެ. އެކަމު މިހާރު މިއޮތީ މަށަށްވެސް އެކަހަލަ ކަމެއް ވެފައެވެ. ގަބޫލް ކުރަން ބޭނުންނުވިޔަސް ހިނގާ ދިޔަ ކަންތައްތަކަށް ވިސްނާފަ މަގުމަތި އެޅުން ނޫން ޖަވާބެއް އަހަރެންގެ ބޮލަކަށް ނުވަނެވެ. އެއަރޕޮޑުން އައި ލަވަ އަނެއްކާވެސް ޕްލޭ ކޮށްލީމެވެ. މިކަމަށް ހައްލެއް ފެނޭތޯއެވެ. ލަވަ އަޑުއަހަމުން ދިޔަވަރަކަށް އަހަރެން ކައިރިއަށް އަންނަނީ ނުލަފާ ހިންޏެކެވެ. އެހެންޏާއެވެ. ދިއްގަރު ރިހާކުރު ނެތީމަ މައިތިރި ނުހެދިފަޔޯލައެވެ. އަހަރެން ލަވަ ނިއްވާލީމެވެ. އެއަކުން ވަކި ފައިދާވާ ކަހަލަ އެއްޗެއް އަޑެއް ނީވުނެވެ.

ކުއްލިއަކަށް ފިނި ވައިރޯޅިއެއް ޖެހިލިއެވެ. ހީކުރުވާލުމުން ދެއަތުން ހަށިގަނޑުގައި ފިރުމާލީމެވެ. ދެން އިވުނީ ވަރަށް މަޑުމަޑުން މީހަކު އަހަރެންގެ ނަން ގޮވާލި އަޑެވެ.

“ޒަޔާން…”

އަހަރެން ސިހުނެވެ. އަޑު އައީ ވަރަށް ކައިރިންނެވެ. އެކަމު ކައިރީގައި އެއްވެސް މީހެއް ނެތެވެ. އަހަންނަށް ދެން ބަލާލެވުނީ މޫދާ ދިމާލަށެވެ. އޭރު އެއްކަލަ ހިޔަނިތަށް ތޮށިމަތި ހުރަސްކޮށް ހައިވޭ އަށް އަރައިފިއެވެ. މަޑުމަޑުން އަހަންނާ ދިމާލަށް އަންނަނީއެވެ. އަހަންނަށް ހަދާނެގޮތް ހުސްވިއެވެ. އެވަގުތު ފޯން ވައިބްރޭޓް ވާން ފެށިއެވެ. އަހަންނަށް ހުއްޓުން އެރިއެވެ. މިއޮތް ހުރިހާ އިރެއްގައިވެސް ހަދާނެ ގޮތެއް ނޭންގިގެން އުޅުނު އިރު ފޯނު މަތިން ހަނދާނެއް ނެތެވެ. މީހަކަށް ގުޅާކަށްވެސް ހަނދާނެއް ނެތެވެ. އަހަރެން އަވަހަށް ފޯން ނެގީމެވެ. ވައިބްރޭޓްވީ މެސެޖެއް އައުމުންނެވެ. މެސެޖަށް ނުބަލާ އަހަރެން ބެލީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ގުޅޭތޯއެވެ. އެކަމު އޭނަޔަށް ގުޅޭ ގޮތެއް ނުވިއެވެ. ކޯލް ވެއްޓެނީއެވެ. ދެން ބެލީ 119 އަށް ގުޅޭތޯ އެވެ. ހަމަ ކޯލް ވެއްޓެނީއެވެ. އަނެއްކާވެސް ގޮތް ހުސްވެއްޖެއެވެ. ކުރިމައްޗަށް ބަލާލިވަގުތު މޭގަނޑު އަނގަޔަށް އައި ކަހަލަ އެވެ. ހިޔަނިތަށް މިހާރު ހުރީ އަހަންނާ ގާތްގަނޑަކަށް 20 ފޫޓު ދުރުގައެވެ. އެމީހުން އުފުލައިގެން އަންނަނީ ސަންދޯކެއް ކަން އެހިސާބުން އަހަންނަށް ފެނުނެވެ. ސަންދޯއް ފެނުމުން އަހަންނަށް މަރުމަތިން ހަނދާންވިއެވެ. މަރު ހަނދާންވުމުން މަރުގެ މަލާއިކަތާ މަތިން ހަނދާންވިއެވެ. ހިތަށް އެރިއެވެ. މީއޭނާގެ ލަޝްކަރުބާއެވެ. އަނެއްކާވެސް ފޯން ވައިބްރޭޓްވިއެވެ. އަހަރެން ފޯނަށް ބަލާލިއިރު އަނެއްކާވެސް މެސެޖެކެވެ. ކާކު ފޮނުވާ މެސެޖެއްތޯ ބަލާލަން ނޮޓިފިކޭޝަން ބާ ތިރިކޮށްލިތަނުން އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. ނޮޓިފިކޭޝަންގައި އޮތީ “you have one message from Allah” މިހެންނެވެ. އަހަންނަށް އެމެސެޖަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ. ހޭވެރިކަންވީ އަނެއްކާވެސް އަހަރެންގެ ނަމުން މީހަކު ގޮވާލީމައެވެ.

“ޒަޔާން….މިކޮޅުބަލާލަބަ”

އަހަރެން އެއަޑަށް ވިސްނުމެއްނެތި އައިސް އޮތް މެސެޖް ހުޅުވާލީމެވެ. މެސެޖް އައިސްފައި އޮތީ އަހަރެންގެ ފޯންގައިން ގުރުއާން އެޕަކުންނެވެ. މެސެޖް ގަ އޮތީ އަބަދުވެސ ޖިންނި ޝައިޠޯނުންގެ ކިބައިން ރައްކާތެރިވެ ތިބުމަށާއި އެކަން ކުރުމަށް އޭގައިވާ އާޔަތްތަށް ކިޔުމަށެވެ. އާޔަތަށް ބަލާލިއިރު އޮތީ ކުރުސި އާއި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތެވެ. ލަހެއްފަހެއް ނެތި އަޢޫޒު ބިސްމި ކިޔުމަށްފަހު އަހަރެން އަޑު ހަރުކޮށް އެއާޔަތްތަށް ކިޔަންފެށީމެވެ. ނިމޭއިރަށް އަނެއްކާވެސް ތަކުރާރު ކުރީމެވެ. އަހަރެން ފޯން އިން ނަޒަރު ދުރެއް ނުކުރަމެވެ. ﷲ އަށް ވަކީލްކޮށްލާފައި އަހަރެން ހަމަ ކިޔެވޭތޯ ބެލީއެވެ. އަހަންނަށް ވަރަށް ބާރު އަޑުފައްގަނޑެއްވެސް އިވޭހެން ހީވިއެވެ. ހީވީ ދެ ބުޅާ ކޯޅޭހެންނެވެ. އެވަރުންވެސް އަހަރެން ފޯނުން ނަޒަރު ދުރުނުކުރަމެވެ. އިރުކޮޅަކުން ވަރަށް ބާރަށް މީހަކު ސަލާމް ގޮވާލިއެވެ. އަހަރެން ސިހުނު ވަރުން އަތުން ފޯން ވެއްޓުނެވެ. ސަލާމް ގޮވި މީހަކު ގޮވީ އަހަރެންގެ ފަހަތުންނެވެ. ފޯނު ނެގުމަސްފަހު އަހަރެން ފަހަތަށް އެނބުރި ބަލާލިއިރު ޕޮލިސް 2 ފިރިހެނުން ތިއްބެވެ. ދެމީހުންވެސް ތިބީ އަހަންނާ ދިމާލަށް ފާޑަކަށް ބަލަހައްޓައިގެންނެވެ. އަހަރެން މޫދާ ދިމާލަށް ބަލާލީމެވެ. ހިޔަނިތައް ތިބިތޯ އެވެ. އެކަމު އޭގެ އެއްވެސް ނިޝާނެއްވެސް ފެންނަންނެތެވެ.

“ބޭފުޅާ ރަނގަޅުތޯ؟ އެހީއެއް ބޭނުންވޭތޯ؟”

އަހަންނާ އެންމެ ކައިރީ ހުރި ޕޮލިސް މީހާ ސުވާލު ކުރުމުން އަހަރެން ސިހިފަ އޭނަޔާ ދިމާލަށް ބަލާލީމެވެ. އަހަންނަށް ހުރީ ޔަގީން ކުރަން ނޭންގިފައެވެ. އަސްލެއްތޯ ނޫނީ އަދިވެސް މަގުމަތި އަޅާފަތޯއެވެ.

“އަޅުގަނޑުމެންނަށް ކޮމާންޑް ސެންޓަރ އިން އެންގީ ހައިވޭ ކެމެރާއިން ހައިވޭގަ މީހަކު މަޑުކޮށްލައިގެން ހުރިކަން. އަދި ވަރަށް އަޖައިބުވާފަދަ ހަރަކާތްތަކެއް ކުރާކަމަށް.” ޕޮލިސް ކުއްޖާ ކިޔައިދިނެވެ. “އަޅުގަނޑުމެން ކާރުގަ ސައިރެން އަޅަމުން މިއައީ އެކަމު ހިއެއް ނުވޭ ތިބޭފުޅާއަށް އެކަން އިނގުނުހެނެއް. އޯކޭތޯ ހުރިހާ ކަމެއް؟”

އަހަރެން އޯކޭ އޭ ބުނެފަ ބޯޖަހާލީމެވެ.

“ގެއަށް ދުރުވަންޏާ އަޅުގަނޑުމެން ލިފްޓެއް ދީފާނަން. އަޅުގަނޑަކަށް ހިއެއް ނުވޭ ތިބޭފުޅާ އެހާ ފިޓްހެނެއް. މޫނުމަތިން ހާސްކަން ފެންނަނީ”

އަހަރެން ހައިވޭއަށް އަނެއްކާވެސް ބަލާލީމެވެ. އަދިވެސް ހިތްނުތަނަވަސްކަން ނުފިލައެވެ. ސައިކަލް  މި އިންތާ ބައިންދާފަ ޕޮލިހުންނާއެކީ ދާނީ އޭ ހިތަށް އެރިއެވެ. ފަހުން ސައިކަލަ ބަލާ އާދެވިދާނެއެވެ.

“އޯކޭ” އަހަރެން އެހެން ބުނުމުން އޭނައާއި އެކު އައުމަށް ޕޮލިސް މިހާ އިޝާރާތް ކޮށްލިއެވެ. އަހަރެން ގޮސް ޕޮލިސް ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލީމެވެ. ކާރު ނައްޓާލުމުން މަޑުމަޑުން ލޯ މަރާލާފައި މިރޭ މިދިމާވި ކަންތައްތަކާއި މެދު ފުންކޮށް ވިސްނާލީމެވެ. ހަޔާތުގަ ފުރަތަމަ ފަހަރަށް މަގުމަތި އެޅީ އެވެ. ބިރުވެރި ކަމެކެވެ. އެކަމު އަހަރެން އެންމެ ބޮޑަށް ހައިރާންވި ކަމަކީ އެޤުރުއާން އެޕުން އަހަންނަށް ހަމަ އެވަގުތު އެމެސެޖް އައި ކަމެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އެންމެ ފުރަތަމަވެސް ލަވަ ނުޖަހާ ޤުރުއާންގެ އާޔަތްތައް ޖަހައިގެން އަހަރެން ދުއްވި ނަމަ މިހެން ނުވީހޭ ހިތަށް އެރިއެވެ. ހިތް ނުތަނަވަސް ވާން ފެށި ހިސާބުން ﷲ ހަދުމަކޮށް ކުރިސި އާއި ހަށި ރައްކަލަށް ދެން ކިޔެވެން ހުރި ހުރިހާ އެއްޗެއް ކިޔެވުނު ނަމައޭ ހިތަށް އެރިއެވެ.

އަހަރެން ލޯހުޅުވާލީ އަހަރެންގެ އެޕާޓްމަންޓްއަށް ކާރު މަޑުކޮށްލީމައެވެ. ޕޮލިހުނަށް ޝުކުރު އަދާކޮށްފައި އަހަރެން ގެއަށް ވަންނަން ހިނގައިގަތީމެވެ. ގެއަށް ވަނުމުގެ ކުރިން ދޮރު ކައިރީ ކުޑައިރުކޮޅަކު މަޑުކޮށްލީމެވެ. މަންމަ އަބަދުވެސް ބުނާނެއެވެ. ދަރިފުޅާއެވެ. ބޭރުން އައިސް ގެއަށް ވަންނައިރު ދުޢާ ކިޔާފަ ވަންނަން ހަނދާންކުރައްޗޭ ދަރިފުޅާ އެކީ އައިސް ގެއަށް ވަންނާނީ ކޯއްޗެއް ކަމެއްވެސް ނޭންގެއެވެ. އަހަރެން ހަނދާން ކުރަން އުޅެ އުޅެ ދުޢާ ހަނދާނަކަށް ނައެވެ. އަނެއްކާވެސް ފޯން ނަގާ ޒިކުރު އެޕް ހުޅުވާލާފައި ދުޢާ ހޯދާލީމެވެ. އަދި މަޑުމަޑުން ދުޢާ ކިޔާލާފައި ގެއަށް ވަދެ ބިސްމިކިޔާފަ ދޮރު ލައްޕާލީމެވެ.

Share Article

Follow Me Written By

Luna

Level 1

Other Articles

Previous

ހިތުގެ ވިންދު 6

Next

ވަދާއުގެ ހައްޖު…

Next
May 19, 2026

ވަދާއުގެ ހައްޖު…

Previews
May 18, 2026

ހިތުގެ ވިންދު 6

5 Comments!

  1. Mar Sha Mar Sha says:
    May 19, 2026 at 1:00 pm

    very interesting nice story, liyunves varah kiyaalan faseyha, varah shauguverikamaa eku kiyaalevuny, ibratheh libigen nimuny, excellent work!!

  2. EN- ot7 forever says:
    May 19, 2026 at 1:45 pm

    Highway 1009

  3. Gurrllyyy says:
    May 19, 2026 at 2:47 pm

    wow

  4. Lulu says:
    May 20, 2026 at 4:51 pm

    M yea vrh reethi.

  5. shaaina says:
    May 25, 2026 at 9:18 am

    wow. a nice story .my mom ves bunaane my kaaree ga dua nukiyavaa nunikunah chey ves

Comments are closed.



All Right Reserved!