Skip to content
އެސްފިޔަ

ގުރުދާ

Listen to this story Audio · 6:26 Powered by Esfiya Voice
0:00 6:26

ހައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ ކުރުވާހަކަ ސިލްސިލާ: ވާހަކަ 1

މެންދުރުގެ ގަދަ ހޫނާއެކު ހަސްފަތާލުގެ ތެރޭގައި ވަނީ ނުތަނަވަސްކަމާއި ހަލަބޮލިކަމެވެ. އޭސީގެ ފިނިކަމަށްވުރެ ބަލިމީހުންގެ އާހުގެ އަޑާއި، ނަރުހުންގެ އަވަސް ފިޔަވަޅުތަކުގެ އަޑު ގަދައެވެ. ބޭސްވަހާއި ސާފުކުރާ އެއްޗެހީގެ ވަސް މުޅި މާހައުލުގައި ހިފާލާފައި ވާއިރު، ލިފްޓުތަކުން ނުކުންނަ މީހުންނާއި އެތެރެވާ މީހުންގެ ގިނަކަމުން މުޅި ތަން ވަނީ ތޮއްޖެހިފައެވެ. ގޮނޑިބަރިތަކުގައި އިންތިޒާރުގައި ތިބި މީހުންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. ބޭރުން އިވޭ ‘ޓްރެފިކް’ ގެ އަޑުތަކާއި ހަސްފަތާލުގެ އެތެރޭގެ ހަލަބޮލިކަން ގުޅި، މުޅި މާހައުލުން ސިފަވަނީ އިންސާނާގެ ނިކަމެތިކަމެވެ.

ކިއު ނަންބަރު ޖެހުމުން އިންތިޒާރުގައި އިން ވިލާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ކުރިމަތީގައި އިން ޑަކްޓަރު ކޮޓަރިއާއި ދިމާލަށް ބަލައިލަމުން އޭނާ އެތެރެއަށް ވަނީ ލިބުނު ކޮންމެ ޙަބަރަކައް ތައްޔާރު ވަމޭ ހިތާ ހިތުން ބުނެލަމުންނެވެ. “حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ” މަޑުމަޑުން އޭނާ ބުނެލިއެވެ.

ވިލާންގެ ރިޕޯޓު ތަކަށް ބަލަން ގުރުދާގެ ޑަކްޓަރު ސިދާދު އިނެވެ. ހީވާ ފަދައެވެ. އެންމެ އެއްޗެއްވެސް އޮޅުން އަރުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ. އެގޮތުގައި ބަރާބަރު 6 މިނިޓް ވަންދެން ސިދާދު އިނެވެ. ދެން އޭނާ ދޫކޮށްލީ ފިނި ނޭވާއެކެވެ. އަދި ގޮނޑީގައި ހަމަ ޖެހިލަމުން ވިލާންއާއި ދިމާލަށް ބަލައިލިއެވެ. ހަމްދަރުދީގެ ލޮލަކުންނެވެ.

“ކެންސަރު…” ދެއަތް ދެއަތާ ހާކާލަމުން ސިދާދު ބުނެލިއެވެ. “ވިލާންގެ ވާތު ގުރުދާއަށް ވަނީ ކެންސަރު ޖެހިފައި. އެކަމަކު އަދި އެހާ ސީރިޔަސްއެއް ނޫން. އޮޕަރޭޝަން ކޮށްގެން އެ ގުރުދާ ނަގައިފި ނަމަ ވިލާންގެ ހަށިގަނޑަށް އިތުރު ގެއްލުމެއް ނެތް. އެ ގުރުދާ ނުނަގައިފި ނަމަ ދެން އިން ގުރުދާއަށްވެސް ކެންސަރުގެ އަސަރުކޮށް، ވިލާންގެ ފުރާނައަށް ނުރައްކާވެދާނެ”

ސިދާދު ދެއްކި ވާހަކަތައް އިވި ވިލާން އިސްޖަހާލިއެވެ. ސިދާދު ވިލާންގެ މޫނު ދިރާސާ ކޮށްލިއެވެ. ހިތާމަވެރިކަން އެމޫނު މަތިން ފެނުނެވެ. ނަމަވެސް އުންމީދުގެ އަލިކަމެއްވެސް ފެންނަހެން ހީވެޔެވެ.

“އެކަމަކު… އަހަރެން ކިހިނެތް ތިހެން ހަަމަ އަހަރެންގެ ގުނަވަނެއް ނަގަނީ؟ އެއީ މާތް ﷲ އަހަރެންނަށް ދެއްވި ނިޢުމަތެއް. އެ ނިޢުމަތް މާތް ﷲ ގެ ހުއްދައާއި ނުލާ ނެގުމަށް އަހަރެންގެ އޮތީ ކޮން ހައްގެއް؟”

ވިލާންގެ ސުވާލުން ސިދާދުގެ ހަށިގަނޑުގައި ހުރި ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. ޑަކްޓަރުގެ ދާއިރާގައި އޭނާ މަސައްކަތް ކުރާތާ މިހާރު 14 އަހަރު ވެއްޖެއެވެ. ގިނަ ބައެއްގެ އޮޕަރޭޝަން ތަކެއްވެސް އޭނާ ވަނީ ކޮށްފައެވެ. ނަމަވެސް އެއީ އަދި އަލަށް މީހަކު ބުނި އެއްޗެކެވެ.

“ތީ އަދި އަލަށް މީހަކު ބުނި އެއްޗެއް. އެންމެ ރަނގަޅު. ދެން ކިހިނެތް ހަދަން ތި ވިސްނަނީ؟” ސިދާދު އެހިއެވެ.

“އަޅުގަނޑު ބޭނުން މާތް ﷲ ގެ ކިބަޔަށް ދުޢާ ދަންނަވަން.” ވިލާން ބުންޏެވެ.

“އެންމެ ރަނގަޅު. އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާނަން”

ވިލާން ޑަކްޓަރުގެ ކޮޓަރިން ނިކުތެވެ. ލަސް ހިނގުމުގައި ހަސްފަތާލުން ނިކުތީ އައު އުއްމީދެއްގައެވެ. ހިތާހިތުން ވިލާން ބުނެލިއެވެ. “އަހަރެންގެ ގުރުދާ އަހަރެންގެ އިލާހުގެ ހުއްދައާއި ނުލާ ނުނަގާނަމެވެ. އެއީ އަހަރެންގެ ހައްގެއް ނޫނެވެ. އެއީ މާތް ﷲ ގެ ހައްގެކެވެ.” ހަސްފަތާލުން ނިކުތުމާއި އެކުވެސް އެތަނުގައި އޮތް ހަލަބޮލި ކަމުން ހާސްވާ ކަހަލަ އިހުސާސެއް ކުރެވުނެވެ. އަވަހަށް ގެއާއި ދިމާލަށް ދިޔައީ އެހެންވެގެންނެވެ.

ނަމަވެސް، މިއަދު ވިލާން ހުރީ އެ ހަލަބޮލިކަމާ މާ ދުރުގައެވެ. އޭނާގެ ކުރިމަތިން ފެންނަން އޮތީ ބިމުގެ އެންމެ މާތް ބިމެވެ. ކަޅުކުލައިގެ ފަރުދާލެވިފައިވާ ކައުބަތުﷲ ގެފުޅުގެ ހައިބަތުން ހިތްތަކަށް ލިބެނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. އިޙްރާމްގެ ހުދު ފޭރާމުގައި ތިބި އެތައް ހާސް ބަޔަކު ގެފުޅު ވަށައިގެން ތަވާފުކުރަމުން ދާއިރު، މުޅި މާހައުލު ގުގުމާލާފައިވަނީ މާތްﷲ ގެ ޒިކުރުގެ އަޑުންނެވެ. ލޯތްބާއި ކިޔަމަންތެރިކަމާއެކު އެންމެން އެއް މިޞްރާބަކަށް އެނބުރެމުންދާއިރު، އެއީ އީމާންތެރިކަމުގެ އެންމެ މަތިވެރި މަންޒަރެވެ.
ވިލާން ގެފުޅުގެ ފަރުދާގައި އަތްޖައްސާލައިގެން ހުރިއިރު، އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ.

“ޔާ ﷲ! މިއަޅާއަށް ޝިފާ ދެއްވާނދޭވެ. ތިޔައީ އެންމެ ރަހީމު ވަންތަ ރަސްކަލާންގެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ބަދަލު ކޮށްލުމުގެ ބާރު ލިބިފައިވާ އިލާހު. ޔާ ﷲ މިއަޅާއަށް ޝިފާ ދެއްވާށި…” ކެންސަރު ބަލީގައި އޭނާ އުފުލަމުންދާ ވޭނާއި ކެކުޅުން ބަޔާންކުރަމުން އޭނާ ދުޢާކުރިއެވެ. އޭނާގެ މަޑު ގިސްލުމުގެ އަޑު މީހުންގެ ތެރޭގައި އޮބިފައިވީ ނަމަވެސް، އެ ހިތުގެ އަޑު އިވޭނެ ފަރާތް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އިޚްލާޞްތެރިކަމާއެކު، އާރެއް ބާރެއް ނެތް ފަދައިން ހުރެ އޭނާ ކުރި އެ ދުޢާއަކީ އޭނާގެ ފަހުގެ އުންމީދެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައީ އެކަލާނގެ ރަޙްމަތަށް އެދި އާދޭސްކުރާލެއް ބޮޑުކަމުންނެވެ.

އުމްރާގެ މާތް އަޅުކަމައް ފަހު ވިލާން އެނބުރި ރަށަށް އައެެވެ. މާތް ﷲ ގެ ގެކޮޅަށް ދެވުނީތީވެ ލިބުން ހިތްހަމަ ޖެހުމުގެ ސަބަބުން ހަށިގަނޑަށްވެސް ލުއި ލިބުން ފަދައެވެ. މާތް ﷲ އަށް ހިތުގެ އެންމެ ފުނުން އިތުބާރު ކުރާ ހާލުގައި އޭނާ އަލުން ހަސްފަތާލައް ދިޔައީ ޖެހިގެން އައި ދުވަހެވެ.

އަލުން ވިލާންގެ ޓެސްޓުތައް ހެދުނެވެ. މިފަހަރުވެސް ސިދާދު ހައިރާން ކަމާއި އެކު ރިޕޯޓު ތަކައް ބަލަން އިނެވެ. ނަމަވެސް މިފަހަރު 10 މިނިޓް ވަންދެން އިނެވެ. “ވިލާން…” ސިދާދުގެ އަޑުގައިވީ ހައިރާން ކަމެވެ.

“ވިލާންގެ ހަށިގަނޑުގައި ކެންސަރުގެ އެއްވެސް ނިޝާނެއް ނެތް” ސިދާދުގެ ޖުމްލައާއި އެކު ވިލާންގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ. ވަގުތުން ޝުކުރުގެ ސަޖިދަ ޖެހުނެވެ. “އަލްހަމްދުލިއްލާހި ޔާ ރަބް…” ރޮމުން ރޮމުން ވިލާން ބުނެލިއެވެ.

(ނިމުނީ)

ކިޔުންތެރިންނޭ. މާތް ﷲ ގެ ބާރަކީ އެފަދަ އެއްޗެއް. އަހަރެެމެން އިންސީންގެ ލޯ ކުރިމަތީގައި ކެންސަރަކީ ޝިފާއެއް އޮތް ބައްޔެއް ނޫން. ނަމަވެސް އެއީ މާތް ﷲ އަށް ޝިފާ ދެވޭނެ ބަައްޔެއް. ވިލާންގެ ބަލި ރަނގަޅުވެގެން އެ ދިޔައީ އެއްވެސް ‘ކީމޯ ތެރަޕީ’ އަދި ބޭހަކާ ނުލާ. އެއީ އޭނާ މާތް ﷲ އަށް ކުރި އިތުބާރާއި، ކުރި ދުޢާގެ ނަތީޖާ. އަޅުގަނޑުމެން އެންމެނަކަށް ހައްޖަށް ނުވަތަ އުމްރާއަށް ދިޔުމުގެ މުއްސަނދި ކަމެއް ނެތް. ނަމަވެސް ގޭގައިވެސް ދަމު ނަމާދު ކުރެވޭނެ. މާތް ﷲ އަށް ދަންނަވާ. އަޅުގަނޑުމެން އިންސީންނަކީ ނިކަމެތި ބައެއް. މިއީ ވެލިން އުފެއްދެވުނު ބައެއް. މާތް ﷲ އެއީ އެންމެ ރަހީމު ވަންތަ ރަސްކަލާނގެ. އެކަލާންގެއަށް ނުވާނެ އެއްވެސް ކަމެއް ނުވޭ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ވާހަަކައެކެެވެ.

Comments (6)

  1. All

    MashaAllah.❤️
    Shiherr! I rlly appreciate ur tales IA, in the future I’m gonna see you’re more takes with more more interesting and So so Curiousity❤️
    Btw, It’s a moral tale…So so gud.❤️
    ~Blackyyy~

    1. shihaamaa ali
      All

      Jazaakallah khairan All this is really sweet🥹🥹

  2. Zam

    Mashallah (Masha Allah) very sad story. Happy Blessed Hajj. Sphere Sata. And Eid Mubarak All And Muslims ☪️ Ummah.

    1. shihaamaa ali
      Zam

      Jazaakallah khairan Zam 🩶🫶🏻
      Happy blessed hajj🫶🏻

  3. Blackyyy

    MashaAllah ❤️ very interesting..
    Eid Mubarak 🦋✨ and hajj too

    1. shihaamaa ali
      Blackyyy

      Jazaakallah khairan Blackyyy 🩶🫶🏻
      Happy blessed hajj🫶🏻

Comments are closed.