ބާބު 6: ދުރުމިނުގެ ރިހުން
ލަންޑަނުގެ ފިނިގަދަ ރޭތަކުގެ ތެރެއިން ރޭގަނޑެކެވެ. ކުޑަދޮރުން ބޭރުން ފެންނަމުންދިޔަ މަގުބައްތިތަކުގެ ރީނދޫ އަލި، މަގުމަތީގައި ގަނޑުވެފައިވާ ފެންތަކަށް އެޅިފައިވާއިރު، މުޅި މާހައުލު އޮތީ ހިމޭންވެފައެވެ. ލޫތު އިނީ އޭނާގެ ކިޔަވާ މޭޒުކައިރީގައި، ފޮތްތަކުގެ ތެރެއަށް ގެއްލިފައެވެ. ނަމަވެސް އޭނާގެ ސަމާލުކަން ފޮތްތަކަށްވުރެ ބޮޑަށް ހުރީ މޭޒުމަތީގައި އޮތް ފޯނަށެވެ.
އައިޝްގެ މެސެޖު ފެނުމާއެކު ލޫތުގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ ނުތަނަވަސްކަމެއް ވަނެވެ. “ޒަޔާންއާ ބައްދަލުވެއްޖެ…” މި ޖުމްލަ އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. ޒަޔާންއަކީ އައިޝްގެ ކިހާ ގާތް މީހެއްކަން ލޫތަށް އެނގެއެވެ. މާޒީގެ އެކި ވާހަކަތައް ކިޔައިދިންއިރު، އައިޝްގެ ދުލުން ޒަޔާންގެ ނަން ވަރަށް ގިނައިން އިވިފައިވެއެވެ. އޭނާގެ ހިތުގައި އުފެދުނީ ހަމައެކަނި ބިރެއް ނޫނެވެ. އެއީ އޭނާ އެތައް ހާސް މޭލެއް ދުރުގައި ހުންނަން ޖެހުމުން އުފެދުނު ނުކުޅެދުންތެރިކަމުގެ އިހުސާސެކެވެ.
ލޫތު ފުން ނޭވާއެއް ލިއެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ވަރުބަލިވެފައެވެ. ދުވާލު ހަތަރުދަމު ޔުނިވަރސިޓީގައި ކިޔެވުމުގައި އުޅުމަށްފަހު ގެއަށް އަންނައިރު، އޭނާ ހުންނަނީ ހަކަތަ ހުސްވެފައެވެ. ރާއްޖެއަށް އެނބުރި ދާން އޮތް ފުރުސަތު އެއް އަހަރަށް ލަސްވެގެން ދިޔުމަކީ ލޫތުގެ ހިތް ކުދިކުދިވި ކަމެކެވެ. އެކަން އައިޝްއަށް ކިޔައިދޭން އޭނާއަށް ވަރަށް އުނދަގޫވިއެވެ.
”އައިޝް އިންތިޒާރު ކުރާނެބާ؟” ލޫތުގެ ހިތަށް އެރިއެވެ. “އަހަރެން މިތަނުގައި އަމިއްލަ މުސްތަގުބަލަށްޓަކައި މަސައްކަތް ކުރާއިރު، އޭނާ އެކަނިވެފައި އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވާނެކަން ޔަގީން.”
ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މީހަކު ބާރަށް ޓަކި ޖަހާލިއެވެ.
”ލޫތު؟ ހޭއި، މީ ސާރާއޭ!”
އެއީ އޭނާގެ ކްލާސްމޭޓް ސާރާގެ ހަލުވި އަޑެވެ.
ލޫތު ގޮސް ދޮރު ހުޅުވާލިއިރު، ސާރާއާއެކު އިތުރު ދެ ކްލާސްމޭޓުން ކަމަށްވާ ކްރިސް އާއި އީތަން ތިއްބެވެ. އެ އެންމެން ތިބީ ބޭރަށް ދާން ތައްޔާރުވެ، ބޯ ކޯޓުތައް ލައިގެންނެވެ. ސާރާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.
”އަދިވެސް ތި އިންނަނީ ފޮތްތަކުގެ ތެރޭގައިތަ؟” ސާރާ ހިނިތުންވުމަކާއެކު އަހާލިއެވެ. “އަހަރެމެން މިދަނީ ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ކާން. ކްރިސް މިއަދު ޓެސަތުން ފާސްވީމަ އޭނާ އުޅެނީ ޓްރީޓެއް ދޭންވެގެން. ހިނގާބަލަ އަހަރެމެންނާއެކު. މުޅި ދުވަހު ކިޔަވާފައި ތިހެން އިނީމާ ސިކުނޑި ސަލާމަތުންނެއް ނުހުންނާނެ. މިހާރުވެސް ތި ހުންނަނީ ހީވަނީ ބަލިވެފައި ހުރިހެން.”
ލޫތު ފުރަތަމަ ބޭނުންވީ ދެކޮޅު ހަދާށެވެ. އޭނާ ހުރީ އެއްވެސް މީހަކާ ވާހަކަ ދައްކާހާ މޫޑެއްގައެއް ނޫނެވެ. ނަމަވެސް އެކަނި އިނދެ އައިޝްގެ މެސެޖާ މެދު ވިސްނުމުގެ ބަދަލުގައި، ބޭރަށް ގޮސްލުމުން ހިތަށް ލުޔެއް ލިބިދާނެ ކަމަށް އުންމީދު ކުރިއެވެ.
“އޯކޭ، މަޑުކޮށްލާ ކޯޓު ލައިގެން އެބަ އަންނަން،” ލޫތު ބުންޏެވެ.
މަގުމަތީގައި ހިނގަމުން ދިޔައިރު، ލަންޑަނުގެ ފިނި ވައިރޯޅިތައް މޫނުގައި ޖެހެމުން ދިޔަ ނަމަވެސް، ލޫތުގެ ހަށިގަނޑަށް އެ ފިނިކަމުގެ އަސަރެއް ނުކުރެއެވެ. އެކުވެރިންގެ މެދުގައި ދެކެވެމުން ދިޔައީ ކިޔެވުމާއި، ޕްރޮފެސަރުންނާއި، ކުރިއަށް އޮތް ޗުއްޓީގެ ވާހަކައެވެ. ކްރިސް އާއި އީތަން މަޖާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، ލޫތު ހުރީ އެ މާހައުލާ ވަރަށް ދުރުގައެވެ. އޭނާ ހިނގަމުން ދިޔައީ އޮޓޮމެޓިކުން ފިޔަވަޅު އަޅާ މެޝިނެއް ފަދައިންނެވެ. އޭނާގެ ހަށިގަނޑު އެތަނުގައި ހުއްޓަސް، ރޫހު ވަނީ ކަނޑުތަކުގެ އެތައް ހާސް މޭލެއް ދުރުގައި، ހުޅުމާލޭގެ ހާބަރު ސަރަހައްދުގައެވެ.
ރެސްޓޯރެންޓަށް ވަދެ، ކާން އިށީނުމުންވެސް ލޫތުގެ ހާލަތަކަށް ބަދަލެއް ނައެވެ. ރެސްޓޯރެންޓުގެ ތެރޭގައި ހުރި މާހައުލަކީ ހަލަބޮލި، މީހުންގެ ހުނުމާއި ވާހަކަދެއްކުމުގެ އަޑުން ފުރިފައިވާ ތަނެކެވެ. ނަމަވެސް ލޫތަށް އެ ހުރިހާ އަޑެއް އިވެމުން ދިޔައީ ވަރަށް ދުރުން އިވޭ ހޯރައެއް ފަދައިންނެވެ. ކުރިމަތީގައި ހުރި މީރު ކާތަކެތީގެ ވަހުންވެސް އޭނާއަށް އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާގެ ހިތް ވަނީ މުޅިން ހުސްވެފައެވެ.
”ލޫތު؟ ކިހިނެއްވީ؟”
ސާރާ މަޑުމަޑުން އަހާލީ ލޫތުގެ ހިމޭންކަން ފާހަގަވެގެންނެވެ.
“މާ ބޮޑަށް ވަރުބަލިވީތަ؟ މިއަދު މާ ހިމޭންކޮށް ތި އިނީ. ކާއެއްޗެހިވެސް ތިހިރީ ހުރި ގޮތަށް.”
ލޫތު ސިހިފައި ސާރާއަށް ބަލާލިއެވެ. އޭނާއަށް އިހުސާސްވީ އޭނާގެ އަތުގައި އޮތް އޫ، ތަށީގެ އެއްފަރާތުގައި ޖެހިޖެހި ހުރި ކަމެވެ.
“ނޫން، ކަމެއް ނުވޭ. ހަމަ ކުޑަކޮށް ވަރުބަލީ،” ލޫތު ގަދަކަމުން ހިނިތުންވެލަމުން ބުންޏެވެ. “ކިޔެވުމުގެ ކަންތައްތަކާ މާ ބޮޑަށް ވިސްނެނީ.”
އެކުވެރިން އަނެއްކާވެސް އެމީހުންގެ ވާހަކައިގެ ތެރެއަށް ގެއްލުނެވެ. ލޫތު އޭނާގެ ފޯނަށް ބަލާލިއެވެ. އައިޝްއަށް މެސެޖެއް ފޮނުވަން އޭނާ ބޭނުންވިއެވެ. އޭނާގެ ހިތުގައިވާ ހަގީގީ ޝުއޫރުތައް ބޭރުކޮށްލަން ބޭނުންވިއެވެ. “އައިޝް، އަހަރެން މިތަނުގައި ހުރީ ވަރަށް އެކަނިވެފައި. ޒަޔާންއާ ދިމާވި ވާހަކަ ބުނީމާ އަހަރެން ހިތް ބިރުގަނޭ.” ނަމަވެސް، މި ޖުމްލަތައް ލިޔެފައިވެސް އޭނާ ފޮހެލިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން އައިޝްއަށް އިހުސާސްވާން އޭނާ ބޭނުމެއް ނުވެއެވެ. އައިޝްއަށް މިވަގުތު ބޭނުންވަނީ ހިތްވަރެވެ.
”ކޮން އިރަކުންތަ ގެއަށް ދަނީ؟” ޖޭމްސް އަހާލިއެވެ. “މިހާރު ވަރަށް ދަންވެއްޖެ.”
އެރޭ ގެއަށް އެނބުރި އައިއިރު، ލަންޑަނުގެ ފިނި ވަޔަށްވުރެ ބޮޑަށް ލޫތަށް އިހުސާސް ކުރެވެމުން ދިޔައީ އޭނާގެ އެކަނިވެރިކަމެވެ. އެކުވެރިންނާއެކު ހޭދަކުރި ވަގުތުވެސް އޭނާގެ ހިތުގެ ހުސްކަން ފުރައެއް ނުދިނެވެ. ރެސްޓޯރެންޓުގެ އަލިތަކާއި މަޖާ މާހައުލު އޭނާގެ ހިތާމަ ވަކިން ބޮޑުކޮށްދިނެވެ. އޭނާ ކުރި މެސެޖު “އައިޝް، ޒަޔާންއާ ދިމާވި ވާހަކަ ބުނީތީ އުފާވެއްޖެ…” އެއީ ހަމައެކަނި ދުލުން ބުނެލި ބަސްތަކެކެވެ. ހަގީގަތުގައި އޭނާގެ ހިތް ދިޔައީ ރޮމުންނެވެ.
ލޫތު އަނެއްކާވެސް އޭނާގެ ކޮޓަރިއަށް ވަދެ، ދޮރު ލެއްޕުމަށްފަހު މޭޒުކައިރީގައި އިށީނދެލިއެވެ. ކޮޓަރީގެ ބަރު ހިމޭންކަން އޭނާގެ މައްޗަށް ގަދަވެގަތެވެ. އެ ހިމޭންކަމުގެ ތެރެއިން އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އައިޝްގެ މެސެޖުގެ އަކުރުތަކެވެ. އޭނާ މަޑުމަޑުން އަތް ދިއްކޮށްލާ، މޭޒުމަތީގައި އޮތް ހެޑްފޯނު ނަގާ ކަންފަތުގައި އެޅިއެވެ.
ލޫތު އޭނާގެ ފޯނުން ވަރަށް ބާރަށް މިއުޒިކް ޖައްސާލިއެވެ. އެ މިއުޒިކްގެ އަޑު އޭނާގެ ކަންފަތުގެ ތެރެއަށް އޮހިގަތުމުން، ބޭރު ދުނިޔޭގެ ހުރިހާ އަޑެއް ކެނޑިގެން ދިޔައެވެ. އޭނާ ބޭނުންވީ އެ އަޑުގަދަ މިއުޒިކްގެ ތެރޭގައި އޭނާގެ އަމިއްލަ ޚިޔާލުތައް ފޮރުވާލާށެވެ. ނަމަވެސް، މިއުޒިކްގެ ރާގާއެކު އޭނާގެ ހަނދާންތައް ވަކިން ބޮޑަށް އާވާން ފެށިއެވެ.
އޭނާ އައިޝްގެ ފޮޓޯއަށް ބަލާލިއެވެ. “އަހަރެން މިތަނުގައި އުޅެނީ އައިޝްއަށްޓަކައި،” އޭނާ މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑު އަމިއްލައަށްވެސް ނީވޭހާ މިއުޒިކްގެ އަޑު ބާރެވެ. އޭނާގެ ދެލޮލުން ކަރުނައިގެ ތިއްކެއް ވެއްޓި، މޭޒުމަތީގައި އޮތް ފޮތުގެ ސަފުހާއަކަށް ތިކިޖެހުނެވެ.
”އެކަމަކު އަހަރެން މިތަނުގައި ހުންނަ ކޮންމެ ދުވަހަކީ، އައިޝްގެ ހަޔާތުން އަހަރެންގެ ސޫރަ ފަނޑުވެގެންދާ ދުވަހަކަށް ވެދާނެތީ އަހަރެން ބިރުގަނޭ،” ލޫތުގެ ހިތް ބާރަށް ބުންޏެވެ. “ޒަޔާންއަކީ އައިޝްގެ ގާތުގައި ހުރި މީހާ. އޭނާގެ ދެރަވާ ވަގުތު ކައިރީގައި ހުރެ، ކަރުނަ ފުހެދެވޭނީ ޒަޔާންއަށް. އަހަރެން މިއީ ހަމައެކަނި ފޯނުގެ ސްކްރީނުން ފެންނަ ހިޔަންޏެއް. އަޑު އިވުނަސް އަތްނުލެވޭ، ފެނުނަސް ގާތްނުވެވޭ ވަސްވާހެއް.”
ލޫތު އޭނާގެ ކުރިމަތީގައި ހުޅުވާފައި ހުރި ބަރު ކިޔަވާ ފޮތްތައް ބާރަށް ލައްޕާލިއެވެ. އެރޭ އޭނާއަށް އިތުރަށް ކިޔެވޭނެ އެއްވެސް ނަފްސާނީ ހަކަތައެއް ނެތެވެ. ސިކުނޑީގެ ތެރޭގައި ވަނީ ހަމައެކަނި އައިޝްގެ މޫނާއި، އޭނާގެ ކައިރީގައި ހުންނާނެ ޒަޔާންގެ ހިޔަންޏެވެ.
އޭނާ ހެޑްފޯނު ނުނަގާ، އެގޮތަށް އޮވެ އެނދުމައްޗަށް އޮށޯވެލިއެވެ. މިއުޒިކްގެ ބާރު އަޑާއެކު އޭނާގެ ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ. އެއީ ފިނިކަމުން ކުރާ އަސަރެއް ނޫނެވެ. އެއީ ދުރުމިނުގެ ރިހުމާއި، އުންމީދާއި ބިރުވެރިކަމުގެ މެދުގައި ތާށިވެފައިވާ ހިތެއްގެ ވޭނެވެ. ލޯ މަރާލި ކޮންމެ ފަހަރަކު އޭނާއަށް ސިފަވަނީ ހާބަރު ސަރަހައްދުގެ ފިނި ވައިގެ ތެރޭގައި އައިޝްގެ އަތުގައި ހިފައިގެން ހިނގާލާނެ ޒަޔާންއެވެ. އެ ޚިޔާލުތަކާއެކު ލޫތު އެނދުގައި ބޮނޑިވެލީ، އޭނާގެ އެކަނިވެރިކަން މުޅި ކޮޓަރިއަށް ފެތުރިފައިވަނިކޮށެވެ…
-ނުނިމޭ-
One Comment
Comments are closed.


Salhi