Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (1)

Thea reminisces
Thea reminisces Level 210 Stories
May 11, 2026 11 Mins Read
0 Comments

(ރި އަޕްލޯޓް)

ވަޤުތަކީ މެންދުރު ނަމާދުގެ ގަޑިކަމުން  އެ ކުޑަ ރަށު ތެރޭގައި އިވެމުން ދިޔައީ ތަކުބީރުގެ އަޑެވެ. ދޮންވެލި މަގުތަކުގައި ބޮޑު މީހެއްގެ ހިލަމެއް ނުވިޔަސް، ޅަފުރާގެ ކުދިން ކޮޅުތައް ސަކަރާތް ޖެހުމުގައި ތިއްބެވެ. އެއް މަގުގައި އެ ބަޔަކު ކޮރު ކުޅެނީއެވެ. އެހެން މަގެއްގައި އެހެން ކުދިންތަކެއް ފައިގަތަޅާ ކުޅެނީއެވެ. އަނެއް ބަޔަކު ގަހަށްވެސް އަރައިގެން ކުޅިވަރު ބަލަން އެބަ ތިއްބެވެ. އަންހެންވެރިންވެސް ނަމާދުކޮށް ނިންމައިގެން ގޭގެއިން ނުކުމެ، މަގުމަތީގައި ކުޅެން ތިބި ކުދިންތަކަށް ކާންދިނުމަށް އަތުލަފިކުރުމުގައި އުޅުނެވެ.

މީ އެރަށުގެ ރައްރިތުންގެ ދިރިއުޅުމެވެ. ފިސާރީ ނަމޫނާ ބަޔަކެވެ. އެއްބައިވަންތަކަމާއި އެކަކު އަނެކަކު ދެމެދުގައި އޮންނަ އަޙުވަންތަކަން އިންތިހާއެވެ.

މިސްކިތުން ނުކުމެގެންދިޔަ އަހުމަދާއި އޭނާގެ ފަސްއަހަރަށްދާ ފިރިހެން ދަރިފުޅު މާއިޝް ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ދިޔަ މަގުމަތީގައި މާއިޝް އާ އެއް އުމުރުފުރާގެ ކުދިން މާއިޝަށް ގޮވާލާ ހަވީރު އަތިރިއަށް ކުޅެން އަންނަން ބުނަމުން ދިޔައެވެ. މާއިޝްވެސް އެކުދިންނާ ރައްދު ދެމުން ދިޔައެވެ. އެ ހިނގަމުން ދިޔަ ހަލުވި މިނަށް މަޑު ޖެހުނީ  އެނާގެ ބައްޕަ ވެސް މަޑުކުރީމައެވެ. ބައްޕަ ހުއްޓިހުރެ އިސް މައްޗަށްހިއްލައިގެން، ކުރިމަތީގައި ހުރިގޭގެ ވަށާފާރުގެ މައްޗަށް ބަލައިލިއެވެ.

އެގޭ ވަށާ ފާރު މައްޗަށް އަރައިގެން އެ އިނީ 23 އަހަރަށް ދާ އަންހެން ކުއްޖެކެވެ. އެންމެން ދަންނަ ނަމުންނަމަ ޝަފަޤް އެވެ. އަހުމަދުގެ ދޮން ކޮއްކޮ ރޫޔާގެ ގާތް އެކުވެރިޔާއެވެ. އޭނާގެ އަތުތެރޭގެ އޮތްފޯނަށް ގެއްލިފައިން ޝަފަޤްއަށް، އަހުމަދު އޭނައަށް ބަލަން އިން ކަމެއްވެސް ނޭނގެއެވެ.

“ޝަފް އަށް ވެސް ސާބަސް. ވާން އުޅޭ ފިރިމިހާއަށް މަރުހަބާ ކިޔަން މީހުން ވަށާފާރު މައްޗަށް އަރާތަ؟” ބޯ ހޫރެމުން އަހުމަދު ސަމާސާ ކުރިއެވެ. “އަޅެ. ފައިވާން ކިބަ ފޭރުގަހުގައި ތާށިވެފަ އިނީމަ އެ ނަގަން އަރައިގެން މިއިނީ…މައިސް…ކޮބާ ރޫ ދޮންތަ؟” ޝަފަޤް ޖަވާބުދިނެވެ. އަހުމަދުގެ އަޑަށް އެގޭ ގޯތި ތެރެއިން ޝަފަޤް މަންމަ ރަޝްދާވެސް ބޯ ދިއްކޮއްލީއެވެ. އަހުމަދު ހުރި ގޮތް ފެނި ވީ ގޮތް ނަގައިގަނެވުނެވެ. “އަހަންމަދާ، އެކަމަނާ އެނާގެ ޓަވަރުގައި ބަހައްޓާ. ވެދާނެ އެނާ ބޭނުން ވަނީ އެނާ ބަޠަލު އައިސް އެ ޓަވަރުން އެނާ ބާލަން ކަމަށް.” ރަޝްދާވެސް ކުރަން ފެށީ ދިމާއެވެ.

“މަންމާ. މަގޭ ފައިވާން ނަގަންވެގެންނޭ ފާރުމައްޗަށް އެރީ”

“ހެވޭ….ދޮންމަނިކާ!! ނަމަނަމަ ޝަފް ދައްތައާއި ރޫޔާ ދޮންތަ ކަހަލަ އަންހެނަކާ ކައިވެނި ނުކުރާތި. މިހާރުވެސް ހަލީމާ އެ އުޅެނީ އެ ރޫޔާއާއި ރަހާ މަތަނުވެގެން” ރަޝްދާ މައިޝް އަށް ބަސް ބުނެ ގޮސް ވަދުނީ ބަދިގެއަށެވެ. އަންނަން އުޅޭ މެހެމާނުންނަށް ސުފުރާ މަތި ތައްޔާރުކުރާށެވެ.

“އެކަމު މައިސް ބޭނުން ވަނީ ރޫދޮންތަ. ރޫދޮންތަ ވަރަށް މަޖާ. ދެން ވަރަށް ފައްކާ. މީރުކޮށް ކައްކާ. މައިސް އާއި މީޝް އެއްކޮން ކުޅޭ”

ޝަފަޤް ގަހުން ފައިބާ މަންޒަރު ބަލަން ހުރެ މާއިޝް އެހެން ބުނެލީ ޝަކުވާކުރާ ރާގެއްގައެވެ.

އަހުމަދު ޗޮކެއް ކަނޑާލަމުން ހިނގައިގަތީ ގެއާ ދިމާލަށެވެ. މިފަހަރު ޝަފަޤް ވެސް އެމީހުންގެ ފަހަތުން އައެވެ. ރުޔާ ހޯދަންށެވެ. ދިޔަ މަގުމަތީ ޝަފަޤާއި ރުޔާގެ އިތުރު ދެ އެކުވެރިންކަމަށްވާ ޝެހެނާ އާއި މައިރާއާ ދިމާވިއެވެ.

“ޝެހޭ..ކޮބާ ޒާޝާ؟” ޝެހެނާގެ ހަތަރު އަހަރަށް ދާ އަންހެން ދަރިފުޅު މިއަދު ނުފެންނާތީ ޝަފަޤް އަހާލިއެވެ.

“ޒަޔާންގެ މަންމަމެން ގޭގަވީ. އޭނަގެ ކާފަ މިއަދު ރަށަށް އައިމަ، ކާފައާ އެއްކޮން ވަގުތު ހޭދަ ކުރަން ބޭނުންވާ ވާހަކަ ބުނީމަ އެގެއަށް ލާފަ މި ދިޔައީ މައިރާގެ ގެއަށް. ރަނގަޅު ވަގުތެއްގައޭ މަށަށް ދެވުނީ. އެ ސާޖިދް ހުރި އެގޭގަ ދޯ”

ޝެހެނާ ދޯ ދިނުމުން މައިރާވެސް އެ ވާހަކައިގައި ބައިވެރިވެއެވެ. “ހޫމް. ރޫޔާ ނުފެނިގެން އެންމެ ފަހުން އަހަރެމެން ގެއަށް އެއައީ.” މައިރާގެ ބަހަށް އަހުމަދު ރައްދު ދިނެވެ.

“މި ފަހަރު ރޫޔާ އެ ވަދުނީ ކޮންތާކަށްބާ ފިލަން؟’.

އެހެނަސް،  އެ ސުވާލުގެ ޖަވާބު ލިބުމުގެ ކުރިން ޝަފަޤްގެ ފޯނަށް މެސެޖެއް އައެވެ. އަވަސް އަވަހަށް ޖީބުން ފޯނު ނަގައި މެސެޖް ކިޔައިލީއިރު ކަމަކު ދާކަށް ނެތެވެ. އޭނާގެ ވާން އުޅޭ ފިރިމީހާ ދަތުރު ކުރާ ލޯންޗު، ރަށުގެ ފަޅަށް ގާތް ކުރާ ވާހަކަ މެސެޖުގައި ލިޔެފައި އޮތްތަން ފެނި، ޝަފަޤް ބަނދަރުމައްޗަށް ދާން ދުއްވައިގަތެވެ. ޝަފަޤްގެ ފަހަތުން ޝެހެނާއާއި މައިރާވެސް ދުއްވައިގަތެވެ. މަގުމަތިން ދުވެފަ ދިޔަ ތިން އެކުވެރިންނަށް ބަލަން ތިބި އެ ރަށުގެ ރައްޔިތުންނަށް ވާނުވާ އެނގުންފަދައެވެ. އެހެން ނުވާން ވީ ކީއްވެހެއްޔެވެ؟ އެ ކުޑަ ރަށުގެ އެންމެނަށްވެސް، ޝަފަޤް އިންނަން އުޅޭ ވާހަކަ އިނގެއެވެ. އެހެން އެ ތިން މީހުން މަގުމަތީގައި ދުވެފައި ދަމުން ދިޔައިރު ބަޔަކު ޖެއްސުމަށް ،ޝަފަޤް އަށް އަޑުއިވޭވަރަށް ދުވުން އަވަސް ކުރަން ހަޅޭއްލެވިއެވެ.

ތިން މީހުންނަށް ބަނދަރާ ހަމައަށް ދެވުނު އިރު ހުރީ މާނެވާ ލެވިފައެވެ. ޝެހެނާއާއި ޝަފަޤްގެ ބުރުގާ ވެސް އޮތީ މޫނުމަތިން އަރިވެފައެވެ. “ކޮބާ އެމީހުން؟” މައިރާ ފުންނޭވާތަކެއްލަމުން، ކުރިމަތީގައި އޮތް ބަނދަރަށް ބަލާލިއެވެ. މީހެއްގެ ހިލަމެއް ނުވިތަނުގައި، ބޯޓެއް ލޯންޗެއްވެސް ބަނދަރު މަތިން ފެންނަން ނެތެއެވެ. ޝަފަޤްއަށް މީ ވަސީމްގެ ސަމާސާއެއްކަން ނަގައިގަންނަން އިރެއް ނުނަގައެވެ. “ނުބައި ސޮރެއް” ޝަފަޤް ގާތަށް އެއާ ރުޅިން ދަތް ކުނޑިވިކައިގަތެވެ. ޝެހެނާއާއި މައިރާގާތަށް އައީ ނުލަފާ ހިންޏެވެ.

“ނުހޭތި!!” ޝަފަޤް ދެލޯ އަޅާލިއެވެ.

“ހެވޭނެއްނު. ޝަފްގެ ލޯބިވާ ދެކެން އެއޮތްގެން ދުއްވައިގަތްގޮތްދޯ! ލޮލަށް މެސެޖު ފެނުނު ކަމެއް ނޭނގެ ހަމަ ދުއްވައިގަތީ ވިއްޔަ. އުސެއިން ބޮލްޓަށް ދޫނުކުރާތި. ދުއްވައިގަތްގޮތުން މަވެސް ހީކުރީ އެމީހުން ލެފީކަމަށް.” ޝެހެނާ ކައިރީގައި ހުރި ޖޯލީގައި އިށީނެވެ. ޝަފަޤް ޝެހެނާއަށް ލޯ އަޅާލި މަންޒަރު ފެނި ޝެހެނާ ބޯހޫރަލިއެވެ. “ކަމަނާ. ކޯފާ އިސްނުކުރަށްވާ. އަހަރެމެން ދެކެ އެއްނޫނޭ ރުޅި އަންނަންވީ. ތި ސަމާސާ ކުރި މިހާއަށް ރުޅި ބާލާ.”

“ތިގޮތަށް އެކަކު އަނެކަކަށް ސަމާސާކުރިކަމުގައި ވިޔަސް އަހަރެންގެ ހުރިހާ އުންމީދަކީވެސް ތި ދެމީހުންގެ ކައިވެނި ދިގުދެމިގެން ދިޔުން.” މައިރާ ކަމެއް ނުވާކަމަށް ހެދިގެން ދެއަތްއުރާލިއެވެ. “ރޫޔާ ކޮބާތަ؟ އަހަރެމެން މި އައީވެސް އެގޭ ފަހަނައަޅާފަ” މައިރާ އެންމެ ފަހުން މަޢުޟޫ ބަދަލުކޮށްލިއެވެ. ރޫޔާގެ ނަން އިވުމުން ޝަފަޤް ނޭވާއެއް ދޫކޮށްލިއެވެ. “މަށަކަށް ދެނެއް ރޫޔާގެ ގެއަށް ގޮސް އަނެއްކާ ދެކޮޅު ނުޖެހޭނެ. ރޫކައިރީ ގުޅާފަ ބުނޭ ބަނދަރަށް އަންނާށޭ” ޝަފަޤް އެހެން ބުނިތަނުން ޝެހެނާ ފޯނުނެގީ ރުޔާއަށް ގުޅަންށެވެ. ފޯނުގެ ފަސް ވަނަ ރިންގުން، އެކޮޅުން ފޯނު ނެގިއެވެ. ހަލޯއޭ ކިޔާފައި ގޮވައިލީ އެހެނަސް ރޫޔާއެއް ނޫނެވެ. ރޫޔާއަށް ދޮންތަ ކިޔާ މާއިޝާއެވެ.

“މާއްކޮ ދުނީ…ރޫދޮންތަ ކޮބާ؟” ޝެހެނާ ލޯބިން އަހާލިއެވެ. އެއާއެކު އެކޮޅުން ހަމަހިމޭންކަން ވެރިވިއެވެ. ދެން އިވުނީ ހޭ އަޑެވެ. “ރޫދޮންތަ ވެއްޓުނީ…” މާއިޝާ ހެމުން ބުނެލިއެވެ. އެ މައުސޫމު އަޑުން އެކުއްޖާފުޅަށް މަޖާ ވެފައި ހުރިވަރު އިނގެއެވެ. ޖަވާބު އިވިފައި ތިންމީހުންވެސް ކޮޅަށް ޖެހުނެވެ. “ވެއްޓުނީ؟” ޝަފަޤް ދެލޯ ބޮޑުވިއެވެ.

ކޮންތާކުން؟” ތިން އެކުވެރިންގެ ހިތުގައި އޮތް ސުވާލު އެހީ މައިރާއެވެ.

އެހެނަސް މާއިޝާ، މައިރާގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން މާއިޝާގެ މަންމަ އަދި އަހުމަދުގެ އަނބިމިހާ ހަތުމާ ޖަވާބު ދިނެވެ. އޭނާގެ އަޑުގައި އެއްވެސް ހާސްކަމެއް ނެތެވެ. “ވެއްޓުނީއެއްނޫން. ފޭބި. ގިފިލީގައި ހުރި ވަޅަށް” ހަތުމާގެ އަޑުން ތިން މީހުންނަށް ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލިއެވެ.

“ބަދަލުނުވާ ރޫޔާ”

“ސާބަސް. އަދި ރަށަށް އައިތާ ދެ ހަފްތާ ނުވޭ”

“އެ ސާޖިދަށް ފިލަންވެގެން ދޯ” ލޯ ހަނިކުރަމުން މައިރާ އެނގިހުރެ އަހާލީ ޔަޤީން ކުރާށެވެ. ހަތުމާ ހޫން އަޅައިލުމުން ތިން މީހުން އިތުރު އެއްޗެއް އަހާކަށް ނޫޅުނެވެ.

ފޯނު ކެނޑުމާއެކު ޝެހެނާ ފޯނު ޖީބަށްލީއެވެ.  ތިން ރަހުމަތްތެރިންގެ  ދެމެދުގައި ހަމަހިމޭން ކަމުގެ ފަސް ވަރަކަށް ސިކުންތު ދިޔައެވެ. “އެ ސާޖިދު ކީއްވެތަ ކުއްލިއަކަށް ރޫގެ ފަހަތުން އެ އުޅެނީ؟ އަނެއްކާ…..” ޝަފަޤް ރުޔާގެ ހާލަތާމެދު ފިކުރު ކުރާ ހާލު ބުނެލިއެވެ. އޭނާގެ ފަހު ބަހާއެކު އެ ތިން މީހުންނަށް އެއްޗެއް ނަގައިގަނެވުނެވެ. “އޭ..ތީނައެއްނު ސާޖްއާ ޢާއިލާއަކީ.. ބުނެބަލަ..އަނެއްކާ ސާޖިދް ރޫޔާއަށް ހިތްކީތަ؟ އެހެން އެއްޗެކޭ އޭނާ ބުނިތަ؟” ޝެހެނާގެ ސުވާލު އަމާޒުވީ މައިރާއަށެވެ. މައިރާވެސް ކަމުގެ ހަގީގަތް ނޭނގޭތީ ކޮނޑު އަރުވާލިއެވެ. “އޭނާ އެކަހަލަ ވާހަކައެއް ނުދައްކާ….އެކަމުދޯ. ސާޖިދްގެ އުނދަގުލާހެދި ރޫ އެހުންނަނީ ނަފްސާނީ ވެފަ” މައިރާ ބަނދަރަށް ބަލަން ހުރެ ބުންޏެވެ.

“އެދޯ އެލޯންޗަކީ؟” މާ ސިންގާ  ކަނޑުން ނެރު ތެރެއަށް ވަދެގެންއައި ލޯންޗަށް ޝެހެނާ އަތުން އިޝާރަތްކުރިއެވެ. ލޯންޗު އެތެރެއިން ،ދިރުނބާކޮޅަށް ނިކުތް ޒުވާން ފިރިހެނާއަށް ތިން އެކުވެރިން ފެނުނެވެ. ދެއަތްމައްޗަށް އުފުލައިގެން ހުރެ ޝަފަޤްއަށް ހަނާ އަޅަން ފެށި ގޮތުން ތިން އެކުވެރިންގެ ގާތަށް ހިނިވެސް އައެވެ. ޝަފަޤަށްވެސް އެނާގެ ވާންއުޅޭ ފިރިމީހާ ފެނިފައި، ވަސީމް ކުރި ސަމާސާގެ ސަބަބުން އައިސްފައި ހުރި ރުޅި ފިލާފިއެވެ. އަދި އަވަސް އަވަހަށް އޭނާ ހެދުމާއި ބުރުގާ ރީތިކޮށްލިއެވެ. ޝަފަޤްގެ މިޖާޒަށް އައި ބަދަލު ފެނި ޝެހެނާވެސް ޖޯލިން ތެދުވެ ހެމުހެމުން މައިރާއާއި ޝަފަޤްގެ ގައިގައި އޮޅުލައިގަތެވެ. އުފާވެރިކަން ކޮޅުންލާ ހާލުގައެވެ.

ލޯންޗު ބަނދަރާ ގާތް ކޮއްލިތަނުން ވަސީމް ލޯންޗުން ބަނދަރު ވާޓަރު މައްޗަށް ފުއްމާލިއެވެ. އަދި ދުއްވައިގަތީ ޝަފަޤްއާ ދިމާލަށެވެ.

“ޝަފް” ލިބިފައި ހުރި އުފާވެރިކަމުން ވަސީމްއަށް ހީނުލައެއް ނުހުރެވުނެވެ. ޝަފަޤްވެސް ވަސީމްގެ އަތުގައި ހިފައިލީ ނުހަނު ލޯބިންނެވެ. ދެ މީހުން އެކަކު އަނެކަކަށް ހިލާ ހުރެވުނީ އެހެން މީހުން ތިބިކަން ހަނދާންނެތިއެވެ.

ޝެހެނާއަށް އެންމެ ފަހުން ނުހުރެވިގެން ކަރު ކެހިލިއެވެ. އޭނާ ތުންފަތްމަތީ ދަތްއަޅައިގެން ހުރީ، އޭނަ ގާތަށް އައި ހިނިގަނޑު ހިފަހައްޓަންވެގެންނެވެ. “އަހަރެމެންވެސް އެބަތިބި އިނގޭ” މައިރާ ވަރަށް ނުވާކަމަށް ހެދިފައި ބުނެލިއެވެ.

ވަސީމް ހެވިލައިފައި މައިރާއާއި ޝެހެނާއަށް މޫނު އަނބުރާލިއެވެ. “ޝެހޭ. މައި. ސަލާމް. ހާލު ކިހިނެތް؟”

“އޯހް. ސަލާމް ސަލާމް. ރަނގަޅޭ. މާބޮޑަށްވެސް. ބޮޑު ގްރޫޕެއް ގޮވައިގެން ދޯ ތިއައީ” މައިރާ ބުމަ އަރުވާލަމުން ބުނެލިއެވެ

“ހޫމް. ޝަފަޤްގެ ވާރކް ފްރެންޑްސް އަހަރެންގެ މާލޭގައި އުޅޭ އާއިލާ މީހުން. އަހަރެންގެ ރަހުމަތްތެރިން. ޝެހޭގެ ފިރިމީހާ-”

މައިރާ ކައިރީގައި ހުރި ޝެހެނާ ގަނޑުވިއެވެ. ވަސީމްމެންނާއެކު ޒަޔާންވެސް އައީ ހެއްޔެވެ؟ “މަގޭ ފިރިމީހާ؟” ޝެހެނާ އަޑު ބާރުވިއެވެ. ލޯބޮޑުކޮށްފައި ވަސީމްއަށް ބަލާލީ އެނާ ވަސީމް ހުރިތަނުން ނޮޅާނުލަނީސް އަވަހަށް ޖަވާބުދޭށޭ ބުނާފަދަ ނަޒަރަކުންނެވެ. “ޝެހޭ…އަޅޭ…ސޮރީ. ޒަޔާންގެ ސަޕްރައިޒްތާ މި ފެނަށް ދުއްވާލި” ޖެހިލުންވެ ހުރެ ވަސީމް ލޯންޗަށް ނަޒަރު ހިންގާލިއެވެ. އޭރު ލޯންޗުން ފޭބި އެއްބަޔަކު ހިޔަލަށް އަރާހަމަކުރަނީއެވެ. އެއީ ތިން ފިރިހެނުންނެވެ. ޝެހެނާގެ ފިރިމީހާގެ އިތުރުން ދެ ބީރައްޓިސެކެވެ.

“ޔާން!!” ޝެހެނާ ބަލާކަށް ނުހުރެގޮސް ޒަޔާން ގައިގައި ބައްދާގަތެވެ. “އަޅޭ! ހާދަ އުފާ ވެއްޗޭ!!” ޒަޔާންގެ މޫނު އަތުތެރެއަށް ގެނެސް އެނާ ތުން އޫކުރަމުން ބުނެލިއެވެ. އެ ފަޅި ސިކުންތުގައި އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ލޯމައްޗަށް ކަރުނަ ގިނަވާންފެށީ ކުއްލިއަކަށެވެ. “ކީއްވެ ދޮގު ހެދީ އަންނަން ވިސްނާނަމޭ ކިޔާފަ؟ ޒާޝާ ހުންނަނީ ނުލާހިކު ދެރަވެފަ. އަބަދު އަހަނީ ބައްޕަ ބޮޑު ޢީދަށް ނާންނަނީހޭ؟” ޝެހެނާ ކަރުނަ އަޅާ މަންޒަރު ބަލަން މައިރާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެންތިބި މީހުންގެ ހާލަކީވެސް އެޔެވެ.

މައިރާ، ޒަޔާންއާއި ޝެހެނާ އެމީހުންގެ ހާލަތަށް ދޫކޮށްލުމަށްފަހު، ވަސީމް ކައިރީގައި ހުރި ދެ ފިރިހެނުންނަށް ބަލާލިއެވެ. “މީ ކޮންބައެއް؟” އޭނާ ވަސީމް ގާތު އަހާލިއެވެ. ވަސީމް، މައިރާގެ އަޑަށް އެނާ ކައިރީގައި ހުރި ދެ ފިރިހެނުންނަށް ބަލާލިއެވެ.

“މީ…އަހަރެންގެ ގާތް ދެ އެކުވެރިން. ރަޒާން….އަހަރެމެން ކިޔަނީ ރެން. ދެން  މިއުވާން ނޫނީ ވާން” ފަލާހާއި ރަޒާންއަށް އިޝާރަތްކުރަމުން ފަހަރަކު މީހަކު ތަޢާރާފު ކުރަމުން ދިޔައެވެ. ޒަކްވާން ހެވިލާފައި މައިރާއަށް ހަނާއަޅާލިއެވެ. ރަޒާން މޫނުމައްޗަށް ބަދަލެއް ގެނުމެއްނެތި ބޯ ޖަހާލިއެވެ.

“ރެން. ވާން. މީ އަހަރެންގެ ވާން އުޅޭ އަނބިމިހާ. ޝަފަޤް. ދެން އެހުރީ ޒަޔާންގެ އަންހެނުން. ޝެހެނާ. ދެން މިހުރީ މި ހަތަރު ރަހުމަތްތެރިންގެ ތެރޭގައި ހުރި ހުއްސަރިބައިކޮން ހުރި އެކަކު. މައިރާ…ދެން..ރޫ…..” ވަސީމްގެ އަޑު މަޑުވީ، އެހެންނާ ހަލަނިކޮށް އުޅޭ ރޫޔާ ފެންނަން ނެތީމައެވެ. އެނާއަށް އަދި ކިރިޔާ ރުޔާ ނެތްކަން އިހުސާސްވިއެވެ. ވަސީމްގެ މޫނަށް އައި ބަދަލު ފެނި ތިން އަންހެންވެރިން އެކަކު އަނެކަކަށް ބަލައިލިއެވެ.

“”ކޮބާ…. ރޫކަމަނަ؟

***

“މިހުރީއެ ހާލަކީ އުޅޭ.”

ކިހިނެއްތަ ދެން ހަދާނީ؟””

ލަވައިގެ އަޑު އިވެމުންދިޔައީ ގިފިލިންނެވެ. ސާފުކޮށް ބުނާނަމަ، ގިފިލި ވަޅުންނެވެ. އެހެންނަމަވެސް އެ އަޑަކީ އެހާ މިއުޒިކީ އަޑެއް ނޫނެވެ. އެއީ އެއަޑަކުން ލަވަކިޔާފިނަމަ އަޑު އަހަން ތިބި މީހުންގެ ކަންފަތުން ލޭ ފޭބުމުގެ ޤާބިލްކަން ލިބިފައިވާ އަޑެކެވެ.

“ދަރިޔާ! އަދިވެސް ތޮ ގޮތުގައި އުޅެވޭތޯ ބަލާތި!” ކުސްތަޅަމުންވެސް ވާފިރުއާއި އަހުމަދު އުޅުނީ ރޫޔާ ވަޅުން ނެގޭތޯއެވެ “ދެން ފެންނާނީ މި މަންޖެ، ރަށު އެންޓަނާއަށް އަރާ ތަން ކަންނޭނގޭ. މަގޭ ބޮލުން އިސްތަށި ނުފައިބާކަން” އޭރު ވަޅުގެ ތުންފަތް ކައިރީ މައިޝާ އާއި މައިޝް ވަޅަށް ބޯ ދިއްކޮށްގެން ހުއްޓެވެ. ގިފިލި ދޮރުމަތީ އައިފޯނެއް ހިފައިގެން މަންޒަރު ވީޑިޔޯ ކުރުމުގައި، ރޫޔާގެ ކޮއްކޮ ރަހާ އުޅުނެވެ. ހަތުމާއާއި ހަލީމަ އުޅުނީ ހަވީރު ސައި ތައްޔާރުކުރުމުގައެވެ.

“ރޫދޮންތާ! މާއްކޮވެސް ބޭނުން ވަޅަށް އެރެން” މާއިޝާ ޝަކުވާކުރާ ރާގަކަށް ބުނެލިއެވެ. “މައިސް ވެސް” މައިޝާގެ ފަހަތުން މައިޝްވެސް ބައިވެރިވެލިއެވެ.

“އެކަކުވެސް ވަޅަށް އެރިގެން ނުވާނެ!” ވާފިރު ހަރުގަނޑު ތައްޔާރު ކުރަމުން ބުނެލިއެވެ އަޑުގައި ނުރުހުންވެފައިކަން އެނގުނަސް މޫނުމަތިން ނުރުހުމުގެ އަސަރެއްނެތެވެ. ހިވާފަދައިން މިކަހަލަ ކަންކަމަކީ މިގޭގައި އަބަދުވެސް ހިނގާކަންތައްތަކެއް ހެންނެވެ.. “މީހަކަށް ފިލަންވެސް މިދެން ބޮޑުވަރުދޯ”

“ބޮޑުވަރު ކޮއްގެން ފިލީމަ ފަސޭހަލުން ނުފެންނާނީ” ޖަވާބުގެ އަޑުއައީ ވަޅުންނެވެ.

“ތީ ކާކު ދެއްކި ވާހަކައެއް؟”

“ތަޖުރިބާ”

“ކާކުގެ ތަޖުރިބާއެއް؟”

“އަމިއްލަ މިހާގެ”

“ރޫޔާގެ؟”

“އާނ. ޗުއްޓީއަށް ރަށަށް އާ ފަހުން އެ ސާޖިދް މަ ހޯދަން ހަ ފަހަރު އުޅުނު. އެންމެ ފުރަތަމަ ފަހަރު ނުފިލަން. ދެވަނަ ފަހަރު ފިލީ ހަބިއްތަ ގޭ ގުދަން ތެރޭ. ކޮންމެވެސް ގޮތަކުން އެނާއަށް މަ އެތަނުގައި ފިލައިގެން އުޅުނުކަން އެނގުނީމަ ތިންވަނަ ފަހަރު މަ ހޯދަން އުޅުނީ އެތަން ބަލާފަ. ހަތަރުވަނަ ފަހަރު އަހަރެން ފިލަން އެރީ މުހަންމަދުބޭ މެންގޭގައި ބޭނުންނުކުރާ ފެންތާނގިއަށް. ފަސްވަނަ ފަހަރު ނުފިލަން. ހަވަނަ ފަހަރު ފޭބި މި ވަޅަށް. މިހާރު މަ ހޯދަން އަންނަނީ ހަބިއްތަގޭ ގުދަނާއި މުހައްމަދުބޭގެ ފެންތާނގި ބަލާފަ” ކުރާނެ ކަމެއްނެތިގެން ރުޔާ ވަޅު ފެންގަނޑުތެރޭ ފަތަމުން ޖަވާބު ދިނީ ފުރިހަމަ ކަމާއެކުއެވެ. ޖަވާބުގެ ފުރިހަމަ ކަމުން ރަހާއަށާއި އަހުމަދުގެ އިތުރުން ވާފިރަށްވެސް ހުރެވުނީ ބަސް ހުސްވެފައެވެ. ތިންމީހުން އެކަކު އަނެކަކަށް ބަލަން ހުރެވުނީއެވެ.

“އެ ސޮރު ކޮން ކުށެއް ކޮށްގެންތަ ތިހާވަރަށް ފިލަން ތިއުޅެނީ؟” ވާފިރުއަށް އެންމެ ފަހުން ފުންނޭވާއެއް ދޫކޮއްލިއެވެ. ރޫޔާއާއި ޖަދަލުކޮށް ކުރިއެރުމެއް ނުލިބޭނެކަން އިނގޭތީއެވެ. އެނާއަށް ލިބިފައި ހުރި މި ދޮންދަރިއަކީ މަޑުން ހުއްޓެއް ކަމަކު ހަލަނި ކަމުން މައިތިރި ކުރެވޭނެ ކުއްޖެއްނޫނެވެ.

“މައިސް ބުނާނަން އެންމެން ގާތު ރޫދޮންތަ ވަޅަށް ފުންމާލިވާހަކަ” މާއިޝް ހެވިފައި ބުނެލިއެވެ. އަދި ދުވެފައި ގިފިލިން ނިކުމެގެން ދިޔައެވެ. މައިސްގެ ފަހަތުން ރަހާ ވެސް ދިޔައީ އެކުއްޖާ އެކަނި ދޫކޮށްނުލާންވެގެންނެވެ.

އެ ފެން ވަޅުން ރޫޔާ ނަގަން މާގިނަ ވަގުތެއް ނުނެގިއެވެ. ދޮންބައްޕައާއި ދޮންބޭބެއަށް ޝުކުރު އަދާކުރުމަށްފަހު، ރޫޔާ މިސްރާބު ޖެހީ ގެއަށް ވަންނަންށެވެ.

އެ ގެޔަކީ ވާފިރުއަށް ވާރުތަވި ބިމުގައި ދެ ބުރިއަށް ނަގާފައިވާ ގެއެކެވެ. ބިމުގެ ކަނާތުފަޅީގައި އެގެ ބިނާކުރެވިފައިވާއިރު، ބިމުގެ ވާތުފަރާތުގައި އޮތީ ކުދިން ކުޅެން ދޫކޮށްލައިފައި އޮތް ހުސްބިމެވެ. ހުސްބިމެކޭ ބުނިކަމުގައި ވިޔަސް، އެތަނުގައި ދެ ރުކާއި، ކުންނާރު ގަހަކާއި ފޭރުގަހުގެ އިތުރުން ބަނބުކެޔޮގަހެއްވެސް ހުއްޓެވެ. ބަނބުކެޔޮ ގަހުގައި  ވާފިރު ވަނީ ދެތިން އުނދޯލި އެލުވާފައެވެ. ހަދާފައި ހުރި ގެއާއިންވެގެން އިންނަނީ ގިފިއްޔެވެ. ގެޔަކީ ކިތަންމެ ފެންވަރު ރަނގަޅު ގެއެއްކަމުގައި ވިޔަސް، އެގޭގެ ވަށާފަރު އަދިވެސް ހުރީ އޭރުގެ ހިރިގަލުން ހަދާފައެވެ. ވަށާފާރު އަރާހަމަވަނީވެސް އުނަގަނޑާހަމައަށެވެ. ހީވާފަދައިން، ދިރިއުޅުމައިގެން ކުރިއަށް ދިޔަސް، މާޒީވެސް އެ ދިރިއުޅުމާއެކު ވާހެންނެވެ.

ހަތުމާ ދިއްކޮއްލި ތުވާލި ގައިގައި އޮޅާލައިގެން ރޫޔާ ބާރުބާރަށް ދިޔައީ އެނާގެ ކޮޓަރިއަށެވެ. ވަޅުގައި އެހާ ގިނައިރު ހުންނަން ޖެހުނީމަ މީހާ ހުރީ ހީކަރުވާ ގަނެގެން ރޫރޫ އަރާފައެވެ. އަމިއްލައަށް ފޭހުނު އިލޮށި ހޭރުނީވެސް އެންމެ ފަހުން އަމިއްލަ މިހާގެ ލޮލަށެވެ. ކޮޓަރިއަށް ވަދެ، ތެތް ހެދުމާއެކު ފާހަނައަށް ވަދެ ގައިން ތާޙިރު ވެލައިގެން ނުކުތީ ބޯވެސް ދޮވެގެންނެވެ. މާގިނަ ވަގުތު ބޭކާރު ނުކޮށް، އެއް އަތުން ހެއަރ ޓްރަޔަރ ބޭނުން ކުރަމުން ދިޔައިރު އަނެއް އަތުން އަލަމާރިގައި އަޅުވާފައި ހުރި ހަވީރު ހެދުން ނެގުމުގައި އުޅުނެވެ.  އިސްތަށިގަނޑު ހިކުމާއެކު ކަކުނި ދަތީގެ އެހީގައި ފަލަމަސްގަނޑާއި ހަމައަށް އަންނަ އެ ދިގުއިސްތަށިގަނޑު ހުޅިއެއްގައި ތެރޭގައި ބަންދުކޮށްލިއެވެ. ބޯމަތި އޮމާން ކޮށްލުމަށްފަހު، ލާން ނަގައިފައި އޮތް ޕީޗް ކުލައިގެ ފަޔާ ހަމައަށް އަންނަ ދިގު ހެދުމެކެވެ. ހިތްހަމަޖެހޭވަރަށް ރީތިވެ ނިމުމުން ލޯގަނޑަށް ބަލާލިއެވެ.

ރޫޔާއަކީ އެއްވެސް އިރެއްގައި އެނާ ހުންނަ ވައްތަރަށް ޝައުޤުވެރިކަން ހުންނަ ކުއްޖެއްނޫނެވެ. ނުނީ ޝަކުވާވެސް ކުރި ކުއްޖެއްވެސް ނޫނެވެ. މާތްﷲ  އިންސާނާ ހައްދަވާފައިވަނީ އެންމެ ރީތި، އެންމެ ފުރިހަމަ ސިފައިގައިކަން އެނާއަށް އިނގެއެވެ. އެހެންކަމުން އެނިޢުމަތަކަށް ޝަކުވާކުރާކަށް އެނާ ނެތެވެ.

އެހެނަސް ރޫޔާއަކީ ހުތުރު މީހެކޭވެސް ނުބުނެވޭނެއެވެ. އޭނާގެ ކަޅު އިސްތަށިގަނޑު އޮތީ ދޫކޮށް އައްސާލެވިފައިވާއިރު، ބައެއް އިސްތަށިކޮޅުތައް މޫނުމައްޗަށް އެޅި، އޭނާގެ އުޖާލާ ހަންގަނޑުގައި ބީހެމުންދިޔައެވެ. އޭނާގެ ފުރިހަމަ ބުމައިގެ ސަބަބުން، ކަޅު މުށިކުލައިގެ ބޮޑު ދެލޮލަށް ފުންކަމެއް ގެނެސްދެއެވެ. އިސްޖަހާލާ ކޮންމެ ފަހަރަކު ދިގު އެސްފިޔަތަކުގެ ހިލަނި އޭނާގެ ކޮލަށް އެޅެއެވެ. އަދި އިސްއުފުލާ ބަލާލާ ހިނދު، އެ ދެލޮލުގައިވާ ނޫރުގެ ސަބަބުން، އެ ދެލޮލަށް ބަލައިލާ ކޮންމެ އިންސާނެއްގެ ހިތް ކަފަކޮށްލައެވެ. ދޮން ނޫނަސް، އެ މަޑު މުށިކުލަށްދާ އޮމާން ހަންގަނޑު، އެރީތިކަން އިތުރަށް ފުރިހަމަ ކޮށްލައެވެ.

ރޫޔާ ކާގެއަށް ވަދުމާއެކު ހަވީރު ސަޔަށް އެ އާއިލާ އިންސާފުވިއެވެ. ރޫޔާވެސް މާއިޝާ އުނގަށްލައިގެން، އެކުއްޖާގެ އަތަށް ހެދިކާ ލައިދެމުން، އޭނާވެސް  ސައިބޮމުން ދިޔައެވެ. މި ދުވަސްކޮޅަކީ ސްކޫލު ބަންދު ދުވަސްކޮޅެއް ވީމާ، މާއިޝާއާއި މައިޝް ފައިހަރުލައިގެން ހުރީ ޕިކަޕު ދުއްވަން ދާންށެވެ. އެންމެފަހުން ވާފިރު އެއްބަސްވުމުން ދެކުދިން ޔޭ އޭކިޔާ އެކަކު އަނެކަކަށް އަތްޖެހީ އުފަލުންނެވެ.

***

ވަސީމް، މިއުވާން ،ރަޒާން އަދި ރަށުގައި އުޅޭ ވަސީމްގެ އިތުރު ދެތިން އެކުވެރިން ޝަފަޤްމެން ގެއިން ހަވީރު ސައިބުޔުމަށްފަހު ނުކުތީ ރަށުތެރެބަލާލަންށެވެ. ވަސީމްއަކީ އެރަށުގައި ރަޖިސްޓްރީ ކުރެވިފައިވާ ރައްޔިތެއްކަމަކު، އޭނާގެ ވަޒީފާގެ ސަބަބުން ގިނަ ފަހަރު އުޅެނީ މާލޭގައެވެ. އެހެނަސް ދޭތެރެ ދޭތެރެއިން ރަށަށް އައިސް ހަދައެވެ. އެއަރކްރާފްޓް އިންޖީނެއަރަކަށް ވުމުން، އެނާ މަސައްކަތް ކުރަނީ ރާއްޖޭގެ މައި ދޮރުކަމަށްވާ، ވެލެނާ އިންޓަނޭޝަނަލް އެއަރޕޯޓުގައެވެ. ޝަފަޤްއާ ދިމާވެސް ވީ އެއަރޕޯޓުންނެވެ. ޝަފަޤަކީ އެއާޕޯޓުގެ އެއަރ ޓްރެފިކް ކޮންޓްރޯލްގައި މަސައްކަތް ކުރާ މީހަކަށްވުމުން، އޭނާވެސް ގިނަ ފަހަރު އުޅެނީ މާލޭގައެވެ. އެކުވެރިކަމުން ފެށުނު އެ ގުޅުން، ލޯތްބަށް ބަދަލުވެގެން، މިހާރު އެ އެއުޅެނީ އެ ދެމީހުން އިންނަންށެވެ.

ކަން މިހެން އޮތުމާއެކު އެމީހުންގެ އަރުކާޓީއަކަށް ވީ މައިރާއެވެ. ޝެހެނާ ވީ ޒަޔާން ގޮވައިގެން އެނާގެ އަމިއްލަ ގޭގައެވެ. އެ ދެމެފިރިންވެސް މިގަޑީގައި ބޭނުންވަނީ އެމީހުންގެ ކުޑަ ދަރިފުޅު ޒާޝާއާ އެއްކޮން ވަގުތު ހޭދަކުރަންކަން ޝަފަޤަށް އެނގޭތީ އެކުޑަ އާއިލާއަށް އުނދަގޫކުރާކަށް އޭނަ ބޭނުމެއްނުވިއެވެ.

“މިހެން ގޮސް ކަނާތަށް އަޅާއިރަށް ފެންނާނެ ސިއްހީ މަރުކަޒު. ސިއްހީ މަރުކަޒު ކައިރީ އިންނާނެ އޭ.ޓީ.އެމް ވެސް” ޝަފަޤްވެސް އެކި ތަންތަން ދައްކަމުން ކިޔައިދެމުން ދިޔައެވެ. އެހެން ގޮސް އެމީހުންނަށް އެޅުނީ އަތިރިއަށް ދާން ހަދާފަ އޮތް މަގަށެވެ. ދުރުގައި ދުއްވަމުން ދިޔަ ކުޑަ ޕިކަޕު ފެނި ވަސީމް އެއަށް، އަތުން އިޝާރަތްކުރިއެވެ. އެ ޕިކަޕުގެ ފަހަތުގައި ހަތުމާއާއި އަހުމަދުގެ އިތުރުން މާއިޝާއާއި ހަލީމާ އިށީނެ އިނެވެ. ޕިކަޕުގައި ‘އެލް’ ބޯޑު އަޅުވާފަ ހުރިކަން އެމީހުންނަށް ފާހަގަ ވިޔެވެ. “އެހުރީ ވާފިރުބޭގެ ޕިކަޕު. ރޫކަމަނަވެސް އަތިރީއަށް އައީ ދޯ” ވަސީމް ގެ ބަހަށް ޝަފަޤާއި މައިރާ އަތިރިމައްޗަށް ނަޒަރު ހިންގާލިއެވެ. “ދެންގޮސް އެކުއްޖާއަށް ދިމާކުރާނީ ކީއްއެއްނު” މައިރާ ވަސީމްގެ ގޮތް އިނގޭތީ ބުނެލިއެވެ.

“ތިކިޔާ ރޫ ހާދަ ފިސާރިއޭ. އަހަންނަކަށްވެސް ނޭނގެ ވަޅަށް ފައިބާކަށް” މިއުވާން އަދިވެސް ހުރީ އާޝޯހުވެފައެވެ. ބަނދަރުމަތިން ވަސީމަށް ރޫޔާ ފެންނަން ނެތުމުން ސުވާލުކުރީމަ، ޝަފަޤް ރޫޔާ ވަޅަށް ފުންމާލިވާހަކަ އެނާއާއި ރަޒާން އަޑުއެހީ ޤަބޫލުކުރަން ދަތި ހާލުގައެވެ. ރަޒާންގެ މޫނުމައްޗަށް ބަދަލުތަކެއް ނައެއްކަމަކު އެނާވެސް ޝައުޤުވެރިވެފައިހުރިވަރު މިއުވާނަށް އެނގެއެވެ. އަންހެންކުދިން ވަޅަށްވެސް ފައިބާހެއްޔެވެ؟

“އެކަމު ކީއްވެ އެލް ބޯޑު އަޅުވާފަ އެހުރީ؟ ވާފިރުބޭ އަކީ އެހެނަސް ޕިކަޕު ދުއްވާ މީހެއްނު.” އަޑުއައީ އެ ގްރޫޕު ކައިރިންނެވެ. އެއީ ޝެހެނާއާއި ޒަޔާނެވެ. ޒަޔާންގެ އަތުތެރޭގައި ހަތަރު އަހަރަށްދާ ޒާޝާ ހެވިފައި މައިރާމެންނަށް ހަނާއަޅާލިއެވެ. އެންމެންވެސް އެސުވާލުގެ ޖަވާބު ޔަޤީނެއް ނޫނެވެ. އެކަމަކު ކަރުން އަޑުން ފަޅާ ނުބުނަސް އެންމެންނަށް ޖަވާބު ހީވިއެވެ. އެ ހީވުން ޔަޤީންކުރަން ވެގެން އަދި އެއްފަހަރު އެންމެން އެއްފަހަރާ ޕިކަޕަށް ބަލާލިއެވެ.

“އެހުރީ އަންމަޑޭބެ. ހަތޫ. ހަލީއްތަ. މައިސްވެސް. ރަހާވެސް” ޒަޔާން ގުނާލިއެވެ.

“އެހެންވިމާ ކުރީގައި ޔަޤީނުންވެސް ރޫ އާއި ވާފިރުބޭ…. ދެން މާއްކޮދޯ؟” ޝެހެނާވެސް، އެނާގެ ހުރިހާ ސަމާލުކަމެއް ޕިކަޕަށް ދީނެވެ. އެ މީހުން ތިބީ ޕިކަޕުގެ ފަހަތުގައިކަމުން ޕިކަޕުގައި ކުރީގައި ހުރީ ކޮންބައެއްކަމެއް ނޭނގެއެވެ. ޕިކަޕު ޕާކު ކުރުމުން ފަހަތުގައި ތިބި މީހުން ފޭބިއެވެ. ޕިކަޕުގެ ޕަސެންޖަރ ސީޓުން ދޮރު ހުޅުވާލައިފައި ފޭބީ ވާފިރާއި މާއިޝާއެވެ.

ޑްރައިވަރ ސީޓުން ފޭބީ ރޫޔާ އެވެ. އެހެނަސް އެނާ ފޭބީ އެ އެންމެނަށް ފުރަގަސް ދީގެންނެވެ. ޕިކަޕު ދޮރު ލެއްޕުނުހާ އަވަހަށް އެނާ ދުއްވާގަތީ އަތިރި މައްޗަށެވެ.

“އެއީ ރޫޔާ؟؟” މިއުވާނަށް ހުރެވުނީ އަނގަ ހުޅެވުނު ގޮތަށް ބަންދުކުރަން ނޭނގިފައެވެ.

“ހޫމް. މޮޅު ދޯ” ޝެހެނާ ފަޙުރުވެރިކާމާއެކު ބުނެލިއެވެ. ވަސީމްގާތަށް ހިނިއައެވެ. އޭނާއަށްވެސް ހީވީ އެހެންނެވެ. އެނާއަށްވެސް އަދި އެހެންމީހުންނަށްވެސް ރޫޔާ ކަމުދަނީ އެހެންވެގެންނެވެ. އެނާއަކީ ފިރިހެނަކަށް ދޫނުކުރާ އަންހެނެކެވެ.

“ހިނގާ ދަމާ! މަ ބޭނުން ހަލީއްތަ އާއި ވާފިރުބޭ ދެކިލަން” ވަސީމް ހިނގައިގަތީ އެ އާއިލާއާ ދިމާލަށެވެ. ވަސީމްގެ ފަހަތުން ދެން ތިބި އެންމެން ވެސް ދިޔައެވެ.

“ހަލީމަ ދައިތާ… ވާފިރުބޭ. އައްސަލާމް ޢަލައިކުމް” ވަސީމް ވާފިރުގެ އާއިލާއާ އަރާހަމަކުރަމުން ސަލާމަށް އެދުނެވެ. ވާފިރުވެސް ވަސީމްގެ އަޑަށް އެނބުރުނެވެ. “ވަޢަލައިކުމް ސަލާމް. ވަސީމް. ރަނގަޅުތަ؟” ވާފިރާއި ހަލީމާ ވަސީމަށް ސަމާލުކަން ދިނެވެ. ވަސީމްވެސް މާގިނަ ވަހާކަ ނުދައްކާ އެނާގެ އެކުވެރިންވެސް ހަލީމަމެންނަށް ތަޢާރާފު ކުރިއެވެ”

“ކޮބާތަ ރޫޔާ އާއި ރަހާ؟ މިއަދު ރޫކަމަނަ ވަޅަށް ފުންމާލި ވާހަކަ އަޑުއެހިން.” ވަސީމް ހަލީމަމެންގެ ފަހަތަށް ބަލާލިއެވެ. ވަސީމްގެ ސުވާލު އަޑުއިވިފައި އަޑުއިވޭ ހިސާބުގައި ހުރި ރަހާއަށްވެސް ހިމޭނަކުން ނުހުރެވުނެވެ. ބޮކެއް ހެން ފުމެމުން އެނާގެ މަންމަ ހަލީމަ ގާތަށް ޖެހިލިއެވެ. “ހޫމް. ދޮންތައަށް ސާޖިދް މަގުގެ ކަންމަތިން ފެނުނު ކަމެއް ނޭނގި، އައިސް އަޅުގަނޑު ކައިރީ ބުނީ ހަރުގަނޑު ހިފައިގެން ގިފިއްޔަށް އަންނާށޭ. ދެން ދިޔަތަނުން، ހަރުގަނޑު ވަޅަށް ވައްޓާލާފަ، ވަޅަށް ފޭބި…ދެން ބުނެފި ވަޅު މަތިޖަހާށޭ ޓިނު ގަނޑު ބޭނުން ކޮށްގެން. އަހަރެމެން ގެޔަށްވެސް ސާޖިދް އައީ ހަބިއްތަގޭ ގުދަނާއި މުހައްމަދުބޭގެ ހުސްކުރި ފެންތާނގި ބަލާފަ. ބައްޕައާއި ދޮންބެ ވެގެން ދޮންތަ ވަޅުން ނަގާ ވީޑިޔޯވެސް އެބަ އޮތް” . ކުރެވުނު ވީޑިޔޯއާ މެދު ފަޙުރުވެރިވެ ހުރެ ރަހާ ވީގޮތް ކިޔައިދިނެވެ. ރަހާގެ ވާހަކަ އަޑުއަހާފަ މިއުވާނާއި ރަޒާނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ދެން މިތަނުން ކޮބާ ރޫޔާ؟” އެ ސުވާލު ކުރީ ވަސީމާއި ޒަޔާން އަދި މިއުވާންވެސް އެންމެ ހީނުކުރާ މިހާއެވެ. ރަޒާނެވެ. ރަޒާނުގެ އަޑުން ކުޑަވަރެއްގެ ޝައުގުވެރިކަން ހުރިކަން އެ ތިން މީހުންނަށްވެސް އެނގުނެވެ.

“ރޫދޮންތަ؟ އެހުރީ”  މައުސޫމު ގޮތަކަށް ރަހާ އިނގިލި ދިއްކޮއްލީ  ދުރުގައި ރާޅު ޖެހޭ ހިސާބުގައި މާއިޝާއާއި މާއިޝްއާއެކު ސަކަރާތް ޖަހަން ހުރި ޒުވާން އަންހެން ކުއްޖާއަށެވެ. މާއިޝްއާއި މާއިޝާގެ އަތުގައި ހިފައިގެން ރާޅު ޖެހޭ ހިސާބަށް އެ އަންހެން ކުއްޖާ ހިނގާފަ ދެވެ. އަދި އެއްގަމަށް ރާޅު ޖަހާ ކޮންމެ ފަހަރަކު ނުތެމެންވެގެން އެއްގަމަށް ދުއްވާގަތެވެ. ރާޅު މައިތިރިވުމާއެކު އަނެއްކާވެސް ތިން ބެއިން ދުއްވާގަންނަނީ މޫދާ ދިމާލަށެވެ.

ރަޒާނަށް ހުރެވުނީ ކަޅި ނުޖަހާ ސީރިއަސްކަމާއެކު ރޫޔާއަށް ބަލަންށެވެ. ރޫޔާގެ ރީތިކަމަށްވުރެ އެނާ ފާހަގަވީ އެނާގެ މައުސޫމުކަމާއި އޯގާތެރިކަމެވެ. ކައިރީގައި ހުރި ރޫޔާގެ ދެކޮއްކޮ ގޮވައިގެން ސަމާސާ ކުރުމުގައި އެ އަންހެނާ އަވަދިނެތި އުޅޭ މަންޒަރު ބަލަން އޭނާ ހުރެވުނީއެވެ. ވަސީމްމެން ރޫޔާމެންނާ ދިމާލަށް ހިނގައިގަތުމުން އެނާވެސް އެމީހުންގެ ފަހަތުން ދިޔައެވެ. އެނާގެ ނަޒަރު ހުރީ ރޫޔާއަށެވެ.

ބަޔަކު އެދިމާލަށް އަންނަ ކަމުގެ އިހުސާސް ކުރެވިގެން ރޫޔާވެސް އިސްނަގައި ބަލަލީ ވަސީމްމެންނާ ދިމާލަށެވެ. އެ ވަގުތު ރަޒާނަށް ރޫޔާ ރީތިކޮށް ފެނުނެވެ. އިރުގެ ދޯދިން ރޫޔާ ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އިރުގެ އަލިން ރޫޔާގެ ލޯ މާ ފުރިހަމަކަމަށް ދައްކައެވެ. ދިގު އެސްފިޔަތަކުގެ ހިޔަނި އެނާގެ ކޯތާފަތަށް އެޅިފައި ހުރުމުން ރޫޔާގެ މައުސޫމުކަން އިތުރު ވެގެން ދިޔައެވެ. ހިތާހިތުން އެ ރީތިކަމަށް ތަޢުރީފުކުރެވުނީ ކިތަށް ފަހަރު ކަމެއް ނޭނގެއެވެ.

ރޫޔާ ޝަފަޤްމެންނަށް ހިނިތުންވުމެއް ދެމުން އެމީހުންނާ ދިމާލަށް ހިނގައިގަތެވެ. ހަތުމާ އެނާގެ ދަރިންވެސް ކައިރިކޮށްލީ، ވަސީމްމެން ގާތު ތިބި  މެހެމާނުންނާ ތަޢާރާފު ވެލަން ވެގެންނެވެ. ވަސީމް ކުރިއަށް ޖެހީލުމަށްފަހު އަވަސްވެގަތީ އެނާގެ އެކުވެރިންނަށް ރޫޔާގެ އާއިލާގެ ދެންތިބި މީހުން ތަޢާރާފުކުރަންށެވެ. “ރޫކަމަނާ! ދުވަހަކުވެސް ބަދަލު ނުވައްޗޭ. ދޯ ޝަފް” ވަސީމް ޝަފަޤަށް ދޯދެމުން ކުރިއަށް ގެންދިޔައެވެ. ރުޔާއަށް އެހިސާބުން ވަސީމަށްވެސް އެނާ ވަޅަށް ފޭބިކަމުގެ ޙަބަރު އެނގިފައިވާކަން އަންދާޒާކޮށްލެވުނެވެ. ރަކި ހިނިތުންވުމެއް އޭނާ ވަސީމަށް ހަދިޔާކޮށްލިއެވެ.

“މީ އަހުމަދު…ނުނީ އަންމަޑޭ. ދެން އޭނަގެ ވައިފް ހަތުމާ. ދެން މިހުރީ އެއްމާބަނޑު ދެކުދިން. މާއިޝާއާއި މާއިޝް. ދެން…އަހަރެމެންގެ ކުޅަދާނަ ރޫޔާ. ލޯބިން ރޫކަމަނަ. ނޫނީ ރޫ”

“މިހުރީ އަހަރެންގެ ގާތް ދެއެކުވެރިން. މިއުވާން.” ވަސީމް ފަހަރަކު މީހަކު ދައްކަމުން ދިޔައެވެ. މިއުވާން ރޫޔާއަށް ހިނިތުންވެމެއް ދިނުމުން ރޫޔާވެސް މިއުވާނަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

ދެން އެނާގެ ނަޒަރު ހުއްޓުނީ މިއުވާންގެ ފަހަތުގައި ހުރި ފިރިހެނާއަށެވެ. ނަމުންނަމަ ރަޒާނެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވުމާއެކު ރޫޔާއަށް ހީވީ އެ ފިރިހެނާގެ ނަޒަރުގައި ހައްޔަރުވި ހެންނެވެ. ރޫޔާގެ ހިތް އަވަސްވީ ކުއްލިއަކަށެވެ. ނޭވާވެސް ކުރުވި ފަދައެވެ. އެ ދެމީހުންގެ ދެމެދުގައި ދުނިޔެ ހަމަހިމޭންވި ފަދައެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 9

Next

ތިޔަ ނަން މި ހިތުގާ 13

Next
May 11, 2026

ތިޔަ ނަން މި ހިތުގާ 13

Previews
May 11, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 9



All Right Reserved!