މީސަމްގެ ޑައިރީ (ސިއްރު ހިފަހައްޓައިދޭ އެކުވެރިޔާ) ފޮތުގެ ބޭރުގަނޑުގައި ވަނީ މިހެންނެވެ. މެހެކުގެ މޫނުމަށްޗަށް ހިނިތުންވުން ވެރިވިއެވެ. ކޮއްކޮގެ ނިޝާނެއް އޭނާއަށް ލިބުމުން އުފަލުގެ ކަރުނަ އެ ރޯތޮ ދެ ލޮލުން ފައިބަންފެށިއެވެ. މީސަމަކީ އެހެން ކުދިންނާއި ޚިލާފަށް ދިވެހި ވަރަށް ރީތިކޮށް ލިޔާ ކުއްޖެކެވެ. މީސަމްގެ އަތުލިޔުމުން ލިޔެފައިވާ އިބާރަތްތައް މެހެކު މަޑުމަޑުން ކިޔަން ފެށިއެވެ.
އެންމެ ފުރަތަމަ ޞޮފުޙާގައި އޮތީ އޭނާ އާއި މީސަމްގެ ވާހަކަތަކެވެ. މީސަމް އެންމެ ލޯބިވަނީ ދޮންތަ (މެހެކު) ދެކެ ކަމާއި ދޮންތަ އާއި ނުލާ މީސަމް އުޅޭނެ ގޮތް ސިފަނުކުރެވޭ ކަމަށް ލިޔެފައިވެއެވެ. މަންމަ އާއި ބައްޕަ މަނާކުރާ ކަންކަން ދޮންތަ ސިއްރުންކޮށްދޭ ގޮތާއި މީސަމަށް މެހެކު އަޅާލާވަރު ފަށުވި އިބާރާތުން ލިޔެފައިވެއެވެ. އެވަރުގެ ދޮންތައެއް މީހަކަށް ނުލިބޭނެ ވާހަކަ ވެސް ލިޔެފައިވެއެވެ. މެހެކަށް ނެނގި ނަމަވެސް ހީލެވުނެވެ. މީސަމްގެ ހަނދާންތައް ސިކުނޑި ހިޞޯރު ކޮށްފިއެވެ.
ދެން އޮތް ޞޮފުޙާގައި ވަނީ މަންމަ އާއި ބައްޕަގެ ވާހަކަތަކެވެ. އަދި އާއިލާގެ އެކިއެކި މީހުންގެ ވާހަކަ ވެސް ލިޔެފައިވެއެވެ. އެ އެންމެންގެ ތެރެއިން ވެސް ކުޑައީ މީސަމް ކަމާއި އެންމެން ވެސް އޭނާއަކީ ކުޑަކުއްޖެގެ ގޮތުގައި ދެކޭ ވާހަކައެވެ. ކިރިޔާ ކަމެއް ވެލިޔަސް އެންމެން ހާސްވެގެން އުޅޭ ގޮތުގެ ވާހަކައެވެ. މާމަ އާއި ކާފަ އޭނައަށް މީރުހާ އެއްޗެއް ގެނެސްދޭ ވާހަކައެވެ. މަންމަމެންނަށް ސިއްރުން ކާފަ އޭނާއަށް އަގުބޮޑެތި ސެންޓާއި ދަބަސް ދޭ ވާހަކައެވެ. މާމަ އޭނާއަށް ސިއްރުން ފައްސަތޭކައިގެ ނޫޓުން ރުފިޔާދޭ ވާހަކައެވެ. މިހުރިހާ ވާހަކައެއް ވެސް މީސަމް ލިޔެފައި ވަނީ އުފަލުންކަން ދޭހަވެއެވެ. މެހެކަށް އުފަލުން ގޮސް ހީލެވުނީ މީސަމްގެ ޅަ ގޮތް ސިފަކުރެވުމުންނެވެ. އާއެކެވެ. އެއީ އޭނާގެ ހުރިހަމަ އެކަނި ކޮއްކޮއެވެ. އޭނާގެ ފުރާނައެވެ. ދިރިހުރުމެވެ. މިއަދު ދުނިޔޭގައި ނެތަސްވެހެވެ.
ދެން ހުރި ޞަފުހާތަކުގައި ވަނީ އެ ދުވަހެއްގައި ދިމާވާ އެކިއެކި ވާހަކަތައް ލިޔެފައެވެ. ތާރީޚާއި އެކުއެވެ. އެހެން ގޮސް މެހެކުގެ ލޮލުގައި އަޅައިގަތީ ލޯބީގެ ވާހަކަ މީސަމް އެ ފޮތުގައި ލިޔެފައި އޮތުމުންނެވެ. އަނެއްކާ މީސަމް ލޯބީގެ ގޮތުން ކުއްޖަކާއި ގުޅުނީ ހެއްޔެވެ؟ ކާކާ ހެއްޔެވެ؟ ކުއްލިއަކަށް މެހެކަށް ދެ ލޯ ބޮޑުކޮށްލެވުނީ ޝަދާން ބުނި ސިއްރު ވާހަކަ އަކީ މިއީބާއޭ ހިތަށް އަރާފައެވެ.
އަވަހަށް މެހެކު އެ ޞަފުހާ ކިޔަންފެށިއެވެ. “އެކުވެރިޔާއެވެ. އެނގޭ ހެއްޔެވެ؟ މީގެ ކުރިން އަހަރެން ފުރަތަމަ ނަޒަރުން ލޯބިވެވޭ ވާހަކަ އަހަނީ ވާހަކަތަކުންނެވެ. ނުވަތަ ޑުރާމާ ސީރީޒް ތަކުންނެވެ. އެއީ ޚިޔާލީ ވަހުމެއްކަމަށް އަހަރެން ދެކުނީމެވެ. ހަޤީޤީ ދިރިއުޅުމުގައި ފުރަތަމަ ނަޒަރުން ލޯބި ވެވޭނެއެކޭ ގަބޫލެއް ނުކުރަމެވެ. އެކަމަކު އެއީ އަހަންނަށް އޭނާ ފެންނަން ދެނެވެ. މިދައްކަނީ އަހަންނަށް ކުއްޖަކު ދެކެ ލޯބި ވެވުނު ވާހަކައެވެ. އެއީ އަހަންނަށް ވުރެން ހަތް އަހަރު ބޮޑު މީހެކެވެ. އާއެކެވެ. ކުޑޭގެ އެންމެ ގާތް އެކުވެރިޔާއެވެ.”
މިހިސާބަށް ވާހަކައިގެ މިސްރާބު ދިޔުމުން މެހެކު މެދުކަނޑާލިއެވެ. އޭނާގެ ހިތް ނުތަނަސްވަނީއެވެ. ހިތް ބިރުގަންނަނީއެވެ. ކުރިއަށް ކިޔަން ޖެހިލުންވަނީއެވެ. ޝަދާންގެ އެންމެ ގާތް އެކުވެރިޔާ އަކީ އެއިރުގައި ނަވީންއެވެ. ކުއްލިއަކަށް މެހެކުގެ ހިތަށް އެރި އެއްޗަކުން މީހާގެ ދެ ލޯ ދެ ކާށި ކިބަޔެއްވަރަށް ބޮޑުކޮށްލިއެވެ. އެހެންވާންވީ ކީއްވެ ހެއްޔެވެ؟ މީސަމް އެކަހަލަ ވާހަކައެއް އޭނާ ކައިރީ ނުވެސް ދައްކައެވެ. އަވަހަށް ހަގީގަތް އިނގެން ބޭނުންވާތީ މެހެކު އަނެއްކާ ވެސް ކިޔަން ފެށިއެވެ.
“ނަވީން އަހަރުމެންގެ ގެއަށް ވަރަށް ގިނައިން އަންނާނެއެވެ. ކުޑޭ އާއި އެކުއެވެ. ރެކުބެއާއި ޒިންބެ ވެސް ވަރަށް ގިނައިން އަންނާނެއެވެ. އެކަމަކު އަހަންނަށް އެނގޭ ގޮތުން ނަވީން އާއި ކުޑޭގެ މެދުގައި އޮންނަނީ އެހާމެ ގާތް ގުޅުމެކެވެ. އެއީ ދެ ބެސްޓު ފުރެންޑުންނެވެ. އަހަރެން ކުޑޭގެ އަނެއް ދެ ފުރެންޑުންނަށް ބޭބެ ކިޔާފައި ނަވީންއަށް ނަމުން މުޚާތަބުކުރާތީ ވަރަށް ހައިރާންވޭދޯއެވެ. ހުދު އަހަންނަށް ވެސް މިވާ ގޮތެއް ނޭނގެއެވެ. މިހިތުގައި ނަވީންގެ ނަން ލިޔެވިފައި ވަނީ ފޮހެނުލެވޭވަރަށްށެވެ. ކިހިނެއް؟، ކޮންއިރަކު؟ ވީކަމެއްކަން ނޭނގުނަސް ނަވިން ދެކެ އަހަރެން ވަނީ ހަޤީޤީ ލޮތްބެކެވެ.” މިހިސާބަށް ދިޔަތަނާ މެހެކަށް ގިސްލެވެން ފެށުނެވެ. މީސަމްގެ ހިތުގެ ރާޖާއަކީ ނަވީން ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



WOW. nice