Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ލިޔުންތެރިޔާ

nim Level 1
July 15, 2013 5 Mins Read
6 Comments

“އިރުވައި މޫސުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގެ ހިތްފަސޭހަ ހަވީރެކެވެ. ކަނޑުމަޑެވެ. އިރުމަތީފަރާތުން ޖެހެމުންދިޔަ މަޑު ތެތްފިނި ވައިރޯޅިއަށް ގަސްގަހުގެ ފަތްތައް އިރުއިރުކޮޅާ ނަށާތީފެނެއެވެ. އޮއްސެމުންދިޔަ އިރުގެ މަންޒަރުތަކުން ހިތްފަސޭހަކަން ހޯދުމަށް ރަށުގެ ހުޅަނގުކޮޅުގައި ރީތިދޮންވެލިގަނޑު މަތީގައި ރީޝާ އިށީނދެލައިގެން އިނެވެ. ކައިރީގައި ކޮއްކޮ ރީމާ، ރީޝާގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލާ ހުއްޓެވެވެ. ތަންކޮޅެއްދުރުގައި ރާޅުޖަހައި ފަށުގައި ސާދަ ފަނަރައިގެ އަންހެން ކުއްޖަކު ތެލިދޮންނަން އިނެވެ. އެކުއްޖާގެ ކައިރީގައި އެއްގަމުގައި ތިބި ކާޅުތައް އިރުއިރުކޮޅާ އެކުއްޖާއަށް އުދަނގު ކޮށްލާތީފެނެއެވެ.

ތުނޑީގެ ހުޅަނގުކޮޅުން މަޑުހިނގުމެއްގައި އަތުގުޅުވާލައިގެން، ޖަހަމުންދިޔަ ކުދިރާޅުތަކުން ފައިތެންމަމުން އަންނަ ދެ ލޯބިވެރިންނަށް ރީޝާ ބަލައިލިއެވެ. އޭރު އުދެރަހަށް މަޑުމަޑުން އަނދިރިކަން ވެރިވަންފަށައިފިއެވެ. ވިލާތަކުގެ ކުލަ ރަތްކުލައަށް ބަދަލުވާން ފަށައިފިއެވެ. ކަރުތާފެނުގައި އަޅާފައި އޮތް ކުޑަ ބޮއްކުރާގައި ތިބިކުދިންގެ ހަޅޭކުގެ އަޑަށް ރީޝާ އެދިމާލަށް ބަލާލިއެވެ. އެވަގުތު މޫދުން އަރައިގެން އަންނަ އަމްޖަދު ފެނިފައި ރީޝާއަށް ބޭ އިހްތިޔާރުގައި ހިނިތުންވެވުނެވެ. ރީޝާ އަމްޖަދުގެ ހެދިހުރި ހަށިގަނޑަށް ފުން ނަޒަރަކުން ބަލައިލިއެވެ.

އަމްޖަދުގެ މިސްރާބު ހުރީ ރީޝާ އިށީދެލައިގެން އިން ދިމާލަށެވެ. އަމްޖަދަށް ރީޝާ ބަލަހައްޓައިގެން އިންތަންފެނުމުން ލުއި ހިނިތުންވުމެއް ހަދިޔާކުރިއެވެ. އެއީ ރީޝާގެ ރީތިކަމަކަށް ނޫނެވެ. މުސްތަގްބަލްގެ ބައިވެރިޔާވީމައެވެ. އޭގެ ދެމީހުންގެ މިހާރުގެ އިންތިޒާރަކީ ކައިވެނީގެ ގޮށުން ގުޅާލެވުމެވެ.”

އަމްޖަދަށް ހިނިތުންވެލައިގެން، ކަޅިޖަހާނުލައި ބަލަހައްޓައިގެން އިން ރީޝާ ސިއްސައިގެންދިޔައީ ކަޅުބުޅަލެއް ރީޝާގެ އުނގަށް ފުންމާލުމުންނެވެ. ބާރު ހަޅޭކަކާއެކު ރީޝާ އަށް ފުންމައިގެންތެދުވެވުނެވެ.

“ކަޅު ބުޅަލެއް”… މީ ކީއްކުރާ ކަޅު ބުޅަލެއްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން މަސައްކަތް މިކުރަނީ ލޯބީގެ ވާހަކައެއް ލިޔެވޭތޯއެވެ. ތިނެސްކަން ލޯބީގެ ވާހަކައެކެވެ. މިކަމުގައިވެސް މިހާރު ދެތިން ހަފްތާއެއް ވެގެން ދަނީއެވެ. އަނެއްކާވެސް އައު ފެށުމަކުން ފަށަންވީތާއެވެ.

“އީދު ދުވަސް ދުވަހަށް ނަލަހެދޭ ބީދައިން ނަލަހެދިލައިގެން ގޭގެ ދޮރާށިދަށުގައި ރީޝާ މަޑުކޮށްލައިގެންހުއްޓެވެ. ހަރަކާތްތައް ހުރިގޮތުން ހިސާބަކަށް ހިތް ނުތަނަވަސްވެފައިހުރިކަމަށް ދައްކައެވެ. އިރުއިރުކޮޅާ އަތުގައި އޮތް ކުޑަރުމާލަކުން މޫނުފެހޮލައި ހަދާތީ ފެނެއެވެ. އަދި ދޭތެރެއަކުން ކޮޑުގައި އަޅުވާފައިފާ އަތްދަބަހުން ކުޑަ ލޯގަނޑެއް ނަގައި ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލާ، ތުންފަތުގައި ހާކައިފައިވާ މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކް އާކޮށްލާލެއްވެސް މަދެއްނޫނެވެ. މިހުރިހާ ކަމެއްކުރަމުންވެސް މަގުގެ ހުޅަނގުކޮޅަށް ބަލާނުލައި އެންމެ މިނިޓެއްވެސް ނުދެއެވެ. ހީވާ ގޮތުން ކޮންމެމެސް މީހަކަށް އިންތިޒާރެއް ކުރަނީއެވެ.

ދާދި ދެންމެއަކު ޖެހިގެން ހުރި ގޯޅިންނިކުމެގެން އައި ޒުވާނާ ފެނިފައި ރީޝާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ލިބުނު އުފާވެރިކަމާއެކު އެޒުވާނާއަށް އަތް ހޫރުވާލިއެވެ. އަދި ގޭގެ ދޮރާށި ރަނގަޅަށް ލެއްޕުމަށްފަހު އެޒުވާނާއާ ދިމާލަށް ހިނގައިގަތެވެ. ރީޝާ ދަންދެން އެޒުވާނާ މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. ރީޝާ އަރާހަމަވުމުން، ރީޝާއާއެކު މަގުގެ ހުޅަނގުކޮޅަށް ހިނގައިގަތެވެ. އޭރު އެދެމީހުންގެ އަތާއި އަތްވަނީ ގުޅިލާމެހިފައެވެ.

މަޑުހިނގުމެއްގައި އޭގެދެމީހުން ހިނގާލައިފައިގޮސް ޖެހިގެން އޮތްގޯޅިއަށް އެޅިއެވެ. އޭގެ ދެމީހުންގެ މިސްރާބުހުރީ އެގޯޅީގެ މެދެއްހައި ހިސާބުގައިހުރި ކުޑަކުޑަ ގެއާދިމާލަށެވެ. އެގޭގެ ވަށައިގެން ރާނައިފައިވާ ތިރިފާރާއި އަރާހަމަވެފައި އެޒުވާނާ މަގުގެ ދެކޮޅުބަލައިލިއެވެ. މަގުގައި އެކަކުވެސް ފެންނަން ނެތުމުން ރިޝާގޮވައިގެން އެގޭގެ ގޯތިތެރެއަށްވަނެވެ.

ތަނަވަސް ބޮޑުގޯއްޗެކެވެ. ގޯތީގެ ބޮޑުބައިގައިވަނީ ސާފުނުކޮށް ގިނަދުވަސްވުމުގެ ސަބަބުން ބޯކޮށްވިނަހެދިފައެވެ. ގޯތީގެ މެދުގައި ކުޑަގެއެއް ހުއްޓެވެ. ގޭގެ ފާރުތަކުގައިވަނީ ދުވަސްވެ ގިނަދުވަސްވެ، އާބާތުރަ ނުފިލުވުމުގެ ސަބަބުން ގަދައަށް ފެހިޖަހާފައެވެ. ގޭގެ ކުޑަދޮރުތަކުގައިވަނީ ތޭރިޖަހާފައެވެ. ބަލާބެލުމަށް ވަރަށް މުސްކުޅިގެއެއް ވައްތަރު ޖަހައެވެ. އެޒުވާނާ ރިޝާގޮވައިގެންގޮސް އެކުޑަގެއަށްވަނެވެ.

ގޭގެ ބޭރާ ހިލާފަށް އެތެރެއިން ފެންނަމުންދަނީ ޒަމާނީ ކުލަވަރުތަކެވެ. ގޭގެ ތަޅުންގަނޑުގައިވަނީ ޓައިލްސް ޖަހައިފައެވެ. ފާރުތައްވަނީ ހުދުކުލައިން ޒީނަތްތެރި ކޮށްފައެވެ. ގޭގެ ސިޓިންރޫމުގައި އެންމެ މިޒަމާނުގެ ފަރުނީޗަރުތައް އަތުރާފައި ހުއްޓެވެ. ގޭތެރެއިން ފެނުނު މަންޒަރުތަކުން ހުއްޓުން އަރައިފައި ރީޝާ އަނގަމެޅިފައި ދޮރުމަތީގައި ހުއްޓެވެ. މީ އަނެއްކާ ހުވަފެނެއްބާވައޭ ހިތަށް އަރާފައެވެ.

“ފަރޭ، މީކޮންކަމެއް؟” ހައިރާންވެފައި ރީޝާ، އެޒުވާނާއާ ސުވާލުކުރިއެވެ. ފަރުހާދު ލުއިގޮތަކަށް ހީލިއެވެ. “މީ ހަމަ އާރޓް، ބޭރުން އެފެންނަނީ ޕެއިންޓެއް… ރީތިތަ؟” ހިނިތުންވުމަކާއެކު ފަރުހާދު ސުވާލުކުރިއެވެ. ރީޝާ އަނެއްކާވެސް އެގޭ ތެރެއަށް ވަށައިގެން ބަލައިލިއެވެ. “ވަރަށް… ފަރޭ ހާދަ ކުރިއޭޓިވްއޭ ދޯ!…” ފަރުހާދުގެ ކޮނޑުގައި ބޯއަޅާލަމުން ރީޝާ ބުންނެވެ. “އިށީނދޭ…. އެބަ އަންނަށް ޑުރިންކެއް ހިފައިގެން.. ރީ ކޯންޗެން ބޭނުމީ…” “ކޯކް އެއް…” ސޯފާ އެއްގައި އިށީންނަމުން ރީޝާ ބުންޏެވެ.

ފަރުހާދު ގޭތެރެއަށް ހިނގައިގަތުމުން ރީޝާ އަނެއްކާވެސް ގޭތެރެއަށް ބަލާލިއެވެ. ގޭގެބޭރުން އެފެންނަ ތޭރިޖަހައިފައިވާ ކުޑަދޮރުތަކެއް މިހާރަކު ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައި ސިޓިންރޫމުގެ އެއްފަރާތުގައި ހުޅުވާލައިފައި ހުރި ކުޑަދޮރެއް ހުއްޓެވެ. ރީޝާ އިންތަނުން ތެދުވެގެންގޮސް ކުޑަދޮރުން ބޭރުބަލާލިއެވެ. ރީޝާގެ ލޮލުގައި ފުރަތަމައިނުންވެސް އަޅައިގަތީ ފާރުބުރިމަތީގައި އިށީދެލައިގެން ރީޝާދިމާލަށް ބަލަހައްޓައިގެން އިން ކަޅުބުޅަލެވެ. އެބުޅާ ބިރުވެރި އަޑަކުން ގޮވައިލިއެވެ.”

“އަނެއްކާވެސް.. މިދިޔަ ހަފްތާގަ ރާމާމަކުނެއް… އޭގެ ކުރިން މުސަޅެއް… މިހާރު ބުޅަލެއް….” އަހަރެން އަނެއްކާވެސް އައު ގަނޑެއް ނެގީމެވެ. ބުޅަލުގެ އުދަނގުލުން މިފަހަރު ސަލާމަތް ވެވޭނެކަމުގެ އުއްމީދުގައެވެ.

“އާދައިގެ ކުޑަކުޑަ ކޮޓަރިއެކެވެ. ފާރުތަކުގައި ލާފައިވާ ކުލައަށް ދުވަސްވެފައި ވުމުގެ ސަބަބުން އެކި ދިމަދިމާލުން ކުލަތައްވަނީ ފޮޅެންފަށާފައެވެ. ކޮޓަރީގެ އެއްކަނަކަށްވާގޮތަކަށް ސިންގަލް ބެޑެއް ބަހައްޓާފައި ހުއްޓެވެ. އެ އެނދާ ޖެހިގެންކަހަލަ ގޮތަކަށް ލަކުޑި އަލަމާރިއެއް ހުއްޓެވެ. އެނދު ކުރިމަތީގައި ހުރި މޭޒުމަތީގައި ހުރި ލަވަފޮށިން ބާރުބާރަށް ލަވަޖަހާފައި ހުއްޓެވެ. ކޮޓަރީގެ މެދުގައި ބޮލަށް ފިތާލައިފައިވާ ތާވަޅައެއްހެން އެނބުރިލަ އެނބުރިލާ ރީޝާ ހުއްޓެވެ. އޭނާގެ މޫނުމަތީގައިވަނީ ނުތަނަވަސް ކަމެވެ. ދޭތެރެއަކުން މޭޒުމަތީގައި އޮތް މޮބައިލްފޯނަށް ބަލާލައެވެ.

ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. ރީޝާ ޖަހައިފައިވާ ލަވަ ނިންވާލިއެވެ. “ހަލޯ…” ރިންގްވަމުން ދިޔަ ފޯނަށް ޖަވާބުދެމުން ރީޝާ ބުންޏެވެ. “ހަލޯ ރީޝް….” އެކޮޅުން ވާހަކަ ދެއްކީ ބަރު އަޑެއްގެ ވެރިއެކެވެ. “އަމްޖަދު..” ކަންފަތުގައި އަޑުޖެހުމާއެކު ރީޝާ އެއަޑު ދެނެގަތެވެ. “ލޯބިވާގެ މޫނު ދެކިލާކަށް ނުދާނަންތަ؟..” ބިރުވެރި ގޮތަކަން ހީލަމުން އަމްޖަދު ބުންޏެވެ. ހަމައެއާކު ރީޝާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. “ފަރުހާދު..” ހާސްވެފައި ރީޝާއަށް ބުނެވުނެވެ. “ކަލޭ ފަރުހާދަށް ކިއްކުރީ…” ރުޅިވެރިކަމާއެކު ރީޝާ ސުވާލުކުރިއެވެ. އަމްޖަދު ޖަވާބެއް ދިނުމުގެ ބަދަލުގައި އަނެއްކާވެސް ހީލިއެވެ. އަދި ފޯނު ކަނޑާލިއެވެ. އަމްޖަދު ފޯނު ކަނޑާލުމުން ރީޝާ ފޯނު ހޫރާލާފައި ކޮޓަރިން ނިކުމެގެން ބާރުބާރަށް ދުއްވައިގަތެވެ. ރީޝާގެ މިސްރާބުހުރީ ފަރުހާދުގެ ގެއާ ދިމާލަށެވެ.

ފަރުހާދު އުޅެމުންދާ ގޭގެ ދޮރުން އެތެރެއަށް ނުވަދެވެނީހެން ރީޝާ ފަރުހާދަށް ގޮވަންފެށިއެވެ. ނަމަވެސް ގޭތެރެއިން ރީޝާއަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. މުޅިގޭތެރޭގައިވެސްވަނީ ފަޅުކަމެވެ. ރީޝާ ފަހަރަކު ކޮޓަރިއެއް ހޮޅުވާބަލަމުން ގެންދިޔައެވެ. ނަމަވެސް ފަރުހާދުގެ އެއްވެސް ހިލަމެއްނުވިއެވެ. ރީޝާ އެންމެ ފަހަށް ހުރި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެކޮޓަރީގައި ފަރުހާދު ސަލާމަތުން ހެޔޮހާލުގައި ސަލާމަތުން ހުންނާނެކަމަށް އުއްމީދުކުރަމުންނެވެ.

ކޮޓަރިތެރެއިން ފެނުނު މަންޒަރުން، ރީޝާއަށް ހީވީ އޭނާގެ ކުރިމަތީގައި ދުނިޔެ ފަތްފަތް ޖެހުނު ހެންނެވެ. ވޭނީ އާހަކާއެކު ރީޝާއަށް މަޑުމަޑުން ކަކޫ މައްޗަށް ތިރިވެވުނެވެ. އޭރު އެއްވެސް ހިފެހެއްޓުމެއްނެތި ރީޝާގެ ލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ.

އެތައްއިރެއް ވަންދެން އެގޮތަށް އިނުމަށްފަހު ރީޝާ ތެދުވެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލިއެވެ. އޭރު ރީޝާގެ މޫނުމަތީގައި ހިތާމައިގެ ކުލަވަރު ކުޑަކޮށްވެސް ނެތެވެ. އޭރު ރީޝާގެ މޫނުމަތީގައިވަނީ ބަދަލުހިފުމާއި ރުޅިވެރިކަމުގެ ކުލައެވެ. ރީޝާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ދިޔުމުގެ ކުރިން އެންމެ ފަހުފަހަރަށް، ކޮޓަރީގެ ފަންކާގައި އެކިވަރުވަރުގެ އަނިޔާތައް ކުރުމަށްފަހު ދަންޖައްސާފައި ހުރި ފަރުހާދަށް ބަލައިލިއެވެ. އެއަށް ފަހު ކޮޓަރީގެ ދޮރު ލައްޕާފައި ރީޝާ ހިނގައިގަތެވެ. ހަމައެއާއެކު ކޮޓަރިން ބުޅަލެއް ގޮވާލިއަޑުއިވުނެވެ.”

“އަނެއްކާވެސް އެބުޅާ…. މީދެން ބޮޑުކަމެއް، މީކާކުގެ ބުޅަލެއްބާ؟… މިބުޅަލުން ސަލާމަތް ވެވޭނެބާ؟….” ކޮންމެ ފަހަރަކުވެސް ވާހަކަ ހުއްޓާލަން މިޖެހެނީ މިކަހަލަ ކަމާނުބެހޭ އެއްޗަކާ ހެދިއެވެ. އަނެއްކާވެސް ފަށަންވީތާއެވެ. އަނެއްކާވެސް ގަލަން ހިއްލާލީމެވެ. ބުޅަލުގެ އުދަނގުލުން ސަލާމަތްވުމަށް އެދިއެވެ.

“އާދައިގެ ޕްލާސްޓިކް ގޮނޑިއެއްގައި ހަމަޖެހިލައިގެން ކައިރީގައި ހުރި މޭޒުގެ މައްޗަށް ފައި އަރުވައިގެން ސިގިރޭޓެއް ބޯން އަމްޖަދު އޮތެވެ. އޭނާގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ސިގިރޭޓް ދަމާލުމަށްފަހު ދޫކޮށްލާ ކޮެންމެ ދުންގަނޑަކާއެކު މޫނުމަތިން ހިނިތުންވުމެއް ފެނިގެންދެއެވެ. ބަލާބެލުމަށް ބޮޑު ކާމިޔާބަކަށްފަހު އޭގެ ހިތްހަމަޖެހުން ލިބިގަންނަނީއެވެ.

ކުއްލިއަކަށް އަމްޖަދު އިން ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އަމްޖަދަށް ފުންމައިގެން އިންތަނުން ތެދުވެވުނެވެ. ދޮރުމަތީގައި ދެއަތް ފުރަގަހަށް ލައިގެންހުރި ރީޝާ ފެނިފައި އަމްޖަދުގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “އޯހް! މަގޭ ރީޝް، މަގޭ ގާތަށް އައީތަ؟… އަހަންނަށް އޭރުވެސް އެނގޭ ރީޝް ނުދާނެކަން…. އާދޭ…” މޮޔަވެފައިވާ މީހެންހެން އަމްޖަދު ރީޝާއަށް ދެއަތް ދިއްކޮށްލަމުން ބުނަމުންދިޔައެވެ. ރީޝާ ކުރިއަށް އެޅި ދެތިން ފިޔަވަޅާއެކު ފަހަތުން ފިސްތޯލެއްނަގައި އަމްޖަދާއި ދިމާލަށް ދިއްކޮށްލިއެވެ.

ރިޝާގެ އަތުގައިވާ ފިސްތޯލަ ފެނުމުން އަމްޖަދުގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ގަބުއަރާފައި ހުރިތަނުގައި ގުޑާވެސްނުލައި ރީޝާއާ ދިމާލަށް ބަލަހައްޓައިގެން އަމްޖަދުހުއްޓެވެ. ރީޝާ އަމްޖަދަށް މާކަ ގިނަ ވަގުތެއް ދޭކަށް ގަސްތެއް ނުކުރިއެވެ. ރީޝާގެ ފިސްތޯލައިގައިވާ ހަމައެކަނި ވަޒަން އަމްޖަދުގެ މެއަށް އަމާޒުކޮށް ދޫކޮށްލިއެވެ. އަމްޖަދަށް ގުޑައިވެސްނުލެވި އުޅެނިކޮށް ވަޒަން އަމްޖަދުގެ މޭ ފޫ އަޅުވާފައި ބުރަކަށިން ބޭރަށް ނިކުތެވެ. ހަމައެޢާއެކު އަމްޖަދުގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ފައިން ވާގިދޫވެ މަޑުމަޑުން އަރިއަޅާލަން ފެށިއެވެ. “ރީޝް…” ވެއްޓެމުން ދިޔަ އަމްޖަދު ކުރިމަތީގައި ހުރި ރީޝާއަށް މަޑުމަޑުން ގޮވާލިއެވެ.

އަމްޖަދުވެއްޓެންދެން ރީޝާ އަމްޖަދަށް ބަލަހައްޓައިގެން ހުއްޓެވެ. އޭރު ރީޝާގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. ބަދަލު ހިފައި ލެވިއްޖެކަމުގެ ހިތްހަމަޖެހުމެވެ. “ސޮރީ އަމްޖަދު… ދެ ލޯބިވެރިންގެ ދެމެދަށް ވަންނަ ކޮންމެ މީހަކަށްވެސް ވާނީ ހަމަތިހެން….” ކޮޓަރިން ނިކުންނަށް ހިނގައިގަންނަމުން ހަރަކާތްތައް ހުއްޓިފައި އޮތް އަމްޖަދަށް ރީޝާ ބުންޏެވެ.

ރީޝާގެ ފިޔަވަޅުގެ އަޑަށް ހަރަކާތްތަށް ހުއްޓިފައި ކޮޓަރީގެ ތަޅުންގަނޑު މަތީގައި އޮތް އަމްޖަދު ލޯ ހުޅުވާލިއެވެ. ބޯއުފުލާލައި ކޮޓަރިން ނިކުންނަން ދިޔަ ރީޝާއަށް ބަލައިލިއެވެ. އަމްޖަދު ލުއިގޮތަކަށް ހީލިއެވެ. އަދި ޖީބުން ފިސްތޯލެއްނަގައި ރީޝާއާ ދިމާލަށް އަމާޒު ކޮށްލިއެވެ. އަމްޖަދު މާކަ ގިނައިރުކުރާކަށް ގަސްތެއް ނުކުރިއެވެ. ފިސްތޯލައިގެ ފުރަތަމަ ވަޒަން ރީޝާގެ ގަޔަށް ޖެހިއެވެ. ހަމައެއާއެކު ކޮޓަރިތެރޭން ބުޅަލެއް ހޭރިގަތް އަޑު އިވުނެވެ.

ބުޅަލުގެ އަޑަށް ރީޝާ ފަސް އެނބުރި ބަލާލިއެވެ. ތަޅުންގަނޑު މަތީ ޒަހަމްވެފައި އޮތް ކަލުބުޅާ ފެނިފައި ރީޝާއަށް އަމްޖަދަށް ބަލައިލެވުނެވެ. އަމްޖަދުގެ އަތުގައިވާ ފިސްތޯލަ ފެނިފައި ރީޝާ ހުއްޓުން އެރިއެވެ. އަމްޖަދު ރީޝާއަށް ހިނިތުންވެލަމުން ދެވަނަ ވަޒަން ދޫކޮށްލިއެވެ. ވަޒަން ދިޔަގޮތަށް ރީޝާގެ މޭ ފޫއަޅުވާލައިފައި ލޭތަކާއެކު ބޭރަށް ނިކުތެވެ. ވަޒަނާއެކު ރީޝާ ފަހަތަށް އަރިއަޅާލަން ފެށިއެވެ. ބަލަހައްޓައިގެންނޯވެ އަމްޖަދު ތިންވަނަ ވަޒަންޖެހިއެވެ. އެ ވަޒަނާއެކު އަރިއަޅާލައިގެން ރީޝާ ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ.

ތަޅުންގަނޑު މައްޗަށް ވެއްޓިފައިވާ ރީޝާގެ މޫނަށް ބަލަހައްޓައިގެން އަމްޖަދު އޮތެވެ. އޭރު އަމްޖަދުގެ ހަރަކާތްތައް ހުއްޓެމުން ދިޔައެވެ. “ސޮރީ ރީޝް… ލޯބިވެރިއެއްގެ ހިތް ހަލާކުކޮށްފި ކޮންމެ މީހަކަށް ވާނީ ހަމަތިހެން..” ހިނިތުންވުމަކާއެކު އަމްޖަދު ބުނެލިއެވެ. ހަމަ އެއާއެކު ބުޅަލެއްގެ އަޑު ކޮޓަރިތެރޭން އިވިގެންދިޔައެވެ. އަމްޖަދު ލެޔާ ތަތްތެޅިފައިވާ، އެ ބުޅަލާ ދިމާލަށް ބަލާލިއެވެ. ކޮރުޖަހަމުން އެބުޅާ ރީޝާ އާ ދިމާލަށް ދިޔައެވެ. އެބުޅާ ރީޝާގެ ދޮންމޫނުގައި މޫނު ޖައްސާލިއެވެ. އަދި ރީޝާއެކޭ އެއްފަދައިން ބުޅަލުގެ ލޯ މަރާލިއެވެ. ހަމައެއާއެކު ކޮޓަރިތެރޭގައި ދެމެމުން ދިޔަ ލޭގެ ކޯރަށް އެބުޅާ އަރިއަޅާލައިގެން ވެއްޓުނެވެ. އަދި އެންމެ ފަހު ފަހަރަށް އެބުޅާ ރީޝާއަށް ގޮވާލިއެވެ.”

ވަރުބަލިކަމާއެކު ގަލަން ބާއްވާލީމެވެ. ކުރިމަތީގައި ހުރި ގަޑިއަށް ބަލާލީމެވެ. މެންދަމުން އަލިވެ 1 ޖަހަނީއެވެ. އިންތަނުން ތެދުވެ ނިދާކޮޓަރިއަށްދާން ހިނގައިގަތީމެވެ. “ބުޅާވެސް ވަކި ގޯހެއް ނޫންތާ….” ކޮޓަރިއަށް ވަންނަމުން އަހަރެންގެ ހިތަށް އެރިއެވެ.
ނިމުނީ

Tags:

ބިރުވެރިވާހަކަތްރިލާލޯބިސަސްޕެންސް

Share Article

Follow Me Written By

nim

Level 1

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 31

Next

އެހީގެއަގު

Next
July 15, 2013

އެހީގެއަގު

Previews
July 14, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 31

6 Comments!

  1. އާނާ says:
    July 15, 2013 at 4:27 am

    ސަޅި.. އިތުރު ވާހަކަ އަކަށް އިންތިޒާރު ކުރަން

    1. Ravee Farooq says:
      October 6, 2013 at 7:37 am

      Mi Vaahaka Hama habeyss

  2. އަހުމަދު says:
    July 15, 2013 at 2:02 pm

    ވަރަށް ސަޅި އިނގޭ

  3. gyfrstyfgxse says:
    June 30, 2015 at 5:49 pm

    mi vaahakain vaanu vaa ehcheh neyge

  4. gyfrstyfgxse says:
    June 30, 2015 at 5:51 pm

    sry

  5. hasan says:
    July 30, 2015 at 11:37 am

    oh plx mikahala vaanuvaa neyge vaahaka nuliyebala..

Comments are closed.



All Right Reserved!