Skip to content
އެސްފިޔަ

ކުށަކީ ކޮބާ؟

Listen to this story Audio · 4:46 Powered by Esfiya Voice
0:00 4:46

މަތިންދާ ބޯޓުން ފޭބުމާއެކު ކުރިއަށްވުރެ ބޮޑަށް އަހަރެންގެ މޭ ތެޅެންފެށިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ބަރާބަރު 2 އަހަރުފަހުން އުފަން ފަސްގަނޑުގައި ފައި މި ޖައްސާލީ މިއަދުއެވެ. ހަޤީގަތުގައި މިއަދު އަހަރެން އަންނަން ޖެހޭނީ އުފާވެރި ޚަބަރަކައިގެންނެވެ. އެހެންނަމަވެސް އަހަރެން މިއައީ މައިންބަފައިން ދުށް ހުރިހާ ފޮނި ހުވަފެނެއް ފުނޑުފުނޑު ކޮށްލާފަދަ ހިތްދަތި ޚަބަރަކައިގެންނެވެ.

“ދަރިފުޅާ…” އެއާޕޯޓުން ނުކުމެވުމާއެކު މަންމަ ދުވެފައި އައިސް އޮޅުލައިގަތެވެ. އަހަރެން ހުރީ މަންމަގައިގައި އަތްޖައްސާލަންވެސް ނުކެރިފައެވެ. “ނައުރީން… ދަރިފުޅޫ ހާދަ ހިކިފައޭ ތިހިރީ؟.. ބަލީތަ އަނެއްކާ؟…” ތެދެކެވެ. މުޅި ދުނިޔެއަށް އޮޅުވައިލެވުނަސް މަންމައަކަށް އޮޅުވައެއް ނުލެވޭނެއެވެ. މަންމަ ކައިރީ އަހަރެން ބައްޔެއް ނޫނޭ ބުނެ އެންމެން އެކުގައި ގެޔަށް ދާން ހިނގައިގަތީމެވެ.

ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ސިއްސައިގެން ދިޔައީ ބޮލުމައްޗަށް ފެޅުނު ފުއްޕާހަމުގެ ސަބަބުންނެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ކުރިމަތީ ތިބި ގާތްތިމާގެ މީހުންނާއި ގާތް ރައްޓެހިންނެވެ. އަހަރެންގެ އިސްތިޤުބާލުގައި އަހަރެންނަށް މަރުޙަބާ ކިޔަން އައިސްތިބި މީހުންނެވެ. އާންއެކެވެ. މިއަދު އަހަރެން މިއައީ ނަރުސްކަން ކިޔަވައިގެންނެވެ. ޤައުމަށް ޚިދުމަތްކުރުމުގެ ފޮނި އުންމީދުގައެވެ. އެހެންނަމަވެސް އަހަރެންނަށް އެ ފުރުސަތު ލިބުމަށްވުރެ ނުލިބުން ގާތީއެވެ.

އަހަރެންގެ ކާމިޔާބީ ފާހަގަކޮށް ނިމުމާއެކު ގޭތެރެއިން މީހުން މަދުވާން ފެށިއެވެ. ފަހަރަކު މީހަކު ދަމުންގޮސް، އަހަރެންނާއި މަންމައާއި ބައްޕަގެ އިތުރުން ކޮއްކޮ އެކަނިވިއެވެ. އެއާއެކު އަހަރެން ނުކެރިފައި ހުރެ މަންމައަށް ގޮވާލީމެވެ. “އަހަރެން ބޭނުން ވަރަށް މުހިންމު ވާހަކައެއް ބުނަން… އަހަންނަށް ވަރަށް ރަނގަޅު އަހަރެންގެ ވާހަކަ ނިމެންދެން އެންމެން އަޑު އަހަން…” އަހަރެން އިސްއުފުލާލާ އެންމެންގެ މޫނަށް ބަލާލީމެވެ. ސޯފާގައި އިށީންދެގެން ތިބިއިރު އެންމެންގެ މޫނުމަތީވެސް ވީ ނުތަނަވަސް ކަމެވެ. ހީވާ ކަހަލައެވެ. އަހަރެން ވައްޓާލަން އުޅޭ ބޮމަކަށް ތައްޔާރު ވަނީއެވެ.

“މަންމާ… ބައްޕާ… އަހަރެންނަށް މަޢާފުކުރޭ… އަހަރެންނަށް ވަނީ އެޗް.އައި.ވީ ޖެހިފަ…” އަހަރެންގެ ޖުމުލައާއެކު ހީވީ ހަޤީގަތުގައިވެސް ބޮމެއް ގޮވިހެންނެވެ. އަހަރެން ހެދީ ތެދެއްކަމަށް ޤަބޫލުކުރަން އެންމެން ދެކޮޅުހެދިއެވެ. “ކީކޭ؟… ސަމާސާ ކުރަންވެސް ވަކި ހައްދެއް އޮންނަން ވާނެ އިނގޭ!…” ބައްޕަ ބުނެލިއެވެ. އެ މޫނުމަތިންވެސް އަހަރެންގެ ވާހަކަ ދޮގުކުރާކަން އިނގޭހާ ވެއެވެ. އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. އަދި މޭޒުމަތީއިން އަހަރެންގެ އަތްދަބަހުން ކަރުދާސްތަކެއް ނަގާ މަންމައަތަށް ދިނީމެވެ. އެއީ އަހަރެންގެ ރިޕޯޓެވެ.

ރިޕޯޓް ކިޔާ ނިމުމާއެކު މަންމަ އަޑުން އަޑު ނަގާ ރޮއެގަތެވެ. ބޮލުގައި އަތް އަޅައިގެން ހުރެ ‘ނޫނެކޭ’ ކިޔަމުން މަންމަ ރޮމުން ދިޔަ މަންޒަރު ފެނި އަހަރެންގެ ހިތުގައި މީހަކު ވިކާލިފަދަ އިހުސާހެއް ކުރެވުނެވެ. މަންމަ މަސަލަސްކުރަން ކޮއްކޮ އުޅުނު އިރު ބައްޕަ ހުއްޓުން އަރާފައި އިނެވެ.

“މަންމާ… ހެޔޮ ނުވާނެ އަހަރެން ދައްކާ ވާހަކަ އަޑުއަހައިދީ… އެންމެ ފަހު އިމްތިހާނު ނިންމާފައި އެންމެން ދިޔައީ އުފާފާޅުކުރަން… އެތަނުން އަހަރެން ނެގީ އޮރެންޖު ޖޫސްތައްޓެއް… އެކަމަކު މީހަކު ހުރީ އެއަށް މަސްތުވާ ޒާތުގެ އެއްޗެއް އަޅާފަ… އޭގެ އަސަރުކޮށްގެން އަހަރެން ހަމައިން ނެއްޓި ވަގުތު ކޮންމެވެސް މީހަކު އަހަރެންގެ އަތުގައި ހިފާ ދަމައިގަންކަން އިނގުނު… ދެން ހޭވެރިކަމެއް ވީއިރު ހެއްދެވިގޮތަށް އަހަރެން އޮތީ ގެސްޓްހައުސްއެއްގަ… ގަނެފައި ހުރި ބިރެއްގެ ސަބަބުން އެކަކު ކައިރިއަކުވެސް އަހަރެން އެވާހަކައެއް ނުބުނަން… އެހެންނަމަވެސް އޭގެ ދުވަސްކޮޅެއްފަހުން އަހަރެން ވަރަށް ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔައީމަ އިނގުނީ އެ ނުބައި ބަލި އަހަރެންގެ ހަށިގަނޑުގައި ހުރިކަން… ދެންވެސް އަހަރެން އެކަކު ކައިރިއަކުވެސް ނުބުނަން…” އަހަރެންގެ ވާހަކަ ނިމުމާއެކު މަންމަ އައިސް އަހަރެންގެ ގައިގާ ބައްދައިގަތެވެ. ފަސްޖެހުމެއްނެތި މިފަހަރު އަހަރެންވެސް މަންމަގައިގާ ބައްދާލީމެވެ.

އަހަރެންނާއި މަންމަ ރޮމުން ދިޔަ މަންޒަރު ބަލާކަށް ބައްޕައަކަށް ކެތެއް ނުވިއެވެ. މަޑު ހިނގުމެއްގައި އައިސް އަހަރެންނާއި މަންމަގައިގާ ބައްދައިގަތެވެ. އިރުކޮޅެއް ނުވެ ކޮއްކޮވެސް އައިސް ބައިވެރިވިއެވެ. ބުނެދޭން އުޅޭ ކަހަލައެވެ. އަހަރެން އަދި އެކަންޔެއް ނުވެއެވެ. އެ ތިންމީހުން ނޭވާ ލާ ހިނދަކު އެކަނި ވިޔަކާވެސް ނުދޭނަމޭ ބުނާކަހަލައެވެ. ” ދަރިފުޅާ ނައުރީން.. މަންމަ ފަޚުވެރިވަން ދަރިފުޅާމެދު… ތިފަދަ ބައްޔެއް ތަޙައްމަލު ކުރަންމުންވެސް ދަރިފުޅު ތިކުރާ ހިއްވަރުން… ވަރަށް ލޯބިވޭ ދަރިފުޅާ…” އަހަރެންގެ ނިތުގައި ބޮސްދެމުން މަންމަ ލޯތްބާއެކު ބުނެލިއެވެ.

އަހަރެން އެންމެ ކުރިމަތިލާން ބިރުން އުޅުނު ކަންތަކާ ކުރިމަތިލެވުނީއެވެ. މައިންބަފައިންނަށް އެހުރިހާ ވާހަކައެއް ކިޔާ ދެވުނީއެވެ. ދެން ކުރިމަތިލާން އޮތީ އެންމެ ކަމެކެވެ. މުޖުތަމަޢު އަހަރެންނާމެދު ކޮންމެ ގޮތަކަށް ދެކުނަސް ހެޔޮ ކަމަށް ބަލާ، ހެޔޮ ގޮތުގައި ޙަޔާތުގެ ބާކީބައި ހޭދަކުރުމެވެ.

Comments (4)

  1. Ehkl meeha

    Vrh reethi Masha allah❤️

    1. Eesh
      Ehkl meeha

      Thankyouu ehkl meeha🫶🤍

  2. yaniu

    saabahey rizaa

    1. Eesh
      yaniu

      Thankyouu yaniu🫶🤍

Comments are closed.